![]() |
| ފޯރަމްގަ ބައިވެރިވެ ވަޑައިގެންނެވި ބައެއް އިސް ބޭފުޅުން |
އަނެއްކާވެސް މިބައްދަލު ކޮށްލަނީ ކުރު ޚަބަރަކާއިގެންނެވެ. އެއީ ފޯޅަވާހިގެ ވާހަކަ ދެއްކުމަށް އިންތިޒާމް ކުރެވުނު ކުޑަކުޑަ ހަފްލާއެއްގެ ވާހަކައިންނެވެ. ޙަފްލާ ބޭއްވުނީ ރޭގެ ވަގުތެއްގައި ކައިމޫ ހޮޓަލުގެ 9 ވަނަ ފަންގިފިލާގެ މާލަމުގައެވެ. އެއް ބޭނުމަކީ ފޯޅަވަހި ހޯދުމުގެ މަސައްކަތުގައި އަމަލީގޮތުންނާއި ރޫހީގޮތުން މަސައްކަތް ކުރައްވާ އޮޅިތަކުގެ ބައިވެރިންނަށް، ރާއްޖެ އުފެދިފަވާ ގުދުރަތީ އަށިމަތީގައި ހިމެނޭ ލަކްޝަދީބާއި ދިވެހިރާއްޖެއާއި ފޯޅަވަހީގެ ފަރުތައް އުފެދިފައިވާ އެއްގޮތް ކަމުގެ މައްޗަށް ސައިންސްގެ އަލީގައި، އެމެރިކާގެ ރައިސް ޔުނިވާސިޓީގެ އެމެރިޓަސް ޕްރޮފެސަރު އަންޑްރޭ ޑްރޮކްސްލާގެ ޢިލްމީ މަޢުލޫމާތު ކޮޅެއް ފޯރުކޮށް ދެއްވުމެވެ.
ފަހުވަގުތުގައި އެޖެންޑާއަށް ކުޑަ ބަދަލެއް އައުން:
![]() |
| ޕްރޮފެސަރ ޑްރޮކްސްލަރ |
އެހެނެއްކަމަކު އެމަނިކުފާނު މިވަގުތު ރާއްޖެ ވަޑައިގެން ހުންނެވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީން ރާއްވަވާފައިވާ ޢިލްމީ މަސައްކަތެއް ކުރެއްވުމަށެވެ. ޢިލްމީ މަސައްކަތްތަކަކީ އެކަމުގައި އިސްވާ މުޢައްސިސާތަކުގެ ސުލޫކީ މިންގަނޑުތަކުގެ ތެރެއަށް ފެތިގެން ކުރެވޭ މަސައްކަތްތަކެކެވެ. އެހެންކަމުން އަޅުގަނޑުމެން ކުރަމުން މިދަނީ ގައުމީ މަސައްކަތެއް ކަމުގައި ވިޔަސް، މިކަމަކީ ބަވަނަ ދުނިޔޭގެ ސިޔާސަތާއި، އަދި ސަރަޙައްދީ ސިޔާސީ ކަންކަމާއިވެސް ގުޅުން ހުރިކަމަކަށް ވާތީ، ޤައުމީ ޔުނިވާސިޓީގެ މަސައްކަތުން ބޭރު ކަމެއްގައި އެމަނިކުފާނު މިދަތުރުފުޅުގައި ބައިވެރިވެ ވަޑައިގަތުން ރަނގަޅު ނުވާނެކަމުގައި ޤަބޫލުކުރެވުނެވެ. އެހެންވެ އެހެންފަހަރަކުން އެމަނިފާނު އަޅުގަނޑުމެންނަށް މަޢުލޫމާތު ދެއްވާގޮތަށް ޝުކުރުވެރިކަމާއިއެކު އެޖެންޑާއަށް ކުޑަ ބަދަލެއް ގެނެވުނީއެވެ.
ޕްރޮފެސަރ ޑްރޮކްސްލާގެ ބަދަލުގައި ޑރ. އިބްރާހިމް މުޙައްމަދު
![]() |
| ޑރ. އިބްރާހިމް މުޙައްމަދު |
ޑރ. އިބްރާހިމްގެ ވާހަކަފުޅުތައް ގެންދެވީ ވަރަށްވެސް ސާދާ ސީދާ ކޮށެވެ. ވާހަކަފުޅުގައި ބާރުއެޅުއްވީ ފޯޅަވަހި ހޯދުމުގެ މަސައްކަތުގައި، އަޅުގަނޑުމެންގެ ޤުދުރަތީ ތަރިކަ ފާހަގަކޮށް ދެނެގަތުމުގެ މުހިއްމުކަމާއި މެދުގައެވެ. ފޯޅަވަހި ހޯދުމުގެ މަސައްކަތުގައި އެތަނަކީ ދިވެހިންގެ ޤުދުރަތީ ތަރިކައެއް ކަމުގެ ހެކި އެއްކޮށް ޖަމާކުރުމަކީ ކިހާ ބޭނުންތެރި ކަމެއް ކަމާ މެދުއެވެ. އަދި މިފަދަ ހެކިތަކުގެ އަލީގައި އިންޑިޔާ ކަނޑުގައި ދިވެހިންގެ ޙައްޤު މަގާމު ފާހަގަކޮށް ދެނެގަތުމުގެ ބޭނުންތެރި ކަމުގެ މައްޗަށެވެ.
ތާރީޚު ޢިލްމުވެރީންނާއި، ރިޓަޔާޑް ޑިޕްލޮމެޓުން އަދި ދިވެހި އަސްކަރިއްޔާގެ ކުރީގެ އިސްވެރީން
![]() |
| އިބްރާހިމް މަނިކު: ތާރީޚު ދިރާސާ ކުރައްވާ ބޭފުޅެއް |
ކުރު އިބާރާތްތަކަކުން ތާރީޚު ޢިލްމުވެރިން ފޯރަމުގެ ބައިވެރިންނަށް، ތާޜީޚުގެ ފަތްފުށްތަކުން ފޯޅަވަހި އެއީ ދިވެހިންގެ ތަނެއްކަމުގެ ހެކި ހުށަހެޅުއްވީ އެހެކިތަކުގެ ކުރިމަތީގައި އިސްތިޢުމާރީ އެއްވެސް ހުއްޖަތަކަށް ޖާގަ ނެތް މިންވަރަށެވެ.
އެއަށްފަހު، އޭގެ ތެރެއިން ދެން އިވިގެން ދިޔަ އެއް އަޑަކީ ރާއްޖޭގެ ކުރީގެ ޑިޕްލޮމެޓެއްގެ ވާހަކަ ފުޅެވެ. ވިދާޅުވީ "އިންޑިޔާ ކަނޑުގައި ރާއްޖޭގެ މަޤާމަކީ ބަވަނަ ދުނިޔޭގެ ސިޔާސަތުގައި އިސްތިރާޖީ މަޤާމެކެވެ. ނޭވާގައި ވައި ހިނގައި، މޭގައި ވިންދު ޖަހާހާ ހިނދަކު އެމަޤާމު ދިވެހިންނަށް ދޫކޮށްލެވެން ނޯންނާނެ" ކަމަށެވެ.
އަސްކަރިއްޔާގެ ކުރީގެ އިސްވެރީންގެ ކިބައިން އިވިގެން ދިޔަ ޝުޢޫރުތަކުގެ މިސާލަކީ ދިވެހި ގައުމާއި އަމާޒުވަމުން އަންނަ ތޫނު ލޮންސިތަކެއްގައި، އެކަތައިގެ އައްޑަނަ ތަކެއް ވިއްދާލީމާ ކަންފަތުގައި ޖެހިގެންދާނޭ ފަދަ އަޑުތަކެއްގެ މިސާލެވެ. އެބޭފުޅުން ވިދާޅުވީ، ފޯޅަވަހި ހޯދުމުގެ މަސައްކަތަކީ، ފަހަރެއްގައިވެސް އެކުވެރި އިނގިރޭސިންނާއި، އެމެރިކާއާއި ދެކޮޅު މަސައްކަތެއް ނޫންކަމުގައެވެ. އިންޑިއާ ކަނޑުގައި، ދިވެހިރާއްޖެއާއި އިނގިރޭސިންނާއި އެމެރިކާގެ މަސްލަހަތަކީ އެއް މަސްލަޙަތެއް ކަމަށެވެ. އެއީ ވަކި ނުކުރެވޭނޭ މަސްލަޙަތެއް ކަމުގައެވެ. އެމަސްލަޙަތު ޒަމާން ތަކަކަށް ރައްކާ ކުރެވޭނެ ގޮތަކީ ފޯޅަވަހީގެ ސިޔާދަތީ ބާރު ދިވެހިރާއްޖޭގައި އޮތުން ކަމަށެވެ.
ދިގުކުރާކަށް ނެތީމެވެ! ރޭވުންތެރި ބޭނުމަށް ބައެއް ވާހަކަތައް ސިއްރު ކުރަމުން ކުރުކޮށްލާނަމެވެ. ރޭގެ ފޯރަމް ނިމިގެން ދިޔައީ މާޒީވިތަނުން އަދާހަމަޔަށް ދިވެހި ގައުމުގެ ރިޔާސީ ނައު، ބަވަނަ ދުނިގޭ ސިޔާސީ މައިދާނަށް ނެރެ، މިސްރާބު ހިއްޕެވި ކާބަފައިކަލުންނަށް ތަޢުރީފު އަދާ ކުރަމުންނެވެ. ބައިވެރީންގެ އަތްތައް ޤައުމީ ގެތުމަކުން ގަތާލަމުންނެވެ. އާދެ! ލައްވާށި ދިވެހި ޤައުމު އިލާހީ އިނާޔަތުގައި! ... ލައްވާށި ދިވެހި ދަރީން ރައްބީގެ ރަޙުމަތުގައި!



