December 08, 2025

އިނގިރޭސި - މޮރިޝަސް އެއްބަސްވުން ތަންފީޒު ނުކުރުމަށް އދ. އިން ގޮވާލައިފި! ފޯޅަވަހި ހޯދުމުގެ ދޮރު ދިވެހިރާއްޖެއަށް ހުޅުވިއްޖެ!

ފޯޅަވަހި މައްސަލައިގެ އަދާހަމަ ބަލާ މޭޒު / ޙައްޤުތަކުގެ ގަލަން
ފޯޅަވަހީގެ ސިޔާދަތު މޮރިޝަސްއާއި ޙަވާލު ކުރުމާއި ގުޅޭގޮތުން މޮރިޝަސްއާއި އިނގިރޭސިން ގުޅިގެން ސިއްރުސިއްރުން ތަންފީޒު ކުރެވޭތޯ މަސައްކަތް ކުރަމުން އައި މުއާހިދާ ކުރިއަށް ގެންދިއުމުގައި ޤާނޫނީ ގޮތުން ބޮޑު ހުރަހެއް ކުރިމަތި ވެއްޖެއެވެ. އދ. ގެ ކޮމިޓީ އޮން އެލިމިނޭޝަން އޮފް ރެއިޝަލް ޑިސްކްރިމިނޭޝަން (CERD) އިން ވަނީ، އައިސީޖޭ (ICJ) ގެ އިސްތިޝާރީ ލަފަޔާއި، އެއާއި ގުޅިގެން އދ.ގެ ޢާންމު މަޖިލީހުން ނެރެފައިވާ ޤަރާރަށް ޢަމަލު ކުރުމުގެ ނަމުގައި އެ ދެޤައުމުން ރާވަމުންދާ ހީލަތްތެރި ރޭވުމަށް ޖެނީވާގެ ޑިޕްލޮމެޓިކް ބަހުރުވައިން ހޯހޯއޭ ބުނެފައެވެ. އދ.ގެ އިސްތިޢުމާރު ނައްތާލުމުގެ މިންގަނޑުތަކާއި، އެ މުއާހިދާ އިން އެދެޤައުމު ޙާސިލުކުރަން ބޭނުންވާ ކަންކަމާއި ފުށުއަރާކަމަށް ކޮމިޓީއިން ބުނެފައިވެއެވެ. މި މައްސަލަ ދިރާސާ ކުރައްވާ ޤާނޫނީ މާހިރުން ވިދާޅުވާ ގޮތުގައި މިއީ ފޯޅަވަހި މައްސަލައަށް އައި ސިޔާސީ ވަރަށް ބޮޑު ބަދަލެކެވެ.

ޤާނޫނީ މާހިރުންގެ ނަޒަރުގައި، ކޮމިޓީގެ މި ނިންމުމުގައި މުހިއްމު ތިން ކަމެއް އެބަ އެކުލެވެއެވެ. ފުރަތަމަ ކަމަކަށް، ފޯޅަވަހި މައްސަލާގައި އިނގިރޭސިންނާއި މޮރިޝަސްއާ ދެމެދު އެކުލަވާލާފައިވާ އެއްބަސްވުން، އދ. އިން އިސްތިޢުމާރު ނައްތާލުމާއި ގުޅޭގޮތުން ދީފައިވާ އިރުޝާދުތަކާ ޚިލާފުވާކަމަށް މިކޮމިޓީއިން މިވަނީ ނިންމާފައެވެ. މޮރިޝަސްއިން ވަނީ އައިސީޖޭގެ އިސްތިޝާރީ ލަފަޔާއި، އދ.ގެ ޢާންމު މަޖިލީހުގެ ޤަރާރުގެ މަޤްޞަދުތަކުގެ މިސްރާބު ވަރަށް ބޮޑަށް ބަދަލުކޮށް، އަމިއްލަ ބޭނުންތަކާ ދިމާލަށް އަނބުރާލާފައެވެ. ކޮމިޓީގެ ނިންމުމުން ވަނީ، ޙަޤީޤަތުގައި މޮރިޝަސްގެ ޢަމަލުތައް ހުރީ އައިސީޖޭގެ ލަފަޔާއި، އދ. ގެ ޤަރާރުގައި ބަޔާންކޮށްފައިވާ މަޤްޞަދުތަކާއި އެއްގޮތަށް ނޫންކަމަށް ބުނެފައެވެ. ފޯޅަވަހީގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމުގައި، އދ. އަކީ ރަބަރު އިސްޓޭމްޕެއް ކަމަށް މޮރިޝަސްއަށް ހީކުރެވިފައި ވާނަމަ، މި ނިންމުމަކީ، ކަމުގެ ޙަގީގަތް އައިސް މޮރިޝަސްގެ މޫނުމަތީގައި އަޅާ ވިހެލި އެތިފަހަރެކެވެ.

ދެވަނަ ކަމަކަށް، މޮރިޝަސްގެ ދަޢުވާ ބިނާ ކުރުމުގައި އުފުލަމުން އައި މައިގަނޑު ދޮގު ވާހަކަ ކޮމިޓީން ވަނީ އެއް ފަރާތް ކޮށްލާފައެވެ. އެއީ މޮރިޝަސްއަކީ ޗާގޮސްގެ ރައްޔިތުން ތަމްސީލުކުރާ ފަރާތް ކަމަށް ދައްކާ ވާހަކައެވެ. ޗާގޮސް ރައްޔިތުންނާ އެއްވެސް މާނައެއްގައި މަޝްވަރާކޮށްފައި ނުވާކަމަށާއި، އެމީހުންގެ ޙައްޤުތައް ދޫކޮށްލާފައި ވާކަމަށާއި، އެމީހުންގެ އަމިއްލަ މިނިވަންކަން ހަނިކޮށްފައި ވާކަމަށް ކޮމިޓީއިން ވަނީ ސާފުކޮށް ބުނެފައެވެ. ސިޔާސީ ބަހުރުވައިން ބުނާނަމަ، މޮރިޝަސްއަކީ އަމިއްލަ އިޚުތިޔާރުގައި ކަންކަން ނިންމުމުގެ ޙައްޤު ހޯދައިދޭން މަސައްކަތް ކުރާ ބަޔެއްގެ ބަދަލުގައި، އިސްތިޢުމާރީ ވެރިކަން ދަމަހައްޓާ ބަޔެއް ކަމަށް ކޮމިޓީން ވަނީ ނުސީދާ ކޮށް ބުނެފައެވެ. މިއީ ސުލޫކީ ގޮތުން މޮރިޝަސްގެ ދަޢުވާއަށް މިހާތަނަށް އދ. ގެ ގުނަވަނަކުން ދެވުނު އެންމެ ބޮޑު ހަމަލާއެވެ.

ތިންވަނަ ކަމަކަށް، އަދި އެންމެ ހައިރާންކުރުވަނިވި ކަމަކީ، ކޮމިޓީއިން ވަނީ މޮރިޝަސްއާއި، އިނގިރޭސިންނާއި ދެމެދުގެ އެއްބަސްވުން ނުވަތަ މުއާހިދާ ތަންފީޒު ނުކުރުމަށް ގޮވާލާފައެވެ. އދ.ގެ މުޢާހަދާ ކޮމިޓީތަކުން ބައިނަލްއަޤްވާމީ އެއްބަސްވުންތައް ތަންފީޒުކުރުން ހުއްޓާލުމަށް ލަފާދިނުމަކީ ވަރަށް މަދުން ނޫނީ ހިނގާ ކަމެއް ނޫނެވެ. މިމައްސަލާގައި، މުއާހިދާ ތަންފީޒު ކުރުން ހުއްޓާލުމަށް ކޮމިޓީއިން ގޮވާލުމަކީ ލަންޑަނާއި، ޕޯޓް ލުއީ، އަދި ވޮޝިންގްޓަނަށް ދެވުނު ވަރުގަދަ މެސެޖެކެވެ. އެއީ މި މުއާހިދާއިން އިސްތިޢުމާރު ނައްތާލުމުގެ ނަމުގައި ފަރުދާ ކޮށްފައިވަނީ ޗާގޯސިއަނުން އިތުރަށް ބާކީކުރުމާއި، ގެއްލުން ދިނުމާއި، އިސްތިރާޖީ ބޭނުމަށް ދިގު މުއްދަތަށް ފޯޅަވަހި ކުއްޔަށް ދިނުމުގެ މަޤްޞަދު ކަމުގައެވެ. އަދި މި މުޢާހިދާއިން އިސްތިއުމާރު ނިމުމަކަށް ނުގެނެވޭ ކަމާއި، އަދި އޭގައި އިޖުރާޢީ ގޮތުން ގިނަ މައްސަލަތައް ހުރިކަމެވެ.

ދިވެހިރާއްޖެއަށް މި ނިންމުމަކީ އިސްތިރާޖީ ގޮތުން ވަރަށް އަގުހުރި ރަނުގެ ފުރުޞަތެކެވެ. އދ.ގެ އަސާސްތައް މޮރިޝަސްއިން މާނަކުރާ ގޮތް، އދ. ގެ އިންސާނީ ޙައްޤުތަކާއި ބެހޭ ކޮމިޓީއިން މިވަނީ ދޮގުކޮށްފައެވެ. އެހެން ކަމުން މޮރިޝަސްއިން ހުޅުވުނަ ނުދޭން މަސައްކަތް ކުރަމުން އައި ޝަރުޢީ ސުވާލުތައް އަލުން ހުޅުވާލެވިގެން ދާނެއެވެ. ކޮމިޓީގެ މިނިންމުމުން، އައިސީޖޭގެ އިސްތިޝަރީ ލަފާއިން ފޯޅަވަހި "ޑިކޮލޮނައިޒް ކުރުން" ވަނީ ފުރިހަމަ ކުރެވިފައި ކަމަށް ބުނެ ކުރަމުން އައި ވަކާލާތު އެވަނީ ދޮގަށް ވެފައެވެ. މުޅިން ބާޠިލުވެފައެވެ. ސަބަބަކީ، އެއްބަސްވުން ތަންފީޒުކުރުން އދ.ގެ ޢާންމު މަޖިލީހުގެ އިރުޝާދުތަކާ ޚިލާފުވާކަމަށް ބެލެވޭ ނަމަ، އައިސީޖޭގެ އިސްތިޝާރީ ލަފަޔަކީ، އަދި އެ ލަފަޔަށް ޢަމަލުކުރުން ލާޒިމު ކުރި އދ. ގެ ޤަރާރަކީ، ނިހާއީ ނިންމުމެއް ކަމުގައި ބަލައެއް ނުގަނެވޭނެތީއެވެ. މީގެ އިތުރުން، ޗާގޯސިއަނުންނަކީ ތާރީޚީ ގޮތުންނާއި، ސަޤާފީ ގޮތުންނާއި، އަސާސީ ޙައްޤަކުން ބީވުން ފަދަ ގެއްލުން ލިބިފައިވާ އާބާދީއެއް ކަމަށް ކޮމިޓީގެ ނިންމުމުން މޭރުން ވެއެވެ. އޭގެ މާނައަކީ ޗާގޯސްގެ ތާރީޚަކީ މޮރިޝަސް އިން ކިޔާ ދަނޑުވެރި މުސްތަޢުމަރާއެއްގެ ތާރީޚަކަށް ވުރެ ފުން ތާރީޚެއް ކަމަށް ދޭހަވުމެވެ. މިއީ ދިވެހިން ކުރިންވެސް ބުނަމުންދިޔަ ވާހަކަތަކެވެ. ވީމާ ކޮމިޓީގެ މިނިންމުމުން ނުސީދާ ގޮތެއްގައި އެވަނީ ނުހަނު ބޮޑު ތާޢީދެއް ދިވެހިންނަށް ލިބިފައެވެ.

މި ނިންމުމުން ފޯޅަވަހީގެ މައްސަލާގައި، އަސަރު ކުރި ނުވަތަ ގެއްލުން ލިބުނު އެންމެހާ ފަރާތްތައް ފޯޅަވަހި މަޝްވަރާތަކުގައި ޝާމިލުކުރުމަށް ބާރު އަޅާފައިވެއެވެ. ޗާގޯސިއަނުންގެ ކިބައިން އެމީހުންގެ ރަށްވެހިކަމުގެ ޙައްޤު ނިގުޅައިގަނެވިފައި ވާނަމަ، އދ.ގެ އޮނިގަނޑުން ބާރު އަޅަނީ، ތާރީޚީ، ސަޤާފީ، ނުވަތަ ސަރަޙައްދީ ގޮތުން ގެއްލުން ފޯރި މުޖުތަމަޢުތަކުގެ އަޑުތައް އަހަން ޖެހޭނެ ކަމަށެވެ. އާދޭހެވެ! އިނގިރޭސިންނާއި މޮރިޝަސް އެއްބަސް ވުން ހެދި އިރު ދިވެހިރާއްޖެއާ އެއްވެސް މަޝްވަރާއެއް ކޮށްފައިނުވެއެވެ. ފޯޅަވައްސާއި ދިވެހިރާއްޖޭގެ ތާރީޚީ ގުޅުން ނައްތާލާފައި ވާކަމަށް ދިވެހިރާއްޖެއިން އަންނަނީ ބުނަމުންނެވެ. ކޮމިޓީގެ މި ނިންމުމުން ދިވެހިރާއްޖެއަށް މިކަމުގައި އަޑު އުފުލުމުގެ ޤާނޫނީ މަގު މިހާރު އެހުޅުވުނީއެވެ.

ބަވަނަ ދުނިޔޭގެ ސިޔާސަތަށް ބަލާއިރު، މޮރިޝަސްއިން ސިޔާދަތު ނަގައި، ޑިއޭގޯ ގާސިއާ ސަތޭކަ އަހަރަށް ކުއްޔަށް ދޫކުރެވޭނެ ކަމަށް ޤަބޫލުކުރި ޚުރާފަތަށް، ކޮމިޓީގެ މި ނިންމުން ވަރަށް ނުރަނގަޅު އަސަރުތަކެއް ކުރާނެއެވެ. ކޮމިޓީން ވަނީ، އެގޮތަށް ފޯޅަވަހި ކުއްޔަށް ދިނުމަކީ އެއީ ނަސްލީ ތަފާތުކުރުން ހިމެނޭ އަދި ޗާގޯސިއަނުންނަށް ލިބުނު ގެއްލުންތަކަށް ބަދަލު ދިނުމާ ގުޅުމެއް ނެތް ކަމެއް ކަމަށް ބުނެފައެވެ. އެހެންކަމުން، ކޮމިޓީގެ މި ނިންމުމުން މޮރިޝަސްއިން އެންމެ ބޮޑަށް ބިރުގަންނަ ސުވާލު މިހާރު އެވަނީ ފެންމަތިވެފައެވެ. އެއީ މޮރިޝަސްގެ ކުރިމަތީގައި އޮތް މައްސަލައަކީ ހަމަ އެކަނި އިނގިރޭސިންނަށް ނުވެދާނެތީއެވެ. އެހެން ގޮތަކަށް ދަންނަވަނީ ނަމަ، ފޯޅަވަހި މޮރިޝަސްއާއި ހަވާލު ކުރުމަކީ، އިސްތިޢުމާރު ނައްތާލުން ފުރިހަމަ ކުރެވުނީ ކަމުގައި ނުބެލެވިދާނެ ކަމުގެ ބިރެވެ.

ކޮމިޓީއިން ފޯޅަވަހީގެ މިލްކުވެރި ފަރާތަކީ ކޮން ބަޔެއް ކަމެއް ކަނޑައަޅާފައި ނުވެއެވެ. ނަމަވެސް އިނގިރޭސިންނާއި، މޮރިޝަސްގެ އެއްބަސްވުން ނުވަތަ މުޢާހިދާގެ ޝަރުޢީ ބާރު ކނަޑުވާލުމުން މި މައްސަލަ މިހާރު މިވަނީ އަލުން ހުޅުވާލެވިފައެވެ. ދިވެހިރާއްޖެއަށް މިހާ ސާފުކޮށް ވާހަކަ ދައްކަން އދ. ގެ މުއައްސަސީ ދަޢުވަތެއް ދުވަހަކުވެސް ނުލިބޭނެއެވެ. މިހާރުގެ ގޮންޖެހުމަކީ ދިވެހިރާއްޖެއިން މި ފުރުޞަތުގެ ބޭނުން ހިފާނެތޯއެވެ. އެކަށީގެންވާ ހުށަހެޅުންތައް ހުށަހަޅާނެތޯއެވެ؟ އަދި އިސްތިޢުމާރު ނައްތާލުމަކީ އިސްތިޢުމާރު ނައްތާލުން ކަމަށާއި، އެއީ ކަޅު ބާޒާރުގައި ބިމުގެ އަގު ޖެހޭތޯ ހިނގާ އިރު އަޅާ މޫނުމައްޗެއް ނޫން ކަމަށް ބުނެ ދަޢުވާ ކުރާނެތޯއެވެ؟