ހުޅަނގު ގައުމުތަކުން މުއްސަނދިކަން ހޯދުމަށްޓަކައި ދުނިޔޭގެ ތެރެއަށް ފެތުރިގަތް ދުވަސްވަރު ކަމަށްވާ މީލާދީން 1715 ގައި ފަރަންސޭސީން އެތަނަށް އެރީއެވެ. ވެރިވެގަތީއެވެ. އެކަމަކު އެތަނުގެ މިލްކުވެރި ފަރާތަކީ، ދިވެހި ދައުލަތްކަން ބަޔާން ކުރައްވައި އޭގެ 155 އަހަރު ކުރިން އެތަނަކީ، ދިވެހި ދައުލަތުގެ ތަނެއްކަންމާއި، އެތަނަށް ވައިވެސް ނޭޅުމަށް އަންގަވައި ދިވެހިރާއްޖޭގެ ރަސްގެފާނު ހަސަން (9) ވަނީ، އެދުވަސްވަރު މިސަރަހައްދަށް ވަދެގެން އުޅުނު ހުޅަނގުގެ ބާރެއްކަމަށްވާ ޕޯޗުގީޒުންގެ ރާޖާއަށް ރަސްމީ ސިޓީފުޅު ތަކަކުން ވަރަށް ސާފުކޮށް އަންގަވާފައެވެ. އެރަސްގެފާނުގެ އެ ސިޓީފުޅަށް އެދުވަސްވަރު ޕޯޗުގީޒުން އިހުތިރާމު އަދާ ކުރިއެވެ. އެ ސަބަބަށްޓަކައި ފޯޅަވައްސަށް ޕޯޗުގީޒުން ވެރިވެއެއް ނުގަނެއެވެ.
އެހެން އެކަން ހިނގާފައި ހުރިކަން ސާފުކޮށް ފެންނާން މިއަދުވެސް ހުއްޓައި 1715 ގައި ފަތަންސޭސީންނަށް ފޯޅަވަހި ފެނިގެން އެތަނަށް އަރާފައި އެއީ، އެވެރިން އަލަށް ހޯދިތަނަކޭ ބުނީމާ އެވަހަކަ ގުރައިދޫގައި ބައިތިއްބާފައިތިބި މޮޔައިންގެ މީހަކުވެސް ގަބޫލެއް ނުކުރާނެއެވެ. އަދި ސިކުނޑީގައި ތެތްކަމުގެ އަސަރެއް ހިނގާ މީހަކުވެސް ގަބޫލެއް ނުކުރާނެއެވެ. އެހެނީ، ފަރަންސޭސީންގެ އެ ފުލޯކު ވާހަކައަކީ އަސްލެއް ނޫންކަން ދިވެހިދައުލަތާއި ޕޯޗުގީޒު ދައުލަތާ ދެމެދު ބަދަލުކޮށްފައިވާ (މިއަދުވެސް އަމަށުން ސަލާމަތުން ފެންނާންހުރި) އެ ރަސްމީ ލިޔެކިޔުންތަކުން އެހެރީ ހާމަވެ ދިމާޔަށް ފެންނާށެވެ. ސާބިތުވާށެވެ.
އެހެންވީމާ، އެކަން އެހެން ހުއްޓައި ފަރަންސޭސީން ފޯޅަވައްސަށް އެރިތާ 95 އަހަރުފަހުން ފޯޅަވައްސަށް އެރި އިނގިރޭސީން އެތާގައި ތިބެގެން އުފެއްދި ގައުމެއްކަމަށްވާ މޮރިޝަސްއަށް ފޯޅަވަހި ދޭ ދިނުމަކީ އެއްވެސް ހާލެއްގައި އިނގިރޭސީން ހަމައެއްގެ މަތީން ކުރާ ކަމެއް ނޫނެވެ. އެއީ، އިގިރޭސީންނަށް ލިބިގެންވާ ހައްގެއްވެސް ނޫނެވެ. އެކަމަކު އިސްލާމީ ގައުމުތަކުގެ ތަންތަން އަތުލާފައި ކާފަރު ގައުމުތަކަށް އެވެރިން އެގޮތަށް ދޭ ދިނުމުގެ ނަތީޖާގެ ހިތިކަން ފަލަސްތީނުންވެސް އެދަނީ ފެންނަމުންނެވެ.
އެހެންކަމަށްވާތީ، އ.ދ. މަޖިލީހުގެ ބާރު ބޭނުންކޮށްގެން މޮރިޝަސްގެ ކޮންމެ ވެލިފުކުކަށް މޮރިޝަސްގެ ދިދައެއް ފޯޅަވަހީގައި ޖެއްސަސް، އެ ހުރިހައި ދިދައެއް އުފުރައި އުކާލާފައި އެތަނުން އެމީހުންވެސް ބާލައި ބޭރުކޮށްފައި އަހުރެމެން އެތަން އަތުލާއި އެތާނގާއި ދިވެހީންގެ ދިދަ ޖަހާނަމެވެ. އޭގެ ކުރިން އަހުރެމެން ނެތިގެން ހިނގާއްޖެނަމަ، އަހުރެމެން ދިވެހީންގެ ދަރީން ނުވަތަ ދަރީންގެ ދަރީންވެސް އެ ގައުމީ ވާޖިބު ދިވެހި ގައުމަށް އަދާކޮށް ދޭނެއެވެ. ފޯޅަވަހި ހޯދުމަށް ކުރާ މަސައްކަތަކީ އަހުރެމެން ދިރިތިބިހައި ހިނދަކު ހުއްޓައިލާނޭ މަސައްކަތެއް ނޫނެވެ. އަދި މިކަމަކީ މީގެ ކުރިން ސިޔާސީ ފޯވަހިތަކުގައި ސިޔާސީ ފައިދާއެއްގެ ބޭނުމުގައި ކުޅުނު ކަހަލަ ކަސައުޓީއެއް ނޫނެވެ. މިއީ، އިޚްލާޞްތެރި ގައުމީ މަސައްކަތެކެވެ.
