ޕެން ފޯ ރައިޓްސް އިން "ހޫ އޮޑިޓްސް ދަ އެކްސްޕާޓްސް؟ ވައި އޯޑަރ މެޓަރސް އިން ދަ ފޮއްޅަވައި ސޮވެރެންޓީ ކޭސް" ގެ ނަމުގައި އާ ކަރުދާހެއް މިއަދުވަނީ ޝާއިޢުކޮށްފައެވެ. މިއީ ފޮއްޅަވައިގެ މައްސަލައިގައި ދިވެހިރާއްޖޭގެ ސިޔާދަތީ މަސައްކަތްތައް ކުރިއަށްގެންދާނެ މެތޮޑޮލޮޖިކަލް އޮނިގަނޑެއް ނުވަތަ އިލްމީ އުސޫލުތަކެއް ހުށަހަޅައިދޭ ކަރުދާހެކެވެ. މި ކަރުދާހުގައި، ފޮއްޅަވައިގެ މައްސަލައިގައި ރާއްޖޭގެ ސިޔާދަތީ ދަޢުވާ ބިނާކުރުމުގައި ހެކިތަކާއި، ޤާނޫނީ ދިރާސާތަކާއި، ދައުލަތުގެ ބާރުތަކާއި އަދި ޚާރިޖީ ސިޔާސަތުތައް ތަރުތީބުކުރަންޖެހޭ ގޮތުގެ މައްޗަށް އަލިއަޅުވާލާފައި ވާނެއެވެ.
މި ކަރުދާހުގެ މަޤްސަދަކީ މޯލްޑިވްސް ނޭޝަނަލް ޓެރިޓަރީ އެންޑް ސޮވެރެންޓީ އޮފީހާއި، ސަރުކާރުގެ ނިންމުންތައް ނިންމަވާ ފަރާތްތަކާއި، ކަމާބެހޭ މާހިރުންނާއި، ދިރާސާކުރާ ފަރާތްތަކުގެ އިތުރުން މިކަމުގައި މަސައްކަތްކުރާ މަދަނީ ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. މިއީ ތާރީޚީ މާހިރުން، ބައިނަލްއަޤްވާމީ ޤާނޫނީ ވަކީލުން، ދުސްތޫރީ ލަފާދޭ ފަރާތްތައް ނުވަތަ ސަފީރުންގެ ފަންނީ މަގާމުތަކާއި، ނިންމުންތައް އެއްފަރާތްކޮށް އޭގެ ބަދަލުގައި ބޭނުންކުރުމަށް ހުށަހަޅާ މެތޮޑޮލޮޖީއެއް ނޫނެވެ. އޭގެ ބަދަލުގައި، މި ކަރުދާހުގައި ބަލާފައިވަނީ އެ ފަރާތްތަކުން ކުރާ މަސައްކަތްތައް އެކުއެކީގައި ފުރިހަމައަށް ގުޅިފައިވޭތޯ އާއި، އެ މަސައްކަތްތައް ކުރިއަށްދަނީ ރަނގަޅު ތަރުތީބުންތޯ ބެލުމުގެ މައްޗަށެވެ.
މި ކަރުދާހުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސިޔާދަތީ މައްސަލައެއްގައި މަސައްކަތްކުރާ ހުރިހާ މާހިރުންނަކީ އަމިއްލަ ގޮތުން ޤާބިލު ބަޔަކަށް ވީނަމަވެސް، މަސައްކަތްތައް ރަނގަޅު ތަރުތީބުން ނުގެންދެވިއްޖެނަމަ މުޅި މަޝްރޫޢު ނާކާމިޔާބުވުމުގެ ފުރުސަތު އޮވެއެވެ. ތާރީޚީ ހެކިތަކަކީ އެންމެ ފުރަތަމަ ދިފާޢުކުރެވޭ ފަދަ ތާރީޚީ ދަޢުވާއަކަށް ބާރުދޭ އެއްޗަކަށް ވާންޖެހެއެވެ. އެއަށްފަހު، ބައިނަލްއަޤްވާމީ ޤާނޫނީ މާހިރުން އެކަމުގެ ޤާނޫނީ ބަރުދަން ކަނޑައެޅުމުގެ ކުރިން، ކަމާބެހޭ މާހިރުން އެ ހެކިތަކާއި ދަޢުވާތައް ފުންކޮށް ދިރާސާކުރަންޖެހެއެވެ. އަދި އެއިން އުފަންވާ ޤާނޫނީ ނަޒަރިއްޔާތަކީ ދައުލަތުގެ ރަސްމީ ނިންމުމަކަށް ނުވަތަ ބައިނަލްއަޤްވާމީ މައިދާނުގައި ކުރާ ދަޢުވާއަކަށް ހެދުމުގެ ކުރިން، އެއާ ދެކޮޅަށް ހުރެދާނެ ހެކިތަކާއި ދައުލަތުން އަމަލުކޮށްފައިވާ ގޮތްތަކާ އަޅާކިޔައި ވަޒަންކުރަން ޖެހެއެވެ.
މި މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތުގެ ނަމޫނާއެއްގެ ގޮތުން، މި ކަރުދާހުގައި ދިހަ މަރުހަލާގެ މެތޮޑޮލޮޖިކަލް ތަރުތީބެއް ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ތާރީޚީ ހެކި ހޯދުމާއި ހަމައިން ފެށިގެން، ޤާނޫނީ ގިންތި ކަނޑައެޅުމާއި، އިދިކޮޅުން ހުށަހަޅާފާނެ ދަޢުވާތަކަށް ތައްޔާރުވުމާއި، ދައުލަތުގެ މުއްސަސާތައް އެއްގަލަށްއެރުމާއި، ޚާރިޖީ އަދި ޑިޕްލޮމެޓިކް ގުޅުމަށް ބުރޫ ނާރާ ދިފާއުކުރެވޭނެ ފަދައިން ބައިނަލްއަޤްވާމީ މައިދާނުގައި މައްސަލަ ހުށަހަޅާނެ ގޮތްތައް ހިމެނެއެވެ.
މި އޮނިގަނޑުގެ ދަށުން، ފޮއްޅަވައިގެ މިލްކުވެރިކަމާ ގުޅޭގޮތުން ރާއްޖެއިން ހުށަހަޅާ ނަޒަރިއްޔާތަކީ އެއާ ދެކޮޅަށް ހުރެދާނެ ހެކިތަކަށް ބަލައި ވަޒަންކުރެވިފައިވާ އެއްޗަކަށް ވާންޖެހެއެވެ. ޕެން ފޯ ރައިޓްސް އިން ވަނީ މި ޖަމިއްޔާގެ އަމިއްލަ ދިރާސާތަކުގައި ވެސް މި މިންގަނޑު ހިފަހައްޓާފައެވެ. އެގޮތުން، ހެކިތަކާއި ފަންނީ ދިރާސާތަކުން ކަށަވަރުނުވާ ކަންކަން އިސްލާހު ކުރުމަށް ނުވަތަ އެފަދަ ނުކުތާތައް ދޫކޮށްލުމަށް އަބަދުވެސް މި ޖަމިއްޔާއިން އޮންނަނީ ތައްޔާރަށް ކަމުގައި ހާމަކޮށްފައިވާނެއެވެ.
މީގެ އިތުރުން، މޯލްޑިވްސް ނޭޝަނަލް ޓެރިޓަރީ އެންޑް ސޮވެރެންޓީ އޮފީހުން މަސައްކަތްތައް ވިލަރެސްކުރުމުގައި އަދާކުރާ ދައުރަށް މި ކަރުދާހުގައި ޚާއްޞަ ސަމާލުކަމެއް ދީފައިވެއެވެ. މަދަނީ ޖަމިއްޔާތަކަށް މި މަސައްކަތުގައި އެހީތެރިވެވޭނީ ހެކިތަކުގައި ހުރި ހުސްތަންތަން ދެނެގަތުމާއި، ބަލާބެލުމަށް ނިންމާފައިވާ ނިންމުންތައް އިތުރަށް ދިރާސާކުރުމުން ކަމަށާއި، ނަމަވެސް ފަންނީ ނިންމުންތައް ނިންމުމަކީ ކަމާބެހޭ މާހިރުންގެ މަސްއޫލިއްޔަތެއް ކަމަށް މި ކަރުދާހުގައި ބަޔާންކޮށްފައިވެއެވެ.
މި ކަރުދާހުގެ މައިގަނޑު މެސެޖަކީ ފޮއްޅަވައިގެ މައްސަލައިގައި ރަނގަޅު ސުވާލުތައް ކުރި ނަމަވެސް، އެ ސުވާލުތައް ކުރާ ތަރުތީބު ގޯސްވެއްޖެނަމަ އެދެވޭ ނަތީޖާއެއް ނުލިބޭނެ ކަމެވެ.
