![]() |
| ލޯޑް އެލްޓަން: ފޮރިންކޮމަންވެލްތް އޮފީހުން ބޭއްވި ދީނީ މިނިވަނކަމާ ބެހޭ ބައްދަލުވުމެއްގައި |
ފޯޅަވަހީގެ މައްސަލަ މިހާރު އިނގިރޭސި ޕާލަމަންޓުގައި ކުރިއަށްދާ ގޮތާއި، އެކަމަށް އައިސްފައިވާ މުހިންމު ބަދަލުތައް، އިނގިރޭސި ޕާލަމެންޓުގެ މަތިގެއާއި މި ޖަމްޢިއްޔާ (ޕެންފޯރައިޓްސް) އާއި ދެމެދު ވޭތުވި ދެމަހެއްހާ ދުވަހު ބަދަލުކުރެވުނު މުޢާމަލާތްތަކުން ވަނީ ސާފުވެފައެވެ. އިނގިރޭސި ޕާލަމެންޓްގެ ޖޮއިންޓް ކޮމިޓީ އޮން ހިއުމަން ރައްިޓްސް އިން އިންސާނީ ހައްގުތަކާ ގުޅުންހުރި ކަންބޮޑުވުންތައް ރަސްމީކޮށް ބަލައި ދިރާސާކޮށްފައިވީ ނަމަވެސް، ބައިނަލްއަގުވާމީ ގާނޫނުތަކާއި މި މައްސަލައިގެ އޮނިގަނޑާ ގުޅޭ ފުޅާ ދާއިރާއެއްގެ ސުވާލުތައް މިހާރު ވަނީ ޕާލަމަންޓުގެ އެހެން ފޯރަމަކަށް ބަދަލުކުރެވިފައެވެ.
މި މަޢުލޫމާތުތައް ލިބިފައިވަނީ އިންސާނީ ހައްގުތަކާ ބެހޭ ޖޮއިންޓް ކޮމިޓީގެ މުގައްރިރު ޑޭވިޑް އެލްޓަންއާއި މިޖަމްޢިއްޔާއާއިއެކު ވޭތުވި ދެމަހެއްހާ ދުވަހު ބަދަލުކުރެވެމުން އައި މުޢާމަލާތަކުގެ ތެރޭގައި އަޅުގަނޑުމެންނާއި ޙިއްސަކޮށްފައިވާ ލިޔެކިޔުންތަކުންނެވެ. އާދެ، ލޯޑް އެލްޓަންގެ އޮފީހުން ވަނީ ފޯޅަވައްސާ ގުޅޭގޮތުން އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ވެފައިވާ އެއްބަސްވުމާ ގުޅޭ ރަސްމީ ލިޔެކިޔުންތައް މި ޖަމްޢިއްޔާއާއި އެކު ހިއްސާކޮށްފައެވެ.
މި ލިޔެކިޔުންތަކުގެ ތެރޭގައި ބޮޑުވަޒީރަށް ފޮނުއްވި ރަސްމީ ސިޓީއަކާއި، 2026 ފެބުރުވަރީ 4 ވަނަ ދުވަހު ފަންނީ މާހީރުން ކޮމިޓީއަށް ދީފައިވާ ބަޔާންތަކުގެ ޓްރާންސްކްރިޕްޓް ހިމެނެއެވެ. މި ތަކެތިން އިނގިރޭސި ޕާލަމަންޓުން މި މައްސަލަ ވަޒަންކުރަމުންދާ ގޮތާއި، އެ ވަޒަންކުރުންތަކުގެ މިންގަނޑުތައް ހުރި ގޮތް ވަރަށް ސާފުކޮށް އެނގެން އޮވެއެވެ.
އިންސާނީ ހައްގުތަކުގެ ތަހުގީގު ޕާލަމަންޓުން ނިންމާލުން
ލޯޑް އެލްޓަންގެ ފަރާތްޕުޅުން، ކޮމިޓީގެ ކާތިބު ފޮނުއްވި ޖަވާބުގައި ކަށަވަރުކޮށްދީފައިވާ ގޮތުގައި، އިންސާނީ ހައްގުތަކާ ބެހޭ ޖޮއިންޓް ކޮމިޓީން ދެން މި މައްސަލާގައި އިތުރު މަސައްކަތެއް ކުރުމަށް ރާވާފައެއް ނުވެއެވެ. އަދި މިހާތަނަށް އެއްކުރެވުނު މައުލޫމާތުތައް ޚާރިޖީ ކަންކަމާ ބެހޭ ސިލެކްޓް ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފައެވެ.
މިއީ އިޖުރާއީ ފިޔަވަޅެއް ނަމަވެސް، މިއީ ވަރަށް މުހިންމު ނިންމުމެކެވެ. މީގެން ދޭހަކޮށްދެނީ މި މައްސަލަ ހަމައެކަނި އިންސާނީ ހައްގުތަކުގެ ދާއިރާއިން ކުރެވޭ ބަހުސުން ބޭރުވެ، ޚާރިޖީ ސިޔާސަތާއި ބައިނަލްއަގުވާމީ ގާނޫނީ ވަޒަންކުރުންތަކުގެ ދާއިރާއަށް ފުޅާވެފައިވާ ކަމެވެ.
ކޮމިޓީން ބޮޑުވަޒީރަށް ފޮނުއްވި ސިޓީގައި ހުރި ކަންބޮޑުވުންތައް
މި މަރުހަލާ ނިމުމުގެ ކުރިން، 26 ފެބުރުވަރީ 2026 ގައި ޖޮއިންޓް ކޮމިޓީން ބޮޑުވަޒީރަށް ފޮނުއްވި ސިޓީގައި، ހުށަހެޅިފައިވާ އެއްބަސްވުމުގެ ސަބަބުން އިންސާނީ ހައްގުތަކަށް ކޮށްފާނެ އަސަރުތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ކޮމިޓީން ވަނީ އދ.ގެ ނަސްލީ ތަފާތުކުރުންތައް ނައްތާލުމާ ބެހޭ ކޮމިޓީން(CERD) 2025 ޑިސެމްބަރު މަހު ނިންމި ނިންމުމަކަށް ރިއާޔަތްކޮށްފައެވެ. އެ ނިންމުމުގައި، އެއްބަސްވުން ތަސްދީގުކުރުން ފަސްކުރުމަށް އިނގިރޭސިވިލާތާއި މޮރިޝަސްއަށް ވަނީ ގޮވާލާފައެވެ.
ކޮމިޓީގެ ސިޓީގައި ފާހަގަކޮށްފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:
- ރަށްތަކުން ބޭރުކޮށްލެވުނު މީހުންނަށް އަނބުރާ ދިއުމުގެ ހައްގު.
- ސަގާފީ އަދި ބިމުގެ ހައްގުތައް ހިމާޔަތްކުރުން.
- އަސަރު ފޯރާފައިވާ މުޖުތަމައުތަކާ އެކު ކުރެވުނު މަޝްވަރާތަކުގެ ފެންވަރު.
- ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ އިލްތިޒާމްތަކާ މި އެއްބަސްވުން ފުށުއަރާ މިންވަރު.
ހެކިބަސް ދިނުމުގެ ސެޝަނުން ފާހަގަވި ތަފާތު ޚިޔާލުތައް
ފެބުރުވަރީ 4 ގައި ބޭއްވުނު އަޑުއެހުމުގައި، ފިލިޕް ސޭންޑްސް ހިމެނޭހެން ގާނޫނީ ހަތަރު މާހިރަކާއި އިލްމީ ދާއިރާގެ ބޭފުޅުން މައުލޫމާތު ދެއްވިއެވެ.
މި ބަޔާންތަކުން އެނގުނު ގޮތުގައި މި އެއްބަސްވުމާ މެދު މާހިރުންގެ މެދުގައި ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އެބަހުއްޓެވެ. ބައެއް ބޭފުޅުން ދެކޭގޮތުގައި، ބައެއް އުނިކަންކަން ހުރި ނަމަވެސް، މިއީ ފޯޅަވަހީގެ ބައެއް ރަށްތަކުގައި ވަޒަންވެރިވުމަށް އޮތް އަމަލީ މަގެކެވެ. ނަމަވެސް، އަނެއްބައި ބޭފުޅުން ކަންބޮޑުވުން ފާޅުކުރެއްވީ އެއްބަސްވުމުގައި ގާނޫނީ ގޮތުން ކަށަވަރު ކޮށްދޭންޖެހޭ މުހިންމު ކަންކަން މަދުވެފައި ވުމުގެ މައްސަލައެވެ.
ޚާއްޞަކޮށް، އެއްބަސްވުމުގައި ބޭނުންކޮށްފައިވާ ބަސްމަގާ މެދު ސުވާލު އުފެދުނެވެ. މޮރިޝަސްއަށް ފޯޅަވަހީގެ އިސްތިޢުމާރީ ބީރަށްވެހިން (ޗާގޯސިއަނުން) ފޯޅަވަހީގެ ބައެއް ރަސްރަށުގައި ވަޒަންވެރި ކުރުވުމުގެ ޕްރޮގްރާމެއް ހިންގުމުގެ "މިނިވަންކަން އޮތް" ކަމަށް ބުނާ ބުނުމަކީ، އެކަން ކުރަން މަޖުބޫރުކުރާ ގާނޫނީ ބާރެއް އޮތް ބަހެއް ނޫންކަން މާހިރުން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އެކި ގައުމުތަކަށް ބެހިފައިވާ ފޯޅަވހީގެ އިސްތިޢުމާރީ ބިރަށްވެހިންނާ އެކު އެކަށީގެންވާ މަޝްވަރާއެއް ކުރެވިފައި ނުވާކަން ފާހަގަކުރެވުނެވެ. މިފަދަ ކަންކަމުގައި އެ ފަރާތްތަކުގެ މެދުގައި ކުރިއާލާ އެގިގެން، ކަމުގެ މައްޗަށް މަޢުލޫމާތު ދިނުމާއި އެކު، މިނިވަން ކަމާއެކު އެމީހުން ދޭ ރުހުން (consent) ހޯދުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން CERD އިން ވެސް ވަނީ ބުނެފައެވެ.
ސަގާފީ ހައްގުތަކާއި ތާރީޚީ ހިތްދަތިކަން
ކޮމިޓީގައި ވަނީ ކާބަފައިންގެ ބިމަށް ދިއުމާއި، ކަށުކަމާކެމީގެ ކަންކަން ކުރާ ތަންތަނާއި އަޅުކަންކުރާ ތަންތަނަށް ވާސިލުވުމުގެ ސަގާފީ ހައްގުތަކާ މެދު ވެސް މަޝްވަރާކޮށްފައެވެ. ބައިނަލްއަގުވާމީ މުއާހަދާތަކަށް ރިއާޔަތްކޮށް މާހިރުން ވިދާޅުވީ، ބިމަށް ވާސިލުވުމުގެ ފުރުސަތު ނެތި ސަގާފީ ހައްގުތައް ފުރިހަމައަށް އަދާނުކުރެވޭނެ ކަމަށެވެ.
ބަހުސް ހިނގަމުންދާ ހަނި ދާއިރާ
ޕާލަމަންޓުގެ ސެޝަނުގައި އިންސާނީ ހައްގުތަކާ މެދު ފުޅާކޮށް ވާހަކަދެކެވުނު ނަމަވެސް، ބަހުސް ބިނާވެފައި އޮތީ މައިގަނޑު ތިން ފަރާތެއްގެ މައްޗަށެވެ. އެއީ އިނގިރޭސިވިލާތް، މޮރިޝަސް އަދި ފޯޅަވަހީގެ އިސްތިޢުމާރީ ބީރަށްވެހީންނެވެ. މިއީ ފަހަކަށް އައިސް ބައިނަލްއަގުވާމީ ކޯޓުތަކާއި އދ. ގައި މި މައްސަލަ ބެލެވިފައިވާ ގޮތެވެ. ނަމަވެސް، ފޯޅަވަހީގެ ތާރީޚީ އަދި ސަރަހައްދީ އެހެން ކަންކަމާއި، ދިވެހިރާއްޖެ ފަދަ ގުޅުންހުރި ތިންވަނަ ފަރާތްތަކުގެ ޙައްޤުތަކުގެ ވާޙަކަތަކަށް މި ބަހުސްގައި މާ ބޮޑު ސަމާލުކަމެއް ދެވިފައެއް ނުވެއެވެ.
އިންސާނީ ހައްގުތަކުން ޚާރިޖީ ދާއިރާއަށް
މި މައްސަލަ ޚާރިޖީ ކަންކަމާ ބެހޭ ސިލެކްޓް ކޮމިޓީއަށް ފޮނުވުމަކީ މުހިންމު ބަދަލެކެވެ. އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ބަލާފައިވަނީ އަނބުރާ ދިއުމުގެ ހައްގާއި، މަޝްވަރާކުރުމާއި، ސަގާފީ ރައްކާތެރިކަމާ ގުޅޭ ކަންކަމެވެ.
ދެން އޮތް މަރުހަލާގައި ބޮޑަށް ބެލެވޭނީ:
- މި ދަޢުވާ ނުވަތަ ޚިލާފު ބިނާވެފައިވާ ބައިނަލްއަގުވާމީ ގާނޫނީ އޮނިގަނޑު ފުޅާ ދާއިރާއެއްގައި ވަޒަންކުރުން.
- އިސްތިއުމާރީ ބާރުވެރިކަން ނައްތާލުމުގެ (decolonisation) މަރުހަލާތައް އެކުލެވިގެންވާ ގޮތާއި އޭގެ އޮނިގަނޑު ދިރާސާކުރުން.
- އދ. ގެ ނިޒާމުގެ ތެރޭގައި ހިމެނޭ މުއާހަދާތަކާއި އެއްބަސްވުންތަކުގެ ސަބަބުން ނުކުމެދާނެ ނަތީޖާތަކާއި އޭގެ އަސަރުތައް ބެލުން.
މިއީ ހަމައެކަނި ބޭރުކޮށްލެވުނު މީހުންނަށް ވީގޮތް ބެލުމުގެ ބަދަލުގައި، އެކަން ހައްލުކުރަން ހަދާފައިވާ މުޅި ނިޒާމު ދިރާސާކުރުމަށް ފެށޭ މަސައްކަތެކެވެ.
ނިންމުން: މައްސަލަ އަދިވެސް އޮތީ ކުރިއަށް
އިނގިރޭސި ޕާލަމަންޓުގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ފޯޅަވަހީގެ މައްސަލައަކީ އިނގިރޭސި ދައުލަތުގެ ތެރޭގައި އަދިވެސް ވަރަށް ބޮޑަށް ބަހުސްކުރެވެމުންދާ ދިރޭ މައްސަލައެކެވެ.
އިންސާނީ ހައްގުތަކާ މެދު ހުރި ކަންބޮޑުވުންތައް ބަލައިގަނެވިފައިވާއިރު، މިހާރު އޮތް އެއްބަސްވުމުން އެކަންކަން ހައްލުވާނެ ކަމާ މެދު މާހިރުންގެ މެދުގައި ވަނީ ޚިޔާލުތަފާތުވެފައެވެ. މަޝްވަރާކުރުމާއި، އެއްބަސްވުން ތަންފީޒުކުރުމާއި، އަނބުރާ ދިއުމުގެ ކަށަވަރުކަމާ މެދު ހުރި ސުވާލުތަކަށް އަދިވެސް ޖަވާބެއް ނުލިބެއެވެ.
މި މައްސަލަ ޚާރިޖީ ކަންކަމާ ބެހޭ ދާއިރާއަށް ބަދަލުވުމަކީ، މި މައްސަލައިގައި ކުރެވޭ ބަހުސްގެ ދާއިރާ ކުރިއަށްވުރެ ފުޅާވެގެންދާނެ ކަމުގެ ނިޝާނެކެވެ. ޕާލަމަންޓުގެ މި ދިރާސާތަކުން މި މައްސަލަ ނިމުމަކަށް ނާދެއެވެ. އޭގެ ބަދަލުގައި، މިއީ މި މައްސަލަ ބަލާނެ އިތުރު މަރުހަލާތަކަކަށް މަގުކޮށައިދިނުމެކެވެ.
އެހެންކަމުން މިފާހަގަ ކުރެވުނު ކަންކަން އދ. ގެ ކަމާބެހޭ ގުނަވަންތަކުގެ ސަމާލު ކަމަށާއި، އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން ކުރަން ޖެހޭ ކަންކަން ޕެންފޯ ރައިޓްސްގެ ފަރާތުން ހަލުވިކަމާއިއެކު ކުރަމުން ގެންދާނެއެވެ.
.jpg)