September 15, 2025

އަލުން ޢަޒުމް އާކުރަމުން...

ޢަބްދުﷲ ރަޝީދު ލިނެޓް: އިސްތިޢުމާރީން އޭސިޔާ ސަރަހައްދަށް ވަދެ، އެފްރިކާ ބައްރުގެ އިރުމަތީގައި ހުރި ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގެ ރަށްތަކާއި ތަންތަން އިސްތިޢުމާރު ކުރިކުރުމަކީ ވަންހާނާ ކުރެވޭނޭ ކަމެއް ނޫނެވެ. ކަންހުރީ އެހެންކަމަށްވީނަމަވެސް، އެއީ، ކޮންތަންތަނެއްކަމާއި ކޮންކޮން ރަށްރަށެއްކަން، ދިވެހީންގެ ތާރީޚުން މިޒަމާނަށް ފެންނާން ނެތީ ކީއްވެގެންކަމާއި އެކަމުގެ ހާސްހާަސް ސަބަބަު ހުރިކަން މިއަދު ދުނިޔޭގައި ތިއްބެވި ދިވެހި މުއައްރިޚުންނަށް ޔަގީނުންވެސް ވަންހަނާއެއް ނުވާނެއެވެ. އެކަމަކު ދެރަކަމަކީ އެއީ، ގައުމީ އެންމެ އިސް މަޞްލަޙަތާ ގުޅޭ ކަންކަމަށް ވިޔަސް ކޮންމެވެސް އަޅުވެތި ސަބަބަކަށްޓަކައި އެވާހަކަ ދައްކާން އެކަކަށްވެސް ނުކެރޭކަމެވެ. ނޭނގެނީޔެއް ނޫނެވެ. 

އެއީ، ދީވެހިގައުމަށް މި ކުރިމަތިވި ފޯޅަވަހީގެ މައްސަލައިގައިވެސް ދިވެހި ވެރީންނަށް ފިޔަވަޅެއް އަޅުއްވާން ފުރުޞަތު ނެތިފައި އޮންނަ މައިގަނޑު ސަބަބެވެ. ބަލަގަ ގައުމުގެ ރަސްދަރިކޮޅުކޮޅާއި، ހިނގިހައި ގަޑުބަޑާއި ހޭނިހައި މިނިތެލާއި ބުނިހައި ކަޅު ނަދުރުގެ ވާހަކައާއި ގަޑުބަޑުތަކާއި މަހާނަގާތަކުގެ ކުރެހުންތަކުގެ ވާހަކަތައް އާކޮށްކޮށްފައި ލިޔުމަކީ ތާރީޚު ލިޔުން ކަމަށް ވާނެހެއްޔެވެ؟ އެފަދަ ލިޔުންތަކުން ގައުމަށް ލިބުނީ ކޮން ފައިދާއެހެއްޔެވެ؟ ލިބޭނީ ކޮން ފައިދާއެއް ހެއްޔެވެ؟ އެޒާތަށް އެކަންކަން ހުރީމާ މިއަދު ދިވެހި ގައުމަށް މިލިބެނީ ކިހައިބޮޑު ގެއްލުމެއް ހެއްޔެވެ؟

އެނގޭހެއްޔެވެ؟ ފޯޅަވަހި މޮރިޝަސްއާ ހަވާލުވާ ދުވަހުން ފެށިގެން ގެއްލުން ކުރިމަތިވާނީ ސީދާ ދިވެހީންގެ މުޅި ދިރިއުޅުމަށެވެ. މިއަދު ފޯޅަވަހި ލިބެނީ ދިވެހި ރާއްޖެއަށްނަމަ، ރާއްޖެ ދަރާފައި އެ އޮތް ބޮޑު ދަރަނި އެއްވެސް އެއްޗަކަށް ވީސްހެއްޔެވެ؟ އެ ދަރަނި ތަކަކީ ކަހިރުވަކެކޭވެސް ދިވެހި ދައުލަތަށް ހިޔެއް ނުވީހެވެ.

އެހެންވީމާ، މިއަދުން ފެށިގެން ހުރިހައި މުއައްރިޚުންވެސް ތާރީޚު ލިޔުމުގައި ގައުމުގެ ސިންގާސަނާގައި ހިމެނޭ ކަންކަމާއި ތަންތަނާއި ތަކެތިވެސް ލިޔެ ކަންޒު ކުރާން އަޒުމު ކަނޑައަޅާށެވެ. އޭރުން އަންނާން ހުރި ޖީލުތަކަށް ގައިމުވެސް ދިވެހިދައުލަތުގެ ކަންކަމާއި ތަންތަނާއި ތަކެތި ނޭނގިގެން ގައުމީ ކަންކަން ޙާސިލުނުވެ ޗޮކުހުން ކަންކަން ދާނެ ޖާގައެއް ނޯންނާނެއެވެ. ހަމަ ޔަގީނުންވެސް ފޯޅަވައްސަކީ އިސްތިޢުމާރުގެ ކުރިން ރާއްޖޭގެ ތަނެއްކަން ނަފީނުކުރެވޭނޭ އެތައް އެތައް ޑޮކިޔުމެންޓްރީ ހެތްކެއް އެހެރީ މި ގައުމީ ހަރަކާތުން ނެރެ ހާމަކޮށްފައެވެ.

އެ ނުލިބޭ އެއްވެސް ގައުމެއް ބައިނަލް އަގުވާމީ ޖަމާއަތެއް އަދި ރާއްޖޭގެ ގެބިސީއެއް ހުއްޓަކަ ނުދޭނަމެވެ. އެކަމަކު އަހުރެމެން ހަރަކާތުގެ ފަގީރުކަމާއި ބައިމަދުކަމުން ހިތްއެދޭހައި އަވަހަށް އެ ލަނޑުދަނޑިތަކަށް ވާސިލު ނުވެވިދާނެކަން ގަބޫލު ކުރަމެވެ. އަދި އިސްތިޢުމާރުގެ ކުރީގައި ރާއްޖޭގެ ރަށްތަކުގެ ގޮތުގައި ހުރި ފޯޅަވަހި ނޫން އެހެން ތަންތަނާބެހޭ ހުރިހައި ތާރީޚީ ހެތްކެއްވެސް މިހިނދަށް އާންމު ނުކުރިނަމަވެސް ހޯދައި އަތްމަތިކޮށްފީމެވެ.

އެއިން އެއްވެސް ތާރީޚީ ވާޤިޢާއެއް ގައިމުވެސް ނަފީއެއް ނުކުރެވޭނެއެވެ. މާތްރަސްކަލާނގެ ވާގިފުޅާއެކު ފޯޅަވަހި ހޯދާފައި އޭގެފަހުން އެ ހުރިހައި ކިތާބީ ހެކިތައްވެސް އާންމުކުރެވޭނެއެވެ. އިރާދަފުޅާއެކު ފޯޅަވަހި ނުހޯދައެއް މިގައުމީ ހަރަކާތެއް ހުއްޓައެއް ނުލާނެއެވެ.