August 20, 2026

ގޮލާވެހި އަކީ ފޯޅަވަހި ކަމުގެ ހެކި: ފޮއްޅަވައިގެ ގެއްލިފައިވާ ނަންތައް ހޯދުމުގެ ދިރާސާގެ އަލީގައި

ޕެން ފޯ ރައިޓްސް - ދިވެހިރާއްޖެ
ނޯޓު:
މި ލިޔުމަކީ " ފްރެގްމެންޓްސް އޮފް އަ ލޮސްޓް ނޮމެންކްލޭޗަރ: އެޓެސްޓޭޝަން، ޓްރާންސްމިޝަން، އެންޑް ރީކޮންސްޓްރަކްޝަން އިން ދަ ހިސްޓޮރިކަލް ޓޮޕޮނިމީ އޮފް ފޮއްޅަވައި" ގެ ނަމުގައި ޕެން ފޯ ރައިޓްސްއިން ކުރިއަށްގެންދިޔަ ދިގު ދިރާސާގެ މުހިންމު ބައިތައް ހިމެނޭ ޚުލާސާއެކެވެ. މި ދިރާސާގައި ދިވެހި ތާރީޚީ ލިޔުންތަކާއި، ބަހަވީ އިލްމާއި، ރަށްރަށަށް ނަން ކިޔާފައިވާ ގޮތުގެ އަޅާކިޔުންތަކާއި، ޕޯޗުގީޒު ލިޔުންތަކާއި، ވިލާތުގެ ޗާޓުތަކުގެ އިތުރުން ސީޝެލްސް އަދި މަސްކަރީންގެ ރަށްތަކުގެ ނަންތަކާ ބެހޭ ދަފްތަރުތައް ބަލާފައިވެއެވެ. މިކަމާ ގުޅޭ ފުރިހަމަ ހެކިތަކާއި، މަޞްދަރުތަކުގެ ތަފްސީލާއި، ތާވަލުތަކާއި، ވަކިވަކި ނަންތައް އަލުން ބިނާކުރުމަށް ކުރެވުނު މަސައްކަތްތައް އެ ދިރާސާ މޮނޮގްރާފްގައި ހިމެނޭނެއެވެ. އަދި މި ދިރާސާގައި ބޭނުންކޮށްފައިވާ 22 ނަމުގެ މައްޗަށް އެކުލެވޭ ކޮންޓްރޯލް ކޯޕަސްއާއި، ބޭނުންކުރެވުނު ޗާޓުތަކުގެ ތަފްސީލުވެސް އެ މޮނޮގްރާފްގެ ޖަދުވަލުތަކުގައި ހިމެނޭނެއެވެ. ތިރީގައި މިވަނީ ޢިލްމީ ދާއިރާގެ ބޭފުޅުންނަށް އަމާޒުކޮށް، މި ދިރާސާގެ މައިގަނޑު ހޯދުންތަކާއި ވަކާލާތު ކުރާ ކަންކަމުގެ މައްޗަށް ލިޔެފައިވާ ޚުލާސާއެކެވެ.

ދިރާސާ ކުރަންޖެހުނު ސުވާލު
25 ފެބްރުވަރީ 2026 ގައި ނައިޖަލް ފަރާޖް އިނގިރޭސިވިލާތުގެ ހައުސް އޮފް ކޮމަންސްގައި ވިދާޅުވިއެވެ. "ފަރަންސޭސިން ކުރިހާވެސް ކަމަކީ ދިވެހި ބަހުން އެ ރަށްތަކަށް ކިޔާފައިވާ ނަންތައް ފަރަންސޭސި ބަހަށް ބަދަލުކުރުމެވެ". މިއީ ނައިޖަލް ފަރާޖް އަމިއްލައަށް އުފެއްދެވި އާ ވާހަކައެއް ނޫނެވެ. އޭނާ އެ ފާހަގަކުރެއްވީ، ރާއްޖޭގެ މެރިޓައިމް އެންޑް އަންޑަރވޯޓަރ ހެރިޓޭޖް ސޮސައިޓީގެ ރައީސް، މަރުހޫމް މުޙައްމަދު ޙަލީމް (ބަޑި އަލިބޭގެ ޙަލީމް) ދައްކަވާފައިވާ ވާހަކަފުޅުތަކުގެ ސިޔާސީ ޚުލާސާއެކެވެ. 2022 ވަނަ އަހަރު ޙަލީމް ލިޔުއްވާފައިވާ ކުރު ދެ މަޒުމޫނު "ފޯޅަވަހި ފުރޭފު" ގައި، ހިމަނާފައިވެއެވެ. އެދެ މަޒުމޫނުގައި ފޮއްޅަވައިގެ ރަށްތަކަށް ފަރަންސޭސި ބަހުންނާއި އިނގިރޭސި ބަހުން މިހާރު ކިޔާ ނަންތަކުގެ ކުރިން، އެރަށްތަކަށް ދިވެހިން ކިޔާ ނަންތައް ކަމަށް އޭނާ ޤަބޫލުކުރައްވާ ނަންތައް ހިމަނުއްވާފައިވެއެވެ. މި ނަންތައް އޭނާ ހޯއްދަވާފައިވަނީ ދުވަސްވީ މީހުންގެ ދޫދޫމަތިން އައިސްފައިވާ ވާހަކަތަކާއި، އަޅާކިޔައިގެން ހޯދި ހޯދުންތަކާއި، ބަހުގެ އަސްލުތަކަށް ބަލައި އޭނާގެ އަމިއްލަ ވިސްނުންފުޅުގެ މައްޗަށެވެ. 

ޙަލީމްގެ މި ދަޢުވާ މުހިންމުވަނީ އެއީ ޙަޤީޤަތެއްތޯ ބެލޭނެ ފުރުޞަތު އޮތުމުންނެވެ. އިސްތިއުމާރީ ބާރުތަކުން ބޭނުންކުރި ނަންތަކަކީ ކުރީގެ ދިވެހި ނަންތަކަކުން އައިސްފައިވާ ނަންތަކެއްކަން ސާބިތުވެއްޖެނަމަ، އޭގެ ނަތީޖާ ހަމައެކަނި ބަސްކޮށާރާ ހަމަޔަކުން ނުނިމޭނެއެވެ. އެކަން ވެގެންދާނީ ޖުޣުރާފީ ޢިލްމުގެ ތާރީޚާއި، ދަތުރުފަތުރުގެ އުސޫލުތަކާއި، އަދި އިންޑިއާ ކަނޑުގެ މެދުތެރެ، ވިލާތުގެ ބާރުތަކުން އަލުން ކުރަހައި، ނަން ދީފައިވާ ގޮތުގެ މުޅި ތާރީޚާ ގުޅިފައިވާ ކަމަކަށެވެ. ޕެން ފޯ ރައިޓްސްއިން ޙަލީމްގެ މަސައްކަތް ބަލާފައިވަނީ މިނިވަން ދިރާސާއަކުން ސާބިތުކުރަންޖެހޭ ހުށަހެޅުންތަކެއްގެ ގޮތުގައެވެ.

ތަޙުޤީޤުގެ މިސްރާބު
މިކަމާ ގުޅޭގޮތުން ކުރެވުނު ފުރަތަމަ އޮޑިޓުން، ތަޙުޤީޤުގެ މިސްރާބު ވަރަށް އަވަހަށް ބަދަލުކުރަން ޖެހުނެވެ. ޙަލީމް (2022)، ވަނީ ދެ ލިސްޓެއްގައި 70 ނަމެއް ހުށަހަޅާފައެވެ. މީގެ ތެރެއިން 15 ނަމަކީ ޙަލީމްގެ މަސައްކަތުގެ ބޭރުންވެސް ދިވެހި ބަހުގެ އަސްލުތަކުން ފެންނަން ހުރި ނަންތަކެވެ. ނަމަވެސް، އެ 70 ނަމުގެ ތެރެއިން އެއްވެސް ނަމަކީ، ޙަލީމްގެ ލިޔުމުގެ ކުރީގެ އެހެން މަޞްދަރަކުން މިނިވަންކަމާއެކު ކަށަވަރުކުރެވުނު ނަމެއް ނޫނެވެ. ދިރާސާކުރެވުނު ނަންތަކުގެ ތެރެއިން 64.1 އިންސައްތަ ނަން ބިނާވެފައިވަނީ ޙަލީމް އެ ރަށްތަކަށް ދެއްވާފައިވާ ނަންތަކުގެ މައްޗަށެވެ. އެހެންކަމުން، ފަރަންސޭސި އަދި އިނގިރޭސި ނަންތަކަކީ ހަމައެކަނި ދިވެހި އަސްލު ނަންތަކުގެ ތަރުޖަމާއެއް ކަމަށް ކުރާ ދަޢުވާ މި ހެކިތަކުގެ އަލީގައި ސާބިތެއް ނުވެއެވެ.

އެހެންނަމަވެސް، މިއީ ހޯދުންތަކުގެ އެއްބައެވެ. ޙަލީމްގެ މަސައްކަތުގައި ކަށަވަރުނުވާ ބައިތަކެއް ހުރި ނަމަވެސް، އޭގެ ތެރޭގައި އަމިއްލަ ޒާތުގައި ދެމިއޮތް، ކުޑަ ނަމަވެސް ނަން ދިނުމުގެ ސަގާފަތެއް ފެންނަން އެބައޮތެވެ. ތިރީގައިވާ ލިޔުމުގެ އަސްލު މައުޟޫޢަކީ މި ދެންނެވި ނަންތަކެވެ.

ޙަލީމް (2022) ގެ މަސައްކަތާމެދު އެންމެ އިންސާފުވެރި ގޮތަކީ، އޭގައިވާ ހުރިހާ ނަމަކީ އެއީ ހަގީގަތް ކަމަށް ގަބޫލުކުރުމެއް ނޫނެވެ. ނުވަތަ އެއީ އެއްވެސް އަގެއް ނެތް އެއްޗެއް ކަމަށް ނިންމުމެއްވެސް ނޫނެވެ. އޭގެ ބަދަލުގައި، އިންސާފުވެރިވާނީ ވަކި ފަރާތަކަށް ނުޖެހޭ މެދުމިނުގެ ގޮތެއް އިޚްތިޔާރު ކުރުމެވެ. ސަބަބަކީ އޭނާ ވަނީ ފުންކޮށް ދިރާސާކުރަންޖެހޭ ގިނަ ކަންތައްތަކެއް ރައްކާތެރި ކޮށްދެއްވާފައެވެ. ޙަލީމް (2002) ކުރެއްވި އެންމެ ބޮޑު ޚިދުމަތަކީ އޭނާ ހުށަހެޅުއްވި ކޮންމެ ނަމަކީ ރަނގަޅު ނަމަކަށް ވުމެއް ނޫނެވެ. އެއަށްވުރެ ބޮޑަށް، އެ ކުރެއްވި ޚިދުމަތަކީ ފަހުން އަންނާނެ ދިރާސާވެރިން ތަޙުޤީޤުކޮށް ޓެސްޓްކުރުމަށް، ފޮއްޅަވައިގެ ރަށްތަކާއި، ފަރުތަކާ ގުޅޭ ނަންތަކެއްގެ ވަރުގަދަ މަޖުމޫއާއެއް ދޫކުރެއްވުމެވެ.

ނަންތައް ތަހުގީގު ކުރެވުނު ގޮތް
ތާރީޚީ ގޮތުން ރަށްރަށަށް ކިޔާ ނަންތައް ދިރާސާކުރުމުގައި، އެއްގޮތްކަމެއް ފެންނަ ކޮންމެ ނަމަކީ ގުޅުމެއް އޮތް ނަމެއް ކަމަށް ބަލައިގަތުމުގެ ނުރައްކާ އޮވެއެވެ. އެއީ އެއްގޮތް ނަންތަކެއް އުފެދުމަކީ ވަރަށް ފަސޭހައިން ވެދާނެ ކަމަކަށްވާތީއެވެ. ފަރަންސޭސި ނިޔަމިއަކާއި ދިވެހި ނިޔަމިއަކު، ރަށެއްގެ ބައްޓަމަށް، ނުވަތަ ފަރުގެ ގުދުރަތީ ސިފައަކަށް، ނުވަތަ އެތަނުން ފެންނަ ސުއިއްޕަކަށް ނުވަތަ މަހަކަށް ނިސްބަތްކޮށް، އެއް ނަމެއް ވަކިވަކިން ކިޔާފާނެއެވެ. އަދި އާ ހޯދުންތަކަކާ ނުލައި، ފަހުގެ ޗާޓުތަކުގައި އޭގެ ކުރީގެ ޗާޓުތަކުގައިވާ ނަންތައް ކޮޕީކޮށްފައި ހުރެދާނެއެވެ. ފަރަންސޭސިން ކިޔާފަ އޮތް ނަމަކުން ފަށައިގެން ފަހަތަށް ދިރާސާކޮށް، އެ ނަން ދިވެހި ބަހަށް ތަރުޖަމާކުރާ ދިރާސާވެރިއަކަށް، އެ ކުރެވޭ މަސައްކަތުން ނުކުންނަ ނަތީޖާއަކީ ތާރީޚީ ހަގީގަތެއް ކަމަށް ހީވުމުގެ ފުރުސަތު އޮވެއެވެ. އެހެންކަމުން، ދެ ނަމެއްގެ ދެމެދުގައިވާ އެއްގޮތްކަމަކީ އާދައިގެ ސަބަބުތަކުން ދިމާވެފައިވާ ކަމެއްތޯ ނުވަތަ ތާރީޚީ ގުޅުމެއް އޮތް ކަމެއްތޯ ކަށަވަރުކުރާނެ ހަރުދަނާ އުޞޫލެއް ބޭނުންވެއެވެ.

މި ބޭނުމަށްޓަކައި "ޕެން ފޯ ރައިޓްސް" އިން ވަނީ ނުވަ މަރުހަލާގެ މައްޗަށް އެކުލެވޭ "ހަޔަރާކިކަލް ޓޮޕޮނިމިކް ރިކޮންސްޓްރަކްޝަން މޮޑެލް" (HTRM) އެއް އެކުލަވައިލާފައެވެ. މި މޮޑެލް ބިނާވެފައިވަނީ ދިވެހިރާއްޖޭގެ އަތޮޅުތަކާއި ރަށްރަށަށް ނަންދެވިފައިވާ ގޮތާ ބެހޭގޮތުން މަނިކު (1980) އަދި ލުތުފީ (1987) ކުރައްވާފައިވާ ދިރާސާތަކާއި، ރަގުޕަތީ (2008) ގެ "އެޓިމޮލޮޖިކަލް ޑިކްޝަނަރީ އޮފް މޯލްޑިވިއަން އައިލެންޑް ނޭމްސް" ގެ މައްޗަށެވެ. މި ފޮތަކީ ދިވެހި ރަށްރަށުގެ ނަންތައް އުފެދިފައިވާ ގޮތާއި، ބަހުގެ ހަމަތަކާއި، އަކުރުތައް ބަދަލުވާ ގޮތްތައް ދެނެގަތުމަށް އެހީތެރިވެދޭ މައިގަނޑު ވަސީލަތެކެވެ.

މި މޮޑެލްއިން ބަލާ ކަންތައްތަކުގެ ތެރޭގައި، ނަން ދެވިފައިވާ ތަނުގެ ޠަބީއަތާއި، ދިވެހި ބަހުގެ ގަވާއިދުތަކަށް އެ ނަން ފެތޭ މިންވަރާއި، ދިވެހި ނަންތަކުގެ ތާރީޚުގެ ތެރެއިން އެ ނަން ފެންނަން އޮތްތޯއާއި، އަޑުތައް ބަދަލުވުމުގައި ހުރި ހަމަތަކާއި، ތާރީޚީ ގޮތުން އެކަން ވުން އެކަށީގެންވާ މިންވަރާއި، ޗާޓުތަކުން ފެންނަން ހުރި ތާރީޚުތަކުގެ އިތުރުން، މިނިވަން އެހެން މަސްދަރަކުން އެ ނަން އުފެދިފައިވުމުގެ ހެކި ލިބެން އޮތް މިންވަރު ހިމެނެއެވެ. ކޮންމެ ހުށަހެޅުމަކަށް ހަ ދަރަޖައެއްގެ ތެރެއިން ދަރަޖައެއް ދެވެއެވެ. އެ ދަރަޖަތަކަކީ "ތާރީޚީ ގޮތުން ސާބިތުވާ"، "ވަރުގަދައަށް ޤާއިމުކުރެވިފައިވާ"، "މޮޑެލްއިން ބާރުލިބޭ"، "ވަގުތީ ނަތީޖާ"، "ވަކިގޮތަކަށް ހަމަނުޖެހޭ"، އަދި "ބަލައިނުގަނެވޭ" މި ހަ ދަރަޖައެވެ. އަދި މި މޮޑެލްގެ އެހީގައި، ނަމެއް ބަލައިނުގަނެ ބޭރުކޮށްލުމުގެ ބަދަލުގައި، އެ ނަމަކީ ނުބައި ރަށަކަށް ނިސްބަތް ކުރެވިފައިވާ ނަމެއްތޯ ވެސް ދެނެގަނެވެއެވެ. މިސާލަކަށް، އެގްމޮންޓް އަތޮޅުގައި "މީދާފުށި" އަދި "ވަރިންމަދޫ" މި ދެ ނަން ކަނޑައެޅުމުގައި މި މޮޑެލްގެ ބޭނުންތެރިކަން ވަނީ ސާބިތުވެފައެވެ.

ސީޝެލްސް-މަސްކަރީން ކޮންޓްރޯލް
އިސްތިއުމާރީ ނަމަކާއި ދިވެހި ނަމަކާއި މާނައިގެ ގޮތުން އެއްގޮތްވުމަކީ އޮޅުން އަރާފާނެ ކަމެއް ކަމަށްވާތީ، އިތުރު ތަހުގީގެއް ކުރަން ޖެހުނެވެ. މިގޮތުން، ސީޝެލްސް އަދި މަސްކަރީންގެ އިސްތިއުމާރީ ނަންތަކުގެ ތެރެއިން 22 ނަމެއް ހިމެނޭ ދިރާސާއެއް، ފޯޅަވަހީގެ ނަންތައް ދިރާސާ ކުރުމަށް ބޭނުންކުރި އުސޫލުން ކުރިއަށް ގެންދެވުނެވެ.

މި ދިރާސާގެ ބޭނުމަކީ، ދިވެހި ބަހުގެ އެއްވެސް ނުފޫޒެއް ނެތި، ވިލާތުގެ އިސްތިއުމާރީން އަމިއްލައަށް ދީފައިވާ ނަންތަކަކީ، ދިވެހި ބަހުން ތަރުޖަމާކޮށްފައިވާ ނަންތަކެއް ކަމަށް ބެލެވިދާނެ މިންވަރު ބެލުމެވެ. ފޮއްޅަވައިގެ ނަންތަކުގެ ތެރެއިން %14.0 އަކީ ދިރޭ ސޫފާސުއިތްޕަށް ނިސްބަތްވާ ނަންތަކެވެ. ސީޝެލްސް-މަސްކަރިން ނަންތަކުގެ ތެރެއިން ވެސް މިފަދަ ނަންތައް ހުރީ ދާދި އެއް މިންވަރަކަށެވެ. އެހެންކަމުން، ރަށެއްގެ ގުދުރަތީ ސިފައަށް ބަލައިގެން ދީފައި ހުންނަ އާއްމު ނަންތަކުގެ މާނަ ދިމާވުމަކީ، އެއީ ވިލާތުގެ އަމިއްލަ ނަމެއްތޯ ނުވަތަ ދިވެހި ނަމަކުން ނަގާފަވާ ނަމެއްތޯ ދެނެގަތުމަށް އޮތް ބަލިކަށި ހެއްކެކެވެ. ނަމަވެސް، މީހުންނާ ގުޅުވައިގެން ދީފައި ހުރި ނަންތަކަށް ބަލާއިރު މި ފަރަގު ބޮޑެވެ. މި ދިރާސާގެ ސާމްޕަލް ކުޑަކަމުން، މިއީ ތަފާސްހިސާބުގެ ގޮތުން ކަށަވަރު ނަތީޖާއެއް ނޫން ނަމަވެސް، މިއީ ފާހަގަކޮށްލަންޖެހޭ އިޝާރާތެކެވެ.

މި ހޯދުމަކީ "ކުކުޅުދޫ" އާއި "އިލް ޕޯލް" (Île Poule) އާ ދެމެދު އޮތް ގުޅުމަށް ސީދާ އަސަރުކުރާ ކަމެކެވެ. ދިވެހި ބަހުން ކުކުޅަކީ ގެންގުޅޭ ދޫންޏެކެވެ. އަދި ކުކުޅުދޫއަކީ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް ބޭނުންކުރާ އާންމު ނަމެކެވެ. ނަމަވެސް، ފަރަންސޭސި ބަހުން "އިލް ޕޯލް" ގެ މާނައަކީ ވެސް "ކުކުޅު ރަށް" ކަމަށް ވެފައި، މިފަދަ ނަންތަކަކީ އިސްތިއުމާރީން އާންމުކޮށް ދޭ ނަންތަކަކަށް ވާތީ، މިއީ ދިވެހި ނަމަކާ ގުޅުމެއް ނެތި ފަރަންސޭސިން އަމިއްލައަށް ދިން ނަމަކަށް ވުމުގެ ފުރުސަތު ބޮޑެވެ. HTRM މޮޑެލްއިން ކުކުޅުދޫއަކީ ދިވެހިންގެ ނަމެއް ކަމުގައި، ބާރުލިބޭ ކަމަށް ދެއްކިޔަސް، މިއީ ތާރީޚީ ގުޅުން ސާބިތުކޮށްދޭން އޮތް ބަލިކަށި ހެއްކެކެވެ.

"ގޮލާވެހި" އަކީ ފޯޅަވަހި ކަމުގެ ސުވާލު
މި ދިރާސާގެ އެންމެ މުހިންމު ނަތީޖާއަކީ ރަސްމަތިފުށުގެ ނިސްބީ ނަންތަކުގެ ތެރޭގައި ތަކުރާރުކޮށް ފެންނަ "ގޮލާވެހި" މި ނަމެވެ. ރާއްޖޭގެ ރަސްމީ ތާރީޚު، ރާދަވަޅި (1979) ގައި ވާގޮތުން، 1388 އާއި 1549 އާ ދެމެދު މި ނަން 5 ފަހަރު ފެންނަން އެބައޮތެވެ. އެއީ ގޮލާވެހި ކަނބުލޯ، ގޮލާވެހި ނާސިރުއްދީން، ގޮލާވެހި ސަންފާ ރަނި، ގޮލާވެހި ރަނިކިލެގެ، އަދި ގޮލާވެހި ޢާއިޝާ ރަނި ކިލެގެއެވެ. މީގެ ތެރޭގައި ފިރިހެން ބޭފުޅުންނާއި އަންހެން ބޭފުޅުން ހިމެނެއެވެ. އެހެންކަމުން، ގޮލާވެހި އަކީ އާދައިގެ ވަނަމެއް ނޫންކަން ކަށަވަރު ވެއެވެ. އެއީ ގާތްގަނޑަކަށް 161 އަހަރުގެ ދިގު ރާސްތާއެއްގައި ރާއްޖޭގެ ރަސްޚާންދާނުގެ ތެރޭގައި، ބޭނުންކުރެވުނު ޚާންދާނީ މުހިންމު ނިސްބީ ނަމެއްކަން އެނގެއެވެ.

މިކަމަށް ބާރުދޭ ދެވަނަ ހެއްކަކީ ގާޒީ ހަސަން ތާޖުއްދީން އަރަބި ބަހުން ލިޔުއްވާފައިވާ "ތާރީޚު އިސްލާމް ދީބާ މަހަލް" އެވެ. އޭގައި "ސުލްޠާން ނާސިރުއްދީން އަލް-ގަލާވަހީ" ގެ ނަން ބަޔާންކުރައްވާފައިވެއެވެ. މިއީ ރާދަވަޅީގައިވާ "ގޮލާވެހި ނާސިރުއްދީން" ކަން ޔަގީންވެއެވެ. ތަފާތު ދެ ބަހަކުންނާއި ތަފާތު ދެ ލިޔުމެއްގެ ވަސީލަތުން އެއް ބޭފުޅަކަށް މި ނަން ނިސްބަތްކޮށްފައި އޮތުމަކީ، މިކަމަށް ލިބިދޭ ވަރުގަދަ ހެއްކެކެވެ.

ރަގުޕަތީ (2008) ގެ ދިރާސާތަކުގައިވާ ގޮތުން، ދިވެހި ބަހުގެ އަޑުތަކުގެ ތެރެއިން "ގ" އިން "ކ" އަށް، "ހ" އިން "ކ" އަށް، އަދި "ހ" އިން "ފ" އަށް، އަޑު ފިރުކުމަކީ ބަހަވީގޮތުން ހަމަޖެހޭ ސާބިތު ކަމެކެވެ. އެހެންކަމުން ގޮލާވެހި، ކޮލާވަހި، ހޯޅަވަހި، އަދި ފޯޅަވަހި މި މަގުން އަޑު ފިރުކި، މި ނަންތަކުގެ މެދުގައި އޮތް ގުޅުމަކީ ބަހަވީ ހަމަތަކުން ބަލާއިރު ގަބޫލުކުރެވޭ ހަމައެކެވެ. އެހެން ކަމުން HTRM މޮޑެލްއިން މި ގުޅުމަކީ ބާރުލިބޭ ގުޅުމެއް ކަމަށް ކަނޑައަޅައެވެ. ނަމަވެސް، ގޮލާވެހި ނުވަތަ އަލް-ގަލާވަހީ އަކީ ސީދާ ފޯޅަވައްސަށް ކިޔާ ނަމެއްކަން ސާފުކޮށް ބަޔާންކޮށްފައިވާ އަސްލު ލިޔުމެއް އަދި ފެންނާކަށް ނެތެވެ.

ގޮލާވެހި އަކީ ރާއްޖޭގެ ސަރަހައްދަކަށް ކިޔާ ނަމެއްކަން ސާބިތުވެއްޖެ ނަމަ، އެ ނަން ރަސްޚާންދާނުގެ ޢާއިލީ ބޭފުޅުންނަށް ނިސްބަތްވުމުން، ވަރަށް މުހިންމު ތާރީޚީ ކެއްކެއްގެ ގޮތުގައި އެކަން ފާހަގަ ވެގެން ދާނެއެވެ. އެއީ ހިލާލީ ނުވަތަ ހުޅުލޭ ދަރިކޮޅުގެ ބޭފުޅުންނަކީ ފޯޅަވައްސާ ނުވަތަ ފޮއްޅަވައި އާއި ގުޅުމެއް އޮތް ބޭފުޅުންތަކެއް ކަމުގައި ވުމުގެ ހެއްކެވެ. މިދަރިކޮޅުން ވަޑައިގަތް ނުވަ ވަނަ ހަސަން ރަސްގެފާނުގެ ރަސްލަގަބުގައި، އެ ރަސްގެފާނަކީ ފޮއްޅަވައިގެ ވެސް ރަސްގެފާނުކަމަށް އޮތް އެއް ސަބަބު ކަމުގައިވެސް ވެދާނެތީއެވެ. ފެންނަން ހުރި ހެކިތަކުން އެކަން މުޅިން ސާބިތު ނުވި ނަމަވެސް، މިއީ ހަމައެކަނި އަޑުގެ އެއްގޮތްކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫންކަން މިހާރު ވަނީ އެނގިފައެވެ.

"ކަންޑޫ"، ކަންދޫ އަދި ދިވެހި ބަހުން އަތޮޅުތަކަށް ނަން ދިނުމުގެ އުސޫލު
"ކަންޑޫ" ނުވަތަ "ކަންދޫ" ގެ މައްސަލައިން އެނގެނީ ދިވެހި ބަހުން ރަށްރަށާއި އަތޮޅުތަކާއި، ތަންތަނަށް ނަން ދިނުމުގައި ބޭނުންކުރާ އުސޫލުތައް ދެނެގަތުމުގެ މުހިންމުކަމެވެ. މަނިކު (1980) އަދި ލުތުފީ (1987ހ، 1987ށ) ގެ ދިރާސާތަކުން ދައްކާގޮތުގައި، އަތޮޅުގެ ނަން އެ އަތޮޅުގައި ހިމެނޭ ވަކި ރަށަކަށް ނިސްބަތްވުމަކީ ދިވެހިރާއްޖޭގެ އަތޮޅުތަކަށް ނަން ކިޔުމުގައި އޮންނަ އާންމު އުސޫލެކެވެ. މީގެ އެންމެ ސާފު މިސާލަކީ ހުވަދު އަތޮޅާއި އެ އަތޮޅުގައި އޮންނަ ކޭ-ހުވަދޫގެ ގުޅުމެވެ. ހަމައެހެންމެ ފެލިދެ އަތޮޅާއި ފެލިދޫ، އަދި ނިލަންދެ އަތޮޅާއި ނިލަންދޫގެ ގުޅުން ވެސް ފާހަގަކޮށްލެވެއެވެ. އެހެންކަމުން، ރަށެއްގެ ނަމުން މުޅި އަތޮޅަށް ނަން ދިނުމަކީ ފޯޅަވަހީގެ ދިރާސާއަށްޓަކައި އަލަށް އުފެއްދި ހަމައެއް ނޫނެވެ.

16 ވަނަ ގަރުނުގެ ލިޔުމެއް ކަމަށްވާ ޖުއާން ޖީ ބާހޫސްގެ (1563) "Década III da Ásia" (ދޭކަދަ އީ ދާސިއޯ) އަކީ މިކަމަށް ލިބޭ ވަރަށް މުހިންމު ބާރެކެވެ. އެ ފޮތުގައި ރާއްޖޭގެ އަތޮޅުތަކުގެ ތެރޭގައި "ކަންޑޫ" (Candú) އަދި "އައްޑޫ" (Adú) ހިމެނޭކަމަށް ލިޔެފައިވެއެވެ. އެ ފޮތުގައި ލިޔެފައި އޮންނަ އިބާރާތުން އެނގޭ ގޮތުގައި "ރާއްޖޭގެ އެންމެ ދެކުނު ސަރަހައްދު ނުވަތަ އިން، ދެކުނު ޢަރުޟުން ހަތްދަރަޖަ ހިއްސާކުރާ، ދިވެހިރާއްޖޭގެ އެންމެ ދެކުނުދުނި" ވެސް ހިމެނިގެންވާކަން އެނގޭން އޮވެއެވެ. އެހެންކަމުން "ކަންދޫ" އަކީ ސޯޅަވަނަ ގަރުނުގެ ލިޔުމަކުން ސާބިތުވާ ނަމެކެވެ. އިސްތިއުމާރީ ނަމެއް ކަމަށްވާ "އިލް ޑު ކްއާ" (Île du Coin) އާއި "ކަންޑޫ" (ކަންދޫ) އާ ދެމެދު އޮތް ގުޅުމަށް ސަމާލުކަން ދޭންޖެހެނީ މި ސަބަބަށްޓަކައެވެ. އަތޮޅު ފެންވަރުގައި "ކަންދޫ" އަކީ އިސްތިޢުމާރީ ތާރީޚުންވެސް ސާބިތުވާން އޮތް ނަމެކެވެ. އެހެންކަމުން "ކަންޑޫ" ނުވަތަ ކަންދޫ، މިނަން ކިޔާ ރަށެއް ކަންދުއަތޮޅުގައި އޮތްކަމަށް، HTRM މޮޑެލްއިން ބާރުލިބެއެވެ. ނަމަވެސް މިނަން ކިޔާ ވަކި އަތޮޅެއް އޮތަސް، މިނަން ކިޔާ ވަކި ރަށެއް އޮތްކަމަށް، މިނިވަން އެހެން މަސްދަރަކުން އަދި ފެންނާކަށް ނެތެވެ.

ސުލްޠާން އުޘްމާން އަލް-ފަހަންދަވީ އަދި ފެހެންދޫގެ މައްސަލަ
ތާޖުއްދީންގެ ތާރީޚުގައި "އަލް-ފަހަންދަވީ" މި ނަން އައުމުން އެނގެނީ، ފަހަންދު- ނުވަތަ ފެހެންދު- މި ނަމަކީ ފޯޅަވަހީގެ ދިރާސާގެ ކުރިން ވެސް ރަސްކަމުގެ ޢާއިލާގެ ތެރޭގައި ބޭނުންކުރެވުނު ނަމެއް ކަމެވެ. މިއީ ޙަލީމް (2022) ހުށަހެޅުއްވި "ފެހެންދިއްޕޮޅު" ފަދަ ނަންތަކަށް ތާރީޚީ ބާރެއް ލިބިދޭ ކަމެކެވެ. ރާއްޖޭގެ އުތުރުން ބާ އަތޮޅުގައި "ފެހެންދޫ" ކިޔާ ރަށެއް އޮވެއެވެ. އެހެންކަމުން "އަލް-ފަހަންދަވީ" އާއި "ފެހެންދޫ" އަކީ ދިވެހި ތާރީޚާއި ބަހުގެ ތެރޭގައި އޮތް ނަމެއްކަން ސާބިތުވެއެވެ. ނަމަވެސް، ސުލްޠާން އުޘްމާން އަލް-ފަހަންދަވީ ނިސްބަތްވަނީ ބ. އަތޮޅު ފެހެންދޫއަށްތޯ ނުވަތަ ފޮއްޅަވައިގަ އޮތް ފެހެންދޫ އަކަށްތޯ ކަނޑައެޅޭނެ ފަދަ އެކަށީގެންވާ ހެއްކެއް އަދި ނެތެވެ. އެހެންކަމުން HTRM އިން "ފެހެންދިއްޕޮޅު" އަކީ އަދި ގޮތެއް ނުނިމޭ ނަމެއް ކަމަށް ކަނޑައަޅައެވެ. މިކަން ސާފުވާނީ އެ ރަދުން ނިސްބަތްވާ ތަނެއް ސީދާ ބަޔާންކޮށްފައިވާ ލިޔުމެއް ނުވަތަ ތާރީޚީ މައުލޫމާތެއް ފެނިގެންނެވެ. (ނޯޓް: ބުރާރަ ވާހަކައިގަ ކިޔާ ގޮތުން، އެރަސްގެފާނު ރަސްކަމުން ބާލާ، އެރަސްގެފާނުންގެ އުފަން ރަށަށް އުމުރަށް އަރުވާ ލެވުނީއެވެ. ނަމަވެސް އެރަސްގެފާނުގެ މަހާނަ އޮތީ ތ. އަތޮޅު ގުރައިދޫގައެވެ. "ޚާއްޞަ" ގޮތެއްގައި، އެޗްސީޕީ ބެލް ވެސް މި މަހާނަ ބަލާ ކަށަވަރު ކުރަން ދިޔަކަމުގައި ވެއެވެ. އެހެން ކަމުން މި ރަސްގެފާނު ފޯޅަވަހި ސަރަހައްދުގައި އޮތް ފެހެންދުވަކަށް އަރުވާލަން ކުރެވުނު ދަތުރު މަތީގައި އަވަހާރަވެ، ތ. އަތޮޅު ގުރައިދޫގައި ފަސްދާނު ލެވުނީ ކަމުގައި ބެލެވިދާނެއެވެ. ސަބަބަކީ އެރަސްގެފާނުގެ އުފަން ރަށަކީ، މާލޭން އުތުރުގައި އޮތް ބ. އަތޮޅު ފެހެންދޫ ކަމުގައި ވާނަމަ، އުފަން ރަށަށް އުމުރަށް އަރުވާލެވުނު ބޭފުޅެއްގެ މަހާނަ، އޭގެ ދިމާ އިދިކޮޅު، މާލޭން ދެކުނުގައި އޮތް ތ. އަތޮޅު ގުރައިދޫގައި އޮންނަން ޖެހޭ ވަކި ޚާއްޞަ ސަބަބެއް ފެންނާން ނެތުމެވެ).

ފޯޅަވަހީގެ ނަން އުފެދިފައިވާ ގޮތުގެ ދިރާސާ: "ފޯޅަވަހި" އިން "ފޮއްޅަވައި" އަށް
މި ހުށަހެޅިފައިވާ ބަހަވީ ތަހުލީލަކީ ފަހުމްވާން ފަސޭހަ ސާދާ މަފްހޫމެކެވެ. މީގައި "ފޮއްޅަ-" އަކީ ފޯޅަވަހީގެ ނަން ނިސްބަތްވާ ނަމެއް ކަމުގައި ބަލާއިރު، "-ވައި" އަކީ ދިވެހި ބަހުގެ "ބައި" (ބައި، ބައިކުޅަބައި ނުވަތަ ބައި އެޅުން) މި ބަހުން އުފެދިފައިވާ އަކުރެއް ކަމަށް ބެލެވެއެވެ. އެހެންކަމުން "ފޮއްޅަވައި" ގެ މާނައަކީ "ފޯޅަވަހި ބައި" ނުވަތަ "ފޯޅަވަހި އޮތް ބައި" އެވެ. ޖުޣުގުރަފީ ގޮތުން ކިޔާނަމަ، ދިވެހިރާއްޖެ އެކުލެވިގެންވާ ލަކްޝަދީބާއި، މަހަލްދީބާއި، ސުވައިދީބާއި، ފޯޅަވަހި އޮތް ބައި ނުވަތަ "ފޮއްޅަބައި" އެވެ. އަދި ފަހުން ބަހަވީ ހަމައިން ފިރުކި ބަދަލުވާ އަޑުން ނަމަ "ފޮއްޅަވައި" ނުވަތަ ހޮއްޅަވައި" އެވެ. މިއީ ވަކި ރަށަކަށް ނިސްބަތްވާ ނަމަކުން، މުޅި އަތޮޅަކަށް ނުވަތަ ރަށްތަކެއް ހިމެނޭ ސަރަހައްދަކަށް ނިސްބަތްވާ ގޮތަށް އުފެދިފައިވާ ނަމެކެވެ.

މި ހުށަހެޅުމަކީ ހަމައެކަނި ބަސްތަކުގެ ފެންނަ ފެނުމުގެ އެއްގޮތްކަމުގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ރަގޫޕަތީ (2008) ގެ ދިރާސީ އޮނިގަނޑުން އެނގޭ ގޮތުގައި 'ބ' އަކުރު 'ވ' އަކުރަށް ބަދަލުވުމަކީ ބަހަވީ ގޮތުން، ދިވެހި ބަހުގައި ފެންނަން އޮތް ހަމަޖެހޭ އުސޫލެކެވެ. ދިވެހި ނަންތައް ކިޔުމުގައި މިފަދަ އޮނިގަނޑެއް ހުވަދު އަތޮޅާއި ސުވައިދީބު ނަމުގެ ތެރެއިން ވެސް ފެންނަން އެބައޮތެވެ. ލުތުފީ (1987ހ، 1987ށ) ބަޔާންކުރައްވާ ގޮތުގައި 'ކޭ-ހުވަދޫ' އަކީ ހުވަދު އަތޮޅުގެ ނަން ނިސްބަތްވާ އަސްލެވެ. އަދި ހުވަދު އަތޮޅާއި، ފުވައްމުލަކާއި، އައްޑޫ ހިމެނޭ ސަރަހައްދަށް 'ސުވައިދީބު' ގެ ނަމުން ނިސްބަތް ކުރެވޭކަން އޭނާ ފާހަގަ ކުރައްވާފައިވެއެވެ. އެހެންކަމުން، ރަށުގެ ފެންވަރުގައާއި، އަތޮޅުގެ ފެންވަރުގައާއި، އަދި އެއަށްވުރެ ބޮޑު ސަރަހައްދެއްގެ ފެންވަރުގައި އެއް ނަމެއް ބޭނުންކުރުމުގެ އުސޫލަކީ ދިވެހި ނަންތައް ކިޔުމުގައި އޮތް ކަމެކެވެ. އެގޮތުން ރަށެއްގެ ނަމެއްގެ ގޮތުގައި 'ފޯޅަވަހި' އޮވެފައި، މުޅި ސަރަހައްދުގެ ނަމެއްގެ ގޮތުގައި "ފޮއްޅަވައި" ނުވަތަ "ހޮއްޅަވައި" އޮތުމަކީ މި އުސޫލާ އެއްގޮތް ކަމެކެވެ.

މި ތަރުތީބު ކަށަވަރުކުރުމަށް ބޭނުންވާ، HTRM މޮޑެލްގެ ފަސް ޝަރުތުގެ ތެރެއިން މިހާތަނަށް ކަށަވަރުވެފައިވަނީ ހަމައެކަނި 'ބ' އާއި 'ވ' ގެ އަޑު ބަދަލުވުމުގެ އުސޫލެވެ. ބާކީ އޮތް ހަތަރު ކަމަކީ، ފުރަތަމަޔަށް، ބަހަވީ ހަމައިގާ 'ބައި' މި ލަފުޒު ސަރަހައްދު ވަކިކުރުމަށް ބޭނުންކޮށް އުޅޭ ހަމަ ދެނެގަނެ، އެހަމަޔާ މިގޮތާ ދިމާވުމެވެ. ދެވަނަ ކަމަކީ، "ބައި" މިލަފުޒު ނަމެއްގެ ފަހަތުގައި ގެޑިގެން އަދާކުރާ ރޯލަކީ މިތަނުގައިވެސް އަދާ ކުރާ ރޯލުކަމަށް ވުމެވެ. ތިންވަނަ ކަމަކީ، އަކުރުތަކުގެ އަޑު ފިރުކި ބަދަލުވާ މަގު ދިމާ ވުމާއި، އަޑު ބަދަލުވި ސަބަބަކީ ތަފާތު ދެކަމެކެވެ. ވީމާ 'ބައި' އިން 'ވައި' އަށް އަޑު ބަދަލުވިޔަސް، އެ ބަދަލުވި ސަބަބު އެގެންޖެހެއެވެ. އަދި ހަތަރުވަނަ ކަމެއްގެ ގޮތުން، "ފޮއްޅަ-" އާއި "ފޯޅަ" އާ ބަހަވީގޮތުން ގުޅުވޭ ހަމަޔަކީ ކޮބައިކަން ސާފު ވެފައި އޮތުމެވެ.

އެހެންކަމުން، މިއީ ހަމައެކަނި އެއްގޮތްކަމަކަށް ބަލައި ނިންމާފައިވާ ނިންމުމެއް ނޫންކަމާއި، މިއީ ބަހަވީ ގޮތުން ހެކި ބޭނުންވާ އިލްމީ ހައިޕޮތެސިސްއެއްކަން ހާމަވެއެވެ.

ހެކި ހާމަވާ މުހިންމު ނަންތަކުގެ ރަދީފް
މި ދިރާސާގައި ހެކިހާމަވާ މުހިއްމު ނަންތަކުގެ ރަދީފެއް ތާވަލެއްގެ ސިފައިގާ ހިމަނާފައިވާނެއެވެ. މި ތާވަލުން އެނގޭ ގޮތުގައި، ބަހަވީ ގޮތުން ނަމެއް އުފެދިފައިވާ ގޮތް ހަމަޖެހުނު ކަމުގައިވިޔަސް، އެއީ ތާރީޚީ ގޮތުން ކަށަވަރުވެފައިވާ ނަމަކަށް ނުވެދާނެއެވެ. މިސާލަކަށް 'Candú' ފަދަ ނަންތައް ތާރީޚީ ލިޔުންތަކުން ސާފުކޮށް ފެންނަން އޮތް ނަމަވެސް، އެ ނަމުގެ ފުން ތާރީޚާއި 'ފޮއްޅަވައި' ގެ ނަން ކިޔުމުގެ އާދަކާދައާ ހުރި ގުޅުމަކީ އަދިވެސް ދިރާސާކުރަން ހުޅުވިފައިވާ ކަމެކެވެ.

ޗާޓު ކުރެހުމުގެ މައްސަލަ: އެއް ތަނެއް، ދެ ނަމެއް
މި ކަނޑުގެ ސަރަޙައްދާ ގުޅޭގޮތުން، ޖުޣުރާފީ ގޮތުން ތަފާތު މިންގަނޑެއްގައި ބޭނުންކޮށްފައިވާ ދިވެހި މަޞްދަރެއް ފެންނަން އެބައޮތެވެ. 1560 އާއި 1561 އާ ދެމެދު ސުލްޠާން ޙަސަން ނުވަވަނަ ޕޯޗުގީޒު ރަސްކަލުންނަށް ފޮނުއްވި ސިޓީފުޅުތަކުގައި ބޭނުންކުރައްވާފައިވާ ރަސް ލަޤަބުތަކުގައި، "ޕުލޮބައިގެ ހަތް ރަށް" (seven islands of Pullobay) އަށް އިޝާރާތް ކުރައްވާފައިވެއެވެ. ފްޣޮންސުވެ ޕިޣާޣް ދު ލަވާލަ ނުވަތަ ދިވެހިން ކިޔާ ގޮތަށް ނަމަ، ފްރެންކޮއީ ޕިރާޑްގެ ދަތުރުނާމާގެ ހެކްލޮއިތް ސޮސައިޓީ އެޑިޝަނުގައި، އަލްބަރޓް ގްރޭ އާއި އެޗް. ސީ. ޕީ. ބެލް މި ނަމަކީ ޗާގޯސް ޖަޒީރާ ނުވަތަ ފޯޅަވަހި ކަމަށް ކަނޑައަޅާފައިވެއެވެ. ނަމަވެސް، މިއީ އެބޭފުޅުންގެ އަމިއްލަ އެޑިޓޯރިއަލް ނިންމުމެކެވެ. އެއީ ތާރީޚީ އަޞްލު ލިޔުމަކުން ސީދާ ސާބިތުވާ ކަމަކަށް ނުވާތީ، މިއީ ޔޫރަޕްގެ ޗާޓުތަކުން ފެންނަ ހެކިތަކާ ވަކިން ދިރާސާކުރަންޖެހޭ މައުލޫމާތެކެވެ.

މި ދިރާސާއިން ފާހަގަވި އެންމެ އާދަޔާޚިލާފު އެއް ކަމަކީ ފޯޅަވަހީގެ ނަމާ ގުޅޭ ކަމެކެވެ. ޔޫރަޕްގެ ޗާޓުތަކުގައި Pollouoys، Pollowois، Polvara، Polvera، Poluerera، އަދި Polverera ފަދަ ނަންތަކެއް ސިލްސިލާ ގޮތެއްގައި ފެންނަން އެބަހުއްޓެވެ. އަދި މި ނަންތަކާ އެކުއެކީ، ވަކި އެހެން ސަރަޙައްދެއްގައި، 'ޑިއޭގޯ ގާސިއާ' ނުވަތަ 'ޑިއޭގޯ ގްރަޓިއޯސާ' އާއި "ޗަގަސް / ޗާގޯސް" ގެ ނަންތައް ވެސް ހަމަ އެ ޗާޓުތަކުން ފެންނަން ހުރެއެވެއެވެ. މި ދިރާސާގައި ހުށަހަޅާ ގޮތަށް، އެ ނަންތަކަކީ "ފޯޅަވަހި" ކަމަށްވާނަމަ، އޭގެ މާނައަކީ އެއް ތަނަކަށް ދެ ނަމެއް ދެވި، އެއީ ތަފާތު ދެ ތަނެއްގެ ގޮތުގައި ޗާޓުތަކުގައި ކުރެހިފައިވުމެވެ. މިއީ އިހުގެ ޗާޓު ކުރެހުމުގެ ތެރޭގައި ހިނގާފައިވާ އޮޅުމެއް ކަމަށް ބުނެވިދާނެއެވެ. އެކަމކު އެހެން އެކަންވުމަކީ ވަރަށް ނާދިރު ކަމެކެވެ.

މި ދިރާސާގައި ބޭނުންކުރި 1626 އާއި 1851 އާ ދެމެދުގެ 12 ޗާޓަކީ އެކި ދުވަސްވަރު އެކަކު އަނެކެއްގެ މަސައްކަތުން ނަކަލުކޮށްގެން އުފައްދާފައިވާ އެއްޗެހިތަކެކެވެ. 1817 ގެ ކުރިން ތައްޔާރުކޮށްފައިވާ ޗާޓުތަކުން އެނގެނީ އެއް ޗާޓުން އަނެއް ޗާޓަށް މައުލޫމާތު ނަކަލުވަމުން އައިސްފައިވާ ކަމެވެ. ނަމަވެސް، ތޮމްސަން (1817) އާއި ވައިލްޑް (1837) ފަދަ ފަހުގެ ޗާޓުތަކުން ފެންނަނީ ކުރީގެ މައުލޫމާތުތަކަށް ބަދަލު އަންނަން ފެށިތަނެވެ. ރޮބަޓް މޯރސްބީ ދިވެހިރާއްޖޭގެ ކަނޑުތައް ސާވޭ ކުރުމުގެ 17 އަހަރު ކުރިން ވެސް، ދިވެހިރާއްޖޭގެ ދެކުނުން އައްޑޫ އާއި ކަންޑޫ ނުވަތަ ކަންދޫ (އައްޑޫ-ކަންޑޫ) އޮތް ގޮތާ މެދު ޝައްކުތަކެއް ހުރިކަމަށް ތޮމްސަންގެ ޗާޓުން ހާމަވެއެވެ.

މިކަން މުހިންމުވާ ސަބަބު
ރަށްރަށާއި ސަރަޙައްދުތަކަށް ނަން ދެވިފައި ހުންނަ ގޮތަކީ، އެ މުޖުތަމައަކުން ޖުޣުރާފީ ސަރަޙައްދުތައް ތަރުތީބުކޮށްފައިވާ ގޮތާއި، ދަތުރުފަތުރާއި، ވަޒަންވެރިވުމާއި، އިދާރީ އަދި ސިޔާސީ އިމާއި، ވަސީލަތްތައް ބޭނުންކޮށްފައިވާ ގޮތުގެ ނިޝާންތައް ރައްކާތެރި ކޮށްދޭ އެއްޗެކެވެ. "ފޯޅަވަހި" މި ނަމުން އުފެދޭ ސުވާލަކީ، އިސްތިއުމާރީ ލިޔުންތަކުން ފެންނަނީ އެ ސަރަޙައްދުގެ ޖުޣުރާފީ ފެށުނު ހިސާބުތޯ ނުވަތަ އެއީ އޭގެ މާ ކުރިން އޮތް ޖުޣުރާފީއެއްގެ މަތީގައި އެޅިފައިވާ ފަށަލައެއްތޯއެވެ.

'އައްޑޫ' އަދި 'ކަންޑޫ' އަކީ 16 ވަނަ ޤަރުނުގެ ލިޔުންތަކުން ސާބިތުވާ ނަންތަކެކެވެ. ހަމައެހެންމެ، 'ގޮލާވެހި' ނުވަތަ 'އަލް-ޤަލާވަހީ' ފަދަ ނަންތަކަކީ ރާދަވަޅި އަދި ތާރީޚް އިސްލާމް ދީބާ މަޙަލް ފަދަ ދިވެހި ތާރީޚީ ލިޔުންތަކުން ފެންނަން ހުރި ނަންތަކެކެވެ. މިއީ އިއްތިފާގަކުން ދިމާވެފައިވާ ނަންތަކެއް ނޫންކަން ދިވެހި ބަހުގެ ހަމަތަކުން އެނގެއެވެ. ނަމަވެސް، މިއީ ތާރީޚީ ގޮތުން ކުރެވޭ ބަހުސެކެވެ. ޗާޓެއްގައި އޮންނަ ނަމަކީ ބިމުގެ މިލްކުވެރިކަން ސާބިތުކޮށްދޭ ޤާނޫނީ ލިޔުމެއް ނޫނެވެ. އެހެންނަމަވެސް، މިއީ އިސްތިއުމާރީ ބާރުތަކުގެ ކުރިން ދިވެހިން އިންޑިއާ ކަނޑުގެ ދެކުނުގެ ސަރަޙައްދުތައް ދެނެގަނެފައިވާ ގޮތް ހާމަކޮށްދޭ މުހިންމު ހެއްކެކެވެ.

ދެން ހޯދަންޖެހޭ ކަންތައްތައް
މި ދިރާސާއިން ނުނިންމި އޮތް މުހިންމު ތިން ކަމެއް ފާހަގަކުރެވެއެވެ. ފުރަތަމަ ކަމަކީ، ގޮލާވެއްސާއި ފޯޅަވަހީގެ ގުޅުން ސީދާކޮށް ސާބިތުކޮށްދޭނެ އަޞްލު ލިޔުމެއް ހޯދުމެވެ. ދެވަނަ ކަމަކީ، ސުލްޠާން އުސްމާނު އަލް ފަހަންދަވީ ނިސްބަތްވާ 'ފަހަންދަވީ' ވުނަތަ ފެހެންދޫ، ނޫނީ ފެހުނުދޫ އަކީ ކޮބައިތޯ ބެލުމެވެ. ތިންވަނަ ކަމަކީ، 'ފޯޅަވަހި' މި ނަމުގެ އޮނިގަނޑު ދިވެހި ބަހުގެ އެހެން ނަންތަކުން ފެނޭތޯ ބެލުމެވެ. މިފަދަ އެންމެ ލިޔުމެއް ފެނުމަކީ ވެސް، ހަމައެކަނި އަމިއްލަ ލަފާކުރުންތަކުގެ މައްޗަށް ބިނާވެފައިވާ ސަތޭކަ ވާހަކައިގެ މައްޗަށް ކުރިހޯދާނެ ކަމެކެވެ.

ނިންމުން
މި ދިރާސާއިން ހާމަވާގޮތުގައި، ނައިޖަލް ފަރާޖް (2026) އާއި މަރުޙޫމް ޙަލީމް (2022) ހުށަހަޅުއްވާފައިވާ ފުޅާ ނަޒަރިއްޔާތާ އެއްގޮތަށް، އިސްތިއުމާރީ ދުވަސްވަރުގެ ސަރަހައްދީ ގެޒެޓިއަރެއް (ރަށްތަކާއި، ޖުޣުރާފީ ސަރަހައްދުތަކުގެ ނަންތައް ހިމެނޭ ދަފްތަރެއް ނުވަތަ ރަޖިސްޓަރެއް) ނަން ތަރުޖަމާކުރުމުގެ ޒަރީޢާއިން އަލުން ހޯދިދާނެކަމުގެ މައްޗަށް، ބާރުލިބޭކަށް ނެތެވެ. ނަމަވެސް، މި ދިރާސާއިން ވަނީ މިނިވަން ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ދިވެހި ނަންތަކުގެ ފަށަލައެއް ގާއިމުކޮށްދީފައެވެ. އެ ފަށަލައިގެ ތެރެއިން، 'ގޮލާވެހި' ނުވަތަ 'އަލް-ޤަލާވަހީ' އަކީ 'ފޯޅަވަހި' ކަމަށް އިޝާރާތްކުރާ ފާހަގަތަކަށް ސައިންޓިފިކް މޮޑެލްތަކުން ބާރުލިބެއެވެ. އަދި މިކަމުގައި ދިމާވާ މައިގަނޑު މައްސަލައަކީ އަޑުތަކުގެ ތަފާތަށްވުރެ ބޮޑަށް، އެ ނަން ނިސްބަތްވާ ސަރަހައްދު ކަށަވަރުކުރުމުގެ މައްސަލައެވެ. މީގެ އިތުރުން، ތާރީޚީ ހެކިތަކާއި، އަޅުވައިގެން ހަމައެކަނި ބަލާލަން ރީތި ގޮތަކަށް އަތުރާލާފަ ހުންނަ މަޢުލޫމާތު ވަކިކުރާނެ އިތުބާރު ހުރި ގޮތްތަކެއްވެސް މި ދިރާސާއިން ދައްކުވައިދެއެވެ.

ގޮލާވެހީގެ ނަމުގައި ތަނެއް އޮތްތޯ ކުރެވޭ ސުވާލުގެ ޖަވާބު މިހާރު ވަނީ ލިބިފައެވެ. އެއީ ހަގީގަތުގައިވެސް އޮތް ތަނެކެވެ. އަދި އެ ތަނާއި ފޯޅަވަހީގެ ގުޅުމަކީ ހަމައެކަނި ބަހަވީ ގޮތުން ހުރި އެއްގޮތްކަމެއް ނޫނެވެ. އެއީ އެޗް.ޓީ.އާރް.އެމް (HTRM) މޮޑެލްއިންވެސް ބާރުލިބޭ ކަމެކެވެ. މިހާރު އުފެދޭ އެންމެ މުހިންމު ސުވާލަކީ، ތާރީޚީ ލިޔުންތަކުގައިވާ 'ގޮލާވެހި' ނުވަތަ 'އަލް-ޤަލާވަހީ' އަކީ ޖުޣުރާފީ ގޮތުން ސީދާ 'ފޯޅަވަހި' ކަން ކަށަވަރުކޮށްދޭނެ އަސާސީ ހެކިތަކެއް ފެންނަން ހުރިތޯއެވެ. އެ ހެކިތައް ހޯދުމަކީ މިހާރު އަރުޝީފީ ދިރާސާގެ މަސައްކަތެކެވެ. އެއީ ހަމައެކަނި ބަސްބަހުގެ އަސްލު ހޯދުމުގެ ތިއަރީތަކެއްގެ މައްޗަށް ބިނާވެގެން ކުރެވޭނެ ކަމެއް ނޫނެވެ.

މުހިންމު މަސްދަރު ތައް

Barros, João de. 1563. Década III da Ásia. Lisbon. Livro Terceiro, Capítulo VII, “Em que se descreue o sitio das ilhas de Maldiua,” fols. 72–73.

Gray, Albert, and H. C. P. Bell, trans. and eds. 1887–1890. The Voyage of François Pyrard of Laval to the East Indies, the Maldives, the Moluccas, and Brazil. 3 vols. London: Hakluyt Society.

Haleem, Mohamed. 2022. “A Comprehensive Look at the Chagos Islands.” Foalhavahi Fureyfu, 27 October 2022, 27–30. Chagos WhatsApp Group.

House of Commons. 2026. “Diego Garcia and British Indian Ocean Territory.” Hansard, 25 February 2026.

Lutfy, Mohamed Ibrahim. 1987a. “The Atolls of the Maldives and Their Names” (Part I). Faththoora 9, no. 3 (June). Malé: National Centre for Linguistic and Historical Research.

Lutfy, Mohamed Ibrahim. 1987b. “The Atolls of the Maldives and Their Names” (Part II). Faiythoora 6, no. 5 (August). Malé: National Centre for Linguistic and Historical Research.

Maniku, Hassan Ahmed. 1980. “The Atolls of the Maldives and Their Names.” Faiythoora 1, no. 12 (1 March). Malé: Office of the President.

Raadhavalhi. 1979. Official chronicle of Maldivian royal succession. Official edition/reproduction. Malé: President’s Office, through the National Council for Historical and Linguistic Research.

Ragupathy, Ponnampalam, assisted by Naseema Mohamed. 2008. An Etymological Dictionary of Maldivian Island Names. Malé: National Centre for Linguistic and Historical Research.

Taj al-Din, Hassan. 1982. Tārīkh Islām Dībā Mahal, Part I, with continuation by Qadi Muhammad Muhibb al-Din and Qadi Ibrahim Siraj al-Din. Critical edition by Hikoichi Yajima. Tokyo.