January 12, 2026

ފޯޅަވަހި ހަވާލުކުރުމުގެ ބިލް ވޯޓަކާއި ނުލާ، އިނގިރޭސި މަތި ގެއިން ފާސްވެއްޖެ

ޕެން ފޯ ރައިޓްސް / އައުޓްރީޗް ކޯޑިނޭޝަން ޑެސްކު
ޖެނުއަރީ 5 ވަނަ ދުވަހު، އިނގިރޭސި މަތިގޭގައި "ފޯޅަވަހި މޮރިޝަސްއާއި ހަވާލު ކުރުމުގެ ބިލުގެ" ރިޕޯޓު ސްޓޭޖްގައި ހަތަރު ބަލިން ސަރުކާރު ބަލިވުމަށް ފަހު، ބިލުގެ ތިންވަނަ ކިޔުމުގައި އަނެއްކާވެސް ވައި ބަދަލުވެއްޖެއެވެ. ބިލުގެ ތިން ވަނަ ކިޔުން ޝެޑިއުލް ކޮށްފަ އޮތީ މިމަހުގެ 7 ވަނަ ދުވަހަށެވެ. ނަމަވެސް އެދުވަހުގެ ބަހުސްތައް ނުނިމި، އަނެއްކާވެސް އިއްޔެ، 12 ޖެނުއަރީގައި ބަހުސް ކުރިއަށް ގެންދެވުނެވެ. އިނގިރޭސި މަތިގޭގެ އިއްޔެގެ މަޖުލިސް ނިމިގެން ދިޔައީ،"ފޯޅަވަހި މޮރިޝަސްއާއި ހަވާލު ކުރުމުގެ ބިލު" ވޯޓަކާއި ނުލާ، އިޖްރާއީ ގޮތުން ފާސް ވެގެންނެވެ.

މި ބިލު ފާސް ކުރުމާއި މެދު، ބޮޑެތި ސުވާލު ތަކެއް އުފައްދާ ސްޓާމާރގެ ސަރުކާރު، 5 ވަނަ ދުވަހުގައި ނެގި ހަތަރު ވޯޓުން ބަލިވުމަށް ފަހު، އެންމެންވެސް ތިބީ ބިލު ޕިންޕޮންގް މަރުޙަލާއަށް ދިޔައީ ކަމަށް ބަލައިގެންނެވެ. ނަމަވެސް އިއްޔެ އިނގިރޭސި މަތިގޭގައި ކަން ހިނގާ ދިޔައީ ޢާއްމު އުޞޫލުތަކާއި ޚިލާފަށެވެ. ރިޔާސަތުން ތަކުރާރުކޮށް އެއް ސުވާލެއް ކޮށް ލޯޑުންގެ މެދުގައި އޮޅުން ބޮޅުން އުފެއްދުމަށް ފަހު ބިލު ފާސް ވެއްޖެ ކަމަށް ކަނޑަ އެޅީއެވެ. މިކަމުގެ ހިތްހަމަ ނުޖެހުން އިދި ކޮޅު މެމްބަރުންގެ މެދުގައާއި، ޗާގޯސިއަނުންގެ މެދުގައި އިތުރުވެ މައްސަލަ އަންނަނީ ހޫނު ވަމުންނެވެ. ވީމާ މި ޚަބަރު މަޒުމޫނުގައި ޚުލާސާ ގޮތަކަށް ބަލައިލާނީ، އިއްޔެ އިނގިރޭސި މަތި ގޭގައި ކަން ހިނގާދިޔަ ގޮތުގެ މައްޗަށާއި، ބިލު ފާސްވުމުން ދެން އޮންނާނީ ކޮން މަރުޙަލާއެއްތޯއާއި، މިކަމުގެ ސަބަބުން ރާއްޖޭގެ މަސްލަހަތަށާއި، ޑިކޮލޮނައިޒް ކުރުމުގެ މަސައްކަތަށް ބުރުލެއް އަރާނެތޯއެވެ.

އިނގިރޭސި މަތިގޭގައި އިއްޔެ ކަން ހިނގާދިޔަ ގޮތް
އިނގިރޭސި މަތިގެއަށް ހުށަހެޅޭ ބިލުތަކުގެ މައްޗަށް ޢަމަލު ކުރާ ގޮތަކީ، ބިލު އިޞްލާޙުކުރަން ހުށަހަޅާ ކަންކަން ފާސްކުރަން ފެންނަ ނުފެންނަ އަށް އަހަނީއެވެ. އަދި އިސްލާޙެއް ހުށަހަޅާފައި ނެތްނަމަ ބިލު ފާސް ކުރަން އަހަނީއެވެ. އާދަ ކާދައިގާ އޮންނަ ގޮތުން މަތިގޭގައި ފެންނަ ނުފެންނަ ބަލާނީ ދެގޮތަކަށެވެ. އެއްގޮތަކީ އަޑު އުފުލައިގެންނެވެ. އަނެއް ގޮތަކީ، ބިލާ މެދު ބައިވުމެއް (ޑިވިޝަން) އޮތްކަން ދައްކައިގެންނެވެ. އަޑު އުފުލާ ގޮތަކީ، ރިޔާސަތުން ސުވާލު ހުށަހެޅުމަށް ފަހު ގޮވާލާނީ "ކޮންޓެންޓް" މިހެންނެވެ. އެއީ ބިލު ފާސް ކުރަން ފެންނަ މީހުންނަށެވެ. ދެން މެމްބަރުންގެ ތެރެއިން ފާސް ކުރަން ފެންނަ މީހުން ހަޅޭއް ލަވައި ގަންނަނީ އަނބުރާ "ކޮންޓެންޓް" އޭ ކިޔާފައެވެ. ދެން ރިޔާސަތުން "ނޮޓް ކޮންޓެންޓް" އޭ ކިޔާ ގޮވާލުމުން، ބިލު ފާސް ކުރަން ނުފެންނަ މީހުން އަނބުރާ "ނޮޓް ކޮންޓެންޓް" އޭ ކިޔާ ހަޅޭކުގެ އަޑު އުފުލަނީއެވެ. މިގޮތަށް ފެންނަ ނުފެންނަ ބަލާއިރު، ރިޔާސަތުން ބަލަނީ ހަޅޭއް ލެވީ ކިތައް މީހުން ތޯއެއް ނޫނެވެ. ރިޔާސަތުގައި އިންނަވާ ބޭފުޅަކަށް ހަޅޭކުގެ އަޑު ގަދަ ވެފައި މީހުން ގިނަކަމަށް ލަފާ ކުރެވޭ ބަޔާ އެއްކޮޅަށް ބިލު ފާސްވީ ކަމަށް ނިންމަނީއެވެ.

އަނެއްގޮތަކީ ވޯޓަށް އެހުމެވެ. ވޯޓަށް އެހުން އޮންނަނީ ދެ ޙާލަތަކަށެވެ. އެއް ޙާލަތަކީ، ރިޔާސަތުން "ކޮންޓެންޓް އަދި "ނޮޓްކޮންޓެންޓް" ގޮވާލުމުން ޖަވާބުގައި މެމްބަރުން އުފުލި ހަޅޭކުގެ އަޑު ގަދައީ ކޮން ފަރާތެއްގެ ކަން ޔަގީން ކަމާއެކު ކަނޑައަޅަން ނޭގުމެވެ. އެ ޙާލަތުގައި ރިޔާސަތުން ގޮވާލަނީ "ދަ ވޮއިސަސް އާ ނޮޓް ކްލިއާ، އަ ޑިވިޝަން" މިހެންނެވެ. މާނަޔަކީ "އަޑުތައް ސާފެއްނުވިއެވެ. ބައިވުމެއް އެބަ އޮތެވެ." އަނެއް ޙާލަތަކީ، ރިޔާސަތުން އަޑުގެ މައްޗަށް ބިނާކޮށް، ބިލެއް ފާސްވެއްޖެ ކަން އިއުލާނު ކުރުމުން، ހަމަ ވަގުތުން މެމްބަރަކު ތެދުވެ ނިންމުމަށް ގޮން ޖެހުމެވެ. ގޮންޖެހި ކަން އަންގަން މެމްބަރު ގޮވާލަން ޖެހޭނީ "އަ ޑިވިޝަން" މިހެންނެވެ. ޖަވާބުގައި ރިޔާސަތުން "ކްލިއާ ދަ ބާ" އޭ ގޮވާލުމުން އެހިސާބުން ވޯޓު ލުމުގެ މަރުހަލާ ނުވަތަ ޑިވިޝަން ޕްރޯސަސް ފެއްޓުނީއެވެ. ދެން މެމްބަރުން ތަޅުން ދޫކޮށް ދާނީ ކޮރިޑޯއަށެވެ. ބިލަށް ތާޢީދު ކުރާ މެމްބަރުން އެއް ކޮރިޑޯއަށެވެ. ތާއީދު ނުކުރާ މީހުން އަނެއް ކޮރިޑޯއަށެވެ.

މިވާހަކަ މިކިޔައިދިނީ އިއްޔެ ކަންތައް ވީ ގޮތް ޙަރަކާތުގެ މެމްބަރުންގެ ހިތްތަކަށް ފުރިހަމައަށް ތަޞައްވުރު ކޮށްދިނުމުގެ ގޮތުނެވެ. އާދެ! އިއްޔެ ދެން ކަންތައް ވީގޮތަކީ، ރިޔާސަތުން ބިލު ފާސް ކުރަން ފެނޭތޯ ސުވާލު ހުށަހެޅުމަށް ފަހު، "ކޮންޓެންޓް" އޭ ގޮވާލުމަށް ފަހު ސަރުކާރު ފަޅީގެ މެމްބަރުން އަނބުރާ "ކޮންޓެންޓް" އޭ ކިޔާ ހަޅޭއްލަވައިގަތުމުން، ބިލާއި ދެކޮޅު ފަރާތްތަކަށް "ނޮޓް ކޮންޓެންޓް" އަށް ގޮވުމުގެ ބަދަލުގައި އަނެއްކާވެސް ރިޔާސަތުން ސުވާލު ކުރިމަތި ކުރުވީއެވެ. އަދި އަނެއްކާވެސް "ކޮންޓެންޓް" އޭ ގޮވާލަނީއެވެ. ޖަވާބުގައި ސަރުކާރު ފަޅީގެ މެބަރުން އަނެއްކާވެސް "ކޮންޓެންޓް" އޭ ކިޔާ ހަޅޭކުގެ އަޑު ގަދަކުރީއެވެ. "ނޮޓް ކޮންޓެންޓް" އަށް ގޮވުމުގެ ބަދަލުގައި ރިޔާސަތުން މިގޮތަށް ހަތަރު ފަހަރު، މެދު ކެނޑިއެވެ. ދެން ވީ ގޯތަކީ، އިދިކޮޅު މެމްބަރުންގެ މެދުގައި ހިތް ހަމަ ނުޖެހުމާއީ އޮޅުން ބޮޅުން އިތުރުވީ ވަގުތު ހަތަރު ވަނަ ފަހަރަށް ބިލު ފާސް ކުރަން ފެނޭތޯ ސުވާލު ކުރުމަށް ފަހު "ކޮންޓެންޓް" އަށް ގޮވާފަ، އަވަސް އަވަހަށް "ނޮޓް ކޮންޓެންޓް"އަށް ގޮވާފައި އިދިކޮޅު މެމްބަރުން ނުތަނަވަސް ކަމުގައި ތިއްބާ "ނޮޓްކޮންޓެންޓް" އޭ ބުނެ ހަޅޭކުގެ އަޑު ނީއްވާ ކަމަށް ބަލާ "ދަ ކޮންޓެންޓްސް ހޭވް އިޓް" ކަމަށް ބުނެ ބިލު ފާސްވީ ކަމަށް ރިޔާސަތުން ނިންމީއެވެ. ނިންމުމުންވެސް އެވަގުތު އިދިކޮޅު މެމްބަރުންގެ އޮތް ހިތްހަމަ ނުޖެހުން ބޮޑުކަމުން ރިޔާސަތުގެ ނިންމުމަށް ގޮންޖަހާ އިދި ކޮޅު މެމްބަރުންގެ ތެރެއިން "އަ ޑިވިޝަން" އޭ ގޮވާލާ ރިޔާސަތަށް ގޮން ޖަހާނެ މީހަކުވެސް ނުވިއެވެ. ވުމާއެކު ބިލު ފާސްވީ ކަމަށް ރިޔާސަތުން ނިންމީއެވެ. ދެން އެކަން އަނބުރާ އިޔާދަ ކުރެވޭނެ އުޞޫލެއް ނުއޮންނާނެވެ. އެކަމަކު މި ފާސްވީ އިނގިރޭސި - މޮރިޝަސް މުއާހިދާގެ މައްޗަށް ޢަމަލު ކުރުމާމެދު އެކުލަވާލި އިނގިރޭސި ވިލާތުގެ އެތެރޭގެ ޤާނޫނެކެވެ. ފަހަރެއްގައިވެސް މިހިސާބުން އެއްބަސްވުން ރެޓިފައި ކުރެވުނީކީއެއް ނޫނެވެ.

އިނގިރޭސި – މޮރިޝަސް އެއްބަސްވުމުގެ ކުރިއަށް އޮތް މަރުޙަލާ
ފޯޅަވަހީގެ ސިޔާދަތު މޮރިޝަސްއާއި ހަވާލުކުރުމުގެ މުއާހިދާގައި ދެން އޮންނާނީ މަޖުލީހުން، އެއް ބަސްވުން ރެޓިފައި ކުރުމެވެ. އެކަން އޮންނަ ގޮތަކީ، މުއާހިދާ ރެޓިފައި ކުރަން ޕާލަމެންޓަށް ހުށަހަޅާ ފަހުން، އެއާ މެދު ދެކޮޅު ހެދުމެއް ނެތި، ޕާލަމަންޓްގެ 21 ސިޓިން ނުވަތަ ބައްދަލުވުން ވޭތުވެއްޖެ ނަމަ މުއާހިދާ އޮޓޮމެޓިކުން ރެޓިފައި ވީއެވެ. މިވާހަކަ މިތާގައި މި ގެނައީ، ބީބީސީ އިން މި ޚަބަރުތައް ކުރިން ގެނެސް ދީފަވާ ގޮތުން ވަރަށް ބޮޑު އޮޅުމެއް އަރާފަ ވާތިއެވެ. އެއީ، އިނގިރޭސިންނާއި، މޮރިޝަސް މުޢާހިދާ ގައި ސޮއި ކުރުމާއި ގުޅިގެން، ބީބީސީ އިން ބުނެފައި ވަނީ، ފާލަމެންޓަށް ހުށަހަޅާތާ 21 ދުވަހުން، އެއަށް ދެކޮޅު ނުހަދައިފި ނަމަ އޮޓޮމެޓިކުން ތަސްދީގު ވާނެ ވާހަކައެވެ. އެއްވެސް ޙާލެއްގައި އޭގެ ކުރިން އެތެރޭގެ ޤާނޫނެއް ފާސް ކުރަން ޖެހޭ މަރުހަލާ ތަކެއް އޮތް ކަމަށް ބީބީސީގެ ޚަބަރުތަކުން ތަފްޞީލު ކޮށްދީފައި ނުވެއެވެ.

އިނގިރޭސި ވިލާތުގެ ކޮންސްޓިޓިއުޝަނަލް ރިފޯމް އެކްޓް 2010 ގައި ބުނާ ގޮތުން، އެ ޤައުމުން ސޮއިކުރާ ބައިނަލް އަޤްވާމީ މުޢާހިދާތައް ޕާލަމެންޓުން ރެޓިފައި ކުރަން ޖެހޭނެއެވެ. 21 ދުވަސް ގުނަން ފެއްޓޭނީ، އަކުރުން އަކުރަށް މުޅި މުޢާހިދާއާއި އެކު އެކްސްޕްލެނޭޓްރީ މެމޮރަންޑަމް އެއް ޕާލަމެންޓަށް ހުށަހަޅާ ހިސާބުން ފެށިގެންނެވެ.

ރާއްޖޭގެ މަސްލަހަތު
މި ހިނގާ ދިޔަކަމަކުން އަދި ރާއްޖޭގެ މަސްލަޙަތަކަށް އެއްވެސް ބުރުލެއް ނާރާނެއެވެ. އަދި އދ. ގައި ފޯޅަވަހި ޑިކޮލޮނައިޒް ނުވަތަ އިސްތިޢުމާރުން ވީއްލުމުގެ މައްސަލަ އަލުން ހުޅުވާލުމަށް ވަމުން އަންނަ ތައްޔާރީ ތަކަށް، އަދި އެކަމަށް އޮތް މަގުތަކަށް ވެސް އެއްވެސް ހުރަހެއް ނޭޅޭނެއެވެ. އަދި، ވިއެނާ ކޮންވެންޝަންގެ 34 ވަނަ މާއްދާގައި ކަނޑައެޅި ބަޔާން ވެފައި ވާގޮތުގެ މަތީން، އިނގިރޭސިންނާއި، މޮރިޝަސްއާއި ދެމެދު ވެވޭ މުއާޙަދާއަކުން ތިންވަނަ ޤައުމެއްގެ ނުވަތަ ދިވެހިރާއްޖޭގެ އެއްވެސް ޙައްގެއް ނިގުޅައި ނުގަނެވޭނެއެވެ.

ޑިކޮލޮނައިޒޭޝަން އާއި އަމިއްލައަށް ގޮތް ނިންމުމުގެ ޙައްޤު
ޑިކޮލޮނައިޒް ކުރުމުގެ މަފްޙޫމުގެ ތެރޭގައި، ޙައްޤުތައް ގެއްލުނު އެންމެހައި ފަރާތްތަކުގެ ޝާމިލުވުން އޮންނާނޭ ގޮތުގެ މަތީން ގޮތް ނިންމުން ހިމެނެއެވެ. އދ. ގެ އިންސާނީ ޙައްޤުތަކާއި ބެހޭ ކޮމިޝަންގެ ކޮމިޓީ އޮން ދަ އެލިމިނޭޝަން އޮފް ރެއިޝަލް ޑިސްކްރިމިނޭޝަން (ސާޑް) އިން ވަނީ މި މުޢާޙަދާ ކުރިއަށް ނުގެންދިއުމަށް ގޮވާލާފައެވެ. ސަބަބަކީ، ޙައްގުތައް ގެއްލުނު ފަރާތްތައް މުއާހިދާ އެކުލަވާލުމުގެ މަޝްވަރާތަކުގައި ބައިވެރި ކޮށްފަ ނުވާތީއެވެ. ބަލާބެލުމަށް މިއީ ޗާގޯސިއަނުންގެ ވާހަކަތައް އެކަނި ކަމަށް ހީވެދާނެއެވެ. ނަމަވެސް އެހެނެއް ނޫނެވެ. އެއީ، ތާރީޚީ، ސަގާފީ، ސަރަހައްދީ އަދި އިޤްތިޞާދީ ގޮތުން އަސަރު ފޯރި އެންމެހައި ފަރާތްތަކުގެ ޙައްގުތަކުގެ ވާހަކައެވެ.

ވީމާ، ވޯޓަކާއި ނުލާ މިފަދަ ބިލެއް ފާސް ކޮށް، އަދި މުއާހިދާ އިނގިރޭސި ޕާލަމަންޓުން ރެޓިފައި ކުރިޔަސް، އދ. އާއި ބައިނަލް އަޤްވާމީ މުޖުތަމައުން އުފުލާފައިވާ ސުވާލުތަކުގެ ޖަވާބެއް ނުލިބޭނެއެވެ. ހައްތާވެސް ފާޅުވަމުން އަންނާނީ، އދ. ގެ ޑިކޮލޮނައިޒޭޝަން އާއި ބެހޭ ކޮމިޓީގެ، މަރުޙަލަތަކުގެ ބޭރުން އިނގިރޭސިންނާއި މޮރިޝަސް ގޮތް ނިންމަން ބޭނުންވާ ކަމެވެ. ޙަގީގަތަކީ، މިއަދު އިނގިރޭސި ވިލާތުގެ ސަރުކާރުން އެ ގަންނަ ގަނޑަކީ، ބައިނަލް އަޤްވާމީ މައިދާނުގައި އެއްވެސް ބުރަދަނެއް ހުރި ކަންތައްތަކެއް ނޫނެވެ. ޙަރަކާތުގެ އެންމެހާ މެމްބަރުންނަށް ދަންނަވާލަން އޮތީ މާޔޫސް ނުވުމަށެވެ. މާތް ﷲ ގެ ވާގިފުޅާއި އެކު، ފޯޅަވަހި މައްސަލަ އދ. ގެ ތެރެއިން އަލުން ބެލޭނެއެވެ. ފޯތް ކޮމިޓީގެ މެންޑޭޓްގެ ތެރޭގައި މައްސަލަ ހިމެނިގެންދާނެއެވެ. އެހިސާބުން ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ބައެއްކަން މުޅި ދުނިޔެއަށް ހާމަވާނެއެވެ. އެކަން ނަފީ ކުރާނޭ ހެކިތަކެއް އިނގިރޭސިންނާއި، މޮރިޝަސްގެ ކިބަޔަކުން ނުގެނެވޭނެއެވެ.