![]() |
| އެޗް.ސީ.ޕީ ބެލް |
(މިލިޔުމާ ގުޅުންހުރި އިނގިރޭސި ލިޔުން މިތަނުން ކިޔުއްވާ)
މުސައްނިފުގެ ނޯޓް
ގަރުނަކަށްވުރެ ގިނަ ދުވަސް ވަންދެން، އެޗް. ސީ. ޕީ. ބެލް ބެލެވިފައިވަނީ ދިވެހި ތާރީޚު އެންމެ ފުރިހަމައަށް ރިކޯޑުކުރި ފަރާތުގެ ގޮތުގައެވެ. ނަމަވެސް، މި މަޒުމޫނުގައި އޭނާގެ މަސައްކަތްތަކަށް ބަލާލާނީ ތަފާތު ނަޒަރަކުންނެވެ. އެއީ 1887 ވަނަ އަހަރު އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ދިޔުމުގެ ކުރިން ހިނގާފައިވާ ގާނޫނީ، ސިޔާސީ އަދި އަރުޝީފީ ބަދަލުތަކުގެ އަލީގައެވެ.
ތާރީޚު ދިރާސާކުރާ ފަރާތްތަކަށާއި، ޔުނިވަރސިޓީ ލެކްޗަރާއިންނަށާއި، ދަރިވަރުންނަށާއި، ދިވެހި އަސްކަރިއްޔާގެ ބޭފުޅުންނަށާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ އިތުރުން ދިވެހިރާއްޖޭގެ ގާނޫނީ ތާރީޚަށް ޝައުގުވެރިވާ އެންމެހައި ފަރާތްތަކަށް އަމާޒުކޮށް ލިޔެފައިވާ މި ދިރާސާއަކީ، މިހާރު ލިބެން ހުރި ރަސްމީ ލިޔެކިޔުންތަކުގެ މައްޗަށް ބިނާކޮށްފައިވާ ދިރާސާއެކެވެ. މި ދިރާސާގައި ކަށަވަރުވެފައިވާ ހެކިތަކާއި، ތާރީޚީ ގޮތުން ލަފާކުރެވޭ ކަންކަމާއި، އަދިވެސް އިތުރު ދިރާސާ ބޭނުންވާ ކަންކަން ވަކިކޮށް ބަޔާންކޮށްފައިވާނެއެވެ.
ކޮންމެ އަހަރެއްގެ ޖުލައި 26 ވަނަ ދުވަހު ދިވެހިރާއްޖޭގައި ފާހަގަކުރަމުންދަނީ އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ރާއްޖެ މިނިވަންވި ދުވަހެވެ. އެއީ 1965 ވަނަ އަހަރު، ބޭރުގެ ބާރެއްގެ ދަށުގައި އޮތް އޮތުން ނިމުމަކަށް އައި މުނާސަބަތެވެ. އެއީ ކަނޑައެޅިގެން އުފާކުރަންޖެހޭ ކަމެކެވެ. ނަމަވެސް، ހަމައެކަނި 1887 އާ ހަމައަށް ފަހަތަށް ބަލައިލުމަކީ ތާރީޚުގެ އެއްބައި ފޮރުވުމެވެ. މުހިންމު ސުވާލަކީ ދިވެހިރާއްޖެއިން މިނިވަންކަން އަނބުރާ ހޯދި ގޮތެއް ނޫނެވެ. އޭގެ ބަދަލުގައި، އެންމެ ފުރަތަމަ އެ މިނިވަންކަން ހިމޭންކަމާއެކު ލިޔުމަކުން ނިގުޅައިގަތީ ކިހިނެއް، އަދި ކާކުތޯ ކުރެވޭ ސުވާލެވެ. އެކަން ހިނގާފައިވަނީ އެއްވެސް މުއާހަދާއެއްގައި ސޮއިކުރުމުގެ ހަތަރު އަހަރު ކުރިންނެވެ. އެއީ ސިލޯނުގައި އޮތް އިނގިރޭސި ސަރުކާރުގެ އެދުމުގެ މަތިން އަދި އެ ސަރުކާރުގެ ޚަރަދުގައި ލިޔެ ޗާޕުކުރި ރިޕޯޓެއްގެ ތެރެއިންނެވެ. އެއީ ދިވެހި ސަރުކާރުގެ އެދުމަކަށް ކުރި ކަމެއް ނޫނެވެ.
އެ ރިޕޯޓަކީ އެޗް. ސީ. ޕީ. ބެލް ލިޔުނު "The Maldive Islands: An Account of the Physical Features, Climate, History, Inhabitants, Productions and Trade (Colombo, 1883)" އެވެ. ވޭތުވެދިޔަ ގަރުނެއްހާ ދުވަހު ދިވެހި ތާރީޚު ލިޔުންތެރިން ބެލް ދެކެމުން އައީ ހެޔޮއެދޭ މުސައްނިފެއްގެ ގޮތުގައެވެ. އޭނާއަކީ ދިވެހި ކަނޑާނެގިފައިވާ ލިޔުންތައް ކޮޕީކޮށް، ދައުލަތުގެ ތާރީޚީ ލިޔުންތައް ފަނާވިޔަނުދީ ސަލާމަތްކޮށް، ގައުމަށް އޭގެ މާޒީ އަނބުރާ ހޯދައިދިން ފަރާތެއްގެ ގޮތުގައެވެ. 1985 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން "ދިވެހިބަހާއި ތާރީޚު ދިރާސާ ކުރާ ގައުމީ މަރުކަޒު" އިން ބެލްގެ ފޮތް އަލުން ޗާޕުކުރިއިރު، އެއީ "ދިވެހި ތާރީޚާ ގުޅޭގޮތުން މިހާތަނަށް ލިޔެވުނު އެންމެ ފުރިހަމަ މަސައްކަތް" ކަމަށާއި ކޮންމެ ދިވެހިރައްޔިތަކަށްވެސް ހުރި "އަގުހުރި މަގު ދައްކައިދެނިވި ލިޔުމެއް" ކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް، މި ވޭތުވެދިޔަ ދިގު މުއްދަތުގައި އެއްވެސް ފަރާތަކުން، ބެލް އާ ސިލޯނުގައި އޮތް އިނގިރޭސި ސަރުކާރުން ހަވާލުކުރެވުނީ ކޮން މަސައްކަތެއްތޯއާއި، އޭނާގެ ބެލުމުގެ ދަށުން މި ގައުމުން ބޭރުކޮށްލި ތަކެއްޗަށް ވީގޮތެއް ބަލާފައެއް ނުވެއެވެ.
މި މަޒުމޫނުގައި ވަކާލާތުކުރަނީ 1887 ގެ ހިމާޔަތުގެ އެއްބަސްވުމަކީ ހަމައެކަނި މުއާހަދާއެއްގެ ނަތީޖާ ނޫން ކަމަށެވެ. އެއީ ގުޅިފައިވާ ތިން ކަމެއްގެ ތެރެއިން އުފަންވި ކަމެކެވެ: އެއީ 1883 ގައި ބެލް ލިޔުނު ރިޕޯޓުގައި ދިވެހިރާއްޖޭގެ މިނިވަންކަމާ މެދު ކޮށްފައިވާ އައު ގާނޫނީ މާނަކުރުންތަކާއި، 1886 އިން 1887 އަށް ރާއްޖޭގައި އުފެދުނު ސިޔާސީ ހަލަބޮލިކަމާއި، އަދި ރާއްޖޭގެ ދައުލަތުގެ ތާރީޚީ ލިޔެކިޔުންތައް އިސްތިއުމާރީ ބާރުގެ ދަށަށް ގެންދިޔުމެވެ. މިއީ ސިޔާދަތީ މިނިވަންކަމާއި، ވެރިކަން ހިންގުމާއި، އަދި ގައުމީ ހަނދާންތައް ނިގުޅައިގަތުމެވެ. މި ކަންކަން ހިންގާފައިވަނީ ތަފާތު ވަސީލަތްތަކެއް މެދުވެރިކޮށެވެ. އެއީ ރިޕޯޓަކާއި، ވެރިކަމުގެ ހިންގުމަށް އައި ލޮޅުމަކާއި، އަދި ލިޔެކިޔުންތައް ބަދަލުކުރުމުގެ ތެރެއިންނެވެ. ނަމަވެސް މި ހުރިހާ ކަމެއްވެސް ހިނގާފައިވަނީ މާލެއާއި ކޮލަމްބޯއާ ދެމެދު އޮތް އިސްތިއުމާރީ ގުޅުމުގެ ތެރޭގައި އެއް ދަހަރެއްގެ ތެރޭގައެވެ.
އާސާރީ ރިޕޯޓެއް ނޫން، އިދާރީ އަދި އަސްކަރީ ރިޕޯޓެއް
ބެލް އަކީ އޭނާގެ އަމިއްލަ ޝައުގުވެރިކަމެއްގައި ދިރާސާކުރި މިނިވަން އިލްމީ މާހިރެއް ނޫނެވެ. އޭނާއަކީ ސިލޯން ސިވިލް ސާވިސްގެ ވަޒީފާގައި ހުރި އޮފިސަރެކެވެ. އޭނާގެ 1883 ގެ ރިޕޯޓަކީ، އޭގެ ފުރަތަމަ ސަފުހާގައިވާ ފަދައިން، ގަވަރުނަރުގެ އަމުރުފުޅަށް ޗާޕުކޮށްފައިވާ އެއްޗެކެވެ. ބެލް އޭނާގެ މަގްސަދު ސާފުކޮށް ބަޔާންކުރެއެވެ. ސިލޯނާއި ރާއްޖެއާ ދެމެދު އޮތް އަށްޑިހަ އަހަރުވީ ސިޔާސީ ގުޅުމުން ރާއްޖޭގެ އެތެރޭގެ ހިންގުމާއި ރައްޔިތުންގެ އާދަކާދަތަކަށް މާބޮޑު އަލިކަމެއް ލިބިފައިނުވާތީ އޭނާ ޝަކުވާކުރެއެވެ. އޭނާ ބޭނުންވީ މި "ފަރުވާކުޑަކަން" ނިމުމަކަށް ގެނެސް، އިނގިރޭސި ސަރުކާރުން ރާއްޖޭގެ ކަންކަމާ ދާއިމީ ގޮތެއްގައި ބެހި، އަޅާލުމެވެ.
މިތަނުގައި ބޭނުންކޮށްފައިވާ ބަސްމަގަށް ބަލާލަމާ ހިނގާށެވެ. 1883 ވަނަ އަހަރު، ހިމާޔަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ހަތަރު އަހަރު ކުރިންވެސް، ބެލް ވަނީ ސިލޯނަކީ "Protecting Government" (ހިމާޔަތްދޭ ސަރުކާރު) ކަމަށާއި ދިވެހިރާއްޖެއަކީ "Dependency" (ބަރޯސާވެފައިވާ ތަނެއް) ކަމަށް ސިފަކޮށްފައެވެ. އޭނާގެ އެކުވެރިޔާ އެލްބަރޓް ގްރޭ ވެސް މިކަން ހާމަކޮށްފައިވަނީ މިއަށްވުރެ ސާފު ބަސްމަގަކުންނެވެ. އޭނާ ބުނެފައިވަނީ ސިލޯން ސަރުކާރުން ރާއްޖެއާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ދިވެހިރާއްޖޭގެ ރަދުންގެ ހިތުގައި އޮތް ނުރުހުންތެރިކަން ކަނޑުވާލައި، ސިލޯނުގެ ތަހުޒީބީ ފައިދާތައް ދިވެހިންނަށް ފޯރުކޮށްދޭންޖެހޭ ކަމަށެވެ. މިއީ ރަސްކަމެއް ސިފަކުރުމަށް ތާރީޚު އިލްމުވެރިއަކު ބޭނުންކުރާނެ ބަސްމަގެއް ނޫނެވެ. މިއީ ސިޔާސަތު ތަންފީޒުކުރުމަށް ހުރި ހުރަސްތައް ނައްތާލުމަށް އޮފިސަރަކު ލަފާދޭ ބަސްމަގެކެވެ.
ރާއްޖެ ބަރޯސާކުރުވާފަ ބޭއްވުމުގެ ވިކުރާ
ބެލްގެ ރިޕޯޓުގެ ތަޢާރަފަށްފަހު ދެން ފެންނަނީ ހަމައެކަނި ތާރީޚީ ދިރާސާއެއްގެ ބަދަލުގައި، މުޅި ޤައުމުގެ ހާލަތު ވަޒަންކުރާ އިވެލުއޭޝަނެކެވެ. ރާއްޖެ އިނގިރޭސިންނަށް ބަރޯސާ ކުރުވާފަ ބޭއްވުމުގެ ފައިދާއާއި ގެއްލުމުގެ ވިކުރާއެކެވެ. ބެލްގެ ރިޕޯޓުގެ ތިންވަނަ ބައި ކަމަށްވާ "ސިޔާސީ ބައިބައިވުން" (Political Division) މި ސުރުޚީގެ ދަށުން، ހަމައެކަނި ތޭރަ އަތޮޅުގެ ޖިއޮގްރަފީއަކުން ނިންމާނުލައެވެ. އޭގެ ބަދަލުގައި، އެ ބައި ސީދާ ގޮސް ގުޅުވާފަ ވަނީ، "ދިފާޢީ ކަންކަން" (Defence) މި ސުރުޚީގެ ދަށުން ލިޔެފައިވާ ބަޔާއެވެ. އެ ބައިގައި ބެލް ވަނީ ކަނޑުގެ ހަނގުރާމައެއްގެ ހާލަތުގައި މި ޖަޒީރާ ރަށްތަކުގެ މުހިންމުކަން ވަރަށް ފުންކޮށް ވަޒަންކޮށްފައެވެ. ސިލޯނާއި ހިންދުސްތާނުގެ އައްސޭރިފަށާ ދެތިން ދުވަހުގެ ދަތުރަކުން ދެވޭހާ ކައިރީގައި މި ރަށްތައް އޮތްކަން ފާހަގަކޮށް، އޭނާ ނިންމާފައިވަނީ މިއީ އިރުމަތީގެ ކަނޑުގެ ސަރަޙައްދުގައި ދުޝްމަނުންގެ އުޅަނދުފަހަރަށް ހުރަސްއަޅައި ދުއްތުރާކުރުމަށް ފޮނުވާ ހަނގުރާމަމަތީ އުޅަނދުތަކުގެ މަރުކަޒަކަށް ނުވަތަ ވަގުތީ ބޭހަކަށް ހެދުމަށް އެންމެ އެކަށީގެންވާ ތަން ކަމަށެވެ. މީގެ އިތުރުން، އިހަވަންދިއްޕޮޅަކީ ބޯޓުފަހަރަށް ބޭނުންވާ ބޯޓުދެއްޔާ ދަރާއި ބޯފެން (ކޯލިންގ ޑެޕޯ) ފޯރުކޮށްދޭ ތަނެއްގެ ގޮތުގައި ތަރައްޤީކުރުމަށް 1836 ވަނަ އަހަރު ކަނޑުގެ ސިފައިން ހުށަހެޅި ހުށަހެޅުން އޭނާ އަލުން ތަކުރާރުކުރިއެވެ. ކާށިދޫގެ އިތުރުން، ދެކުނުން ހުވަދު އަތޮޅާއި އައްޑޫ އަތޮޅުގައި ވެސް މިފަދަ ފުރުޞަތުތައް އެބަހުރިކަން އޭނާ ފާހަގަކުރިއެވެ. އަދި މި އަތޮޅުތަކަކީ ވަރުގަދައަށް ދިފާޢުކުރެވިދާނެ ތަންތަންތޯ ބަލައި، މާލޭގައި ހުރި ޕޯޗުގީޒުންގެ އިހުގެ ބަޑިބުރުޒަކީ ރާއްޖޭގެ މުހިންމު ސަރަޙައްދުތަކުގައި ވަރުގަދަ ދިފާޢީ ބިނާތައް އެޅިދާނެކަމުގެ ދިރިހުރި ހެއްކެއްގެ ގޮތުގައި އޭނާ ދެއްކެވިއެވެ. އަދި އޭގެ އެއް ގަރުނު ކުރިއަށް ނަޒަރު ހިންގަވައި، ދެކުނު އިންޑިއާގެ މިލްކުވެރިކަމަށް އިނގިރޭސިންނާއި ފަރަންސޭސިން ކުރި ހަނގުރާމައިގެ ތެރޭގައި، ފަރަންސޭސި ސިފައިން މާލޭގައި ތިބި ތިބުމަކީ ނުވަތަ ހިފި ހިފުމަކީ، ވިލާތުގެ ވާދަވެރި ބާރުތަކަށް މި ރަށްތަކުގެ އަގު މާކުރިންވެސް އެނގިފައިވާކަމުގެ ހެއްކެއްގެ ގޮތުގައި ބެލް ފާހަގަކުރެއްވިއެވެ.
ބެލް މި ހުށަހެޅުންތައް ހުށަހެޅީ ވަކިވަކި ކަންތައްތަކެއްގެ ގޮތުގައެއް ނޫނެވެ. "ދިފާޢީ" ބައިގެ ޖަދުވަލެއްގެ ގޮތުގައި ހިމަނާފައިވާ ނޯޓެއްގައި ބުނެފައިވަނީ، އިމްޕީރިއަލް ސަރުކާރަށް އަސްކަރީ އަދި ވިޔަފާރީގެ ގޮތުން ދިވެހިރާއްޖޭގެ ބޭނުން ހިފިދާނެ މިންވަރާ މެދު އުފެދިފައިވާ ޝައުގުވެރިކަން، ޗާގޯސް އާކިޕެލާގޯގެ މައި ރަށް ކަމަށްވާ ޑިއޭގޯ ގާސިއާ ރަސްމީކޮށް ބަލައި ސާވޭކުރުމާ ގުޅިގެން އިތުރުވެފައިވާ ކަމަށެވެ. ދިވެހިރާއްޖޭގެ ދެކުނުން ގާތްގަނޑަކަށް ހަތަރުސަތޭކަ މޭލު ދުރުގައި އޮތް އެ ރަށް ސާވޭކުރީ ހަމަ އެ އަހަރު އިނގިރޭސި މަނަވަރު "އެކްލިޕްސް" އިންނެވެ. ބެލް ވަނީ ނޫސްތަކުން މިކަމާ ގުޅޭގޮތުން ލިޔެފައިވާ ޚަބަރުތައް ވަރަށް ތަފްސީލުކޮށް ނަކަލުކޮށްފައެވެ. އެގޮތުން "ސިލޯން ޓައިމްސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެތަނަކީ ބަޑިބަހައްޓާ ބުރުޒުތައް ބިނާކުރުމަށް އެންމެ މުހިންމު މަޤާމުތައް ހުރި ތަނެކެވެ. އަދި އެންމެ ބުރުޒަކާއި، މަދު އަސްކަރީ ފައުޖެއްގެ އެހީގައި މުޅި ސަރަޙައްދު ފުރިހަމައަށް ރައްކާތެރިކުރެވިދާނެ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން "ސިލޯން އެގްޒެމިނަރ" އިން ސިފަކޮށްފައިވާ ގޮތުގައި، އެތަނުގެ ބަނދަރަކީ ރަތްކަނޑާއި އޮސްޓްރޭލިއާއާ ދެމެދު ދަތުރުކުރާ އުޅަނދުފަހަރަށް ބޯޓު ދެލި ފޯރުކޮށްދޭ މަރުކަޒަކަށް ހެދުމަށް ނުހަނު އެކަށީގެންވާ ތަނެކެވެ. މާނައަކީ، ބްރިޓިޝް ސާވޭ އުޅަނދަކުން ހަމަ އެ ބޭނުންތަކަށްޓަކައި ބަލައި ނިންމި ޑިއޭގޯ ގާސިއާއާ މެދު ގެންގުޅުނު ވިސްނުމާއި ބޭނުންކުރި ބަހުރުވަ، ހަމަ އެ އަހަރު ދިވެހިރާއްޖެ ވަޒަންކޮށް ދަނެގަތުމުގައިވެސް ރަސްމީ ފަރާތްތަކުން ވަނީ ބޭނުންކޮށްފައެވެ.
މިއީ ހަމައެކަނި ތާރީޚީ ދިރާސާއެއް ފުރިހަމަކުރުމުގެ ގޮތުން ހިމަނާފައިވާ އިތުރު މަޢުލޫމާތުތަކެއް ނޫނެވެ. ދިވެހި ދައުލަތުގެ އާމްދަނީ، ފައިސާ، މަސްވެރިކަން، ވިޔަފާރި އަދި ޤާނޫނީ އާދަކާދަތަކާ ބެހޭ ބާބުތަކާއެކު، ބަނދަރުތަކާއި، ބޯޓުދެލި މަރުކަޒުތަކާއި، ބަޑިބުރުޒު ބިނާކުރާނެ ތަންތަނުގެ ތަފްސީލުތައް އެކުލަވާލާފައިވަނީ، ދުވަހަކުވެސް މި ރަށްތަކަށް އައިސްފައިނުވާ އޮފިޝަލުންނަށް، ދިވެހިރާއްޖޭގެ އަގަކީ ކޮބައިކަމާއި އެތަންތަން ހިފެހެއްޓޭނެ ގޮތް ސާފުކޮށް ބުނެދިނުމަށެވެ.
ބެލްގެ ރިޕޯޓުގެ ޖަދުވަލު "އޭ" ގައި ބަޔާންކޮށްފައިވާ ދުސްތޫރީ ބަހުސާ އެކު މި އަސްކަރީ ދިރާސާތަކަށް ބަލާއިރު، މި ރިޕޯޓަކީ ފަހަރެއްގައިވެސް ހަމައެކަނި އެންމެ ލިޔުމެއް ނޫންކަން ހާމަވެއެވެ. މިއީ އެއްފަހަރާ ތިން ކަމެއް އެކުލެވޭ ލިޔުމެކެވެ؛ އެއީ ޤާނޫނީ ލަފާފުޅަކާއި، ސިޔާސީ ދިރާސާއަކާއި، އަދި އަސްކަރީ ސްޓްރެޓީޖީގެ ވަޒަންކުރުމެކެވެ. މިއީ ސިލޯނުގައި އޮތް އިނގިރޭސި ސަރުކާރުގެ، އެއް ބަނޑޭރިގަނޑެއްގެ ތެރޭގައި ބަންދުކޮށް، ޝާހީ ތައްގަނޑުގެ ދަށުން ޗާޕުކޮށްފައިވާ ތިން ބާވަތެއްގެ މަސައްކަތެވެ.
އެކަކުވެސް ނުކިޔާ "އެޕެންޑިކްސް އޭ"
ބެލްގެ މަސައްކަތަށް ތައުރީފުކުރާ މީހުން ކިޔަން ބޭނުންނުވާ، އެކަމަކު ކޮންމެ އިންސާފުވެރި ކިޔުންތެރިޔަކަށް ސިހުން ލިބިގެންދާ ބައި އޮތީ ރިޕޯޓުގެ ޖަދުވަލު ނުވަތަ "އެޕެންޑިކްސް އޭ" ގައެވެ. އޭގެ ސުރުޚީއަކީ "ސުލްތާނުގެ ސިޔާސީ ހައިސިއްޔަތު" އެވެ. އޭގައި ބުނެފައިވަނީ، "ސިލޯނުގައި އޮތް އިނގިރޭސި ސަރުކާރާއި ދިވެހި ސުލްތާނާ ދެމެދު އޮތް ސިޔާސީ ގުޅުމުގެ ހައްސިއަޔަތު ސާފުކޮށް ކަނޑައެޅުމަކީ އޭގައި ފައިދާއެއް ނެތި ނުދާނޭ ކަމެއް" ކަމަށެވެ.
1883 ވަނަ އަހަރު، ރާއްޖެއާއި އިނގިރޭސިންނާ ދެމެދު އެއްވެސް މުއާހަދާއެއް ނެތްކަމާ މެދު ބެލް އަމިއްލައަށްވެސް އެއްބަސްވެއެވެ. ނަމަވެސް، އޭނާ ވަނީ، ދިވެހި ރަސްރަސްކަލުންނާއި ޑަޗް އަދި އިނގިރޭސި ގަވަރުނަރުންނާ ދެމެދު ބަދަލުކުރެވުނު އަހަރީ ލިޔުންތަކާއި "ހިމާޔަތަށް" އެދިފައިވާ ބަސްތަކުގެ މައްޗަށް ބިނާކޮށް، އަމިއްލަ ނިންމުންތަކެއް ނިންމާފައެވެ. އެއީ ކޯޓަކުން ނިންމާފައި އޮތް ގަޒިއްޔާއެއް ފަދައިން ނަމްބަރު ޖަހާފަ ބަޔާން ކޮށްފަ ހުރި ނިންމުންތަކެކެވެ.
އޭނާ ނިންމި ތިން ނިންމުމަކީ: (1) ދިވެހި ސުލްތާނުން އަމިއްލައަށް އިނގިރޭސިންގެ ހިމާޔަތަށް އެދިފައިވާކަން، (2) އެއްބަސްވުމެއް ނެތް ނަމަވެސް، ދެފަރާތުގެ ލިޔެކިޔުންތަކުން އިނގިރޭސިންނަކީ ރާއްޖޭގެ ބަލަދުވެރި ބާރު (Suzerain) ކަން އެނގޭކަން، އަދި (3) ރާއްޖެއަކީ އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައިވާ "ސެމީ ސޮވްރިން" ނުވަތަ ބައިކުޅަބައި މިނިވަން ދައުލަތެއް ކަމަށެވެ.
މިއީ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ހަތަރު އަހަރު ކުރިން، އިނގިރޭސި މުވައްޒަފަކު އަމިއްލައަށް ކަނޑައެޅި ގާނޫނީ ހައިސިއްޔަތެކެވެ. 1887 ގެ އެއްބަސްވުމުގައި ހިމެނުނީ ބެލް ކުރިން ލިޔެފައިވާ މި ކަންކަމެވެ.
ގެއްލިފައިވާ އަހަރުތައް
ބެލްގެ ރިޕޯޓު ނެރުނުތާ މާގިނަ ދުވަހެއް ނުވެ، ރާއްޖޭގެ ރަސްކަމުގެ ތަޚުތަށް ބޮޑެތި ލޮޅުންތަކެއް އަޔެވެ. އޭރު އޮތް އަތިރީގޭ ފެކްޝަނާއި ކަކާގޭ ފެކްޝަނުގެ މެދުގައި އުފެދުނު ވާދަވެރިކަމުގެ ތެރެއިން މާލޭގައި ސިޔާސީ ގޮތުން ހިންގުނު ބޮޑުހުޅުގެ އަނިޔާވެރި ޖަރީމާތައް، އިބްރާހިމް ދޮށިމޭނާކިލެގެފާނު އިސްވެ ހުންނަވައިގެން ހިންގުނެވެ. ކުށްވެރީން ފަޅާ އަރާ، ކުށް ސާބިތުވެ އިބްރާހިމް ދޮށިމޭނާކިލެގެ ފާނު އައްޑު އަތޮޅަށް އަރުވާލެވުނެވެ. މި ހަލަބޮލިކަމުގެ ތެރޭގައި، ބަލަން ތިބި މީހުންގެ ލޯމައްޗަށް އިނގިރޭސިންގެ ހިމާޔަތަކީ ދިވެހި ވެރިކަމުގެ ބާރުވެރިކަން ހޯދުމަށް، އިބްރާހިމް ދޮށިމޭނާ ކިލެގެފާނަށް އޮތް ވަސީލަތެއް ކަމަށް ފެނުނެވެ.
ކޮންމެއަކަސް، މާލެއާ ދިމާއަށް މަނަވަރުގެ ބޮޑުބަޑި އަމާޒުކޮށް، ރަސްގެފާނަށް ބިރުދައްކައި، މަޖުބޫރު ކުރުވައިގެން، 1887 ވަނަ އަހަރު އިނގިރޭސިންނާއެކު ހިމާޔަތުގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ. ސޮއިކުރެއްވީ މުހައްމަދު މުއީނުއްދީން (ދެވަނަ) އެވެ. މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ޚާރިޖީ ސިޔާސަތާއި ދިފާއީ ކަންކަން އިނގިރޭސިންގެ ދަށަށް ދިޔައެވެ. ބެލް 1883 ގައި ލިޔުނު "ޤަޟިއްޔާ" އާއި އެއްގޮތަށް، އިނގިރޭސިންނާ ދެމެދުގެ، ރާއްޖޭގެ ރަސްކަމުގެ ގާނޫނީ ހައިސިއްޔަތު، 1887 ގައި ބަދަލުވެގެން ދިޔައީއެވެ. އެއަށްފަހު، އިބްރާހިމް ދޮށިމޭނާ ކިލެގެފާނު، މި ޒަމާނުގެ ގޮތުން ނަމަ "ޓެރަރިޒަމްގެ ކުށް" ސާބިތުވެ އައްޑު އަތޮޅަށް އަރުވާލާފަ ހުއްޓާ، އޭނާ ދޫކުރުމަށް ރަސްގެފާނަށް އަމުރުކޮށް، އަދި އެވަރުން ނުވެގެން ބޮޑުވަޒީރުކަން އޭނާއާއި ޙަވާލުކުރުމަށް ވެސް، އިނގިރޭސިން ރަސްގެފާނަށް މަޖުބޫރުކުރިއެވެ. އެއަށް ފަހު މުޙައްމަދު އަމީނާއި ޖެހެންދެން ރާއްޖޭގައި ހިންގަމުން އައީ، އިބްރާހިމް ދޮށިމޭނާ ކިލެގެފާނުގެ ޢާއިލީ ވެރިކަމެވެ. އަތިރީގޭ ޚާންދާނުގެ ވަފާތެރިކަމުގެ މަތިން، އިނގިރޭސިންގެ ހިމާޔަތުގެ ދަށުންނެވެ.
އެއް ވިސްނުމުގައި، މި ހަލަބޮލިކަމުގެ ތެރޭގައި، ބޭރުގެ އެހީތެރިކަމަށް އިބްރާހިމް ދޮށިމޭނާ ކިލެގެފާނު ބޭނުންފުޅު ވެގެން އެކަން އެހެން ވެގެން ދިޔައީއެވެ. އަނެއް ވިސްނުމުގައި، ބެލްގެ ރިޕޯޓުގައި ހުށަހެޅި ކަންކަމާ އެއްގޮތަށް، އެ ކަންކަން ޙާސިލުކުރުމަށް ދާންވާ މަގު ކޮށުމުގެ ގޮތުން، އިބްރާހިމް ދޮށިމޭނާ ކިލެގެފާނު ލައްވާ ބޮޑުހުޅުގެ މިޖަރީމާތައް އިނގިރޭސިން ހިންގުވީއެވެ. އަދުގެ ދުނިޔެއިން މިސާލެއް ދައްކާ ނަމަ، ސީރިޔާގެ ރައީސް އަޙުމަދު އަލް ޝައްރާ، ނުވަތަ ކުރީގެ ނަމުން ނަމަ އަބޫ މުޙައްމަދު އަލް ޖޫލާނީއެވެ.
ފޭރިގަނެވުނު އަރުޝީފު
ބެލް އަކީ ތާރީޚު "ރައްކާކުރި" މީހެއްގެ ގޮތުގައި ދެކޭ ދެކުމާ ދެކޮޅަށް ހުރި ހެކިތައް ފެންނަން އޮތީ ސްރީލަންކާގެ ނޭޝަނަލް އާކައިވްސްގައެވެ. "ބެލް ކަލެކްޝަން" ގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ 300 އަށްވުރެ ގިނަ ލިޔެކިޔުންތަކުގެ ތެރޭގައި ޚުލާޞާ ގޮތެއްގައި އަންނަނިވި ތަކެތި ހިމެނެއެވެ:
1965 ގައި އިއާދަނުކުރެވުނު ކަންކަން
1965 ވަނަ އަހަރުގެ ޖުލައި 26 ގައި އުވާލެވުނީ ހަމައެކަނި މުއާހަދާއެކެވެ. ނަމަވެސް، ބެލް ގެންގުޅުނު އެ ފިކުރާއި، އޭނާ ނަގައިގެން ދިޔަ ތާރީޚީ ލިޔެކިޔުންތަކެއް އަނބުރާ ނުލިބެއެވެ. މިނިވަންކަމަކީ ހަމައެކަނި ބިމުގެ މިނިވަންކަމެއް ނޫނެވެ. އެއީ ގައުމުގެ ތާރީޚީ ހަނދާންތަކުގެވެސް މިނިވަންކަމެވެ.
މިހާރު އޮތް އެންމެ މުހިންމު ފިޔަވަޅަކީ، ކޮލަމްބޯގައި ހުރި ރާއްޖޭގެ މި ހުރިހާ ތާރީޚީ ލިޔެކިޔުންތަކެއް އަނބުރާ ހޯދުމަށް ނުވަތަ މަދުވެގެން އޭގެ ޑިޖިޓަލް ކޮޕީތައް ހޯދައި، ގައުމީ އަރުޝީފުގެ ބަލަދުވެރިކަމުގެ ދަށަށް އެތަކެތި ގެނައުމެވެ. ގައުމެއްގެ ރަސްމީ ލިޔެކިޔުންތައް އެހެން ގައުމެއްގެ އަރުޝީފުގައި ހުއްޓާ، އެ ގައުމަކަށް ފުރިހަމަ ސިޔާދަތީ މިނިވަންކަމެއް ލިބިފައިވާ ކަމަށް ދައުވާއެއް ނުކުރެވޭނެއެވެ.
މަސްދަރުތައް
މި މަޒުމޫނުގައި ބޭނުންކޮށްފައިވާ މައިގަނޑު މަސްދަރުތަކަކީ އެޗް. ސީ. ޕީ. ބެލް 1883 ވަނަ އަހަރު ލިޔުނު ރިޕޯޓާއި، 1985 ވަނަ އަހަރު ރާއްޖޭގެ ދިވެހިބަހާއި ތާރީޚު ދިރާސާ ކުރާ ގައުމީ މަރުކަޒުން ނެރުނު ފޮތުގެ ތައާރަފާއި، އަދި ސްރީލަންކާގެ ނޭޝަނަލް އާކައިވްސްގައި ހުރި "ބެލް ކަލެކްޝަން" ގެ ރެކޯޑުތަކެވެ. 1886 އާއި 1889 އާ ދެމެދު ރާއްޖޭގެ ރަސްކަމަށް އައި ބަދަލުތަކާއި 1887 ގެ އެއްބަސްވުމުގެ މައުލޫމާތު ނަގާފައިވަނީ އެ ދުވަސްވަރުގެ ތާރީޚީ ރެކޯޑުތަކުންނެވެ. އަދި މާލޭގައި ހިނގި ބޮޑު ހުޅުގެ ހާދިސާއާއި އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ދައުރާ ބެހޭ މައުލޫމާތު ބިނާކޮށްފައިވަނީ ދިވެހި ތާރީޚީ މަސްދަރުތަކުގެ މައްޗަށެވެ.
މި ދިރާސާއިން އެނގިގެންދަނީ، ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލިގެންދިޔުމަކީ ހަމައެކަނި ކުއްލިއަކަށް ސޮއިކުރެވުނު ކަރުދާހެއްގެ ނަތީޖާއެއް ނޫން ކަމެވެ. އެއީ ވަރަށް ބޮޑަށް ރޭވުންތެރިކަމާއެކު، ގަލަމުގެ ބާރުންނާއި، ސިޔާސީ ނުތަނަވަސްކަމުގެ ނާޖާއިޒު ފައިދާ ނަގައިގެންނާއި، އަދި ގައުމުގެ ތާރީޚީ ހެކިތައް ނިގުޅައިގަނެގެން ހިންގާފައިވާ އިސްތިއުމާރީ އަމަލެއް ކަމެވެ. އެހެންކަމުން، މިނިވަންކަން ފުރިހަމަވާނީ މި ދެންނެވި ހުރިހާ ދާއިރާއަކުން ގައުމުގެ އަމިއްލަވަންތަކަން އަނބުރާ ހޯދައިގަނެވިގެންނެވެ.

- ދިވެހިރާއްޖޭގެ ރަސްރަސްކަލުންނާއި ސިލޯނުގެ ގަވަރުނަރުންނާ ދެމެދު ބަދަލުކުރެވުނު އަސްލު ސިޓީތައް.
- ގަނޑުވަރުގެ ލިޔެކިޔުންތަކާއި، ބޮޑުގަލު މިސްކިތުގެ ލޯމާފާނު ހިމެނޭހެން 12 އަސްލު ލޯމާފާނު.
- ރާއްޖޭގެ ތާރީޚު (ތާރީޚުލް އިސްލާމް ދީބާ މަހަލް)، ރާދަވަޅި، އަދި ރަސްކަމުގެ ނަސަބުނާމާގެ އަސްލުތައް.
- ރާއްޖޭގައި ބޭނުންކުރި ގަދީމީ ފައިސާ ފޮއްޗާއި، އާސާރީ ތަކެތި.