May 06, 2026

އިނގިރޭސިވިލާތާ ދެކޮޅަށް މޮރިޝަސް ހުށަހެޅި މައްސަލައަކުން ރާއްޖޭގެ ކަނޑުގެ ޗާޓަށް ބަދަލު އައުން

ޕެންފޯރައިޓްސް / ޤާނޫނީ ދިރާސާ އޮޅި: 
ލާޒިމުނުކުރާ ނިންމުންތަކަކުން، ލާޒިމުވާ ފަދަ ނަތީޖާތަކެއް ނުކުތް ގޮތުގެ ފަންނީ ދިރާސާއެއް:
ބަލާބެލުމަށް މި މައްސަލައިގެ ތަރުތީބު ފެންނަނީ ވަރަށް ސާދާކޮށެވެ. މޮރިޝަސް އިން އިނގިރޭސިވިލާތާ ދެކޮޅަށް މައްސަލަ ޖެއްސީ ފޯޅަވަހި (ޗާގޯސް އާކިޕެލަގޯ) ވަކިކުރި މައްސަލައިގައެވެ. އދ. ގެ އާންމު މަޖިލީހުން އެކަމުގައި ބައިނަލްއަގުވާމީ ކޯޓު (އައި.ސީ.ޖޭ) ގެ އިސްތިޝާރީ ލަފައަކަށް އެދުނެވެ. އައި.ސީ.ޖޭ އިން 2019 ވަނަ އަހަރު ނިންމީ، މޮރިޝަސްއަށް މިނިވަންކަން ދިނުމުގެ ކުރިން ފޯޅަވަހި އިސްތިއުމާރީ މޮރިޝަސްގެ އިދާރީ ސަރަޙައްދުން (ސިޔާދަތީ ސަރަޙައްދެއް ނޫން) ވަކިކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، އިސްތިއުމާރު ނިމުމަކަށް ގެނައުމުގެ މަރުހަލާ ފުރިހަމަވެފައި ނުވާ ކަމަށެވެ.

މިހިސާބަށް ކަންކަން ހިނގާފައިވަނީ ބައިނަލްއަގުވާމީ ގާނޫނީ އިމުގެ ތެރެއިންނެވެ. ނަމަވެސް، މައްސަލަ އުފެދެނީ ވަރަށް އާދައިގެ ސުވާލަކާ ހިސާބުންނެވެ. ބައިނަލްއަގުވާމީ މައިދާނުގައި "މޮރިޝަސް އާއި އިނގިރޭސިވިލާތާ" ދެމެދު އޮތް މައްސަލައެއްގެ ގޮތުގައި ސިފަކުރެވުނު މަރުހަލާއެއްގެ ތެރެއިން، ދިވެހިރާއްޖޭގެ ގާނޫނީ މަގާމަށް ބަދަލު އައީ ކިހިނެއް ހެއްޔެވެ؟

މި ސުވާލަކީ ބައިނަލްއަގުވާމީ ގާނޫނުގެ އޮނިގަނޑުގައި ހުރި ފުން މައްސަލަތަކަކާ ގުޅިފައިވާ ސުވާލެކެވެ. ފޯޅަވަހީގެ މައްސަލައިން ފެނިގެންދިޔައީ، އިސްތިޝާރީ ލަފާދިނުމާއި، މަޝްވަރާގެ އުސޫލުން ފާސްކުރާ ގަރާރުތަކާއި، އަދި ހާއްސަ ޓްރައިބިއުނަލްތައް ގުޅިގެން، އެ ޓްރައިބިއުނަލްތަކުގެ އިހުތިސާސުން ބޭރަށާއި، އަސްލު މައްސަލައިގައި ހިމެނޭ ފަރާތްތަކަށްވުރެ މާ ދުރަށް އޭގެ ނަތީޖާ ފޯރާފައިވާ ތަނެވެ. މިއީ އެންމެ ފަނޑިޔާރަކު ނުވަތަ އެންމެ ކޯޓަކުން ނިންމި ނިންމުމެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ ގާނޫނީ ގޮތުން ތަންފީޒުކުރުން ލާޒިމުނޫން ނިންމުންތަކެއް، މުއައްސަސާތަކުގެ ތެރެއިން ހިނގަމުން ގޮސް އަމަލީ ގޮތުން ތަންފީޒުކުރުން ލާޒިމުވާ ފަދަ ނަތީޖާތަކަކަށް ބަދަލުވެގެން ދިޔަ ގޮތުގެ ސިލްސިލާއެކެވެ.

އައި.ސީ.ޖޭ ގެ އިސްތިޝާރީ ލަފާގެ ގާނޫނީ ހުދޫދު
ފުރަތަމަ އުސޫލަކީ ވަރަށް އަސާސީ، ނަމަވެސް އާންމު ބަހުސްތަކުގައި ގިނަފަހަރަށް އޮޅުން އަރާފައިވާ ކަމެކެވެ. ބައިނަލްއަގުވާމީ ކޯޓުގެ އިސްތިޝާރީ (އެޑްވައިޒަރީ) ލަފައަކީ ދައުލަތްތަކަށް އަމަލުކުރުން ލާޒިމު އެއްޗެއް ނޫނެވެ. މިއީ ސިޔާސީ މާނަކުރުމެއް ނޫނެވެ. މިއީ އެކޯޓު އުފެދިފައިވާ ގޮތުގެ އަސާސީ ގަވާއިދުގައިވާ ގޮތެވެ.

އައި.ސީ.ޖޭ ގެ ގަވާއިދުގެ 59 ވަނަ މާއްދާގައި ބުނަނީ:

"ކޯޓުގެ ނިންމުމަކީ، މައްސަލައިގައި ހިމެނޭ ފަރާތްތަކާއި އެ މައްސަލައަކާ ގުޅޭގޮތުން މެނުވީ، އަމަލުކުރުން ލާޒިމުވާނެ އެއްޗެއް ނޫނެވެ."
މި މާއްދާގެ މުހިންމުކަން ވަރަށް ބޮޑެވެ. ބައިނަލްއަގުވާމީ ގާނޫނުގައި ނިންމުމެއް ލާޒިމުވަނީ ދައުލަތްތަކުން އެކަމަށް ރުހުން ދިނުމުންނެވެ. އިސްތިޝާރީ ލަފައަކީ އާންމުކޮށް ހިނގާ ޝަރީއަތްތަކާ ތަފާތު އެއްޗެކެވެ. އެއީ ދައުލަތްތަކެއްގެ މެދުގައި ހިނގާ ދައުވާއަކަށް ދޭ ހުކުމެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ އދ. ގެ ގުނަވަންތަކަށް ދެވޭ ގާނޫނީ އިރުޝާދެކެވެ.

ކޯޓުން ވެސް ތަކުރާރުކޮށް މި ތަފާތު ފާހަގަކޮށްފައިވެއެވެ. 1975 ވަނަ އަހަރުގެ "ވެސްޓަން ސަހާރާ" މައްސަލައިގައި ކޯޓުން ބުނެފައިވަނީ އިސްތިޝާރީ ލަފަޔަކީ ގާނޫނީ ގޮތުން ބުރަދަން ހުރި އަދި ސުލޫކީ ގޮތުން މުހިންމު އެއްޗެއް ނަމަވެސް، އެއީ ދައުލަތްތަކަށް މަޖުބޫރުވާ އިލްތިޒާމުތަކެއް އުފައްދާ އެއްޗެއް ނޫން ކަމަށެވެ. 2019 ވަނަ އަހަރުގެ ފޯޅަވަހީގެ ލަފައަށް ވެސް އޮތީ ހަމަ މި އުސޫލެވެ. އެ ލަފާގައި ކޯޓުން ހާމަކުރީ ފޯޅަވަހި ވަކިކުރުމާ މެދު ކޯޓަށް ފެންނަ ގޮތެވެ. ނަމަވެސް، އެއީ އެކަމުގެ އަސަރު ފޯރާފާނެ ހުރިހާ ދައުލަތްތަކެއްގެ މައްޗަށް ހިނގާނެ، ސިޔާދަތީ މިލްކުވެރިކަން ކަނޑައަޅާ ނިހާއީ ހުކުމެއް ނޫނެވެ.

މި ތަފާތު މުހިންމުވަނީ، ސިޔާސީ މަޝްވަރާތަކުގައި މި ލަފައަކީ ހަމައެކަނި ގާނޫނީ އިރުޝާދެއްގެ ބަދަލުގައި، އެއީ ސިޔާދަތީ ބާރު ކަނޑައަޅާ ނިމިފައިވާ، ހުރިހާ ފަރާތްތަކަށް ލާޒިމު ނިންމުމެއްގެ ގޮތުގައި ބަލަން ފެށުމުންނެވެ. މިއީ ގާނޫނީ މައްސަލައިގެ އަސްލު ފެށުމެވެ.

އާންމު މަޖިލީހުގެ ގަރާރުތަކުގެ ދުސްތޫރީ ހުދޫދު
ދެވަނަ އުސޫލަކީ ވެސް ހަމަ އެހާ ސާފު ކަމެކެވެ. އދ. ގެ އާންމު މަޖިލީހުން ފާސްކުރާ ގަރާރުތަކަކީ ހަމައެކަނި "ލަފާދޭ" ނުވަތަ "އިރުޝާދީ" (ރެކޮމެންޑޭޓަރީ) ސިފަ އެކުލެވޭ އެއްޗެކެވެ. މިއީ އދ. ގެ ޗާޓަރު އެކުލެވިގެންވާ ގޮތެވެ.

ޗާޓަރުގެ 4 ވަނަ ބާބުގެ ދަށުން، އާންމު މަޖިލީހަށް މައްސަލަތަކާ މެދު ބަހުސްކޮށް، މެންބަރު ގައުމުތަކަށް ނުވަތަ ސަލާމަތީ މަޖިލީހަށް ހުށަހެޅުންތައް ހުށަހެޅިދާނެއެވެ (އާޓިކަލް 10-14). އެ މަޖިލީހަށް އޮންނަނީ ސިޔާސީ އަދި މަޝްވަރާ ދިނުމުގެ ބާރެވެ. މިނިވަން ދައުލަތްތަކުގެ މައްޗަށް ގާނޫނުތައް މަޖުބޫރުކުރުމުގެ ބާރެއް ނޫނެވެ. އދ. ގެ ޗާޓަރުގެ ދަށުން ޢަމަލުކުރުން ލާޒިމުކުރުވުމުގެ ބާރު އޮންނަނީ ހަމައެކަނި 7 ވަނަ ބާބުގެ ދަށުން ސަލާމަތީ މަޖިލީހަށެވެ.

މިއީ ހަމައެކަނި އިޖުރާއީ ކަމެއް ނޫނެވެ. މިއީ އދ. ގެ ނިޒާމުގެ ތެރޭގައި ހިމެނޭ މަޖުލިސްތަކުގެ އިހްތިޞާސްތައް ބައިކޮށް ދަނެގަތުމަށް އ.ދ. ގެ ޗާޓަރުގައި ކަނޑައަޅާފައި އޮތް ވަރަށް އަސާސީ ބައިކުރުމެކެވެ.

2019 ވަނަ އަހަރު އާންމު މަޖިލީހުން ގަރާރު 73/295 ފާސްކޮށް، އައި.ސީ.ޖޭ ގެ ލަފާ ބަލައިގަނެ، އިނގިރޭސިވިލާތުން ފޯޅަވަހިން ފޭބުމަށް ގޮވާލިއިރު، އެ މަޖިލީހުން އަމަލުކުރީ 4 ވަނަ ބާބުގެ ދަށުން ލިބިދޭ އިރުޝާދު ދިނުމުގެ ބާރުގެ ތެރޭގައެވެ. އެ ގަރާރަކީ ސިޔާސީ ގޮތުން ބޮޑު ބުރަދަނެއް އޮތް އެއްޗެއްކަން ކަށަވަރެވެ. ނަމަވެސް، ގިނަ ގައުމުތަކެއްގެ ސިޔާސީ ތާއީދަކީ ގާނޫނީ ގޮތުން މައްސަލަ އެއްކޮށް ނިމުމެއް ނޫނެވެ.

4 ވަނަ ބާބުގެ ދަށުން ނެރޭ ގަރާރުތަކަކީ 7 ވަނަ ބާބުގެ ދަށުން ނެރޭ ނިންމުންތަކެއް ފަދަ އެއްޗެއްގެ ގޮތުގައި ސިފަކުރުމަކީ ގާނޫނީ ގޮތުން ކުށެކެވެ. މިތާގައި މައްސަލައަކީ އާންމު މަޖިލީހުން ސިޔާސީ ގޮތެއް ނިންމުމެއް ނޫނެވެ. މައްސަލައަކީ، ހަމައެކަނި އިރުޝާދެއްގެ ގޮތުގައި އޮތް ލިޔުމަކީ ސިޔާދަތީ ބާރުގެ ހުރިހާ ގާނޫނީ މައްސަލަތަކެއް އެއްކޮށް ނިންމާލި އެއްޗެއްގެ ގޮތުގައި ބަލަން ފެށުމެވެ.

އިސްތިއުމާރު ނިންމުމުގެ މައްސަލައަކުން، ކަނޑުގެ އިންވަކިކުރާ މައްސަލައަކަށް ބަދަލުވުން
ތިންވަނަ މަރުހަލާގައި މުޅި ގާނޫނީ މައިދާން ބަދަލުވެގެން ދިޔައެވެ. މި މައްސަލަ އދ. ގެ ކަނޑުގެ ގާނޫނާ ބެހޭ ޓްރައިބިއުނަލް (އިޓްލޮސް) އަށް ހުށަހެޅުނެވެ. މިހާރު މިއީ އިސްތިއުމާރު ނިންމުމުގެ މައްސަލައެއް ނޫނެވެ. ކުއްލިއަކަށް މިއީ މޮރިޝަސް އާއި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދީ އިން ވަކިކުރުމުގެ މައްސަލައަކަށް ބަދަލުވީއެވެ.

ބަލާބެލުމަށް މިއީ ގާނޫނުގެ މުޅިން ތަފާތު ދާއިރާއެއްހެން ހީވެދާނެއެވެ. ނަމަވެސް، ހަގީގަތަކީ އެއްގަމުގެ ސިޔާދަތީ ބާރާ ނުލައި ކަނޑުގެ ސަރަހައްދު ކަނޑައެއް ނޭޅޭނެއެވެ. ކަނޑުގެ ސަރަހައްދު ލިބެނީ އެއްގަމާ ގުޅިގެންނެވެ. އެހެންކަމުން، އެ ސަރަހައްދުގެ މިލްކުވެރި ދައުލަތަކީ ކޮބައިކަން ނޭނގި، ކަނޑުގެ ސަރަހައްދު ވަކިކުރުމަކީ ޓްރައިބިއުނަލަކަށް ކުރެވޭނެ ކަމެއް ނޫނެވެ.

މިއީ އިޓްލޮސްއަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ. އިޓްލޮސްއަށް އޮންނަނީ ކަނޑުގެ ސަރަހައްދު ވަކިކުރުމުގެ އިހުތިސާސެވެ. ނަމަވެސް، ދައުލަތްތަކުގެ މެދުގައި އޮންނަ ބިމުގެ ސިޔާދަތީ މައްސަލަތައް ނިންމުމުގެ ފުރިހަމަ ބާރެއް އެ ކޯޓަކަށް ނޯވެއެވެ.

އެހެންނަމަވެސް، ފޯޅަވަހީގެ މައްސަލައިގައި ކަނޑުގެ ސަރަހައްދު ކަނޑައެޅުމަށްޓަކައި، އެތަނުގެ ވެރި ފަރާތަކީ ކޮބައިކަން ކުރިން އެނގެން ޖެހެއެވެ. ނަމަވެސް އިޓްލޮސްއަށް ޖެހުނީ، ސިޔާދަތީ ބާރުގެ މައްސަލަ ސީދާ ނިންމުމުގެ ބާރު އެޓްރައިބިއުނަލަށް ނެތް ހާލަތެއްގައި، ކަނޑުގެ ސަރަހައްދު ވަކިކުރުމަށްޓަކައި ކޮންމެވެސް އެއް ގައުމަކީ އެތަނުގެ ވެރިފަރާތް ކަމަށް ބަލާށެވެ.

ނިންމުން ނިންމުމަށް ބޭނުންކުރި "ޝޯޓްކަޓް"
މިކަމުގައި އިޓްލޮސްގެ ހާއްސަ ޗެމްބަރުން ބޭނުންކުރީ ވަރަށް ނާޒުކު ނަމަވެސް މުޅި މައްސަލަ ބަދަލުކޮށްލި އުސޫލެކެވެ. ސިޔާދަތީ ބާރާ މެދު ސީދާ ހުކުމެއް ކުރުމުގެ ބަދަލުގައި، އެ ފަރާތުން ބުރަވީ އައި.ސީ.ޖޭ ގެ އިސްތިޝާރީ ލަފަޔާއި އދ. ގެ އާންމު މަޖިލީހުގެ ގަރާރުތަކަށެވެ. އެ ލިޔުންތަކަށް ބިނާކޮށް، މޮރިޝަސްއަކީ އެ ސަރަހައްދާއި އިންވެގެން އޮތް (އައްސޭރިފަށުގެ) ދައުލަތް ކަމަށް ބަލައިގެން ކުރިއަށް ދިޔައީއެވެ.

ރަސްމީ ސިފައެއްގައި، ޓްރައިބިއުނަލުން ސިޔާދަތީ ބާރު ކަނޑައެޅުމުން އެއްކިބާވިއެވެ. ނަމަވެސް، އަމަލީ ގޮތުން ބަލާއިރު އެކަން ވަކިކުރަން އުނދަގުލެވެ. ޓްރައިބިއުނަލުން ބުނީ ތިމަންމެން ސިޔާދަތީ ބާރު ކަނޑައެއް ނާޅަމޭ ކަމުގައެވެ. އެކަމަކު، ކަނޑުގެ ސަރަހައްދީ އިން ބެހުމަށްޓަކައި ބޭނުންކުރީ މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ބެލި ބެލުމެވެ.

މިކަން މުހިންމުވަނީ، އިނގިރޭސިވިލާތުން އަދިވެސް އެ ސަރަހައްދުގެ ސިޔާދަތީ ބާރަށް ވަކާލާތު ކުރަމުން ދަނިކޮށް، ތަންފީޒުކުރުން ލާޒިމުނޫން ލަފަޔަކާއި ގަރާރަކަށް ބިނާކޮށް މި ނިންމުން ނިންމުމުންނެވެ. އިޓްލޮސްއިން ކުރި ކަމަކީ، ސިޔާދަތީ ބާރު ނިންމުމުގެ ރަސްމީ އިހުތިސާސް ލިބިނެތި، އަމަލީ ގޮތުން އެފަދަ ނިންމުމެއް ނިންމުމެވެ.

މިއީ ގާނޫނީ ގޮތުން ބޮޑު މައްސަލައެކެވެ. ދިވެހިރާއްޖެއަކީ އައި.ސީ.ޖޭ ގެ ލަފާ ހޯދުމުގެ މަރުހަލާގައި ހިމެނުނު ފަރާތެއް ނޫނެވެ. އެ ލަފަޔަކީ ލާޒިމު އެއްޗެއް ނޫނެވެ. އާންމު މަޖިލީހުގެ ގަރާރަކީ އިރުޝާދެކެވެ. ނަމަވެސް، މި ހުރިހާ އެއްޗެއް އެއްވެގެން، ދިވެހިރާއްޖެއަށް އަމަލުކުރުން ލާޒިމުވާ ކަނޑުގެ ސަރަހައްދަށް އަސަރުކުރާނެ ނިންމުމެއް މިވަނީ ނެރެފައެވެ.

ބައިނަލްއަގުވާމީ ގޮތުން "މޮރިޝަސް އާއި އިނގިރޭސިވިލާތުގެ" މައްސަލައެއްގެ ގޮތުގައި ފެށުނު ކަމަކުން، ދިވެހިރާއްޖެ ނެތި އެހެން ތަނެއްގައި ހިނގަމުން ދިޔަ މަރުޙަލާތަކަކުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ބަދަލު އައީއެވެ.

ތިންވަނަ ފަރާތެއްގެ ހައްގުތަކާއި އެފަރާތުގެ ރުހުން ނެތުމުގެ މައްސަލަ
ބައިނަލްއަގުވާމީ ޝަރީއަތްތައް ބިނާވެފައިވަނީ ދައުލަތްތަކުގެ ރުހުމުގެ މައްޗަށެވެ. މިއީ ހަމައެކަނި އިޖުރާއީ ކަމެއް ނޫނެވެ. މިއީ ބައިނަލްއަގުވާމީ ގާނޫނުގެ ތެރޭގައި ދައުލަތްތަކުގެ ހަމަހަމަކަން ހިމާޔަތްކޮށްދޭ އަސާސީ އުސޫލެވެ.

މަޝްހޫރު "މަނިޓަރީ ގޯލްޑް" (1943) މައްސަލައިގައި ކަނޑައަޅާފައިވާ އުސޫލަކީ، ކޯޓުގެ ކުރިމަތީގައި ނެތް އަދި އެ މަރުހަލާއަށް ރުހުން ދީފައިނުވާ ތިންވަނަ ދައުލަތެއްގެ (ރާއްޖެއިން ވަނީ އައި.ސީ.ޖޭ. އަށް މައްސަލަ ފޮނުވުމާ ދެކޮޅަށް އ.ދ. ގެ ޢާއްމު މަޖުލިހުގައި ވޯޓުދީފައި) ގާނޫނީ ހައްގުތަކާއި މަސްއޫލިއްޔަތުތަކާ މެދު ގޮތެއް ނިންމަންޖެހޭ ހާލަތްތަކުގައި، ކޯޓަށް އޭގެ އިހުތިސާސް ބޭނުން ނުކުރެވޭނެ ކަމެވެ. މި އުސޫލަކީ ހަމައެކަނި އިޖުރާއީ އިންސާފު ގާއިމުކުރުމަށް އޮތް ކަމެއް ނޫނެވެ. އެއީ ބައިނަލްއަގުވާމީ ޝަރީއަތްތަކުގައި ދައުލަތްތަކުގެ ރުހުން އޮންނަންޖެހޭނެ ކަމަށް ބުނާ ދުސްތޫރީ ލާޒިމުކަމެކެވެ.

މިފަދަ އުސޫލުތައް ބައިނަލްއަގުވާމީ ގާނޫނުގެ އެކި ދާއިރާތަކުން ފެންނަން އެބަހުއްޓެވެ. "res inter alios acta" ގެ ގާއިދާއިން ބުނަނީ، ވަކި ބައެއްގެ މެދުގައި އޮންނަ ގާނޫނީ އިންތިޒާމުތަކަކީ އެކަމުގައި ބައިވެރިނުވާ ތިންވަނަ ފަރާތްތަކުގެ މައްޗަށް އިލްތިޒާމުތަކެއް އުފައްދާނެ ނުވަތަ އެފަރާތްތަކުގެ ހައްގުތަކަށް އުނިކަން އަންނާނެ ކަމެއް ނޫން ކަމަށެވެ. މުއާހަދާތަކާ ބެހޭ ވިއެނާ ކޮންވެންޝަންގެ 34 ވަނަ މާއްދާގައި ވެސް ބުނަނީ، މުއާހަދާއެއްގައި ބައިވެރިނުވާ ދައުލަތެއްގެ ރުހުމާ ނުލައި، އެ ދައުލަތަކަށް އެއްވެސް އިލްތިޒާމެއް ނުވަތަ ހައްގަކަށް އުނިކަމެއް ނާންނާނެ ކަމަށެވެ.

ކަނޑުގެ ގާނޫނާ ބެހޭ މުއާހަދާ (UNCLOS) ގެ ތެރޭގައި ވެސް މި އުސޫލު ސީދާކޮށް އެބައޮތެވެ. 296 ވަނަ މާއްދާގައި ބުނަނީ ކޯޓުން ނުވަތަ ޓްރައިބިއުނަލުން ނެރޭ ނިންމުންތައް ލާޒިމުވާނީ "މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކަށް" ކަމަށެވެ. މިއީ ވަރަށް ބޮޑަށް ވިސްނައިގެން ލިޔެފައިވާ ބަސްމަގެކެވެ. ލާޒިމުކުރުމުގެ ބާރު އޮތީ ހަމައެކަނި ޓްރައިބިއުނަލްގެ ކުރިމަތީގައި ތިބި ފަރާތްތަކަށެވެ. ނިންމުމުގެ ސަބަބުން ނުސީދާ ގޮތެއްގައި ގާނޫނީ އަސަރު ފޯރާފާނެ ތިންވަނަ ގައުމުތަކަކަށް ނޫނެވެ.

ފޯޅަވަހި އާއި ދިވެހިރާއްޖޭގެ މައްސަލައިގައި، ރާއްޖޭގެ ރުހުމާ ނުލައި ރާއްޖޭގެ ހައްގުތަކާ މެދު ގޮތް ނިންމި ކަމަކަށް އެއްވެސް ޓްރައިބިއުނަލަކުން ސީދާކޮށް ބުނެފައެއް ނުވެއެވެ. ނަމަވެސް، އައި.ސީ.ޖޭ ގެ ލަފަޔާއި، އާންމު މަޖިލީހުގެ ތާއީދާއި، އަދި އިޓްލޮސްގެ ނިންމުންތައް އެއްވެގެން އުފެދުނު ނަތީޖާއަކީ، އަމަލީ ގޮތުން ބަލާއިރު ހަމަ އެފަދަ ނަތީޖާއެކެވެ.

މީގައި އެކުލެވޭ ދެކޮޅުނުޖެހޭ ހަގީގަތަކީ:
  • އައި.ސީ.ޖޭ އިން ނެރުނީ ލާޒިމުނުވާ އިސްތިޝާރީ ލަފައެކެވެ.
  • އާންމު މަޖިލީހުން ފާސްކުރީ ޗާޓަރުގެ 4 ވަނަ ބާބުގެ ދަށުން އިރުޝާދުދޭ ގަރާރުތަކެކެވެ.
  • އިޓްލޮސް އިން ސިޔާދަތީ ބާރާ މެދު ރަސްމީކޮށް ގޮތް ނިންމުމުން އެއްކިބާވިއެވެ.
  • އެހެންނަމަވެސް، ތިންވަނަ ދައުލަތެއްގެ މައްޗަށް، ސިޔާދަތީ ބާރާ ގުޅުންހުރި ނަތީޖާތަކެއް އަމަލީ ގޮތުން ނެރެފިއެވެ.
މި ނިޒާމުގެ ތެރެއިން "މަނިޓަރީ ގޯލްޑް" އުސޫލާ ސީދާކޮށް ހިލާފުވުމުން ރެކިގަނެވުނު ނަމަވެސް، އަމަލީ ގޮތުން ނެރުނު ނަތީޖާއަކީ އެ އުސޫލުން ހުއްޓުވަން ބޭނުންވި ކަންތައްތަކެވެ.

އިރުޝާދަކުން އަމަލީ ހަގީގަތަކަށް ބަދަލުވުން
ވަކިވަކި މަރުހަލާތަކަށް ބަލާއިރު، ކޮންމެ މުއައްސަސާއަކުން ވެސް އަމަލުކޮށްފައިވަނީ އެތަނެއްގެ އިހުތިސާސްގެ ތެރެއިން ގާނޫނީ ގޮތުން ދިފާއު ކުރެވޭނެ ގޮތަކަށެވެ. އެގޮތަކީ:
  • އައި.ސީ.ޖޭ އިން އާންމު މަޖިލީހުން އެދުނު ގޮތަށް ލާޒިމުނުވާ ލަފައެއް ދިނުން.
  • އާންމު މަޖިލީހުން 4 ވަނަ ބާބުގެ ދަށުން ލިބިދޭ ބާރުގެ ދަށުން ގަރާރުތަކެއް ފާސްކުރުން.
  • އިޓްލޮސް އިން ކަނޑުގެ ގާނޫނުގެ ދަށުން ސަރަހައްދު ކަނޑައެޅުމުގެ ބާރު ބޭނުންކުރުން.
ވަކިވަކިން ބަލާއިރު މި ކަންކަން ފެންނަނީ ވަރަށް އާދައިގެ ކަންތައްތަކެއްގެ ގޮތުގައެވެ. ނަމަވެސް، އަމަލުކުރުން ލާޒިމުނުވާ އިޖުރާއީ ވަކިވަކި ބޮޅުތަކެއް އަމުނަމުން އައިސް، މި ހުރިހާ ބޮޅެއް އެއްވުމުން އުފެދުނީ އަމަލުކުރުން ލާޒިމުވާ "ގާނޫނީ މަޅިފައްޗެއް" ފަދަ ނިޒާމެކެވެ. އެ ނިޒާމުގެ ތެރެއިން، ތަންފީޒުކުރުން ލާޒިމުނޫން ގާނޫނީ ވަޒަންކުރުންތަކެއް ނަގުލުވަމުން އައިސް، އެންމެ ފަހުން އަމަލުކުރުން ލާޒިމުވާ ފަދަ އަމަލީ ނަތީޖާތަކަކަށް ބަދަލުވެގެން ދިޔައީއެވެ.

އިސްތިއުމާރު ނިމުމަކަށް ގެނައުމުގެ ސުވާލަކަށް އަމާޒުކޮށްދިން އިސްތިޝާރީ ލަފައެއް، އެންމެ ފަހުން ތިންވަނަ ދައުލަތެއްގެ ކަނޑުގެ ސަރަހައްދަށް އަސަރުކުރާ ފަދަ އަމަލީ ނަތީޖާއަކަށް ބަދަލުވީ މުޅިން ތަފާތު، ވުޖޫދުގައި ނެތް ގާނޫނީ އޮނިގަނޑެއްގެ ތެރެއިންނެވެ.

މިއިން ހާމަވަނީ ޒަމާނީ ބައިނަލްއަގުވާމީ ގާނޫނު ހިނގާ ގޮތުގެ މުހިންމު ސިފައެކެވެ. ގިނަ ފަހަރަށް ބާރުވެރިކަން ދައްކަނީ އެންމެ ބޮޑު ހުކުމަކުންނެއް ނޫނެވެ. އޭގެ ބަދަލުގައި، އެކި މުއައްސަސާތަކުގެ ތެރެއިން ގާނޫނީ އަދި ސިޔާސީ ބަރުދަން އިތުރުކުރަމުން ގޮސް، ހަމައެކަނި "ލަފައެއްގެ" ގޮތުގައި އޮންނަ ކަންތައް ވެސް އަމަލީ ގޮތުން "ލާޒިމު" ކަމަކަށް ބަދަލުވަނީއެވެ.

މި މަރުހަލާއަށް ތާއީދުކުރާ ފަރާތްތަކަށް މިއީ މުއައްސަސާތަކުގެ މެދުގައި އޮތް ބަދަހި ގުޅުމެއްގެ ގޮތުގައި ފެނިދާނެއެވެ. ނަމަވެސް، އަސްލު މައްސަލައިގެ ބޭރުން އައި ނަތީޖާތަކުގެ އަސަރު ފޯރި ދައުލަތްތަކަށް މިއީ މުއައްސަސާތައް ގުޅިގެން އިހުތިސާސުން ބޭރުން ކަންކަން ނިންމުން ފަދަ ކަމެކެވެ.

އަސްލު ސިޔާދަތީ މިލްކުވެރިކަމާ މެދު ނުއުފެދޭ ސުވާލު
އާންމު ބަހުސްތަކުގައި ގިނަފަހަރަށް އޮޅުންއަރާ އަނެއް ކަމަކީ، ތަފާތު ގާނޫނީ ސުވާލުތައް އެއްކޮށްލައިގެން އެއީ އެއް ސިޔާސީ ނަތީޖާއެއް ކަމަށް ބެލުމެވެ. އައި.ސީ.ޖޭ ގެ އިސްތިޝާރީ ލަފާގައި ބެލީ އިސްތިއުމާރު ނިމުމަކަށް ގެނައުމުގެ މަރުހަލާގައި، އިސްތިޢުމާރީ މޮރިޝަސްގެ އިދާރީ ސަރަޙައްދުން ފޯޅަވަހި ވަކިކުރުމުގެ ގާނޫނީ ޙައިސިއްޔަތަށެވެ. އިނގިރޭސި އިސްތިއުމާރުގެ ކުރިން އެތަނުގެ އަސްލު ސިޔާދަތީ މިލްކުވެރިކަން (original sovereign title) އޮތް ގޮތާ މެދު އެ ކޯޓުން ފުންކޮށް ދިރާސާކޮށް ގޮތެއް ނިންމާފައެއް ނުވެއެވެ.

މިއީ ގުޅިފައިވީ ނަމަވެސް ވަކިވަކިން ބަލަންޖެހޭ ދެ ކަމެކެވެ. އިސްތިއުމާރީ ގާނޫނު ބަލަނީ އިސްތިއުމާރު ކުރި ފަރާތުން ކަންކަން ކުރި ގޮތެވެ. އަސްލު މިލްކުވެރިކަމުގެ ސުވާލަކީ، އިސްތިއުމާރުގެ ކުރީގެ ތާރީޚު، ސަރަޙައްދީ ޗާޓު، އަދި ހަޟާރަތާ ގުޅުންހުރި ދައުވާތަކެވެ.

މި ތަފާތު މުހިންމުވަނީ، އިސްތިއުމާރު ނިމުމަކަށް ގެނައުމުގެ މަރުހަލާ ފުރިހަމަނުވާ ކަމަށް ބުނާ ބުނުމަކީ، އެތަނުގެ ތާރީޚީ މިލްކުވެރިކަމާ މެދު އުފެދިދާނެ އެހެން ހުރިހާ ސުވާލުތަކެއް އޭގެ ޒާތުގައި ނިމުމަކަށް އައުން ކަމަށް ނުވާތީއެވެ. މިކަންކަން އެއްކޮށްލުމަކީ އައި.ސީ.ޖޭ ގެ ލަފާގައި ބުނި އެއްޗަކަށްވުރެ ފުޅާ މާނައެއް އެއަށް ދިނުމެވެ.

ދިވެހިރާއްޖެއަށް މިކަމުގައި އޮތް މާނަ
ދިވެހިރާއްޖެއަކީ މި ގާނޫނީ ސިލްސިލާގައި ހަމައެކަނި ބަލަން ހުރި ފަރާތެއް ނޫނެވެ. ރާއްޖެއަކީ މި މަރުހަލާގެ އެންމެ މުހިންމު ބައިތަކުގައި ބައިވެރިވުމެއް ނެތި، އޭގެ ސަބަބުން ކަނޑުގެ ސަރަހައްދަށް ބޮޑު ބަދަލެއް އައި ދައުލަތެވެ.

ބައިނަލްއަގުވާމީ ގާނޫނުގެ އަސާސީ އުސޫލުތަކުގެ މައްޗަށް ބިނާކޮށް، ގާނޫނީ އަދި ހާރިޖީ ގޮތުން މިކަމާ މެދު ދެބަސްވުމުގެ ހައްގު ރާއްޖެއަށް ލިބިގެންވެއެވެ. އެގޮތަކީ:
  • އައި.ސީ.ޖޭ ގެ ގަވާއިދުގެ 59 ވަނަ މާއްދާގެ ދަށުން، އިސްތިޝާރީ ލަފަޔަކީ ތިންވަނަ ގައުމުތަކުގެ މައްޗަށް ލާޒިމު އެއްޗެއް ނޫނެވެ.
  • އދ. ގެ ޗާޓަރުގެ 4 ވަނަ ބާބުގެ ދަށުން ފާސްކުރާ ގަރާރުތަކަކީ މަޖުބޫރު އެއްޗެއްގެ ބަދަލުގައި އިރުޝާދެއްގެ ގޮތުގައި އޮންނަ އެއްޗެކެވެ.
  • ބައިނަލްއަގުވާމީ ޝަރީއަތްތަކުގައި ތިންވަނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށްދޭ "މަނިޓަރީ ގޯލްޑް" ފަދަ އުސޫލުތައް ހުރެއެވެ.
  • އިސްތިއުމާރު ނިމުމަކަށް ގެނައުމުގެ ގާނޫނީ މައްސަލައާއި، އަސްލު ސިޔާދަތީ މިލްކުވެރިކަމުގެ ސުވާލަކީ މުޅިން ދެކަމެކެވެ.
މި ހުރިހާ ދަލީލުތަކަކީ އޭގެ ޒާތުގައި ރާއްޖެއަށް ފަހިކޮށް ހުރި ދަލީލުތަކެވެ. އޭގެ މާނަޔަކީ ފަހަރެއްގައިވެސް މައްސަލަ ރާއްޖެއަށް އޮޓޮމެޓިކުން ކާމިޔާބުވާނެ ކަމުގެ ޔަގީންކަމެއް ނޫނެވެ. ނަމަވެސް، މިއިން އެނގެނީ ފޯޅަވަހީގެ މައްސަލައިގެ ވަށައިގެންވާ ގާނޫނީ އޮނިގަނޑަކީ، އާންމުންނަށް ސިފަކޮށްދީފައިވާ ސިޔާސީ ވާހަކަތަކަށްވުރެ މާ ބޮޑަށް ވެސް ފުޅާވެފައި، އެހާމެ ފުންކޮށް ބަލައިގެން ނޫނީ ދަނެގަނެވޭނެ ކަންކަން ނޫންކަމެވެ.

ނިންމުން: ގާނޫނީ ނަތީޖާއަށް އައި ހިމޭން ބަދަލު
ފޯޅަވަހީގެ މައްސަލައިގައި އާންމުންގެ ތެރޭގައި އޮތީ ވަރަށް ސާދާ ވާހަކައެކެވެ. "އައި.ސީ.ޖޭ އިން ބުނެފި، އާންމު މަޖިލީހުން ތާއީދުކޮށްފި، އެހިސާބުން އެ ނިމުނީއެވެ." ނަމަވެސް ގާނޫނީ ހަގީގަތް މާ ބޮޑަށް ވެސް ތަފާތެވެ.

މިއީ ހުރިހާ ގާނޫނީ ސުވާލުތަކަކަށް ނިހާއީ ހުކުމެއް އައި އައުމެއް ނޫނެވެ. އޭގެ ބަދަލުގައި، ލާޒިމުނުވާ އިސްތިޝާރީ ލަފަޔަކާއި، އިރުޝާދެއްގެ ގޮތުގައި އޮތް ގަރާރުތަކެއް، ކަނޑުގެ ސަރަހައްދު ބެހުމުގެ ލާޒިމު އޮނިގަނޑެއްގެ ތެރެއަށް ވައްދައިގެން އަމަލީ ސިފަ ޖެއްސީއެވެ. އެހެންކަމުން، މޮރިޝަސް އާއި އިނގިރޭސިވިލާތުގެ މައްސަލައެއްގެ ގޮތުގައި ދެއްކި ކަމަކުން، ދިވެހިރާއްޖެއަށް މިވަނީ އަމަލީ ގޮތުން ބޮޑު ނަތީޖާއަކާއި ކުރިމަތިލާން ޖެހިފައެވެ.

މި ހާދިސާގެ މުހިންމުކަން އޮތީ ހަމައެކަނި ނިކުތް ނަތީޖާއަކު ނޫނެވެ. އެ ނަތީޖާ ނެރުނު ގޮތުގައެވެ. ގާނޫނުން ރާއްޖެއާ ދެކޮޅަށް އެންމެ ހުކުމަކުން ގޮތެއް ނިންމީކީ ނޫނެވެ. އޭގެ ބަދަލުގައި، އެކި މުއައްސަސާތަކުގެ ތެރެއިން ބާރުވެރިކަން ބިނާކުރަމުން ގޮސް، އެންމެ ފަހުން "ލަފާދޭ" މަރުހަލާތަކުން "އަމަލީގޮތުން ލާޒިމުކަމެއް" އުފަންކުރުވީއެވެ.

ބައިނަލްއަގުވާމީ ޝަރީއަތްތަކުގެ އިންސާފާ މެދު ވިސްނާ ފަރާތްތަކަށް މިއިން ލިބޭ ފިލާވަޅަކީ، ބައިނަލްއަގުވާމީ ނިޒާމުގެ ބާރުވެރިކަން ގިނަފަހަރަށް ބިނާވެގެން ދަނީ އިސްތިޝާރީ ލަފަޔާއި، ސިޔާސީ ތާއީދާއި، އަދި އަމަލީ ގޮތުން އެކަން ތަންފީޒުކުރާ ގޮތްތަކުގެ ތެރެއިން ކަމެވެ. އެންމެ ފަހުން، ހަމައެކަނި އިރުޝާދެއްގެ ގޮތުގައި އޮންނަ ކަމެއް، އަމަލީ ގޮތުން މަޖުބޫރު އިލްތިޒާމަކަށް ބަދަލުވެގެންދާ ކަމެވެ.