ޕެން ފޯ ރައިޓްސް – ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ މައްޗަށް އިނގިރޭސިންގެ ނުފޫޒު ފެތުރުމުގައި އެޗް.ސީ.ޕީ ބެލް އަދާކުރި ދައުރާއި 1887 ގެ "ޕްރޮޓެކްޓަރޭޓް" އެއްބަސްވުމާ ގުޅޭގޮތުން އަޅުގަނޑުމެން ޝާއިޢުކުރި ތަޙުޤީޤީ ރިޕޯޓަކާ ގުޅިގެން، ފޮރިން މިނިސްޓްރީގެ ސީނިއަރ މުވައްޒަފެއްގެ ފަރާތުން އަޅުގަނޑުމެންގެ މެންބަރަކަށް ވަޓްސްއަޕް މެސެޖެއް ލިބުނެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެ ރިޕޯޓުގައި ބޭނުންކޮށްފައިވަނީ ނުބައި އިސްތިލާހެކެވެ. އޭނާ ވިދާޅުވި ގޮތުގައި 1887 ގައި ރާއްޖެ ވެގެން ދިޔައީ އިނގިރޭސި "ޕްރޮޓެކްޓަރޭޓް" (Protectorate) އަކަށް ނޫނެވެ. ރާއްޖެ ވެގެން ދިޔައީ އިނގިރޭސި "ޕްރޮޓެކްޓަޑް ސްޓޭޓް" (Protected State) އަކަށެވެ. އޭނާ އިތުރަށް ތަފްސީލު ދެއްވި ގޮތުގައި، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި މަސައްކަތްކުރެއްވި ސްރީލަންކާގެ ފަނޑިޔާރަކު، އެހެންނޫނީ ލޯޔަރަކު ވަނީ 1887 ގެ އެއްބަސްވުމާ ގުޅޭގޮތުން ދިވެހި ސަރުކާރަށް މި ގޮތަށް ޤާނޫނީ ލަފައެއް ދެއްވާފައެވެ. އަދި އެ ލަފަޔަކީ އިނގިރޭސިންގެ ކިބައިން މިނިވަންކަން ހޯދުމަށް ދިވެހިން ކުރި މަސައްކަތުގެ ބިންގާ ކަމަށްވެސް އޭނާ ސިފަކުރެއްވިއެވެ. އެ ލަފާ ދިންކަމުގެ ލިޔުން، އޭނާ ދެކިލެއްވީ ހަކުރާފިޔާ (މިހާރުގެ މަޖިލިސް އިދާރާ ހުރިތަން) ގައި ހުރި ބޮޑުވަޒީރުގެ އޮފީހުގެ ކުރީގެ ލިޔުންތަކެއްގެ ތެރެއިން ކަމަށެވެ. އަދި "ނަސީމް" ނަމަކަށް ކިޔާ ލިޔުންތެރިއެއްގެ މަޒުމޫނަކުންވެސް އެ ވާހަކަ އޭނާ ކިޔާފައިވާ ކަމަށް ވިދާޅުވިއެވެ.
މި ވާހަކަތަކަކީ ކިހާވަރެއްގެ ޙަޤީޤަތެއް އެކުލެވޭ ވާހަކަތަކެއްތޯ ބެލުން ފަހަށް ބާއްވާނީއެވެ. ނަމަވެސް، ޚާރިޖީ ދާއިރާގައި ސަރުކާރަށް އިރުޝާދުދޭ މުއައްސަސާތަކުގެ ސީނިއަރ މުވައްޒަފުންގެ މެދުގައި މިފަދަ އޮޅުންތަކެއް ހުރިނަމަ، ވަޒީރުންނާއި، ކެބިނެޓާއި، ރައީސުލްޖުމްހޫރިއްޔާއާ ހަމައަށްދާ ލަފާފުޅުތަކުގައިވެސް މިފަދަ ކުށްތައް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އިސްތިޢުމާރީ ނުފޫޒުން މިންޖުވުމާއި، މުޢާހަދާތައް މާނަކުރުމާއި، އަދި ފޮއްޅަވައިގެ (ޗާގޯސް) ޤާނޫނީ ތާރީޚާ ގުޅޭ ބަހުސްތަކުގައި މި ތަފާތުތަކުގެ ވާހަކަ އަލުން ފެންމަތިވަމުން ދާތީ، ހެކިތަކުގެ އަލީގައި މިކަން އޮތްގޮތް ބަލާލުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
މި ގޮތަށް ބަލާ ހޯދުމުން މައިގަނޑު ތިން ނަތީޖާއެއް ނެރެވެއެވެ. ފުރަތަމަ ކަމަކީ، 1887 ގައި އުފެދުނު ގުޅުމަކީ "ބްރިޓިޝް ޕްރޮޓެކްޓަރޭޓް" އެއްގެ ގޮތުގައި ކަނޑައަޅައި، އެ ދުވަސްވަރު އެގޮތަށް ބަޔާންކޮށްފައިވާ ގުޅުމެކެވެ. ދެވަނަ ކަމަކީ، 24 އެޕްރީލް 1948 ގެ އެއްބަސްވުމުގެ ސަބަބުން އެ ގުޅުން "ޕްރޮޓެކްޓަޑް ސްޓޭޓް" އަކަށް ބަދަލުވިކަމަށް ދައްކާ ވާހަކައަށް ހެކި ނުލިބޭ ކަމެވެ. އިނގިރޭސި ޕާލަމެންޓުގެ ރެކޯޑުތަކުން ދައްކަނީ އެ އެއްބަސްވުމަކީ އޭރު އޮތް ގުޅުމަށް މާބޮޑު ބަދަލެއް ނުގެނެސް، ހަމައެކަނި އެ ގުޅުން އަލުން މާނަކުރުމެއް ކަމެވެ. ތިންވަނަ ކަމަކީ، ފަހުން އިނގިރޭސިވިލާތުގެ އަމިއްލަ ދުސްތޫރީ ޤާނޫނުތަކުގައި "ޕްރޮޓެކްޓަޑް ސްޓޭޓް" މި ލަފްޒު ބޭނުންކުރަން ފެށިނަމަވެސް، އެއީ އިނގިރޭސިވިލާތުގެ އެތެރޭގެ އިސްތިލާހެއް ކަމަށްވާތީ، ބައިނަލްއަޤްވާމީ ޢާންމު ޤާނޫނުގެ ދަށުން އިނގިރޭސިން އަދާކުރަންޖެހޭ ޒިންމާތަކަށް އެއަކުން ބަދަލެއް ނާންނާނެ ކަމެވެ. އަދި ތިރީގައި ބަޔާންކުރާ ހެކިތަކަށް ބަލާއިރު، އދ. ގެ ޗާޓަރުގެ 73 ވަނަ މާއްދާ މި މުއްދަތުގެ ތެރޭގައި ރާއްޖޭގެ މައްޗަށް ހިނގާނެއެވެ. މި ހުރިހާ ކަމެއްގައިވެސް މައިގަނޑު އަސާސަކީ، ދުސްތޫރީ ލޭބަލްތަކަކީ ގުޅުމެއް ސިފަކޮށްދޭ އެއްޗެއް ކަމާއި، އެ ގުޅުމުގެ ޤާނޫނީ ސިފަ ކަނޑައަޅާ އެއްޗެއް ނޫން ކަމެވެ. ގުޅުމުގެ ސިފަ ކަނޑައަޅަނީ ޚާރިޖީ ގުޅުންތަކާއި، ދިފާޢީ ކަންކަމާއި، ބައިނަލްއަޤްވާމީ މައިދާނުގައި ތަމްސީލުކުރުމުގެ ބާރު ޙަޤީޤަތުގައި އޮތީ ކޮން ފަރާތެއްގެ އަތްމަތީގައިތޯ ބަލައިގެންނެވެ.
ފަހަކަށް އައިސް ވަކި ޚާއްޞަ ދަޢުވާއެއްވެސް ބައެއް މީހުންގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. އެއީ އަމީން ދީދީގެ ސަރުކާރުގައި، 24 އެޕްރީލް 1948 ގައި އިނގިރޭސިވިލާތާއި އޭރުގެ ސުލްޠާނުގެ ސަރުކާރާ ދެމެދު ވެވުނު އެއްބަސްވުމުގެ ސަބަބުން، ރާއްޖެ "ޕްރޮޓެކްޓަރޭޓް" އަކުން "ޕްރޮޓެކްޓަޑް ސްޓޭޓް" އަކަށް ބަދަލުވި ކަމަށް ބުނާ ބުނުމެވެ. މިގޮތަށް ހީވާ ސަބަބު އަޅުގަނޑުމެންނަށް ދެނެގަނެވިދާނެއެވެ. ސަބަބަކީ އެ ތާރީޚަށްފަހު އިނގިރޭސިންގެ ލިޔެކިޔުންތަކުގައި އައު އިސްތިލާހު ބޭނުންކުރުން އިތުރުވެފައިވުމާއި، ފަހުގެ ލިޔުންތެރިން އެއީ އިނގިރޭސިންގެ ޤާނޫނީ ގިންތިކުރުމަށް އައި ބަދަލެއްގެ ބަދަލުގައި، ޤާނޫނީ ޙައިސިއްޔަތަށް އައި ބަދަލެއް ކަމަށް ބަލާފައިވުމެވެ. ނަމަވެސް، ދުސްތޫރީ އަސާސީ ބަދަލެއް އައިކަން ކަނޑައެޅޭނީ ޤާނޫނީ ލިޔެކިޔުންތަކުން ފެންނަން ހުރި ހެކިތަކުންނެވެ. އިދާރީ ގޮތުން ފަހުން ބޭނުންކުރަން ފެށި ލަފްޒަކުން އެފަދަ ބަދަލެއް ސާބިތެއް ނުކުރެވޭނެއެވެ. އެހެންކަމުން، ފުރަތަމަ ކުރަންޖެހޭ ކަމަކީ ލިޔެކިޔުންތަކުގައި އޮތް އެއްޗެއް ކިޔައިލުމެވެ.
ރެކޯޑުތަކުން ހަގީގަތުގައި ފެންނަން ހުރި ކަންކަން
މި ގުޅުން ފެށުނީ 16 ޑިސެމްބަރު 1887 ގައި ސޮއިކުރެވުނު ސިޓީ ބަދަލުކުރުމަކުންނެވެ. އިނގިރޭސި ޕާލަމެންޓުގެ ކަރުދާސްތަކާއި، ކޮލޯނިއަލް އޮފީހުގެ މުއާމަލާތްތަކާއި، އަދި ގެޒެޓް ނޯޓިސްތަކުން އެނގޭ ގޮތުގައި، އެ ދުވަސްވަރު މި ގުޅުން އިނގިރޭސިން ސިފަކޮށްފައިވަނީ "ޕްރޮޓެކްޓަރޭޓް" އެއްގެ ގޮތުގައެވެ. އެއްވެސް ލިޔުމެއްގައި "ޕްރޮޓެކްޓަޑް ސްޓޭޓް" މި ލަފްޒު ބޭނުންކޮށްފައެއް ނުވެއެވެ.
1948 ގެ އެއްބަސްވުމުން މިކަމަށް ބަދަލެއް އައިތޯ ބެލުމަކީ އުނދަގޫ ވެދާނެ ސުވާލެކެވެ. 5 މެއި 1948 ގައި މި އެއްބަސްވުން ހައުސް އޮފް ކޮމަންސްއަށް ހުށަހެޅުނުއިރު، ކޮމަންވެލްތު ރިލޭޝަންސްގެ އަންޑަރ ސެކްރެޓަރީ އޮފް ސްޓޭޓް މެންބަރުންނަށް ވިދާޅުވީ، މިއީ "1887 ގައި ބަދަލުކުރެވުނު ސިޓީތަކުން އުފެދުނު ގުޅުމަށް މާބޮޑު ބަދަލެއް ނުގެނެސް، އެ ގުޅުން އަލުން މާނަކުރުމެއް" ކަމަށެވެ. 1887 ގެ ޕްރޮޓެކްޓަރޭޓް ނިމުމަކަށް އައި ކަމަކަށް ނުވަތަ ދުސްތޫރީ އައު ހައިސިއްޔަތެއް އުފެދުނު ކަމަކަށް އިނގިރޭސި ޕާލަމެންޓަކަށް ނާންގައެވެ. އިނގިރޭސިވިލާތުން އެފަދަ ބަދަލެއް ގެންނަން ބޭނުންވިނަމަ، މުޢާހަދާގައި ނުވަތަ އެ ހުށަހެޅުއްވި ވަޒީރު އެވާހަކަ ވިދާޅުވީހެވެ. ނަމަވެސް ދެ ފަރާތުންކުރެ އެއްވެސް ފަރާތަކުން އެފަދަ ވާހަކައެއް ދައްކާފައެއް ނުވެއެވެ.
ފަހުން ކުރެވުނު ބަހުސްތަކުންވެސް މިކަން ކަށަވަރުވެއެވެ. އެޕްރީލް 1958 ގައި އިނގިރޭސި ސަރުކާރުން ހައުސް އޮފް ކޮމަންސްގައި ކަށަވަރުކޮށްދިން ގޮތުގައި، 1887 އިން ފެށިގެން ރާއްޖެ އޮތީ އިނގިރޭސި ތާޖުގެ ހިމާޔަތުގެ ދަށުގައެވެ. އަދި ރާއްޖެއާ އެކު އޮތް ގުޅުން ހިނގަނީ 1953 ގެ އެއްބަސްވުމުގެ ދަށުންނެވެ. އެ އެއްބަސްވުމުގެ ދަށުން އިނގިރޭސިވިލާތުން ރާއްޖެ ހިމާޔަތްކޮށް، ޚާރިޖީ ގުޅުންތައް ހިންގައި ނުވަތަ އެކަމުގައި އިރުޝާދު ދީ، އަދި ރާއްޖޭގެ އެތެރޭގެ ކަންކަމާ ނުބެހި އޮތުމަށް އެއްބަސްވެފައިވެއެވެ. 1953 ގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވަނީ 1948 ގެ އެއްބަސްވުމުގެ ދަށުން ލިބެމުންދިޔަ "ހިމާޔަތް މެދުނުކެނޑި ކުރިއަށްދާނެ" ކަމަށާއި، ރާއްޖެ "ދެމިއޮންނާނީ" އިނގިރޭސި ތާޖުގެ ހިމާޔަތުގެ ދަށުގައި ކަމަށެވެ.
އެހެންވީއިރު ބަހުރުވަ ބަދަލުވީ ކީއްވެ؟
މުޢާހަދާގެ ގުޅުމަށް، ނުވަތަ ޤާނޫނީ ހައިސިއްޔަތަށް ބަދަލެއް ނައި ނަމަވެސް، އައު އިސްތިލާހެއް ބޭނުންކުރަން ޖެހުނު ސަބަބު އޮތީ އެހެން ދިމާއެއްގައެވެ. އެއީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު އިނގިރޭސި އިސްތިޢުމާރީ އަދި ރައްޔިތަކަށްވުމުގެ ޤާނޫނުތަކަށް ގެނައި ވަރަށް ބޮޑު ބަދަލެކެވެ. "ބްރިޓިޝް ނޭޝަނަލިޓީ އެކްޓް 1948" ގެ ދަށުން، ޕްރޮޓެކްޓަރޭޓްތަކާއި ޕްރޮޓެކްޓަޑް ސްޓޭޓްތައް އައު ޤާނޫނީ އޮނިގަނޑެއްގެ ތެރޭގައި ގިންތިކުރެވުނެވެ. މިއީ އިނގިރޭސި ޤާނޫނީ ނިޒާމުގެ ތެރޭގައި ރައްޔިތަކަށްވުމުގެ ކަންކަން ބެލެހެއްޓުމަށް ހެދި ޤާނޫނެކެވެ. ބޭރުގެ ވެރިންނާއެކު އިނގިރޭސިވިލާތުން ސޮއިކޮށްފައިވާ މުޢާހަދާތައް އަލުން ލިޔުމުގެ ބާރެއް މި ޤާނޫނަކަށް ލިބިގެނެއް ނުވެއެވެ.
މި އިސްތިލާހުތަކަށް ބާރުލިބިގެން ދިޔައީ 1949 ގެ "ބްރިޓިޝް ޕްރޮޓެކްޓަރޭޓްސް، ޕްރޮޓެކްޓަޑް ސްޓޭޓްސް އެންޑް ޕްރޮޓެކްޓަޑް ޕާސަންސް އޯޑަރ އިން ކައުންސިލް" އާ އެކުގައެވެ. 28 ޖެނުއަރީ 1949 ގައި ނެރުނު މި އަމުރުގައި، "ދަ މޯލްޑިވް އައިލެންޑްސް" ހިމެނީ ޕްރޮޓެކްޓަޑް ސްޓޭޓްތަކުގެ ދެވަނަ ތާވަލުގައެވެ. މި ކަނޑައެޅުމަކީ އިނގިރޭސިވިލާތުގެ އެތެރޭގެ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ކުރި ކަމެކެވެ. އެއީ 1948 ގެ އެޕްރީލް މަހު ވެވުނު ދެފަރާތުގެ އެއްބަސްވުމުން އައި ބަދަލެއް ނޫނެވެ. 1948 ގެ އެއްބަސްވުމުން 1887 ގެ ގުޅުމަށް "އަސާސީ ބަދަލެއް ނާންނަ" ކަމަށް އިނގިރޭސި ސަރުކާރުން ޕާލަމެންޓަށް އެންގިތާ ނުވަ މަސް ފަހުން، 1948 ގެ ޤާނޫނުގެ ބޭނުމަށްޓަކައި ރާއްޖެއަކީ "ޕްރޮޓެކްޓަޑް ސްޓޭޓް" އެއްގެ ގޮތުގައި ވަކިން ގިންތިކުރެވުނެވެ. މި ތަރުތީބުން އެނގެނީ މިއީ އިނގިރޭސިވިލާތުގެ އެތެރޭގެ ޤާނޫނީ ގިންތިކުރުމަކަށް އައި ބަދަލެއް ކަމެވެ. ދެޤައުމުގެ ދެމެދުގައި އޮތް ގުޅުމުގެ ޤާނޫނީ ހައިސިއްޔަތު ބަދަލުވީއެއް ނޫނެވެ. ބަޙްރައިން، ބުރުނާއީ، ޤަޠަރު އަދި ޓްރޫޝަލް ސްޓޭޓްސް (މިހާރުގެ ޔޫ.އޭ.އީ) ވެސް ހިމެނެނީ ހަމަ މި ތާވަލުގައެވެ. ބަދަލުވީ އިނގިރޭސިވިލާތުން ބަލަހައްޓާ ސަރަޙައްދުތައް ޢާންމުކޮށް ގިންތިކުރާ އުސޫލެވެ. ރާއްޖެއާއެކު އޮތް ގުޅުމުގެ ހައިސިއްޔަތެއް ނޫނެވެ.
1948 ގެ އެއްބަސްވުމުގެ އެއްވެސް ތަނެއްގައި 1887 ގެ ޕްރޮޓެކްޓަރޭޓް ނިމުނުކަމަކަށް ނުވަތަ ރާއްޖެއަކީ ޕްރޮޓެކްޓަޑް ސްޓޭޓެއް ކަމަކަށް ބަޔާންކޮށްފައެއް ނުވެއެވެ. އެފަދަ ނިޔަތެއް އޮތްނަމަ، އެކަން އެއްބަސްވުމުގެ ލިޔުމުން ނުވަތަ ޕާލަމެންޓަށް ދިން ތަފްސީލުން ފެންނާނެއެވެ. ނަމަވެސް އެފަދަ އެއްވެސް ހެއްކެއް ނެތެވެ. މި އޮޅުން އުފެދެނީ މުޅިން ތަފާތު ދެ ކަމެއް އެއްކޮށްލުމުންނެވެ. އެއީ: 1887 އިން ފެށިގެން 1965 ގެ މިނިވަންކަމާ ހަމައަށް ދެޤައުމުގެ ދެމެދުގައި އޮތް މުޢާހަދާގެ ގުޅުމާއި، އަދި އިނގިރޭސިވިލާތުގެ އަމިއްލަ އިސްތިޢުމާރީ ޤާނޫނުތަކަށް ގެނައި ބަދަލުތަކެވެ. މި ދެކަންތައް ހިނގީ އެއް ދުވަސްވަރެއްގައެވެ. އެކަމަކު އެއީ އެއް މަސައްކަތެއް ނޫނެވެ. ޤާނޫނީ ޢިލްމުވެރިޔާ އޮޕަންހައިމް ފާހަގަކޮށްފައިވާ ފަދައިން، ޕްރޮޓެކްޓަރޭޓެއްގެ ޤާނޫނީ ސިފަ ކަނޑައެޅެނީ އެ އުފެއްދި މުޢާހަދާއަކުންނެވެ. އެއީ ފަހުން އެއް ފަރާތަކުން ބޭނުންކުރަން ފެށި ލަފްޒަކުންނެއް ނޫނެވެ. ސަރުކާރަކަށް އެ ސަރުކާރުގެ ޤާނޫނު ފޮތުގައި އެހެން ސަރަޙައްދުތަކަށް ކިޔާނެ ނަމެއް ބަދަލުކުރެވިދާނެއެވެ. ނަމަވެސް އެހެން ހެދުމަކުން، ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން އެހެން ދައުލަތްތަކަށް އަދާކުރަންޖެހޭ ޒިންމާތަކެއް ބަދަލެއް ނުކުރެވޭނެއެވެ.
ބައިނަލްއަޤްވާމީ ޤާނޫނުން ހަގީގަތުގައި އޮޅުންފިލުވަން ބޭނުންވަނީ ކޮން ސުވާލެއް؟
ބައިނަލްއަޤްވާމީ ޤާނޫނުގައި "ޕްރޮޓެކްޓަރޭޓް" ނުވަތަ "ޕްރޮޓެކްޓަޑް ސްޓޭޓް" އަކީ ކަނޑައެޅިފައިވާ ޤާނޫނީ ގިންތިތަކެއް ނޫނެވެ. ޕްރޮޓެކްޓަރޭޓްތައް އުފެދިފައިވަނީ 19 ވަނަ ގަރުނާއި 20 ވަނަ ގަރުނުގެ ކުރީކޮޅުގެ އިސްތިޢުމާރީ އުސޫލުތަކުގެ ތެރެއިންނެވެ. އެ ތަންތަނުގެ އޮނިގަނޑު އެކި ތަންތާނގައި ތަފާތުކަމުން، ބައިނަލްއަޤްވާމީ ޤާނޫނީ މާހިރުން ވަނީ އެއީ އެއް މާނައެއްގައި މާނަކުރެވޭނެ އެއްޗެއް ނޫންކަމަށް ބަލައި އެކަން ދޫކޮށްލާފައެވެ. ބަލަންޖެހެނީ ބޭނުންކުރާ ނަމަކަށް ނޫނެވެ. ބަލަންޖެހެނީ ޢަމަލީ ގޮތުން ކަންކަން ހިނގާ ގޮތަށެވެ. އެ ސަރަޙައްދެއްގެ ޚާރިޖީ ގުޅުންތައް ބަލަހައްޓަނީ ކާކުތޯއެވެ؟ މުޢާހަދާތައް ހެދުމުގެ ބާރު އޮތީ ކާކަށްތޯއެވެ؟ އަދި އެތަނެއްގެ ދިފާޢީ ޒިންމާ އުފުލަނީ ކާކުތޯއެވެ؟ 1887، 1948، އަދި 1953 ގެ އެއްބަސްވުންތަކުގައިވެސް ޚާރިޖީ ގުޅުންތައް އޮތީ އިނގިރޭސިންގެ އަތުގައެވެ. ރާއްޖޭގެ އެތެރޭގެ ހިންގުން އޮތީ ސުލްޠާނުގެ ސަރުކާރުގެ އަތުގައެވެ. މި ބަހާލުން 1965 ގެ މިނިވަންކަމާ ހަމައަށް ދެމިއޮތެވެ.
މިއީ އދ. ގެ ޗާޓަރުގެ 73 ވަނަ މާއްދާއަށް ފެތޭ ކަމެކެވެ. އެ މާއްދާގެ ދަށުން، އަމިއްލަ ވެރިކަމެއް ފުރިހަމައަށް ލިބިފައިނުވާ ސަރަޙައްދުތައް ހިންގުމުގެ ޒިންމާ އުފުލާ ދައުލަތްތަކުން، އެ ސަރަޙައްދުތަކުގެ ޙާލަތާ ގުޅޭ ރިޕޯޓު ސެކްރެޓަރީ ޖެނެރަލަށް ހުށަހަޅަންޖެހެއެވެ. އެ މާއްދާގައި އެތަނަކަށް ކިޔަނީ ކޮލޮނީއެއްތޯ، ޕްރޮޓެކްޓަރޭޓެއްތޯ ނުވަތަ ޕްރޮޓެކްޓަޑް ސްޓޭޓެއްތޯ ބަލާފައެއް ނުވެއެވެ. ބަލަނީ ކުރާ މަސައްކަތަށެވެ. އިނގިރޭސިވިލާތުން 1965 އާ ހަމައަށް ރާއްޖޭގެ ޚާރިޖީ ކަންކަން ކޮންޓްރޯލް ކުރިއެވެ. އެ ބާރު ރަސްމީކޮށް ދޫކޮށްލީ މިނިވަންކަމުގެ އެއްބަސްވުމުގައެވެ. އެ އެއްބަސްވުމުގައި ރާއްޖެއަކީ "ސިޔާދަތީ މިނިވަން ދައުލަތެއް" ކަމަށް ބަލައި، ފުރަތަމަ ފަހަރަށް "އެހެން ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއެކު ސީދާ ސިޔާސީ އަދި އެހެނިހެން ގުޅުންތައް ބޭއްވުމުގެ ހުރިހާ ޙައްޤެއް" ރާއްޖެއަށް ދިނެވެ. 1965 ގައި އަލަށް ލިބުނު ޙައްޤުތަކެއް ކަމަށް ބަޔާންކޮށްފައިވާ ކަންކަމަކީ، އޭގެ ކުރިން ރާއްޖެއަށް ލިބިފައިނުވާ ޙައްޤުތަކެއްކަން މިއިން އެނގެއެވެ. މިނިވަންވުމުން ނޫނީ އަމިއްލައަށް ޚާރިޖީ ގުޅުންތައް ހިންގުމުގެ ބާރު ނެތް ސަރަޙައްދަކީ، އެ ބާރު ލިބުމުގެ ކުރީގެ އަހަރުތަކުގައި އަމިއްލަ ވެރިކަމެއް ފުރިހަމައަށް ލިބިފައިވާ ތަނެއް ކަމުގައި ނުބެލެވޭނެއެވެ.
އިނގިރޭސިވިލާތުން މިކަމުގައި ދިފާޢެއްގެ ގޮތުގައި ދައްކާނީ "ހިންގުން" (administration) މި ލަފްޒުގެ މާނައެވެ. އެއީ ރާއްޖޭގެ އެތެރޭގެ އިދާރީ ހިންގުން އޮތީ ދިވެހި ސަރުކާރުގެ އަތުގައި ކަމަށާއި، އިނގިރޭސިން ބެލެހެއްޓީ ހަމައެކަނި ޚާރިޖީ ގުޅުންތައް ކަމަށް ބުނެއެވެ. ނަމަވެސް މި ދަޢުވާއަކީ ބަލައިގަނެވޭނެ އެއްޗެއް ނޫނެވެ. 73 ވަނަ މާއްދާ ލިޔެފައިވަނީ ޢަމަލީ ދައުރަށް ބަލައިގެންނެވެ. އެއީ އިސްތިޢުމާރީ ބާރުތަކުން، އެތަނެއްގެ ބައިނަލްއަޤްވާމީ ހައިސިއްޔަތު ކަނޑައަޅާ ހުރިހާ ކަމެއްގެ މައްޗަށް ބާރު ހިންގަމުން، އެތެރޭގެ ހިންގުން އެ ސަރަޙައްދެއްގެ ވެރިންނަށް ދޫކޮށްލައިގެން ތިބެ، އެ މާއްދާއިން ބަރީޢަވިޔަ ނުދިނުމަށެވެ. ސަރަޙައްދެއްގެ ދިފާޢާއި، މުޢާހަދާ ހެދުމާއި، އަދި ބައިނަލްއަޤްވާމީ މައިދާނުގައި ތަމްސީލުކުރުމުގެ ފުރިހަމަ ބާރު އޮތް ފަރާތަކީ، އެ ސަރަޙައްދެއްގެ އަމިއްލަ ވެރިކަން ނެތްކަން އަންގައިދޭ މައިގަނޑު ސިފަތައް ހިންގާ ފަރާތެވެ. "ހިންގުން" މާނަކުރަންވާނީ ހަމައެކަނި އެތެރޭގެ ކަންކަން ހިންގުން ކަމަށް ބަލައިފިނަމަ، ކޮންމެ އިސްތިޢުމާރީ ބާރަކަށްވެސް، އެތަނެއްގެ އަމިއްލަ ވެރިޔާގެ ބާރު އެތެރޭގެ ކަންކަމުގައި ދަމަހައްޓައިގެން، އ.ދ. ގެ ޗާޓަރުގެ 11 ވަނަ ބާބުން ފަސޭހައިން ރެކިގަނެވިދާނެއެވެ. މިއީ ޗާޓަރުގެ ޢަމަލީ ބަހުރުވައިން ބައްދަން ބޭނުންވި ބޮޑު ލޯވަޅެކެވެ. އެހެންކަމުން، މި ދިރާސާގައި ބެލި މުއްދަތުގައި ރާއްޖޭގެ މައްޗަށް އިނގިރޭސިން އަދާކުރަންޖެހޭ ޒިންމާތައް 73 ވަނަ މާއްދާގެ ދާއިރާއަށް ފެތެއެވެ.
އިނގިރޭސިވިލާތަށް ހަމައެކަނި އިސްތިލާހު ބަދަލުކޮށްލައިގެން އެމީހުންގެ ޒިންމާތަކުން ރެކިގަނެވިދާނެތޯ؟
އިނގިރޭސި ޕާލަމެންޓުން އެމީހުންގެ އެތެރޭގެ ޤާނޫނެއްގައި "ޕްރޮޓެކްޓަރޭޓް" ގެ ބަދަލުގައި "ޕްރޮޓެކްޓަޑް ސްޓޭޓް" ބޭނުންކުރުމުން، އދ. ޗާޓަރުގެ 73 ވަނަ މާއްދާ ރާއްޖޭގެ މައްޗަށް ހިނގުން ހުއްޓޭނެ ހެއްޔެވެ؟ މީގެ ޖަވާބަކީ "ނޫނެކޭ" އެވެ. އިނގިރޭސި ޤާނޫނަކުން އެމީހުންގެ އަމިއްލަ ބޭނުމަށް ރާއްޖެ ގިންތިކުރެވިދާނެއެވެ. ނަމަވެސް ބައިނަލްއަޤްވާމީ ޒިންމާއެއްގެ ދާއިރާ ކަނޑައަޅަންޖެހޭނީ ޗާޓަރުގެ ދަށުންނެވެ. 73 ވަނަ މާއްދާ ހިނގަމުންދާއިރު، އެތެރޭގެ ޤާނޫނެއް ދައްކައިގެން އެކަން ނުކޮށް ދޫކޮށެއް ނުލެވޭނެއެވެ. 'ޕާމަނަންޓް ކޯޓް އޮފް އިންޓަނޭޝަނަލް ޖަސްޓިސް' އިން 'ޑެންޒިގް' މައްސަލައިގައި ކަނޑައަޅާފައިވާ ގޮތުގައި، ދައުލަތެއްގެ އެތެރޭގެ ޤާނޫނަކަށް ބުރަވެ، ބައިނަލްއަޤްވާމީ ޒިންމާއަކުން ރެކިއެއް ނުގަނެވޭނެއެވެ. މިއީ ފަހުން 'ވިއެނާ ކޮންވެންޝަން އޮން ދަ ލޯ އޮފް ޓްރީޓީޒް' ގެ 27 ވަނަ މާއްދާގައިވެސް ހިމަނާފައިވާ އުސޫލެކެވެ. އިނގިރޭސިވިލާތުން ރާއްޖެއަށް ދިން އައު ނަމަކީ، އެމީހުންގެ ރައްޔިތަކަށްވުމުގެ ޤާނޫނުގައި ކޮންމެ ބޭނުމަކު ބޭނުންކުރި ނަމެއް ކަމުގައިވިޔަސް، އިނގިރޭސިން ޢަމަލީ ގޮތުން ރާއްޖޭގެ މައްޗަށް ބާރު ހިންގަމުންދިޔަ ގުޅުމުގެ ސަބަބުން އުފެދިފައިވާ ބައިނަލްއަޤްވާމީ ޒިންމާއެއް އެ ނަމަކުން ފޮހެލައެއް ނުލެވޭނެއެވެ.
ފާހަގަކޮށްލަންޖެހޭ ހަނުތިބުމެއް
މިއީ އެހާ މުހިންމު ދުސްތޫރީ ނިންމުމެއްނަމަ، ކޮލޯނިއަލް އޮފީހުގެ ލިޔެކިޔުންތަކުން ނުވަތަ އިނގިރޭސި ޕާލަމެންޓުގެ ބަހުސްތަކުން ނުވަތަ އދ. އާއެކު ކުރެވުނު މުޢާމަލާތްތަކުން އެކަން ފެންނަން އޮންނާނެއެވެ. ނަމަވެސް މިހާތަނަށް ކުރެވުނު ދިރާސާއިން، އދ. ޗާޓަރުގެ 11 ވަނަ ބާބުގެ ދަށުން ރިޕޯޓު ހުށަހެޅުމުން ރާއްޖެ އިސްތިސްނާކުރި ސަބަބު އިނގިރޭސިވިލާތުން ޞަރީޙަކޮށް ބަޔާންކޮށްފައިވާ އެއްވެސް ލިޔުމެއް ފެންނާކަށް ނެތެވެ. 73 ވަނަ މާއްދާގެ ދަށުން ރިޕޯޓު ދިނުމަކީ އިނގިރޭސިންގެ މައްޗަށް އޮތް ވާޖިބެކެވެ. އެކަން އެމީހުން ނުކުރެއެވެ. އަދި އެކަން ނުކުރި ސަބަބުގެ ޤާނޫނީ ހުއްޖަތެއްވެސް އެއްވެސް ލިޔުމަކުން ފެންނާކަށް ނެތެވެ. އިނގިރޭސިންގެ އެހެން 'ޕްރޮޓެކްޓަޑް ސްޓޭޓް' ތަކާ އަޅާކިޔާއިރު މިކަން އިތުރަށް ފާހަގަވެއެވެ. ބަޙްރައިން، ޤަޠަރު، ބުރުނާއީ އަދި ޓްރޫޝަލް ސްޓޭޓްސް އަކީވެސް 1948 އަށްފަހު 'ޕްރޮޓެކްޓަޑް ސްޓޭޓް' ތަކުގެ ގޮތުގައި ސިފަކުރެވުނު ތަންތަނެވެ. މީގެ ތެރެއިން އެއްވެސް ތަނެއްގެ ރިޕޯޓު 73 ވަނަ މާއްދާގެ ދަށުން ހުށަހަޅާފައިވޭތޯ ބެލުމަކީ، ރާއްޖޭގެ މައްސަލައަކީ ޢާންމު އުސޫލެއްގެ ތެރެއިން ހިނގި ކަމެއްތޯ ނުވަތަ ރާއްޖެއަށް އެކަނި ދިމާވި ކަމެއްތޯ ދެނެގަތުމަށް ކުރަންޖެހޭ މުހިންމު މަސައްކަތެކެވެ. ނަމަވެސް އެއީ މި މަޒުމޫނުގެ ދާއިރާއިން ބޭރު ކަމެކެވެ. މިހާރުގެ ދިރާސާއިން ކަށަވަރުވާ ކަމަކީ، ރާއްޖެއަކީ އދ. ޗާޓަރުގެ 73 ވަނަ މާއްދާގައި ބުނާ ޝަރުޠުތައް ފުރިހަމަވާ ތަނެއް ކަމާއި، އެ ލިސްޓުން ރާއްޖެ އުނިކުރުމުގެ އެއްވެސް ޤާނޫނީ ހުއްޖަތެއް އޮތްކަމަށް އިނގިރޭސިންގެ ރެކޯޑުތަކުން ފެންނަން ނެތް ކަމެވެ.
ނިންމުން
މި މަޒުމޫނަށް މަގުފަހިވި ހޯދުންތައް ފެށުނީ ވަޓްސްއަޕް މެސެޖެއްގައި އޮތް އެންމެ ލަފްޒެއްގެ ޚިޔާލު ތަފާތުވުމަކުންނެވެ. ނަމަވެސް މި ހޯދުމުން އެގުނު ކަންކަން މިއަށްވުރެ މާ ސާފެވެ. 1887 ގައި ރާއްޖެއަކީ އިނގިރޭސި "ޕްރޮޓެކްޓަރޭޓް" އެކެވެ. 1948 ގެ އެއްބަސްވުމުން އެ ގުޅުމަށް އަސާސީ ބަދަލެއް ނުގެނެސް އެ ހިމާޔަތް ދެމެހެއްޓިއެވެ. ރާއްޖެ "ޕްރޮޓެކްޓަޑް ސްޓޭޓް" އެއްގެ ގޮތުގައި ފުރަތަމަ ގިންތިކުރެވުނީ 1949 ގެ އަމުރަކުން، ހަމައެކަނި އިނގިރޭސިވިލާތުގެ އެތެރޭގެ ރައްޔިތަކަށްވުމުގެ ޤާނޫނުގެ ބޭނުމަށެވެ. އެއީ 1948 ގެ އެއްބަސްވުމުގެ ނުވަ މަސް ފަހުން، މުޅިން ތަފާތު ލިޔުމަކުން ކުރި ކަމެކެވެ. އެ ގިންތިކުރުމަކުން އދ. ޗާޓަރުގެ 73 ވަނަ މާއްދާގެ ދަށުން އިނގިރޭސިވިލާތުގެ މައްޗަށް އޮތް ޒިންމާތަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އެ ޒިންމާތައް އުފެދެނީ އިނގިރޭސިން ޢަމަލީ ގޮތުން ކުރި ކަންކަމުގެ މައްޗަށެވެ. އެމީހުން އެކަމަށް ކީ ނަމެއްގެ މައްޗަކަށް ނޫނެވެ.
ބައިނަލްއަޤްވާމީ ޤާނޫނުގައި މިފަދަ އިސްތިލާހުތަކަކީ ކަންކަން ނިންމާ އުސޫލެއް ނޫނެވެ. ބައިނަލްއަޤްވާމީ ޤާނޫނުން އަބަދުވެސް ބަލަނީ ލޭބަލްގެ ފުރަގަހަށެވެ. ޚާރިޖީ ސިޔާސަތު ކަނޑައަޅައި ގަލަން ހިފަނީ ކާކުތޯއެވެ؟ ދިފާޢީ އެއްބަސްވުންތަކުގައި ސޮއިކުރަނީ ކާކުތޯއެވެ؟ ބޭރު ދުނިޔޭގައި އެ ތަނެއްގެ ފަރާތުން ވާހަކަދައްކަނީ ކާކުތޯއެވެ؟ މި އަސާސްތަކަށް ބަލާއިރު، ރާއްޖެއަކީ 73 ވަނަ މާއްދާގެ ދާއިރާއަށް ފެތޭ ގައުމެކެވެ. އެއީ އަމިއްލަ ވެރިކަމެއް ފުރިހަމައަށް ލިބިފައިނުވާ، އަދި އެތަނެއްގެ ދިފާޢާއި، މުޢާހަދާތަކާއި، ބައިނަލްއަޤްވާމީ އަޑު ބޭރުގެ ބާރެއްގެ އަތްމަތީގައި އޮތް ތަނެކެވެ. އިނގިރޭސި އިސްތިލާހުތަކުން މި ޙަޤީޤަތެއް ބަދަލެއް ނުކުރެވޭނެއެވެ.
އިސްތިލާހުތަކަކީ މިފަދަ ދިރާސާއެއް ފަށަންވީ ތަނެވެ. ނަމަވެސް، ދިވެހިރާއްޖޭގެ ދުސްތޫރީ ލިޔުންތަކުގައި މިފަދަ އިސްތިލާހުތައް ބޭނުންކޮށްފައިވަނީ ދިރާސާއެއް ނިންމާލަންވީ ހިސާބުގެ ގޮތުގައެވެ.

---
މަސްދަރުތައް
Brownlie I, Principles of Public International Law (7th edn, OUP 2008)
Crawford J, Brownlie's Principles of Public International Law (9th edn, OUP 2019)
Murray DJ, The Protectorate in International Law (Columbia University Press 1921)
Oppenheim L, International Law: A Treatise (Hersch Lauterpacht ed, 8th edn, Longmans 1955) vol 1
Trilsch M, 'Protectorates and Protected States' in Wolfrum R (ed), Max Planck Encyclopedia of Public International Law (OUP, updated February 2011) doi:10.1093/law:epil/9780199231690/law-9780199231690-e1082
ޤާނޫނުތަކާއި އިޖުރާއާތުތައް
British Nationality Act 1948, 11 & 12 Geo 6, c 56
British Protectorates, Protected States and Protected Persons Order in Council 1949, SI 1949/140
Charter of the United Nations
Vienna Convention on the Law of Treaties (1969) 1155 UNTS 331
މުޢާހަދާތައް
Agreement between His Majesty's Government in the United Kingdom and His Highness the Sultan of the Maldive Islands, signed at Malé, 24 April 1948
Agreement between Her Majesty's Government in the United Kingdom and the Government of the Maldive Islands, signed at Malé, 1 January 1953 (reproduced in HC Deb 17 April 1958, vol 586, cols 693–698)
Agreement between the Government of the United Kingdom and the Government of the Maldives relating to Independence (26 July 1965) 548 UNTS 149
ޝަރުޢީ މައްސަލަތައް
Treatment of Polish Nationals and Other Persons of Polish Origin or Speech in the Danzig Territory (Advisory Opinion) PCIJ Rep Series A/B No 44 (1932)
އިނގިރޭސި ޕާލަމެންޓުގެ ބަހުސްތައް
HC Deb 5 May 1948, vol 450, cols 2114–2115
HC Deb 17 April 1958, vol 586, cols 693–698