ޙަރަކާތުގެ ތަޢާރަފް

"ފޯޅަވަހީގެ ޙައްޤުގައި ދިވެހީން" މި ޝިޢާރުގެ ދަށުން މި ގައުމީ ޙަރަކާތް ފަށާންޖެހުނީ ފަރުދީގޮތުން އިސްނުނަގައި ތިބޭން ހެޔޮނުވާހިސާބަށް އެކަން ދިޔައީމައެވެ. ފޯޅަވައްސަކީ، އިސްތިޢުމާރީން އެތަނަށް އެރުމުގެ ކުރިން ދިވެހި ދައުލަތުގެ ތަނެކެވެ. ބައިނަލް އަގުވާމީ ޤާނުތަކާއި ހަމަތައް ފިޔަވައި ހަަމައެކަނި، ތާރީޚީގޮތުންވެސް އެކަމުގެ ހެކި ހުރީ ސާބިތުވާށެވެ.  އެނގޭހެއްޔެވެ؟ އިނގިރޭސީން 1968 ވަނަ އަހަރު އަލަށް ވުޖޫދުކުރި މޮރިޝަސް އެވެކިޔާ ގައުމަކީވެސް ދިވެހިދައުލަތުގެ އިމުގައި އޮތް ދިވެހި  ދައުލަތުގެ ރަށެކެވެ.  އެކަން ތާރީޚު ސާބިތުކޮށް ދެއެވެ.

އެކަމަކު، އިސްތިޢުމާރީ އައްޑަނަ  ނިވައިފަތްގަނޑަކަށް ހަދައިގެން ތިބެ ރާއްޖޭގެ ފޯޅަވަހިވެސް ހޯދުމަށްޓަކައި 1966 ވަނަ އަހަރުން ފެށިގެން މެދުނުކެނޑުމެއްނެތި  މޮރިޝަސް ކުރަމުން ގެންދިޔަ  އެ މަސައްކަތާއި ދަޢުވާ (މި) 2025 ވަނަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހު އެމީހުންނަށް  އެވަނީ ކާމިޔާބުވެސް ވެފައެވެ. އެހިސާބަށް އެކަން ދިޔައިރުވެސް،  އަހުރެމެނަށް މި ތިބެވުނީ ގަދަ ނިދީގައެވެ. ދިވެހީންގެ ރަސްމީ އެއްވެސް ފަރާތަކުން އެކަމާ ދެކޮޅެއް ނަހަދައެވެ. އަދި އެތަން ހޯދާންވެސް ރަސްމީގޮތުން  ކަމެއްކޮށް ދަޢުވާއެއްވެސް ކޮށްފައެއް ނެތެވެ.

އެކަމަކު، އެތަން މޮރިޝަސްއާ ރަސްމީކޮށް ހަވާލުކުރާ ދުވަހުންފެށިގެން ދިވެހީންގެ މުޅި ދިރިއުޅުމާއި ކުރިއެރުމުގެ "މައި" ދެ ވަސީލަތް ކަމަށްވާ މަސްވެރިކަމާއި  ޓޫރިޒަމް  ޚަރާބެއްގެ ތެރެއަށް ވެއްޓިގެންދާނެކަމީ ދުވާލުގެ އިރުފަދައިން ކަށަވަރުވެ އެނގޭކަމަކަށްވާތީ އެކަމާ ދެކޮޅު ނަހަދައި ތިބެވޭން ނެތީއެވެ. ފަރުދީ ހައިސިއްޔަތުން އެކަމާ ދެކޮޅަށް ތެދުވެ ބައިނަލް އަގުވާމީ ހުރިހައި މައިދާނެއްގައި ކުރެވޭންހުރި ކޮންމެ ކަމަކާއި މަސައްކަތެއް ކޮށްގެން ވިޔަސް  އެކަމާ އަޅައިނުލައި ދޫކޮށްނުލުމަށްޓަކައި މަސައްކަތް  ފަަށައިގަތީއެވެ. މިކަމުގައި ގިޔާމަތާ ހަމަޔަށް ދެމިތިބޭން ޖެހުނަސް ފަރުވާލެއް ނެތެވެ.

ވުމާއެކު، ފޯޅަވަހި އަނބުރައި މި ދިވެހިރާއްޖެއަށް ހޯދުމުގެ ހެޔޮ ނިޔަތާއި  ޢަޒުމުގައި އިޚްލާޞްތެރިކަމާއެކު މި ގައުމީ ޙަރަކާތް ފެށީއެވެ.
ސިޔާސީގޮތުން ކޮންމެ ފަޅިއެއްގައި ހުއްޓަސް ދިވެހި ކޮންމެ ފަރުދަކުވެސް މި ދިވެހި ގައުމަށްޓަކައި މި މަސައްކަތާ ގުޅުމަކީ އެދޭ ގޮތެވެ.