March 28, 2026

ފޯޅަވަހީގެ އެއްބަސްވުމާ ދިވެހި ސަރުކާރު ރަސްމީކޮށް ދެކޮޅު ހަދައިފި: ނަމަވެސް ކުރިއަށްދާނެ ގޮތުގެ އިސްތިރާޖީ ސިޔާސަތެއް ނެތް!

ރައީސް މުއިއްޒު އާއި ޑޭވިޑް ލެމީ / ފޮޓޯ ބީބީސީ
ޕެން ފޯ ރައިޓްސް / އައުޓްރީޗް ކޯޑިނޭޝަން ޑެސްކު:
ބީބީސީގެ މިއަދުގެ ސުރުޚީތަކުގެ ދަށުގައި ހުރި ވާހަތަކުގެ ތެރޭގައި، ފޯޅަވަހި ނުވަތަ ޗާގޯސް އާކިޕެލަގޯ މޮރިޝަސްއާ ހަވާލުކުރުމަށް ނިންމާފައިވާ ނިންމުން ގަބޫލު ނުކުރާކަން ދިވެހި ސަރުކާރުން މިހާރު ރަސްމީކޮށް އިނގިރޭސިވިލާތަށް އަންގާފައި ވާކަމަށް ބުނެފައިވެއެވެ. މިކަމަށް އިންކާރުކޮށް ރަސްމީގޮތުން ސިޓީ ފޮނުވާފައިވާ ކަން ވަޒީރުންގެ ފެންވަރުގައި ވެސް އިތުރަށް ކަށަވަރުކޮށްދީފައި ވާކަމަށް ބީބީސީން ބުނެއެވެ. މިއީ ގިނަ އަހަރުތަކެއް ވަންދެން، ލަންޑަނާއި ޕޯޓް ލުއީއާއި ދެމެދު އޮތް ދޭދޭ މައްސަލައެއްގެ ގޮތުގައި ކުރިން ބެލެވުނު މައްސަލައިގެ ތެރެއަށް ރާއްޖެއިން ވަދެ، އެއީ ރާއްޖޭގެ ވެސް މަސްލަހަތު އޮތް ކަމެއްކަން ހާމަކުރި ފުރަތަމަ ފަހަރު ކަމުގައިވެސް ބީބީސީން ބުނެފައިވެއެވެ. މިއީ ފެންނަން އޮތް ބޮޑު މަންޒަރެވެ. ނަމަވެސް މީގެ ފަހަތުގައި ހުރި ކަންކަން މިއަށްވުރެ މާ ބޮޑަށް ވެސް އޮޅުންބޮޅުން ބޮޑެވެ.

ހަނިގޮތަކަށް މާލަހުން ދިވެހިރާއްޖެ ދެކޭގޮތް ހާމަކުރުން
ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ދިވެހިރާއްޖޭގެ މަސްލަހަތުތަކަށް އުނިކަން އަންނަ ގޮތަށް ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން ސާފުކޮށްދެއްވާފައެވެ. ދިވެހި ސަރުކާރުން ބުރަވަނީ "ތާރީޚީ އަދި އިދާރީ ގޮތުން ފޯޅަވައްސާއި ދިވެހިރާއްޖެއާއި ހުރި ވަރުގަދަ ގުޅުންތަކުގެ" މައްޗަށެވެ. ބީބީސީން ބުނެފައިވާ ގޮތުގައި، މިކަމުގައި ގާނޫނީ ފިޔަވަޅު އެޅުމަށް ތައްޔާރަށް އޮތްކަމުގެ އިޝާރާތެއް ވެސް ދިވެހި ސަރުކާރުން ވަނީ ދީފައެވެ. މިއީ ނުހަނު ސީރިއަސް ނިންމުމެއް ނަމަވެސް، މިއީ ވަގުތު ފާއިތުވި ފަހުން ނިންމި ނިންމުމެއްގެ ގޮތުގައި ވެސް ބެލެވިދާނެ ކަމަށް ބީބީސީއިން ފާހަގަ ކުރެއެވެ.

ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ތެރޭގައި ފޯޅަވަހީގެ މައްސަލައިގެ ގާނޫނީ އަދި ސިޔާސީ އޮނިގަނޑު ބައްޓަންވެފައިވަނީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) އާއި، އދ. ގެ އާންމު މަޖިލީހާއި، އަދި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގެ ނިންމުންތަކުގެ މައްޗަށެވެ. ދިވެހިރާއްޖެ މި މައިދާނަށް މި ނިކުތީ މި މައްސަލައިގެ އޮއިވަރު ވަކި މިސްރާބަކަށް އެނބުރި، ބައިނަލްއަގުވާމީ މުޖުތަމައުގެ ނިންމުންތައް ވަކި ގޮތަކަށް ކަނޑައެޅިފައި ވަނިކޮށެވެ. މިވަގުތު ބައިނަލް އަޤްވާމީ ކޯޓުތަކާއި އދ. ގެ ތެރެއަށް ބަލާއިރު، މިއީ މިހާރު ހުޅުވިފައި އޮތް މައިދާނެއް ނޫނެވެ. މިއީ ކުރިން ކަނޑައެޅިފައިވާ ހަމަތަކެއްގެ މައްޗަށް ބިނާވެފައިވާ ބަހުސެކެވެ.

ސާފު ހެކިތަކެއް ނެތް ދައުވާއެއް
މި މައްސަލައިގައި ގާނޫނީ ގޮތުން ހުރި ކަންކަން ދިރާސާކުރަމުންދާ ކަމަށާއި، އައި.ސީ.ޖޭ އަށް މައްސަލަ ހުށަހެޅުމަށް ވިސްނަމުންދާ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. އެއީ އަމާޒެއް އޮތްކަމުގެ ނިޝާނެކެވެ. ނަމަވެސް ބައިނަލްއަގުވާމީ ދައުވާތަކަކީ ހަމައެކަނި ބަޔާނެއް ނެރުމަކުން ނިމޭ ކަންކަމެއް ނޫނެވެ. އެއީ ބުރަ މަސައްކަތުން ސާފު ހެކިތަކެއްގެ މައްޗަށް ބިނާކުރަންޖެހޭ ކަމެކެވެ.

އިތުބާރު ހުރި ދައުވާއެއް އުފެއްދުމަށްޓަކައި މަދުވެގެން އަންނަނިވި ކަންކަން ފުރިހަމަވާންޖެހެއެވެ:
  • ބައިނަލްއަގުވާމީ ގާނޫނުތަކުގެ މައްޗަށް ބިނާވެފައިވާ ސާފު ގާނޫނީ ތިއަރީއެއް.
  • ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ލިޔެކިޔުންތަކާއި ޗާޓުތަކުގެ މައްޗަށް ބިނާވެފައިވާ ހެކިތައް.
  • ހަމައެކަނި ދެކޮޅުވެރިކަން ފާޅުކުރުމުގެ ބަދަލުގައި، ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދާ ޚާރިޖީ ރޭވުންތެރި ސިޔާސަތެއް.
  • އދ. ގެ އެކި މަރުހަލާތަކުގައި މެދުނުކެނޑި ބައިވެރިވުން.
މީގެ ތެރެއިން އެއްވެސް ކަމެއް އަދި އާންމުންނަށް ފެންނާކަށް ނެތެވެ. މިހާތަނަށް ފެންނަން އޮތީ ހަމައެކަނި ރަސްމީގޮތުން ދެކޮޅުހެދިކަން ހާމަކުރުމެވެ. ރަސްމީގޮތުން ދެކޮޅު ހަދާކަން އަންގާފައި ވާއިރު، އެ މަގާމު ދިފާއުކުރާނެ ވަރުގަދަ ގާނޫނީ ބަހުސެއް އަދި ބިނާކުރެވިފައެއް ނުވެއެވެ. ބައިނަލްއަގުވާމީ ގާނޫނީ މައިދާނުގައި މިފަދަ އުނިކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

ގައުމީ ފެންވަރުގައި މަޝްވަރާ ނުކުރެވޭ ކަމުގެ ކަންބޮޑުވުން
ބޭރުގެ ދުނިޔޭގައި ރާއްޖޭގެ މަގާމު ބަލިކަށިކޮށް އޮތްއިރު، ގައުމުގެ އެތެރޭގެ ހާލަތު ވެސް އޮތީ އެފަދަ ގޮތަކަށެވެ. މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގައި އެދެވޭ ބަހުސެއް ކުރެވިފައެއް ނުވެއެވެ. ގާނޫނީ ގޮތުން އެކުލަވާލާފައިވާ މެމޯއެއް ނެތެވެ. މިހާތަނަށް މިވާހަކަ ސަރުކާރުންވެސް ނުވަތަ ރައީސް މުޢިއްޒު ހިމެނޭ ގޮތުން ސިޔާސީ ފަރާތްތަކުން ދިވެހި ރައްޔިތުންނާއި ދައްކަވަމުން ގެންދަވާތަން ފެންނަނީ ސިޔާސީ ގޮތުން ބޭނުން ކުރައްވާ ހަތިޔާރެއްގެ ގޮތުގައެވެ. މަދަނީ ޖަމިއްޔާތަކާއި، އިލްމީ ދާއިރާގެ ބޭފުޅުންނާއި ނޫސްވެރިންނާ އެކު އެއްވެސް މަޝްވަރާއެއް ކުރެވިފައެއް ނުވެއެވެ. ގައުމީ ސިޔާދަތާ ގުޅުންހުރި މިފަދަ މުހިންމު ކަމެއްގައި މި ގެންގުޅޭ އުސޫލަކީ އާދައިގެ ޑިޕްލޮމެޓިކް ކަމެއްގައި ގެންގުޅޭ ފަދަ ސިއްރުވެރި އުސޫލެކެވެ. މިއީ ހަމައެކަނި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމުގެ މައްސަލައެއް ނޫނެވެ. މިއީ މިމައްސަލާގައި ބައިނަލް އަޤްވާމީ މައިދާނުގައި ވަކާލާތު ކުރުމުގައި، މުޅި ދިވެހި ދައުލަތުގެ ގާބިލިއްޔަތުކަމާ ގުޅޭ މައްސަލައެކެވެ.

ޒަމާނީ ދުނިޔޭގައި މިފަދަ މައްސަލަތައް ނިންމަނީ ހަމައެކަނި ކޯޓުތަކުގައެއް ނޫނެވެ. އެކަންކަން ބައްޓަންވަނީ އަންނަނިވި ކަންކަމުގެ ތެރެއިންނެވެ:
  • ފިކުރީ ގޮތުން ކުރެވޭ މަސައްކަތްތަކުން.
  • އާންމުންގެ ބަލައިގަތުމާއި ތާއީދުން (ސިޔާސީ ގޮތުން މި މައްސަލައިގާ ރައްޔިތުން ބައިބައި ކުރުމަކީ ދެވޭ ބޮޑު ގެއްލުމެއް).
  • މުއައްސަސާތަކުގެ ބައިވެރިވުމާއި ބަދަހި ޤައުމީ ގުޅުމުގެ ތެރެއިން.
  • ދައްކާ ވާހަކައިގެ ތަރުތީބާއި ޤާނޫނީ، އަދި އިންސާނީ ޙައްޤުތަކުގެ މަފްހޫމްތަކާއި އަސާސްތަކަށް ފެތޭ މިންވަރު ފުރިހަމަކަމުން.
މި ހުރިހާ ދާއިރާއަކުން ވެސް ރާއްޖޭގެ ސިޔާސީ އަދި ޤައުމީ ޒަމީރު ފެންނަނީ ވަރަށް ތާފަނާ އޮންނަތަނެވެ. މިފަދަ ދަނޑިވަޅެއްގައި އެއްވެސް މީހަކު ހިމޭނުން ހުރުމަކީ ވަކި ފަރާތަކަށް ނުޖެހުމެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ އޮތް ނުފޫޒެއް ދޫކޮށްލުން ވެސް މެއެވެ.

ހަނި ފުރުސަތެއް - އަދިވެސް ވަގުތު އެބައޮތް
މިދެންނެވުނު ކަންބޮޑުވުންތައް މިގޮތަށް ހުރިނަމަވެސް، މައިދާން އޮތީ އަދިވެސް މުޅިން ގެއްލިފައެއް ނޫނެވެ. އިނގިރޭސިވިލާތާއި މޮރިޝަސްގެ އެއްބަސްވުން އަދި ސިޔާސީ ގޮތުން މުޅިން ނިމުމަކަށް ނާދެއެވެ. އިނގިރޭސި ޕާލަމެންޓުގެ ތެރޭގައި އުފެދިފައިވާ ބަހުސްތަކާއި، ސްޓްރެޓެޖިކް ގޮތުން ހުރި ތަފާތު ޚިޔާލުތަކުގެ ސަބަބުން މިކަން ވަނީ ލަސްވެފައެވެ. މިއީ ފާހަގަކުރަންޖެހޭ މުހިންމު ކަމެކެވެ. ބައެއް ކަންކަން އަދިވެސް އޮތީ ސާފުނުވެއެވެ. ނަމަވެސް އެގޮތުގައި މާ ގިނަ ދުވަހަކު ނޯންނާނެއެވެ.

މިހާރު އޮތް ސުވާލަކީ ރާއްޖެއިން ދެކޮޅު ހަދާތޯ ނުވަތަ ނޫންތޯއެއް ނޫނެވެ. ސުވާލަކީ މި ދަނޑިވަޅުގައި ބޭނުންވާ ހަލުވިމިނާއި ފުރިހަމަކަމާއެކު އަމަލުކުރުމަށް ރާއްޖެ ތައްޔާރަށް އޮތްތޯއެވެ.

ހަރުދަނާ އިސްތިރާޖީ ރޭވުމެއްގައި ހުންނާނެ ސިފަތައް
ހަމައެކަނި ދެކޮޅު ހެދުމުގެ ބަދަލުގައި މިކަމަށް ނުފޫޒު ފޯރުވަން ރާއްޖެއިން ބޭނުންނަމަ، އަންނަނިވި ކަންކަން ކުރުން މަޖުބޫރެވެ:

  1. ފުރަތަމަ ކަމަކަށް، ރާއްޖޭގެ ދައުވާ ބިނާވެފައިވާ ގާނޫނީ އަސާސްތަކާއި ހެކިތައް ހިމެނޭ ރަސްމީ "ލީގަލް މެމޮރަންޑަމް" އެއް ސަރުކާރުން އެކުލަވާލަންޖެހެއެވެ. ހަމައެކަނި ބަހުން ބުނާ ބުނުމުގެ ބަދަލުގައި ހެކިތައް ދައްކަންޖެހެއެވެ.
  2. ދެވަނަ ކަމަކަށް، އދ. ގެ އެކި ކޮމިޓީތަކާއި ގުނަވަންތަކުގައި، ޚާއްސަކޮށް އިސްތިއުމާރީ ބާރުތަކާ ގުޅޭ "ޑީކޮލޮނައިޒޭޝަން" ކޮމިޓީ (ސީ-24) ފަދަ ތަންތަނުގައި ރާއްޖެއިން އިސްނަގައިގެން މަސައްކަތް ކުރަންޖެހެއެވެ. މިފަދަ މަރުހަލާތަކުގައި ބައިވެރި ނުވުމަކީ އޮޑިން ބޭރުވުމެވެ.
  3. ތިންވަނަ ކަމަކަށް، ގައުމުގެ އެތެރޭގެ މުއައްސަސާތަކުގެ ބޭނުން ފުރިހަމައަށް ހިފަންޖެހެއެވެ. ރައްޔިތުންގެ މަޖިލީހާއި، ގާނޫނީ ތަޖުރިބާކާރުންނާއި، މަދަނީ ޖަމިއްޔާތަކަކީ މި މަސައްކަތުގެ މުހިންމު ބައިވެރިންނެވެ.
  4. ހަތަރުވަނަ ކަމަކަށް، ދުނިޔޭގެ ކުރިމަތީގައި މި މައްސަލަ ހުށަހަޅާ ގޮތް ބަދަލު ކުރަން ޖެހެއެވެ. މިހާރު ދުނިޔޭގެ ސަމާލުކަން އޮތީ މޮރިޝަސްގެ މިނިވަންކަމަށާއި އެތަނުން ބޭރުކުރެވުނު މީހުންގެ ހައްގުތަކަށެވެ. ރާއްޖޭގެ މަސްލަހަތު މީގެ ތެރޭގައި ފަނޑުވެފައިވަނީ އެއީ ހަގީގަތެއް ނެތް ވާހަކައަކަށް ވާތީއެއް ނޫނެވެ، ނަމަވެސް އެ ވާހަކަ ނިޒާމީ ގޮތެއްގައި ދުނިޔެއަށް ހުށަހެޅިފައި ނެތީމައެވެ.
ބައިވެރިވިޔަސް ބާރުވެރިކަން ނެތުމުގެ ބިރު
ރާއްޖެއިން މިހާރު މިވަނީ މި ބަހުސަށް ވަދެފައެވެ. އެއީ ކުރަންޖެހޭ ކަމެކެވެ. ނަމަވެސް އެއީ އެކަނި ފުދޭ ކަމެއް ނޫނެވެ. ބައިނަލްއަގުވާމީ މައްސަލަތައް ނިމެނީ އުފެދޭ ޝުއޫރުތަކުގެ މައްޗަކަށް ނޫނެވެ. އެކަންކަން ނިމެނީ ހުށަހަޅާ ކަންކަމުގެ ތަރުތީބާއި ޤާނޫނީ ހުއްޖަތުގެ ވަރުގަދަކަމުގެ މައްޗަށެވެ. މައްސަލައެއްގެ ތެރެއަށް ލަހުން ވަންނަ ގައުމުތަކުން ޖެހޭނީ އެހެން ގައުމުތަކަށްވުރެ ބޮޑަށް ތައްޔާރުވެ، ސާފު އަދި ދެމެހެއްޓެނިވި މަސައްކަތްތަކެއް ކުރާށެވެ.

އެހެން ނޫންނަމަ، ރާއްޖެއަށް ޖެހޭނީ ވަރަށް ދަތި ހާލަތަކާ ކުރިމަތިލާށެވެ. އެއީ މައްސަލައިގެ ތެރޭގައި އޮވެ، ނަން ކިތަންމެ ވަރަކަށް ކިޔުނަސް، މައްސަލަ ނިމޭއިރު އެއްވެސް ނުފޫޒެއް ނެތް ގައުމެއްގެ ގޮތުގައި އޮންނަން ޖެހުމެވެ.

ހަމައެކަނި ދެކޮޅު ހެދުމަށްވުރެ ފާޓުފުޅާކުރުން
އިނގިރޭސިވިލާތާއި މޮރިޝަސްގެ އެއްބަސްވުމަށް އިއުތިރާޒު ކުރުމަކީ ސިޔާސީ ނިންމުމެކެވެ. ނަމަވެސް އޭގެ ފަހުން ކުރާ މަސައްކަތްތައް ވާންޖެހޭނީ މިއަށްވުރެ ބޮޑަށް ރޭވުންތެރި ކަންތައްތަކަކަށެވެ. މިއީ ހަމައެކަނި ބަހުގެ ހަމަލާތަކެއް ބަދަލުކުރަންވީ ވަގުތެއް ނޫނެވެ. މިއީ މުއައްސަސާތައް މެދުވެރިކޮށް ނިޒާމީ މަސައްކަތްތަކެއް ކުރަންވީ ވަގުތެވެ. މި މައްސަލައިގާ ރާއްޖެ އޮތީ ކޮން މަގާމެއްގައިތޯ މިހާރު ސުވާލެއް ނެތެވެ. އެކަން އެނގެއެވެ.

މިހާރު އޮތް ސުވާލަކީ، ދުނިޔެއިން ގަބޫލުކުރާ ފަދަ ވަރުގަދަ ސްޓްރެޓެޖީއަކަށް އެ މަގާމު ބަދަލުކުރުމަށް ރާއްޖެ ތައްޔާރަށް އޮތްތޯއެވެ.