December 24, 2025

ފޯޅަވަހީގެ މައްސަލައިގާ ހުޅުވުނީ ހަނި ދޮރެއް ނޫން! އަދި އެ ދޮރު ބަންދުވުމުގެ ފުރުޞަތު ދެން ވަރަށް ކުޑަވާނެ!

ޕެންފޯ ރައިޓްސް / އައުޓްރީޗް ކޯޑިނޭޝަން ޑެސްކް: ރާއްޖޭގެ އޮންލައިން ނޫހެއްގައި، 23 ޑިސެމްބަރު 2025 ގައި "ފޯޅަވަހީގެ މައްސަލައިގައި ހުޅުވުނު ހަނި ދޮރު: ބަންދު ވެއްޖެނަމަ ނުހުޅެވޭނެ" މި ސުރުޚީގެ ދަށުގައި މަޒުމޫނެއް ޝާއިޢު ކުރައްވާފައިވެއެވެ. އެމަޒުމޫނުގައި ލިޔުއްވާފައި ވަނީ "ފޯޅަވަހީގެ މައްސަލައިގައި ވަރަށް ހަނި ދޮރެއް ހުޅުވިއްޖެ ކަމަށާއި، ނަމަވެސް ދޮރު ހުޅުވުނީ ރާއްޖެއާ ބެހޭ މައްސަލައެއްގައި ނޫން ކަމާއި، އެދޮރު ބަންދު ވެއްޖެނަމަ، އަލުން ހުޅުވުން ވާނީ ވުމަށް ވުރެ ނުވުން ގާތް ކަމެއް ކަމަށެވެ." ލިޔުމުގެ މަޤްޞަދުތައް ވަރަށް ސާފެވެ. އެއް މަޤުޞަދަކީ، އދ. ގެ ކޮމިޓީއަކުން ފޯޅަވަހި މޮރިޝަސްއާއި ޙަވާލު ކުރުން ހުއްޓާލުމަށް ގޮވާލީ، ދިވެހިންގެ ބަޔަކު ކުރި މަސައްކަތަކާއި ހެދިގެން ނޫންކަމަށާއި، އެއީ ޗާގޯސިޔަނުންނޭ ކިޔުނު ބައެއްގެ މަސައްކަތުން ވީކަމެއްކަން އަންގައި ދިނުމެވެ. ދެވަނަ މަޤްޞަދަކީ ސަރުކާރުން މިކަމަށް އެކަށީގެންވާ މަސައްކަތް ނުކުރައްވާ ކަން އަންގައި ދިނުމެވެ. ތިންވަނަ މަޤްޞަދަކީ ކުރީގެ ސަރުކާރުން ފޯޅަވަހި ހޯދަން ދަޢުވާ ނުކުރާނެ ކަމުގެ ލިޔުމެއް މޮރިޝަސްއަށް ދީފައިވާ ކަމުގެ ތުހުމަތެއް ކުރުމެވެ.

މިމަޒުމޫނާއި މެދު ބަލައިލާން ޖެހެނީ އެންމެންނަށް އެނގޭނޭ ސާފު މިންގަނޑަކުންނެވެ. އެމިންގަނޑަކީ، މިމަޒުމޫނުގައި، ފޯޅަވަހި ހޯދުމަށް ކުރެވޭ މަސައްކަތާއި އެއްކޮޅަށް، ވާހަކައެއް ވިދާޅުވެވިފައި ވޭތޯއެވެ؟ މަޒުމޫނުގައި އެކުލެވޭ ވާހަކަތަކުގެ މިޞްރާބު ފޯޅަވަހި ހޯދުމަށް ދިވެހިން މިކުރާ ދަތުރުގެ މިސްރާބާއި ސީދާ ވަނީ ކިހާ މިންވަރަކަށްތޯއެވެ؟ މިގޮތަށް ވަޒަން ކޮށްލުމަށްޓަކައި ސާފުކޮށްދޭން ޖެހޭ ގިނަ ނުކުތާތަކެއް ވެއެވެ. އެހެންވެ މިލިޔުމުގައި ބަލައިލާނީ އެ ނުކުތާތަކުގެ މައްޗަށެވެ.

އެންމެ ފުރަތަމަ ކަމަކީ، އެ މަޒުމޫނުގައި ހުޅުވުނު ކަމަށް ލިޔެފައިވާ ދޮރު ހުޅުވުނީ ރާއްޖެއާ ބެހޭ މައްސަލައެއްގައި ނޫން ކަމަށް ލިޔެފައި އޮތީ ކޮންބޭނުމަކުތޯއެވެ؟ އާދެ! އެގޮތަށް ލިޔަން ޖެހެއެވެ. އެއީ އޮޅުން ފިލުވައި ދިނުމުގެ ބޭނުމުގައެވެ. އެއީ ވަރަށް ގިނަ ފަރާތްތަކުން އޭއައި ޕްލެޓްފޯމް ތަކުގައި، މިހަރަކާތުގެ މަސައްކަތާއި މެދު ސުވާލު ކުރެއެވެ. ގްރޮކް އާއި، ޖެމިނީގައެވެ. އަދި އެނޫން ޕްލެޓްފޯމްތަކުން ވެސް މިހަރަކާތާއި ބެހޭ ގޮތުން ބުނެފައި ހުންނަ އެއްޗެހީގެ ސްކްރީން ޝޮޓްތައް ނަގައި، ސޯޝަލް މީޑިއާގައި ޙިއްޞާ ކުރަމުން ގެންދެއެވެ. އެ ޕްލެޓް ފޯމްތަކުން، މިހަރަކާތާއި މެދު ބުނަނީ މިޙަރަކާތުގެ ފަރާތުން، ފޯޅަވަހި މައްސަލަ، މަސްވެރިކަމާއި ބެހޭ ކަނޑުގެ ކުޑަ ކުޑަ މައްސަލައަކުން، ދިވެހިރާއްޖެ ޑިކޮލޮނައިޒް ކުރުމާއި، އިންސާނީ ޙައްޤުތަކާއި ބެހޭ ބޮޑު މައްސަލައަކަށް ބަދަލު ކޮށްލާފައިވާ ކަމަށެވެ. ބައެއް ފަރާތްތަކުން، އދ. ގެ ކޮމިޓީ އޮން ދަ އެލިމިނޭޝަން އޮފް ރޭޝަލް ޑިސްކްރިމިނޭޝަން (ސާޑް) ގެ ފަރާތުން، އިނގިރޭސިން ފޯޅަވަހީގެ ސިޔާދަތު މޮރިޝަސްއާއި ޙަވާލު ކުރުމުގެ އެގްރިމެންޓް ކުރިއަށް ގެންދިއުން ހުއްޓާލުމަށް ގޮވާލުމުގައި، މި ހަރަކާތުގެ ރޯލެއް އޮތްތޯ ސުވާލު ކުރެއެވެ. ޖަވާބުގައި ބައެއް އޭއައި ޕްލެޓްފޯމްތަކުން ބުނަނީ، އދ. އިން އެކަމަށް އިންޓަވީން ކުރީ މިޙަރަކާތުން ކުރާ މަސައްކަތްތަކާއި، ސްޓްރެޓިޖިކް އެލައިންމަންޓެއް އޮވެގެން ޑައިރެކްޓް އެޑްވޮކަސީގެ ތެރެއިން ކަމަށެވެ. ނަމަވެސް ރަސްމީ ސިފައެއްގައި، ހަރަކާތުން އދ. އަށް މައްސަލައެއް އަދި ހުށަހަޅާފައި ނުވާ ކަމަށެވެ. އޭއައި ޕްލެޓްފޯމަކުން މީހަކު ކުރި އެހެން ސުވާލެއްގެ ޖަވާބުގައި ބުނެފައިވެއެވެ. ދިވެހި ސަރުކާރުން ފޯޅަވަހި ކަނޑު އަނބުރާ ހޯދުމުގެ މަސައްކަތް ކުރުމަށް ހަވާލު ކޮށްފައިވާ އިނގިރޭސި ވިލާތުގެ ހޯގަން ލޮވެލްސް ލޯފާމުން، ޤާނޫނީ މަސައްކަތް ކުރަމުގައި، ސާޑް ގެ ނިންމުމުގެ ބޭނުން ހިފަމުން ދެއެވެ. އަނެއްކޮޅުން ޕެން ފޯރައިޓްސް އަންނަނީ ޕަބްލިކް އެޑްވޮކަސީ އާމެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ. އަދި ޕެންފޯ ރައިޓްސްގެ ތާރީޚީ ޑާޓާއާއި، އިއްވަމުންދާ ރައްޔިތުންގެ އަޑު ބޭނުން ކޮށްގެން ހޯގަން ލޮވެލްސް އިން އަންނަނީ، އެމީހުންގެ ލީގަލް އާގިއުމަނޓްތައް ބައިނަލް އަޤްވާމީ އެކި މައިދާންތަކަށް ހުށަހަޅަމުންނެވެ. ނަމަވެސް މިފަދަ ވާހަކަތަކަކީ މިހަރަކާތުގެ ފަރާތުން މާ ބޮޑު އިސްކަމެއް ދޭ ވާހަކަތަކެއް ނޫނެވެ. އަދި އެފަދަ ވާހަކަތަކަށް މާބޮޑު އިސްކަމެއް ނުދެއްވުމަށްވެސް ޙަރަކާތުގެ މެމްބަރުންނަށް ގޮވާލަމެވެ. ތިރީގައި އެވަނީ އޭއައި ޕްލެޓްފޯމްތަކުން ދީފައިވާ މިފަދަ ބައެއް ޖަވާބުތަކުގެ ސްކްރީން ޝޮޓްތަކެވެ.



ދެވަނަ ކަމަކީ، 1946 ގައި، އިނގިރޭސިންވަނީ އދ. ގެ ޗާޓަރުގެ 73 ވަނަ މާއްދާގެ (އީ) ގައި ލާޒިމު ކުރާ ގޮތާއި ޚިލާފަށް "އިސްތިޢުމާރު ނައްތާލުމުގެ ދަފްތަރު"ގައި ދިވެހިރާއްޖެ ނުހިމަނާ ދޫކޮށްލާފައެވެ. މިކަން ކުރި އިރު ދިވެހިރާއްޖެ އޮތީ އިނގިރޭސި ހިމާޔަތުގައެވެ. ޚާރިޖިއްޔާ އޮތީ ސީދާ އިނގިރޭސިންގެ ދަށުގައެވެ. ގައުމުގެ ރަސްކަމަށް ނުވަތަ ވެރިކަމަށް ހޮވާ މީހަކަށް ތަޚުތާ ނުވަތަ އޮފީހާއި ޙަވާލުވެނީ އިނގިރޭސިންގެ އިޒުނަ ލިބިގެނެވެ. އޭރު ދިވެހިރައްޖޭގެ ޤަނޫނު އަސާސީގައި ދިވެހި ދައުލަތް ބުނެދީފައިވަނީ، ދިވެހިރާއްޖެއަކީ އިނގިރޭސިންނަށް ޖިޒީ ދައްކާ، އިނގިރޭސި ދައުލަތް ފިޔަވައި ބޭރުގެ އެހެން އެއްވެސް ދައުލަތަކާއި ގުޅުމެއް ނުހިންގޭނޭ ދައުލަތެއް ކަމުގައެވެ. މީގެ މާނަޔަކީ، އދ. ގެ ޗާޓަރާއި، ޤަރާރު ނަމްބަރު 1514 އާއި ޤަރާރު ނަމްބަރު 1541 ގައި ބުނާގޮތުން، އިސްވެ ދިޔަ ޙާލަތުގައި އޮތް ޤައުމެއް "އިސްތިޢުމާރު ނައްތާލާ ދަފްތަރު" (ނަން ސެލްފް ގަވާނިން ޓެރިޓްރީސްގެ ލިސްޓް) ގައި ހިމެނުމަކީ އިނގިރޭސިންނަށް ލާޒިމު ކަމެއް ކަމުގައެވެ. އަދި މިކަން މިގޮތަށް ކޮށްފަ ނެތުމުގެ މާނަޔަކީ، އދ. ގެ ހުރިހާ، އިސްތިއުމާރު ނައްތާލުމުގެ (ޑިކޮލޮނައިޒޭޝަން) މަރުޙަލާތަކުން ދިވެހިރާއްޖެ އެކަހެރި ކުރެވިފައި އޮތުމެވެ. ދިވެހިންގެ އަޑު ކަނޑުވާލާފައި ބޭއްވުމެވެ.

ތިންވަނަ ކަމަކީ، އދ. ގެ ޑިކޮލޮނައިޒޭޝަންއާއި ބެހޭ މަސްޢޫލިއްޔަތު މަތި ކޮށްފައިވަނީ ފޯތް ކޮމިޓީއާއިއެވެ. އެކޮމިޓީގެ ދަށުން މި މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ އދ. ގެ ޤަރާރަކުން އިތުރު ކޮމިޓީއެއް އުފައްދާފައެވެ. އެކޮމިޓީއަކީ ކޮމިޓީ އޮފް ޓްވެންޓީ ފޯއެވެ. ނުވަތަ އަޅުގަނޑުމެން ކިޔާ ގޮތުން ސީ–24 އެވެ. މިތާގައި މިކޮމިޓީގެ ވާހަކަ މިގެނައީ، އދ. ގެ ޑިކޮލޮނައިޒް ކުރުމުގެ މެންޑޭޓް އޮންނަނީ މިކޮމިޓީގައެވެ. އަދި ވަކިން ޚާއްޞަކޮށް ކުރިން ދެންނެވުނު "އިސްތިޢުމާރު ނައްތާލުމުގެ ދަފްތަރު" ގައި ނުހިމެނޭ ޤައުމެއްގެ މައްސަލަ ފޯތު ކޮމިޓީގެ މެންޑޭޓްގެ ތެރޭގައި ނުހިމެނޭނެއެވެ. އުޞޫލެއްގެ ގޮތުން ދަފްތަރުގައި ހިމަނާފައި ނެތް ޤައުމެއްގެ ސަރުކާރުން ސީ-24 ގައި ޖެއްސޭނެ މައްސަލައެއް ނޯންނާނެއެވެ.

ހަތަރުވަނަ ކަމަކީ، އދ. ގެ އިސްތިޢުމާރު ނައްތާލާ ދަފްތަރުގައި ރާއްޖެ ނެތުމުން، ދެން މަސައްކަތް ކުރަން ޖެހޭނީ އިޖްރާއީ މައްސަލައެއްގެ ގޮތުގައި، އެ މައްސަލަ ފޯތް ކޮމިޓީގެ ނުވަތަ ސީ-24ގެ މެންޑޭޓްގެ ތެރެއަށް ވެއްދޭތޯ ބަލާށެވެ. ސަރުކާރަކުން ވިޔަސް އަދި އަމިއްލަ ޖަމިއްޔާއަކުން ވިޔަސް އެކަން ކުރެވޭނީ ފުރަތަމަ، އިސްތިޢުމާރުގެ ކުރިން އެ ހޯދަން ބޭނުންވާ ސަރަޙައްދާއި އެބަޔަކާއި އޮތް ގުޅުން ތާރީޚީ، ސިޔާސީ، ސަޤާފީ، މަދަނީ، އިޤްތިޞާދީ، ޤާނޫނީ، އަދި ނިޔަމިކަމުގެ ގޮތުން ވިޔަސް، އޮތީ ކިހާ ވަރަކަށް ކަމުގެ ހެކި ދައްކައިގެންނެވެ. އެކަން ކުރަން ބަލާއިރު، އިނގިރޭސިންގެ ބާރުވެރި ކަމުގެ ދަށުގައި ރާއްޖޭގައި ހިންގި ވެރިކަމުގެ ދަށުން އެތަކެއް ރިކޯޑެއްވަނީ، އަންދާލާ ކަނޑު ފައްތާ ހަދާފައެވެ. ދެން އޮންނާނީ، ކަތާތަކާއި، ދޫދޫ މަތިން ކިޔައި އުޅޭ ބަންޖާއި، ރައިވަރާއި، ވާހަކަތަކާއި، އިސްތިޢުމާރީ އަރުޝީފްތަކުން ފެންނަން ހުރި ހެކިތަކަށް ބުރަވެ އެކަން ކުރުމެވެ. އާއްމު ރައްޔިތުންނަށް ފޯޅަވައްސާއި ބެހޭގޮތުން އެނގޭ ކަންކަމާ ގުޅޭ އެކި އެކި ބަޔާންތައް ނަގާށެވެ. ޕަބްލިކް ނޯޓަރީއަކު ލައްވާ އެއިން ކޮންމެ ބަޔާނެއްގައި ސޮއިކުރުވާށެވެ. މިކަން ކުރަން ބަލާއިރު، ޤައުމުގެ އެތެރޭގެ ސިޔާސީ ހަސަދަ ވެރިކަމާއި، ބައިބައިވުމާއި، ނަފްރަތާއި ހެދި އެއްބަޔަކު އެއީ ދިވެހިރާއްޖޭގެ ބަޔަކޭ ބުނާ އިރު އަނެއް ބަޔަކު ތިބީ އިސްތިޢުމާރީންނާއި އެއްކޮޅަށެވެ. ތިމާގެ އަމިއްލަ ޤައުމާއި ދިމާ ދެކޮޅަށެވެ.

ފަސްވަނަ ކަމަކީ، ދިވެހިރާއްޖޭގެ އެއްވެސް ސަރުކާރަކުން ފޯޅަވަހި އެއްވެސް ބަޔަކަށް ދޭން އެއްވެސް އިރެއްގައި އެއްބަސް ވެފައެއް ނެތެވެ. އަދި އެތަނާއި މެދު ދައުވާ ނުކުރާނެ ކަމުގެ ސިޓީއެއްވެސް ދީފައެއް ނެތެވެ. ވަކިވަކިން ކިޔަމާ ހިނގާށެވެ. ރައީސް މައުމޫނު ވަނީ، ފޯޅަވަހި ސަރަހައްދުގައި ދިވެހިންގެ މަސްލަހަތު އޮތްކަން އެގޭނޭ ގޮތަށް އެދޭތެރޭ ކަނޑު ބޭނުން ކުރާނެ ގޮތުގެ ޓެކްނިކަލް ލެވެލް އެއްބަސްވުންތަކެއް އިނގިރޭސިންނާއި އެކު ހައްދަވާފައެވެ. ރައީސް ނަޝީދު ވަނީ، އެދިމާލުން ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް ކްލެއިމް ކުރެއްވުމަށް ހުށަހަޅުއްވާފައެވެ. އަދި ވިދާޅުވީ ފޯޅަވަހި މައްސަލަ ނިންމަންވާނީ އެންމެންގެ މެދުގައި ވާހަކަދެކެވިގެން ކަމަށެވެ. ޑިޕްލޮމަސީގައި އެ ދެ ރައީސުން ވެސް ދައްކަވާފައި އެވަނީ، ފޯޅަވަހީގައި ދިވެހިންގެ މަސްލަޙަތު އޮތް ކަމަށެވެ. މިކަން މުހިއްމު ވަނީ، ބައިނަލް އަޤްވާމީ ޤާނޫނުގައި ޑިކޮލޮނައިޒޭޝަންގެ މައްސަލަތައް ނިންމޭނީ މަސްލަހަތު އޮތް އެންމެންގެ މަސްލަޙަތަށް ބަލައިގެންނެވެ.

ރައީސް ވަޙީދުގެ ވެރިކަމުގައި ފޯޅަވަހި މައްސަލަ ތިލަ ނުވެއެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި 2017 ގައި އައިސީޖޭގެ ލަފަޔަކަށް އެދި މޮރިޝަސް އިން ހުށަހެޅުމުން ދިވެހިރާއްޖެ ވޯޓުލީ މޮރިޝަސްއާއި ދެކޮޅަށެވެ. ނަމަވެސް ޤަރާރު ފާސްވިއެވެ. ރައީސް ޞޯލިހުގެ ވެރިކަމުގައި އައީ، އައިސީ ޖޭގެ އިސްތިޝާރީ ލަފާ ހިފައިގެންނެވެ. ޖެނެރަލް އެސެމްބްލީގައި އެދުނީ އެލަފަޔަށް ޢަމަލުކުރުން ލާޒިމު ކަމުގައި ވޯޓު ދިނުމަށެވެ. ރައީސް ސޯލިހުގެ ސަރުކާރުން ވޯޓު ދިނީ މޮރިޝަސް އާއި ދެކޮޅަށެވެ. ނަމަވެސް ޤަރާރު ފާސްވިއެވެ. އެހެންވެ އެޤަރާރު ހިފައިގެން މޮރިޝަސް ދިޔައީ އިޓްލޮސް އަށެވެ. ކަނޑު ބަހާށެވެ. މިހުރިހާ ކަމެއް މިދަނީ ޣައިރު ޤާނޫނީ ކޮށެވެ. ފޯތު ކޮމިޓީ ނުހިމަނާ ޑިކޮލޮނައިޒް ކުރުމުގެ މައްސަލައެއް އދ. ގެ ތެރެއިން ކުރިއަށް ގެންދަނީއެވެ. ރައީސް ޞޯލިޙު އިޓްލޮސްގެ އަޑު އެހުމުގައި ރާއްޖެއިން ބައިވެރިވާން ފުރަތަމަ ދެކޮޅު ހެއްދެވިއެވެ. ޑިކޮލޮނައިޒް ކުރުމުގެ ކުރިން އިޓްލޮސް އިން ކަނޑު ނުބެހޭނެ ކަމަށް ބުނެއެވެ. ނަމަވެސް އިޓްލޮސްއިން އެންގީ އައިސީޖޭގެ ލަފާޔަށް އަމަލު ކުރަން ޖެނެރަލް އެސެމްބްލީ އިން (ޣައިރު ޤާނޫނީ) ވޯޓު ދީފައިވާތީ، ޝަރުޢީ ބޭނުމަށް، ކޯސްޓަލް ސްޓޭޓަކީ މޮރިޝަސްކަމަށް ބަލައިގެން މައްސަލަ ނިންމުމުގެ އިހްތިސޯސް (އެމައްސަލައިގާ އެވަގުތަށް އެކަނި) އިޓްލޮސްއަށް ލިބިގެންވާ ކަމަށެވެ. އެގޮތަށް އެންގުމުން ދެން ދިވެހިރާއްޖެ ބައިވެރި ނުވި ނަމަ މޮރިޝަސް އެދުނު ގޮތަށް، ވަގުތީ ގޮތުން ނަމަވެސް ކަނޑު އެމީހުންނަށް ލިބުނީހެވެ. ނަމަވެސް ދިވެހި ސަރުކާރުން އަނބުރާ އަޑު އެހުމުގައި ބައިވެރިވެ ފުށުއަރާ ސަރަޙައްދުގެ ބޮޑުބައި ހޯދިއެވެ. އެހެންވީމާ ސޯލިހުގެ ސަރުކާރުންވެސް ފޯޅަވަހީގެ މައްސަލާގައި އެންމެ ފުކެއްވެސް ދޫކޮށްފައެއް ނުވެއެވެ. ދެން އޮތީ މިހާރުގެ ސަރުކާރެވެ. މިހާރުގެ ސަރުކާރުންވެސް ފޯޅަވަހި ހޯދުމަށް، ރައީސް މުޢިއްޒު އިނގިރޭސި ވިލާތަށް އެވަނީ ސިޓީ ފޮނުއްވާފައެވެ. އަދި އެމަސައްކަތް ކުރެއްވުމަށްޓަކައި އިނގިރޭސިވިލާތުގެ ލޯ ފާމެއް ކަމުގައިވާ ހޯގަން ލޮވެލްސް އާއި ހަވާލު ކުރެވިފައިވާކަމަށް އެނގިފައިވެއެވެ.

ހަވަނަ ކަމަކީ، 30 އަހަރު ރާއްޖޭގެ ވެރިކަން ކުރެއްވި ރައީސް މައުމޫނާއި، ދިވެހިރާއްޖޭގައި ތިންބާރު ވަކިވެފަ އޮތް ޑިމޮކްރެޓިކް ވެރިކަމުގެ ޤާނޫނު އަސާސީ އެކުލަވާލި ޚާއްޞަ މަޖުލިހުގެ ރައީސް އޮނަރަބްލް ޤާސިމް އިބްރާހިމް އާއި، ކުރީގެ އިސް ވަޒީރުން ތަކެއް ސޮއިކުރައްވާ، ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ތަނެއް ކަމުގައި ބުނެ، އިނގިރޭސި ސަރުކާރަށް ހުށަހެޅުމަށްޓަކައި، ރާއްޖޭގައި ހުންނަ އިނގިރޭސި ހައިކޮމިޝަނަށް ހުށަހެޅުނެވެ. އެކަން ކުރީ މިހަރަކާތުގެ ފަރާތުންނެވެ. އެއީ، އިނގިރޭސިންނާއި މޮރިޝަސް ދެމެދުގައި ފޯޅަވަހީގެ ސިޔާދަތު މޮރިޝަސްއާއި ޙަވާލު ކުރުމުގެ އެއްބަސް ވުމުގައި ސޮއި ކުރުމާއި ގުޅިގެންނެވެ. ބޭނުމަކީ، ރިކޯޑަށްޓަކައި، އެއްބަސްވުން ތަޞްދީގު ކުރުމުގެ ކުރިން ދިވެހިރައްޔިތުންގެ ފަރާތުން ފޯޅަވަހި ހޯދަން އިނގިރޭސި ސަރުކާރުގައި އެދިފައިވާ ކަން އެގެން އޮތުމެވެ. ދެ ގައުމެއްގެ ދެމެދުގައި ވަކިކަމެއް ކުރަން އެއްބަސްވެ ސޮއިކުރުމަކީ، އަދި އެދެޤައުމެއްގައިވެސް، އެއަށް ޤާނޫނީ ޙައިޞިއްޔަތު ލިބޭ ކަމެއް ނޫނެވެ. އެއަށް ޤާނޫނީ ޙައިޞިއްޔަތު ލިބޭނީ އެ ދެޤައުމުގެ ތެރެއިން ކޮންމެ ޤައުމެއްގެވެސް ޕާލަމެންޓުން އެ އެއްބަސްވުމެއް ރެޓިފައި ކުރާ ހިސާބުންނެވެ. އެހެންވެ މި ޙަރަކާތުގެ އަމާޒަކަށްވީ، ކޮންމެހެން ހަދައިގެންވެސް، އޮޓޮމެޓިކުން އެއްބަސްވުން ރެޓިފައި ވެދާނެ ޙާލަތެއްގައިވެސް، އެ މުއްދަތުގެ ކުރިން އިނގިރޭސި ދައުލަތުގައި ފޯޅަވައްސަކީ ދިވެހިރައްޖޭގެ ތަނެކޭ ބުނެފައި ބޭއްވުމެވެ.

ހަތްވަނަ ކަމަކީ، ދިވެހިރާއްޖޭގެ ރައީސުން އިނގިރޭސި ސަރުކާރުގައި ފޯޅަވަހި ހޯދުމަށް އެދެނީ ކީއްވެ ހެއްޔެވެ؟ އޭގެ ބަދަލުގައި އދ. ގައި ނު އެދެނީ ކީއްވެހެއްޔެވެ؟ ޖަވާބަކީ، މޮރިޝަސްއާއި، ފޯޅަވަހި، އަދި ދިވެހިރާއްޖެއާއި ބެހޭ ގޮތުން، ޑިކޮލޮނައިޒް ކުރުމުގެ މެންޑޭޓެއް އދ. ގެ ފޯތު ކޮމިޓީގައި ނުވަތަ ސީ-24 ގައި ނެތުމެވެ. ސަބަބަކީ، މިއިން އެއްވެސް ޤައުމެއް ނުވަތަ ސަރަޙައްދެއް، އެއްކަލަ އިސްތިޢުމާރު ނައްތާލާ ދަފްތަރުގައި ހިމެނިފައި ނެތުމެވެ. މޮރިޝަސް އެ ދަފްތަރުގައި 1946 ގައި ހިމެނުނެވެ. ނަމަވެސް 1968 ގައި މޮރިޝަސްއަށް މިނިވަން ކަން ދިނުމާއި އެކު، އދ. އިން ވަނީ މޮރިޝަސް އެ ދަފްތަރުން އުނި ކޮށްފައެވެ. އެހެން ކަމުން އިނގިރޭސި ވިލާތުން އައީ ފޯޅަވަހީގެ މައްސަލަ ފޯތް ކޮމިޓީ އިން ބެލުމަށް ދެކޮޅު ހަދަމުންނެވެ. އަދި ބުނަނީ އެ މައްސަލައަކީ އިނގިރޭސި ވިލާތާއި، މޮރިޝަސްއާއި ދެމެދުގެ ބައިލެޓަރަލް މައްސަލެއްގެ ގޮތުގައެވެ. ޙަވާލާ ދެމުން ދިޔައީ ލަންކާސްޓަރ ހައުސް ވާހަކަތަކުގެ ޔައުމިއްޔާ އަށެވެ. "ލަންކާސްޓަރ ހައުސްގެ ބިރުވެރި ޑައިރީ" ގެ ނަމުގައި މިޔައުމިއްޔާގެ ވާހަކަ ޙަރަކާތުގެ މެންބަރުންނަށް މިހާރުވާނީ ކިޔައިދެވިފައެވެ.

ވީމާ ފޯޅަވަހީގެ މައްޗަށް ދައުވާއެއް ކޮށް، އެތަން ހޯދުމަށް އެއްވެސް ވާހަކައެއް ދެއްކޭނީ، ޙައްޤު ގެއްލިފައިވާ މީހުން ތަކެއް ތިބި ނަމަ، އެކަމުގެ ހެކި ހުށަހަޅައިގެންނެވެ. ދިވެހި ސަރުކާރަށްވެސް، ނުވަތަ މިޙަރަކާތަށްވެސް، އދ. ގެ ހިއުމަން ރައިޓްސް އާއި ބެހޭ ތަނަކަށްވެސް މައްސަލަ ވެއްދޭނީ، ތިމަންނާ މެންގެ ރައްޔިތުންގެ (ތާރީޚީ، ސަޤާފީ، ސަރަޙައްދީ އަދި އެނޫން ވިޔަސް) ޙައްޤުތަކެއް ގެއްލުމުގެ ސަބަބުން އަސަރު ފޯރި އާބާދީއެއް ދައްކައިގެންނެވެ. އދ. އިން ޙިމާޔަތް ކުރަނީ، ސަރުކާރުތަކުގެ ޙައްޤުތަކެއް ނޫނެވެ. ފަރުދުންގެ ޙައްޤުތަކެވެ. އިންސާނުންގެ ޙައްޤުތަކެވެ. އާބާދީއެއްގެ ޙައްޤުތަކެވެ. ޙައްޤު ގެއްލުނު ބަޔަކު ނެތި ސަރުކާރަކަށް ދެވޭނީ ކޮންތާކަށް ކޮން ޙައްޤެއް ހޯދުމުގެ ދައުވާއެއް ކުރަންތޯއެވެ؟ އަންނަ ކޮންމެ އިންތިޚާބެއްގައި، ފޯޅަވައްސަކީ ސިޔާސީ ހަތިޔާރަކަށް ހަދައިގެން ތަންތާ އެވާހަކަ ދައްކާ، ޤައުމު ބައިބައި ކުރުމަކީ، ފޯޅަވަހި ހޯދުމުގެ ނިޔަތުގައި ކުރާ ކަމެއް ނޫނެވެ. އެއީ އިސްތިޢުމާރީންނަށް ވެދޭ މަދަދެކެވެ.

އަށްވަނަ ކަމަކީ، އެ މަޒްމޫނުގައި ބުނެފައިވާ ޗާގޯސިއަނުންގެ ވާހަކައެވެ. މައިގަނޑު ގޮތެއްގައި ޗާގޯސިއަނުން ތިބީ ތިން ބަޔެކެވެ. އެއީ މޮރިޝަސްގައި ތިބި 3500 ޗާގޯސިޔަނުންނެވެ. ދެ ވަނަ ބަޔަކީ އިނގިރޭސި ވިލާތުގައި ތިބި 4500 ޗާގޯސިޔަނުންނެވެ. ތިންވަނަ ބަޔަކީ، ސީޝޭލްސްގައި ތިބި 2000 ޗާގޯސިއަނުންނެވެ. އާބާދީގެ ޢަދަދަށް ބަލާ އިރު އިނގިރޭސި، އަދި ސީޝެލްސްގެ ޗާގޯސިޔަނުން މޮރިޝަސްއާއި ގުޅެން ދެކޮޅެވެ. އާދެ! ޗާގޯސިޔަނުންގެ އަޣުލަބިއްޔަތު މޮރިޝަސްއާއި ގުޅެން ދެކޮޅެވެ. ނަމަވެސް ކުރިންވެސް އެތައްފަހަރަކު ކިޔައިދެވިފައިވާނޭ ފަދައިން، ފޯޅަވަހީގެ އިސްތިޢުމާރުގެ ސަބަބުން އަސަރު ފޯރި އާބާދީތަކަށް ރިޢާޔަތް ނުކޮށް، ސިޔާސީ ގޮތުން އދ. ބޭނުން ކޮށްގެން، އެފްރިކަން ޔުނިއަނާއި، ނަން އެލައިންޑް މޫވުމަންޓާއި، ސޮވިއެޓް ބްލޮކުގެ މެޖޯރިޓީ ވޯޓުން 1965 ގައި، ފާސް ކޮށްފައިވާ ޤަރާރު ނަމްބަރު 2066 ހިފައިގެން މޮރިޝަސް ނިންމީ ރާޅާ އަޅަން ނުކުމެ، ދިވެހިރާއްޖޭގެ ކަނޑުތައް ފޭރޭށެވެ. ޑިކޮލޮނައިޒް ކުރުމުގެ ހުރިހާ މަފްޙޫމް ތަކަކާއި ދެކޮޅަށެވެ. މޮރިޝަސްއިން އުޅެނީ ޗާގޯސިޔަނުންގެ ޙައްޤުތަކެއް ހޯދާ ކަށެއްވެސް ނޫނެވެ. 1968ގައި މޮރިޝަސް އުފަންވެ މިނިވަންކަން ލިބުމުން އެކުލަވާލި ފުރަތަމަ ޤާނޫނުއަސާސީގައިވެސް، ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ހިމެނިފައިނުވެއެވެ. ފޯޅަވައްސަކީ މޮރިޝަސްގެ ބައެއް ކަމަށް، ޤާނޫނުގައި ހިމެނީވެސް ބައިނަލް އަޤްވާމީ ކަނޑުގެ ޤާނޫނު އުފަންވަމުން އައި ދުވަސްވަރު، އެ ޤާނޫނުގެ ފައިދާ ނެގުމުގެ ބޭނުމުގައި 1982 ވަނަ އަހަރުއެވެ. އިސްތިޢުމާރުގެ ކުރިން ދިވެހިރާއްޖޭގެ ބައެއްގެ ގޮތުގައި އޮތް ސަރަޙައްދެއް، މަކަރާއި ހީލަތާއި އޮޅުވާލުމުގެ ތެރެއިން ޖަހައިގަތުމުގެ ރޭވުމުގައެވެ.

ނިންމުމުގެ ގޮތުން، ދަންނަވާލަމެވެ. ފޯޅަވަހީގެ މައްސަލައަކީ، މޮރިޝަސްއަށް މާ ފަހިކޮށް އޮތް މައްސަލައެއް ނޫނެވެ. ޗާގޯސިއަނުންނަކީ، މޮރިޝަސްގެ ބައެއް ނޫނެވެ. މޮރިޝަސްގައި ތިބި މަދު ޗާގޯސިއަނުން މޮރިޝަސް ދަށަށް ފޯޅަވަހި ދާން ތާއީދު ކުރިޔަސް، އިނގިރޭސި ވިލާތާއި، ސީޝެލްސްގައި ތިބި، ޗާގޯސިޔަނުން މޮރިޝަސް ދަށަށް ދާން ބޭނުމެއް ނުވެއެވެ. އެސަބަބާއި ހެދި، މޮރިޝަސް މަސައްކަތްކުރީ އަވަހަށް އެގްރިމެންޓަކުން މިކަން ނިންމާލާށެވެ. އެއީ ފިލިޕް ސޭންޑްސް ލަފާ ދީފައި ވާގޮތް ކަމަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް ކަންވީ ގޮތަކީ، އެއެގްރިމެންޓް ހެދި ކުރީގެ މޮރިޝަސް ސަރުކާރު ވެއްޓުނީއެވެ. ރަންގޫލާމް ވެރިކަމަށް އައީ، ފޯޅަވހީގެ ސިޔާދަތު ކުރީގެ ސަރުކާރުން ވިއްކާލަނީއޭ ކިޔަމުންނެވެ. މިހާރު ވެރިކަމުގައި ހުރީ އޭނާއެވެ. ނަތީޖާއަކީ އޭނާގެ ވެރިކަމުގައި ކުރިން ބުނިއެތި ކެންސަލް ކުރެވެން ނެތުމެވެ. އެހެންވެ، މި އެއްބަސްވުން، ރަންގޫލާމްގެ މެޖޯރިޓީ އޮތް އެތާގެ ޕާލަމެންޓުން ރެޓިފައި ކުރެވޭކަށް ނެތެވެ. އޭނާ ވެރިކަމަށް ގެނައީ އެގްރިމެންޓާއި ދެކޮޅު ރައްޔިތެކެވެ. އާދޭހެވެ. މުނާފިގުންގެ މައްޗަށް މުނާފިގުން ފާ ކުރައްވާނެތެވެ.

މިއަދު އދ. ގެ ސާޑް އިން އެވަނީ އެގްރިމަންޓް ކުރިއަށް ނުގެންދިއުމަށް ގޮވާލާފައެވެ. އަސަރު ފޯރި ހުރިހާ އާބާދީއެއްގެ ޝާމިލުވުން މައްސަލަ ޙައްލު ކުރުމުގައި އޮންނަންވާނެކަމަށް އަންގަމުންނެވެ. ބައިނަލް އަޤްވާމީ ޤާނޫނުގައި މީގެ މާނަޔަކީ، ފޯޅަވަހި މައްސަލަޔަކީ ނުނިމޭ ހުޅުވިފައި އޮތް މަސަލައެއް ކަމެވެ. ފޯޅަވަހި ކޮލޮނައިޒް ކުރުމުގެ ސަބަބުން އެންމެ ފުރަތަމަ އަދި އެންމެ ބޮޑަށް އަސަރު ފޯރީ ދިވެހިރާއްޖެއަށެވެ. ދެކުނުގެ ރައްޔިތުންނަށެވެ. ފޯޅަވަހީގައި ދިރި އުޅުނު ދިވެހިންނަށެވެ. ކަނޑު މަތިންނާއި، ރަށްރަށުން ޖަހައިގަނެގެން ގެންގޮސް އެތާގައި އަޅު މަސައްކަތް ކުރުވި ދިވެހިންނަށެވެ. ވީމާ ދިވެހިން ބައިވެރި ނުކޮށް އެ މައްސަލަ ނިންމޭނެތޯއެވެ. އަދި މިހާރު ޗާގޯސިޔަނުންނޭ ކިޔައިގެން އުޅޭ ދިވެހިން ބައިވެރި ނުކޮށް އެމައްސަލަ ނިމޭނޭތޯއެވެ. ރާއްޖޭގެ ފޯއްމުލަކުގެ ރައްޔިތހުންނަށް "ފުވައްމުލަކިއަންސް" އޭ ކިޔުމަކުން އެއީ ދިވެހިން ނޫންކަމަށް ވާނެތޯއެވެ. ހަމަ އެގޮތަށް ދިވެހިރާއްޖޭގެ ފޯޅަވައްސަށް ޗާގޯސްއޭ ކިޔާފައި، ދެން އެތާ ތިބި ދިވެހިންނަށް ޗާގޯސިޔަނުންނޭ، ކިޔުމަކުން ފޯޅަވަހީގައި ތިބީ ދިވެހިން ނޫންކަމަކަށް ވާނެތޯއެވެ. މިހިސާބުން ކުރިން ދެންނެވި މަޒުމޫނުގައި ލިޔެފައިވާ ވާހަކަތަކަށް އިންސާފު ކޮށްލާނަމެވެ. އާދެ! ފޯޅަވަހީގެ މައްސަލައިގާ ހުޅުވުނީ ހަނި ދޮރެއް ނޫނެވެ. އަދި އެ ދޮރު ބަންދުވުމުގެ ފުރުޞަތު ދެން ވަރަށް ކުޑަވާނެއެވެ. މާތް ﷲގެ ވާގިފުޅުން އެދޮރުން ދެން ދިވެހިން ވަންނާނީ ބާރު ސްޕީޑުގައެވެ.