November 03, 2026

ތަނެއް ނެތި ނަމެއް: ކޮންސެއިސާއޯ ނައު އުރުނު ފަރާއި ޕެރޯސް ބަންހޯސްގެ ނަން ރާއްޖޭގެ ކަންދޫ އަތޮޅަށް ބަދަލުކުރުމުގެ އޮޅުވާލުން

ޕެން ފޯ ރައިޓްސް، ދިވެހިރާއްޖެ

މުސައްނިފުގެ ނޯޓް
މި ލިޔުމަކީ ޕެން ފޯ ރައިޓްސްގެ ދިރާސާ ކަރުދާސް "ރެންޖެލްސް އައިލެންޑް އެންޑް ދަ މިސިން ހޮރައިޒަން" (މުރާޖަޢާކުރެވުނު ނުސްޚާ، 27 އޮކްޓޫބަރު 2026) އާއި ގުޅުވައިގެން ލިޔާ ލިޔުމެއް ކަމަށްވާތީ، މި ލިޔުން ކިޔުމަށް ބޮޑަށް އެދެވިގެން ވަނީ އެ ކަރުދާހާއި އެކުގައެވެ. މި ލިޔުން ބިނާކޮށްފައި ވަނީ، މި ކާރިސާއާއި ގުޅޭގޮތުން ލިޔެފައިވާ 1735 ވަނަ އަހަރުގެ ލިޔުމާއި، އަދި ނައު ޣަރަގުވުމާއި ބެހޭގޮތުން ފެންނަން ހުރި އެންމެ ކުރީގެ ރިޕޯޓުތަކުގެ މައްޗަށެވެ. ކަށަވަރުވާ އަދި ކަށަވަރުނުވާ ކަންކަމާ ބެހޭ ބަޔާންތަކަކީ، ލިޔުމުގެ ފަހަތުގައިވާ މަސްދަރުތަކަށް ބަލައިގެން ކޮށްފައިވާ ބަޔާންތަކެވެ. މި ލިޔުމުގައި އިނގިރޭސި ލަފުޒު "ހައިޑްރޮގްރަފީ" ގެ ބަދަލުގައި ދިވެހި ބަހަކަށް ބޭނުން ކޮށްފައިވާނީ ޑރ. ޙަސަން ހަމީދުގެ އިނގިރޭސި – ދިވެހި ބަސްފޮތުގައި ވާ ގޮތަށް "ހައިޑްރޮގްރެފި" އެވެ.

ފެށުން
މީލާދީން 1555 ވަނަ އަހަރުގެ އޮގަސްޓު މަހުން 22 ގައި، ޕޯޗުގީޒުންގެ ބޮޑު ނަވެއް ކަމަށްވާ ކޮންސެއިސާއޯ، މަޑަގަސްކަރައިގެ އިރުމަތިން އިންޑިއާއަށް ދަތުރުކުރަމުން ދަނިކޮށް ފަރަކަށް އުރި ޣަރަގުވެއްޖެއެވެ. ލޮލަށް ފެންނަ ފަށުގައި ސަލާމަތުގެ އައްސޭރިއަކަށް ހިކިފަސް ތަނަކަށް އޮތީ ކުޑަކުޑަ، ތިރި، ރަށެއް ނުވަތަ ފުއްޓެކެވެ. އެ ރަށަށް އަރަން އުޅުމުގެ ތެރޭގައި ރަސްގެފާނުގެ މުދަލާއި ހަވާލުވެގެން ނަވުގައި ހުރި މީހާ (ފެކްޓަރު) ގެނބިގެން މަރުވެއްޖެއެވެ. އެއީ މި ކާރިސާގެ ފުރަތަމަ މަރެވެ. މި ކުޑަކުޑަ ރަށުގައި ހައްޔަރުވެފައި ތިބޭތާ ހަފްތާތަކެއް ފަހުން، މީގެ ތެރެއިން ސާޅީސް މީހުން، ހަލާކުވެފައިވާ ނަވުގެ ބައިތަކުން ހެދި އުޅަނދެއްގައި އިންޑިއާއަށް ފުރައިގެން ހިނގައްޖެއެވެ. ބާކީ ތިބި މީހުންގެ ތެރެއިން ގިނަބަޔަކު ޖެހިގެން އައި ހަތް މަސް ދުވަހުގެ ތެރޭގައި މަރުވިއެވެ. އެންމެ ފަހުން ދިރިތިބި މީހުން މާސިންގާ ކަނޑުގައި މަރާ ދެކޮޅަށް ހަނގުރާމަ ކުރަމުން ގޮސް، އޭގެ ތެރެއިން ބާރަ މީހުންނަށް އިންޑިއާގެ މަލަބާރު އައްސޭރީގެ ކޮޗިނަށް ދެވުނެވެ. ފަހުގެ ލިޔުންތެރިން މި ކާރިސާ ހިނގިކަމަށް ބަޔާންކުރަނީ، ފޮއްޅަވައިގެ އަތޮޅެއް ކަމަށްވާ ޕެރޯސް ބަންހޯސް ނުވަތަ ކުރީ ޒަމާނުގައި ދިވެހިރާއްޖޭގެ ކަންދޫ އަތޮޅު ގައެވެ. 2021 ވަނަ އަހަރުގެ އޮކްޓޫބަރުގައި، މޮރިޝަސްގެ ވަކީލު، ފިލިޕް ސޭންޑްސް ދެއްވި ވައިޓްހޯލް ލެކްޗަރުގައި، އޭނާ މި ވާހަކަ ކިޔައިދެއްވީ ކަނޑައެޅި ސާބިތުވެފައިވާ ޙަޤީޤަތަކަށް ހައްދަވައިގެންނެވެ.

October 14, 2026

ފޮއްޅަވައިގެ މައްޗަށް ފަރަންސޭސި މިލްކުވެރިކަން އޮތްކަމުގެ ގެއްލިފައިވާ ލިޔުން

ޕެން ފޯ ރައިޓްސް - ދިވެހިރާއްޖެ
މުސައްނިފްގެ ނޯޓް:
ފޮއްޅަވައި (ޗާގޯސް ޖަޒީރާ) ތަކުގެ މައްޗަށް ފަރަންސޭސިވިލާތުގެ ސިޔާދަތީ ބާރު އޮތްކަމަށް ބުނާ ވާހަކަތައް އާންމުކޮށް ފެށެނީ، 1744 ވަނަ އަހަރު ކެޕްޓަނަކު އެ ރަށްތައް ހޯދި ކަމަށް ބުނާ ރިޕޯޓަކުންނެވެ. ނަމަވެސް ތާރީޚީ އަރުޝީފުތަކުން ފެންނަނީ މިއަށްވުރެ އޮޅުންބޮޅުން ބޮޑު މަންޒަރެކެވެ. މި ލިޔުމަކީ 12 އޮކްޓޫބަރު 2026 ގައި، ޕެން ފޯ ރައިޓްސްއިން އިނގިރޭސި ބަހުން ޝާއިޢުކުރި ޢިލްމީ ކަރުދާހަށް ބިނާކޮށް ލިޔެފައިވާ މަޒުމޫނެކެވެ. މި މަޒުމޫނުގައި ބުނާ ވާހަކަތަކުގެ ފުރިހަމަ މަޞްދަރުތައް ހޯއްދެވުމަށް، އެ ކަރުދާސް ބެއްލެވުމަށް ކިޔުންތެރިންނަށް އިރުޝާދު އަރުވަމެވެ.

ފެށުން
ފަރަންސޭސިވިލާތުގެ ބިބްލިއޮތެކް ނޭޝަނަލް (ކުތުބުޚާނާ) ގައިވާ ޗާޓުތަކުގެ ތެރޭގައި، އިންޑިއާ ކަނޑުގެ މެދުތެރޭގައިވާ އަތޮޅުތަކެއްގެ، އަތުން ކުރަހާފައިވާ ޗާޓެއް އޮވެއެވެ. އޭގެ ސުރުޚީގައިވާ ގޮތުން 'ޗާގަސް' ގެ ރަށްތައް ހޯދީ 16 އެޕްރީލް 1744 ގައި ކެޕްޓަން ލަޒާޣް ޕިކޯގެ ދަށުން ދަތުރުކުރި 'އެލިޒަބަތު' ނަމަކަށް ކިޔާ އުޅަނދަކުންނެވެ. އެތަކެއް ޖީލެއް ވަންދެން މި ޖުމްލައަކީ ޤާނޫނީ ވާހަކަތަކެއްގެ ފެށުމެވެ. އެއީ ފަރަންސޭސިވިލާތަށް ފޮއްޅަވައި ފެނުނު ކަމާއި، އެ ތަން އިދާރީގޮތުން ބެލެހެއްޓި ކަމާއި، އަދި 1810 ގައި އިނގިރޭސިން އެ ތަން އަތުލައި 1814 ގެ މުޢާހަދާއަކުން އެ ތަނުގެ މިލްކުވެރިކަން ހޯދި ކަމަށް ބުނާ ވާހަކައެވެ. 'ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ' އިން ފެށިގެން މިއަދުގެ މައްސަލަތަކާ ހަމައަށް ހުރިހާ ކަމެއް ބިނާވެފައިވަނީ މި ބުނާ ސިލްސިލާގެ މައްޗަށެވެ.

October 06, 2026

ފަރަންސޭސިން ފޮއްޅަވައި އިނގިރޭސިންނާ ހަވާލު ކުރިތޯ - އެތާގައި ހިންގާ އިނގިރޭސި ވެރިކަމުގެ ގާނޫނީ ބިންގާ އަލުން މުރާޖައާ ކުރުން

ޕެން ފޯ ރައިޓްސް – ދިވެހިރާއްޖެ

މީލާދީން 1810 ނުވަތަ 1814 ވަނަ އަހަރު ފޮއްޅަވައި (ޗާގޯސް) ގާނޫނީ ގޮތުން އިނގިރޭސިވިލާތުގެ ދަށަށް ބަދަލުކޮށްފައި ނުވާނަމަ، އެ ރަށްތަކުގެ އިސްތިއުމާރީ ތާރީޚާ ގުޅޭ މުހިންމު ކަންތައްތަކެއް އަލުން މުރާޖައާ ކުރަން ޖެހެއެވެ. 1810 ގައި އިލް ޑި ފްރާންސް (މިހާރުގެ މޮރިޝަސް) ގައި ތިބި ފަރަންސޭސި އިސްތިޢުމާރީން އިނގިރޭސި އިސްތިއުމާރީންނަށް އަމާން ދިނެވެ. ފަރަންސޭސި އިސްތިއުމާރަށް ފަހު ފޮއްޅަވައި އިނގިރޭސި އިސްތިއުމާރުގެ ދަށުން ބެލެހެއްޓި ކަމީ ތާރީޚީ ހަގީގަތެކެވެ. ނަމަވެސް، އެއީ އިނގިރޭސިވިލާތަށް އެ ރަށްތަކުގެ ސިޔާދަތީ ބާރު ލިބުނު ގޮތާ ބެހޭގޮތުން އުފެދޭ އަސާސީ ސުވާލުގެ ޖަވާބެއް ނޫނެވެ. އަދި އެ ސިޔާދަތު ލިބުނު ގޮތް ސާފު ނުވުމަކީ ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު ފޮއްޅަވައިގެ މައްޗަށް ސާބިތުވާ ކަމެއްވެސް ނޫނެވެ. ނުވަތަ އެއީ ފޮއްޅަވައިއަކީ އެއްވެސް ބައެއްގެ މިލްކުވެރިކަން ނެތް (terra nullius) ތަނެއްގެ ގޮތުގައި ކަނޑައެޅޭނެ ސަބަބެއްވެސް ނޫނެވެ. އެހެންނަމަވެސް، އިނގިރޭސިންނަށް އެތަނުގެ މިލްކުވެރިކަން ލިބުނު ގާނޫނީ އަސާސެއް ދެނެގަންނަން ޖެހެއެވެ.

September 12, 2026

ފޮއްޅަވައި ދައުވާގައި އެކްސްޕާޓުންގެ މަސައްކަތް އޯޑިޓް ކުރާނީ ކާކު؟

ޕެން ފޯ ރައިޓްސް - ދިވެހިރާއްޖެ
ޕެން ފޯ ރައިޓްސް އިން "ހޫ އޮޑިޓްސް ދަ އެކްސްޕާޓްސް؟ ވައި އޯޑަރ މެޓަރސް އިން ދަ ފޮއްޅަވައި ސޮވެރެންޓީ ކޭސް" ގެ ނަމުގައި އާ ކަރުދާހެއް މިއަދުވަނީ ޝާއިޢުކޮށްފައެވެ. މިއީ ފޮއްޅަވައިގެ މައްސަލައިގައި ދިވެހިރާއްޖޭގެ ސިޔާދަތީ މަސައްކަތްތައް ކުރިއަށްގެންދާނެ މެތޮޑޮލޮޖިކަލް އޮނިގަނޑެއް ނުވަތަ އިލްމީ އުސޫލުތަކެއް ހުށަހަޅައިދޭ ކަރުދާހެކެވެ. މި ކަރުދާހުގައި، ފޮއްޅަވައިގެ މައްސަލައިގައި ރާއްޖޭގެ ސިޔާދަތީ ދަޢުވާ ބިނާކުރުމުގައި ހެކިތަކާއި، ޤާނޫނީ ދިރާސާތަކާއި، ދައުލަތުގެ ބާރުތަކާއި އަދި ޚާރިޖީ ސިޔާސަތުތައް ތަރުތީބުކުރަންޖެހޭ ގޮތުގެ މައްޗަށް އަލިއަޅުވާލާފައި ވާނެއެވެ.

މި ކަރުދާހުގެ މަޤްސަދަކީ މޯލްޑިވްސް ނޭޝަނަލް ޓެރިޓަރީ އެންޑް ސޮވެރެންޓީ އޮފީހާއި، ސަރުކާރުގެ ނިންމުންތައް ނިންމަވާ ފަރާތްތަކާއި، ކަމާބެހޭ މާހިރުންނާއި، ދިރާސާކުރާ ފަރާތްތަކުގެ އިތުރުން މިކަމުގައި މަސައްކަތްކުރާ މަދަނީ ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. މިއީ ތާރީޚީ މާހިރުން، ބައިނަލްއަޤްވާމީ ޤާނޫނީ ވަކީލުން، ދުސްތޫރީ ލަފާދޭ ފަރާތްތައް ނުވަތަ ސަފީރުންގެ ފަންނީ މަގާމުތަކާއި، ނިންމުންތައް އެއްފަރާތްކޮށް އޭގެ ބަދަލުގައި ބޭނުންކުރުމަށް ހުށަހަޅާ މެތޮޑޮލޮޖީއެއް ނޫނެވެ. އޭގެ ބަދަލުގައި، މި ކަރުދާހުގައި ބަލާފައިވަނީ އެ ފަރާތްތަކުން ކުރާ މަސައްކަތްތައް އެކުއެކީގައި ފުރިހަމައަށް ގުޅިފައިވޭތޯ އާއި، އެ މަސައްކަތްތައް ކުރިއަށްދަނީ ރަނގަޅު ތަރުތީބުންތޯ ބެލުމުގެ މައްޗަށެވެ.