ޕެންފޯރައިޓްސް / ދިރާސާ އޮޅި:
ފެށުން
1498 ވަނަ އަހަރު ވަސްކޯ ޑަ ގާމާ އެފްރިކާގެ ކޭޕް ވަށާލާ އިންޑިއާ ކަނޑަށް ވަދެއްޖެއެވެ. އޭރުވެސް މި ސަރަހައްދަކީ ކަނޑުދަތުރުފަތުރުގެ މަގުތަކާއި، ވިޔަފާރިވެރިންނާއި، އަދި ސަރަހައްދީ ބާރުތަކުން ފުރިފައިވާ ހަރަކާތްތެރި ކަނޑުގެ ދުނިޔެއެކެވެ. 1502 އާއި 1503 އާ ދެމެދު ވިސެންޗީ ސޮޑްރޭ ދިވެހި ކަނޑުގެ ސަރަހައްދަށް ވަދެ، ދިވެހި އޮޑިދޯނިފަހަރު އަތުލައިގަތުމާއެކު، ފުޅާވަމުން އައި ޕޯޗުގީޒުންގެ ބާރުވެރިކަމާ ދިވެހިރާއްޖެއާ ސީދާ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. އަނެއްކޮޅުން، ލިޒްބަންގައި ހުންނެވި ޕޯޗުގަލްގެ ރަސްގެފާނު މަނުއަލް 1، މި ސަރަހައްދުގައި ޕޯޗުގީޒުންގެ ބާރު ފަތުރާ ފުޅާކުރުމަށް އަމުރު ކުރައްވައިފިއެވެ. މިއަމުރު ތަންފީޒު ކުރުމުގެ މަސައްކަތް ފެއްޓެވީ ފްރެންސިސްކޯ ޑި އަލްމޭޑާއެވެ. މި މަސައްކަތް ކުރިއަށް ގެންގޮސް، 1510 ވަނަ އަހަރު އަފޮންސޯ ޑި އަލްބުކާކް ގޯއާ ހިފައިފިއެވެ. މިހިސާބުން އިންޑިއާ ކަނޑުގައި ޕޯޗުގީޒުންގެ ހަރަކާތްތައް ގަވާއިދުން އަދި ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ބޭނުންވާ މަރުކަޒެއް ގާއިމުކުރެވުނީއެވެ.
އެނބުރި ރާއްޖެއަށް ބަލާލާއިރު، އެ ދުވަސްވަރު ރާއްޖޭގެ ދާޚިލީ މަސްރަހު އޮތީ ހަލަބޮލިވެފައެވެ. ސޯޅަވަނަ ގަރުނުގެ ކުރީކޮޅު ދިވެހި ރަސްކަމުގެ ތަޚުތު ހޯދުމަށް ހިންގި ކުރިމަތިލުންތައް ވަރުގަދަވެގެން ދިޔައެވެ. އޭގެ ތެރޭގައި ޕޯޗުގީޒުންނާއި، ކަންނަންނޫރުގެ ކޮލަތިރީންނާއި، އަލީ ރާޖާއާއި، އަދި ދިވެހިންގެ ތެރޭގައި އުފެދިފައިވާ އިދިކޮޅު ފެކްޝަންތައް ހިމެނެއެވެ. 1510 ވަނަ އަހަރު، ކަޅު މުހައްމަދު ރަސްގެފާނުގެ އާއިލީ ބޭފުޅެއް ކަމަށްވާ ހަސަން 7 (ރަސްކަން ކުރެއްވީ 1510–1511) ކަޅު މުހައްމަދު ރަސްގެފާނު ރަސްކަމުން ދުރުކޮށް ވެރިކަމަށް އިސްވެއްޖެއެވެ. އެހިސާބުން މާލޭގައި އޮތް ރަސްކަމުގެ ކޮއިލުތެރެ ނުތަނަވަސްވިއެވެ. އެގޮތުން، 1511 ވަނަ އަހަރު މައްކާގެ ޝަރީފް އަޙުމަދު (ރަސްކަން ކުރެއްވީ 1511–1512) ހަސަން 7 ރަސްކަމުން ދުރުކޮށް ރަސްކަމަށް އިސްވެއްޖެއެވެ. އެއަށްފަހު، 1511 އާއި 1512 އާ ދެމެދު އައްސުލްތާން އަލީ 5 (ދޮން ބުޅާ ފާށަނާ) ރަސްކަމަށް އިސްވެ ވަޑައިގެންނެވިއެވެ. އޭރު، އަލީ 5 ވަނައިގެ އަންހެން ކޮއްކޮ، ބުރަކި ރަނިން، ރަސްކަމަށް އުންމީދުކޮށްގެން އެބައިނެވެ. އަދި އެކަމަށް އެހީތެރިކަން ހޯދުމަށްޓަކައި ކަޅު މުހައްމަދު ރަސްގެފާނާ ކައިވެނި ބައްލަވައިގަތުމަށް މަސައްކަތް ކުރެއްވިއެވެ. ނަމަވެސް އެކަން ކާމިޔާބު ނުވުމުން، އެކަމަނާ ރާއްޖެ ދޫކޮށް އެޗިންއަށް އަދި އޭގެ ފަހުން ގޯއާއަށް ވަޑައިގެން ޕޯޗުގީޒުންނަށް ޖިޒީ ހުށަހެޅުއްވިއެވެ. އެއަށްފަހު، އެކަމަނާ ފޮނުއްވި މީހަކު ލައްވާ، އަލީ 5 ގަތުލުކޮށްލުމަށްފަހު ވެރިކަމުގެ ތަޚުތު ހޯއްދަވައިފިއެވެ. އެންމެފަހުން ކަޅު މުހައްމަދު ރަސްގެފާނާ ކައިވެނި ބައްލަވައިގަނެ، އަލުން އެމަނިކުފާނު ރަސްކަމަށް އިސްކުރައްވައިފިއެވެ.
ފެށުން
1498 ވަނަ އަހަރު ވަސްކޯ ޑަ ގާމާ އެފްރިކާގެ ކޭޕް ވަށާލާ އިންޑިއާ ކަނޑަށް ވަދެއްޖެއެވެ. އޭރުވެސް މި ސަރަހައްދަކީ ކަނޑުދަތުރުފަތުރުގެ މަގުތަކާއި، ވިޔަފާރިވެރިންނާއި، އަދި ސަރަހައްދީ ބާރުތަކުން ފުރިފައިވާ ހަރަކާތްތެރި ކަނޑުގެ ދުނިޔެއެކެވެ. 1502 އާއި 1503 އާ ދެމެދު ވިސެންޗީ ސޮޑްރޭ ދިވެހި ކަނޑުގެ ސަރަހައްދަށް ވަދެ، ދިވެހި އޮޑިދޯނިފަހަރު އަތުލައިގަތުމާއެކު، ފުޅާވަމުން އައި ޕޯޗުގީޒުންގެ ބާރުވެރިކަމާ ދިވެހިރާއްޖެއާ ސީދާ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. އަނެއްކޮޅުން، ލިޒްބަންގައި ހުންނެވި ޕޯޗުގަލްގެ ރަސްގެފާނު މަނުއަލް 1، މި ސަރަހައްދުގައި ޕޯޗުގީޒުންގެ ބާރު ފަތުރާ ފުޅާކުރުމަށް އަމުރު ކުރައްވައިފިއެވެ. މިއަމުރު ތަންފީޒު ކުރުމުގެ މަސައްކަތް ފެއްޓެވީ ފްރެންސިސްކޯ ޑި އަލްމޭޑާއެވެ. މި މަސައްކަތް ކުރިއަށް ގެންގޮސް، 1510 ވަނަ އަހަރު އަފޮންސޯ ޑި އަލްބުކާކް ގޯއާ ހިފައިފިއެވެ. މިހިސާބުން އިންޑިއާ ކަނޑުގައި ޕޯޗުގީޒުންގެ ހަރަކާތްތައް ގަވާއިދުން އަދި ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ބޭނުންވާ މަރުކަޒެއް ގާއިމުކުރެވުނީއެވެ.
އެނބުރި ރާއްޖެއަށް ބަލާލާއިރު، އެ ދުވަސްވަރު ރާއްޖޭގެ ދާޚިލީ މަސްރަހު އޮތީ ހަލަބޮލިވެފައެވެ. ސޯޅަވަނަ ގަރުނުގެ ކުރީކޮޅު ދިވެހި ރަސްކަމުގެ ތަޚުތު ހޯދުމަށް ހިންގި ކުރިމަތިލުންތައް ވަރުގަދަވެގެން ދިޔައެވެ. އޭގެ ތެރޭގައި ޕޯޗުގީޒުންނާއި، ކަންނަންނޫރުގެ ކޮލަތިރީންނާއި، އަލީ ރާޖާއާއި، އަދި ދިވެހިންގެ ތެރޭގައި އުފެދިފައިވާ އިދިކޮޅު ފެކްޝަންތައް ހިމެނެއެވެ. 1510 ވަނަ އަހަރު، ކަޅު މުހައްމަދު ރަސްގެފާނުގެ އާއިލީ ބޭފުޅެއް ކަމަށްވާ ހަސަން 7 (ރަސްކަން ކުރެއްވީ 1510–1511) ކަޅު މުހައްމަދު ރަސްގެފާނު ރަސްކަމުން ދުރުކޮށް ވެރިކަމަށް އިސްވެއްޖެއެވެ. އެހިސާބުން މާލޭގައި އޮތް ރަސްކަމުގެ ކޮއިލުތެރެ ނުތަނަވަސްވިއެވެ. އެގޮތުން، 1511 ވަނަ އަހަރު މައްކާގެ ޝަރީފް އަޙުމަދު (ރަސްކަން ކުރެއްވީ 1511–1512) ހަސަން 7 ރަސްކަމުން ދުރުކޮށް ރަސްކަމަށް އިސްވެއްޖެއެވެ. އެއަށްފަހު، 1511 އާއި 1512 އާ ދެމެދު އައްސުލްތާން އަލީ 5 (ދޮން ބުޅާ ފާށަނާ) ރަސްކަމަށް އިސްވެ ވަޑައިގެންނެވިއެވެ. އޭރު، އަލީ 5 ވަނައިގެ އަންހެން ކޮއްކޮ، ބުރަކި ރަނިން، ރަސްކަމަށް އުންމީދުކޮށްގެން އެބައިނެވެ. އަދި އެކަމަށް އެހީތެރިކަން ހޯދުމަށްޓަކައި ކަޅު މުހައްމަދު ރަސްގެފާނާ ކައިވެނި ބައްލަވައިގަތުމަށް މަސައްކަތް ކުރެއްވިއެވެ. ނަމަވެސް އެކަން ކާމިޔާބު ނުވުމުން، އެކަމަނާ ރާއްޖެ ދޫކޮށް އެޗިންއަށް އަދި އޭގެ ފަހުން ގޯއާއަށް ވަޑައިގެން ޕޯޗުގީޒުންނަށް ޖިޒީ ހުށަހެޅުއްވިއެވެ. އެއަށްފަހު، އެކަމަނާ ފޮނުއްވި މީހަކު ލައްވާ، އަލީ 5 ގަތުލުކޮށްލުމަށްފަހު ވެރިކަމުގެ ތަޚުތު ހޯއްދަވައިފިއެވެ. އެންމެފަހުން ކަޅު މުހައްމަދު ރަސްގެފާނާ ކައިވެނި ބައްލަވައިގަނެ، އަލުން އެމަނިކުފާނު ރަސްކަމަށް އިސްކުރައްވައިފިއެވެ.
އަރަބި ކަނޑުގެ އަނެއް ފަރާތުން، ކަންނަންނޫރުގެ އަލީ ރާޖާގެ ދަށުން މަސައްކަތް ކުރި މާމަލީ، ވިޔަފާރިއާއި ޖިޒީގެ ތެރެއިން ރާއްޖެއަށް އޭނާގެ ނުފޫޒު ފޯރުވައި، ރާއްޖޭގެ ރޯނާއި، ބޮއްޔާއި، އެހެނިހެން ކަނޑުގެ އުފެއްދުންތައް މަލަބާރުގެ ވިޔަފާރި ވިއުގައަށް ގެންދަން ފެށިއެވެ. 1512 ވަނަ އަހަރު މި ނުފޫޒު އިތުރަށް ވަރުގަދަވެ، މާމަލީ އޭނާގެ އަމިއްލަ ކޮއްކޮ 'އިކަޕޮކާރު' ރާއްޖޭގެ ވެރިކަމަށް އިސްކުރަން މަސައްކަތް ކުރިއެވެ. މިފަދަ އެކި ފިއްތުންތަކުގެ ތެރޭގައި ތިބި ދިވެހި ވެރިން، ޕޯޗުގީޒުންގެ އެހީތެރިކަމަށް އެދުނެވެ. އެހީގެ ބަދަލުގައި ޖިޒީ ދިނުމަށް އެއްބަސްވެވުނު އިންތިޒާމުގެ ތެރެއިން، މާލޭގައި ޕޯޗުގީޒުން ދާއިމީކޮށް ތިބުމުގެ ފުރުސަތު ލިބިދީފިއެވެ. ވިޔަފާރި ރައްކާތެރިކުރުމަށާއި އެއްބަސްވުންތައް ތަންފީޒުކުރުމަށްޓަކައި މާލޭގައި ޕޯޗުގީޒުންގެ ކޯއްޓޭއެއް ބިނާކުރަން ދެފަރާތުން ރުހިއްޖެއެވެ.
1518 ވަނަ އަހަރު މާލޭގައި ޕޯޗުގީޒުންގެ ކޯއްޓޭއެއް ގާއިމުކޮށް، ވިޔަފާރީގެ ކޮންޓްރޯލް އެމީހުންގެ އަތްދަށަށް ގެންދިޔައެވެ. އަދި އެއްބަސްވުންތަކާ ޚިލާފުވާ ހާލަތްތަކުގައި ކަނޑުމަތިން އޮޑިދޯނިފަހަރާއި މުދާ އަތުލައިގަންނަން ފެށިއެވެ. ނަމަވެސް 1521 ވަނަ އަހަރު މި ކޯއްޓޭއަށް ހަމަލާދީ، އެތަނުގައި ތިބި ޕޯޗުގީޒުން ބަލިކޮށް، އެމީހުންގެ އުޅަނދުތައް ހަލާކުކޮށްލެވުނެވެ. ތާރީޚީ ރެކޯޑުތަކުން އެނގޭ ގޮތުގައި މިކަމުގައި އަލީ ރާޖާއާ ގުޅިފައިވާ މަލަބާރުންގެ އެހީތެރިކަން ލިބިފައިވެއެވެ. މީގެ ފަހުން މާމަލީ އޭނާގެ މަސައްކަތްތައް ދެކުނުގެ ހުވަދޫ އަތޮޅަށާއި، ފުވައްމުލައް، އަދި އައްޑޫ އަތޮޅަށް ބަދަލުކުރިއެވެ. ވެރިރަށް މާލެއާ ދުރުވުމުގެ ސަބަބުން އިދިކޮޅު ހަރަކާތްތައް މަދުވުމާއި، ސަރަޙައްދީ ކަނޑުގެ މުހިންމު ވިޔަފާރި މަގުތައް އެ ސަރަހައްދުގައި ބައްދަލުވާކަމީ މީގެ ސަބަބެކެވެ. އެ ސަރަހައްދުތަކުން މަސައްކަތްތެރިންނާއި، ތަކެއްޗާއި، ކަނޑުގެ އުފެއްދުންތައް ބޭރުގެ ބާރުތަކުގެ ދަށަށް ގެންދިއުމުގެ މަސައްކަތް، ބިރުދެއްކުމާއި، ފޭރުމާއި، ހަމަނުޖެހުމުގެ ތެރެއިން އިތުރުވެ، ވަރުގަދަވެގެން ދިޔައެވެ.
މި ހާދިސާތަކުގެ ނަތީޖާއަކީ އާދައިގެ ކަނޑުމަތީގެ ޖަޒީރާ ދިރިއުޅުން ގެއްލި ދިއުމެވެ. އޭގެ ބަދަލުގައި، މުޅި ރާއްޖޭގެ އެކި ހިސާބުތަކުގައި އަނިޔާވެރިކަމާއި، ބިރުވެރިކަމާއި، ސުންޕާކަމާއި، ގެދޮރު ދޫކޮށް ދިއުމާއި، އަދި އަނބިދަރީންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ކުރަންޖެހުނު ދެމިގެންދިޔަ ވޭނީ ކުރިމަތިލުންތަކުގެ މަރުހަލާތަކެއް ފެށިގެން ދިޔައެވެ. މި ދުވަސްވަރުގެ އަސަރުތައް ފެންނަނީ ހަމައެކަނި ވަކިވަކި ހާދިސާތަކަކުން އެކަންޏެއް ނޫނެވެ. އޭގެ ބަދަލުގައި، އެކަމުގެ ހެކިތައް ބަހަވީގޮތުން އިތުރުވެގެންދިޔަ އާދަޔާޚިލާފު ނަންތަކުން ފެންނަން އެބަހުއްޓެވެ. އެއީ ފުރޭތަ، ބޭރި، ކަނޑުލަބަރި، މާލި، ވިގަނި، އަދި ބަޑިއެދުރު ފަދަ ނަންތަކެވެ. އަދި ރަށްރަށުން ފެންނަން ހުރި ފަޅުވެފައިވާ ދިރިއުޅުމުގެ ނިޝާންތަކާއި، މީހުން ދޫކޮށް ގޮސްފައިވާ ރަށްތަކާއި، އަދި އެއްވެސް ދިރިހުރި މުޖުތަމައެއް ނެތް ގަބުރުސްތާނުތަކަކީ މި ހަލަބޮލިކަމުގެ ހެކިތަކެވެ.
މިއީ އެއްވެސް ޙާލެއްގައި، އެކަހަރިކޮށް ހުރި ވަކިވަކި ހެކިތަކެއް ނޫނެވެ. މިއީ ތާރީޚީ އިލްމުވެރިންގެ ތެރޭގައާއި، އިސްތިއުމާރީ ހަލަބޮލިކަމާއި އޭގެ ނަތީޖާތަކާ ބެހޭ ބައިނަލްއަގުވާމީ އޮނިގަނޑުތަކުގެ ތެރޭގައި ނިޒާމީ ގޮތެއްގައި ދިރާސާކުރަންޖެހޭ ކަންކަމެވެ. މި މަޒުމޫނުގައި މި ނަންތަކާއި، ރަށްރަށުގެ ވާހަކަތަކާއި، އަދި ފެންނަން ހުރި ހެކިތައް އެކުލަވާލައި، އެއީ ފުލޯކް ވާހަކަތަކެއްގެ ބަދަލުގައި ހަގީގީ ދިރިއުޅުމުގެ ތަޖުރިބާތަކެއްގެ ގޮތުގައި ދިވެހި އިލްމުވެރިން ގިންތިކުރައްވާ ގޮތާ އެއްގޮތަށް ދިރާސާކުރެވިފައިވާނެއެވެ. އަދި މިއީ ޕޯޗުގީޒުންނާއި މަލަބާރު މީހުންގެ ނުފޫޒަށްފަހު، އަދި އޭގެ ފަހުގެ ގަރުނުތަކުގައި ކަނޑުފޭރޭ މީހުންނާއި (Pirates)، ރަސްކަމުގެ ސިއްކައެއްގެ ދަށުން ކަނޑުފޭރޭ އަމިއްލަ ލަޝްކަރުތަކުގެ (Privateers) ހަރަކާތްތަކުގެ ތެރެއިން އަތޮޅުތަކުގެ ރަށްރަށުގައި ހިންގާފައިވާ އަނިޔާވެރި ކަންތައްތަކުގެ ފުރިހަމަ ރެކޯޑެއްގެ ގޮތުގައި ބަލާފައިވާނެއެވެ.
ދެން މި މަޒުމޫނުގައި އަލިއަޅުވާލާފައިވަނީ ފްރެންސިސް ޕިރާޑް ޑި ލަވަލްގެ ވާހަކަތަކަށެވެ. ޚާއްސަކޮށް ފޯޅަވައްސަށް (އިސްތިޢުމާރީ ނަމުން ޗާގޯސް) ދިވެހި ރަސްކަމުގެ ފަރާތުން ކުރި ދަތުރުތަކުގެ ވާހަކައަށެވެ. ގިނަ ދުވަސްތަކެއް ވަންދެން ޕިރާޑްގެ މި ވާހަކަތައް މާނަކުރަމުން އައިސްފައިވަނީ ވިލާތުގެ މީހުން، އެނޫން ބާގަތަކުގެ މީހުންގެ ކަންކަން ސިފަކުރާ އާދަޔާޚިލާފު ރޫޙާނީ، ޚުރާފީ، އަދި ސިހުރު ހާހޫރަޔާއި ގުޅުވާފައިވާ، އޮރިއަންޓަލިޒަމްގެ ބޮޑާވެތިކަމުގެ ނަޒަރިއްޔާތުންނެވެ. ނަމަވެސް، ފުރޭތައިގެ ނަންތަކާއި ރަށްރަށަށް އަރައިގަތް މީހުންގެ ރެކޯޑުތަކާ ގުޅުވައިގެން ބަލާއިރު، ޕިރާޑްގެ އެ ވާހަކަތަކަށް ދެވެނީ ތަފާތު މާނައެކެވެ. މިގޮތުން، މި މަޒުމޫނުގައި ޕިރާޑްގެ ވާހަކަތައް އަލުން މާނަކޮށްފައިވާނީ، ހިނގާފައިވާ ހާދިސާތަކާއި، ރަށްރަށުގެ މީހުންގެ ތަޖުރިބާތަކާއި، އަދި އެ ތަޖުރިބާތައް ރައްކާކުރެވިފައިވާ ބަހަވީ އޮނިގަނޑުގެ ތެރެއިންނެވެ.
ދިރަސާކުރަން ބޭނުންކުރި އުސޫލު: ރަށްވެހިންގެ ހަނދާންތަކަކީ ތާރީޚީ ރެކޯޑެއްގެ ގޮތުގައި ބެލުން
މި މަޒުމޫނުގައި ދިރާސާކުރާނީ ތަފާތު އެކި ބާވަތުގެ ހެކިތައް އެކުލަވާލައިގެންނެވެ. މީގެ ތެރޭގައި ލިޔެވިފައިވާ ސިޔާސީ ތާރީޚާއި، ރަށްރަށުގައި ކިޔައިއުޅޭ ދޫމަތީ ވާހަކަތަކާއި، ރަށްތައް ފަޅުވުމާއި ގަބުރުސްތާނުތަކުން ފެންނަން ހުރި ހެކިތަކާއި، ދިވެހި ބަހުގެ ތެރޭގައި ރައްކާކުރެވިފައިވާ ނަންނަމާއި، ދިވެހި އިލްމީ ލިޔުންތައް ހިމެނެއެވެ. މި ހުރިހާ ކަމެއް ބަލާނީ އެއްވަރުގެ ހެކިތަކެއްގެ ގޮތުގައެއް ނޫނެވެ. ނަމަވެސް ބަލާފައިވާނީ އެއް ފަށަލަ އަނެއް ފަށަލައާ ގުޅުވައިގެން ބަލާއިރު، ކަނޑުމަތިން އައިސް ކުރިމަތިވި ބިރުވެރިކަމާއި، އެކަމަށް ދިވެހިން ދިން ރައްދު ފެންނަން އޮތް ގޮތަށެވެ. ރަސްމީ ތާރީޚުން ހިނގެން އޮތް މަގު ހަނި ކަމުގައިވިޔަސް، ރަށްވެހިންގެ ހަނދާންތަކުން މުޅި މަންޒަރު ފުރިހަމަކޮށްދެއެވެ. އަދި ދޫމަތީ ވާހަކަތަކުގައި ހުރި ރަމްޒީ ކަންކަމަށް ސިޔާސީ ތާރީޚުން އޮނިގަނޑެއް ފޯރުކޮށްދެއެވެ. މަގުސަދަކީ މި ހުރިހާ މަސްދަރެއް އެއްކޮށްލުމެއް ނޫނެވެ. އޭގެ ބަދަލުގައި މި ކަންކަން ގުޅިފައިވާ ގޮތް އަލުން ބިނާކުރުމެވެ.
ބަދަލުވެގެން އައި އިންޑިއާ ކަނޑު: ބާރާއި، ރޭވުމާއި، ފޭރުން (1502–1521)
ސޯޅަވަނަ ގަރުނުގެ ކުރީކޮޅު ރާއްޖެއަށް އައި ބަދަލުތައް ފެށުނީ ހާރިޖީ ގުޅުންތަކަކުން ނޫނެވެ. އަދި ގައުމުތަކުގެ މެދުގައި އޮންނަ އިހުތިރާމަކުންވެސް ނޫނެވެ. އެކަން ފެށުނީ ކަނޑުމަތީގައި ދެއްކި ބާރާއި ނުފޫޒުންނެވެ. 1502-1503 ގައި ވިސެންޗީ ސޮޑްރޭގެ ފްލީޓް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ ހަތަރު އުޅަނދެއް އަތުލައިގަތެވެ. އޭރަކު އަދި، ޕޯޗުގީޒުން މާލޭގެ ރަސްކަމުގެ ގަނޑުވަރާއެކު އެއްވެސް ރަސްމީ މުއާމަލާތެއް ނުކުރެއެވެ. މިދިން ޢުދުވާނަކީ ރާއްޖެއަކީ މިނިވަން ބައިވެރިއެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، އިންޑިއާ ކަނޑުގެ ވިޔަފާރީގެ ނިޒާމުގެ ތެރޭގައި އޮތް ނާޒުކު ތަނެއްގެ ގޮތުގައި ބަލައިގެން ދިން ހަމަލާއެކެވެ.
1506 ވަނަ އަހަރު، މުސްލިމުންގެ ވިޔަފާރި މަގުތައް ހޯދައި އެމަގުތައް ބަންދުކުރުމަށްޓަކައި، ފްރެންސިސްކޯ ޑި އަލްމޭޑާގެ އަމުރަށް، އޭނާގެ ދަރިފުޅު ލޮރެންޒޯ ޑި އަލްމޭޑާ ފޮނުވިއެވެ. މި މަގުތަކުގެ މެދުގައި ރާއްޖެ އޮތުމުން، އިސްތިރާޖީ ގޮތުން ރާއްޖޭގެ މުހިންމުކަން ބޮޑުވިއެވެ. 1508 ގައި ޕޯޗުގަލްގެ ރަސްގެފާނު މި ސަރަހައްދަށް އިތުރު ދަތުރުތައް ކުރަން އަމުރުކުރެއްވިއެވެ. އަދި 1510 ގައި އަފޮންސޯ ޑި އަލްބުކާކް ގޯއާ ހިފުމުން، ޕޯޗުގީޒުންގެ މަގުސަދަކީ ހަމައެކަނި ހޯދައި ބެލުމެއް ނޫން ކަމާއި، އެއީ މުޅި ސަރަހައްދު އިސްތިއުމާރު ކުރުންކަން ސާފުވިއެވެ.
ބޭރުގެ ނުފޫޒުތައް މިގޮތަށް ވަރުގަދަވަމުން ދިޔަ ވަގުތަކީ ރާއްޖޭގެ ދާޚިލީ ނިޒާމުގައި ރެނދުލަމުން ދިޔަ ވަގުތެވެ. 1510-1511 ހިސާބުގައި ސުލްޠާން ޙަސަން 7 ވަނަ، ކަޅު މުޙައްމަދު ރަސްގެފާނު ތަޚުތުން ދުރުކުރުމުން، ވެރިކަމުގެ ބާރުތައް ބަލިކަށިވިއެވެ. މާލޭގެ ގަނޑުވަރުގެ ތެރޭގައި ތަޚުތަށް ވާދަކުރުން އިތުރުވެ، ސިޔާސީ ހަލަބޮލިކަން އުފެދުނެވެ. މި ދަނޑިވަޅުގައި ބުރަކި ރަނިން ވެގެން ދިޔައީ ވަރަށް ނުފޫޒުގަދަ، އަދި ރާއްޖޭގެ ކަންކަން ބަދަލުކޮށްލި އަންހެން ބޭފުޅެއް ކަމުގައެވެ. އޭނާ ބޭނުންވި ކައިވެނީގެ ގުޅުން ކާމިޔާބު ނުވުމުން، ބޭރުގެ އެހީ ހޯދަން ފެއްޓެވިއެވެ. ފުރަތަމަ އަޗޭއިންނާއި، އޭގެ ފަހުން ގޯއާއިންނެވެ. ގޯއާގައި އޭނާ ޕޯޗުގީޒުންނަށް ޖިޒީ ހުށަހެޅީ އެމީހުންގެ އެހީތެރިކަން ހޯދުމަށެވެ. އޭނާ އެނބުރި ރާއްޖެ ވަޑައިގަތީ ސުލްހަވެރިކަމާއެކުއެއް ނޫނެވެ. އޭނާ އޭރު ހުންނެވި ރަސްގެފާނު އަވަހާރަކޮށްލައި، ވެރިކަން އަތުލައި، ކަޅު މުޙައްމަދު ރަސްގެފާނާ ކައިވެނިކޮށް، އެރަސްގެފާނު އަލުން ތަޚުތުގައި ބޭންދިއެވެ. މިއިން އެނގެނީ ރާއްޖޭގެ ސިޔާދަތީ ބާރުގެ ތެރެއަށް ބޭރުގެ ނުފޫޒުތައް ވަދެފައި އޮތް މިންވަރެވެ.
ހަމަ އެވަގުތު، އަރަބި ކަނޑުގެ އަނެއް ފަރާތުން ކަންނަންނޫރުގެ އަލީ ރާޖާގެ ދަށުން މާމަލީވެސް ދިޔައީ ރާއްޖެއަށް ނުފޫޒު ފޯރުވަމުންނެވެ. އޭނާ ރާއްޖޭގެ ރޯނާއި، ބޮއްޔާއި، ކަނޑުގެ މުދާ މަލަބާރުގެ ވިޔަފާރި ނެޓްވޯކަށް ގެންގޮސް، ބޮޑު އާމްދަނީއެއް ހޯދަމުން ދިޔައެވެ. މިއީ ހަމައެކަނި ވިޔަފާރިއެއް ނޫނެވެ. މިއީ ރޭވިގެން ހިންގި ފޭރުމެކެވެ. 1512 ގައި މާމަލީ އޭނާގެ ކޮއްކޮ 'އިކަޕޮކަރް' ރާއްޖޭގެ ރަސްކަމަށް އިސްކުރަން ނިޔަތް ގަތުމަކީ އިގްތިސާދީ ބާރާއެކު ރާއްޖޭގެ ސިޔާސީ ބާރުވެސް އަތުލުމަށް މާމަލީ ކުރި މަސައްކަތް އިތުރު ހަރުފަތަކަށް އުފުލިގެން ދިޔަ ކަމެކެވެ.
ދިވެހިރާއްޖޭގެ ވެރިން މިފަދަ ފިއްތުންތަކުގެ ތެރޭގައި ތިއްބަވައި، ޕޯޗުގީޒުންގެ ބާރު ބޭނުންކުރެއްވީ މާމަލީގެ ނުފޫޒާ ދެކޮޅަށް ހިފަހައްޓާނެ އައްޑަނައެއްގެ ގޮތުގައެވެ. ކަޅު މުޙައްމަދު ރަސްގެފާނު ޕޯޗުގީޒުންގެ އެހީތެރިކަމަށް އެދިވަޑައިގެން، ބަދަލުގައި ޖިޒީ ދެއްވާނެކަމަށް ވިދާޅުވިއެވެ. 1512 ވަނަ އަހަރުގެ އޮގަސްޓް މަހު އަފޮންސޯ ޑި އަލްބުކާކް މި ހުށަހެޅުން ގަބޫލުކުރީ ރާއްޖެ ހަމަޖެއްސުމުގެ ނިޔަތަކު ނޫނެވެ. އޭނާގެ ބޭނުމަކީ މާމަލީގެ ބާރު ދަށްކުރުމެވެ. އޭނާ ކަންނަންނޫރުގެ މުއާމަލާތްތަކުގެ ތެރެއަށް ވަދެ، މާމަލީގެ ރޭވުންތައް ހުއްޓުވައި، ޕޯޗުގަލްގެ ރަސްކަމަށް އަހަރަކު 3،000 ކުއިންޓަލްގެ ރޯނު ދޭން މަޖުބޫރުކުރުވިއެވެ. މީގެ ނަތީޖާއަކަށްވީ މައްސަލަ ހައްލުވުމުގެ ބަދަލުގައި، ރާއްޖެއަކީ ބޭރުގެ ބާރުތަކުން ވާދަވެރިކަމުގައި ބޭނުންކުރާ ތަނަކަށް ބަދަލުވެގެން ދިއުމެވެ.
1518 އާ ހަމައަށް އައިއިރު، މި ވާދަވެރިކަން ސީދާ އަޅުވެތިކަމަކަށް ބަދަލުވިއެވެ. ލޯޕޯ ސޯރޭޒް ޑި އަލްބާގޭރިއާ ފޮނުއްވި ޖޮއާއޯ ޑި ސިލްވެއިރާގެ ފްލީޓަށް ކަޅު މުޙައްމަދު ރަސްގެފާނު ބޮޑެތި ދޫތަކެއް ދެއްވިއެވެ. އޭގެ ތެރޭގައި 750 ބަހާރުގެ ރޯނާއި، އަހަރަކު ލިބޭ އަންބަރުގެ (މާވަހަރު) ދެބައިކުޅަ އެއްބައި އަދި ޕޯޗުގީޒުންގެ ވިޔަފާރި މަރުކަޒެއް ބިނާކުރާނެ ބިން ދިނުން ހިމެނެއެވެ. ނަމަވެސް މިކަން ހަމަޖެހުމުގެ ކުރިން، މާމަލީވެސް ހަމަ އެފަދަ ހުށަހެޅުމެއް ޕޯޗުގީޒުންނަށް ހުށަހެޅިއެވެ. އޭނާ އެދުނީ ރާއްޖޭގެ މައްޗަށް އޭނާގެ ބާރު އޮތްކަން ޕޯޗުގީޒުން ގަބޫލުކުރުމަށެވެ. ޕޯޗުގީޒުން މާމަލީގެ ހުށަހެޅުން ގަބޫލުކުރުމުން އެނގިގެންދިޔައީ، އެމީހުންނަށް ރާއްޖޭގެ މިނިވަންކަމަށްވުރެ މުހިންމީ ރާއްޖެއިން ފޭރިގަނެވޭނެ މުދާ ކަމެވެ.
މި ސިޔާސަތު އިތުރަށް ސާފުވެގެން ދިޔައީ އެ އަހަރުގެ ފަހުކޮޅު، ޑިއޯގޯ ލޯޕޭޒް ޑި ސެކޭރާގެ އަމުރަށް ޖޮއާއޯ ގޯމޭޒް ޗެއިރާޑިނޭރޯ މާލެއަށް ފޮނުވައި، 1518 ނޮވެމްބަރުގައި މާލޭގައި ދާއިމީކޮށް ތިބޭނެ ގޮތް ހެދުމުންނެވެ. މިގޮތުން، މާލޭގައި ކޯއްޓޭއެއް ބިނާކޮށް، ނުފޫޒު ފޯރުވުމުގެ ބަދަލުގައި ސީދާ އިސްތިއުމާރު ކުރަން ފެށުނެވެ. ވިޔަފާރީގެ މައްޗަށް ބާރުފޯރުވައި، ރޯނުން އަގުދައްކައިގެން އެތެރެކުރާ ހަނޑޫ، އެތެރެކުރުމުގައި ނުހައްގު ފައިދާތައް ނަގަން ފެށިއެވެ. އަދި މިކަންކަމަށް ދިވެހިން ދެކޮޅު ހެދުމުން، ކަނޑުމަތިން ދަތުރުކުރާ ދިވެހި ވިޔަފާރި އުޅަނދުފަހަރު ޕޯޗުގީޒުން އަތުލައިގަންނަން ފެށިއެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ އަމާން ތަނަކަށްވުމުގެ ބަދަލުގައި، ބިރުވެރިކަމާއި މަޖުބޫރުކުރުމުގެ މައިދާނަކަށް ބަދަލުވިއެވެ.
މާމަލީގެ ރައްދުވެސް އައީ ވަރަށް ބޮޑު ރޭވުންތެރިކަމަކާ އެކުގައެވެ. އޭނާގެ މަންދޫބުން މާލެއިން ބާލައި، އޭނާގެ ހަރަކާތްތައް ދެކުނުގެ އަތޮޅުތައް ކަމަށްވާ އައްޑުއާއި، ފުވައްމުލަކާއި، ހުވަދުއަށް ބަދަލުކުރިއެވެ. އެއީ މަރުކަޒީ ސަރުކާރުގެ ބާރު ކުޑަ، އަދި ކަނޑުގެ ދަތުރުފަތުރުގެ މަގުތައް ބަދަލުވެފައިވާ ސަރަހައްދަކަށް ވާތީއެވެ. މި އަތޮޅުތަކަކީ ކުރިންވެސް ނާޒުކު ހާލަތެއްގައި އޮތް ސަރަހައްދުތަކެއް ކަމުން، މާމަލީގެ ފޭރުމުގެ ހަރަކާތްތައް އެތަނުގައި ވަރަށް ބޮޑަށް ވަރުގަދަވިއެވެ. މި ބަދަލާއެކު ރާއްޖެއަށް ކުރިމަތިވެފައިވާ ފިއްތުންތައް ކުޑައެއް ނުވިއެވެ. އޭގެ ބަދަލުގައި އެ ފިއްތުންތައް މުޅި ރާއްޖެއަށް ފެތުރި، ގަދަބާރު ދެއްކުމާއި ދެކޮޅަށް ތެދުވުމުގެ ގާބިލުކަން ކުޑަ ރަށްތަކަށް އޭގެ ނުރައްކާ ބޮޑުވިއެވެ.
1521 ވަނަ އަހަރު، މި ހުރިހާ ނުތަނަވަސްކަމެއް ގޮސް ނިމުނީ ބޮޑު ހަމަނުޖެހުމަކަށެވެ. ފަތިސް ވަގުތެއްގައި މާލޭގައި ހުރި ޕޯޗުގީޒު ކޯއްޓޭއަށް ވަރުގަދަ ހަމަލާއެއް ދީ، އެތަން ހިފައި، އެތަނުގައި ތިބި ޕޯޗުގީޒުން މަރައި، އެމީހުންގެ އުޅަނދުފަހަރު އަންދާލިއެވެ. މިއީ ހަމައެކަނި ދިވެހިން ކުރި ކަމެއް ކަމަށްވިޔަސް ނުވަތަ މަލަބާރު މީހުންގެ އެހީތެރިކަމާއެކު ކުރި ކަމެއް ކަމަށްވިޔަސް، މީގެ ނަތީޖާއަކީ ވެރިރަށް މާލެއިން ޕޯޗުގީޒުން ބޭރުކޮށްލުމެވެ. ނަމަވެސް، މިކަމުން ކުރީގެ އަމާންކަމެއް އަލުން އިއާދައެއް ނުކުރެވުނެވެ. ފާއިތުވި ދެ ދަހަރު ތެރޭގައި ރާއްޖޭގެ ބާރުގެ އޮނިގަނޑާއި، ވިޔަފާރިއާއި، ރައްކާތެރިކަން އޮތީ މުޅިން ބަދަލުވެފައެވެ.
މީގެ ނަތީޖާއެއްގެ ގޮތުން އުފެދުނީ ބައިބައިވެފައިވާ، ކަނޑުމަތީގެ ނުރައްކާތެރި މާހައުލެކެވެ. މަރުކަޒީ ސަރުކާރު ބަލިކަށިވެ، ދުރު އަތޮޅުތައް ބޭރުގެ ފޭރުންތެރިންގެ މުށުތެރެއަށް ދިޔައެވެ. މިއީ ރަސްމީ ތާރީޚުތަކުގައި ނުލިޔެވި އޮތް، ނަމަވެސް ރަށްވެހިންގެ ހަނދާނުގައި ބިންވަޅު ނެގިފައިވާ ހަގީގީ ތާރީޚެވެ. އައްޑުއާއި، ފުވައްމުލަކާއި، ހުވަދޫ ފަދަ ދުރު އަތޮޅުތަކުގެ ތަޖުރިބާތަކަކީ ސިޔާސީ ނުވަތަ ހާރިޖީ ލިޔުންތަކަކުން ފެންނަން ހުރި ކަންކަމެއް ނޫނެވެ. އެއީ ކުއްލިއަކަށް ރަށަށް އަރައިގަނެ، ފޭރިގަނެ، އަނިޔާވެރިކަން އިސްކުރި މީހުންގެ ބިރުވެރި ހަނދާންތަކެވެ.
މަލަބާރު މީހުންނާއި ޕޯޗުގީޒުންގެ ފަރާތުން ފެނުނު މި އަނިޔާވެރިކަމުގެ ތަޖުރިބާގެ ތެރެއިން "ފެރޭތަ" މި މަފްހޫމް އުފެދިގެން އައީ އެއްވެސް ޙާލެއްގައި ފުލޯކު ވާހަކައެއްގެ ގޮތުގައެއް ނޫނެވެ. އެއީ އެ ދުވަސްވަރު ދިމާވި ހަގީގީ ހާދިސާތަކުގެ ބަހަވީ އަދި ސަގާފީ ރަމްޒެކެވެ. ތާރީޚީ ލިޔުންތަކުގައި މާމަލީގެ މީހުންނާއި ޕޯޗުގީޒު ފްލީޓްތަކަކީ ތަފާތު ބާރުތަކެއްގެ ގޮތުގައި ފާހަގަކުރި ނަމަވެސް، ރަށްވެހިންގެ ހަނދާނުގައި އެ އެންމެންނަކީ އެއް މަގުސަދެއްގައި އައި ބައެކެވެ. އެއީ ފަރު ހުރަސްކޮށް، ވިލު ތެރެއަށް ވަދެ، ރަށްރަށުން ގެންދެވެން އޮތް ހުރިހާ އެއްޗެއް ފޭރިގަނެގެން ދިޔަ "ފެރޭތަ" ނުވަތަ "ފުރޭތަ" ތަކެކެވެ.
ފެރޭތަ: ކަނޑުފޭރޭމީހުންގެ ބާވަތްތަކާއި، ކަނޑުމަގުން ކުރިމަތިވި ބިރުވެރިކަން ގިންތިކުރެވިފައިވާ ގޮތް
ދިވެހިރާއްޖޭގައި ކިޔަމުން އަންނަ "ފެރޭތަ" ވާހަކަތަކަކީ އެއްވެސް ޙާލެއްގައި ފުލޯކް ވާހަކަތަކެއް ނޫނެވެ. ކަނޑުފޭރޭމީހުންގެ ވާހަކަތަކުންނާއި، ފަޅުވެފައިވާ ނުވަތަ ސުންނާފަތި ކޮށްލާފައިވާ ރަށްރަށުގެ ނިޝާންތަކުންނާއި، އާބާދީތަކަށް އައި ބަދަލުތަކުންނާއި، އަދި ރާއްޖޭގެ އެކި އަތޮޅުތަކުގައި ހުރި އެކަހެރި ސަހަރާތަކުން، ނުހަނު ބޮޑަށް ފެންނަން އޮތީ ރާއްޖެއަށް ކުރިމަތިވި ބޭރުގެ ނުރައްކާތަކުގެ އަސަރުތަކެވެ. މީގެ ސަބަބުން ރަށްރަށް ފަޅުވެ، މީހުން ހިޖުރަކުރަން ޖެހި، އަދި މުޅި ރާއްޖޭގެ ބައެއް ސަރަހައްދުތަކަކީ ދާއިމީ ބިރުވެރިކަމެއްގެ ތެރޭގައި އޮތް ތަންތަނަށް ވެގެންދިޔައެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި، ޚާއްޞަކޮށް މާލެއާ ދުރުގައިވާ އުތުރާއި ދެކުނުގެ އަތޮޅުތަކުގައި، ބައެއް ރަށްރަށަކީ ހަމައެކަނި ހާދިސާތަކެއް ހިނގި ތަންތަނެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ އެތަންތަނުގައި ދިރިއުޅުން ބިރުވެރިކަމަކަށް ވެފައިވާ ތަންތަނުގެ ގޮތުގައި ފާހަގަކުރެވެއެވެ. ބައެއް ރަށްރަށް ތަކުރާރުކޮށް ފަޅުކޮށްފައިވެއެވެ. އަނެއްބައި ރަށްރަށަކީ މީހުން ހުސްވެ، ފަހުން އަލުން އާބާދުވި ރަށްރަށެވެ. އަދި ބައެއް ރަށްރަށުގައި ހުރި ސަހަރާތަކަކީ އެތަންތަން އާބާދުކުރި މީހުން މިހާރު ދުނިޔޭގައި ނެތް، ނުވަތަ އެރަށްރަށުގެ އާބާދީތައް ނެތިދިޔަކަމުގެ ހަނދާންތަކެވެ. އަނގަބަހުން ކިޔައިދޭ ވާހަކަތަކުން އެނގޭ ގޮތުގައި، ކުއްލި ކުއްލިއަށް ރަށްރަށް ދޫކޮށް ދިއުމާއި، ތަކުރާރުކޮށް ކުރިމަތިވި ހަމަލާތަކުގެ ސަބަބުން އާންމު ދިރިއުޅުން ކުރިއަށް ގެންދިއުމަށް ވަނީ ހުރަސް އެޅިފައެވެ. މި ހެކިތަކާއި ވާހަކަތައް އެކުލަވައިލުމުން އެނގެނީ، މިއީ އެކި ދުވަސްވަރު ހިނގާފައިވާ ވަކިވަކި ހާދިސާތަކެއް ނޫން ކަމާއި، މިއީ ބޭރުގެ ބާރުތަކުން ރާއްޖޭގެ ވަސީލަތްތައް ފޭރުމަށް ހިންގާފައިވާ ބޮޑު ސިލްސިލާއެއް ކަމެވެ.
"ފެރޭތަ" ނުވަތަ "ފުރޭތަ" މި ލަފުޒު މާނަކުރަންޖެހެނީ މި ދެންނެވި ތާރީޚީ ކަންކަމުގެ އަލީގައެވެ. މި ލިޔުމުގައި "ފެރޭތަ" އަކީ ހަމައެކަނި ބިރުވެރި ޚިޔާލީ މަޚްލޫޤެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، އެއީ ކަނޑުފޭރޭމީހުންނަށް ދިވެހިން ބޭނުންކުރާ ޢާންމު ނަމެއްގެ ގޮތުގައި ބެލެވިފައިވެއެވެ. މި ލަފުޒު އުފެދިފައިވަނީ ޕޯޗުގީޒު ބަހުގެ "ޕިރާތާ "(Pirata) އިންނެވެ. މި ނަމުގެ ދަށުން ތަފާތު ބާވަތްތަކުގެ ކަނޑުފޭރޭމީހުން ގިންތިކުރެވިފައިވެއެވެ. މިއީ ތަފާތު ސިފަސިފައަށް ތިބޭ ފުލޯކް މަޚްލޫޤުންތަކެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ އެމީހުން އައި ގޮތާއި، ކުރި ކަންތައްތަކާއި، ގެންދިޔަ ތަކެއްޗާއި، އަދި ރާއްޖެއަށް އަރައިގަތުމުގައި އަދާކުރި ދައުރަށް ބަލައި ބަހާލެވިފައިވާ ކަނޑުފޭރޭމީހުންގެ ބާވަތްތަކެކެވެ.
މި ގިންތީގެ ތެރޭގައި ހިމެނޭ އެންމެ ކުރީގެ ބާވަތްތަކަކީ ބޭރި، ކަނޑު ލަބަރި، އަދި މާލި އެވެ. މި ބާވަތްތައް ގުޅިފައިވަނީ މަލާބާރު ކަރައިގެ ބާރުގެ ދަށުން، ޚާއްޞަކޮށް ކަންނަނޫރުގެ މާމަލީގެ ނުފޫޒުގެ ދަށުން ރާއްޖެއަށް ކުރިމަތިވި ފޭރުންތަކާއެވެ. "ބޭރި" އަކީ ހަމައެކަނި ކުއްލި ހަމަލާއެއް ދޭ މީހެއް ނޫނެވެ. އޭނާއަކީ ކަނޑުން އަރައި، ވާހަކަދައްކައި، ސުވާލުކޮށް، ކަންކަން އޮޅުންފިލުވާ މީހެކެވެ. އޭނާ ރަށުގައި ގިނަ ދުވަހު މަޑުކޮށް، ރަށުގެ މީހުންނާއި، ރަށުގެ ވަސީލަތްތަކާއި، މީހުން އުޅޭ ނޫޅޭ ގޮތް ދެނެގަނެއެވެ. އޭނާ އާންމުކޮށް އުޅެނީ މީހުންނާ ވަކިން ބޮޑެތި ގަސްގަހުގެ ދަށުގައެވެ. އޭނާގެ އަސްލު މަގުސަދަކީ ފޭރުމުގެ ކުރިން ބޭނުންވާ މަޢުލޫމާތު އެއްކުރުމެވެ. އެހެންކަމުން، ބޭރިއަކީ ފަހުން އަންނާނެ ބޮޑު ހަމަލާއަކަށް މަގުކޮށައިދޭ ސްކައުޓް ނުވަތަ "ޖާސޫސީ ކަނޑުފޭރޭމީހާ" ކަމުގައި ބެލެވިދާނެއެވެ.
"ކަނޑު ލަބަރި" އަކީވެސް އެ ދުވަސްވަރުގެ ބާވަތެކެވެ. މި ނަމުން ދޭހަވަނީ މަލާބާރު ކަރައާ އޮތް ގުޅުމެވެ. މިއީ ކުއްލިއަކަށް އައިސް ހަލަބޮލިކަމެއް އުފައްދާ ބައެއްގެ ބަދަލުގައި، ވަކި ނިޒާމެއްގެ ދަށުން ބޭރުގެ ބާރުތަކުން ރާއްޖެއަށް އަތްގަދަކުރި ކުރުމުގެ ރަމްޒެކެވެ. ޚާއްޞަކޮށް އައްޑުއާއި ހުވަދޫ އަތޮޅުގައި ހިންގާފައިވާ ހަރަކާތްތަކަށް ބަލާއިރު، މިއީ ވިޔަފާރީގެ ނަމުގައި ނުވަތަ ޖިޒީ ނެގުމުގެ ނަމުގައި ރަށްރަށް ބަލައި ފާސްކޮށް، ރާއްޖޭގެ ވަސީލަތްތައް ބޭރުގެ ވިޔަފާރި ނިޒާމުތަކުގެ ތެރެއަށް ވެއްދުމުގެ މަރުހަލާއެކެވެ.
"މާލި" އަކީވެސް ފެރޭތައިގެ ބާވަތެކެވެ. ނަމަވެސް މިއީ މާ އަނިޔާވެރި ބާވަތެކެވެ. ބޭރިއަކީ މަޢުލޫމާތު އެއްކުރާ މީހާ ކަމަށްވާނަމަ، މާލިއަކީ ރޭގަނޑުގެ ވަގުތުތަކުގައި ރަށްރަށަށް އަރައި، ބިރުދައްކައި، ފޭރޭ މީހާއެވެ. މި ނަން މިހާރުވެސް ދިވެހިންގެ ކުޅިވަރުތަކާއި ހަނދާންތަކުގައި ދެމިއޮތީ އެއީ ފަހަރެއްގައިވެސް ޚިޔާލީ ސޫރައަކަށް ވާތީއެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ ރޭގަނޑުގެ އަނދިރީގައި ކުއްލިއަކަށް ރަށްރަށަށް މޫނު ނިވާކޮށް ގައިގާ ފޮތި ބަނދެގެން އަރައި، މީހުންނަށް ބިރުދައްކައި، މުދާ ފޭރިގަތް ކަނޑުފޭރޭމީހުންގެ ހަނދާންތައް ދެމެހެއްޓުމުގެ ގޮތުންނެވެ.
1518 ވަނަ އަހަރަށްފަހު ޕޯޗުގީޒުންގެ ނުފޫޒު ގަދަވެ، 1521 ގައި އަމާންކަން ގެއްލިގެން ދިޔުމާއެކު، ފެރޭތައިގެ ބާވަތްތައް އިތުރުވެގެން ދިޔައެވެ. މިގޮތުން "ވިގަނި" އަދި "ބަޑިއެދުރު" ފަދަ ނަންތައް ފާހަގަކުރެވެއެވެ. ވިގަނިއަކީ މަރުވުމާއި، ސަހަރާތަކާއި، ބަލިމަޑުކަމާއި ގުޅުވޭ ބާވަތެކެވެ. މިއީ ބަލިމަޑުކަން ފަތުރާ ނުވަތަ ކަރަންޓީނު ކުރެވިފައި ތިބެ ރަށްރަށުގެ އަރިމަތީގައި އުޅުނު ކަނޑުފޭރޭމީހުންގެ ހަނދާންތަކަކަށް ވެދާނެއެވެ. ބަޑިއެދުރަކީ ރޭގަނޑު ބަޑިބޭހުގެ އަލިނަރު ދިއްލައިގެން ރަށްރަށަށް އަރައި، ކާބޯތަކެއްޗާއި ޖަނަވާރު ކޮށިތަކުން ފޭރިގަންނަ މީހާއެވެ. އޭނާއަކީ ދަތުރުމަތީގައި ބޭނުންވާ ކާބޯތަކެތި ހޯދުމަށް ރަށްރަށަށް އަރާ ފޭރޭ ކައްޕިތާނެކެވެ. އޭނާ ހުންނަ ކަމަށްވަނީ ރަތްކުލައިގެ ކުރުއްޕިއެއް ލައިގެން، ބަޑިއެއް ނުވަތަ ފިސްތޯލައެއް ހިފައިގެން ކަމަށް ވެއެވެ.
މި ހުރިހާ ނަންތަކަކުން އެނގެނީ، ކަނޑުފޭރޭމީހުންގެ އުނދަގޫތަކަކީ ދިވެހިންނަށް ހަމައެކަނި އެއްމެގޮތަކުން ކުރަންޖެހުނު ތަޖުރިބާއެއް ނޫން ކަމެވެ. އެމީހުން ކުރާ ކަންތައްތަކަށް ބަލައި ދިވެހިން އެމީހުން ތަފާތުކުރިއެވެ. ބައެއް މީހުން އައީ ބަލާށެވެ. ބައެއް މީހުން އައީ ފާސްކުރާށެވެ. ބައެއް މީހުން ބިރުދައްކާށެވެ. ބައެއް މީހުން މުދާ ފޭރޭށެވެ. އަދި ބައެއް މީހުން އައީ މީހުންނާއި ކަތިލެވޭ ޖަނަވާރު ގެންދާށެވެ. "ފެރޭތަ" މި ޢާންމު ނަމުގެ ދަށުން، ކަނޑުފޭރޭމީހުންގެ ހުރިހާ އަމަލުތަކެއް ވަނީ ގިންތިކުރެވިފައެވެ.
މި ގިންތިތަކުން ތާރީޚީ ތަރުތީބެއްވެސް ފެނެއެވެ. ކުރީގެ ބާވަތްތައް ގުޅެނީ މަލާބާރުގެ ނުފޫޒު އޮތް ދުވަސްވަރާއެވެ. ފަހުގެ ބާވަތްތައް ގުޅެނީ ޕޯޗުގީޒުންނާއި ވިލާތުގެ އެހެން ބާރުތަކުން ރާއްޖޭގެ މުދަލާއި މީހުން ފޭރުނު އަނިޔާވެރި ދުވަސްވަރާއެވެ. ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ބަދަލުވީ ފެރޭތައިގެ ދައުރާއި އެމީހުން ފޭރުމަށް ބޭނުންކުރި އުކުޅުތަކެވެ.
ރަށްރަށުގައި މި ކަންކަން ސިފަކޮށްފައިވާ ގޮތްވެސް ވަރަށް މުހިންމެވެ. ކަނޑުމަގުން ކުރިމަތިވާ މި ނުރައްކާތައް ސިފަކުރުމުގައި "ބޮޑެތި ބުޅާ" ނުވަތަ "ބޮޑެތި ބަރަވެލި" ފަދަ ސިފަތައް ބޭނުންކޮށްފައިވެއެވެ. މިއީ ކުޑަކުދިންނަށް ކިޔައިދޭ ފުލޯކް ވާހަކަތަކެއް ނޫނެވެ. މިއީ ބިރުވެރިކަމުގެ ތެރޭގައި، ފަރުމަތިންނާއި ވިލުތަކުން ރަށަށް އަރައިގަންނަ ބޭރުގެ އުޅަނދުފަހަރާއި މީހުންގެ ހަރަކާތްތައް ސިފަކުރުމަށް ބޭނުންކޮށްފައިވާ ބަސްމަގެކެވެ. މި ވާހަކަތައް މާލެއާއި މެދުރާއްޖެތެރޭ އަތޮޅުތަކަށް ދިޔުމުން، އެމީހުންނަށް އެވާހަކަތައް ސިފަކުރެވުނީ ކަނޑުންއަރާ ޖިންނި ޝައިތާނުންގެ ވާހަކަތަކެއްގެ ގޮތުގައެވެ. އަދި ފަހުން ރާއްޖެއަށް އައި ވިލާތުގެ މީހުން (މިސާލަކަށް ފްރާންސުވާ ޕިރާޑް އަދި އެޗް.ސީ.ޕީ ބެލް) ރާއްޖޭގެ ވާހަކަތައް ލިޔުނުއިރު، އެމީހުން މިކަންކަން ބަލާފައިވަނީ ހަމައެކަނި ދިވެހިންގެ ތެރޭގައި އޮތް ޚުރާފީ ގަބޫލުކުރުންތަކެއްގެ ގޮތުގައެވެ.
ނަމަވެސް، ރަށްރަށުން ފެންނަން ހުރި ހެކިތަކަށް ބަލާއިރު، މިއީ ފުލޯކް ވާހަކަތަކެއް ނޫންކަން ސާފުވެއެވެ. މިއީ ތާރީޚީ ގޮތުން ކަނޑުފޭރޭމީހުންގެ ބާވަތްތައް ވަކިކުރުމަށް ބޭނުންކުރި ނަންތަކެކެވެ. ފަޅުވެފައިވާ ރަށްރަށާއި، ސަހަރާތަކަކީ މި ނުރައްކާތެރި ހާލަތްތަކުގެ ހެކިތަކެވެ.
އެހެންކަމުން، ބޭރި، ކަނޑުލަބަރި، މާލި، ވިގަނި، އަދި ބަޑިއެދުރު ފަދަ ނަންތަކަކީ ހަމައެކަނި ކުޑަކުދިން ބިރުގަންނަވަން ދައްކާ ވާހަކަތަކެއް ނޫނެވެ. އެއީ ކަނޑުފޭރޭމީހުންގެ ތަފާތު ބާވަތްތަކާއި އެމީހުންގެ އަމަލުތައް ދިވެހިން ގިންތިކޮށްފައިވާ ގޮތެވެ. ރަސްމީ ތާރީޚީ ލިޔުންތަކުގައި "ވިޔަފާރި" އާއި "ޖިޒީ" ފަދަ ލަފުޒުތައް ބޭނުންކުރި ނަމަވެސް، ރާއްޖޭގެ ރަށްރަށުގައި އެކަންކަން ހަނދާން ހުރީ ތަފާތު އުކުޅުތަކާއި ބޭނުންތަކުގައި ކަނޑުމަގުން އަރައިގަތް "ފެރޭތަ" ތަކެއްގެ ގޮތުގައެވެ.
ދިވެހި ޢިލްމީ އަދަބިއްޔާތުގެ ތާރީޚުން ފެންނަން ހުރި ހެކިތައް: ފްލޯކު ވާހަކަތަކުގައި ކިޔާ ރޫޙާނީ ޝަޚުޞުތަކުގެ ގިންތީގައި 'ފުރޭތަ' ހިމެނިފައި ނެތުން
ދިވެހި ޢިލްމީ އަދަބިއްޔާތުގެ ތާރީޚާއި، ފިކުރީ އޮނިގަނޑުގެ ތެރެއިން ފާހަގަކޮށްލެވޭ މުހިންމު ކަމެއް ފެންނަން އެބައޮތެވެ. އެއީ ދިވެހިން ގަބޫލުކުރަމުން އައި ޚުރާފީ ކަންކަމާއި، ދިވެހިންގެ ދިރިއުޅުމުގައި ތަޖުރިބާކުރި ޙަޤީޤީ ކަންކަމާ ދެމެދު ހުރި ތަފާތުތައް ދެނެގަތުމަށް ލިބޭ މަދު ފުރުސަތުތަކުގެ ތެރެއިން ފުރުސަތެކެވެ. ދިޔަމިގިލީ މުޙައްމަދު އިމާދުއްދީން ރަދުންގެ ދަރިކަލުން އިބްރާހީމް އިސްކަންދަރު ރަދުންގެ ރަސްކަމުގެ ދުވަސްވަރު (1720 އާއި 1750 އާ ދެމެދު) އުޅުއްވި މަޝްހޫރު އިލްމުވެރިޔާ ހާޖީ އެދުރު ކަލޭފާނުގެ ޅެންބަޔަކީ، ދިވެހިންގެ ޚުރާފީ ތަޞައްވުރުގައި ހިމެނޭ ތަފާތު މަޚްލޫޤުންތަކެއް ވަރަށް ތަރުތީބުކޮށް ބަޔާންކޮށްދީފައިވާ ލިޔުމެކެވެ. "ހާޖީ އެދުރު ކަލޭފާނުގެ ޅެންބައި" ގެ ނަމުން މަޝްހޫރުވެފައިވާ މި ޅެންބަޔަކީ ފަހަރެއްގައިވެސް އާދައިގެ ޅެންބައެއް ނޫނެވެ. އެއީ ދިވެހިންގެ ފަންޑިތަސިހުރުވެރިކަމުގެ ޢިލްމުގައި، ކައުނިއްޔާތާ ގުޅުންހުރި ކަމަށް ޤަބޫލުކުރަމުން ދިޔަ ތަފާތު ބާވަތްތަކުގެ ރޫހުތައް ނުވަތަ ޚުރާފީ ޝަޚުޞުތައް ބަޔާންކޮށްދޭ ލިސްޓެކެވެ.
މި ޅެމުގައި ނަންގަނެވިފައިވާ ޚުރާފީ މަޚްލޫޤުންގެ ތެރޭގައި ރަވޯ، އޮޑިތާން، ހޭމޫސާ، ދިޔޯ، މިސްކިތްދާރަ، ހަންޑި، ވިގަނި، ކުޑަފޫޅު، އިފުރީންފިރާ، އޮޑިވަރު ރެއްސި، ކިއްސައްދެވި، ބަބުރުކަލޯ، ހާމުންޑި، ބުއްދެވި، ބައިރާ، އައިބަންތުރަ، ބަވަ، އުފަދާނަ، ތިރުނަ، ވެދާނަ، ވިންނާނަ، ހަންގިސްކާރަ، އިސްފަރޫފަ، ނާމަރޫފަ، ހަދަގަތާނަ، ދަރުމަރާނަ، ހޫލު، އަދި ދާތި ހިމެނެއެވެ. މި ލިސްޓުގެ މުހިންމުކަން ބިނާވެފައިވަނީ ހަމައެކަނި އޭގައި ހުރި ނަންތަކަކަށް ނޫނެވެ. އެއީ ދިވެހިންގެ ވާހަކަތަކާއި، އަގީދާގެ ތެރޭގައި ހިމެނޭ މަޚްލޫޤުންތަކެއް ވަކި ގިންތިތަކަކަށް ފައްތައި، އެތަކެތި ޤަބޫލުނުކުރުމަށް ބާރުއަޅާ ކުރެވިފައިވާ މަސައްކަތެކެވެ. މީގެ ތެރެއިން ގިނަ މަޚްލޫޤުންނަކީ ރާއްޖެ އިސްލާމްވުމުގެ ކުރީގެ ތާރީޚާ ގުޅިފައިވާ، ނަމަވެސް ފަހުން އިސްލާމީ ތަޞައްވުރެއްގެ ތެރެއިން ޖިންނި، އިފުރީތު އަދި ޝައިޠާނާ ފަދަ ލަފުޒުތަކާ ގުޅުވައިގެން މާނަކުރެވިފައިވާ ތަކެއްޗެވެ.
މި ނަޒަރުން ބަލާއިރު، މި ޅެމުގެ އޮނިގަނޑަށް ވަރަށް ބޮޑު އިލްމީ އަހައްމިއްޔަތެއް ލިބިގެންވެއެވެ. މިއީ ފެންނަން ނެތް ނުވަތަ ސިހުރުވެރި ބާރުތަކެއް ލިބިފައިވާ މަޚްލޫޤުން ގިންތިކުރުމަށް ބޭނުންކޮށްފައިވާ ދިވެހިންގެ ޢިލްމީ އަދަބިއްޔާތުގެ އޮނިގަނޑެކެވެ. އެހެންކަމުން، ދިވެހިންގެ ފުލޯކު ވާހަކަތަކާއި ބިރުވެރި މަޚްލޫޤުންގެ ގިންތީގައި "ފުރޭތަ" ހިމެނޭނަމަ، މިފަދަ ތަފްސީލީ ލިސްޓެއްގެ ތެރެއިން އެ ނަން ފެންނަން އޮންނާނެކަމަށް ބެލެވެއެވެ. ނަމަވެސް، މިހާ ގިނަ ނަންތަކެއް ހިމެނޭ ލިސްޓުގައި "ފުރޭތަ" ނުވަތަ "ފެރެއިތާ" މި ލަފުޒު އެއްގޮތަކަށްވެސް ހިމެނިފައެއް ނުވެއެވެ.
މި ނަން އުނިވެފައިވުމަކީ ހަމައެކަނި އިއްތިފާގެއް ނޫނެވެ. އަދި އެއީ ހަނދާން ނެތިގެން ދޫކޮށްލެވިފައިވާ ނަމެއް ކަމަށް ބެލުމުގެ ފުރުސަތެއްވެސް ނެތެވެ. "ފުރޭތަ" އަކީ ހާޖީ އެދުރު ކަލޭފާނު ބަޔާންކުރެއްވި ފަދަ ސިހުރުވެރި ނުވަތަ ރޫހާނީ މަޚްލޫޤެއް ކަމަށް އެ ޒަމާނުގެ ދިވެހިން ގަބޫލުކުރި ނަމަ، އެހާ ފުރިހަމަ ލިސްޓެއްގެ ތެރެއިން އެ ނަން ފެނުނީހެވެ. އެ ނަން ނެތުމުން ދޭހަވަނީ، އަށާރަވަނަ ގަރުނުގެ ދިވެހި ފިކުރުގައި "ފުރޭތަ" އަކީ ކައުނިއްޔާތާ ގުޅުންހުރި ނުވަތަ ސިހުރުވެރި މަޚްލޫޤުންގެ ގިންތީގައި ހިމެނޭ އެއްޗެއް ނޫން ކަމެވެ. އެއީ ދިވެހިންގެ އަގީދާއާއި ފުލޯކު ވާހަކަތަކުގެ ބޭރުން އައިސްފައިވާ ކަމެއްކަމެވެ.
މި ތަފާތު އިތުރަށް ސާފުވަނީ މީގެ މާ ކުރީގެ ބޭރުގެ ހެކިތަކަށް ބަލާއިރުއެވެ. 1606 ވަނަ އަހަރު ފްރާންސުވާ ޕިރާޑް ދިވެހިންގެ ސިހުރުވެރިކަމާއި، ދީނީ ކަންކަމާއި، ގަބޫލުކުރުންތަކާ ބެހޭގޮތުން ވަރަށް ތަފްސީލީ މަޢުލޫމާތުތަކެއް އެއްކުރި ނަމަވެސް، "ފުރޭތަ" އަކީ އެފަދަ މަޚްލޫޤެއްގެ ގޮތުގައި އޭނާ ފާހަގަކޮށްފައެއް ނުވެއެވެ. އޭނާގެ ލިޔުންތަކުގައި ނުރައްކާތަކާއި، އުނދަގޫތަކާއި، ހާސްކަން ބަޔާންކޮށްފައި ހުރި ނަމަވެސް، އެއީ ވަކި ޚާއްޞަ ސިހުރުވެރި މަޚްލޫޤެއްގެ ގޮތުގައި ނަންގަނެފައެއް ނުވެއެވެ. އެހެންކަމުން، ރާއްޖޭގެ އަދަބީ ލިޔުންތަކުންނާއި ބޭރުގެ ހެކިތަކުންވެސް މި އިޝާރާތް ކުރަނީ އެއް މިސްރާބަކަށެވެ.
މި ހުރިހާ ހެކިތަކަކަށް ބަލާއިރު، ވަރަށް ސާފު ނަތީޖާއަކަށް އާދެވޭނެއެވެ. "ފުރޭތަ" އަކީ ދިވެހިންގެ ފުލޯކު ވާހަކަތަކުގެ ނުވަތަ ޚުރާފީ ކައުނިއްޔާތުގެ ރޫޙުތަކުގެ ތެރޭގައި ހިމެނޭ ބައެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ބޭރުގެ ފަރާތްތަކާ ކުރިމަތިލާން ޖެހުމުން ނުވަތަ ބޭރުން ދިމާވި ނުރައްކަލުގެ ހާދިސާތަކަކުން އުފެދުނު ލަފުޒެކެވެ. މީގެ މާނައަކީ ދިވެހިންގެ ތެރޭގައި ޚުރާފީ ކައުނިއްޔާތުގެ މުއްސަނދި އިލްމެއް ނެތީއެކޭއެއް ނޫނެވެ. "ހާޖީ އެދުރު ކަލޭފާނުގެ ޅެންބައިން" ފެންނަނީ އެ ނިޒާމުގެ ފުޅާކަމާއި ތަރުތީބެވެ. މީގެން ސާބިތުވަނީ "ފުރޭތަ" އަކީ އެ ނިޒާމުގެ ބޭރުން އައިސްފައިވާ، ކަނޑުމަތިން އަންނަ ނުރައްކާތަކާ ގުޅިފައިވާ ބައެއް ކަމެވެ.
މި ތަފާތުގެ ސަބަބުން، ކުރިން ބަޔާންކުރެވުނު "ވިގަނި" ފަދަ ލަފުޒުތައް ބޭނުންކުރެވިފައިވާ ގޮތްވެސް ސާފުވެއެވެ. "ވިގަނި" އަކީ މަރުގެ ނުރައްކަލާއި ނުފެންނަ ބާރުތަކާ ގުޅުވައިގެން ބޭނުންކުރި ގަދީމީ ލަފުޒެއް ނަމަވެސް، ފަހުން އެ ލަފުޒު "ފުރޭތަ" އާ ގުޅުވައިގެން ބޭނުންކުރުމަކީ ބަހަށް އައި ބަދަލެކެވެ. ބައެއް ގަދީމީ ލަފުޒުތައް އައު ނުރައްކާތަކެއް ބަޔާންކުރުމަށް ބޭނުންކުރެވުނެވެ. މިސާލަކަށް ބަލިމަޑުކަމާއި، މަރާއި، ރަށްރަށުގެ ދިރިއުޅުމުގެ ބޭރުން އަންނަ ކަނޑުމަތީގެ ނުރައްކާތެރި ފަރާތްތައް ބަޔާންކުރުމަށް މިފަދަ ލަފުޒުތައް ބޭނުންކުރެވުނެވެ. އެހެންކަމުން، "ވިގަނި ފުރޭތަ" އަކީ ފުލޯކު ވާހަކައަކުން އުފެދުނު އެއްޗެއް ނޫނެވެ. އެއީ ކުރީގެ ލަފުޒެއް ބޭނުންކޮށްގެން، ދިރިއުޅުމުގައި ކުރިމަތިވި ހަގީގީ ނުރައްކާތަކެއް ސިފަކުރުމަށް އުފެދުނު ނަމެކެވެ.
ވީމާ، ރަސްމީ ފުލޯކު ވާހަކަތަކުގެ ތެރޭގައި "ފުރޭތަ" ނެތުމަކީ ފަހަރެއްގައިވެސް އުނިވުމެއް ނޫނެވެ. އެއީ އޭގެ އަމިއްލަ ޒާތުގައި ލިބޭ ވަރަށް ބޮޑު ހެކިބަހެކެވެ. އެއީ ދިވެހިންގެ ޢިލްމީ ދާއިރާގައި ގަބޫލުކުރަމުން އައި ޚިޔާލީ ކަންތައްތަކާއި، ކުރިމަތިވި ހަގީގީ ހާދިސާތަކާ ދެމެދު އޮތް ރޮނގު ވަކިކޮށްދޭ ހެއްކެކެވެ. އަދި އެއީ ޚުރާފީ ކައުނިއްޔާތުގެ ރޫޙުތަކުގެ ގިންތިތަކާއި، ބޭރުގެ އުދުވާނާއި ހާދިސާތައް ބަޔާންކުރުމަށް ބަހަށް އައި ބަދަލުތައް އަންގައިދޭ މުހިންމު ނިޝާނެކެވެ.
ވިހިވަނަ ޤަރުނުގެ މާނަކުރުންތަކާ ބެހޭ ނޯޓެއް: ޙުސައިން ޞަލާޙުއްދީނާއި އެޗް. ސީ. ޕީ. ބެލް
ޚުރާފީ ކުށްހީތަކުގެ މައްޗަށް ބިނާވެފައިވާ ގަބޫލުކުރުންތަކާއި، އިންސާނުންނަށް ކުރިމަތިވި ހަގީގީ ހާދިސާތަކާ ދެމެދު އޮތް ފަރަގު، ފަހުގެ މާނަކުރުންތަކަކުން އިތުރަށް ސާފުވެގެންދެއެވެ. 6 ސެޕްޓެމްބަރު 1933 ގައި ޝާއިއުކުރި "އަލް އިޞްލާޙް" މަޖައްލާގެ ތިންވަނަ އަދަދުގައި، ދިވެހި އަދީބު އަދި މުސައްނިފު ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ވަނީ އެޗް. ސީ. ޕީ. ބެލް ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބެއް ހިމަނުއްވާފައެވެ. ބެލް ބޭނުންފުޅުވީ ދިވެހި ސަގާފަތުގެ ތެރޭގައި ހިމެނޭ ޚިޔާލީ އަދި ކަރާމާތްތެރި މަޚުލޫގުންގެ ތަފްސީލެކެވެ. ޙުސައިން ޞަލާޙުއްދީން، އެޗް. ސީ. ޕީ ބެލްއަށް ދެއްވި ޖަވާބުގައި ދިވެހި ފޯލްކްލޯރުގައި ހިމެނޭކަމަށް ވިދާޅުވެ، "ހާޖީ އެދުރު ކަލޭފާނުގެ ޅެންބައި" ގައި ނަންގަނެވިފަވާ، ސޯޅަ މަޚްލޫގުން ފާހަގަކުރެއްވިއެވެ. ނަމަވެސް، ފާހަގަކޮށްލަންޖެހޭ ކަމަކީ، އެ ލިސްޓުގައި ފުރޭތަ، މާލި، ބޭރި، ނުވަތަ ކަނޑު ލަބަރި ފަދަ ނަންތައް އޭނާވެސް ހިމަނުއްވާފައި ނުވާކަމެވެ.
މި ނަންތައް ހިމެނިފައިނުވުމަކީ، އެއީ ހިޔާލީ ވާހަކަތަކުގެ ބައެއް ނޫންކަމަށް ކުރިން ފާހަގަކުރެވުނު ނުކުތާއަށް ބާރުލިބިގެންދާ ކަމެކެވެ. ނަމަވެސް، "ބަޑި އެދުރު" އާއި، އޭނާގެ ހެޔޮއަނބި "ދޯގިއައިހާ ކަނބުލޭގެ" ފަދަ ޝަހުސިއްޔަތުތައް މިފަދަ ހިޔާލީ އޮނިގަނޑެއްގެ ތެރެއަށް ފެއްތުމަށް ޞަލާޙުއްދީން ކުރެއްވި ބުރަ މަސައްކަތުންވެސް އެ "ދެމަފިރިންގައި" ޚުރާފީ ކައުނިއްޔާތުގެ ރޫހާނީ ސިފަ ޖެއްސިފައި ނުވާކަން ފާހަގަވިއެވެ. ބަޑި އެދުރުގެ ސިފަތައް ބަޔާންކޮށްފައިވަނީ އާދައިގެ ޚިޔާލީ މަޚްލޫގުންގެ ސިފަތަކާ ތަފާތުކޮށެވެ. އޭގެ ބަދަލުގައި، ބަޑިއެދުރު ސިފަކޮށްފައިވަނީ އިންސާނީ ސިފަތަކެއް އެކުލެވޭ ގޮތަށެވެ. އެގޮތުން ބަޑި ފަދަ އިންސާނުން ބޭނުންކުރާ ސާމާނު ގެންގުޅުމާއި، "ކަލޭގެފާނު" ފަދަ އިއްޒަތްތެރި ލަގަބުތަކުން މުހާތަބުކުރުން ހިމެނެއެވެ. މިއީ އާންމުކޮށް ކަރާމާތްތެރި މަޚްލޫގުންނަށްވުރެ ބޮޑަށް އިންސާނުންނަށް ބޭނުންކުރާ މުހާތަބުތަކެވެ. މީގެ އިތުރުން، އޭނާއަށް ދީފައިވާ ތަފާތު ނަންތަކާއި، އޭނާގެ އުޅުމުން ދޭހަވަނީ، އެއީ ޚިޔާލީ މަޚްލޫގަކަށްވުރެ ބޮޑަށް އިންސާނީ މުޖުތަމައެއްގެ ތެރެއިން އުފެދިފައިވާ ޝަހުސިއްޔަތެއް ކަމެވެ.
ޞަލާޙުއްދީނުގެ މި މަސައްކަތުން ފެނިގެންދަނީ ސާފު އޮނިގަނޑެއްގެ ބަދަލުގައި އުފެދިފައިވާ ދެބަސްވުންތަކެކެވެ. ބަޑި އެދުރުގެ ސިފަތައް އިތުރަށް ބަޔާންކުރި ވަރަކަށް، ޞަލާޙުއްދީން ހިމަނުއްވާފައިވާ ޚިޔާލީ މަޚްލޫޤުންގެ ރޫޙާނީ ސިފަތަކާއި ފުށުއަރާކަން ހާމަވެއެވެ. މިއީ ދިރާސީ ގޮތުން ބަލާއިރު މުހިންމު ނުކުތާއެކެވެ. ކަނޑުމަތިން އައިސް ކުރިމަތިވި ހަޤީޤީ ބިރުވެރި ހާދިސާތަކާއި ތަޖުރިބާތަކާ ގުޅުންހުރި ކަންކަން، ފަހުން ޚިޔާލީ ވާހަކަތަކުގެ ތެރެއަށް ވައްދަން އުޅުމުން އޭގެ ސާފުކަން ގެއްލި، ފުށުއެރުންތައް އުފެދޭކަން މީގެން ސާބިތުވެއެވެ.
"ހާޖީ އެދުރު ކަލޭފާނުގެ ޅެންބައާއި" ޙުސައިން ޞަލާޙުއްދީންގެ އަމިއްލަ ލިޔުންތަކުގައި ވެސް "ފުރޭތަ" ފަދަ ނަންތައް ނެތުމުން، މުހިންމު ތަފާތެއް ފާހަގަވެއެވެ. ފުރޭތައާ ގުޅުންހުރި ގިންތިކުރުންތަކަކީ ދިވެހިންގެ ޚިޔާލީ ވާހަކަތަކުގެ ބައެއް ނޫނެވެ. އެއީ ތަފާތު ތަޖުރިބާތަކާއި، ބޭރުގެ ނުފޫޒުތަކާއި، އިޖުތިމާއީ ހަނދާންތަކުގެ މައްޗަށް ބިނާވެފައިވާ ވަކި ދާއިރާއެކެވެ. ބަޑި އެދުރު ފަދަ ޝަހުސިއްޔަތުތައް ޚިޔާލީ އޮނިގަނޑަކަށް ފެއްތުމަށް، ޞަލާޙުއްދީނު އުފުއްލެވި އުނދަގޫތަކުން އެނގެނީ، އެއީ އެ އޮނިގަނޑުގެ ބައެއް ނޫންކަމެވެ. އޭގެ ބަދަލުގައި، އެއީ އެ އޮނިގަނޑުން ބޭރުން އުފެދުނު ކަންތައްތަކެއްގެ މައްޗަށް އެ އޮނިގަނޑު ހިންގަން އުޅުމުން ދިމާވި އުނދަގޫ ކަމެއްކަމެވެ.
މިގޮތުން ބަލާއިރު، ޙުސައިން ޞަލާޙުއްދީނާއި އެޗް. ސީ. ޕީ. ބެލްއާ ދެމެދު ބަދަލުކުރެވުނު މި ވާހަކަތަކަކީ ހަމައެކަނި ތަރުޖަމާއެއް ނޫނެވެ. މިއީ ދިރިއުޅުމުގެ ހަގީގީ ތަޖުރިބާތައް، ބޭރުގެ ނަޒަރަކުން ބަލައި ޚިޔާލީ ކަންތައްތަކެއްގެ ގޮތުގައި ސިފަކުރަން ފެށުނު ދަނޑިވަޅު ހާމަކޮށްދޭ ހެއްކެކެވެ. މީގެން އިތުރަށް ސާފުވެގެންދަނީ ޚިޔާލީ ގަބޫލުކުރުންތަކާއި ހަޤީޤީ ތަޖުރިބާތަކާ ދެމެދު އޮންނަ ފަރަގު ނުހަނު ބޮޑުކަމެވެ.
ޒަޚަމްތަކުގެ ޗާޓު: ސުންނާފަތިކުރި ރަށްތަކާއި، ފެރޭތައިގެ މާއްދީ ހެކިތައް
އެ ދުވަސްވަރުން މިއަދާހަމައަށް ފޯރާފައިވާ ކަންކަމަކީ ހަމައެކަނި ބަހަވީ ގޮތުން ފެންނަން ހުރި ތާރީޚީ ވާހަކަތަކެއް ނޫނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ޚާއްޞަކޮށް މާލެއާ ދުރުގައިވާ އަތޮޅުތަކުގައި، ކަނޑުމަގުން އައިސް ކުރިމަތިވި މި އުނދަގޫތަކުގެ ނިޝާންތައް ވަނީ ރަށްވެހިކަމުގެ ޗާޓުންނާއި، މީހުން ހިޖުރަކުރަން ޖެހުނު ގޮތުންނާއި، ރަށްރަށް ދޫކޮށް ދިޔުމަށް މަޖުބޫރުވި މީހުންގެ ފަރާތުން ކިޔަމުން އައި ވާހަކަތަކުންނާއި، ކުރިމަތީގައި ހުރި މާއްދީ ހެކިތަކުން ފެންނާށެވެ. "ފެރޭތަ" މި ނަން ބޭނުންކޮށްފައިވާ ގޮތާއި މި ހެކިތަކާ އެކުގައި އަޅާކިޔައިފިނަމަ، އެއީ ހަމައެކަނި ވަކިވަކި ވާހަކަތަކެއްގެ ގޮތުގައެއް ނުފެންނާނެއެވެ. އެއީ މުޅި ރާއްޖޭގައި ބިރުވެރިކަމާއި ނުރައްކަލާއި ކުރިމަތިވި ރަށްރަށް އަންގައިދޭ ބޮޑު ޗާޓެކެވެ.
ފުވައްމުލަކުގައި މި ތާރީޚު ފެންނަން އޮތީ ހަމައެކަނި އެއް ހާދިސާގެ ގޮތުގައެއް ނޫނެވެ. އެއީ ތަކުރާރުވަމުން އައި ކަންތައްތަކެކެވެ. އެ ރަށުގެ މީހުންގެ ވާހަކަތަކުގައި ފެރޭތަ ފަސް ފަހަރެއްގެ މަތިން އެ ރަށަށް އެރި ކަމަށް ބުނެއުޅެއެވެ. އަދި ކޮންމެ ފަހަރަކީވެސް ރަށުގެ މީހުން ރަށް ދޫކޮށް ދާން ޖެހޭ ވަރުގެ ބޮޑެތި ގެއްލުންތައް ލިބުނު ފަހަރުތަކެކެވެ. މިއީ ހަމައެކަނި އާދައިގެ އުނދަގޫތަކެއް ނޫނެވެ. އެއީ ދިރިއުޅުން މުޅިން ހުއްޓުމަކަށް ގެނައި ކަންކަމެވެ. މި ހަނދާންތައް ހަމައެކަނި ކިޔައިދޭ ވާހަކަތަކުން ފެންނަނީކީ ނޫނެވެ. އެއީ ފުވައްމުލަކު މީހުން ސ. މީދޫއަށް ހިޖުރަކޮށް، އެ ރަށުގެ ވަކި ސަރަޙައްދެއްގައި ވަޒަންވެރިވި ގޮތުންވެސް ފެންނާން އޮތް ހަގީގަތެކެވެ. އެމީހުން ވަޅުލާފައިވާ ޤަބުރުސްތާނުތަކާއި މަހާނަގާތަކަކީ މިއަދުވެސް އެ ހިޖުރައިގެ ހެކިތަކެވެ. މީގެ އިތުރުން، ފުވައްމުލަކަށް އެރި އެންމެ ފަހު ފެރޭތައާ ބެހޭ ވާހަކައެއްވެސް މަޝްހޫރުވެފައިވެއެވެ. އެ ފެރޭތަ ގެއަކަށް ވަދެ މުދަލާއި ކާބޯތަކެތި ހޯދަން އުޅުމުން، ހަކުރު ހިލަން އިން ދުވަސްވީ އަންހެނަކު، ކެކިކެކި ހުރި ދިޔާހަކުރުން އޭނާގެ މޫނު ފިއްސާލި ވާހަކައެވެ. މި ހާދިސާއަކީ ހަމައެކަނި އެންމެފަހަރަކު ކުރިމަތިވެފައި ނިމުނު ކަންކަމެއް ނޫނެވެ. އެއީ ތަކުރާރުވަމުން އައި އަނިޔާވެރިކަމަށް ކެތްނުކުރެވިގެން ދިވެހިން ކުރި އިހުތިޖާޖާއި ދެއްކި ހިތްވަރުގެ ނިޝާނެކެވެ.
ސ. މީދޫގެ ތާރީޚު މިކަމުގައި ދެ ގޮތަކަށް ފެންނާން އެބައޮތެވެ. އެއްގޮތަކީ ރަށްރަށުން ހިޖުރަކުރި މީހުން ބަލައިގަތް މަރުކަޒެއްގެ ގޮތުގައެވެ. އަނެއްގޮތަކީ ސީދާ މިފަދަ ހަމަލާތައް ކުރިމަތިވި ރަށެއްގެ ގޮތުގައެވެ. ފުވައްމުލަކު މީހުންނަށް ޚާއްޞަ ސަރަޙައްދަކާއި އެމީހުންގެ ޤަބުރުސްތާނެއް ހުރުމުން، މީދޫއަކީ އޭރު މީހުން ރައްކާތެރިކަން ހޯދަން ދިޔަ މުހިންމު މަންޒިލެއްކަން އެނގެއެވެ. ހަމައެއާއެކު، މީދޫގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުނު ފެރޭތައެއްގެ ވާހަކަވެސް އެރަށު މީހުންގެ ހަނދާންތަކުގައި އެބަހުއްޓެވެ. އޭނާ ޒުވާން އަންހެން ކުދިންނަށް އުނދަގޫ ކުރަން ފެށުމުން، ރަށުގެ ޒުވާނުން ނުކުމެ އޭނާ އަތުލައިގަނެ، ޚާއްޞަ އަދަބެއް ދިނެވެ. އެއީ އޭނާގެ ފުންނާބު ދަށުން ހަންގަނޑު ނައްޓާލުމަށްފަހު އެތަނުގައި މިރުސް އުނގުޅުމެވެ. މީގެ ބޭނުމަކީ އޭނާ މަރާލުމެއް ނޫނެވެ. ނަމަވެސް، އޭނާއަށް ހިނގާބިނގާވެ ނޫޅެވޭވަރުކޮށް، އަލުން އެނބުރި ނާދެވޭނެކަން ކަށަވަރު ކުރުމެވެ. މި ހާދިސާއަށްފަހު މިފަދަ ކަމެއް އިތުރަށް ހިނގާފައެއް ނުވެއެވެ. މީދޫއިން ފެންނަނީ ނުރައްކަލާއި އެ ނުރައްކަލުން ސަލާމަތްވުމަށް ދިވެހިން ދެއްކި މަދަނީ ރައްދުގެ ވަރުގަދަކަމެވެ.
ސ. މަރަދޫގެ ހާދިސާ ދިރާސާކުރާއިރު ބަލަންޖެހެނީ ހަމައެކަނި ފެރޭތައަކަށް ނޫނެވެ. އެއާއެކު މަރަދޫގެ މީހުން ހަންކެޑެ، ވިލިނގިލި، އަދި ހެރެތެރެއަށް ހިޖުރަކުރަން ޖެހުނު ގޮތަށެވެ. މިއީ އެންމެފަހަރަކު ދިމާވި ހަމަލާއެއްގެ ސަބަބުން ވީ ކަމެއް ނޫންކަމާއި، ކަނޑުމަގުން އައިސްދާނެ ނުރައްކަލަކަށްޓަކައި މީހުން ރަށުން ބޭރުވި ބޭރުވުމެއްކަން އެނގެއެވެ. "ފަރު ފެރޭތަ" ގެ ވާހަކަ ފެށެނީ މި ހިޖުރައަށް ފަހުގައެވެ. މި ފެރޭތައަކީ ރަށު ތެރެއަށް އަރައި ބާރުގަދަކުރި ފެރޭތައެއް ނޫނެވެ. އޭނާ އުޅުނީ ފަރުމަތީގައި ރަށުގެ މީހުންނާ ވަކިންނެވެ. އޭނާ އުޅުނު ސަރަޙައްދުތަކުން ލޯބޯލާފަ، މަސްގަނޑު ނައްޓާލާފައި ހުންނަ ފަރުމަސްތައް ފެނުނު ކަމަށްވެއެވެ. މިއީ ފަހަރުގައި ބަލިޖެހިގެން ކަރަންޓީނު ކޮށް، ފަޅުވެރިންނާއި ވަކިކުރަން ފަރުމައްޗަށް ބާލާފައި ދިޔަ އިންސާނަކަށް ވެދާނެއެވެ. މަރަދޫއިން ފެންނަނީ ހަމައެކަނި އަނިޔާވެރިކަމުގެ ހަނދާންތަކެއް ނޫނެވެ. އެއީ މުޖުތަމައާ ވަކިން އުޅުނު، ފެރޭތައެއްގެ ވާހަކަ ހިމެނޭ ތާރީޚެކެވެ.
ސ. ހިތަދޫގެ ކޯއްޓޭ އާއި ކޮރޮވަލި ސަރަޙައްދަކީ ޖިއޮގްރަފީ އާއި ތާރީޚީ ހަނދާންތައް ވަރަށް ބޮޑަށް ގުޅިފައިވާ ތަނެކެވެ. ހިތަދޫއަކީ ހަތް ފަހަރު މަތިން މީހުން ފައިބައި، އަލުން ވަޒަންވެރިވި ރަށެއް ކަމަށް ބުނެވެއެވެ. މިކަމުގެ ސަބަބަކީ އެ ސަރަޙައްދުގެ ކަނޑު އޮތްގޮތެވެ. ކޯއްޓޭ ސަރަޙައްދަކީ ބޮޑެތި އުޅަނދުފަހަރަށް އެއްވެސް ހުރަހެއްނެތި އެއްގަމާ ވަރަށް ގާތަށް ކައިރިކުރެވޭ ފަދަ ފުން ފަޅެއް އޮންނަ ތަނެކެވެ. މިއީ ބޭރުގެ މީހުންނަށް ރަށަށް އެރުމަށް ލިބުނު ބޮޑު ފުރުސަތެކެވެ. ކޯއްޓޭގައި ހިނގި ހާދިސާގައި، ރަށުގެ މީހުން އެއްތަނަކަށް ޖަމާކުރުމަށްފަހު އަތުލައިގަތުމަށް ބޭނުންކުރި އުކުޅުތަކުގެ ވާހަކަ ދައްކަނީ މިތަނުގެ މި ޤުދުރަތީ ސިފައިގާ އެކުލެވޭ ރައްކާތެރިކަން ކުޑަކަމާއި ގުޅުވައިގެންނެވެ. އަދި ކަޑުމަތީގައި ޕޯޗުގީޒު ނަވަކާ ހިނގި ކުރިމަތިލުމަކާއި، ކާންޒީ ކަމަނާއާއި، ބްރަކި ރަނިންގެ ވާހަކައަކީވެސް މި ރަށާ ގުޅިފައިވާ ވާހަކައެކެވެ. "ރަނިން ހަނާ ފެންގަނޑު" ފަދަ ނަންނަމުން، މި ވާހަކަތައް ވަނީ ރަށުގެ ބިމާ ގުޅި ލާމެހިފައެވެ.
ހުވަދު އަތޮޅަށް ބަލާއިރު، މިކަން ފެންނަނީ މުޅި ސަރަޙައްދީ ފެންވަރެއްގައެވެ. ގަން، ހުޅުވާރެލާ، މާވާރެލާ، އަދި މަގުދޫ ފަދަ ރަށްރަށަކީ އެއްކޮށް ފަޅުވި ރަށްރަށެވެ. މިއީ ހަމައެކަނި އެއްފަހަރު އެރި ބަޔަކު ކުރި ކަމެއް ނޫނެވެ. އެއީ ރަށްރަށުގައި ވަޒަންވެރިވެ، ހަމަލާދީ، ފަޅުވެ، އަދި ފަހުން މީހުން އާބާދުވި، ދައުރުވަމުން އައި ކަންތައްތަކެކެވެ. މި ހަމަލާތަކުގައި ފޭރުނު ތަކެއްޗަށް ބަލާއިރު، ރޯނާއި، ކުފުރާއާއި، ބޮއްޔާއި، ދިޔާހަކުރާއި، އަދި ހިކިމަސް ފަދަ ތަކެތި ގެންގޮސްފައިވާކަން ފާހަގަކުރެވެއެވެ. މިއީ ކަނޑު ދަތުރުކުރާ މީހުންނަށް ވަރަށް ބޭނުންތެރި، ވިޔަފާރީގެ މުހިންމު މުދަލެވެ. ބޭރުން އައި މީހުން ސިފަކޮށްފައިވަނީ ބޮޑެތި ބުޅާތަކެއް ނުވަތަ ކަކުނިތަކެއްގެ ގޮތުގައެވެ. މިއީ އެމީހުން ފަރުމަތިންނާއި ފަޅުތެރެއިން ރަށަށް އެރުމަށް ގެންގުޅުނު އުކުޅުތައް ސިފަކޮށްދިނުމަށް ބޭނުންކޮށްފައިވާ ބަހެކެވެ.
ރާއްޖޭގެ އުތުރުގެ އަތޮޅުތައް ކަމަށްވާ ރ. އަތޮޅާއި ހދ. އަތޮޅުންވެސް މިފަދަ ވާހަކަތައް ފެންނާން އެބަހުއްޓެވެ. މިއީ ހަމައެކަނި ރާއްޖޭގެ އެއް ސަރަޙައްދަކަށް ކުރިމަތިވި ކަމެއް ނޫންކަން މިއިން އެނގެއެވެ. މުޅި ރާއްޖެއަކީ ކަނޑުމަގުން ގުޅިފައިވާ ތަނަކަށް ވުމާއެކު، ބޭރުގެ ނުފޫޒާއި އަނިޔާވެރިކަން އެކި މިންވަރަށް ހުރިހާ ދިމާލަކަށްވެސް ފޯރާފައިވެއެވެ.
މި ހުރިހާ ހެކިތަކެއް އެއްކޮށްލުމުން ފެންނަނީ ވަރަށް ސާފު ތަސްވީރެކެވެ. އެއީ ތަކުރާރުވަމުން އައި ހަމަލާތަކާއި، އެ ހަމަލާތައް ދިން ވަކި މަގުސަދުތަކަކާއި، އޭގެ ސަބަބުން ރަށްވެހިކަމަށް އައި ބޮޑެތި ބަދަލުތަކެވެ. ބޭރި، ކަނޑުލަބަރި، މާލި، ފެރޭތަ، ވިގަނި، އަދި ބަޑިއެދުރު ފަދަ ނަންނަމަކީ ޚިޔާލީ ނަންތަކެއް ނޫނެވެ. އެއީ އެކި ދުވަސްވަރު ރާއްޖެއަށް އެރި ބޭރުގެ މީހުންނަށް ދިވެހިން ދީފައިވާ ނަންތަކެވެ. ބަހުން އެ މީހުން ދެނެގަނެވޭއިރު، ރަށްރަށުގެ ބިމުންނާއި ތާރީޚުން ފެންނަނީ އެމީހުންގެ ސަބަބުން ލިބުނު ގެއްލުންތަކެވެ.
މި ދިރާސާއިން އެނގެނީ މިއީ ހަމައެކަނި ވަކިވަކި ކާބަފައިން ދެއްކި ވާހަކަތަކެއް ނޫންކަމެވެ. މިއީ ވަރަށް ވަރުގަދަ ތާރީޚީ ހެކިތަކެއްގެ މައްޗަށް ބިނާވެފައިވާ ކަންކަންކަމެވެ. ރާއްޖޭގެ ރަށްރަށުގެ ޖިއޮގްރަފީ އަކީ މިއަދުވެސް މި ހިތްދަތި ތާރީޚުގެ މާއްދީ އަރުޝީފެކެވެ.
ފޯޅަވަހި: ރަށްރަށުގެ ތާރީޚީ ރެކޯޑުތަކުގެ އަލީގައި ޕިރާޑްގެ ލިޔުންތަކަށް އައު ނަޒަރަކުން ބެލުން
މީގެ ކުރީގެ ބައިތަކަކީ ވަކިވަކި ވާހަކަތަކެއްގެ ގޮތުގައި އެކުލަވައިލެވިފައިވާ ބައިތަކެއް ނޫނެވެ. އެ ބައިތަކުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ ކުރީގެ ތާރީޚާ ބެހޭގޮތުން އެންމެ ގިނައިން ހަވާލާދެވޭ އެއް ލިޔުމާމެދު މިހާތަނަށް ދެކެމުން އައި ގޮތް ބަދަލުކޮށް، އޭގެ ހަގީގީ މާނަ ދެނެގަތުމެވެ.
ފްރާންސުއާ ޕިރާޑް ޑި ލަވާލްގެ ލިޔުންތަކުގައި، ތާރީޚީ ގޮތުން މާނަކުރަން އުނދަގޫ ވާހަކައެއް ހިމެނެއެވެ. އޭނާ ބަޔާންކުރާ ގޮތުގައި، ދިވެހި ރަސްކަލުން "ޕޮލޫއީސް" (Pollouoys) ކިޔާ ތަނަކަށް އޮޑިފަހަރު ފޮނުއްވިއެވެ. މިގޮތުން ޕިރާޑް ރާއްޖޭގައި ހުންނެވި ދުވަސްވަރު، ކަލާފާނުގެ ރަސްކަމުގައި ދެ ފަހަރުމަތީން "ޕޮލޫއީސް" އަށް ހެވިންނާއި ފަންޑިތަ ސިހުރުވެރިންނާއެކު އޮޑިއެއް ފޮނުއްވިއެވެ. ފަހުގެ މުއައްރިޚުން މިތަނަކީ ފޯޅަވަހި (Chagos Archipelago) ކަމަށް ބުނެއެވެ. ޕިރާޑް އެތަން ސިފަކުރަނީ "ޝައިތާނުން" ނުވަތަ "ބިރުވެރި މަޚްލޫގުން" އުޅޭ، ތޫފާންތަކާއި ނުރައްކާ ބޮޑު، އިންސާނުންނަށް ދިރިއުޅެން ދަތި ތަނެއްގެ ގޮތުގައެވެ. އަދި މިއީ އެންމެ ފަހަރަކު ކުރި ކަމެއް ނޫން ކަމަށާއި، ދިވެހި ރަސްކަލުން އެ ރަށް ހޯދައި އެތަނަށް ދިއުމަށް އެތައް ފަހަރަކު އުޅަނދުފަހަރު ފޮނުއްވި ކަމަށާއި، މަގުފަހިވިނަމަ އެތަން އަލުން އާބާދުކުރުމުގެ ނިޔަތް އޮތްކަންވެސް އޭނާ ފާހަގަކުރެއެވެ.
މި ވާހަކަ އެހެން ކަންކަމާ ވަކިން ކިޔައިފިނަމަ، މިއީ ހަގީގީ ތަޖުރިބާއަކަށްވުރެ ބޮޑަށް، އަގީދާއާއި ކާބަފައިންގެ ދުވަސްވަރުން ފެށިގެން ދެކެވެމުން އައި ބޯދާ ފްލޯކު ވާހަކައެއްގެ ގޮތުގައި ފެނިދާނެއެވެ. "ޝައިތާނުން" ނުވަތަ "ސިހުރުވެރިން" ގެ ވާހަކައާއި، ބިރުވެރި ކަނޑުތަކުގެ ސިފަކުރުންތަކަކީ، އެ ރަށަކީ އާދައިގެ އިންސާނުންނަށް އުޅެވޭނެ ތަނެއް ނޫންކަން ދޭހަކޮށްދޭ ކަންކަމުގެ ގޮތުގައި މިހާތަނަށް ވަނީ ބެލެވިފައެވެ.
ނަމަވެސް، މުޅި ދިވެހިރާއްޖޭގެ އެކި ރަށްރަށާއި ކަނޑުން އައިސް ކުރިމަތިވި ނުރައްކާތަކާއި، ރަށްރަށުގެ މީހުންގެ ހަނދާނުގައި ރައްކާކުރެވިފައިވާ ތާރީޚީ މަޢުލޫމާތުތަކާ އަޅާކިޔާއިރު، ފިރާޑްގެ ވާހަކައިން މުޅިން ތަފާތު މާނައެއް ދޭހަވާން ފަށައެވެ.
ފުވައްމުލައް، މީދޫ، މަރަދޫ، ހިތަދޫ، އަދި ހުވަދޫ އަތޮޅުގެ ރަށްރަށުން ލިބޭ މަޢުލޫމާތުތަކުން އެއްގޮތް ކަންތައްތަކެއް ފާހަގަވެއެވެ. އެ މަޢުލޫމާތުތަކުގައި ބަޔާންކުރަނީ، ރޭގަނޑުގެ އަނދިރީގައި ކަނޑުމަގުން ބަޔަކު އައިސް، ފަރުތަކަށް އަލިކޮށްގެން ރަށްރަށަށް އަރައި، ކާބޯތަކެއްޗާއި މުދަލާއި، ބައެއް ފަހަރު މީހުންވެސް ގެންދާ ވާހަކައެވެ. މިއީ އެންމެ ފަހަރަކު ހިނގި ކަންކަމެއް ނޫނެވެ. މިކަންކަން ތަކުރާރުވުމުގެ ސަބަބުން ބައެއް ރަށްރަށުގެ މީހުން އެހެން ރަށްރަށަށް ހިޖުރަކުރަން ޖެހުނުކަންވެސް އެނގެއެވެ. މި ހާދިސާތަކުގެ ހަނދާންތައް ރަސްމީ ލިޔެކިޔުންތަކަށްވުރެ ބޮޑަށް ރައްކާކުރެވިފައިވަނީ އޭރު ބޭނުންކުރެވުނު ބަސްތަކުންނެވެ. މިސާލަކަށް: ބޭރި، ކަނޑުލަބަރި، މާލި، ފުރޭތަ، ވިގަނި، އަދި ބަޑިއެދުރު ފަދަ ނަންނަމުންނެވެ.
މި ނަޒަރުން ބަލާއިރު، ޕިރާޑްގެ ލިޔުމުގައިވާ ބަސްތަކުގެ މާނަ ބަދަލުވާން ފަށައެވެ. އޭނާ ލިޔެފައިވާ "ޝައިތާނުން" ނަކީ ރޫޙާނީ މަޚްލޫގުން ކަމަށް ބެލުމުގެ ބަދަލުގައި، އެއީ ބިރުވެރިކަމާއި ނުރައްކަލުގެ ތެރޭގައި ތިބި ބަޔަކު، ކަނޑުން އައިސް އެރި ޙަޤީޤީ މީހުންތަކަކާ ގުޅުވާފައިވާ ސިފަކުރުންތަކެއް ކަމަށް ބެލެވިދާނެއެވެ. އަތޮޅުތެރޭގެ ރަށްރަށަށް އެރި މިފަދަ ފޭރޭމީހުންނަކީ ކަނޑުން އަރާ، ވަރަށް ހަލުވިކޮށް ހަރަކާތްތެރިވާ، ބިރުވެރި ބައެއްގެ ގޮތުގައި ސިފަކުރެވުނެވެ. މި ވާހަކަތައް މާލެއާއި މެދު ރާއްޖެތެރެއަށް ފޯރިއިރު، އެއީ ލޮލުން ދުށް ހަގީގީ ހާދިސާތަކަކަށްވުރެ ބޮޑަށް، އިންސާނުންނަށްވުރެ މަތީ ބާރެއްގެ ގޮތުގައި ބެލެވޭން ފެށީއެވެ. ބޭރުގެ މީހުންނަށް މި ވާހަކަތައް ކިޔައިދެވުނުއިރު، އެއީ އާދަޔާޚިލާފު ރޫޙާނީ ކަންތައްތަކެއްގެ ގޮތުގައި ވަނީ ހީވާންފަށާފައެވެ.
ޕިރާޑަށް މި ވާހަކަތައް އަޑުއިވުނީ އެ މާހައުލުގެ ތެރެއިން ކަމަށްވާތީ، އޭނާއަށް އެ ކަންކަން ފެނުނު ގޮތަށް އޭނާ އެވަނީ ރެކޯޑުކޮށްފައެވެ. އޭނާގެ ލިޔުމުން އެތަނުގެ ނުރައްކާތެރިކަން އިހުސާސްވިޔަސް، އެ ނުރައްކަލުގެ އަސްލު ބަޔާންވެފައެއް ނުވެއެވެ. ގަދަ ތޫފާންތަކާއި، އެ ރަށަށް ކައިރިވާން ހުރި އުނދަގޫތަކަކީ އިންޑިއާ ކަނޑުގެ ދެކުނުގެ ސަރަހައްދުތަކުގައި ދަތުރުފަތުރު ކުރުމުގައި ހުރި ހަގީގީ ގޮންޖެހުންތަކާ ދިމާވާ ކަންކަމެވެ. އަދި އިއްތިފާގުން އެ ރަށަށް ދެވުމާއި، ތަކުރާރުކޮށް ރަސްކަލުން މީހުން ފޮނުއްވުމަކީ، އެއީ ނޭނގޭ ތަނެއް ނޫންކަމާއި، އެކަމަކު ދިއުމަށް ނުރައްކާތެރި ތަނެއްކަން ހާމަކޮށްދޭ ކަމެކެވެ.
އެހެންކަމުން، "ޕޮލޫއީސް" ނުވަތަ ފޯޅަވަހީގެ ވާހަކަ ކިޔަންޖެހެނީ މި ހުރިހާ ކަމަކަށް ރިއާޔަތްކޮށްގެންނެވެ. އެއީ އެނގޭ، ދާން ބޭނުންވާ، އެކަމަކު ދިއުމަށް ނުރައްކާތެރި ތަނެކެވެ. ދިވެހި ރަސްކަލުންގެ އިޖާބައަކީ އެތަން ދޫކޮށްލުމެއް ނޫނެވެ. ފުރާނައަށް ނުރައްކާވިޔަސް ތަކުރާރުކޮށް އެތަނަށް މޮޅު މާލިމީން ލާފައި ހެވިންނާއި، ފަންޑިތަވެރިންނާއި، ކަންވެރިން ފޮނުއްވުމެވެ. މި ދަތުރުތަކުގައި ފަންޑިތަވެރިން ބައިވެރިކުރުމަކީ ބުއްދި ގަބޫލުނުކުރާ ކަމެއް ކުރުމެއް ނޫނެވެ. އެއީ ނުރައްކާތެރި ދަތުރުތަކުގައި ރައްކާތެރިކަން ހޯދުމަށް އޭރު ގެންގުޅުނު ސަގާފީ އާދަކާދަތައް ބޭނުންކުރުމެވެ. ދިވެހިން ކުރި ކޮންމެ ހަނގުރާމައެއްގައި ފަންޑިތަ ސިހުރުވެރިން ލަޝްކަރުގައި ހިމެނުއްވިއެވެ.
ރަށްރަށުގެ ތާރީޚީ ރެކޯޑުތަކުން ޕިރާޑްގެ ވާހަކަތަކަށް ލިބެނީ ބާރެކެވެ. އެއީ އޭނާގެ ލިޔުންތައް ދޮގުކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި، އެ ލިޔުންތައް މާނަކުރާނެ ރަނގަޅު ގޮތް ދައްކައިދިނުމެވެ. ބޭރުގެ ފޭރުންތެރިންނާ ދިމާވި ހާދިސާތައް، "ފުރޭތަ" ފަދަ ނަންނަމުން ކިޔައިދެމުން ގޮސް، އާދަޔާޚިލާފު ކަންތައްތަކެއްގެ ގޮތުގައި ބަދަލުވެގެންދިޔަ ގޮތް މިއިން ހާމަވެއެވެ. އަދި މިއީ ވަކި ތަނެއްގައި ހިނގި ކަމެއް ނޫން ކަމާއި، މުޅި ރާއްޖެއަށް ކުރިމަތިވި ކަމެއްކަންވެސް އެނގެއެވެ.
މި ނަޒަރިއްޔާގެ ބޭނުމަކީ ކުރީގެ ހޯދުންތައް މުޅިން ދޮގުކުރުމެއް ނޫނެވެ. އެކަމަކު، އެ ޒަމާނުގެ ހަގީގީ ހާލަތުގެ އަލީގައި، ޕިރާޑްގެ ލިޔުމުގައިވާ "ނުރައްކަލާއި، ތަކުރާރުވުމާއި، އިޖާބަދިނުން" ފަދަ ކަންކަން މާނަކުރުމެވެ.
އެންމެފަހުން، މި ދިރާސާއިން ސާބިތުވަނީ ހަމައެކަނި ތާރީޚީ ލިޔުމެއްގެ އައު މާނައެއް ނޫނެވެ. މިއީ ދިވެހި ތާރީޚު ދެނެގަތުމަށް ބޭނުންކުރާ ހެކިތަކަށް އައި ބޮޑު ބަދަލެކެވެ. ރަށްރަށުގެ ބަހުރުވައާއި، އާބާދީތަކަށް އައި ލޮޅުންތަކާއި، ދިވެހި ޢިލްމީ ސަގާފަތުގެ ހެކިތައް އެކުވުމުން، ބޭރުގެ ލިޔުންތަކާ ފުށުނާރާ ހަގީގީ ތާރީޚެއް ފެންމަތިވެއެވެ. ޕިރާޑްގެ ލިޔުންތަކަކީ ހަމައެކަނި "ކުރީގެ މީހުން ގަބޫލުކުރި ބޯދާ ކަންތައްތަކެއް" ނޫނެވެ. އެއީ ބަހުގެ ތަރުޖަމާއާއި، ދުރުމިނާއި، މާނަކުރުމުގެ ތެރެއިން ބަދަލުވެފައިވާ ހަގީގީ ތަޖުރިބާތަކެކެވެ.
މީގެ ޢިލްމީ ބޭނުންތެރިކަން ހަމައެކަނި ދިވެހިރާއްޖޭގެ ތާރީޚުގެ ދާއިރާއަށްވުރެ ފުޅާ ދާއިރާއަކަށް ފެތުރިގެންދާނެއެވެ. އިސްތިޢުމާރީ ޒަމާނުގެ ތާރީޚު ލިޔުންތަކުގައި، ޔޫރަޕް ނޫން އެހެން ގައުމުތަކާ ކުރިމަތިވި ބިރުވެރި ހާދިސާތަކާއި ތަޖުރިބާތަކަކީ "ޚިޔާލީ ވާހަކަތަކެއް" ކަމަށް ބެލުމުގެ އާދައަށް، މި ދިރާސާއިން ގޮންޖަހައިލައެވެ. ދިވެހިރާއްޖޭގެ ރެކޯޑުތަކަށް ބަލާއިރު، މިކަންކަން ހުސް ޚުރާފާތަކަށް ވެގެން ނުދެއެވެ. އޭގެ ބަދަލުގައި، އެއީ ބޭރުން އައިސް ކުރިމަތިވި ނުރައްކާތަކާ ކުރިމަތިލައި، އެއަށް އާދަވެ، ދިރިހުރުމަށް ކުރި މަސައްކަތުގެ، ތަރުތީބުވެފައިވާ ތާރީޚެކެވެ. މިއަދު ފޯޅަވަހި ފެންނަނީ ފަހަރެއްގައިވެސްޕިރާޑް ސިފަކުރި ފަދަ ޚުރާފީ ބިރުވެރި ޚިޔާލީ ރަށްތަކެއްގެ ގޮތުގައެއް ނޫނެވެ. މިއަދު ފޯޅަވަހި ހެކިވަނީ، އެއީ ކަނޑުގެ ބޮޑު ބައެއްގައި އޮތް ރާއްޖޭގެ ޖަޒީރާތަކެއް އަތުލުމަށް ހިނގި ހަގީގީ ކުރިމަތިލުންތަކެއް ހިނގާދިޔަ މުހިންމު ސަރަޙައްދެއްގެ ގޮތުގައެވެ. (ނިމުނީ)
މީގެ ޢިލްމީ ބޭނުންތެރިކަން ހަމައެކަނި ދިވެހިރާއްޖޭގެ ތާރީޚުގެ ދާއިރާއަށްވުރެ ފުޅާ ދާއިރާއަކަށް ފެތުރިގެންދާނެއެވެ. އިސްތިޢުމާރީ ޒަމާނުގެ ތާރީޚު ލިޔުންތަކުގައި، ޔޫރަޕް ނޫން އެހެން ގައުމުތަކާ ކުރިމަތިވި ބިރުވެރި ހާދިސާތަކާއި ތަޖުރިބާތަކަކީ "ޚިޔާލީ ވާހަކަތަކެއް" ކަމަށް ބެލުމުގެ އާދައަށް، މި ދިރާސާއިން ގޮންޖަހައިލައެވެ. ދިވެހިރާއްޖޭގެ ރެކޯޑުތަކަށް ބަލާއިރު، މިކަންކަން ހުސް ޚުރާފާތަކަށް ވެގެން ނުދެއެވެ. އޭގެ ބަދަލުގައި، އެއީ ބޭރުން އައިސް ކުރިމަތިވި ނުރައްކާތަކާ ކުރިމަތިލައި، އެއަށް އާދަވެ، ދިރިހުރުމަށް ކުރި މަސައްކަތުގެ، ތަރުތީބުވެފައިވާ ތާރީޚެކެވެ. މިއަދު ފޯޅަވަހި ފެންނަނީ ފަހަރެއްގައިވެސްޕިރާޑް ސިފަކުރި ފަދަ ޚުރާފީ ބިރުވެރި ޚިޔާލީ ރަށްތަކެއްގެ ގޮތުގައެއް ނޫނެވެ. މިއަދު ފޯޅަވަހި ހެކިވަނީ، އެއީ ކަނޑުގެ ބޮޑު ބައެއްގައި އޮތް ރާއްޖޭގެ ޖަޒީރާތަކެއް އަތުލުމަށް ހިނގި ހަގީގީ ކުރިމަތިލުންތަކެއް ހިނގާދިޔަ މުހިންމު ސަރަޙައްދެއްގެ ގޮތުގައެވެ. (ނިމުނީ)
======================================================================
ޝުކުރު އަދާކުރުމާއި އެޑިޓަރުގެ ނޯޓު
މި މަޒުމޫނަކީ ދިވެހިރާއްޖޭގެ ތާރީޚީ ތަޖުރިބާތަކުގެ މައްޗަށް ބިނާކޮށް، ސިޔާސީ ހާދިސާތަކުގެ ތަރުތީބާއި، ރަށްރަށުގެ ފެންވަރުގައި ހުރި ތަފްސީލުތަކާއި، ފެންނަން ހުރި ހެކިތަކުގެ އިތުރުން ދިވެހި ބަހަވީ އުސޫލުތައް ބޭނުންކޮށްގެން އެކުލަވާލާފައިވާ އިލްމީ ދިރާސާއެކެވެ. މީގެ މައިގަނޑު މަގުސަދަކީ ކަނޑުގެ ސަރަހައްދުތަކަށް ބޭރުގެ ނުފޫޒު ފޯރުވުމާއި، ވަޒަނުން ބޭރުކުރުމާއި، އަދި މިކަންކަން މާނަކުރެވިފައިވާ ގޮތްތަކުގެ މައްޗަށް ފުންކޮށް ބަލާލުމެވެ. މި މަސައްކަތް ބިނާވެފައިވަނީ އިބްރާހީމް ސޮބާހު އެކުލަވާލައްވާފައިވާ "The Maldives’ Perspective on the Chagos Archipelago: Sovereignty and Self-Determination" (ފޯޅަވައްސާ މެދު ދިވެހިރާއްޖެ ދެކޭގޮތް: އިސްތިޤްލާލާއި އަމިއްލަ އިޚްތިޔާރުގައި ގޮތް ނިންމުން) ގެ މައްޗަށެވެ.
މި ދިރާސާ ތަރައްޤީކުރުމުގައި ޢަބްދުﷲ ރަޝީދު/ މ. ލިނެޓް، ޢިމާދު ޙަސަން ލަތީފް، އިޔާޒް ޖާދުﷲ ނަސީމް، އަދި ގ. ކެނޭރީގެ އަޙްމަދު ނާޒިމް ސައްތާރުގެ ފަރާތުން ލިބިފައިވާ މަސްދަރުތަކާއި، ދިރާސީ އެހީތެރިކަމާއި، އަދި ޚިޔާލު ބަދަލުކުރުންތަކުގެ ބޭނުން ނުހަނު ބޮޑަށް ހިފިފައިވެއެވެ. މި މަސައްކަތަށް ބޭނުންވާ ހެކިތަކާއި މަޢުލޫމާތު ހޯދުމުގައި އެ ބޭފުޅުން ދެއްވި އެއްބާރުލުމަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.
މިއާއެކު، އެއްވެސް އޮޅުމެއް ނެތް ގޮތުގައި ފާހަގަކުރަންޖެހޭ ކަމަކީ، މި ލިޔުމުގައި ހިމެނޭ އެންމެހާ ބަހުސްތަކާއި، މާނަކުރުންތަކާއި، އަދި ނިންމުންތަކަކީ ހަމައެކަނި ލިޔުންތެރިޔާގެ އަމިއްލަ ވިސްނުމާއި ފިކުރެވެ. މަތީގައި ނަންގަނެވުނު ބޭފުޅުންނަކީ މި ލިޔުމުގައި ހިމެނޭ ޚިޔާލުތަކަށް ޒިންމާވާންޖެހޭނެ ނުވަތަ އެ ޚިޔާލުތަކަށް ތާއީދުކުރާ ބޭފުޅުން ކަމުގައި ބަލައިގެން ނުވާނެއެވެ.
ރިފަރެންސްތައް (ހަވާލާދީފައިވާ ލިޔުންތައް)
ޝުކުރު އަދާކުރުމާއި އެޑިޓަރުގެ ނޯޓު
މި މަޒުމޫނަކީ ދިވެހިރާއްޖޭގެ ތާރީޚީ ތަޖުރިބާތަކުގެ މައްޗަށް ބިނާކޮށް، ސިޔާސީ ހާދިސާތަކުގެ ތަރުތީބާއި، ރަށްރަށުގެ ފެންވަރުގައި ހުރި ތަފްސީލުތަކާއި، ފެންނަން ހުރި ހެކިތަކުގެ އިތުރުން ދިވެހި ބަހަވީ އުސޫލުތައް ބޭނުންކޮށްގެން އެކުލަވާލާފައިވާ އިލްމީ ދިރާސާއެކެވެ. މީގެ މައިގަނޑު މަގުސަދަކީ ކަނޑުގެ ސަރަހައްދުތަކަށް ބޭރުގެ ނުފޫޒު ފޯރުވުމާއި، ވަޒަނުން ބޭރުކުރުމާއި، އަދި މިކަންކަން މާނަކުރެވިފައިވާ ގޮތްތަކުގެ މައްޗަށް ފުންކޮށް ބަލާލުމެވެ. މި މަސައްކަތް ބިނާވެފައިވަނީ އިބްރާހީމް ސޮބާހު އެކުލަވާލައްވާފައިވާ "The Maldives’ Perspective on the Chagos Archipelago: Sovereignty and Self-Determination" (ފޯޅަވައްސާ މެދު ދިވެހިރާއްޖެ ދެކޭގޮތް: އިސްތިޤްލާލާއި އަމިއްލަ އިޚްތިޔާރުގައި ގޮތް ނިންމުން) ގެ މައްޗަށެވެ.
މި ދިރާސާ ތަރައްޤީކުރުމުގައި ޢަބްދުﷲ ރަޝީދު/ މ. ލިނެޓް، ޢިމާދު ޙަސަން ލަތީފް، އިޔާޒް ޖާދުﷲ ނަސީމް، އަދި ގ. ކެނޭރީގެ އަޙްމަދު ނާޒިމް ސައްތާރުގެ ފަރާތުން ލިބިފައިވާ މަސްދަރުތަކާއި، ދިރާސީ އެހީތެރިކަމާއި، އަދި ޚިޔާލު ބަދަލުކުރުންތަކުގެ ބޭނުން ނުހަނު ބޮޑަށް ހިފިފައިވެއެވެ. މި މަސައްކަތަށް ބޭނުންވާ ހެކިތަކާއި މަޢުލޫމާތު ހޯދުމުގައި އެ ބޭފުޅުން ދެއްވި އެއްބާރުލުމަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.
މިއާއެކު، އެއްވެސް އޮޅުމެއް ނެތް ގޮތުގައި ފާހަގަކުރަންޖެހޭ ކަމަކީ، މި ލިޔުމުގައި ހިމެނޭ އެންމެހާ ބަހުސްތަކާއި، މާނަކުރުންތަކާއި، އަދި ނިންމުންތަކަކީ ހަމައެކަނި ލިޔުންތެރިޔާގެ އަމިއްލަ ވިސްނުމާއި ފިކުރެވެ. މަތީގައި ނަންގަނެވުނު ބޭފުޅުންނަކީ މި ލިޔުމުގައި ހިމެނޭ ޚިޔާލުތަކަށް ޒިންމާވާންޖެހޭނެ ނުވަތަ އެ ޚިޔާލުތަކަށް ތާއީދުކުރާ ބޭފުޅުން ކަމުގައި ބަލައިގެން ނުވާނެއެވެ.
ރިފަރެންސްތައް (ހަވާލާދީފައިވާ ލިޔުންތައް)
Primary Sources
- Pyrard de Laval, F. (1619/1887–1890). The voyage of François Pyrard of Laval to the East Indies, the Maldives, the Moluccas and Brazil (A. Gray & H. C. P. Bell, Trans.). London: Hakluyt Society.
- Bell, H. C. P. (1883–1922). Monograph on the history, archaeology and epigraphy of the Maldives. Colombo: Ceylon Government Press.
- Salahuddin, H. (1933). Response to H. C. P. Bell, Al-Islah Magazine, Issue 3, 6 September 1933.
- Haajee Edhuru Kaleyfaanuge Lhenbai. (c. 1720–1750). Traditional Dhivehi poetic work.
Regional and Political Context (Portuguese–Malabar–Maldives Interaction)
- Albuquerque, A. de. (1510–1515). Cartas de Afonso de Albuquerque. Lisbon: Academia das Ciências.
- Subrahmanyam, S. (1997). The career and legend of Vasco da Gama. Cambridge: Cambridge University Press.
- Subrahmanyam, S. (1993). The Portuguese empire in Asia, 1500–1700: A political and economic history. London: Longman.
- Pearson, M. N. (2003). The Indian Ocean. London: Routledge.
Maldives-Specific Historical Context
- Romero-Frias, X. (1999). The Maldive islanders: A study of the popular culture of an ancient ocean kingdom. Barcelona: Nova Ethnographia Indica.
- Sobah, I. (2025). The Maldives’ perspective on the Chagos Archipelago: Sovereignty and self-determination (Unpublished manuscript).
