ފޯޅަވަހި އަނބުރައި ހޯދުމަށް މަސައްކަތް ކުރުމަކީ ބޭކާރު ކަމެއް ކަމަކަށް ހަދައިގެން ނުވަތަ ދެކިގެން ތިބެއްޖެނަމަ، މޮރިޝަސްއާ ފޯޅަވަހި ހަވާލުކުރާ ދުވަހުގެ ފަހުދުވަހުން ފެށިގެން އަހަރެމެން ދިވެހީންގެ މުޅި ދިރިއުޅުން ޚަރާބުވެގެންދާނެއެވެ. އެމީހުންނާ ފޯޅަވަހި ހަވާލު ކުރާ ދުވަހުން ފެށިގެން އައްޑޫ ކަނޑުގެ މެދުން ފެށިގެން ދެކުނުފަޅިޔާއި މުޅި ފޯޅަވަހީގެ ސަރަހައްދުގައި އެވެރިން ދާއެޅުމުގެ މަސްވެރިކަން ކުރާން ފަށާނެއެވެ. އަދި އެ ކަނޑުތަކުގައި ދާައެޅުމަށްޓަކައި އެމީހުންގެ އަތުން ލައިސަންސް ގަނެފައިވާ ދުނިޔޭގެ ބޮޑަތި ގައުމުތަކުގެ ބާރުގަދަ ކުންފުނިތަކުންވެސް މި ސަރަޙައްދުގައި ދާއަޅަން ފަށާނެއެވެ. އެކަމަކު އައްޑޫގެ ދެކުނުން އޮތް މުޅި ކަނޑާއި ފޯޅަވަހީގެ ވަށައިގެންވާ މާސިންގާ ކަނޑަކީ ދުނިޔެ ހެއްދެވީއްސުރެން ފެށިގެންވެސް ރާއްޖޭގެ ތަންތަންކަން ނޭނގޭނޭ ހިންޏެއްވެސް މި ބިމަކު ނޫޅޭނެއެވެ. އެފަދައިން އެތާނގަޢި ހިމެނޭ 59 ރަށުގައި އެމީހުން ޓޫރިޒަމް ފެށުމުން ރާއްޖޭގެ ކުރިއެރުން އޭގެ މައްޗަށް ބިނާވެގެންވާ ޓޫރިޒަމް އިންޑަސްޓްރީވެސް ޚަރާބުވުމެއްގެ ތެރެއަށް ވެއްޓިގެން ދާނެއެވެ.
މޮރިޝަސްއާއި އެއުރެންގެ ވާގިވެރީންގެ ގަސްތަކީވެސް ދިވެހިގައުމު ހަލާކެއްގެ ތެރެއަށް ވައްޓައިލުންކަމަށް ނުވާނަމަ އެމީހުންނާ ނުވެސްބެހޭ ތަނެއްކަމަށްވާ ފޯޅަވައްސާއި އައްޑޫދެކުނުކަނޑުގެ އެއްފަޅި ބައިނަލް އަގްވާމީ ކޯޓަކަށް އޮޅުވައިލައިގެން ދަމަޢިގަންނާން ދަޢުވާ ކުރީސް ހެއްޔެވެ؟
ފޯޅަވައްސަކީ ދިވެހީންގެ ތަނެއްކަމަށް ބައިނަލް އަގުވާމީ އިޢުލާނެއް ކުރެއްވި ހަމައެކަނި ވެރިޔަކީ ހިލާލީ ދަރިކޮޅުގެ ހަސަންރަސްގެފާނު (9) އެވެ. އެ ރަސްގެފާނު ފިޔަވައި ފޯޅަވައްސަކީ ދިވެހީންގެ ތަންތަންކަމަށް ދަޢުވާއެއް އުފުއްލަވައި ދުނިޔެއަށް އިޢުލާނެއް ކުރެއްވި އެހެން އެއްވެސް ވެރިޔަކު ރާއްޖޭގެ ވެރިކަން މެދުނުކެނޑި ހިނގާތާ ވޭތުވީ 2598 އަހަރު ތެރޭގައި ދިވެހި ދައުލަތުގެ ހެޑް އޮފް ސްޓޭޓުންގެ ތެރޭގައެއް ނެތެވެ. އެހެންކަމާއެކުވެސް ދިވެހީންގެ މުއައްރިޚުން އެރަސްގެފާނަކީ ކާފިރެއްކަމަށް ހަދައި، ލިޔެ، ދިވެހީންނަށް އޮޅުވައިލުމުގެ މަސައްކަތް ކުރުން ހުއްޓާނުލައި ދަމަހައްޓައެވެ.
ރާއްޖެޔަކީ ސިޔާސީ ގޮތުން އަބަދުވެސް ވެރީން ކާފަރުކޮށް ނުވަތަ އެހެންވެސް ހުތުރުހައި ނަމަކުން މުޚާޠަބުކޮށް އެޅުވޭން އޮންނަ އެންމެ ނުބައި އިލްޒާމެއް ވެރީންގެ އިސްތަށިފުޅުތަކުގައި އެޅުވުމުގެ ސަގާފަތެއް އޮންނަ ތަނެއްކަމެއް މުއައްރިޚުންނަކަށް ރޭކައިލާ ކަމަކަށް ނުވެއެވެ. މުއައްރިޚުން ކިހައި ރަނގަޅަށް ތާރީޚު ލިޔެފައިވޭ ބާވައޭ ހިތައް އަރައެވެ. އެހެނީ، ފޯޅަވައްސަކީ ރާއްޖޭގެ ތަނެއްކަންވެސް އެނގޭ ދިވެހި މުއައްރިޚަކު ހުރިކަމަށް ނުވާތީއެވެ.
އީކްއޭޓަރގެ އުތުރުން 12 ދަރަޖައިން ފެށިގެން އީކްއޭޓަރގެ ދެކުނުން 7 ދަރަޖައިގެ ނިޔަލަށް ހުރި، ހުރިހައި ރަށްތަކާއި އަތޮޅުތަކަކީ ދިވެހި ދައުލަތުގެ ސިންގާސަނާގައި އިހަށް ހިމެނޭ ތަންތަނާއި ސަރަހައްދު ތަކެއް ކަންވެސް ދިވެހީންގެ މުއައްރިޚަކަށް ލިޔެވިފައެއް ނެތެވެ.
އެހެންވީމާ މިކަންކަން ހުރީ މިމަގަށްކަން ދަނެގެން ދިވެހީންކުރެ ކޮންމެވެސް ބަޔަކު މިކަމާ އިސްނަގާން ޖޭހޭނޭ ކަމަށް ގަބޫލުކޮށްގެން، އެކަމާ ނޫޅެ ތިބެއްޖެނަމަ ދިވެހި ގައުމަށް ލިބޭނޭ ދެރަޔާއި ގެއްލުންތަކުގެ ދިފާޢުގައި މިކަމަށް އަހުރެމެން ފަށައިގަތީއެވެ.
އެހެންވީމާ، ހުރިހައި ދިވެހީންވެސް މިކަމާމެދު ވިސްނައި ސަހަރޯ ހިތަށް އަރައިގެން ނުތެދުވާންވީ ކޮން ސަބަބަކާ ހުރެގެން ހެއްޔެވެ؟
ގަޢުމަށް ވުރެން ކޮން ވެރިއަކު އިސްކުރެވިގެން ހެއްޔެވެ؟
ނުވަތަ ގައުމަށް ވުރެން ކޮން ސިޔާސީ ޕާޓީއެއް އިސްކުރެވިގެން ހެއްޔެވެ؟
