January 28, 2026

ފޯޅަވަހި ޕޮލްވާރާއަށްވެ، ޕޮލްވާރާ ޗާގޯސްއަށް ވުން: އިސްތިޢުމާރީން ރަށްރަށް ގެއްލުވާލުމާއި، އެ ރަށްރަށުގެ އާބާދީތައް ފޮހެލުމުގެ ތެރެއިން ...

ދިރާސާ ކުރަން ބަލާފައިވާ ޗާޓުތައް ފޮޓޯ ލިންކުން ބައްލަވާ
ޕެން ފޯ ރައިޓްސް / އައުޓްރީޗް ކޯޑިނޭޝަން ޑެސްކު
ލަކްޝަދީބާއި ފޯޅަވަހި ހިމެނޭ ގޮތަށް، ރާއްޖޭގެ ކޮންމެ ދިމާޔަކުން ވިޔަސް ދަތުރަށް ފުރާށެވެ. ސަމުގާގެ މިސްރާބުން ތީރު އަސްތަމާނަށް އޮޑި ނަގަހައްޓާށެވެ. މޮޅު މާލިމީންނާއި، ދިވެހި ނެވިންނާއި، ކަމުގެ އުސްތާޒުން ވިދާޅުވާ ގޮތުގައި، އެމިސްރާބުގައި ދުއްވުމުން އަތުވާނީ "ތީރުރާއްޖޭގެ" ރަށްތަކެވެ. މިއީ ސަމުގާގެ މިސްރާބަށް ނިޞްބަތްކޮށް ދިވެހިން ނަންދީފައިވާ ރަށްތަކެކެވެ. މީލާދުން 1462 ގައި، މަޝްހޫރު ޢަރަބި މާލިމީ އަދި ސައްޔާޙު އިބްނި މާޖިދު، ލިޔުއްވާފައިވެއެވެ. "ތިރިރަގާ" (ތީރުރާއްޖެ) ގެ ރަށްތަކަކީ ދިވެހިރާއްޖޭގެ ބައެކެވެ. މިއަދުގެ ނަމުންނަމަ އެއީ، މަސްކަރީން ސަރަޙައްދު ހިމެނޭ ގޮތަށް، މަޑަގަސްކަރައިގެ ހުޅަނގު އުތުރުން އެ ކަރަ ވަށާލައިގެން، އިރުމަތީ ފަރާތުން އައިސް އެ ކަރައިގެ އިރު ދެކުނަށް، އެތުރިފައިވާ ރަށްތަކެވެ. ތީރުރާއްޖޭގެ ރަށްތަކަށް ކުރިން ކީ ނަންތައް ބަދަލުވީ ވަސްކޮޑަގާމާ އާއި ޕޭދްރޯ މަސްކަރިންޔާސް މި ސަރަޙައްދަށް އައި ފަހުންނެވެ. ވަކިން ޚާއްޞަކޮށް ޕޭދްރޯ މަސްކަރިންޔާސް އާއި ދިމާވި ރަށަކަށް "ދޮމް ގާސިއާ" ނުވަތަ "ދޮމް ގާސިއާ ޖެ ނޮރޯންޏަ" އޭ ކިޔާ ނަންދިނެވެ. ފަހުން މި ރަށް ވެގެން ދިޔައީ ޑިއެގޯ ގާސިއާ އަށެވެ. ނަމަވެސް ޗާޓެއްގައި މިރަށުގެ ނަން ފުރަތަމަ ހިމެނީ، މީލާދުން 1550 ގައި ޕިއާޚް ދެސިލިއޭ (Pierre Desceliers) އެވެ. އޭނާއަކީފަރެންސޭސި ކާޓޯގްރާފަރެކެވެ.

އޭގެފަހުން މިރަށް ކައިރީގައި އޮތް ދެ ތިލައިން އެއް ތިލަޔަށް ޗަގަސްއޭ ކިޔެވެ. އަނެއް ތިލަޔަށް ޕޭރޮސް ބެނޯސް އޭ ކިޔަން ފަށައިފިއެވެ. އޭރުއްސުރެ ޗާޓުތަކުން އަބަދުވެސް މިރަށާއި، މި ފަޅުތައް ދައްކަނީ ރާއްޖޭގެ ހުޅަނގުންނެވެ. ޚާއްޞަކޮށް އައްޑު އަތޮޅަށް ވުރެ އުތުރުން ރާއްޖެއާ ވަރަށް ދުރުންނެވެ. ހަމައެއާއިއެކު އައްޑު އަތޮޅުގެ ދެކުނުން، "ޕޮލްވާރާ"، "ޕޮލްވަރެއިރާ"، "ޕޮލޮވޮއިސް" މި ނަން ނަމުން ކިޔާ ރަށެއް ނުވަތަ ރަށްތަކެއް ޗާޓުގައި ދިރިއުޅެމުން އާދެއެއެވެ. ގާތް ގަނޑަކަށް 250 އަހަރު ވަންދެން ޑިއެގޯ ގާސިއާ-ޗަގަސް އާއި ޕޮލްވާރާ އެކުއެކީގައި، ޗާޓުތަކުގެ މި ދެ ސަރަޙައްދުގައި ދިރިއުޅެމުން އައެވެ. އެއަށް ފަހު މަޑު މަޑުން، ރާއްޖެއާ ގާތަށް، އައްޑު އަތޮޅާ ދިމާ ދެކުނަށް ޑިއެގޯ ގާސިއާ-ޗަގަސް ޗާޓުތަކުގައި ދަތުރު ކުރަން ފައްޓައިފިއެވެ. އެންމެ ފަހުން އައްޑު އަތޮޅުގެ ދެކުނުން "ޕޮލްވާރާ" އާއި އަރާ ހަމަކޮށް، ޗާޓުތަކުން ޕޮލްވާރާގެ ނަން ފޮހެލައި އެތަނުގައި ޑިއެގޯ ގާސިއާ-ޗަގަސްގެ ނަން ޤާއިމު ވެއްޖެއެވެ.

މިލިޔުމުގައި ބަލައިލާނީ ފޯޅަވައްސަށް ޕޮލްވާރާ ކިޔުނު ގޮތާއި، ފަރަންސޭސި ކާޓޯގްރާފަރު ޕިއާޚް ޑެސިލިއޭ އާއި، ދިވެހިރާއްޖޭގެ 9 ވަނަ ހަސަން ރަސްގެފާނާއި ތާރީޚީ ގޮތުން ގުޅެނީ ކިހިނެއްތޯއެވެ. އަދި ހަސަން ރަސްގެފާނުގެ ސިޓީފުޅުގައި ފޯޅަވައްސަށް "ޕުއްލޮބޭ" (Pullobay) ކިޔާފަ، ޕިއާޚް ދެސިލިއޭގެ ޗާޓުތަކުގައާއި އެއަށް ފަހު 19 ވަނަ ޤަރުނާއި ޖެހެންދެން ނުކުތް އިސްތިޢުމާރީ ޗާޓުތަކުގައި "ޕޮލްވަހާ" (Polvara)، "ޕޮލްވަހިއާ" (Polvareira)، "ޕޮލޮވައީ" (Pollowois) މި ގޮތްގޮތަށް ލިޔެފައި ވަނިކޮށް، ޕިރާޑް ފޯޅަވައްސަށް ޕޮލުއޭސް (pollouoys) ލިޔެފައިވަނީ ކީއްވެގެންތޯއެވެ. އަދި މިއަށްވުރެ ބޮޑަށް ވަކި ހިސާބަކުން މިރަށްތައް ޗާޓުތަކުން ގެއްލުނީ ކީއްވެތޯއެވެ.

ތީރުރާއްޖޭގެ ރަށްރަށުގެ ނަންތައް ބަދަލުވުން
އާދޭހެވެ! ކުރިންވެސް ދެންނެވި ފަދައިން މީލާދުން 1462 ގައި، ކަނޑުގެ ސިންގާގެ ނަމުން މަޝްހޫރު އަރަބި ނެވިގޭޓަރު އިބްނި މާޖިދު ލިޔުއްވާފައިވާ ގޮތުން ތީރު ރާއްޖެއަކީ ދިވެހިރާއްޖޭގެ ބައެކެވެ. މިހާރުގެ ގޮތުން ކޮމޮރޯސް، އަލްދަބްރާ، ފަރްޤުހާރު، ސީޝެލްސް، މޮރިޝަސް، ރޮޑްރިގުއޭޒް އާއި، ރިޔުނިއަން ފަދަ ރަށްތައް މީގެ ތެރޭގައި ހިމެނެއެވެ. މީލާދުން 1498 ގައި، ވަސްކޯޑަގާމާ އެފްރިކާގެ ކޭޕް ވަށާލައި، ހުޅަނގު އިންޑިއާ ކަނޑުގެ ތީރުރާއްޖެއަށް ވަން ވަނުމަކީ ޕޯޗުގީޒުން މިސަރަޙައްދަށް އައުމުގެ ފެށުމެވެ. އޭގެ ފަހުން މީލާދުން 1512 ގައި ޕޭދްރޯ މަސްކަރިންޔާސް މި ސަރަޙައްދަށް އައުމުގެ ނަތީޖާ އަކީ، ތީރުރާއްޖޭގެ ބަޔަކަށް އޭނާގެ ނަމާއި ގުޅުވައިގެން، މަސްކަރީން އޭ ކިޔަން ފެއްޓުމެވެ. މިތަނުން އެމީހުނާ ދިމާވާހާ ރަށަކަށް ނަން ކިޔަމުން ގެންދިޔައެވެ. އެއްރަށަކަށް އެތައް ނަމެއް ކިޔާފަ އެބަހުއްޓެވެ. އަލަށް އަންނަ ކޮންމެ ޕޯޗުގީޒު މާލިމީ އަކު އޭނާގެ ނަމާއި ގުޅުވައިގެން ނުވަތަ ދިމާވާ ހާދިސާ ތަކާ ގުޅުވައިގެންވެސް ނަން ކިޔަމުން ގެންދިޔައެވެ. ކިޔާފަ ހުރި ބައެއް ނަންތައް ދީނީ ރަމްޒުތަކާއި، ސުޢޫރުތަކާއި ގުޅުވާފަވެސް އެބަހުއްޓެވެ. މިގޮތުން "ޗަގަސް" އަކީވެސް އެމީހުންގެ އަޤީދާގައި، ޢީސާގެފާނުގެ ހަށިކޮޅަށް ލިބިވަޑައިގެންނެވި ކަމަށް ބުނާ ފަސް ޒަޚަމް (ދެއަތްޕުޅާއި، ދެފައިންޕުޅާއި، މޭމަތިފުޅަށް ޖެހި ދަގަނޑު އޫތަކުން ލިބިވަޑައިގެންނެވި ކަމަށް ބުނާ ޒަޚަމް) ގެ ސަބަބުން އުފެދުނު ފާރުގަނޑުތަކަށް ނިޞްބަތްކޮށް ދެވިފައިވާ ނަމެއް ކަމުގައި ބުނެފައި ހުރެއެވެ.

ވަސްކޮޑަގާމާ ޗާޓެއް ނުކުރަހާ – ސިއްރު ބޭޒާރެއް ގޮތުގައި ކެންޓީނޯ ޕްލެނިސްފެއާ
އާދޭހެވެ! ވަސްކޮޑަގާމާ އިންޑިއާ ކަނޑުގެ ނުވަތަ ދިވެހިރާއްޖެއާއި، ތީރުރާއްޖެ ހިމެނޭ ސަރަހައްދުގެ ޗާޓެއް ކުރަހާ ނަން ޖަހާފައެއް ނުވެއެވެ. ސަބަބަކީ ވަސްކޮޑަގާމާ އަކީ ކާޓޯގްރަފަރެއް (ޗާޓް ކުރަހާ މީހެއް) ނޫނެވެ. އޭނާއަކީ މޮޅު މާލިމީއެކެވެ. އެހެންވީމާ ޕޯޗުގީޒު ރަސްކަމުގެ ފަރާތުން، އެ ރަސްކަމަށް ނިސްބަތްވާ މާލިމީން ހޯދާ ތަންތަނާއި، ނެވި ކަމާއި ނިޔަމިކަމުގެ މަޢުލޫމާތުތަކަކީ ދައުލަތުގެ ބޮޑު ސިއްރެކެވެ. މާލިމީން ހޯދާ މަޢުލޫމާތުގެ މައްޗަށް ޗާޓު ކުރަހާ، އެތަކެތި ބަހައްޓަނީ ރަސްގެފާނުގެ ގަނޑުވަރުގައެވެ. ދައުލަތުގެ ބޮޑު ސިއްރެއްގެ ގޮތުގައެވެ. މި ޒަމާނުގައި ޖާސޫސުން މެދުވެރިކޮށް އެއްޤައުމުން އަނެއް ޤައުމުގެ ނިއުކްލިއަރ ސިއްރުތަކާއި، އެނޫންވެސް ސިއްރުތައް ވަގަށް ނަގަން މަސައްކަތް ކުރެއެވެ. ހަމަ އެފަދައިން، އެ ޒަމާނުގައި ދުނިޔެ އިސްތިޢުމާރު ކުރަން ނުކުތް ޤައުމުތަކުން ޖާސޫސުން މެދުވެރިކޮށް އެއް ގައުމުން އަނެއްގައުމު ހޯދާފައި ހުރި ތަންތަނާއި، ދަތުރު ކުރެވިފައިވާ ހިސާބުތަކާއި، އެތަންތަނުން ލިބެންހުންނަ ގޮވާމާއި، ޤުދުރަތީ މުދަލާއި، މަޢުދަނުގެ މަޢުލޫމާތު ޖާސޫސުން މެދުވެރިކޮށް ވަގަށް ނަގަން މަސައްކަތް ކުރެއެވެ.

އެހެން ކަމުން ވަސްކޮޑަގާމާގެ ނިޔަމިކަމުގެ ރިކޯޑުތަކުން ލިބުނު މަޢުލޫމާތު ހިމެނޭ ކަމަށް ބެލެވޭ ޗާޓެއްގެ ގޮތުގައި، ޢާއްމުވި ފުރަތަމަ ޗާޓަކީ، އިންޓެލިޖެންސް ލީކެއްގެ ގޮތުގައި 1502 ގައި ނުކުތް "ކެންޓީނޯ ޕްލެނިސްފެއާ" (Cantino planisphere) އެވެ. މިގޮތަށް މި ޗާޓަށް ނަން ދެވުނީ، މި ޗާޓް ވަގަށް ނެގުމަށް މެދުވެރިވި އަލްބާޓޯ ކެންޓީނޯއަށް ނިސްބަތް ކޮށެވެ. ކެންޓީނޯ އަކީ ޕޯޗުގީޒުގެ ލިޒްބަންގައި ހުރެގެން، އިޓަލީގެ ޑިއުކް އޮފް ފެރާރާ އަށް މަސައްކަތް ކޮށްދިން އެޖެންޓެކެވެ. ކެންޓީނޯ އޭނާގެ ފައިނޭންސަރަށް އަންގާފައިވާ ގޮތުގައި ޗާޓު ހޯދުމަށްޓަކައި ރަނުގެ 12 ޑަކިޓް (gold ducats) ޚަރަދު ކުރަން ޖެހުނެވެ. އެއީ އެ ޒަމާނަށް ބަލާއިރު ފައިސާއިން ވަރަށް ބޮޑު ޢަދަދެކެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ވަގަށް ނެގުނީ ޕޯޗުގީޒުން ކުރަހާފަ އޮތް ޗާޓެކެވެ. ނަމަވެސް އެވާހަކަޔާ މެދު ސުވާލު އުފެދެނީ، ޗާޓު ކުރެހިމީހާގެ ނަން ޗާޓުގައި ނުވަތަ އެއްވެސް ލިޔެ ކިޔުމެއްގައި އެގެން ނެތުމުންނެވެ. އެހެންވެ ގިނަ ބަޔަކު ބުނަނީ، ޕޯޗުގީޒުންގެ ރަސްކަމުގެ އެތެރޭގައި، ކަމުން އަރާހުރި ކާޓޯގްރާފަރަކު ލައްވާ، ވަސްކޮޑަގާމާއާއި، އެނޫނަސް ޕޯޗު ގީޒު މާލިމީން އެއްކޮށްފައި ހުރި ރިކޯޑްތަކުގެ މައްޗަށް، ރޮބާޓޯ ކެންޓީނޯ ރިޝްވަތު ދީގެން ޗާޓު ކުރެއްސީ ކަމަށެވެ. އަދި ކުރެހި ޗާޓު، ރޮބާޓޯ ކެންޓީނޯ އިޓަލީއަށް ސްމަގްލް ކުރީ ކަމުގައެވެ. މިތަނުގައި ފާހަގަ ކުރަން ބޭނުން ވަނީ، މިޗާޓުގައި ޕޮލްވާރާ، ޕޮލްވަރެއިރާ، ނުވަތަ ޕޮލޮވިސް އޭ ކިޔާ ރަށެއްވެސް ހިމަނާފައި ނުވާކަމެވެ.

ޕޭދްރޯ މަސްކަރިންޔާސްގެ ހޯދުންތަކާއި، ސްޕޭނާ އިދިކޮޅު ޕޯޗްގީޒް-ފަރަންސޭސި އިއްތިހާދު
ވަސްކޮޑަގާމާއަށް ފަހު ތީރުރާއްޖޭގެ ސަރަޙައްދަށް، ޕޯޗުގީޒުންގެ ނަން ހިނގާ މާލިމީ އަކަށް އައީ ޕޭދްރޯ މަސްކަރިންޔާސްއެވެ. އެއީ މީލާދުން 1512 ވަނަ އަހަރު އެވެ. ވަސްކޮޑަގާމާ އައިތާ 14 އަހަރު ފަހުންނެވެ. މަސްކަރިންޔާސްގެ ނިޔަމި ފޮތްތަކުގައި، އިންޑިއާކަނޑުގެ ޖަޒީރާ ރަށްތަކުގެ ވާހަކަ ލިޔެވިފައި ހުރެދާނެއެވެ. މިސާލަކަށް، ކުރިން ދަންނަވާފައިވާ ފަދައިން، މަސްކަރިންޔާސް މޮޒަމްބީކުން ފުރައިގެން އިންޑިއާއަށް ދިޔަ މަގުމަތީގައި އޭނާއާއި ދިމާވި ރަށަކަށް "ދޮމް ގާސިއާ" ނުވަތަ "ދޮމް ގާސިއާ ޖެ ނޮރޯންޏަ" އޭ ކިޔާ ނަމެއް ދިނެވެ. ފަހުން ޑިއެގޯ ގާސިއާ އޭ ކިޔަން ފެއްޓީ މިރަށަށެވެ. ނަމަވެސް މަސްކަރިންޔާސް އަކީ ވެސް ކާޓޯގްރާފަރެއް ނޫނެވެ. އެހެންކަމުން ތަފްޞީލީ ނަންތަކެއް ހިމަނައިގެން ޕޯޗުގީޒުން މި ސަރަޙައްދުގެ ޗާޓުތަކެއް ކުރަހާފައި ނެތެވެ. މަސްކަރިންޔާސް އައިފަހުން ޕޯޗުގީޒުންގެ ފަރާތުން ކުރެހި ދުނިޔޭގެ ޗާޓަކީ، މީލާދީން 1519 ގައި ޗާޕްކުރި މަޝްހޫރު މިލާ އެޓްލަސް (Miller Atlas) އެވެ. މި އެޓްލަހަށް ލުޕު އުމޭމުހޭނަސް އެޓްލަސް (Lopo Homem-Reineis Atlas) އޭވެސް ކިޔައެވެ. މި އެޓްލަސް މީހުންގެ މެދުގައި މަޝްހޫރުވެފައި ވަނީ މީގައި އެކުލެވޭ ކުލައިކުލައިގެ ކުރެހުންތަކާއި، ރަނާއި ރިހީގެ ދެލިން ފަރުމާ ކުރެވިފައިވާ ބޯޑަރުތަކުގެ ސަބަބުންނެވެ. އެކަމަކު މި އެޓްލަސް ޚާއްޞަވަނީ މުޅިން އެހެން ސިޔާސީ ސަބަބަކާއި ހެދިއެވެ.

މިލާ އެޓްލަސް ޚާއްޞަވާ ސަބަބަކީ، މި އެޓްލަސް ކުރެހުމުގެ ބޭނުމެވެ. މިއެޓްލަސް ކުރެހުމުގައި ދެ ބޭނުމެއް އެކުލެވެ. ފުރަތަމަ ބޭނުމަކީ، މިއީ ޕޯޗުގީޒުންގެ ރަސްގެފާނު މެނުއަލް 1 ގެ ފަރާތުން ފަރަންސޭސި ރަސްގެފާނު ފްރާންސިސް 1 އަށް ވެދުމަކަށް އެރުވުމަށްޓަކައި ކުރެހުނު އެޓްލަހެކެވެ. ދެވަނަ ބޭނުމަކީ ބާރެއްގެ ގޮތުގައި އަރަމުން އަންނަ ސްޕޭނަށް، ޕޯޗުގީޒުންގެ ހޯދުންތަކާއި ދުނިޔޭގެ ދަތުރު ފަތުރުގެ ބައެއް މަގުތައް އޮޅުވާލުމެވެ. ވަކިން ޚާއްޞަކޮށް ކަނޑު މަގުން އިންޑިއާ ކަނޑަށް އާދެވޭނެ ގޮތެއް ނުއޮންނާނެ ކަމަށް ދައްކާ އޮޅުވާލުމެވެ. އެގޮތުން އެޓްލަހުގައި ވަނީ، ކަނޑުމަގުން އެފްރިކާގެ ކޭޕް ވަށާލައިގެން އިންޑިއާ ކަނޑަށް އާދެވޭކަން ފޮރުވާފައެވެ. ސްޓެގްނަން ތިއަރީ (The Stagnon Theory) ތެދުކޮށްފައެވެ. ވީމާ ޗާޓުގައި ދައްކާފައި ހުރީ އެފްރިކާއާއި ބްރެޒިލް އޮތީ އެއް ފަސްގަނޑެއްގެ ގޮތުގައި ކަމަށެވެ. ބުނެވޭ ގޮތުގައި މިއީ ޕޯޗުގީޒު ރަސްގެފާނު މެނުއަލް 1 އާއި ފަރެންސޭސި ރަސްގެފާނު ފްރާންސިސް 1 ގުޅިވަޑައިގެން ސްޕޭނަށް އޮޅުވާލުމަށް ކުރެއްވި ކަމެކެވެ.

ޕޯޗުގީޒު ރަސްގެފާނާއި، ފަރަންސޭސި ރަސްގެފާނާއި ދެމެދު މިހާ ވަރުގަދަ އިއްތިހާދެއް އުފެދުމަށް ދިމާވި ސަބަބަކީ ކޮބައިތޯއެވެ؟ އާދެ! އެ ސަބަބަކީ އޭރުގެ ބަވަނަ ދުނިޔޭގައި ސިޔާސީ ގޮތުންނާއި އިގްތިޞާދީ ގޮތުން އާދަޔާ ޚިލާފު ބާރު މިނެއްގައި އަރަމުން އައި ސްޕެއިން ދެކެ ދެ ރަސްކަލުންވެސް ބިރު ހީފުޅުވުމެވެ. ފަރަންސޭސިން ކުރިމަތީގައި ސްޕޭނަކީ އެމީހުންގެ ޒަމާންވީ ދުޝްމަނެވެ. ޕޯޗުގީޒުން ކުރިމަތީގައި ސްޕޭނަކީ، އެމީހުން ދުނިޔެއަށް ފަތުރާފަ އޮތް ނުފޫޒުގެ މައްޗަށް ގަދަވެގަތުމަށް ހިފެހެއްޓުމެއް ނެތި އަރަމުން އަންނަ ބާރެކެވެ. އޭރު ހުންނެވި ސްޕެއިންގެ އެމްޕަރާ ޗާލްސް 5 ގެ ވެރިކަމުގައި ސްޕެއިން އަކީ، ކުރީގެ ހޮލީ ރޮމަން އެމްޕަޔަރުގެ ހުރިހާ ރަށެއް ހިމެނޭ ގޮތަށް ފްރާންސް ވަށާ ބައްދަމުން، ފުޅާވަމުން ބޮޑުވަމުން އައި ބާރެކެވެ. މިތަނުގައި ފާހަގަ ކުރަން ބޭނުންވަނީ، މަސްކަރިންޔާސް ތީރުރާއްޖެއަށް އައިތާ 7 އަހަރު ފަހުން، ޕޯޗުގީޒުން މިލާ އެޓްލަސް ކުރަހާފައި ވީނަމަވެސް، އޭގައި މަސްކަރިންޔާސް ހޯދި އެއްވެސް ތަނެއްގެ ވާހަކަ ހިމަނާފައި ނެތްކަމެވެ. ރާއްޖޭގެ ރަށެއްގެ ނަމެއްވެސް ނެތެވެ. އަމުދުން ފޯޅަވަހި ނުވަތަ ޕޮލްވާރާވެސް އަދި ޑިއެގޯ ގާސިޔާ، ނޫނީ ޗާގޯސްވެސް ހިމަނާފައި ނުވެއެވެ. އެހެންވީމާ ޗާޓުތަކުގައި ފޯޅަވައްސަށް "ޕޮލްވެހާ" (Polvera)، "ޕޮލްވަހިއާ" (Polvareira)، "ޕޮލޮވައީ" (Pollowois)  މި ގޮތްގޮތަށް ނަން ލިޔެފައި ވަނީ ޕޯޗުގީޒުންތޯ، ފަރަންސޭސިންތޯ މި ސުވާލުގެ ޖަވާބު ހޯދަން ޖެހެއެވެ. އެކަން ކުރާނީ މިލިޔުމުގެ ފަހަތުން އަންނާން އޮތް ބައިގައެވެ.

ޕިއާޚް ދެސިލިއޭ ޗާޓެއް ކުރަހައިފި – އެކަމަކު އޭނާ ޔޫރަޕުން ބޭރަކަށް ނުދޭ!
އިސްވެ ދެންނެވުނު ހާދިސާ ތަކާއި، ޗާޓުތަކަށް ފަހު، އިންޑިއާ ކަނޑުގެ ރަށްރަށަށް ކިޔާ ނަންތައް ހިމަނައިގެން އެންމެ ފުރަތަމަ، އޭރަށް އެންމެ ތަފްޞީލީ ޗާޓެއް ކުރެހީ ފަރަންސޭސި ކާޓޯގްރާފަރު ޕިއާޚް ދެސިލިއޭ އެވެ. ނަމަވެސް އޭނާ ޔޫރަޕްގެ ސަރަޙައްދު ދޫކޮށް، ދުނިޔޭގެ އެހެން އެއްވެސް ސަރަޙައްދަކަށް ނުދެއެވެ. ނުވަތަ ދިޔަކަމެއް އެނގިފައެއް ނެތެވެ. ނޯމެންޑީގެ އަވަށެއްގެ ޕްރީސްޓެއްގެ ގޮތުގައިވެސް އުޅުނެވެ. އެއާއިއެކު ކަނޑު މަގުން ދިގު ދަތުރުތަކުން އެނބުރި އަންނަ މާލިމީންނާއި ފަޅުވެރިންނާއި، ސުވާލު ކޮށް މަޢުލޫމާތު އެއްކުރަމުން އޭނާ ގެންދިޔައެވެ. އަދި މީހުންގެ ފަރާތުން މަޢުލޫމާތު އެއްކޮށް، ނިޔަމި ފޮތްތަކާއި، ނޯޓިކަލް ޗާޓްތަކުން ބަލައިގެން ޗާޓު ކުރެހުމުގެ މަސައްކަތް ފެއްޓިއެވެ. އޭނާއަކީ މަޝްހޫރު ޑިއެޕް ސްކޫލް އޮފް ކާޓޯގްރަފީގެ އިސް މެމްބަރެކެވެ. ވަކިން ޚާއްޞަ ގޮތެއްގައި މިތާ ފާހަގަ ކުރަން ބޭނުންވަނީ ދެކުނު އެޓްލާންޓިކާއި، އިންޑިއާ ކަނޑުގެ މަޢުލޫމާތު ޕިއާޚް ދެސިލިއޭ ހޯއްދަވާފައި ވަނީ ޕޯޗުގީޒުންގެ ކިބައިންނެވެ. މިކަން މުހިއްމުވާ ސަބަބަކީ، ފުރަތަމައަށް އިސްތިޢުމާރީ ދުވަސްވަރުގެ ޗާޓެއްގައި އިންޑިއާ ކަނޑުގެ ރަށްރަށުގެ ނަން ޖަހާފައި ވަނީ އޭނާއެވެ. އެގޮތުން ފޯޅަވަހީގެ ނަން އިސްތިޢުމާރީ ދުވަސްވަރުގެ ޗާޓެއްގައި ލިޔެފައި ވަނީ އޭނާއެވެ. ޕިއާޚް ދެސިލިއޭގެ ޗާޓުގައި އޭނާ ފޯޅަވަހީގައި ޖަހާފައިވަނީ އައި ދަ ޕޮލްވާރާ ނުވަތަ އެ އަކުރުތަކުން ކިޔޭ ނަންތަކުގެ ތެރެއިން ނަމެއް ކަމަށް ޔަޤީން ކުރެވެއެވެ. (ނޯޓް: ނަމަވެސް ތަޙްލީލު ކުރަން ލިބިފައި ހުރި ޗާޓުތަކުގެ ރިސޮލިއުޝަން ދަށްކަމުން މިލިޔުމުގައި މިވާހަކަ ބުނާނީ 1 ޕަސަންޓް ކަނޑާފައެވެ. ވީމާ ކިޔުން ތެރިންގެ ކިބައިން އެދެނީ، މިޗާޓުގެ އިތުރު ވާޝަން ތައް ލިބެން ހުރިއްޔާ މިކަން ބަލާ ޔަޤީން ކޮށްދެއްވުމަށެވެ). އެގޮތަށް ޔަޤީން ކުރެވޭ އެންމެ ބޮޑު ސަބަބަކީ އޭގެ ފަހުން ފަރެންސޭސިންނާއި، ޑަޗް މީހުނާއި، އިނގިރޭސިން ނެރުނު ހުރިހާ ޗާޓެއްގައި، 19 ވަނަ ޤަރުނާއި ހަމަޔަށްވެސް، ފޯޅަވަހީގައި ޖަހާފައި އޮންނަނީ، "ޕޮލްވެހާ" (Polvera)، "ޕޮލްވަހިއާ" (Polvareira)، "ޕޮލޮވައީ" (Pollowois)، "ޕޮލުއަހާ" (Poluora)  މީގެ ތެރެއިން ނަމެކެވެ. މިތާގައި ފާހަގަ ކުރަން ބޭނުން ވަނީ، ޕިއާޚް ދެސިލިއޭ ޗާޓުގައި، "ޕޮލްވަހާ" (Polvara) އޭ ޖަހާނީ، ޕޯޗުގީޒުން އެނަން ކިޔާ އަޑުއަހާފައެވެ. ނުވަތަ ޕޯޗުގީޒުން އެނަން ކޮންމެވެސް ތަނެއްގައި ލިޔެފަ އޮތް ގޮތް ބަލާފައެވެ. އެގޮތުން ޕޯޗުގީޒުން ލިޔެފަ އޮތް ގޮތް ބަލައިގެން ކަމަށް ވަންޏާ ޕޯޗުގީޒުން ލިޔެފަ އޮންނާނެ ކަމަށް ބެލެވެނީ "Polvarra" މިހެންނެވެ. އެއީ ފަރަންސޭސިންނާއި ޚިލާފަށް، ޕޯޗުގީޒުން މިނަން ލިޔާނީ ނަމުގެ ނިމޭ ކޮޅުގައި ޑަބަލް އާރު (RR) ޖަހައިގެން ކަމަށް ބެލެވޭތީއެވެ.

ކާޓޯގްރާފަރު ޕިއާޚް ދެސިލިއޭ އާއި، 9 ވަނަ ހަސަން ރަސްގެފާނު
މިތާގައި ދެން އިތުރަށް ދިގު ކުރާން ވާހަކަތަކެއް ނުލިޔުނަސް، ޕިއާޚް ދެސިލިއޭ އާއި، ރާއްޖޭގެ 9 ވަނަ ހަސަން ރަސްގެފާނާއި ބައްދަލުވެފައި ނުއޮންނާނެކަން އެގެއެވެ. ނަމަވެސް ޕިއާޚް ދެސިލިއޭ އާއި 9 ވަނަ ހަސަން ރަސްގެފާނާއި ދެމެދުގައި ވަރަށް ބޮޑު ތާރީޚީ އިއްތިފާގެއް އެބަ ވެއެވެ. އެ އިއްތިފާގަކީ، ޕިއާޚް ދެސިލިއޭގެ ޗާޓް ކުރެހި އަހަރު، އާދެ ! މީލާދީން 1550 ގައި ދިވެހިރާއްޖޭގެ ރަސްކަމުގައި ހުންނެވީ 9 ވަނަ ހަސަން ރަސްގެފާނެވެ. އެޗާޓުގައި އައްޑޫގެ ދެކުނުން "ފޯޅަވަހި" ކިޔާ ރަށެއް ނުވަތަ ރަށްތަކެއް ވާކަން ވަނީ ފާހަގަ ވެފައެވެ. މި ރަށްތައް ޗާޓުން ދައްކަނީ ތީރުރާއްޖެ ނުވަތަ މަސްކަރީން ޕްލެޓޯއަކުން ނޫނެވެ. އޭގެ ބަދަލުގައި ރަށްތައް ދައްކަނީ ފޯޅަވަހި – ފެހެންދީބް އަށިމަތިން ނުވަތަ ޗާގޯސް - ލެކަޑިވް ރިޖް މަތީގައި ވަނިކޮށެވެ.

ޝައްކެއް ނެތެވެ! ދިވެހިރާއްޖެ އޭރުއެވަނީ، ޕޯޗުގީޒުންގެ ވަރުގަދަ އިސްތިޢުމާރީ ބާރާއި އެކު ވަކި ރަސްކަމެއްގެ ގޮތުގައި ސިޔާސީ ގުޅުން ވަރުގަދަޔަށް ޤާއިމު ކޮށްފައެވެ. 9 ވަނަ ހަސަން ރަސްގެފާނާއި ޕޯޗުގީޒުންވަނީ ( އުސްމާނީ ދައުލަތުގެ *ބައިއަތުގެ ދަށުގައި ތިބި ކަންނައްނޫރު ޢަލީ ރާޖާގެ ރަސްކަމާ ދެކޮޅަށް) އިއްތިޙާދު ވެފައެވެ. ވީމާ ވިސްނަވާށެވެ. ޑެސިލިއޭ ޗާޓު ކުރެހީ ފްރާންސްގައި ހުރެގެންނެވެ. ފަރަންސޭސިންނާއި، ޕޯޗުގީޒުން އަނެއް ކޮޅުން ތިބީ ސްޕޭނާއި ދެކޮޅަށް ވަރުގަދައަށް އިއްތިހާދު ވެގެންނެވެ. އެހެންވީމާ، ޑެސިލިއޭގެ ޗާޓު ކުރެހުމަށް ބޭނުންވާ މަޢުލޫމާތު ޕޯޗުގީޒުން ފަރަންސޭސިންނާއި ޙިއްސާ ކުރާނެކަން ޔަޤީނެވެ. އަދި ޑެސިލިއޭގެ ޗާޓު ޕޯޗުގީޒް ރަސްކަމާއި ހިއްސާ ކުރާނެ ކަމީވެސް ޔަޤީންވާ ކަމެކެވެ. ވީމާ ދިވެހިރާއްޖެއާއި އެއް އަށްޓެއްގެ މަތީގައި ތަންކޮޅެއް ދުރުގައި އޮތް ރަށްތަކެއް އެއީ، ދިވެހިރާއްޖޭގެ ސިޔާދަތުގެ ދަށުގައިވާ ތަންތަންތޯ، ރާއްޖެއާއި ސިޔާސީ ގުޅުން އުފައްދާ އިއްތިހާދުވެގެން ތިބި ބަޔަކު ސުވާލު ނުކޮށް ނުތިބޭނެއެވެ. ވީމާ ޑެސިލިއޭ ޗާޓު ކުރެހި އަހަރުގެ ފަހު އަހަރު، 9 ވަނަ ހަސަން ރަސްގެފާނު ހުންނެވީ ރާއްޖެ ދޫކުރައްވާ ކޮޗިން އަށް ވަޑައިގެނެވެ. ދެން ބާކީ އޮތްތާގައި ރާއްޖޭގެ ރަސްކަން އޭނާ ކުރެއްވީ ކޮޗިންގައި ހުންނަވައިގެންނެ. ވީމާ ޕޯޗްގީޒުން ނުވަތަ ފަރަންސޭސިން ފޯޅަވަހީގެ ބޭނުން ހިފުމުގެ ޕްލޭނެއް ނުވަތަ ވިސްނުމެއް ގެންގުޅެން ފަށާ ހިސާބުން (1556)، ފުރަތަމަވެސް ޕޯޗުގީޒު ރަސްކަމުގެ ފަރާތުން، އެއީ ރާއްޖޭގެ ތަނެއްތޯ އައްސަވާނީވެސް 9 ވަނަ ހަސަން ރަސްގެ ފާނުގެ އަރިހުންނެވެ. ދެން އެސުވާލުގެ ޖަވާބު އަރުވާ އިރު 9 ވަނަ ހަސަން ރަސްގެފާނު އެދިވަޑައިގަންނަވާ ކަންކަން ހުށަހެޅުމަކީ ރަނގަޅު ފުރުޞަތެއް ކަމުގައި އެ ރަސްގެފާނަށް ފެނިވަޑައިގަތުން އެކަށީގެން ވެއެވެ. ވީމާ 1556 ގައި، 9 ވަނަ ހަސަނަން ރަސްގެ ފާނު ސިޓީއެއް ލިޔުއްވިއެވެ. އެސިޓީގައި ފޮއްޅަވައިގެ (ފޯޅަވައްސަށް ރާއްޖޭގެ ދެކުނުގެ މީހުން ކިޔާ ގޮތެއް) 7 ރަށަކީ އަކީ ތިމަން މަނިކުފާނުގެ ތަންތަން ކަމުގައި އެރަސްގެފާނުގެ ޓައިޓްލްގައި ލިޔުއްވައި އެރަށްތަކުގެ މައްޗަށްއެ ރަސްގެފާނުގެ ސިޔާދަތު ކަނޑަ އެޅުއްވިއެވެ. މިސިޓީ ގޯވާގައި ހުންނެވި ޕޯޗްގީޒް ވައިސްރޯއީ ވަނީ އެޕްރޫވް ކުރައްވާ، ސިއްކަ ޖައްސަވާ، ރެކޯޑް ކުރައްވާފައެވެ. މިތާގައި ފާހަގަ ކުރަން ބޭނުންވަނީ، 9 ވަނަ ހަސަން ރަސްގެފާނުގެ ސިޓީ ލިޔެދީފައި ވާނީ ޕޯޗްގީޒު މީހެކެވެ. އެހެންވީމާ ފޮއްޅަވައި އޭނާ ލިޔެފައިވަނީ "Pullobay" މިގޮތަށެވެ. އަނެއްކޮޅުން މިސިޓީ ބަދަލު ކުރެވުނުތާ 42 އަހަރުވަރު ފަހުން ޕިރާޑް ދިވެހިރާއްޖޭގައި ހައްޔަރުވެ، ރާއްޖޭން އޭނާއަށް ފެނުނު ކަންކަމުގެ ވާހަކަ ލިޔުއްވިއިރު، ފޯޅަވަހީގެ ނަން އޭނާ ލިޔުއްވާފައިވަނީ " Pollouoys" މިގޮތަށެވެ. ޕިރާޑަކީ ވެސް ފަރަންސޭސިއެކެވެ. އޭނާވެސް ފޯޅަވަހީގެ ނަން ދިވެހިން ކިޔާ ކަމަށް، އޭނައަށް އަޑު އިވުނު ގޮތަށް ފަރަންސޭސި ބަހުން ފޯޅަވަހީގެ ނަން ލިޔެލީއެވެ.

ނިންމުން
ފޯޅަވަހީގެ ނަން ތަފާތު އެކި ގޮތްގޮތަށް ރާއްޖޭން ބޭރުގެ އެކި މީސްމީހުން ލިޔެފަ ހުރި މައްސަލަ ވަކި ގޮތަކަށް ނިންމަން ޖެހިއްޖެއެވެ. އަސްލެއްގެ މައްޗަށް ބިނާ ނުކޮށް ތިމާގެ ޚިޔާލަކީ އެކަން އޮތްގޮތް ކަމަށް ބުނެ، ރާއްޖޭގެ ސިޔާދަތީ މަސްލަޙަތު ތަކަށް ބުރޫ އަރާގޮތަށް ބައެއް މީހުން އަންނަނީ ރަސްމީ ޙައިސިއްޔަތުންވެސް ބަސް ބުނަމުންނެވެ. އެހެންވެ މިކަމުގައި ގާތްކުރާ ޙަޤީގަތް ތަކަކީ ކޮބައިތޯ ވިސްނާލަން އެބަ ޖެހެއެވެ. އެގޮތަށް ބަލާލުމަށްޓަކައި، މިތަނުގައި އިނގިރޭސި ދެ ބަހެއް ބޭނުން ކޮށްލާނަމެވެ. އެއް ބަހަކީ އެންޑޯނިމް (Endonym) އެވެ. އަނެއް ބަހަކީ އެކްޒޯނިމް (Exonym) އެވެ. އެންޑޯނިމް އަކީ މާދަރީ ބަހުން ތަނަކަށް ނުވަތަ ބަޔަކަށް ކިޔާ ނަމެވެ. އެގްޒޯނިމް އަކީ މާދަރީ ބަހުން ކިޔާ ގޮތަށް، ބިދޭސީ ނުވަތަ ބޭރު ބަޔަކު އެނަމެއް ކިޔަން އުޅުމުން ކިޔޭގޮތެވެ.

ވީމާ ފޯޅަވަހި ނުވަތަ ފޮއްޅަވައި އެއީ އެންޑޯނިމް އެކެވެ. އެއީ ރަށަކަށް ނުވަތަ ފާހަގަވާ އިސްރަށަށް ނިސްބަތް ކޮށް އަތޮޅަކަށް ދިވެހިން ކިޔާ އުޅޭ ގޮތެވެ. އެއާއި ޚިލާފަށް އިނގިރޭސި އަކުރުން ލިޔެފައި ހުރި ހުރިހާ ނަމަކީވެސް އެގްޒޯނިމް ތަކެކެވެ. ފޯޅަވަހި ނުވަތަ ފޮއްޅަވައި ކިޔަން އުޅުނީމާ ބޭރުމީހުންނަށް (ފަރަންސޭސިންނާއި، ޕޯޗުގީޒުންނަށް) އެނަން ކިޔުނު ގޮތެވެ. އެކަން އެގެނީ އަންނަނިވި ހަމައިން ވިސްނާލީމައެވެ. އެ ހުރިހާ ނަމަކުންވެސް ލިޔެފައި އެހެރީ ފޯޅަވަހީގެ ނަމެވެ. އެކަން އެނގޭ ގޮތް ތިރީގައި މިދަންނަވަނީއެވެ.

  1. ފަރަންސޭސިން ލިޔާއިރު R އަކުރު ކިޔަނީ ދިވެހި އަކުރުގެ ހ އާއި ޣ އާއި ދޭތެރޭ މަޚުރަޖަޔަކުންނެވެ. މިގޮތުން Polvera ކިޔާނީ ޕޮލްވެހާ މިގޮތަށެވެ.
  2. ޕޯޗުގީޒުން ލިޔާއިރު RR ކިޔާނީ ދިވެހި އަކުރުން ހ އާއި އެއް މަޚުރަޖަޔަކުންނެވެ. މިގޮތުން PolvaRRa ކިޔާނީ ޕޮލްވަހާ މިގޮތަށެވެ.
  3. ޕޯޗުގީޒު ބަހުގައި B ކިޔާނީ ދިވެހި އަކުރުން ބ އާއި ވ އާއި ދޭތެރޭ މަޚުރަޖަޔަކުންނެވެ. މިގޮތުން Pullobay ކިޔާނީ ޕުއްލޮވައި މިގޮތަށެވެ. މިއީ 9 ވަނަ ޙަސަން ރަސްގެފާނަކީ ރާއްޖޭގެ އުތުރުގެ ބޭފުޅެއްވީމަ "ފޮއްޅަވައި" މިގޮތަށް ކިޔުއްވީމާ (ޕޯޗުގީޒް ކާތިބަށް) ލިޔެވުނު ގޮތަށް ވުން އެކަށީގެން ވެއެވެ.
  4. ފަރަންސޭސިން UOYS ކިޔާނީ "ވައީ" ކިޔާ ގޮތަށެވެ. އެހެންވީމާ ޕިރާޑުގެ "Pollouoys" ފަރަންސޭސިން ކިޔާނީ "ޕޮލުވައީ" މިގޮތަށެވެ. އެހެންވީމާ އެއްވެސް ޝައްކެއްނެތް ގޮތުގައި، މިހުރިހާ ތަފާތު ގޮތްގޮތަށް މިނަންތައް ލިޔެފައި އެވަނީ ފޯޅަވައްސަށް ބޭރުމީހުން ކިޔާ ގޮތުގެ ތަފާތު އެގްޒޯނިމް ތަކެއްގެ ގޮތުގައެވެ. އަސްލަކީ އެކައްޗެކެވެ. އާދެ "ފޯޅަވަހި" ނުވަތަ "ފޮއްޅަވައި" އެވެ.
 މިދެންނެވި ގޮތް ޓެސްޓު ކުރެއްވުމަށްޓަކައި ފަރެންސޭސި ޕޯޗުގީޒު ޓްރާންސްލޭޓަރުގައި މިނަންތައް ޖައްސަވައި މި ދެންނެވި ދެބަހުން، މި ނަންތައް ކިޔާ ގޮތް އަޑުއައްސަވާށެވެ. ނިންމާލުމުގެ ކުރިން ދަންނަވާލަމެވެ. ވަކި ހިސާބަކުން ފަރަންސޭސިންނާއި އިނގިރޭސިންގެ ޗާޓުތަކުން ޕޮލްވާރާ ނުވަތަ ފޯޅަވަހި ވަނީ ގެއްލުވާލާ އެތަނުގައި ޗާގޮސްގެ ނަން ޖަހާފައެވެ. އަޅުގަނޑުމެންގެ މިމަސައްކަތުގެ އަމާޒަކީ ޕޮލްވާރާ ނުވަތަ ފޯޅަވަހި އަލުން ދުނިޔޭގެ ޗާޓުން ހޯދުމެވެ. އަޅުން ކުރާނީ މަސައްކަތެވެ. ތައުފީޤު ދެއްވަނީ މާއްﷲ އެވެ.

* ބައިއަތުގެ ދަށުގަ ތިބުމޭ ބުނުމަކީ ފަހަރެއްގައިވެސް، އިދާރީ ގޮތުންނާއި، އަސްކަރީގޮތުން އުސްމާނީން ކަންނައްނޫރުގައި ތިބި ވާހަކައެއް ނޫނެވެ.