September 21, 2025

ފޯޅަވަހި އަނބުރާ ހޯދުމަށް ދިވެހިރާއްޖެއިން ސިޔާސީ ގޮތުންނާއި ޤާނޫނީ ގޮތުން އެޅެން ހުރި ބާރުގަދަ ފިޔަވަޅުތައް!

އައުޓްރީޗް ކޯޑިނޭޝަން ޑެސްކް/ފޯޅަވަހީގެ ޙައްޤުގައި ދިވެހީން:
ފޯޅަވަހި ދިވެހިރާއްޖެއާ ވަކިކުރުމަށްޓަކައި ފަރަންސޭސިން، އެއީ ތިމަންނާމެން މުޅިން އަލަށް ހޯދި ފަޅުތަނެއް (Terra Nullius) ކަމަށް ނިންމިއެވެ. ފަހުން 1814މ. ގައި ނެޕޯލިއަން ހަނގުރާމަތަކުން ފަރަންސޭސިން ބަލިވުމުން، އިނގިރޭސިންނާ އެރަށްތައް ޙަވާލުކުރިއެވެ. ދެބައި މީހުންނަށްވެސް އެއީ ދިވެހިރާއްޖޭގެ ބައެއްކަން އެނގި ކަށަވަރުވެއެވެ. އެހެންވެ އިނގިރޭސިންވެސް 1830މ. ގައި ދިވެހިންގެ ނުރުހުމުގައި ޗާޓުކުރަހައި ފޯޅަވަހި، ދިވެހިރާއްޖެއާއި ވަކިކޮށް، އެތަން ހިންގާނީ މޮރިޝަސްގައި ތިބެގެން ކަމަށް ނިންމިއެވެ. އެފަހުން ދެވަނަ ބޮޑު ހަނގުރާމަ ނިމި އދ. އުފެދި، 1946މ. ގައި މޮރިޝަސް އަކީ 'ނަން ސެލްފ ގަވާނިން ޓެރިޓްރީއެއް' ގޮތަށް، އިނގިރޭސިން އދ. އަށް ރިޕޯޓް ކުރިއެވެ. އޭގެފަހުން ފޯޅަވަހި މޮރިޝަސްއާވެސް އިދާރީގޮތުން ވަކިކޮށް އެއީ އިނގިރޭސި ދައުލަތުގެ ބައެއް ކަމުގައި 1965މ. ގައި ކަނޑައެޅިއެވެ. މިކަމާ ދެކޮޅުހަދާ އދ. ގެ އެފްރޯ-އޭޝިއަން ބްލޮކްގެ ޤައުމުތަކުން އިސްވެ ތިބެ، ޑިކޮލޮނައިޒް ކުރުމުގެ ކުރިން މޮރިޝަސް އާއި، ފޯޅަވަހި ވަކި ނުކުރެވޭނެ ކަމުގައި 'ސިޔާސީ' ގޮތުން 2066 ނަމްބަރު ޤަރާރުން ފާސްކުރިއެވެ. ނަމަވެސް 1968މ. ގައި އިނގިރޭސިން މޮރިޝަސްއަށް މިނިވަންކަން ދިނުމުން އދ. ގެ ފޯތު ކޮމިޓީ އިން މޮރިޝަސްގެ ޑިކޮލޮނައިޒޭޝަން ފުރިހަމަ ވެއްޖެ ކަމަށް ނިންމާ، ނަން ސެލްފް ގަވާނިން ޓެރިޓްރީސްގެ ލިސްޓުން މޮރިޝަސް އުނިކުރިއެވެ. އެފަހުން އެލިސްޓުގައި މޮރިޝަސްވެސް، ފޯޅަވަހި ނުވަތަ ބަޔޮޓްވެސް ހިމަނާފައި ނުވެއެވެ. ލިސްޓުގައި ނެތުމުން ފޯޅަވައްސާއި ގުޅުވައިގެން ޑިކޮލޮނައިޒް ކުރުމުގެ ޤާނޫނީ މެންޑޭޓެއް އދ. ގެ ފޯތް ކޮމިޓީއަށް ނުވަތަ ސީ – 24 އަކަށް ނެތެވެ. ނަމަވެސް ސިޔާސީ ގޮތުން ފާސްކުރި އދ. ގެ 2066 ނަމްބަރު ޤަރާރުން މޮރިޝަސް (ފޯޅަވައްސަށް އިޝާރާތްކޮށް) ޑިކޮލޮނައިޒް ކުރުން ފުރިހަމަ ކުރުމަށް ގޮވާލާފައިވެއެވެ. ވީމާ ސިޔާސީ ގޮތުން ފޯޅަވައްސަކީ އޮތްތަނެކެވެ. ނަމަވެސް ޤާނޫނީ ގޮތުން ފޯޅަވައްސަކީ ނެތް ތަނެކެވެ. މިމަޒުމޫނުގައި ބަލައިލާނީ، މި 'ދެފުށް މިންގަނޑު' ގެ އަސަރު ސިޔާސީ ގޮތުންނާއި، ޤާނޫނީ ގޮތުން ދިވެހިރާއްޖެއަށް ފޯރާފައިވާ ގޮތުގެ މައްޗަށެވެ. އަދި އިނގިރޭސިން ފޯޅަވަހީގެ ސިޔާދަތު މޮރިޝަސްއާއި ހަވާލުކުރަން ނިންމުމުން، މިކަމުގައި ދިވެހިރާއްޖޭގެ ކުރިމަތީގައި އޮތް ސިޔާސީ އަދި ޤާނޫނީ ޙާލަތު ބަދަލުވި ގޮތާ މެދުއެވެ. އެހެންމެ ދިވެހިރާއްޖެއިން މިހާރު ބައިނަލް އަޤްވާމީ މައިދާނުގައި އެޅެން ހުރި ސުލްހަވެރި ނަމަވެސް ބާރުގަދަ ފިޔަވަޅުތަކުގެ މައްޗަށެވެ.

މުސްތަޢުމިރުން އައުމުގެ ކުރިން ފޯޅަވައްސަކީ ދިވެހިރާއްޖޭގެ އަތޮޅެއް
ފާއިތުވި އެތަކެއް ޤަރުނެއްގައިވެސް ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ބައެކެވެ. ޢަރަބި ނެތްވެއް ކަމުގައިވާ އިބްނު މާޖިދާއި، ޕޯޗުގީޒުންގެ އިސްތިއުމާރީ ޗާޓުތަކާއި، ބަދަލު ކުރެވުނު ލިޔެކިޔުމުގެ ރިކޯޑުތަކާއި، އިސްތިޢުމާރީންގެ އަރުޝީފްތަކުން މިކަން އޮތީ އެގޭށެވެ. 20 ވަނަ ޤަރުނުގެ ކުރީ ކޮޅާ ޖެހެންދެންވެސް، އިނގިރޭސި ނޫސްތަކާއީ، ދުނިޔޭގެ ނޫސްތަކުގައިވެސް ފޯޅަވަހި ފާހަގަ ކޮށްފަ އޮންނަނީ އެއީ ދިވެހިރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތައް ކަމުގައެވެ. އިސްތިޢުމާރީން އަތްގަދަ ކުރުމުގެ ކުރިން ފޯޅަވައްސަކީ ދިވެހިން ދިރިއުޅުނު، ދަނޑުގޮވާންކޮށް، ކަނޑުފަޅު މަސްވެރިކަމާ ގޮސް، ދެ މޫސުމަށް ބަނޑަހަ ޖަހާ، އެއް މޫސުމުގައި މަސްވެރިކަން އަނެއް މޫސުމުގައި ދަނޑުވެރިކަން، ކުރުމަށް ބޭނުންކުރަމުން އައި ރަށް ތަކެކެވެ. އެތަނުގައި އެތަކެއް ދިވެހީންނެއް މަރުވެ ވަޅުލާފައިވެއެވެ. ފޯޅަވަހީ ގައި ހުރި މަހާނަ ގާތަކުގައި، ފައިދިގު ތާނައިން ލިޔެވިފައި ހުއްޓާ ދުށް ދިވެހިން ދުނިޔޭގައި އެބަ ތިއްބެވެ.

ކަތާތަކުގައި ދިވެހިން ކިޔާ އުޅުނު ކަނޑުން އެރި ބޮޑު ބުޅާތަކާއި އަޅުވިޔަފާރި
މީލާދުން 16 ވަނަ ޤަރުނާއި، 19 ވަނަ ޤަރުނާ ދެމެދުގެ އެކި ދުވަސްވަރު، ދެކުނުގެ ވަރަށް ގިނަ ރަށްތަކަށް ކަނޑުން އެރި މާސިންގާ ބުޅާތަކެއް، އެރަށްތަކަށް އަރައި މީހުން ކައި، މަރާ ހުސްކުރަމުން ދިޔަ ކަމުގެ ކަތާތައް ދިވެހިން އަންނަނީ ކިޔައިދެމުންނެވެ. މިކަތާތަކުގެ ވާހަކަ ދިވެހިތާރީޚު ލިޔުއްވުންތެރިންވެސް ބައެއް ފޮތްފޮތުގައި ލިޔުއްވައި، އެއީ ކޮން ބުޅާތަކެއްތޯ ޚިޔާލަށް އަންނަހާ ގޮތްގޮތަށް ކިޔައިދީފާ ހުރެއެވެ. ބައެއް ބޭފުޅުން އެކަތާތައް ގުޅުވަނީ، މިނިކާ ރާއްޖެއާއިއެވެ. ނަމަވެސް ފާޅުކަން ބޮޑު ގޮތެއްގައި އެގެން އޮތީ ކަނޑުން ބޮޑު ބުޅާތަކެއް އެރިކަމަށް ދިވެހިންގެ ކަތާ ތަކުގައި ކިޔަމުން އައި ހާދިސާތައް ދިމާވަނީ، ފަރެންސޭސިން އިންޑީޔާކަނޑުގެ ރަށްތަކާއި، އިރުމަތީ އެފްރިކާގެ ރަށްތަކަށް އަރާ ދާ ޖަހައިގެން އަންހެނުންނާއި، ފިރިހެނުންނާއި، ކުޑަކުދިން ހިފާ ހައްޔަރުކޮށް އަޅުންގެ ގޮތުގައި ވިއްކަމުން ދިޔަ ދުވަސް ވަރާއެވެ. ދެކުނުގެ އެތަކެއް ރަށެއް މިގޮތަށް ފަޅުވިކަމަށް ވެއެވެ.

އިނގިރޭސިން ޗާޓުން ވައްކަން ކުރުން
1814މ. ގައި، ފަރެންސޭސިން އަތުން ފޯޅަވަހި އިނގިރޭސިންނަށް ލިބުމާއި އެކު، އާވައްތަރެއްގެ ސިޔާސަތެއް ދިވެހިންގެ މައްޗަށް ހިންގަން ފަށައިފިއެވެ. އެއީ ދިވެހިންގެ ރަށްތައް އެކި ގޮތްގޮތަށް ޗާޓު ކުރަހައިގެން ދިވެހިރަސްކަމުގެ ސިޔާދަތުގެ ދަށުން ޖަހައިގަތުމެވެ. މިގޮތުން 1830މ. ގެ އަހަރު ތަކުގައި ކެޕްޓަން ރޮބަޓް މޯސްބީ ލައްވާ ޗާޓު ކުރައްސާ ފޯޅަވަހި ރާއްޖެއާއި ވަކި ކުރިއެވެ. ކަނޑައެޅިގެން ދިވެހިންގެ ނުރުހުމުގައެވެ. މާލެއާއި ރާއްޖޭގެ ރަށްރަށުގެ ރައްޔިތުން އިހްތިޖާޖު ކޮށްކޮށް ތިއްބައެވެ. ދިވެހި ރަސްކަމުގެ އެއްވެސް ހުއްދައެއް ނެތިއެވެ. ޗާޓުކުރެހީ ދިވެހިން ދެކޮޅު ހަދަހަދާ ތިއްބާ ކަމަށް ލިޔެފައި ވަނީ ޚުދު މޯސްބީ އަމިއްލަފުޅަށެވެ. އޭނާ ލިޔުއްވާފައިވާ ފޮތުގައެވެ. މިގޮތަށް ޗާޓު ކުރެހުމަށް ފަހު އިނގިރޭސިން ވަނީ އިދާރީ ހިންގުމުގެ ފަސޭހައަށްޓަކައި، ފޯޅަވަހި މޮރިޝަސްއާ ގުޅުވާފައެވެ.

އިދާރީ ގޮތުން ފަސޭހަ އަކަށް ވަނީ މޮރިޝަސްއަކީ ޤައުމެއްނޫނެވެ. އެއީ ދިވެހިރާއްޖޭގެ ފަޅުރަށްތަކެއްގެ ގޮތުގައި އޮއްވައި، އިނގިރޭސިންނާއި ފަރަންސޭސިންގެ ބޭނުންތަކަށް ގެންގޮސް ބައިތިއްބި އަޅުންތަކެއް ނުވަތަ އަޅު މަސައްކަތު މީހުން އެތާގައި ގެންގުޅުނު ނަމަވެސް، އެމީހުންނަކީ، އޭގެ ކުރީގައި އެމީހުންގެ ވެރިކަމެއް، ޤައުމިއްޔަތެއް، އަދި އަމިއްލަ ބަހެއްވެސް އޮތްބައެއް ނޫނެވެ. މޮރިޝަސްގެ ޤާނޫނު އަސާސީގެ 79 ވަނަ މާއްދާގައި ވަނީ، މޮރިޝަސްގެ ނެޝަނަލް އެސެމްބްލީގެ ރަސްމީ ބަހަކީ އިނގިރޭސި ބަސް ކަމަށެވެ. ނަމަވެސް މެމްބަރަކު ބޭނުން ވެއްޖެ ނަމަ ފަރެންސޭސި ބަހުންވެސް އެސެމްބްލީގެ ރައީސްއާއ މުޚާޠަބު ކުރެވިދާނެ ކަމަށެވެ. މީގެން ދޭހަވަނީ، މޮރިޝަސް އަކީ އެއްވެސް އިރެއްގައި "ޠަބައީ އާބާދީ އެއް" (މިހެން މިބޭނުން ކުރީ‘indigenous’ މިލަފްޒަށް ދިވެހިބަހުން ލިޔާއިރު ކިޔާނެ ވަކި ގޮތެއްނެތަތީ) އޮތްތަނެއް ނޫންކަމެވެ. އެއީ މޮރިޝަސްއަކީ މުސްތަޢުމިރުންގެ އުފެއްދުމެއް ކަމުގެ އަލިގަދަ ހެއްކެކެވެ. އެއާ ޚިލާފަށް ދިވެހި ރާއްޖެއަކީ މިނިވަން މުސްތަޤިއްލު ދައުލަތެކެވެ. އަމިއްލަ ބަހަކާއި، އަމިއްލަ ސަގާފަތަކާއި، އަމިއްލަ ޝަރުޢީ ނިޒާމެއްގެ ތެރެއިން، ރަސްކަމާއި ވަކިން ހިނގާ ފަނޑިޔާރުގެތަކުން ހުކުމް އިއްވަމުންއައި ތަހުޒީބު ޙަޞާރަތެކެވެ. އެތަކެއް އަހަރު ވަންދެން މެދު ނުކެނޑި ހިނގަމުން އަންނަ ރަސްކަމެއް އޮތްތަނެކެވެ. ވީމާ މާލޭގައި ހުންނަވާ ރަސްގެފާނުގެ ކިބައިން ކޮންމެ ފަހަރަކު ފޯޅަވައްސަށް ދާން ހުއްދަ ހޯދާން ޖެހުމަކީ އިނގިރޭސިން އަދި އޭގެ ކުރިން ފަރަންސޭސިންގެވެސް ހައިބަތާއި އަރާއަރަފޯދޭ ވަރު ކަމެއްކަމުގައި އެދެބައި މީހުންނަށްވެސް އޭރު އިސްކަންދޭން ފަސޭހަކަމަކަށް ނުވިއެވެ. އެހެންވެ އެކަން ފަސޭހަ ކޮށްލުމުގެ ގޮތުން އެދެބައި މީހުންވެސް ފޯޅަވަހި ރާއްޖެއާއި ވަކިކޮށް މޮރިޝަސްއާއި އިދާރީ ގޮތުން ގުޅުވާ ލީއެވެ.

ބަޔޮޓް (BIOT) އުފެއްދުމުގެ ކެހިވެރިކަން
1946މ. ގައި މޮރިޝަސް އަކީ ނަން ސެލްފް ގާވާނިން ޓެރިޓްރީ ( އެންއެސްޖީޓީ - NSGT) އެއްގޮތަށް އިނގިރޭސިން އޮތީ އދ. އަށް ރިޕޯޓް ކޮށްފައެވެ. އޭރު ފޯޅަވަހިވެސް އިދާރީ ގޮތުން ބަލަހައްޓަމުން އައީ މޮރިޝަސް ގައި ތިބެގެންނެވެ. 1965 ގެ ޖުލައިމަހުން 26 ގައި ދިވެހި ރާއްޖެ ހިމާޔަތުގެ ދަށުން ވީއްލުމަށްފަހު، ހަމަ މަޑުވެސް ނުކޮށް އެއަހަރު ތެރޭގައި، އިނގިރޭސިންގެ "އޯޑާ އިން ކައުންސިލް" އަކުން ފޯޅަވައްސަކީ އިނގިރޭސި ދައުލަތުގެ ބައެއް ކަމުގައި ކަނޑައެޅިއެވެ. މިކަމަށް ރައްދު ދިނުމުގެ ގޮތުން، އެފްރިކަން ޔުނިއަން އާއި ނަން އެލައިންޑް މޫވްމަންޓް އިސްވެ ތިބެގެން އދ. ގެ ޤަރާރު ނަމްބަރު 2066 ފާސްކުރިއެވެ. ޤަރާރުގައި ބުނަނީ ޑިކޮލޮނައިޒް ކުރުމުގެ ކުރިން 'ނަންސެލްފް ގަވާނިން ޓެރިޓްރީއަކުން' ބައެއް، އެ ސަރަޙައްދަކާ ވަކި ނުކުރެވޭނެ ކަމަށެވެ.

ފޯޅަވަހި މައްސަލައިގާ އދ. ގައި އުފެދިފައިވާ ދެފުށް މިންގަނޑު
ކުރިން ދެންނެވުނު ޤަރާރުގައި ފޯޅަވަހި މޮރިޝަސްއާއި ވަކި ނުކުރެވޭނެ ކަމަށް ބުނި ނަމަވެސް، 1968މ. ގައި، އިނގިރޭސި ޕާލަމެންޓުން ފާސްކުރި ޤާނޫނަކުން މޮރިޝަސް އަށް މިނިވަންކަން ދިނުމުން އެހާލަތު އދ. ގެ ތެރޭގައި ބަދަލުވެއްޖެއެވެ. މިހިސާބުން އދ. އިން ރަސްމީކޮށް މޮރިޝަސް މުޅިން ޑިކޮލޮނައިޒް ކުރެވުނީ ކަމަށް ކަނޑައަޅައި، އދ. ގެ 'ނަންސެލްފް ގަވާނިން ޓެރިޓްރީސް' ލިސްޓުން މޮރިޝަސް އުނިކޮށްފިއެވެ. އެފަހުން މިއަދާ ހަމަޔަށްވެސް މޮރިޝަސް އެލިސްޓަކަށް ނާރުވައެވެ. އަނެއްކޮޅުން އދ. ގެ ޗާޓަރުގެ 73 ވަނަ މާއްދާގެ (އީ) ގައި ބުނާ 'ނަން ސެލްފް ގަވާނިންގް ޓެރިޓްރީސް' ލިސްޓުގައި ހިމެނުމަށް، ފޯޅަވަހި ނުވަތަ ބަޔޮޓު އިނގިރޭސިން ރިޕޯޓް ކޮށްފައެއްވެސް ނުވެއެވެ. އަދި އދ. އިންވެސް އެކަން ކުރަން އުޅެފައެއް ނުވެއެވެ. ނުވިތާކަށް އެފްރިކަން ޔުނިއަން އާއި، ނަން އެލައިންޑް މޫވްމަންޓު ފަދަ ބްލޮކް ތަކުންވެސް، ބަޔޮޓް ނުވަތަ ޗާގޮސް އެލިސްޓުގައި ހިމެނުމަށް ބާރުއަޅާފައި ނުވެއެވެ. އެކަމަކު އެތާގައި 1200 މީހުންގެ (ޗާގޯސިއަނުންނޭ ކިޔާ) އަޅު މަސައްކަތު މީސްކޮޅެއް ބައިތިއްބަތެވެ. މިހިސާބުން ފޯޅަވަހި މައްސަލައިގާ އދ. ގައި "ދެފުށް މިންގަޑެއް" އުފެދިއްޖެއެވެ. އެއްފުށަކީ ސިޔާސީ މިންގަނޑެކެވެ. އަނެއްފުށަކީ ޤާނޫނީ މިންގަނޑެކެވެ. ވުމާއިއެކު މިދެންނެވި ދެމިންގަނޑުގެ ސަބަބުން ޤާނޫނީ ގޮތުން ފޯރާ އަސަރާއި ސިޔާސީ ގޮތުން ފޯރާ އަސަރުގެ މައްޗަށް ބަލައިލާން ޖެހެއެވެ.

ޤާނޫނީ މިންގަނޑުގެ އަސަރު ފޯރާގޮތް
ޤާނޫނީ މާހިރުންގެ ނަޒަރުން، މި ދެފުށް މިންގަނޑުގެ އަސަރު ފޯރާ ގޮތަށް ބަލައިލާ އިރު، އދ. ގައި ޑިކޮލޮނައިޒް ކުރުމުގެ މެންޑޭޓް މަތިކޮށްފައި އޮންނަނީ، އދ. ގެ ދާއިމީ 6 ކޮމިޓީގެ ތެރެއިން ފޯތް ކޮމިޓީއާއެވެ. ފޯތްކޮމިޓީގެ ދަށުން އދ. ގެ ޤަރާރަކުން މިކަން މަތިކޮށްފައި އޮންނަނީ 'ސްޕެޝަލް ކޮމިޓީ އޮން ޑިކޮލޮނައިޒޭޝަން' ނުވަތަ ސީ – 24 އާއިއެވެ. މިދެންނެވި ކޮމިޓީ ނުވަތ ކޮމިޓީތަކުގެ މެންޑޭޓަކީ، އދ. ގެ 'ނަންސެލްފް ގަވާނިން ޓެރިޓްރީސް' ލިސްޓުގައި ހިމެނޭ ސަރަޙައްދުތައް ނުވަތަ އާބާދީތައް ޑިކޮލޮނައިޒް ކުރުމެވެ. އެހެންކަމުން އދ. ގެ އޮނިގަނޑުގެތެރެއިން ބެލީމާ، ފޯޅަވަހި، ނުވަތަ ޗާގޯސް، ނުވަތަ ބަޔޮޓް އަކީ އދ. ގެ ނަޒަރުގައި ވުޖޫދުގައި އޮތް ޑިކޮލޮނައިޒް ކުރުމާއި ގުޅޭ މައްސަލައެއް ނޫނެވެ. ސަބަބަކީ، އދ. ގެ 'ނަން ސެލްފް ގަވާނިން ޓެރިޓްރީސް' ލިސްޓްގައި ޗާގޯސް ނުވަތަ ބަޔޮޓް، އާދެ! ދިވެހިންގެ ފޯޅަވަހި ހިމެނިފައި ނެތުމުންނެވެ. އެހެންވެ މިމައްސަލައަށް ބައިނަލް އަޤްވާމީ މައިދާނުގައި އަންނަނިވި ޤާނޫނީ އަސަރު ފޯރާފައިވާ ކަމަށް ޤާނޫނީ މާހިރުން ދެކިވަޑައި ގަނެއެވެ.
  1.  ޤާނޫނީ ގޮތުން، އދ. ގެ ފޯތް ކޮމިޓީ، ނުވަތަ ސީ – 24 ގެ ކުރިމަތީގައި ފޯޅަވަހީގެ މައްސަލައަކީ ވުޖޫދުގައިވާ މައްސަލައަކަށް ނުވެއެވެ.
  2.  ނަން ސެލްފް ގަވާނިން ޓެރިޓްރީސް ލިސްޓުގައި ފޯޅަވަހި ހިމެނިފައި ނެތުމުން އދ. ގެ ތެރެއިން ފޯތް ކޮމިޓީގެ، ސީ – 24 ގައި ފޯޅަވަހީގެ ޙައްޤު ހޯދުމަށް، ޕެޓީޝަން ހުށަހެޅުމުގެ ޤާނޫނީ ދޮރު ދިވެހިރާއްޖެއަށް އޮންނަނީ ބަންދުވެފައެވެ.
  3.  އެހެންވެ، ފޯޅަވަހީގެ މައްޗަށް ސިޔާސީ، ޘަޤާފީ، މަދަނީ، އަދި ތަރިކަވީ އެއްވެސް ގުޅުމެއް ދިވެހިރާއްޖެއާއި ދެމެދު އޮތްކަމެއް އދ. އަކަށް ނުވަތަ ބައިނަލް އަޤްވާމީ މުޖުތަމަޢުއަށް ޤާނޫނީ ގޮތުން އެނގިފާ ނުވެއެވެ.
  4. އަނެއް ކޮޅުން ބަޔޮޓް އުފައްދާފައިވަނީ، އިނގިރޭސި ވިލާތުގެ ޤާނޫނެކޭ އެއްފަދަ، ނުވަތަ އެއަށްވުރެވެސް ބާރު ލިބިގެންވާ އިނގިރޭސި ރަސްކަމުގެ 'އޯޑަރ އިން ކައުންސިލް' އަކުންނެވެ. ނަމަވެސް މިކަން އދ. އިން ކުށްވެރި ނުކޮށް، ބަޔޮޓް ލިސްޓުގައި ނެތުމުން ދިވެހރާއްޖެއިން ދެކޭނީ ބަޔޮޓް އަކީ ޤާނޫނީ ގޮތުން އިނގިރޭސި ސިޔާދަތުގެ ދަށުގައި ހިމެނޭ ބައެއްގެ ގޮތުގައި އދ. އިން ދެކެނީ ކަމަށެވެ.
  5. އެހެންވެ، ދިވެހިރާއްޖެއަށް މިކަން ތަރުޖަމާ ކުރެވޭނެ އެއްގޮތަކީ، އދ. އިން އެވަނީ އިގިރޭސި ސިޔާދަތު ފޯޅަވަހީގެ މައްޗަށް އޮތްކަމަށް ބަލައިގަނެފައި ކަމަށެވެ. އެހެން ނޫންނަމަ ފޯޅަވަހި އެލިސްޓްގައި އޮންނަންވާނެކަމަށެވެ.
  6. މަތީގައި އެވާ ސަބަބު ތަކާ ހެދި، ފޯޅަވަހި ޑިކޮލޮނައިޒް ކުރުމުގެ މެންޑޭޓް، އދ. ގެ ފޯތް ކޮމިޓީގައި ނުވަތަ ސީ – 24 ގައި ނެތުމުން، އެނޫން މަގަކުން އދ. ގެ ޢާއްމު މަޖުލިހުގައި ފޯޅަވަހީގެ ސިޔާދަތާއި މެދު ސުވާލު އުފައްދާ މައްސަލަ ޖެއްސުން ވެގެން ދާނީ ސީދާ އިނގިރޭސީންނާއި ދެކޮޅުވެރި ޢަމަލެއްގެ ގޮތުގައި ކަމަށް ދިވެހިން ދެކެއެވެ.
  7. ކޮމަންވެލްތްގެ މެމްބަރެއްގެ ޙައިސިއްޔަތުންނާއި، އދ. ގެ މެމްބަރެއްގެ ޙައިސިއްޔަތުގެ އިތުރުން، އިނގިރޭސި ވިލާތަކީ ރާއްޖެއާއި އެކު ސިޔާސީ ގުޅުން ޤާއިމު ކޮށްފައިވާ ޤައުމަކަށް ވާތީ، އިނގިރޭސިންނާއި ސީދާ ދެކޮޅުވެރިކަމެއް ފަށައި ގަތުމަކީ ދިވެހިރާއްޖޭގެ ސިޔާސަތެއް ނޫނެވެ. އެހެންވެ އެކަން މިއަދާ ހަމައަށް ވެސް ރާއްޖެއަކުން ނުކުރެއެވެ.
ސިޔާސީ މިންގަނޑުގެ އަސަރު ފޯރާގޮތް
ސިޔާސީ މިން ގަނޑުން ބަލާއިރު މިމައްސަލައިގެ އަސަރު، ބަވަނަ ދުނިޔޭގެ ސިޔާސަތަށާއި، ސަރަޙައްދީ ސިޔާސަތަށް އަދި ދިވެހިރާއްޖެއާއި، އިނގިރޭސީ ވިލާތުގެ ދާޚިލީ ސިޔާސަތަށް ފޯރަމުން ދަނީ ވަރަށްވެސް ބޮޑަށެވެ. މީގެ އިތުރުން އދ. ގެ އޮނިގަޑުގެ އިތުބާރާއި މެދު އަދި ބައިނަލް އަޤްވާމީ ރޫލް ބޭސްޑް އޯޑަރ ދެމެހެއްޓުމުގައި ނުހަނު ބޮޑެތި ސުވާލުތަކާއި ކުރިމަތިވާނެކަމަށް ޤާނޫނީ މާހިރުން ދެކިވަޑައިގަންނަވައެވެ. މިމައްސލައަށް ސިޔާސީ ގޮތުން ފޯރާފައިވާ އަސަރަށް ބަލާ އިރު އަންނަނިވި ކަންކަން ފާހަގަ ކުރެވެއެވެ.
  1. އިނގިރޭސި ޕްރައިވީ ކައުންސިލުގެ 'އޯޑަރ އިން ކައުންސިލް' އަކުން ބަޔޮޓް އުފެއްދުމުން އދ. ގެ ޢާއްމު މަޖުލީހުގެ މެޖޯރިޓީ ކަމުގައި ވާ އެފްރިކަން އުނިއަނާއި، ނަންއެލައިންޑް މޫވްމަންޓާއި ސޮވިއެޓް ބްލޮކުން ދީފައިވަނީ ސިޔާސީ ރައްދެކެވެ. އެގޮތުން ޢާއްމު މަޖުލިހުގެ ޤަރާރު 2066 ފާސްކުރިއެވެ.
  2. ޤާނޫނީ ރައްދެއް ދިންނަމަ، އެފްރިކަން ޔުނިއަންއާއި، ނަންއެލައިންޑް މޫވްމަންޓާއި، އަދި ސޮވިއެޓް ބްލޮކުންވެސް ބާރު އަޅާނީ، ބަޔޮޓް ނުވަތަ ފޯޅަވަހި، އދ. ގެ 'ނަން ސެލްފް ގަވާނިން ޓެރިޓްރީސް' ލިސްޓްގައި ހިމަނައި، ފޯތް ކޮމިޓީ، ނުވަތަ ސީ – 24 ގެ މެންޑޭޓްގެ ތެރޭގައި ފޯޅަވަހި ހިމެނުމަށެވެ.
  3. އެހެން ނުވުމުގެ ސަބަބުން މިހާރު 2066 ނަމްބަރު ޤަރާރާއި މަތިކޮށް ނިންމާ ހުރިހާ ނިންމުމަކީ ސިޔާސީ ގޮތުން މެންބަރުންގެ އަޣުލަބިއްޔަތުން ނިންމާ ޣައިރު ޤާނޫނީ ނިންމުންތަކެއް ކަމަށް ޤާނޫނީ މާހިރުން ދެކިވަޑައިގަނެއެވެ.
  4. އދ. ގެ 'ނަން ސެލްފް ގަވާނިން ޓެރިޓްރީސް' ލިސްޓްގައި ބަޔޮޓް ހިމަނަން ޖެހޭ އަނެއް ސަބަބަކީ، ބަޔޮޓް އުފެއްދި އިރުގައި، ފޯޅަވަހީގައި ތިބި 1200 މީހުންނަކީ މޮރިޝަސްގެ ރައްޔިތުން ކަމުގައި ބަލައިފައެއް ނުވެއެވެ. އަދި މޮރިޝަސްއަށް މިނިވަންކަން ދިނުމަށް ފަހު 1970 ގައި، މި 1200 މީހުން މޮރިޝަސްއާއި ސީޝެލްސް އަށް ގެންގޮސް ބޭލިއިރުވެސް އެއީ، މޮރިޝަސްގެ ރައްޔިތުންނެއް ނޫނެވެ. އެކަމުގެ އެއްމެ ވަރުގަދަ ހެއްކަކީ، އޭގެތެރެއިން އެއްބަޔަކު ސީޝެލްސްއަށް ބޭލުމެވެ.
  5. މިހެން މިކަން އޮތުމާއި އެކު އޭގެ ފަހުން އދ.ގެ ތެރެއިން މުޅިންވެސް ކަންކުރެވެމުން އައީ، ޤަނޫނީ އޮނިގަނޑަށް މައްސަލަ ނުފައްތާ، ސިޔާސީ މިންގަނޑަކުން މައްސލައިގާ މިން އަޅައިގެންނެވެ. އެއީ ޤާނޫނު އޮތްތާގައި ބާއްވާފައި މެޖޯރިޓީ މެމްބަރު ޤައުމުތަކަށް ފެންނަ ގޮތަކަށް ކަންކަން ނިންމުމެވެ.
  6. އެހެންވެ، ޤާނޫނު އޮތްތާ ބާއްވާފައި، 2017 ވަނަ އަހަރު މެޖޯރިޓީ ވޯޓު ބޭނުން ކޮށްގެން އދ.ގެ ޖެނެރަލް އެސްމްބްލީއާއި ދެ ސުވާލު ކުރިމަތިކުރިއެވެ. އަދި އެދެސުވާލުގެ ޖަވާބު ހޯދަން އައިސީޖޭ އަށް ހުށަހަޅައި ދިނުމަށް ގޮވާލާ ޤަރާރު ނަމްބަރު 71/272 ފާސްކުރިއެވެ. މިތާގައި ފާހަގަ ކުރަން ޖެހޭ ކަމަކީ، ފޯތް ކޮމިޓީގެ މެންޑޭޓް ބައިޕާސް ކޮށްފައި މެޖޯރިޓީ ވޯޓުން 'ޑިކޮލޮނައިޒް' ކުރުމުގެ މެންޑޭޓްގެ ތެރެއަށް ވަދެގަންނަ ވަދެގަތުމެވެ.
  7. އައިސީ ޖޭއަށް އެ ދެ ސުވާލު ހުށަހެޅުމުން، ގަރާރު ނަމްބަރު 2066 އާއި، ފޯޅަވަހިން ބޭލިމީހުންނާއި ގުޅުވައިގެން، އައިސީޖޭއަށް ބުނެވެން އޮންނާނީ މޮރިޝަސްގެ ޑިކޮލޮނައިޒޭޝަން ފުރިހަމަ ނުވާކަމަށެވެ. އިނގިރޭސިން ފޯޅަވަހީގައި ތިބެގެން ޗާގޯސިއަންނުން އަނބުރާ އެތަނުގައި ވަޒަންވެރި ކުރުވުމުގެ މަސައްކަތަށް ހުރަސް އެޅޭނެ ކަމަށެވެ. އެހެންވެ ޑީކޮލޮނައިޒޭޝަން ފުރިހަމަ ކުރުމަށް ގޮވާލަން އައިސީޖޭ އަށް މަޖުބޫރުވާނެއެވެ. ސަބަބަކީ އައިސީޖޭއަށް ފެންނަން އޮތީ، މައްސަލައިގެ ސިޔާސީ މިންގަނޑު އެކަންޏެވެ. ޤާނޫނީ މިންގަނޑު އޮތީ އދ. ގެ ތެރެއިން ވަޅުޖައްސާފައެވެ.
  8. އައިސީ ޖޭގެ އިސްތިޝާރީ ލަފަޔަކީ އޭގެ މައްޗަށް އަމަލު ކުރަން ލާޒިމު އެއްޗަކަށް ނުވާތީ، އަނެއްކާވެސް އެފްރިކަން ޔުނިއަންއާއި، ނަންއެލައިންޑް މޫވްމަންޓް ފަދަ ހުޅަނގާއި ދެކޮޅު ބްލޮކުތަކުގެ މެޖޯރިޓީ ވޯޓު ބޭނުން ކުރީ ސިޔާސީ ގޮތުންނެވެ. މިފަހަރު ނިންމީ އައިސީޖޭގެ އިސްތިޝާރީ ލަފަޔަކީ، އޮތޯރިޓޭޓިވް ނުވަތަ ޤާނޫނީ ބާރު ލިބިގެންވާ އެއްޗަކަށް ހަދާލުމަށެވެ. އެހެންވެ 2019 ވަނަ އަހަރު ޤަރާރު ނަމްބަރު 73/295 ހުށަހެޅިއެވެ. އަދި ސިޔާސީ ގޮތުން މެޖޯރިޓީ ވޯޓުގެ ބޭނުން ކޮށްގެން މިކަމާ ބެހޭގޮތުން ނެރުނު އައިސީޖޭގެ އިސްތިޝާރީ ލަފަޔަކީ އޭގެ މައްޗަށް އަމަލުކުރަން ލާޒިމު އެއްޗެއްކަމަށް މިދެންނެވި 73/295 ޤަރާރުން ކަނޑައަޅައި، އަދި ހަމަސް ދުވަހުގެ ތެރޭގައި އެކަންކަން ކޮށް ނިންމުމަށް ގޮވާލާ މިޤަރާރު ފާސްކޮށްފައިވެއެވެ.
  9. އެހެންކަމުން މިސިޔާސީ ނިންމުމުގެ މަތީގައި، އިޓްލޮސްއަށް މައްސަލަ ހުށަހަޅާ، ރާއްޖެއާއި ފޯޅަވައްސާއި ދެމެދުގެ ކަނޑުގެ އިންވަކި ކުރަން ހުށަހަޅާ އެކަން ވަނީ ކޮށްފައެވެ.
  10. އަދި 6 މަސް ދުވަހުގެ މުހުލަތުގައި، މޮރިޝަސްއާއި ފޯޅަވަހި ހަވާލުކުރުމުގެ ވާހަކަތައް ފައްޓަން އިނގިރޭސިންނަށް ވަނީ މަޖުބޫރުކުރުވާފައެވެ.
އާދެ ފޯޅަވައްސާއި ބެހޭގޮތުން 'ޑިކޮލޮނައިޒް" ކުރުމުގެ ނަމުގައި މިހިނގާ ހުރިހާ ކަމެއް ހިނގަމުން މިދަނީ، އދ. ގެ ޤާނޫނީ މިންގަނޑުން ބޭރުންނެވެ. އދ. ގެ ފޯތު ކޮމިޓީގެ މެންޑޭޓްގެ ތެރެއަށް ސިޔާސީ ގޮތުން ޢާއްމު މަޖުލީހުގެ އަޣުލަބިއްޔަތުގެ ވޯޓުގެ 'ޣައިރު ޤާނޫނީ' ބާރުވެރިކަން ދައްކައިގެންނެވެ.

މިދެންނެވުނީ ބައިނަލް އަޤުވާމީ ޤާނޫނުގެ "ސިލެކްޓިވް އޮންޓޮލޮޖީ" ގެ ސާފު މިސާލަކެވެ. ދިވެހި ބަހުން ދަންނަވާނަމަ ދެންނެވޭނީ މިއީ ބައިނަލް އަޤްވާމީ ޤާނޫނުގެ ދަށުން ' މިތާގަ ނުވާ – އެކަމަކު މިތާގަ ވާ ' އެއްޗެއްގެ ( އެއީ އެއްބަޔަކަށް މިތާގަ ވާ އެއްޗެއް – އެކަމަކު އަނެއް ބަޔަކަށް މިތާގަ ނުވާ އެއްޗެއް) މައްޗަށް ހުކުމް ކުރާ ގޮތުގެ ސާފު މިސާލެކެވެ.

މައްސަލާގައި އޮތް އދ ގެ ކޮރުކަން
މިމައްސަލާގައި އދ. އިން އަމަލުކުރެވިފައިވާ ގޮތުގެ ޤާނޫނީ ކޮރުކަން ވަނީ، އދ. ގެ ރިކޯޑްތަކުން ވަރަށް ސާފުކޮށް ފެންނާށެވެ. އެގޮތުން ފާހަގަ ކުރެވޭ ނުކުތާތައް ހާމަކޮށްލާނަމެވެ.
  1. އދ. ގެ ޑިކޮލޮނައިޒޭޝަން ޤަރާރުގެ 6 ވަނަ ޕެރެގްރާފްގައި ވާ ޚުލާސާ މާނަޔަކީ ޤައުމެއްގެ ބަޔެއް (އާބާދީ ނުވަތަ ސަރަޙައްދުގެ) އެ ގައުމަކާއި ވަކިކޮށް ބަހައި ބައިބައި ކުރުމަކީ އދ. ގެ ޗާޓަރާއި ޚިލާފް ޢަމަލެއް ކަމަށެވެ. އެހެންކަމުން 1830މ. ގައި ފޯޅަވަހި ރާއްޖެއާއި ވަކިކޮށް، އަދި 1965މ. ގައި ބަޔޮޓް އުފައްދައި، 1970މ. ގައި 1200 މީހުން ރަށުން ބާލާ ގެއްލުވާލާފަ ވީނަމަވެސް، ދިވެހިރާއްޖެއަށް ފޯޅަވަހި އަނބުރާ ލިބޭގޮތަށް އެތަން ޑިކޮލޮނައިޒް ކުރުމަކީ، ބައިނަލް އަޤްވާމީ ޤާނޫނު ތަކުގެ ދަށުން ނިގުޅައިގަނެވޭނޭ ޙައްޤެއް ނޫނެވެ.
  2. 1965މ. ގައި އިދާރީ ގޮތުން ފޯޅަވަހި މޮރިޝަސްއާއި ވަކިކުރުން، ގަރާރު ނަމްބަރު 2066 އިން ކުށްވެރި ކުރިއެވެ. ނަމަވެސް 1830މ. ގައި ފޯޅަވަހި ދިވެހިރާއްޖެއާއި ވަކިކުރި ގޮތަށް ބަލާލެވިފައެއް ނުވެއެވެ.
  3. 1965މ. ގެ ޤަރާރު ނެރެފަ އޮތް ނަމަވެސް 1968މ. ގައި މޮރިޝަސްއަށް އިނގިރޭސިން މިނިވަންކަން ދިނުމުން، މޮރިޝަސް މުޅިން ޑިކޮލޮނައިޒް ވެއްޖެ ކަމަށް ނިންމާ އދ. ގެ 'ނަން ސެލްފް ގަވާނިން ޓެރިޓްރީސް' ލިސްޓުން މޮރިޝަސްވަނީ އުނިކޮށްފައެވެ.
  4. ނަމަވެސް ބަޔޮޓް އުފެއްދުމާއި އެކު، ޗާގޯސިޔަނުން އިދާރީ ގޮތުން ދަފްތަރު ކުރެވިފަވަނީ ބަޔޮޓްގެ ރައްވެހިން ކަމުގައެވެ. އެކަމަކު އިނގިރޭސި ރައްޔިތުންގެ ދަރަޖައިގައެއް ނޫނެވެ. ހަމައެއާއި އެކު މޮރިޝަސް އަށް މިނިވަންކަން ދިނުމުން، މޮރިޝަސްއިންވެސް އެޤައުމުގެ ރައްޔިތުކަން ޗާގޯސިޔަނުންނަށް ދީފައެއް ނުވެއެވެ.
  5. އެހެންކަމުން މޮރިޝަސްގެ އާބާދީގައި ނުހިމެނޭ 1200 މީހުންގެ އާބާދީއެއް ފޯޅަވަހީގައި އޮތުމާއި އެކު އެކަން އދ ގެ ޗާޓަރުގެ 73 ވަނަ މާއްދާގެ (އީ) އާއި އެއްގޮތަށް އދ. އަށް ރިޕޯޓުކުރަން ޖެހޭނެއެވެ. ނުވަތަ އދ. އިން ބަޔޮޓް 'ނަން ސެލްފް ގަވާނިން ޓެރިޓްރީސް' ލިސްޓުގައި ހިމަނަށް ޖެހޭނެއެވެ.
  6. އދ. ގެ ޤަރާރު ނަމްބަރު 71/272 ފާސް ކޮށްފައިވަނީ ސިޔާސީ ގޮތުން އަޣުލަބިއްޔަތުގެ ބާރުގައެވެ. ޤާނޫނީ އިމުގެ ބޭރުން ފޯތް ކޮމިޓީގެ ސީ – 24 ގެ މެންޑޭޓްގެ މަށްޗަށް ގަދަ ބާރު ފޯރުވައިގެންނެވެ.
  7. އައިސީ ޖޭގެ އިސްތިޝާރީ ލަފަޔަކީ އޭގެ މައްޗަށް އަމަލުކުރުން ލާޒިމު އެއްޗެއް ކަމަށް ނިންމި، 73/295 ނަމްބަރު ޤަރާރު ފާސްކުރީވެސް އަޣުލަބިއްޔަތުގެ ގަދަބާރު، ފޯތް ކޮމިޓީގެ މެންޑޭޓްގެ މައްޗަށް ފޯރުވައިގެންނެވެ.
  8. އަދި، އިސްތިޢުމާރު ކުރި މީހުން ތަނުން ނުފައިބާ އެތަނުގަ ތިއްބާ، ޑިކޮލޮނައިޒް ކުރުން ފުރިހަމަ ނުކޮށް، ޑެލިމިޓޭޝަން ނުވަތަ ކަނޑުގެ އިންވަކި ކުރަން ނިންމީވެސް ބައިނަލް އަޤްވާމީ ޤާނޫނުތަކާއި ޚިލާފަށެވެ.
  9. ސިޔާސީ ނިންމުން ތަކެއްގެ ތެރެއިން 2100 ކިލޯމީޓަރު ދެމެދުގެ ރާސްތާގައި އޮތް ދެ ކޮންޓިނެންޓަށް ދެމިގެން ދާނޭ އިސްތިޢުމާރުގެ ދައުލަތެއް (ޓްރާންސް ކޮންޓިނެންޓަލް ނިއޯކޮލޯނިއަލް ސްޓޭޓެއް) އުފެދިގެން އައުމަށް އދ. ގެތެރެއިން ޖާގަ ހުޅުވިގެން މިދިޔައީ އދ. ގެ ޤާނޫނީ އޮނިގަނޑުގެ ބޭރުންނެވެ. ޑިކޮލަނައިޒޭޝަންގެ ބަދަލުގައި ރީކޮލޮނައިޒޭޝަން ޤާއިމުކުރުމަށް ބާރު ލިބިދެވިގެންނެވެ.
ޙާލަތު ބަދަލުވުމުން ދިވެހީންގެ ސިޔާސަތު ކުރިއަށް ނެރުން
އެއްވެސް ޝައްކެއް ނެތެވެ. އިނގިރޭސިން އަމިއްލައަށް ޙާލަތު ބަދަލު ކޮށްލައިފިއެވެ. އެމީހުން އަމިއްލައަށް އިންޑިއާ ކަނޑުގައި އިނގިރޭސިންގެ މަޤާމު ދޫކޮށްލަން ނިންމީއެވެ. ކުރިން ފޯޅަވައްސަކީ ބަޔޮޓް ނުވަތަ އިނގިރޭސި ދައުލަތުގެ ސިޔާދަތީ ސަރަޙައްދެއް ކަމަށް އޮތީ ނިންމާފައެވެ. އަދި މައުނަވީ ގޮތެއްގައި އދ. އިން އެކަމަށް ދެކޮޅު ހަދާފައެއް ނުވެއެވެ. ސަބަބަކީ ކުޑަމިނުން 'ނަން ސެލްފް ގަވާނިން ޓެރިޓްރީސް' ލިސްޓްގައިވެސް އެތަން އދ. އިން ހިމަނާފައި ނެތުމެވެ. އެހެންކަމުން ޤާނޫނީ ނަޒަރަކުން ދިވެހިން ދެކެމުން އައީ، ފޯޅަވަހި ހޯދުމުގެ ދައުވާ ކުރުން ވެގެންދާނީ އިނގިރޭސީންގެ ނަޒަރުގައި އެމީހުންގެ ސިޔާދަތަށް އަރައިގަތުން ކަމުގައެވެ. އެހެންވެ ދިވެހިން މިއަދާ ހަމަޔަށްވެސް އެކަމުގައި ހަނުތިބީއެވެ.

ނަމަވެސް މިހާރު އެޙާލަތު މުޅިން ބަދަލުއެއްޖެއެވެ. އިނގިރޭސިން އަމިއްލައަށް މުޢާޙިދާއެއްގެ ދަށުން، ފޯޅަވަހީގެ ސިޔާދަތު މޮރިޝަސްއާއި ހަވާލުކުރަން އެތާގެ ސަރުކާރުން ވިސްނަނީޔޯލައެވެ. އޭގެ މާނައަކީ އިނގިރޭސި ޕްރައިވީ ކައުންސިލުން، ބަޔޮޓު އުފައްދަން ނެރުނު 'އޯޑަރ އިން ކައުނސިލް' ވެސް އުވާލަންޖެހޭނެ ވާހަކައެވެ. އެހެންކަމުން މިހާރު ފޯޅަވަހި ހޯދަން ދިވެހިން ކުރާ މަސައްކަތަކީ، އިނގިރޭސި ދައުލަތުގެ ސިޔާދަތަށް އަރައިގަންނަން ކުރެވޭ މަސައްކަތެއް ގޮތުގައި ދެކުމުގެ ޖާގަ އިނގިރޭސިންނަކަށްވެސް، އަދި އެއްވެސް ބަޔަކަށް ނޯންނާނެއެވެ. އަދި ޚުދު އިނގިރޭސިންނަށްވެސް އެގެން އޮންނާނީ، ފޯޅަވައްސަކީ 1830މ. ގައި ދިވެހިރާއްޖެއިން އެމީހުން ވަކިކޮށްފައިވާ ބައެއްގެ ގޮތުގައެވެ. އެހެންކަމުން ފޯޅަވަހީގެ ސިޔާދަތު، ބައިނަލް އަޤްވާމީ ޤާނޫނުތަކާއި ޚިލާފަށް، ސިޔާސީ ނިންމުންތަކެއްގެ ތެރެއިން މޮރިޝަސް އާއި ހަވާލުކުރަން ނިންމުމަކީ ދިވެހިންގެ ޙައްޤަކަށް އަރައިގަތުމެވެ. އެއީ ބައިނަލް އަޤްވާމީ ޤާނޫނުތަކުގެ ދަށުން ކުރެވޭނެ ކަމެއްކަމަށް ޤާނޫނީ މާހިރުން ޤަބޫލެއް ނުކުރައްވައެވެ. އެއީ ވިއެނާ ކޮންވެންޝަން އޮން ލޯ އޮފް ދަ ޓްރީޓީސްގެ 34 ވަނަ މާއްދާއާއި ޚިލާފުވާ ކަމެކެވެ.

ސިޔާސީ ގޮތުންނާއި ޤާނޫނީ ގޮތުން ދިވެހިން އަޅަންވީ ފިޔަވަޅުތައް
ބައިނަލް އަޤްވާމީ ޤާނޫނީ މާހިރުން ޤަބޫލު ކުރައްވާ ގޮތުގައި، ފޯޅަވަހީގެ މައްސަލައިގެ ބަދަލުވެފައިވާ ޙާލަތުގެ ހާޒިރުގައި، ދިވެހިރާއްޖެއިން މިހާރު އެޅެން ހުރި ފިޔަޅު ތަކަކީ ޤާނޫނީ ގޮތުންނާއި ސިޔާސީގޮތުންވެސް ބާރުގަދަ ފިޔަވަޅުތަކެވެ. އެއިން އެއްވެސް ފިޔަވަޅަކާއި ދެކޮޅަށް އދ. އަށްވެސް، އިނގިރޭސިންނަށްވެސް، އަދި މޮރިޝަސްއަށް ވެސް ބިނާކުރެވޭނެ ޤާނޫނީ ހުއްޖަތެއް ނޯންނާނެ ފިޔަވަޅުތަކެކެވެ. މިހާލަތުގައި ދިވެހީން ކުރިއަށް ނުކުމެ އިސްތިރާޖީ ނިންމުންތަކެއް ނިންމާ، ސުލްހަވެރި ފުރުޞަތުތަކުގެ ތެރެއިން ފޯޅަވަހި އަނބުރާ ހޯދުމަށް އެޅެން އޮތް ފިޔަވަޅުތަކެއް ނާޅާ ތިބޭކަށް ހެޔޮނުވާނެއެވެ. ދިވެހިންގެ އަތުން ގެއްލިފައިވާ ސިޔާދަތީ ޙައްޤު އަބުރާ ހޯދުމުގެ މަސައްކަތް ކޮންމެ ދިވެހި ދަރިޔަކުވެސް ކުރަންވާނެއެވެ. މިގޮތުން ދިވެހިރާއްޖެއިން އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި އަންނަނިވި ފިޔަވަޅުތައް ފާހަގަ ކޮށްލާނަމެވެ. ނަމަވެސް މިފިޔަވަޅުތައް އެޅުމުގެ ކުރިން، ދިވެހި ސަރުކާރުން، ސަރަޙައްދީ ޖަމްޢިއްޔާ ތަކާއި، ޚާއްޞަކޮށް ރާއްޖެއާއި ސިޔާސީ ގުޅުން ޤާއިމުކޮށްފަވާ ޤައުމުތަކާއި، ޢާއްމުކޮށް އދ. ގެ މެމްބަރު ޤައުމުތަކަށް، ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ބައެއްކަމުގެ މަޢުލޫމާތު، ސިޔާސީ، އަދި ތާރީޚީ ހެއްކާއި އެކު ކިޔައިދީ، އދ ގެ ތެރެއިން ތާޢީދު ހޯދަން މަސައްކަތް ކުރަންވާނެއެވެ. ބައިނަލް އަޤްވާމީ ޖަމިއްޔާ ޖަމާޢަތްތަކުގެ ތެރެއިން، ކޮމަންވެލްތާއި،  އޯއައިސީ އާއީ ސިޑްސް ގެ މެމްބަރު ޤައުމުތަކުގެ ތާޢިދު ހޯދަން މަސައްކަތް ކުރަން ވާނެއެވެ. އެއަށް ފަހުގައި ދެން ކުރެވިދާނެ ކަންކަން ފާހަގަ ކޮށްލާނަމެވެ. އެކަންކަމަކީ:
  1. އދ. ގެ ޗާޓަރުގެ 10 އިން ފެށިގެން 14 ވަނަ މާއްދާތަކުގެ ދަށުން، އދ. ގެ 'ނަން ސެލްފް ގަވާނިން ޓެރިޓްރީސް' ލިސްޓުގައި ބަޔޮޓް ނުވަތަ ފޯޅަވަހި ހިމަނާފަ ނެތް ނެތުން އިޞްލާހުކޮށް، އެލިސްޓްގުގައި ފޯޅަވަހި ހިމަނައި ދިނުމަށް އެދި އދ. އަށް ޕެޓީޝަން ހުށަހެޅުން
  2. ހަމަ މިދެންނެވުނު މާއްދާތަކުގެ ދަށުން، ފޯޅަވަހީގެ ސިޔާދަތު މޮރިޝަސްއާއި ޙަވާލުކުރުމުގެ ބަދަލުގައި، ފޯޅަވައްސަކީ 'ނަންސެލްފް ގަވާނިން ޓެރިޓްރީއެއް' ކަމަށް އދ. އަށް ރިޕޯޓު ކުރުމަށް އިނގިރޭސިންނަށް ގޮވާލުން.
  3. ސީ -24 ގައި ފޯޅަވަހި 'ނަން ސެލްފް ގަވާނިން ޓެރިޓްރީސް' ލިސްޓުގައި ހިމެނުމަށް އިނގިރޭސިން ހުށަހަޅާފައި ނުވުމަކީ އިސްތިޢުމާރު ދެމެހެޓުމަށްޓަކައި އޮޅުވާލާފައިވާ އޮޅުވާލުމެއް ކަމުގައި ބުނެ، އެއީ އެއްވެސް ޤާނޫނީ ހަމަޔަކުން ކުރެވުނު ކަމެއް ނޫންކަމުގެ އަޑު އުފުލައި، އިނގިރޭސީ ޕާލަމެންޓާއި، ކޮމަންވެލްތް ސެކްރެޓޭރިޓަށް ޝަކުވާ ހުށަހެޅުން.
  4. ސީ – 24 އިން ލިސްޓުގައި ފޯޅަވަހި ހިމެނުމުގައި އިހުމާލު ވެފައިވުމުން އުފެދުނު ޤާނޫނީ ހުސްކަމުގެ ސަބަބުން ދިވެހިރާއްޖެއަށާއި، ޗާގޯސިއަނުންނަށް ސިޔާދަތީ އަދި އިންސާނީ ޙައްޤުތަކެއް ގެއްލިފައިވާކަން ޤަބޫލުކުރުމަށް އދ. އަށް ގޮވާލުން. އަދި ބައިނަލް އަޤްވާމީ ރޫލް ބޭސްޑް އޯޑަރ ދެމެހެއްޓުމުގައި އދ. ގެ ޤާބިލިއްޔަތާއި، އިތުބާރާއި މެދު ސުވާލު އުފެދިފައިވާ ކަމުގެ އަޑު އުފުލާ އިހްތިޖާޖު ކުރުން.
  5. އަދި ލިސްޓުގައި ބަޔޮޓް ނުވަތަ ފޯޅަވަހި ހިމެނިފަ ނެތުމަކީ އިސްތިޢުމާރު ދަމަހައްޓާން ކުރެވުނު ކަމެއްގެ ތުހުމަތު އަމާޒުވާ ފަރާތްތަކުގެ ބޮލުގައި އެޅުވުން،
  6. ވެސްޓަން ސަހާރާއާއި، އީސްޓް ޓިމޯރުގެ މިސާލަށް (ޕްރެސީޑެންޓް) ރިޢާޔަތް ކޮށް، 'ނަން ސެލްފް ގަވާނިން ޓެރިޓްރީސް' ލިސްޓްގައި ހިމެނުން ލަސްވުމަކީ ޑިކޮލޮނައިޒޭޝަންއަށް އޮތް ހުރަހެއް ނޫން ކަމުގައި އިހުތިޖާޖުކޮށް އަޑު އުފުލުން.
  7. މިކަންކަމަށް ރިޢާޔަތްކޮށް އދ. ގެ ޖެނެރަލް އެސެމްބްލީއަށް ސުވާލުތައް ހުށަހަޅާ، ނަން ސެލްފް ގަވާނިން ޓެރިޓްރީސް ލިސްޓަށް ފޯޅަވަހި އަރުވައި ދިނުމަށް ކަނޑައަޅާ ޤަރާރެއް ފާސްކޮށްދިނުމަށް، އދ. ގެ ޢާއްމު މަޖުލިހުގައި އެދުން.
އާދޭހެވެ! މިތާގައި ދަންނަވާފައި އެވާ އެއްވެސް ވާހަކަޔަކީ އެއީ، އދ.ގެ ފޯތު ކޮމިޓީއިންވިޔަސް، އިނގިރޭސިންނަށްވިޔަސް، ފަރަންސޭސިންނަށްވިޔަސް، މޮރިޝަސްއަށްވިޔަސް، އަދި އެފްރިކަން ޔޫނިއަން އަށްވިޔަސް، މިއިން އެއްވެސް ކަމަކާއި ދެކޮޅަށް ހުއްޖަތު ނެރެވޭނެ ކަންކަމެއް ނޫނެވެ. އިބާރާތްކުރުމުގެ ކޮށިކަމާއިއެކު މިތާގައި މިވާހަކަތައް ލިޔުނެއްކަމަކު، އިސްތިޢުމާރު ދަމަހައްޓަން އިނގިރޭސިން ކުރި މަސައްކަތާއި، ޤާނޫނީ އިމުން ބޭރުން، ހުޅަނގާއި ދެކޮޅު ބްލޮކްތަކުން އދ. ގެ ޢާއްމު މަޖުލިހުގެ މެޖޯރިޓީގެ ނުހަމަ ބާރު ބޭނުން ކޮށްގެން، ސިޔާސީ ގޮތުން އެވަނީ ފޯޅަވަހީގެ ބަލަދުވެރިކާމާއި، ބެލެނިވެރިކަންވެސް ފޭރިގަނެފައެވެ. ޤާނޫނީ ގޮތުން އެވަނީ ފޯޅަވަހި 'ޔަތީމު' ކޮށްލާފައެވެ. ޝައްކެއްނެތެވެ! އދ. ގެ ތެރެއިން މިހާބޮޑު ޤާނޫނީ ހުސްކަމެއްގެ ތެރެއަށް ' ފޯޅަވަހި ނުވަތަ ދިވެހިރާއްޖެ ' ޑިކޮލޮނައިޒް ކުރުމުގެ މައްސަލަ ވައްޓާލެވުނު ގޮތުގެ މައްޗަށް، އދ.އިން ޖަވާބު ދާރީވާން ޖެހޭނެއެވެ. 1830މ. ގައި މޯސްބީ ލައްވާ ދިވެހިންގެ ނުރުހުމުގައި ޗާޓު ކުރަހާ، ދިވެހިރާއްޖެއާއި ފޯޅަވަހި ވަކި ކުރި ކަމުގެ މައްޗަށް އިނގިރޭސިން އިޢުތިރާފް ވާން ޖެހޭނެއެވެ. އެހެން އެކަން އޮވެމެ ފޯޅަވަހި އދ. ގެ ނަން ސެލްފް ގަވާނިން ޓެރިޓްރީސް ލިސްޓުގައި ހިމަނަން ރިޕޯޓް ކޮށްފައި ނުވާތީ، އެކަމުގެ މައްޗަށް އިނގިރޭސީން މަޢާފަށްވެސް އެދެން ޖެހޭނެއެވެ.

މިހާ ބާރުގަދަ ގޮތެއްގައި، މިމައްސަލާގައި ދިވެހިރާއްޖެއިން އދ. ގައި އިޙްތިޖާޖު، ނުވަތަ ދަޢުވާ ކުރެވެން އޮއްވާ އެކަން ނުކޮށް ދިވެހިން ދޫކޮށްލަން ހެޔޮވާނެތޯއެވެ. އދ. ގެ އޮނިގަނޑުގެ ތެރެއިން ބައިނަލް އަޤްވާމީ ޤާނޫނު ތަކާއި، އދ. ގެ ޗާޓަރާއި ވެސް ޚިލާފަށް، އިންޑިއާ ކަނޑުގައި އިސްތިޢުމާރު ދަމަހައްޓަން ދިވެހިން ރުހެންވާނެތޯއެވެ؟ އެހެން އެންމެނަށް ވުރެ ބާރަށް އދ. ގައި އަޑު އުފުލުމަށް، ޤާނޫނީ އަދި ސިޔާސީ ހުއްޖަތުތައް ދިވެހިންގެ އުނގަށް އޮހުނީމާ، އެހުއްޖަތުތަކާއި އެކު ތެދުނުވެ ތިބެން ހެޔޮވާނީ ކިހިނެއްތޯއެވެ؟ ބައިނަލް އަޤްވާމީ ގާނޫނާއި، އދ.ގެ ޗާޓަރު ނެގެހެއްޓުމަށް، މުޅިދުނިޔެއަށް ދިވެހީން ހަނދާން ކޮށްދޭން ޖެހޭ ދަނޑިވަޅެއްގައި، އެކަން ނުކޮށްތިބެގެން ދިވެހިންގެ ރީތި ނަން ދިރުވޭނެ ތޯއެވެ؟ ނޫނެކެވެ! މިފަދަ ޤައުމީ ކަންކަމުގައި ޚިޔާލު ތަފާތުވުންތައް ދޫކޮށްލާ، އެއްބައިވަންތަކަމުގެ ރޫޙު އާލާކޮށް ކުރިއަށް ދާން ޖެހޭނެއެވެ. އާދެ! ޒަމާންތަކަށް ވިދާނެހެން ދިވެހި ދަރީންގެ ރީތި ނަން... ވާމާހެ ދާ ބައެއްކަމަށް ހިތާއެކީ މި ރޫޙުދޭން!