October 02, 2025

އދ. ގެ ޤަރާރު 1541 ގެ އަލީގައި: ދިވެހި ސަރުކާރު ލައްވާ ކޮނޑު އޮތް ފުރޯ ވަލުން ހޯދަން ނުޖައްސާށެވެ!

އައުޓްރީޗް ކޯޑިނޭޝަން ޑެސްކް / ފޯޅަވަހީގެ ޙައްޤުގައި ދިވެހީން:
ފޯޅަވަހި މައްސަލައިގާ އަޅުގަނޑުމެން ޝާއިއުކުރި ބައެއް ލިޔުންތައް އިނގިރޭސިވިލާތުގެ އުނިވާސިޓީ އޮފް އެސެކްސްގެ ލޯ ސްކޫލްގައި ކިޔަވައި ދެއްވަމުން ގެންދަވާ ޕްރޮފެސަރަކާއި ހިއްސާ ކޮށްލީމެވެ. އެއީ އެމަނިކުފާނު މިމައްސލާގައި ދެކިވަޑައިގަންނަވާ ގޮތެއްގެ ޚިޔާލު ހޯދާލުމުގެ ބޭނުމުގައެވެ. ޖަވާބުގައި ޕްރޮފެސަރު ވިދާޅުވީ، 'uti possidetis juris - އޫޓީ ޕޮސިޑެޓިސް އޫރިސް' (މިނިވަން ވުމުން، އިސްތިއުމާރުގެ ދުވަސްވަރު އޮތް "އިދާރީ ސަރަޙައްދު ވާރުތަވާ އުޞޫލު") ފޯޅަވަހީގެ މައްޗަށް އެޕްލައި ނުކުރެވޭނެ ކަން ދައްކައިދޭން ޖެހޭ ކަމަށެވެ. އަދި އެގޮތަށް ދައްކާ ދެވިއްޖެ ނަމަ، އދ. ގެ ތެރެއިން މައްސަލައިގެ އަޑުއެހުމަކަށް ހުޅުވާލާ، ދިވެހިރާއްޖެއަށް ޤަނޫނީ ގޮތުން ބާރުގަދަ ދައުވާއެއް ކުރުމަށް ފުރުޞަތު އެބަ އޮތްކަމަށެވެ. ސަބަބަކީ، އިދާރީ ސަރަޙައްދު ވާރުތަވާ އުޞޫލަކީ، 'jus cogens - ޖުސް ކޯޖެންސް' (ބައިނަލް އަޤްވާމީ ޤާނޫނުގެ ދަށުން އިސްތިސްނާ އެއް ނެތި، "އެންމެންނަށް ޢަމަލުކުރުން ލާޒިމުވާ") ދަރަޖައިގައި ހިމެނޭ އަސާސް އަކަށް ނުވާތީއެވެ.   

ޕްރޮފެސަރ މިފަދައިން އެވިދާޅުވި ސަބަބަކީ، ފޯޅަވަހީގެ ސަރަހައްދު ހޯދުމަށް ކުރި ދައުވާގައި މޮރިޝަސްގެ ފަރާތުން މުޅިންވެސް ބަރޯސާވެފައިވަނީ، އިދާރީ ސަރަޙައްދު ވާރުތަވާ އުޞޫލުގެ މައްޗަށް ކަމުގައި ވާތީއެވެ. ޕްރޮފެސަރު ދެކެވަޑައިގަތީ އައިސީޖޭ އާއި އިޓްލޮސް އިން ނިންމާފައިވާ ނިންމުންތަކަކީ 'އިދާރީ ސަރަޙައްދު ވާރުތަވާ އުޞޫލުގެ' މައްޗަށް ނިންމުނު ކަންތައްތަކެއް ކަމުގައެވެ. ނަމަވެސް އެކަން އޮތީ އެގޮތަކަށް ނޫނެވެ. ވީމާ މިލިޔުމުގައި ކުރު ގޮތަކަށް ބަލައިލާނީ، 'އިދާރީ ސަރަޙައްދު ވާރުތަވާ އުޞޫލު' ބޭނުން ކޮށްގެން، ފޯޅަވަހީގެ ސަރަޙައްދަކީ މޮރިޝަސްގެ ސަރަޙައްދުގެ ގޮތުގައި ފްރީޒް ނުވަތަ ދާއިމީ ނުކުރެވޭނެ ސަބަބުތަކާ ބެހޭ ގޮތުންނެވެ. ވަކިން ޚާއްޞަކޮށް މައްސަލައިގެ ތެރެއަށް ދިވެހިރާއްޖެ ވަނުމުން، މޮރިޝަސްގެ ދައުވާގެ ބާރު ކެނޑި މުޅި ދައުވާއަކީ އުފެދުމުގައިވެސް ބާޠިލް ދައުވާއަކަށް ވެގެން ދާނޭ ގޮތާއި މެދުގައެވެ.

އިސްތިޢުމާރުގެ ދަށުގައި އޮތް އިދާރީ ސަރަޙައްދު، ވާރުތަވުމުގެ އުޞޫލު
ވަރަށް ކުރުކޮށް ދަންނަވާ ނަމަ uti possidetis juris ގެ އުޞޫލަކީ ޤަދީމީ ރޯމަނުންގެ ދުވަސްވަރުގެ އުޞޫލެކެވެ. ފަހުން މި އުޞޫލުގެ މައްޗަށް ބިނާކޮށް، ޤައުމުތަކުގެ ބޯޑަރުތައް ކަނޑައެޅީ 19 ވަނަ ޤަރުގެ ތެރޭގައި ސައުތު އެމެރިކާގެ ކޯޓުތަކުގައި، ސްޕެއިންއާއި، ޕޯޗުގީޒުގެ އަތްދަށުން މިނިވަންވި ޤައުމުތަކުގެ ބޯޑަރު މައްސަލަ ޙައްލު ކުރުމަށެވެ. އޭގެ ފަހުގެ ތާރީޚުތަކުގައި މިއުޞޫލު އައިސީޖޭއިން ނިންމި ބައެއް މައްސަލަތަކުގައި ބޭނުން ކޮށްފައިވެއެވެ. އޭގެ ތެރޭގައި، 1986 ގައި މާލީ އާއި ބްރިކީނާ ފާސޯގެ ބޯޑަރު މައްސަލަ ހިމެނެއެވެ. ކޮސޭވޯގެ ބޯޑަރުގެ މައްސަލަވެސް ހިމެނެއެވެ. 

މިހެން މިކަން އޮތްނަމަވެސް، އދ. ގެ ސިޔާސީ ގުނަވަންތައް ކަމުގަވާ، ޖެނެރަލް އެސެމްބްލީއާއި، ސެކިއުރިޓީ ކައުންސިލް އަދި ފޯތް ކޮމިޓީއިންވެސް މި އުޞޫލަކީ ޑިކޮލޮނައިޒް ކުރުމުގެ މަރުޙަލާތަކުގައި، އޭގެ މައްޗަށް އިސްތިސްނާއެއް ނެތި އެންމެން އަމަލު ކުރަން ލާޒިމު ދަރަޖައިގެ އަސާސެއް ކަމުގައެއް ނުދެކެއެވެ. އޭގެ ބަދަލުގައި މިހާތަނަށްވެސް އދ. ގެ މިދެންނެވި ގުނަވަންތަކުން އިސްކަންދީފައި ވަނީ self-determination ނުވަތަ ނިސްބަތްވާ އާބާދީއަކަށް އަމިއްލައަށް ގޮތް ނިންމުމުގެ އިޚްތިޔާރު ލިބިދިނުމުގެ މައްޗަށެވެ. އދ. ގައި އަމިއްލައަށް ގޮތް ނިންމުމުގެ އިޚްތިޔާރު ލިބިފައިވުން ބަލަނީ އެއީ، jus cogens ނުވަތަ އޭގެ މައްޗަށް އިސްތިސްނާއެއް ނެތި އެންމެން އަމަލު ކުރުން ލާޒިމް އަސާސެއްގެ ދަރަޖައިގައެވެ.

ފޯޅަވަހި މައްސަލާގައި އައިސީޖޭ އާއި އިޓްލޮސް ބޭނުން ކުރީ ކޮން އަސާސެއް
ދެން މިހާރު އުފެދޭ ސުވަލަކީ ފޯޅަވަހި މައްސަލާގައި އައިސީ ޖޭ އާއި އިޓްލޮސްއިން، ފާޅުގައި 'އިދާރީ ސަރަޙައްދު ވާރުތަވާ އުސޫލުގެ' މައްޗަށް ބުރަވެ ގޮތް ނިންމާފައި ވޭތޯއެވެ. ޖަވާބަކީ ނޫނެކެވެ. އައިސީޖޭގެ އިސްތިޝާރީ ލަފާގައި މިއުސޫލުގެ މައްޗަށް ބުރަވެ ގޮތް ނިންމާފައެއް ނުވެއެވެ. އޭގެ ބަދަލުގައި އައިސީޖޭގެ އިސްތިޝާރީ ލަފާގައި ބުނެފައިވަނީ 1965މ ގައި ފޯޅަވަހި ވަކި ކުރުމަކީ ޤަނޫނާ ޚިލާފް އަމަލެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން މޮރިޝަސްގެ ރައްޔިތުންގެ (self-determination) އަމިއްލަ އިޚުތިޔާރުގައި ގޮތް ނިންމުމުގެ ޙައްޤަށް އަރައިގަނެވިފަ ވާކަމަށެވެ. 

އިޓްލޮސް އިން ނިންމި ނިންމުގެ އިބާރާތަށް ބަލާ އިރުވެސް އިދާރީ ސަރަޙައްދު ވާރުތަވާ އުޞޫލުގެ މައްޗަށް ބުރަވެފައި ނުވެއެވެ. އައިސީޖޭގެ އިސްތިޝާރީ ލަފަޔާއި، ޖެނެރަލް އެސެމްބްލީގެ 73/295 ނަމްބަރު ޤަރާރަށް ރިޢާޔަތްކޮށް، އިޓްލޮސް އިން ބުނެފައިވަނީ، ފޯޅަވަހި އިނގިރޭސިންގެ ދަށުގައި ވަނީ ޤާނޫނީ ހަމަތަކުގެ މަތީން ނޫން ކަމަށެވެ. އެހެން ކަމުން ޑެލިމިޓޭޝަންގެ ބޭނުމަށް (ކަނޑުގެ އިންވަކި ކުރުމުގެ ބޭނުމަށް) މޮރިޝަސްއަކީ 'ކޯސްޓަލް ސްޓޭޓްކަމަށް' ބަލައިގަތީ ކަމަށެވެ.  

މިވާހަކަތަކާއި މެދު ޤާނޫނީ މާހިރުންގެ ނަޒަރުގައި ދެ ކަމެއް ފާހަގަ ކޮށްލާން ޖެހެއެވެ. އެއްކަމަކީ ހަމަ ޔަޤީނުންވެސް، މޮރިޝަސްއިން ކިތަންމެ ވަރަކަށް uti possidetis juris އޭ ކިޔައިގެން އުޅުނަސް، އިސްތިއުމާރުގެ ދުވަސްވަރު އޮތް އިދާރީ ސަރަޙައްދު، އަލަށް މިނިވަންވި ޤައުމަށް ވާރުތަވާ އުޞޫލު އައިސީޖޭ އިންވެސް އަދި އިޓްލޮސް އިންވެސް މި މައްސަލާގައި އެޕްލައި ކޮށްފާ ނުވާކަމެވެ. މިއުޞޫލުގެ ދަށުން މޮރިޝަސް އަށް ފޯޅަވަހީގެ ސަރަހައްދު ވާރުތަ ވާގޮތަށް ސަރަޙައްދު ފްރީޒްކޮށް ދާއިމީ ކޮށްދީފައި ނުވާކަން ޔަޤީން ކުރެވެއެވެ.  

ޤާނޫނީ މާހިރުން ދެކި ވަޑައިގަންނަވާ ދެވަނަ ނުކުތާއަކީ، އައިސީޖޭއިން އިސްކަން ދީފައިވަނީ self-determination ގެ ޙައްޤަށެވެ. އެއީ އިސްތިސްނާއެއް ނެތި އެންމެން ޢަމަލުކުރުން ލާޒިވާ ކަމެއްގެ ދަރަޖައިގައެވެ. އެއްވެސް ޙާލެއްގައި ސަރަޙައްދު ވާރުތަވާ އުސޫލަށް އިސްކަން ދީފައި ނުވެއެވެ. އެހެންކަމުން، އިނގިރޭސިންނާއި، މޮރިޝަސް އދ. އަށް އޮޅުވާލާފައި އޮތް އޮޅުވާލުމުގެ އަނދިރީގައި އައިސީޖޭއިން ވަނީ އެ ކޯޓުގެ އިޝްތިޝާރީ ލަފާގައި ޞައްޙަ ނޫން ޢިބާރާތެއް ބޭނުން ކޮށްފައެވެ. 

އާދެ! އައިސީޖޭއިން ބޭނުން ކޮށްފައިވާ ޞައްޙަ ނޫން ޢިބާރާތަކީ މޮރިޝަސްގެ ރައްޔިތުންގެ (self-determination) އަމިއްލަ އިޚުތިޔާރުގައި ގޮތް ނިންމުމުގެ ޙައްޤުގެ ވާހަކައެވެ. މިއިބަރާތް ޞައްޙަ ނުވާ ސަބަބަކީ، ފޯޅަވަހީގައި ތިބީ، މޮރިޝަސްގެ ރައްޔިތުންނެއް ނޫނެވެ. ފޯޅަވައްސަކީ އިނގިރޭސި ދައުލަތުގެ ބައެއް (BIOT) ކަމުގަ ނިންމީ 1965މ ގައެވެ. އޭރުއްސުރެ ފޯޅަވަހީގައި ތިބީ BIOT ގެ ރައްވެހީން ނުވަތަ ޗާގޯސިއަނުންނެވެ. މޮރިޝަސް އަށް އިނގިރޭސި ޤާނޫނަކުން މިނިވަންކަން ދިނީ 1968މ ގައެވެ. ނަމަވެސް 1970މ ގެ އަހަރުތަކުގައި ފޯޅަވަހިން މީހުން ބޭލި އިރު އެއްބައި މީހުން ބޭލީ ސީޝެލްސް އަށެވެ. އަނެއްބައި މީހުން ބޭލީ މޮރިޝަސް އަށެވެ. ފަހުން އިނގިރޭސިން ވަނީ ޤަނޫނަކުން، ބްރިޓިޝް އޯވާސީސް ޓެރިޓްރީސްތަކުގެ މީހުންނަކީ އިނގިރޭސި ރައްޔިތުން ކަމުގައިވެސް ކަނޑައަޅާފައެވެ. އަދި ޗާގޯސިއަނުންނަކީވެސް އިނގިރޭސި ރައްޔިތުން ކަމުގައި ކަނޑައަޅާފައެވެ. 

މިތަނުގައި ފާހަގަ ކުރެވޭ ނުކުތާއަކީ، ފޯޅަވަހީގައި ތިބީ މޮރިޝަސްގެ ރައްޔިތުން ކަމުގައި މޮރިޝަސް އިން ނުވަތަ އިނގިރޭސިންވެސް ދުށް ނަމަ ދެޤައުމަކަށް އެމީހުން ބާލާކަށް ނުޖެހުނީހެވެ. އަދި މޮރިޝަސް އަށް ބޭލި މީހުންނަށް އެގައުމުގެ ރައްޔިތުކަން ނުދީ އެތަކެއް ދުވަހެއް ވޭތުކުރާކަށްވެސް ނުޖެހުނީހެވެ. އަދި ފަހުން ޗާގޯސިޔަނުންނަށް އިނގިރޭސި ވިލާތުން އެޤައުމުގެ ރައްޔިތުކަން ދޭކަށްވެސް ނުޖެހުނީހެވެ. މިއީ ދިވެހިރާއްޖޭގެ ޤާނޫނީ މާހިރުން ފުންކޮށް ވިސްނަވަން ޖެހޭ ނުކުތާ ތަކެކެވެ. އެއީ މިނުކުތާތަކުގެ ބޭނުން ފަހުން ހިފަން ޖެހޭނެތީއެވެ. ވިއެނާ ކޮންވެޝަން އޮން ލޯ އޮފް ދަ ޓްރީޓީސްގެ 53 ވަނަ މާއްދާ ގައި، jus cogens ގެ ދަރަޖައިގާ ހިމެނޭ އަސާސަކާއި ތަޢާރަޒްވާ އެއްވެސް މުއާޙިދާއެއް ނުވަތަ އެއްބަސްވުމަކީ އުފެދުމުގައިވެސް ބާޠިލު އެއްޗެއް ކަމުގައި ބަޔާން ކޮށްފަ ވާތީއެވެ. އަދި މިނުކުތާގެ ބޭނުންތެރިކަން ފެންނާނީ ފަސްއަޅާ ފޮރުވާފައިވާ، ފޯޅަވައްސާ ބެހޭ ދިވެހިރާއްޖޭގެ ޗެޕްޓަރު ހުޅުވާލުމުންނެވެ.

ފޯޅަވައްސާ ބެހޭ ދިވެހިރާއްޖޭގެ ޗެޕްޓަރަށް އެނބުރި ބަލާލުން
ފޯޅަވައްސާ ބެހޭ ދިވެހިރާއްޖޭގެ ޗެޕްޓަރު އަނެއްކާވެސް ހުޅުވާލަން ޖެހެއެވެ. މިފަހަރު މި ޗެޕްޓަރަށް ބަލައިލާނީ އދ. ގެ ގާރާރު ނަމްބަރު 1541 ގެ އަލީގައެވެ. ކުރިން އަޅުގަނޑުމެން ދައްކާފައިވާނީ، އދ. ގެ ޤަރާރު ނަމްބަރު 1514 ގެ ވާހަކައެވެ. އެއީ އިސްތިޢުމާރުގެ ދަށުގައިވާ ޤައުމުތައް ޑިކޮލޮނައިޒް ކުރުމާއި ބެހޭ ޤަރާރެވެ. ނަމަވެސް 1541 ނަމްބަރު ޤަރާރަކީ އަދި ތަފާތު ޤަރާރެކެވެ. އެއީ އދ. ޗާޓަރުގެ 73 ވަނަ މާއްދާގެ (އީ) ގައި ބުނާ މަޢުލޫމާތު ފޯރުކޮށް ދިނުން ލާޒިމުވާނެ ޤައުމުތައް ނުވަތަ އާބާދީތައް ފާހަގަ ކޮށް ކަނޑައަޅާނެ އަސާސްތަކާއި ސިފަތައް ބަޔާން ކުރާ ޤަރާރެވެ. ކުރުކޮށް ދަންނަވާ ނަމަ އދ. ގެ ނަން ސެލްފް ގަވާނިން ޓެރިޓްރީސް (NSGT - އެންއެސްޖީޓީ) ލިސްޓްގައި ހިމަނަން ޖެހޭ ގައުމުތައް ކަނޑައަޅާނެ ގޮތުގެ އަސާސްތަކެވެ. 

އެ ޤަރާރުގައި މުޅިއެކު 15 އަސާސް ހިމެނެއެވެ. މީގެތެރެއިން 4، 7، އަދި 9 ވަނަ އަސާސަށް ބަލާއިރު ދިވެހިރާއްޖެއަކީ 1965 އާއި ޖެހެންދެން އަމިއްލައަށް ވެރިކަން ކުރުމުގެ ފުރިހަމަ ބާރު ލިބިގެންވާ ޤައުމެއް ނޫނެވެ. ސަބަބަކީ ހިމާޔަތުގެ އެގްރިމެންޓުގެ ދަށުން އަދި ފަހުން 1948 އާއި 1953 ގައި ވެވުނު "ކޮންޓްރޯލް" އެގްރިމެންޓްގެ ދަށުން، ރާއްޖޭގެ ޚާރިޖީ ކަންކަމާއި ދިފާއީ ކަންކަން ބެލެހެއްޓުން އޮތީ އިނގިރޭސިންގެ ދަށުގައި ކަމަށް ވީތީއެވެ. އަދި ވަކިން ޚާއްޞަކޮށް ދިވެހި ދައުލަތުގެ ވެރިޔާއަށް އޮފީހާއި ނުވަތަ މަޤާމާއި ޙަވާލު ވެވެނީ އިނގިރޭސި ދައުލަތުގެ ރުހުން ލިބިގެން ކަމަށް ވީތީއެވެ. އެހެން ކަމުން އދ. ގެ ޗާޓަރުގެ 73 ވަނަ މާއްދާގެ (އީ) ގައި ވާގޮތުގެ މަތިން، ދިވެހިރާއްޖެ އެންއެސްޖީޓީ ގައި ހިމެނުމަށް އިނގިރޭސިންގެ މައްޗަށް ލާޒިމުވާނެއެވެ. އެއީ ޕްރޮޓެކްޓްރޭޓް ސްޓޭޓަސްގައި ތިބި އެހެން ޤައުމުތައް ވެސް ލިސްޓުގައި ހިމެނި ފަދައިންނެވެ. އެގޮތުން އެންއެސްޖީޓީގައި ހިމަނާފައިވާ އިނގިރޭސި ޕްރޮޓެކްޓްރޭޓް ތަކުގެ ތެރޭގައި، ސޮލޮމަން އައިލެންޑާއި، ބެޗުއާނާލޭންޑް ނުވަތަ މިހާރުގެ ބޮޓްސްވާނާ އާއި، ބްރޫނާއީ ފަދަ އެތަކެއް ޤައުމެއް ހިމެނެއެވެ. ވީމާ އދ. ގެ ޗާޓަރުގެ 73 ވަނަ މާއްދާގެ (އީ) އާއި ޚިލާފުވެ، އިނގިރޭސިން ދިވެހިރާއްޖެ އެންއެސްޖީޓީ ލިސްޓުގައި ނުހިމެނީ ކީއްވެތޯ، ތަޙުޤީޤީ ނަޒަރަކުން ސުވާލު ކުރަން އަޅުގަނޑުމެން ދަސްކުރަން އެބެޖެހެއެވެ.

ފޯޅަވަހި ވަކި ކުރުމަށްފަހު ދިވެހިރާއްޖެ އިނގިރޭސި އިސްތިޢުމާރުގެ ދަށަށް ގެންދިއުން
ރޭވުންތެރި ސިޔާސަތެއްގެ ދަށުން އިނގިރޭސިން ބުނަމުން އަންނަނީ ދިވެހިރާއްޖެ އަކީ އިނގިރޭސި އިސްތިޢުމާރުގެ ދަށުގަ އޮތްތަނެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ދިވެހިރާއްޖެއަކީ އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި އޮތް މިނިވަން ދައުލަތެއް ކަމުގައެވެ. މި ވާހަކަ ޤަބޫލުކޮށް، ޚިޔާލީ ޤައުމިއްޔަތެއްގެ ކިބުރުވެރިކަމުގައި ބޮޑާބަސް ބުނެ، ދިވެހި ތާރީޚު ލިޔުއްވާ ބޭފުޅުން މަދެއް ނޫނެވެ. ޕޯޗުގީޒުންގެ އަތްދަށުވި 15 ވަރަކަށް އަހަރު ފިޔަވައި ދިވެހިންނަކީ ދުވަހަކުވެސް ބޭރުގެ އިސްތިޢުމާރީ ބާރެއްގެ އަޅުވެތި ކަމުގައި އުޅުނު ބަޔަކު ނޫންކަމުގައި ބުނަމުންނެވެ. އެބޭފުޅުން އެހެން އެވިދާޅުވަނީ ޤައުމިއްޔަތު ޢިޝްޤީ ކުރެއްވުމުގެ ގޮތުންނެވެ. ޤައުމީ ކަނު ލޯބީގެ އަނދިރީގައި ތިއްބަވައިގެނެވެ. އެކަމުގެ ސަބަބުން ތާރީޚް އޮޅި، އޭގެ ހިޔަނި ދިވެހިންގެ ތަރިކަ އަނބުރާ ހޯދުމަށް ކުރާ މަސައްކަތްތަކަށް އެޅިގެން ހިނގައިދާނެ ގޮތާއި މެދު ކުޑަވެސް ވިސްނާލުމެއް ނުބަހައްޓަވައެވެ. ކަލާކޮށްޓަކާ އެފަދަ ބޭފުޅުންނަށް ދަންނަވަމެވެ! ދެތިން އަހަރެއް ވަރު ވަންދެން ތިޔަބޭފުޅުން ދިވެހި ތާރީޚުގެ ތެރެއަށް ޓައިމް ޓްރެވަލް ނުކުރައްވާ މަޑުކޮށްލާ ދެއްވާށެވެ! ސަބަބަކީ، ނިކަން ތަނަވަސްވި މައިދާނަށް ޚިޔާލުގެ އަސް ނެރުއްވައިގެން އެފެއްޓެވި ސިޔާޙަތަކުން، ހިނގާދިޔަ ދީބުގައި ކަންތައް ހިޖުރީ ގޮތުން 10 ވަނަ ޤަރުނުތެރެއިން، ޖީލެއްގެ އުސްތާޛެއް ގެނެސް ދެއްވިއެއް ކަމަކު، އެހާ ތެދުވެރިކަމާއެކު އަޅުގަނޑުމެނަށް އެކަން ކުރެވިދާނެތޯ އުފެދޭ ސުވާލުގެ ބޮޑު ކަމުންނެވެ.   

އާދޭހެވެ! މިއަދުގެ ދުނިޔޭގައި ޤައުމެއް އިސްތިޢުމާރު ކުރެވުނުތޯ ނުކުރެވޭތޯ ނިންމަނީ އެ ޤައުމެއް އިސްތިޢުމާރު ކުރި ފަރާތަކުން ނޫނެވެ. އަދި ތިމާމެން ޚިޔާލަށް އަންނަހާ ގޮތަކަށް ތާރީޚު ލިޔެ ހަދާ މީހުންނެއްވެސް ނޫނެވެ. މިއަދު އެކަން ކަނޑަ އަޅަނީ، އެކުވެރި ދައުލަތް ތަކުގެ މެދުގައި ޤާއިމު ކުރެވިފައިވާ ބައިނަލް އަޤްވާމީ ޤާނޫނުތަކާއި އެއްގޮތަށް މިނާ މިން އަޅައިގެންނެވެ. ވުމާއިއެކު މިފަދަ މިން ގަނޑުތަކުގެ އަލީގައި ދުނިޔޭގެ ތާރީޚުން ސާފުކޮށް އެގެން އޮތްގޮތުގައި ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ބައެކެވެ. ޔޫރަޕުގެ އިސްތިޢުމާރީ ބާރުތައް ސަރަޙައްދަށް އައުމުގެ ކުރިންވެސް ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ބައެއް ކަމަށް ސައްޔާޙުންނާއި، ދުނިޔެއަށް މަޝްހޫރު ނެވީންގެ ފަތްފުއްތަކުގައި ވަނީ ބަޔާން ކުރެވިފައެވެ. އަމުދުން 9 ވަނަ ހަސަން ރަސްގެފާނު ފޯޅަވަހީގެ 7 އަތޮޅަކީ ތިމަންނާގެ ވެރިކަމުގެ ދަށުގައިވާ ތަންތަން ކަމުގައި ބުނެ ފޮނުވާފައިވާ ސިޓީތައް އެހެރީ، ޕޯޗުގީޒުންގެ އަރުޝީފް ތަކުން ފެންނާށެވެ. އޭގެ ފަހުން 1834މ ގައި ދިވެހިން ދެކޮޅު ހަދަހަދާ ތިއްބާ، ކެޕްޓަން މޯސްބީ ޗާޓް ކުރައްސަވައި ފޯޅަވަހި ރާއްޖޭގެ ޗާޓުން ވަކިކޮށްލިކަމަށް މޯސްބީ އަމިއްލަފުޅަށް އެވަނީ ލިޔުއްވާފައެވެ. އަދި އިދާރީ ގޮތުން ހިންގުން ފަސޭހަ ކުރުމަށްޓަކައި، ފޯޅަވައްސާއި މޮރިޝަސް ގުޅުވާލިކަމުގައި އެއޮތީ އިނގިރޭސިން އަމިއްލަޔަށް ލިޔެ އަރުޝީފް ކޮށްފައެވެ. 

އެ ހިސާބުން ނިމުނީކީއެއް ނޫނެވެ. 1887މ ގައި ދިވެހި ދައުލަތަށް މަޖުބޫރު ކުރުވައި، ބިރުދައްކައިގެން އިނގިރޭސި ދައުލަތުގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ގެންދިޔައެވެ. ހިމާޔަތްދޭން ހަމަޖެހިފައިވާ ގޮތަކީ، ރާއްޖޭގެ ޚާރިޖީ ކަންކަމާއި ދިފާއީ ކަންކަން ބެލެހެއްޓުން އޮންނާނީ އިނގިރޭސިންގެ ދަށުގައެވެ. އަދި ރަސްގެފާނު ނުވަތަ ދައުލަތުގެ ވެރިޔާއަށް މަގާމާއި ޙަވާލުވެވޭނީ އިނގިރޭސިންގެ އިޒުނައާއިއެކުގައި ކަމަށް އެއްބަސްވުމުގައި ލިޔެފައިވަނީ ވެސް ހަމަ އިނގިރޭސިން އަމިއްލަ އަށެވެ. ފަހުން 1948މ އަދި 1953މ ގައި ހަމަޖެހުނު ކޮންޓްރޯލް އެއްބަސްވުން ތަކުގައިވެސް މިކަން އޮތީ މިގޮތަށެވެ. އެހެން ކަމުން 1965މ ގެ ޖުލައިމަހުން 26 އާއި ޖެހެންދެން، އދ. ނުވަތަ ބައިނަލް އަޤްވާމީ ޤާނޫނުތަކުން މިނެ ކިރާ ހުރިހާ މިންގަނޑުތަކެއްގައިވެސް، ދިވެހިރައްޖެއަކީ އިނގިރޭސިންގެ އިސްތިޢުމާރުގެ ދަށުގައި އޮތް ޤައުމެކެވެ. އަމިއްލައަށް ވެރިކަން ހިންގުމުގެ ފުރިހަމަ އިޚްތިޔާރު ލިބިފައިވާ ޤައުމެއް ނޫނެވެ. ނަމަވެސް މޮރިޝަސް އާއި، ސީޝެލްސް، އަދި އިނގިރޭސި ޕްރޮޓެކްޓްރޭޓްގެ ގޮތުގައި ތިބި އެތަކެއް ޤައުމެއް އެންއެސްޖީޓީ ގޮތުގައި އިނގިރޭސިން އދ. އަށް ރިޕޯޓް ކުރި އިރު ދިވެހިރާއްޖެ އޭގެ ތެރޭގައި ހިމަނާފައި ނުވެއެވެ.

އިދާރީ ސަރަޙައްދު ވާރުތަވާ އުޞޫލު  ފޯޅަވަހީގެ މައްޗަށް ނުހިންގޭނެ
އާދޭހެވެ! ކުރިންވެސް ދެންނެވުނު ފަދައިން 1834 ގައި ފޯޅަވަހި ވަނީ ދިވެހިރާއްޖެއާއި ވަކިކޮށްފައެވެ. އެއަށްފަހު ކުރަހާލެވުނު ޗާޓަކުން ދުނިޔޭގެ ދެ ބައްރުގެ ދެމެދުގަވާ 2100 ކިލޯމީޓަރުގެ ރާސްތާއެއް ކަޑައްތުކޮށް ފޯޅަވަހި ވަނީ މޮރިޝަސް އާއި ގުޅުވާލާފައެވެ. އެއަށްފަހު، ދިވެހިރާއްޖެ އިނގިރޭސި އިސްތިޢުމާރުގެ ދަށުގައި އޮވެމެ، އދ. ގެ އެންއެސްޖީޓީ ލިސްޓުގައި ނުހިމަނާ ބޭއްވުމަށް ފަހު، 1965 ގައި ހިމާޔަތުގެ އެގްރިމެންޓް އުވާލާ ރާއްޖެ މުޅިން މިނިވަން ކޮށްފިއެވެ. އޭގެ ދޮޅު މަހެއްހާ ދުވަސް ފަހުން ފޯޅަވައްސަކީ (BIOT) އިނގިރޭސި ދައުލަތުގެ ބައެއް ކަމުގައި އިނގިރޭސިން ނިންމިއެވެ. އޭގެ 3 އަހަރު ފަހުން އިނގިރޭސި ޤާނޫނަކުން މޮރިޝަސް އަށް މިނިވަންކަން ދިނުމަށް ފަހު އދ. ގެ އެންއެސްޖީޓީ ލިސްޓުން މޮރިޝަސް އުނި ކުރެވުނެވެ. 

އެންއެސްޖީޓީ ލިސްޓުގައި ދިވެހިރާއްޖެ ނުހިމެނުމުގެ ސަބަބުން ރާއްޖެއާއި ފޯޅަވަހި ވަކި ކުރުމުގެ މައްސަލަ ވަނީ އދ. ގެ ފޯތް ކޮމިޓީ ނުވަތަ ސީ – 24 ގެ ދުރުމީއަށް ނާރާ ގެއްލިފައެވެ. މި ގޮތަށް ރާއްޖެ ގެއްލުވާލާފައި އޮތުމުން BIOT (ފޯޅަވަހި) ވަކިކުރި ވަކިކުރުން، އދ. އަށް މުޅިންވެސް ފެނިގެން ދިޔައީ  އެއީ މޮރިޝަސްގެ ކިބައިން ވަކިކުރެވުނު ވަކިކުރުމެއްގެ ގޮތުގައެވެ. މިއީ އިނގިރޭސިން ހިންގާފައިވާ އދ. ގެ ޗާޓަރާއި ޚިލާފު ޣައިރު ޤާނޫނީ އަމަލެކެވެ.

ކޮނޑު އޮތް ފުރޯ ވަލުން ހޯދުން
އެކިކަންކަމުގެ ހަބީރުން ކަމުގައި ވިދާޅުވާ ބޭފުޅުންނަށް ދަންނަވަމެވެ. ފޯޅަވަހި މައްސަލައަކީ ވަރަށް ސާފު ސީދާކޮށް އދ. ގެ ޗާޓަރާއި ބައިނަލް އަޤްވާމީ ޤާނޫނުގެ ތެރެއިން ދިވެހިރާއްޖެއަށް ފަސޭހަ ކަމާއެކު ކާމިޔާބު ކުރެވެން އޮތް މައްސަލައެކެވެ. ފޯޅަވަހި އަނބުރާ ހޯދުމަށް ދިވެހިރާއްޖެއަށް ހެސްކިޔާފަ ހުޅުވިފަ ހުރި ދޮރަކީ، އިނގިރޭސިން ރާއްޖެ އެންއެސްޖީޓީ (NSGT) ލިސްޓުގައި ނުހިމަނައި ބޭއްވި މައްސަލައެވެ. ވުމާއިއެކު ރާއްޖެއިން މިކަމުގައި އެޅެން އޮތް އެންމެ ވަރުގަދަ ފިޔަވަޅަކީ، ދިވެހިރާއްޖެ އެންއެސްޖީޓީ (NSGT) ލިސްޓުގައި ހިމަނަން ރިޕޯޓު ކޮށްފައި ނުވާކަން ބަލައިގަނެ، އެމައްސަލަ ބަލައި ދިނުމަށް އެދި އދ. ގެ ފޯތު ކޮމިޓީއާއި، ސީ -24 ގައި ޕެޓީޝަން ކުރުމެވެ. ސަބަބަކީ އދ. ގެ ޤަރާރު ނަމްބަރު 1541 ގައި ބަޔާން ކުރާ މިންގަނޑުތަކުން ދިވެހިރާއްޖެ އަކީ ސާފުކަން ބޮޑު ގޮތެއްގައި އިނގިރޭސި އިސްތިޢުމާރުގެ ދަށުގައި އޮތް ޤައުމެކެވެ. ވީމާ އިނގިރޭސިން ދިވެހިރާއްޖެ ލިސްޓުގައި ހިމެނުމަށް ރިޕޯޓް ކޮށްފަ ނުވުމަކީ، އދ. ގެ ޗާޓަރުގެ 73 ވަނަ މާއްދާގެ (އީ) އާއި ޚިލާފުވެ، އިނގިރޭސިން ހިންގާފައިވާ ޣައިރު ޤާނޫނީ ޢަމަލެކެވެ. ދިވެހިރާއްޖެ އެންއެސްޖީޓީގައި ނުހިމަނާ ފޯޅަވަހި ޑިކޮލޮނައިޒް ކުރުމުގެ ވާހަކަ އދ. ގެ އެއްވެސް ގުނަވަނަކުން ދެއްކުމަކީ ވަރަށް ބޮޑު ނިޒާމީ މައްސަލައެކެވެ. އެހެންވެ އދ. އަށް މަޖުބޫރުވާނީ މިނިޒާމީ މައްސަލަ އިސްލާޙު ކުރާށެވެ. ވުމާއިއެކު އދ. އިން ޖެހޭނީ ދިވެހިރާއްޖެއަކީ އެންއެސްޖީޓީ ލިސްޓުގައި ހިމަނަން ޖެހި ނުހިމަނާ އޮތް ޤައުމެއް ގޮތުގައި ބަލައި ގަންނާށެވެ. އެނޫން އެހެން މަގެއް، އދ. ގެ ޤަރާރު ނަމްބަރު 1541 ގެ ވާގިޔާގައި، އިނގިރޭސިން ދިވެހިރާއްޖޭގެ މައްޗަށް މަޖުބޫރު ކުރުވި ހިމާޔަތުގެ އެއްބަސް ވުންތަކަށް ރިޢާޔަތް ކުރުމުން، އދ. ގެ ފޯތު ކޮމިޓީއާއި، ސީ – 24 ގެ ކުރިމަތީގައި ނޯންނާނެއެވެ. 

މިގޮތަށް ދިވެހިރާއްޖެއަކީ އެންއެސްޖީޓީ ލިސްޓުގައި ނުހިމެނި އޮތް ޤައުމެއް ކަމަށް އދ. ގެ ފޯތް ކޮމިޓީއާއި، ސީ – 24 އިން ބަލައިގަތުމުން، އޮޓޮމެޓިކުން ފޯޅަވަހި މައްސަލަ އަކީ ނުނިމި އޮތް ޑިކޮލޮނައިޒޭޝަންގެ މައްސަލަ އަކަށް ބަދަލުވާނެއެވެ. އެހިސާބުން ފޯޅަވަހި މައްސަލަ އަކީ އިނގިރޭސިންނާއި މޮރިޝަސްއާއި ދެ ޤައުމުގެ ދެމެދު މައްސަލައެއް ގޮތަށް ދެއްކުމަށް އެދެބައި މީހުން އަނދެގެން ތިބި ފޭލިތައް ބޭލިގެން ދާނެއެވެ. މޮރިޝަސްގެ ބަދަލުގައި، ފޯޅަވަހި ވަކިކުރެވުނީ ދިވެހިރާއްޖޭގެ ކިބައިން ކަމުގައި ކަނޑައެޅިގެން ދާނެއެވެ. އިދާރީ ސަރަޙައްދު ވާރުތަވުމުގެ އުޞޫލުގެ ދަށުން ފޯޅަވަހި ހޯދުމަށް މޮރިޝަސް އިން ކުރި ދަޢުވާ އަކީ އުފެދުމުގައިވެސް ބާޠިލް ދައުވާ އަކަށް ވެގެން ދާނެއެވެ. ސަބަބަކީ ޣައިރު ޤާނޫނީ ގޮތުން އަތްދަށު ލާފައި ހުންނަ ސަރަޙައްދުތަކުގެ މައްޗަށް، އިދާރީ ސަރަޙައްދު ވާރުތަވާ އުޞޫލުވެސް އެޕްލައި ނުވާނެތީއެވެ. އދ. ގެ ޤަރާރު ނަމްބަރު 2105 އާއި، ޤަރާރު ނަމްބަރު 2625 ގެ އިތުރުން ވިއެނާ ކޮންވެޝަން އޮން ލޯ އޮފް ދަ ޓްރީޓީސްގެ 53 ވަނަ މާއްދާގެ ވާގިޔާތަކުން ރާއްޖެކޮޅަށް ފަހިވެ، މޮރިޝަސް ކުރަމުން އައި ހުރިހާ ދައުވާއެއްގެ ޞައްޙަކަން ގެއްލި، ފޯޅަވަހީގެ މިލްކުވެރިކަން ދިވެހިރާއްޖެއަށް ކަށަވަރު ވެގެން ދާ ދުވަސް ވަރަށް އަވަހަށް ފެންނާނެއެވެ. ވީމާ ކުރުކޮށްލުމުގެ ގޮތުން ދަންނަވަމެވެ. ފޯޅަވަހީގެ މައްސަލައަކީ ކަނޑާ ބެހޭ މައްސަލައެއް ގޮތުގައި ދައްކައިގެން އުޅޭ ފަރާތްތަކާއި މެދު ސަމާލު ވާށެވެ. ދިވެހި ސަރުކާރު ލައްވާ ކޮނޑު އޮތް ފުރޯ ވަލުން ހޯދަން ޖައްސައިގެން ނުއުޅުއްވާށެވެ!