January 05, 2026

ފޯޅަވަހި އެއްބަސްވުން އިނގިރޭސި މަތިގެއިން ފާހެއް ނުވި، ލޯޑުން ހަތަރު އެތިފަހަރު ޖަހާ ލޭބާ ސަރުކާރު ބަލި ކޮށްފި

ޕެން ފޯ ރައިޓްސް / އައުޓްރީޗް ކޯޑިނޭޝަން ޑެސްކު
އިއްޔެއަކީ ދިވެހިރާއްޖޭގެ ފޯޅަވަހި ހަރަކާތުގެ މެމްބަރުންގެ ހިތްތަކުގައި ނުތަނަވަސް ކަމެއް ފެތުރިގެން ދިޔަ ދުވަހެކެވެ. ސަބަބަކީ އިއްޔެ، އިނގިރޭސި ވިލާތުގައި މިވަގުތު އޮތް ލޭބަރ ޕާޓީގެ ސަރުކާރުން، ފޯޅަވަހި މޮރިޝަސްއަށް ދިނުމުގެ އެއްބަސް ވުމަށް އަމަލު ކުރުން ލާޒިމުވާނޭ ބިލެއް، ފާސްކުރުމަށް އިނގިރޭސި ޕާލަމެންޓުގެ މަތިގޭގައި ތާވަލު ކުރީތީއެވެ. އެހެންވެ އެބިލު ފާސްވެދާނެ ކަމުގެ މައްޗަށް ފިކުރުކުރެވި ކަންބޮޑުވާ ގޮތް ވީއެވެ. އެ ބިލުގެ ނަމަކީ "ޑިއޭގޯ ގާސިއާ މިލިޓަރީ ބޭސް އެންޑް ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓްރީ ބިލް" އެވެ. ބިލުގައި އިއްޔެ އެ ނިމުނީ ރިޕޯޓް ސްޓޭޖެވެ. ބިލުގެ ތިންވަނަ ކިޔުން އޮންނާނީ 7 ޖެނުއަރީ ވާ ބުދަ ދުވަހު، ނުވަތަ މާދަމާއެވެ. ތިންވަނަ ކިޔުމަކީ ބިލުގެ އެންމެ ފަހު މަރުޙަލާއެވެ. މި މަރުހަލާގައި، ހިމެނޭނީ ބިލަށް ޓެކްނިކަލް ބަދަލު ގެނައުމާއި، ފުށުއަރާ ޤާނޫނު ތަކާއި، މުއާޙިދާތައް ފާހަގަ ކުރުމާއި، ގެންނަންވީ ބަދަލުތައް ސާފުކޮށް ކަށަވަރު ކުރުމެވެ. މި މަރުޙަލާގައި ބިލު ފާސްވެއްޖެ ނަމަ ދެން ދާނީ ލެޖިސްލޭޓިވް ޕްރޯސަސްއަށެވެ.

ނަމަވެސް ތިންވަނަ ކިޔުމުގައި، ނުވަތަ އެންމެ ފަހު މަރުހަލާގައި ބިލު ފާސް ނުވެއްޖެ ނަމަ ދެން ބިލު އަބުރާ ދާނީ ތިރިގެއަށެވެ. މިގޮތަށް ބިލު އަނބުރާ ތިރިގެއަށް ދިޔުމަށް އިނގިރޭސި ވިލާތުގައި ކިޔަނީ "ޕިންޕޮން" މަރުޙަލާއަށް ދިއުމެވެ. އާދެ ޕިންޕޮން މަރުޙަލާގައި އޮންނަކަމަކީ ދެގެ ދޭތެރޭގައި ބިލާއިގެން އޮޅުލުމެވެ. ބަދަލު ކުރަން ބޭނުންވާ އިބާރާތްތަކާއި ލަފުޒުތަކުގައި ހިފާ ދެމުމެވެ. މިގޮތަށް އެއް ގެއިން އަނެއް ގެޔަށް ބިލު ފޮނުވަމުން އައިސް އެންމެ ފަހުން މެންބަރުންނަށް އެއްބަސް ވެވުނީމާ، ޝާހީ ރުހުމަށް ފޮނުވާ، އެހިސާބުން ބިލު ޤާނޫނަކަށް ވެގެން ދަނީއެވެ. ވީމާ މި ޚަބަރު މަޒުމޫނުގައި ގެނެސްދޭނީ އިއްޔެ އިނގިރޭސި މަތިގޭގައި ސްޓާމަރ ގެ ސަރުކާރު ހަތަރު ބަލިވީ ވާހަކައިގެ ޚުލާސާއެވެ.

1.  ލޯޑް ކްރެއިގް:  އާދޭހެވެ! އިނގިރޭސި ސަރުކާރުން ފޯޅަވަހީގެ ސިޔާދަތު މޮރިޝަސްއާއި ޙަވާލު ކުރުމަށް ވެވިފައިވާ އެއްބަސް ވުމަށް ޢަމަލު ކުރުމުގެ ބިލާ ބެހޭގޮތުން، އިނގިރޭސި މަތިގޭގައި އިއްޔެ ވަނީ ބަހުސް ކޮށްފައެވެ. އެ ބަހުސްގެ ތެރޭގައި، ވަރަށްވެސް ހަރުދަނާ އިސްލާޙެއް ބިލަށް ހުށަހެޅުއްވުމުގެ ގޮތުން، ފުރަތަމަ ތެދުވެ ވަޑައިގަތީ ކްރޮސް ބެންޗްގައި އިންނަވާ ލޯޑް ކްރެއިގް އެވެ. ކްރޮސް ބެންޗަކީ މަތިގެއަށް ނިސްބަތް ކޮށް ބޭނުން ކުރާ ބަހެކެވެ. އެއީ ވަކި ޕާޓީއަކަށް ތާއީދު ނުކުރައްވާ މިނިވަން މެމްބަރުންނެވެ. އެބޭފުޅުން އެ މަޤާމަށް ވަޑައިގަންނަވަނީ ޤައުމީ ނިސްބަތުގައި ލިބިވަޑައިގެންވާ ތަޖުރިބާގެ މައްޗަށް ބިނާ ކޮށެވެ. އެހެން ކަމުން ލޯޑް ކްރެއިގްއަކީ އިނގިރޭސި ވިލާތުގެ ކުރީގެ ޗީފް އޮފް ދަ ޑިފެންސް ސްޓާފެވެ.

ލޯޑް ކްރެއިގް ހުށަހެޅުއްވި އިޞްލާހަކީ، އެއްބަސްވުމުގެ މުއްދަތުގައި ޑިއެގޯ ގާސިއާގައި އޮތް ބޭސް ބޭނުން ނުކުރެވޭ ޙާލަތެއް އައިސްފި ނަމަ، އެއްބަސް ވުމުގެ ދަށުން މޮރިޝަސް އަށް ދައްކަން ޖެހޭ އަހަރީ ކުލި ދިނުން ހުއްޓާލަން ޖެހޭ ގޮތަށް އެއްބަސް ވުމުގައި ހިމެނުމަށެވެ. މި އިސްލާޙު ފާސްވީ 132 ވޯޓުންނެވެ. އިދި ކޮޅަށް ވޯޓު ދެއްވީ 124 މެމްބަރުންނެވެ. މި އިސްލާހު ވެގެން ދިޔައީ ސަރުކާރުގެ ފުރަތަމަ ބަލިވުމަށެވެ.

2. ލޯޑް ކެލެނެން: ލޯޑް ކެލެނެން އަކީ ކޮންޒަވޭޓިވް ޕާޓީގެ، ފޮރިން ކޮމަންވެލްތް އެންޑް ޑިވެލޮޕްމަންޓް އޮފީހުގެ ޝެޑޯ މިނިސްޓަރެވެ. އޭނާ އަކީ މުޅިން ތަފާތު ވިސްނުންފުޅެއްގެ ބޭފުޅެކެވެ. އޭނާ އެދި ވަޑައިގަތީ، މުޅި މުޢާޙިދާގެ ސަބަބުން އިނގިރޭސި ސަރުކާރުން، އެކު ޖުމްލަ ހޭދަވެގެން ދާނީ މާލީ ގޮތުން ކިހާވަރެއްގެ ޚަރަދެއްތޯ ސާފު ކުރުމަށެވެ. އެހެން ކަމުން އޭނާ ހުށަހެޅުއްވީ، ޚަރަދު ހިނގާނޭ ކަމަށް ލަފާ ކުރެވޭ މިންވަރު ކަނޑަ އަޅަން ބޭނުން ކުރި މެތަޑް ނުވަތަ އުޞޫލުތައް އެނގޭ ގޮތަށް، ހިނގާނެ ހުރިހާ ޚަރަދެއްގެ ފުރިހަމަ ރިޕޯޓެއް އެކުލަވާ ލުމަށެވެ. މި ހުށަހެޅުން ފާސްވިއެވެ. ނަމަވެސް މިމަޒްމޫނު ލިޔަން ފެއްޓި އިރު އަދި ހެންސަޑްގައި ލިބުނު ވޯޓް ކަށަވަރު ކޮށްދީފައި ނުވެއެވެ. މި ހުށަހެޅުން ފާސްވެގެން ދިޔުމަކީ، ސަރުކާރުގެ ދެވަނަ ބަލި ވުމެވެ.

3. ލޯޑް ޕާވިސް: ލޯޑް ޕާވިސް އަކީ ލިބަރަލް ޑިމޮކްރެޓްސްގެ ސްޕޯކްސް ޕާސަން އެވެ. އޭނާ ވާހަކަ ފުޅު ދައްކަވާފައި ވަނީ ޑިކޮލޮނައިޒް ކުރުމުގެ މަފް ޙޫމާއި ގުޅުން ހުރި މައްސަލައަކާއި ބެހޭ ގޮތުންނެވެ. އޭނާ ހުށަހެޅުއްވީ  ޗާގޯސިއަނުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭ ގޮތަށެވެ. ވޯޓުގައި ބަލަން ބޭނުންވަނީ ޗާގޯސިނުންގެ ނަޒަރުގައި، އެމީހުންގެ ޙައްޤުތައް މި މުޢާހިދާއިން ރައްކާތެރި ކުރެވިފައި ވާކަމަށް ޤަބޫލު ކުރެވޭތޯއެވެ. މި ހުށަހެޅުންވެސް ފާސްވިއެވެ. ނަމަވެސް ވޯޓުގެ ޢަދަދު އަދި ހެންސަޑުގައި ކަށަވަރު ކޮށްދީފައި ނުވެއެވެ. ނަމަވެސް މި ހުށަހެޅުން ފާސްވުމަކީވެސް އިނގިރޭސި ސަރުކާރުގެ މޫނުމަތީގައި ޖެހިގެން ދިޔަ ތަފާލެކެވެ. މިއީ ސަރުކާރު ބަލިވި ތިންވަނަ ބައްޔެވެ.

4. ލޯޑް ކެލެނެން: ހަތަރު ވަނަ އިސްލާޙު އަނެއްކާވެސް ހުށަހެޅުއްވީ ލޯޑް ކެލެނެން އެވެ. އޭނާ ފޯކަސް ކުރައްވަން ޖެހޭ ބޮޑު މައްސަލަ އަކާއި ގުޅޭ ކަމެއްގައެވެ. އެކަމަކީ އަދި އޭނާ ހުށަހެޅުއްވި ހުށަހެޅުއްވުމަކީ، އެސައިލަމް ހޯދުމުގެ ބޭނުމުގައާއި، ޣައިރު ޤާނޫނީ ގޮތުން ފޯޅަވައްސަށް ދާ އެންމެހައި މީހުންގެ ޒިންމާ މޮރިޝަސްއިން ނަގަން ޖެހޭނެ ކަމަށެވެ. ފަހަރެއްގައި މީގެ މާނަޔަކީ ދާދި ފަހުން ފޯޅަވައްސަށް އެސައިލަމް ހޯދަން ދިޔަ 60 ވަރަކަށް (މިހާރު އިނގިރޭސި ވިލާތަށް ގެންދެވިފަވާ) ތަމަޅަ މީހުންނާއި މޮރިޝަސްއިން ޙަވާލުވާން ޖެހޭނެ ވާހަކަ ކަމަށް ވުން އެކަށީގެންވެއެވެ. ކޮންމެ އަކަސް މި ހުށަހެޅުންވެސް ފާސް ވިއެވެ. ވީމާ މިކަން ވެގެން ދާނީ އިނގިރޭސި ސަރުކާރުގެ ހަތަރު ވަނަ ބައްޔަށެވެ.

ޚުލާސާ: އެއްވެސް ޝައްކެއްނެތެވެ. އަވަސް އަރުވާލައިގެން އިނގިރޭސި ލޭބާ ޕާޓީން ފާސް ކުރަން އުޅުނު ޤާނޫނު މިވަނީ ފުށްވަޅުން ގޮސްފައެވެ. ސްޓާމަރގެ ސަރުކާރު އެވަނީ ބޮޑު ބައްޔަކުން ބަލިވެފައެވެ. މީގެ މާނަޔަކީ، ފޯޅަވަހި އެއްބަސްވުން ކުރިއަށް ގެންދިއުމަށް މިހާރު މިވަނީ އިހުނަށްވުރެ ބޮޑު ހުރަހެއް އިނގިރޭސި ސަރުކާރާއި ކުރިމަތިވެފައެވެ. މިއީ އަޅުގަނޑު މެންގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ނޭވާލާން ލިބުނު ފުރުސަތެކެވެ. ފޯޅަވަހި ހޯދުމަށް ކުރާ މަސައްކަތުގައި ކޮންމެހެންވެސް ޢާއްމުކޮށް އެންމެންނަށް އެގެން ޖެހޭ މަޢުލޫމާތު ތިލަކޮށް، ޙަވާލާ ދެވޭ މަސްދަރުތަކެއް ޤާއިމު ކުރަން ޖެހެއެވެ. އެކަން ކުރުމަށް ފަހު ނޫނީ ދަތުރަށް ފުރައިގެން ނުވާނެއެވެ. އެމަސައްކަތްތައް ކުރުމަށް އަޅުގަނޑުމެން އަމާޒު ހިފާފައިވަނީ މާރިޗު މަހާ ހަމަޔަށެވެ. ވީމާ، ފޯޅަވަހި އެއްބަސްވުން ފާސް ނުވުމަކީ؛ އަޅުގަނޑުމެންގެ މަސައްކަތްތަކަށް ލިބިގެން ދިޔަ އިތުރު ފާގަތި ކަމެކެވެ.