January 03, 2026

ފޯޅަވަހި އެއްބަސް ވުމަށް އިނގިރޭސިން ޢަމަލު ކުރުން ލާޒިމުވާނެ ޤާނޫނެއް ފާސްކުރަން އުޅޭތީ، މައްސަލަ ދުނިޔޭގެ ސަމާލުކަމަށް ގެނައުން

ޕެން ފޯ ރައިޓްސް / އައުޓްރީޗް ކޯޑިނޭޝަން ޑެސްކު:
ފޯޅަވަހި މައްސަލަ އަނެއްކާވެސް މިވަނީ ހަތަރު އަނގޮޅި ކަން މައްޗަކަށް އައިސްފައެވެ. އިނގިރޭސި ސަރުކާރުން އަންނަނީ ފޯޅަވަހި އެއްބަސްވުމަށް، އިނގިރޭސިވިލާތުގެ އެތެރޭގައި، ޢަމަލު ކުރުން ލާޒިމުވާނޭ ޤާނޫނެއް ޕާލަމެންޓުން ފާސްކުރަން މަސައްކަތް ކުރަމުންނެވެ. މީގެ މާނަޔަކީ އިނގިރޭސިންނާއި މޮރިޝަސްއާއި ދެމެދު ސޮއިކޮށް، މިހާތަނަށް ތަޞްދީޤު ކޮށްފަ ނުވާ އެ އެއްބަސްވުން ޕާލަމެންޓުން ތަޞްދީޤު ކުރާ ވާހަކައެއް ނޫނެވެ. އޭގެ ބަދަލުގައި، ޕާލަމެންޓުން އެ އެގްރިމެންޓް ތަޞްދީޤު ކުރުމަކާއި ނުލާ، ދެ ޤައުމުގެ ސަރުކާރުން ސޮއި ޖަހާލެވިފައި ވާތީ، އޭގެ މައްޗަށް ޢަމަލު ކުރުން އިނގިރޭސި ސަރުކާރުގެ މައްޗަށް ލާޒިމުވާނޭ ގޮތަށް އިތުރު ޤަނޫނެއް ޕާލަމެންޓުން ފާސްކުރާ ވާހަކައެވެ. ކަންކުރަނީ ވަރަށް އަވަސް އަރުވާލައިގެންނެވެ. އިނގިރޭސި ޕާލަމެންޓް ރިސެސްގައި އޮތުމަށްފަހު ހުޅުވޭނީ މާދަމާ، 5 ޖެނުއަރީގައެވެ. ހަމަ ހުޅުވޭ އިރަށް ބިލުގެ ރިޕޯޓު ސްޓޭޖް ނުވަތަ ބިލަށް އިޞްލާޙު ހުށަހެޅުމުގެ މަރުޙަލާ ފެއްޓުނީއެވެ. އެއަށް ފަހު ބިލުގެ 3 ވަނަ ކިޔުން އޮންނާނީ ޖެނުއަރީ 7 ވަނަ ދުވަހުއެވެ. އެއީ ބިލު ފާސްކުރުމުގެ ކުރިން ބިލާއި މެދު ބަހުސްކުރަން މެމްބަރުންނަށް ލިބޭނޭ އެންމެ ފަހުގެ ފުރުޞަތެވެ.
 
އާދޭހެވެ! މިކަމާއި މެދު ކަން ބޮޑުވާން ޖެހޭ ސަބަބަކީ، އިނގިރޭސި ޕާލަމެންޓުން، ދެގައުމުގެ ދެމެދުގައި ސޮއިކުރެވުނު ފޯޅަވަހި އެއްބަސްވުން ތަސްދީޤު ނުކުރިޔަސް، މިފަދަ ޤަނޫނެއް ފާސްކޮށް، އިނގިރޭސިން އަމަލުކުރަން ފެއްޓުމުން ދެން އަލުން ކަންކަން އަނެއްކޮޅަށް ޖަހާ، ފޯޅަވަހި ޑިކޮލޮނައިޒް ކުރުން ބައިނަލް އަޤްވާމީ ޤާނޫނުތަކާއި އެއްގޮތަށް އދ. އިން ކުރިއަށް ގެންގޮސް ނިންމަން އޮތް މަގު ދިގުވެގެން ދާނެތީއެވެ. ޙައްޤުތައް ގެއްލިފައިވާ ފަރާތްތަކަށް އިންސާފު ލިބުމުގެ ދަތުރު ދިގުވެގެން ދާނެތީއެވެ. މިކަން މިކުރަނީ ޙައްޤުތައް ގެއްލިފައިވާ ފަރާތްތަކުގެ ބައިވެރިވުމެއް ނެތިއެވެ. ދިވެހިންނާއި، ޗާގޯސިއަނުންނާއި މަޝްވަރާ ކުރުމެއްވެސް ނެތިއެވެ. ވުމާއި އެކު ޙަރަކާތުގެ ބައިވެރިންގެ މަޢުލޫމާތަށްޓަކައި މިލިޔުމުގައި ކުރުގޮތަކަށް ރިޕޯޓު ކުރާނީ، މިކަމާއި ގުޅިގެން މި ޙަރަކާތުގެ ފަރާތުން ބައިނަލް އަޤްވާމީ މައިދާނުގައި އަޅާފައިވާ ފިޔަޅުތަކުގެ މައްޗަށެވެ.
 
އދ. ގެ ކަމާއި ބެހޭ އިދާރާތަކުގެ ސަމާލުކަން ހޯދުން
މިމައްސަލައާއި ގުޅިގެން، އާލީ ވޯނިން އެންޑް އާޖެންޓް ޕްރޮސީޖަރސްގެ ދަށުން ފޮލޯއަޕް ރިކްއެސްޓެއް، އދ. ގެ ކޮމިޓީ އޮން ދަ އެލިމިނޭޝަން އޮފް ރެއިޝަލް ޑިސްކްރިމިނޭޝަން (CERD – ސާޑް) އަށް ރަސްމީ ގޮތުން ސަބްމިޓް ކޮށްފައިވާނެއެވެ. އަދި މި ސަބްމިޝަން އަކީ، އިނގިރޭސި ސަރުކާރުން އަވަސްއަރުވާލައިގެން، ފޯޅަވަހި އެއްބަސްވުމުގެ މައްޗަށް ޢަމަލު ކުރުން ލާޒިމުވާނޭ، ޤާނޫނެއް ފާސްކުރަން އުޅޭތީ އެކަން ސަމާލުކަމަށް ގެނައުމަށް ހުށަހަޅާ ސަބްމިޝަން އެއް ކަމުގައި ބުނެފައިވާނެއވެ.
 
މި ސަބްމިޝަން ގައި، ކުރިން ސާޑް ގެ ފަރާތުން، ފޯޅަވަހި އެއްބަސްވުމާއި ގުޅޭގޮތުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް އެބުރި ބަލާލާފައި ވާނެއެވެ. ވަކިން ޚާއްޞަކޮށް ޙައްޤުތައް ގެއްލިފައިވާ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރި ކުރުމާއި މެދު ހުރި ކަންބޮޑުވުންތަކުގެ ވާހަކައެވެ. މިގޮތުން، ބިލުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އިނގިރޭސި ޕާލަމެންޓުގައި ތާވަލު ކޮށްފައިވަނީ ކުރުގަޅުވާލައިގެން ކަމާއި، މީގެ ސަބަބުން އިއާދަ ނުކުރެވޭނެ ގެއްލުން ޙައްޤުތައް ގެއްލިފައިވާ ފަރާތްތަކާއި ކުރިމަތިވާނެކަމާއި މެދު ސަމާލުކަން ދެއްވުމަށް އެދިފައިވާނެއެވެ. ޙަރަކާތުގެ ފަރާތުން އެޅި މި ފިޔަޅުގެ އަމާޒަކީ، އދ. ގެ އިންސާނީ ޙައްޤުތަކުގެ އޮނިގަނޑުގެ ތެރޭގައި މަސައްކަތް ކުރުމުގައި މި ޙަރކާތުން ދެމިއޮންނާނެކަމުގެ ޔަގީންކަން ދިނުމެވެ. އަދި އދ. ގެ ޓްރީޓީ ބޮޑީ މެކޭނިޒަމް އާއި އެއްގޮތަށް ކަންކަން ކުރިއަށް ދާކަން ކަށަވަރު ކުރަން މިޙަރަކާތުގެ ފަރާތުން ބޭނުންވާކަން ދައްކުވައި ދިނުމެވެ.

އިނގިރޭސި ޕާލަމެންޓު މެމްބަރުންގެ މެދުގައި ޕާލަމެންޓަރީ ބްރީފިންއެއް ދައުރުކުރުވުން
މި މައްސަލައާއި ގުޅިގެން އިނގިރޭސި ޕާލަމެންޓު މެމްބަރުންގެ މެދުގައާއި، ހައުސް އޮފް ލޯޑުންގެ މެދުގައި 1 ޞަފްޙާގެ ޕާލަމެންޓަރީ ބްރީފިން އެއް ވާނީ އީމެއިލްގެ ޒަރީއާއިން ދައުރު ކުރުވާފައެވެ. މި ބްރީފިން ތައްޔާރު ކޮށްފައިވާނީ، ޙަޤީޤަތުގެ މައްޗަށް ބިނާކޮށް ވަރަށް ޚުލާޞާ ކޮށެވެ. ނަމަވެސް އިނގިރޭސި ޕާލަމެންޓުން ވިސްނުމަށް އެކަށޭނެ ނުކުތާތައް އަމުނާލައިގެންނެވެ. އޭގެ ތެރޭގައި:
  • ބިލާއި މެދު ޕާލަމެންޓުގައި ބަހުސްކުރުމުގެ މުއްދަތު އެންމެ ދެ ދުވަހަށް ކުރު ގަޅުވާލާފައި ވާކަން
  • މި މައްސަލައަކީ، ސާޑް އިން ނެރުނު އާލީ ވޯނިން / އާޖެންޓް އެކްޝަން އާއި ގުޅޭ މައްސަލައެއްކަން 
  • މި މަރުޙަލާގައި، ބިލު ރަނގަޅަށް ދިރާސާ ކުރުމުގެ މުހިއްމުކަން 
ހައުސް އޮފް ލޯޑުންގެ މެދުގައި ދައުރު ކުރުވާފަވާނީ ކުޑަތަންކޮޅެއް ތަފާތު ވާޝަން އެކެވެ. އެއީ ހައުސް އޮފް ކޮމަންސާއި، ހައުސް އޮފް ލޯޑުންނަކީ ތަފާތު ދެ މަސްޢޫލިއްޔަތެއް އަދާ ކުރައްވަން ޖެހޭ ދެ ބަޔަކަށް ވާތީއެވެ. ވަކިން ޚާއްޞަކޮށް ހައުސް އޮފް ލޯޑުންނަކީ، ޤާނޫނުތައް އިޞްލާޙު ކުރެއްވުމުގެ ރޯލެއް އަދާ ކުރައްވާ ބޭފުޅުންނަށް ވާތީއެވެ.
 
އދ. ގެ މިޝަން ތަކާއި އެކު މަޢުލޫމާތު ޙިއްސާ ކުރުން 
ނިވްޔޯކާއި، ޖެނީވާގައި، ހުންނަ އދ. ގެ މެމްބަރު ޤައުމުތަކުގެ މިޝަންތަކާއިވެސް، ކުރިން ދެންނެވި ޕާލަމެންޓަރީ ބްރީފިން ވާނީ ހިއްޞާ ކޮށްފައެވެ. އެއީ، އެ އެންމެހައި މިޝަންތަކުގައި ތިއްބެވި ޑިޕްލޮމެޓުންގެ މަޢުލޫމާތަށްޓަކައެވެ. މި ފަރާތްތަކާއި މި މަޢުލޫމާތު ހިއްސާ ކުރުމުގެ ބޭނުމަކީ، ފޯޅަވަހި މައްސަލައިގެ ޙާލަތު އަންގައިދިނުމެވެ. ފޯޅަވައްސާއި ބެހޭ މައްސަލައަކީ އދ. ގެ ގިނަ ފޯރަމް ތަކުގައި ކުރިއަށް ދާ އަދި ދާންޖެހޭ މައްސަލައެއްކަން އަންގައި ދިނުމެވެ. އޭގެ ތެރޭގައި އދ. ގެ ހިއުމަން ރައިޓްސްއާއި، ޑިކޮލޮނައިޒޭޝަން މެކޭނިޒަމްތައް ހިމެނެއެވެ. މި މަޢުލޫމާތު ޙިއްސާ ކުރުމުގެ ބޭނުމަކީ ވަކާލާތު ކުރުމެއް ނޫނެވެ. އަދި ޖަދަލު ކުރުމެއްވެސް ނޫނެވެ. ނަމަވެސް މައްސަލަތަކުގެ ދެފުށް ފެނުމާއި، މަޢުލޫމާތު ޙިއްޞާ ކުރުމާއި، އަދި މިޝަންތަކުން، އދ. ނަގަހައްޓާ އަގު ތަކާއި، ދަމަހައްޓާ ހަމަތަކާއި، އިޖުރާއަތްތަކާ އެއްގޮތަށް ކުރިއަށްދާ މިންވަރު ވަޒަން ކުރެވުމެވެ. 
 
ބޭރު ޤައުމުތަކުގައި ތިއްބެވި ދިވެހި މިޝަންތަކާއި ކޯޑިނޭޓް ކުރުން
ފޯޅަވަހި މައްސަލާގައި މި ޙަރަކާތުގެ ފަރާތުން ކުރާ މަސައްކަތާއި، ބޭރުގެ އެކި ފަރާތްތަކުން މި ޙަރަކާތަށް ފޮނުވާ ޖަވާބު ތަކަކީ، ދިވެހި ޚާރިޖިއްޔާއާއި، ޙިއްސާކޮށް ކޯޑިނޭޓް ކުރަންޖެހޭނޭ ކަންކަން ކަމުގައި މިޙަރަކާތުގެ ފަރާތުން ދެކެމެވެ. އެހެންކަމުން މި ޙަރަކާތުގެ ފަރާތުން ފޯޅަވަހީގެ މައްސަލައާއި ގުޅިގެން، އދ. އާއި، ބޭރުގެ އެކި ފަރާތްތަކާ އެކު ކުރާ މަޝްވަރާތަކާއި، ހުށަހަލާ ހުށަހެޅުން ތަކުގެ މަޢުލޫމާތު، ރާއްޖޭގެ ޚާރިޖީ އޮފީހާއި، ރާއްޖެއިން ބޭރުގައި ތިއްބަވާ، ދިވެހި މިޝަންތަކުގެ ވެރިންނާއި، އިސް މުވައްޒިފުންނާއި ހިއްސާ ކުރެވޭނެވެ. ވީމާ މިމައްސަލާގައި، ދައުރު ކޮށްފަވާ ލިޔެކިޔުންތައްވެސް އެންމެ ލަސްވެގެން މާދަމާގެ ވަގުތެއްގައި، ބޭރު ޤައުމުތަކުގައި ހުރި ހުރިހާ ދިވެހި މިޝަންތަކާއި އެކު ޙިއްސާ ކުރެވޭނެއެވެ. ހުރިހާ ފަރާތްތަކާއި އެކު ބަދަލު ކުރެވޭ ލިޔެ ކިޔުންތަކާއި މުޢާމަލާތުތައް ކުރިއަށް ދާނީ، އަދަބުވެރިކަމާއި އިޙުތިރާމާއި އެކުގައެވެ. 

މަސައްކަތުގައި ކުރިއަށް ދިއުން  
އިއްޔެއިން ފެށިގެން މިއަދާއި އަދި މާދަމާގެ މަސައްކަތްތަކަކީ، ޤާނޫނުތަކާއި، ދެފުށް ފެންނަ އުޞޫލުތަކާއި، އަދި ޙައްގުތަކަށް އިހްތިރާމް ކުރުމުގެ މަތީގައި، ފޯޅަވަހީގެ މައްސަލަ ކުރިއަށް ދޭތޯ ބަލާ ކަށަވަރު ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެއް ބައެވެ. ކުރިއަށް އޮތްތާގައި އަޅުގަނޑުމެންގެ މަސައްކަތްތައް ކުރިއަށް ގެންދާނީވެސް، ބައިނަލް އަޤްވާމީ ނިޒާމާއި، ޕާލަމަންޓަރީ މުޢައްސިސާ ތަކާއި، ޑިޕްލޮމެޓިކު ބައިވެރިންނާއި އެކު މިނާ މިން އަޅައިގެން އަސާސްތަކެއްގެ މަތީގައި ކުރެވޭ މަސައްކަތެއްގެ ގޮތުގައެވެ.
 
އަޅުގަނޑުމެންގެ ނަޡަރު ސީދާ ކުރާނީ ޒިންމާދާރު ވުމާއި، ޒިންމާދާރު ކުރުވުމުގެ މައްޗަށެވެ. ޤާއިމު ވެފައިވާ މުއައްސިސާތަކުގެ ތެރެއިންނާއި، ޤާނޫނީ މަގުތަކުން ގޮސް ޙައްޤުތައް ޙިމާޔަތް ކުރުމުގެ މައްޗަށެވެ.

ނޯޓު: