26 ޖުލައި 1965 ގައި، އެންގްލޯ މޯލްޑިވިއަން ޑިފެންސް އެގްރީމަންޓް ނިމުމަކަށް ގެނެވި، އިނގިރޭސި ހިމާޔަތުން ދިވެހިރާއްޖެ ވީއްލިއްޖެއެވެ. އެއަހަރު ނޮވެމްބަރު މަހުން 8 ގައި، އިނގިރޭސި ރަސްކަމުގެ ޕްރައިވީ ކައުންސިލްގެ "އޯޑަރ އިން ކައުންސިލް" އަކުން ފޯޅަވައްސަކީ އިނގިރޭސި ދައުލަތުގެ ބައެއް (BIOT) ކަމުގައި ކަނޑައަޅައިފިއެވެ. އެއަށް ރައްދު ދިނުމުގެ ގޮތުން އެއަހަރުގެ 16 ޑިސެމްބަރު ގައި، އދ. ގެ ޤަރާރު ނަމްބަރު 2066 އިން މޮރިޝަސް ޑިކޮލޮނައިޒް ކުރުމަށާއި، އޭގެ ކުރިން ފޯޅަވަހި އެތަނާއި ވަކި ނުކުރެވޭނެ ކަމަށް ގޮވާލިއެވެ. އެގޮވާލުމަށް އިޖާބަދީ 12 މާޗް 1968 ގައި، އިނގިރޭސި ޕާލަމަންޓުން "މޮރިޝަސް އިންޑިޕެންޑެންޓް އެކްޓް" ފާސްކޮށް މޮރިޝަސް މިނިވަން ކޮށްފިއެވެ. ޤާނޫނީ އަދި ސިޔާސީ ނަޒަރުން ބަލާއިރު ތަފާތު ތިން ޙާލަތުގައި ކުރެވުނު ތަފާތު ތިން ކަމެކެވެ. އާދެ! އެއްކަމަކީ ދިވެހިރާއްޖެއާއި އެކީގައި އޮތް ޑިފެންސް އެގްރިމެންޓެއް ނިމުމަކަށް ގެނެވުނީއެވެ. ދެވަނަކަމީ އިސްތިޢުމާރުގެ ދަށުގައި އޮތް ވަކި ސަރަހައްދެއް އެއީ އިނގިރޭސި ދައުލަތުގެ ބައެއް ކަމުގައި ކަނޑައެޅީއެވެ. ތިންވަނަ ކަމަކީ އދ ގެ ޤަރާރު ނަމްބަރު 2066 އާ އެއްގޮތަށް މޮރިޝަސް ޑިކޮލޮނައިޒް ކުރެވުނީއެވެ!
މިދެންނެވުނު ފަސްމަންޒަރާއި އަޅުވާ، މިމަޒުމޫނުގައި ބަލައިލާނީ، ފެށުނީއްސުރެ ދިވެހި ދައުލަތުން އދ ގައި ފޯޅަވަހި އެއީ ދިވެހިރާއްޖޭގެ ބައެއްކަމުގައި ދުނިޔެއަށް އަންގަން ކުރަމުންދާ "ހިމޭން އިހުތިޖާޖު" ގެ މައްޗަށެވެ. ރައީސް މައުމޫނުގެ ވެރިކަމުގަ އެ އިހްތިޖާޖު ކުރެއްވީ ކިހިނެއްތޯއެވެ؟ ރައީސް ނަޝީދު އެ އިހްތިޖާޖް ކުރިއަށް ގެންދެވިތޯއެވެ؟ ރައީސް ޔާމީން ފަދައިން ރައީސް ޞާލިޙްގެ ވެރިކަމުގައި ވެސް އެއިހްތިޖާޖު ކުރައްވާފަ ވޭތޯއެވެ؟
ޑިކޮލަނައިޒް ކުރަނީ ކޮންކޮން ތަންތަނެއް... އެކަން ކުރުމުގެ މަރުޙަލާ ތަކަކީ ކޮބާ؟
ކުރީގެ މަޒްމޫނުގައި، އދ. ގެ "ނަން ސެލްފް ގަވާނިން ޓެރިޓްރީސް" ތަކުގެ ވާހަކަ ދައްނަވާފައި ވާނެއެވެ. އަދި އދ ގެ ފޯތް ކޮމިޓީގެ ވާހަކަވެސް ގެނެސް ދީފައި ވާނެއެވެ. ވަކިން ޚާއްޞަގޮތެއްގައި ސީ – 24 ގެ ވާހަކައެވެ. ގެނެސްނުދެވޭ ވާހައަކީ ޑިކޮލޮނައިޒް ކުރުމުގެ މަރުޙަލާތަކުގެ ވާހަކައެވެ. އެމަރުޙަލާތަކީ؛ އެންމެ ފުރަތަމަ، ޙައްޤު ގެއްލިފަވާ އާބާދީ ހިމެނޭ ސަރަޙައްދު، އދ. ގެ "ނަން ސެލްފް ގަވާނިން ޓެރިޓްރީސް" ގެ ގިންތިއަށް ފެތޭކަމަށް ބުނެ، އެ ސަރަޙައްދެއް އެލިސްޓުގައި ހިމަނައި ދިނުމަށް އެދި ސީ – 24 އަށް ހުށަހަޅަނީއެވެ. އެގޮތަށް ހުށަހެޅޭނީ ހަމަ އެކަނި ސަރުކާރަކަށް ނޫނެވެ. އެއާބާދީއެއް ތަމްސީލު ކުރާ ފަރާތަކުން؛ އެއީ ސަރުކާރަކަށް ވިޔަސް، މަދަނީ ޖައްޢިއްޔާއަކަށް ވިޔަސް އެކަން ކުރެވިދާނެއެވެ. އެހިސާބުން ސީ – 24 އިން އެމައްސަލަ ރިވިއުކުރަން ފައްޓައެވެ. އަދި އެކަށޭނަ ސަބަބާއި ހެކި ހުރެއްޖެ ނަމަ ލިސްޓުގައި ހިމެނުމަށް ރިކަމަންޑް ކޮށް، ފޯތް ކޮމިޓީއަށް މައްސަލަ ހުށަހަޅައެވެ. ދެން ފޯތް ކޮމިޓީގައި ބަހުސް ކުރަނީއެވެ. އެއަށް ފަހު ހެއްކާއި ޤަރީނާ އަށް ބަލާ އދ. ގެ "ނަން ސެލްފް ގަވާނިން ޓެރިޓްރީސް" ލިސްޓްގައި ހިމެނުމަށް ފެނޭތޯ ޖެނެރަލް އެސެމްބްލީއަށް ހުށަހަޅަނީއެވެ. ލިސްޓްގައި ހިމެނުމާ މެދު އެންމެ ފަހުގެ ނިންމުން ނިންމާނީ ޖެނެރަލް އެސެމްބްލީގެ ވޯޓުންނެވެ.
ޑިކޮލޮނައިޒް ކުރުމަކީ އިން ވަކިކޮށް ބިން ބެހުމެއް ނޫން
މިތާގައި ފާހަގަ ކުރަން ޖެހޭ އެންމެ މުޙިއްމު ނުކުތާއަކީ، އދ ގެ ފޯތް ކޮމިޓީއަކީ، ނުވަތަ އެކޮމިޓީގެ ސަބްސިޑިއަރީ، ސީ – 24 އަކީ ފަހަރެއްގައިވެސް ޤައުމުތަކުގެ ކަނޑާއި، ބިމުގެ ސަރަހައްދީ އިންވަކިކުރަން އޮންނަ ކޮމިޓީއެއް ނޫނެވެ. ސަރަޙައްދުތަކުގެ މައްޗަށް ސިޔާދަތު އޮތީ ކޮންބަޔަކަށްތޯ ނިންމަން އޮންނަ ތަނެއް ނޫނެވެ. ކުރީގެ މަޒުމޫނުގައިވެސް ދެންނެވި ފަދައިން، އެތަނުން ކުރާ ކަމަކީ ޑިކޮލޮނައިޒް ކުރުމެވެ. އދ. ގައި ޑިކޮލޮނައިޒް ކުރުމުގެ މާނަ ނުވަތަ ޤާނޫނީ މަފްހޫމް އަދިވެސް އެއްފަހަރު ކުރުކޮށް ދަންނަވާލާނަމެވެ. އެއީ ކުރިން ދެންނެވި "ނަން ސެލްފް ގަވާނިން ޓެރިޓްރީސް" ލިސްޓްގައި ހިމެނޭ އާބާދީ ތަކަށް، އަމިއްލައަށް ކަންކަން ނިންމުމުގެ އިޚްތިޔާރު ލިބުނުކަން ކަށަވަރު ކުރުމެވެ. އޭގެ މާނަޔަކީ ލިސްޓުގައިވާ ސަރަޙައްދުތަކުގެ މުވާޠިނުން، އަމިއްލަ އިޚްތިޔާރުގައި، އިސްތިއުމާރު ކުރި ފަރާތާ ގުޅުމެވެ. ނޫނީ އަވަށްޓެރި ގައުމަކާއި ގުޅުމެވެ. ނޫނީ ވަކިޤައުމެއްގެ ގޮތުގަ މިނިވަން ވެގަތުމެވެ. އެހެންވެ އަމިއްލައަށް ގޮތް ނިންމުމުގެ އިޚްތިޔާރު ގެއްލިފައިވާ އާބާދީ އަކާއި ގުޅުވައިގެން ނޫނީ ސީ – 24 ގެ ތެރެއަށް މައްސަލައެއް ނުވެއްދޭނެއެވެ. އެގޮތަށް ވައްދަން އުޅުމުން އެއީ ފޯތް ކޮމިޓީގެ މެންޑޭޓްގައި ހިމެނޭ ކަމެއް ނޫންކަމަށް ބުނެ މައްސަލަ ބޭރުކޮށްލާނެއެވެ. އެނޫން ގޮތަކަށް އެލިސްޓުގައި ސަރަހައްދެއް ހިމެނޭނީ އިސްތިޢުމާރު ކުރި ފަރާތުން، އަމިއްލަ އަށް އެސަރަހައްދު ހިމެނުމަށް އދ. އަށް ރިޕޯޓް ކުރުމުންނެވެ.
ރައީސް ނާސިރާއި، ރައީސް މައުމޫނު ފޯޅަވަހި ހޯއްދެވުމަށް މަސައްކަތް ކުރެއްވިތޯ؟
ފޯޅަވައްސާ ބެހޭގޮތުން ރައީސް ޔާމިން ދެއްކެވި ވާހަކަފުޅަކުން ދޭހަވިގޮތް ދަންނަވާލާނަމެވެ. އެގޮތަކީ، އައްޑޫ ގަމުގެ މައްސަލައިގެ، ދެސަރުކާރު ދެމެދުގެ ވާހަކައިގާ، ފޯޅަވައްސާއި ބެހޭގޮތުން އިނގިރޭސިން ސުވާލު ކުރި ކަމަށެވެ. އަދި އެސުވާލުގެ ޖަވާބުގައި ރައީސް ނާސިރު ވިދާޅުވި ކަމަށް ވަނީ، ފޯޅަވަހީގެ ވާހަކަ ދައްކާނީ ގަމުގެ މައްސަލަ ނިމުމުން ކަމަށެވެ.
މިވާހަކަ ފުޅުގައި ބުރަދަނެއް ހުރިކަމަށް ބެލެވެއެވެ. ސަބަބަކީ ހިމާޔަތުގެ އެގްރިމަންޓް އުވާލީ 1965 ގެ ޖުލައި 26 ގައެވެ. އެއަށް ފަހު ފޯޅަވަހީގެ ވާހަކަ ދައްކަން އެއްވެސް ޖާގައެއް ދިވެހި ސަރުކާރަށް ނުދީ އިނގިރޭސިން ވަނީ، ހަމަ އެއަހަރު ނޮވެމްބަރު މަހުން 8 ގައި، އިނގިރޭސި ޕްރައިވީ ކައުންސިލްގެ "އޯޑަރ އިން ކައުންސިލް" އަކުން ފޯޅަވަހި ނުވަތަ BIOT އަކީ އިނގިރޭސި ދައުލަތުގެ ބައެއް ކަމަށް ކަނޑައަޅާފައެވެ. ޕްރައިވީ ކައުންސިލް އަކީ ސީދާ އިނގިރޭސީ ތަޚުތުގައި އިންނަވާ ބޭފުޅަކަށް ވަކިކަމެއްގައި މަޝްވަރާ އަރުވަން އޮންނަ މަޖުލިހެކެވެ. ޕާލަމެންޓް ބައިޕާސް ކޮށްފަ ވަކިކަމަކަށް ޤާނޫނީ ޙައްޞިއްޔަތު ދިނުމަށް އިނގިރޭސި ސަރުކާރުން، ޕްރައިވީ ކައުންސިލްގެ ބޭނުން ހިފައެވެ. މިމަޖްލިހުގައި ތިއްބަވަނީ ސަރުކާރުގެ ކުރީގެ ވަޒީރުންނާއި އެއިރެއްގެ ވަޒީރުންނެވެ، ކުރީގެ ފަނޑިޔާރުންނާއި އެއިރެއްގެ ފަނޑިޔާރުންނެވެ. ފައްޅީގެ ފަރާތުން ބިޝޮޕުންނާއި މަތިގޭގެ ފަރާތުން އެއިރެއްގައި ތިއްބަވާ އެންމެ ސީނިއަރ ލޯޑުންނެވެ. މިވަގުތަށް ބަލައިފި ނަމަ މިމަޖުލިހުގައި 730 އަށްވުރެ ގިނަ މެމްބަރުން އެބަ ތިއްބެވިއެވެ. މެމްބަރެއްގެ ދައުރަކީ އުމުރު ދުވަހެވެ. ޕްރައިވީ ކައުންސިލުން ނެރޭ މިފަދަ "އޯޑަރ އިން ކައުންސިލް" ތަކަކީ، ޤާނޫނީ ބާރު ލިބިގެންވާ އެއްޗެކެވެ. ޕާލަމެންޓުގެ ދެގޭން ކުރެ ގެޔަކުންމެ ފާސްކުރަން ޖެހޭ އެއްޗެއް ނުމެ ނޫންމެއެވެ. މިހެން ވުމާއި އެކު ރައީސް ނާސިރަށް ދެން ޖެހި ވަޑައިގަންނަވާނީ އދ. ގެ ތެރެއިން ފޯޅަވަހި ހޯއްދަވަން މަސައްކަތް ކުރެވެން ހުރި ފުރުޞަތު ތަކަކީ ކޮބައިތޯ ބައްލަވާށެވެ.
ރައީސް ނާސިރާއި މައުމޫނުވެސް ބައްލަވާނީ... އެއްކަލަ ލިސްޓު ކޮބައިތޯ!
އެއްވެސް ޝައްކެއް ނެތެވެ! ފޯޅަވަހި ހޯއްދެވުމަށްޓަކައި، ރައީސް ނާސިރުވެސް އަދި ރައީސް މައުމޫނުވެސް އެންމެ ފުރުތަމަ ކުރައްވާނެ ކަމަކީ، އދ. ގެ "ނަންސެލްފް ގަވާނިން ޓެރިޓްރީސްގެ" ލިސްޓުގައި ފޯޅަވަހި ނުވަތަ BIOT ހިމެނޭތޯ ބެއްލެވުން ކަމަށް ޤަބޫލު ކުރެވެއެވެ. ސަބަބަކީ އދ. ގެ ފޯތް ކޮމިޓީ އާއި ޑިކޮލަނައިޒް ކުރާ ކޮމިޓީ (ސީ – 24) ގެ މެންޑޭޓަކީ ހަމައެކަނި ލިސްޓުގައިވާ ސަރަޙައްދުތައް ޑިކޮލޮނައިޒް ކުރުމެވެ. އަދި އަމުދުން އެސަރަޙައްދަކާއި ގުޅިފައިވާ އާބާދީއެއް ވާނަމައެވެ. ނަމަވެސް އިނގިރޭސިން ފޯޅަވަހި ނުވަތަ BIOT އދ. ގެ " ނަންސެލްފް ގަވާނިން ޓެރިޓްރީސް" ލިސްޓުގައި ހިމަނާފައެއް ނެތެވެ. އެހެންވީމާ ރާއްޖެއަށް ޖެހޭނީ އެލިސްޓުގައި ފޯޅަވަހި (BIOT) ހިމެނުމަށް ސީ – 24 އަށް ހުށަހަޅާށެވެ. އަދި އެ ހުށަހަޅާ އިރު ހައްޤު ގެއްލިފައިވާ އާބާދީ އަކާއި ގުޅުވަން ޖެހެއެވެ. ފޯޅަވަހީގައި ދިރިއުޅުނު 1200 މީހުން އިނގިރޭސިން ބޭލީ މޮރިޝަސްއާއި ސީޝެލްސް އަށެވެ. މިކަމުގެ ފައިދާ ނަގާ މޮރިޝަސްއިން އަންނަނީ އދ. ގެ ޤަރާރު ނަމްބަރު 2066 އަށް ރިޢާޔަތްކޮށް ފޯޅަވައްސަކީ މޮރިޝަސްގެ ބައެއް ކަމުގައި ނުޙައްޤު ދައުވާއެއް ކުރަމުންނެވެ. ލިސްޓުގައި ފޯޅަވަހި ހިމަނާފަ ނެތުމަކީ ޖެނެރަލް އެސެމްބްލީގެ މެޖޯރިޓީ ވޯޓް ކަމުގައިވާ އެފްރޯ-އޭޝިއަން ބްލޮކާއި، ނަންއެލައިންޑް މޫވްމަންޓާއި، ސޯވިއެޓް ޔުނިޔަނާއި، އިރުމަތީ ބްލޮކްގެ ގައުމުތައް ހިމެނޭ ސަރަޙައްދީ ޖަމްޢިއްޔާތަކުން ވެފަ އޮތް ވަރަށް ބޮޑު އިހުމާލެކެވެ. ލިސްޓުގައި ނުހިމެނެނީސް ރާއްޖެއަށް މިމައްސލާގައި ސީ – 24 އަށް ވަދެވޭނެ ގޮތެއް، އޭރަކު ނެތެވެ. ނަމަވެސް ކަންދިމާވިގޮތުން މިހާރު ރާއްޖެއަށް، މިކަމުގައި އޮތީ ޤާނޫނީ އަދި ސިޔާސީ ފުރުޞަތެއް ތަންމިނަށް ހުޅުވިފައޭ ދެންނެވިދާނެއެވެ.
ލިސްޓުގައި ފޯޅަވަހި ހިމެނުމަށް ހުރަހަކަށް ވަނީ އެފްރިކަން ޔޫނިއަން އާއި ނަން އެލައިންޑް މޫވްމަންޓް
އާދޭހެވެ! އިނގިރޭސިން އދ އަށް ރިޕޯޓް ކުރި "ނަން ސެލްފް ގަވާނިން ޓެރިޓްރީސް" ލިސްޓުގައި މޮރިޝަސް ހިމެނުނެވެ. އަދި އިނގިރޭސިން ފޯޅަވަހި އިދާރީގޮތުން ބެލެހެއްޓީ މޮރިޝަސްގައި ތިބެގެންނެވެ. އެހެންކަމުން 1965 ގައި އިނގިރޭސި ރަސްކަމުގެ "އޯޑަރ އިން ކައުންސިލް" އަކުން ފޯޅަވައްސަކީ އިނގިރޭސި ދައުލަތުގެ ބައެއް ނުވަތަ BIOT ގެ ގޮތުގައި ކަނޑައެޅިއެވެ. އޭގެ ރައްދުގައި އދ.ގެ ތެރެއިން އެފްރޯ-އޭޝިއަން ބްލޮކާއި، ނަން އެލައިންޑް މޫވްމަންޓު ގުޅިގެން އދ. ގެ ފޯތް ކޮމިޓީއަށް މައްސަލަ ހުށަހެޅިއެވެ. އދ. ގެ ޑިކޮލޮނައިޒޭޝަން ޤަރާރު 1514 ގެ ޕެރެގްރާފް 6 އަށް ރިޢާޔަތް ކުރިއެވެ. ނަތީޖާއެއްގެ ގޮތުން މޮރިޝަސް އަށް މިނިވަން ކަން ދިނުމުގެ 3 އަހަރު ކުރިން، 1965 ގައި އދ. ގެ ޤަރާރު ނަމްބަރު 2066 ފާސް ކުރެވުނެވެ. މިޤަރާރުގައި ބުނަނީ ޑިކޮލޮނައިޒް ކުރުމުގެ ކުރިން "ނަން ސެލްފް ގަވާނިން ޓެރިޓްރީ" އެއްގެ ބައެއް އެސަރަޙައްދަކާއި ވަކި ނުކުރެވޭނެ ކަމަށެވެ. ދެން އައި ޤަރާރުތައް ފާސްކުރީ މި ތާކުންތާކު ނުޖެހޭ ޤަރާރުގެ މައްޗަށެވެ.
ފޯތް ކޮމިޓީން ކުރަން ޖެހޭ ކަމަކީ ފޯޅަވަހި ނުވަތަ BIOT ލިސްޓުގައި ހިމެނުން
1968 ގައި އިނގިރޭސި ޕާލަމަންޓުން "މޮރިޝަސް އިންޑިޕެންޑެންޓް އެކްޓް" ފާސްކޮށް މޮރިޝަސްއަށް މިނިވަންކަން ދިނުމުން، "ނަންސެލްފް ގަވާނިން ޓެރިޓްރީސް ލިސްޓުން" މޮރިޝަސް އުނިކުރެވުނެވެ. އެފަހުން މޮރިޝަސް އެލިސްޓަށް ނާރައެވެ. އަދި ފޯޅަވަހި ނުވަތަ BIOT އެލިސްޓުގަ ހިމެނުމަށް ހުށަހަޅާފައި ނުވެއެވެ. އަދި އެލިސްޓުގައި އެތަން ހިމެނުމަށް ފޯތް ކޮމިޓީގައި ބަހުސެއްވެސް ނުކުރެވެއެވެ. އަދި ޖެނެރަލް އެސެމްބްލީއިން ވެސް އެގޮތަށް ނިންމާފައި ނުވެއެވެ. އެންމެ ބޮޑު ހުރަހަކީ ކަނު ލޮލަކުން ބަލައިގެން، އެފްރިކަން ޔޫނިއަންއާއި، ނަން އެލައިންޑް މޫވްމެންޓާއި، ސޯވިއެޓް ޔުނިއަނާއި އިރުމަތީ ބްލޮކުން މިކަމުގައި، އިނގިރޭސިންނާ ދެކޮޅަށް ގެންގުޅުނު ސިޔާސީ ދެކޮޅުވެރިކަމެވެ. ދިވެހީންގެ ޙައްޤުތަކެއް މިކަމުގެ ސަބަބުން ގެއްލޭކަން އެޤައުމުތަކަށް އޭރު އެގިފަ ނެތުމެވެ.
މިދެންނެވި ބްލޮކްތަކުން، އެމީހުންގެ މެޖޯޓީ ބޭނުންކޮށްގެން 2066 ނަމްބަރު ޤަރާރު ފާސްކުރުމުގެ ބަދަލުގައި، ކުރަންޖެހޭ ކަމަކީ ފޯޅަވަހި ނުވަތަ BIOT އދ. ގެ "ނަން ސެލްފް ގަވާނިން ޓެރިޓްރީސް" ލިސްޓުގައި ހިމެނުމެވެ. އަދި އދ. ގެ ތެރެއިން ކަންކުރަން ޖެހޭ ސައްޙަ ގޮތަކީވެސް އެއީއެވެ. އެގޮތަށް ނިންމުނު ނަމަ މަސްލަޙަތު އޮތް ހުރިހާ ފަރާތަކުން އެބައެއްގެ ދައުވާ ފޯތު ކޮމިޓީ ނުވަތަ ސީ – 24 އަށް ހުށަހެޅުނީހެވެ. އެހެންވެ ދިވެހިރާއްޖެއިން އަންނަނީ އދ. ގެ މިދެންނެވުނު "އަޣުލަބިޔަތުގެ ވަކިތަކުން" ފޯޅަވަހި ސަލާމަތް ކުރުމަށްޓަކައި، ވަރުގަދަ ހިމޭން ސިޔާސީ އިޙްތިތާޖެއް ފެށުނީއްސުރެ ކުރަމުންނެވެ.
ދިވެހި ރާއްޖެއިން BIOT ބަލައިގަތުމުގެ މާނަ
ދިވެހިރާއްޖެ އިން BIOT ބަލައިގަތުމަކީ އދ. ގެ ތެރޭގައި އޮތް "އަޣުލަބިއްޔަތުގެ ވަކިތަކާ" ދެކޮޅަށް ދިވެހި ސަރުކާރުން ކުރަމުން އަންނަ "ހިމޭން އިހްތިޖާޖު" ގެ ބައެކެވެ. އެ އިހްތިޖާޖަކީ ހުރިހާ މާނައެއްގައި ފޯޅަވައްސަކީ މޮރިޝަސްގެ ތަނެއް ނޫންކަމަށް ބައިނަލް އަޤްވާމީ މުޖުތަމަޢުގައި ބުނަމުން ދިއުމެވެ. އަދި މި އިހްތިޖާޖުގެ އެންމެ ބާރު ގަދަ އަދި ސިޔާސީ ގޮތުން އެންމެ މާނަ ފުން މެސެޖަކީ ދިވެހިން މިވަގުތަށް BIOT ބަލައިގަތުމެވެ. ސަބަބަކީ، އިނގިރޭސިންގެ "އޯޑާ އިން ކައުންސިލް" އަކުން ފޯޅަވަހި ނުވަތަ BIOT، އަކީ އިނގިރޭސި ދަޢުލަތުގެ ބައެއް ކަމުގައި ކަނޑައެޅުމުން، އދ އިން BIOT އަކީ ނަން ސެލްފް ގަވާނިން ޓެރިޓްރީއެއް ކަމަށް ލިސްޓުގައި ހިމަނާފައި ނެތުމެވެ. އޭގޭ ބަދަލުގައި މޮރިޝަސްއަށް އެތަން ދިނުމަށް ގޮވާލުމެވެ. އެއީ އދ. ގެ ކުށެކެވެ. ލިސްޓްގައި ނުހިމަނާ ފޯޅަވަހި ޑިކޮލޮނައިޒް ކުރުމުގެ ވާހަކަ ދައްކަނީއެވެ. ފޯތް ކޮމިޓީގެ މެންޑޭޓާއި، ސީ – 24 ގެ މެންޑޭޓުން ބޭރުގައެވެ. ވީމާ ރާއްޖޭގެ ވެރިކަން ކުރެއްވި ހުރިހާ ރައީސުންވެސް މިކަމާއި ދެކޮޅަށް "އިހްތިޖާޖުގެ ދަންމަރު" އދ. ގައި ގެންދަވަނީ އުފުއްލަވަމުންނެވެ. އޭގެ ޚުލާޞާ ކުރުކޮށް ދަންނަވާލާނަމެވެ.
ރައީސް މައުމޫނު:
ފޯޅަވައްސަކީ މޮރިޝަސްގެ ބައެއް ނޫން ކަން ދެއްކުމަށް، ރައީސް މައުމޫނުގެ ސަރުކާރުން ވެސް ފިޔަވަޅު އެޅުއްވިއެވެ. އިނގިރޭސި ސަރުކާރާއެކު، BIOT އާއި ރާއްޖެއާއި ދެމެދުގެ ކަނޑު ބަހާނެ ގޮތުގެ ޓެކްނިކަލް ލެވެލް އެއްބަސް ވުމެއްގައި 1992 ވަނަ އަހަރު ސޮއިކުރެވުނެވެ. ސަބަބަކީ އދ އިން އަންނަނީ "ނަން ސެލްފް ގަވާނިން ޓެރިޓްރީސްގެ ލިސްޓް" ގައި BIOT ނުހިމަނާ އެކަމަކު އެތަން ޑިކޮލޮނައިޒް ކޮށް މޮރިޝަސް އާއި ހަވާލުކުރުމަށް ގޮވާލަމުންނެވެ. އެކަމުން ދުނިޔެއަށް ސާބިތުވާނީ ފޯޅަވައްސަކީ މޮރިޝަސްގެ ތަނެއްކަމަށް ދިވެހި ސަރުކާރު ޤަބޫލު ނުކުރާކަމެވެ.
ރައީސް ނަޝީދު:
2010 ވަނަ އަހަރު، ރައީސް ނަޝީދު ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް ހޯއްދެވުމަށް ހުށަހެޅުއްވިއެވެ. ސަބަބަކީ ދިވެހިރާއްޖެއިން ބައިނަލް އަޤްވާމީ ކަނޑުގެ ޤާނޫނު ރެޓިފައި ކުރީ 7 ސެޕްޓެމްބަރު 2000 ގައެވެ. އެޤާނޫނުގެ އެނެކްސް 2 ގެ އާޓިކަލް 4 ގައި ވާގޮތަށް އަމަލު ކުރަން ޖެހެއެވެ. އެގޮތަކީ އެ ޤާނޫނު ރެޓިފައި ކުރާތާ 10 އަހަރުގެ ތެރޭގައި، އެ ޤާނޫނުނުގެ މާއްދާ 76 ގައި ބުނާ ގޮތަށް ޢަމަލުކުރަން ޖެހެއެވެ. އެމާއްދާގައި ވަނީ، 200 ނޯޓިކަލް މޭލު ބޭރުން އެގައުމަކުން ހޯދަން ބޭނުންވާ ކޮންޓިނެންޓަލް ޝެލްފްގެ އެންމެ ބޭރުފަރާތުގެ އިން ފާހަގަކޮށް " ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް" އަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެމުއްދަތު ހަމަވަނީ 2010 ގައެވެ. އެކަން ރައީސް ނަޝީދު ވަނީ މުއްދަތުގައި ކުރައްވާފައެވެ. ނަމަވެސް ރައީސް ނަޝީދުގެ މިހުށަހެޅުމާ އިނގިރޭސިންވެސް މޮރިޝަސްވެސް ދެކޮޅު ހެދިއެވެ. މިކަންވެސް ވެގެންދާނީ ފޯޅަވަހި ހޯދުމަށް މިކުރާ މަސައްކަތަށް ލިބޭ އިތުރު ބާރަކަށެވެ. ސަބަބަކީ މުޅިދުނިޔެއަށް ފޯޅަވަހި އިންވެގެން އޮންނަނީ ދިވެހިރާއްޖެއާ ކަން ހާމަވަމުން ދިޔުމެވެ.
ރައީސް ޔާމީން
ރައީސް ޔާމީންގެ ވެރިކަމުގައި، 2017 ވަނަ އަހަރު، ޒަމާންތަކަކަށް ފަހު ޖެނެރަލް އެސެމްބްލީއަށް އިނގިރޭސިންނާ ދެކޮޅަށް މޮރިޝަސް އިން ހުށަހެޅި 71/272 ނަމްބަރު ޤަރާރުން، އެދުނީ 2 ސުވާލެއްގެ ޖަވާބު ހޯދަން އައިސީޖޭއަށް ފޮނުވާ ދިނުމަށެވެ. މިދެސުވާލު ކުރީގެ މަޒްމޫނެއްގައި ވާނީ ދަންނަވާފައެވެ. މިޤަރާރަށް ދިވެހިރާއްޖެއިން މުޠުލަގަށް ދެކޮޅުހަދާ، ޤަރާރާ ދެކޮޅަށް ވޯޓުދިނެވެ. ބޭނުމަކީ އިނގިރޭސިންނަށް ތާޢީދުކުރުމެއް ނޫނެވެ. ނަމަވެސް ފޯޅަވައްސަކީ މޮރިޝަސްގެ ތަނެއް ނޫން ކަމުގައި ބުނުމެވެ. އެހެންވެ ރައީސް ޔާމިނުގެ ވެރިކަމުގައި ވެސް ޢަމަލު ކުރައްވާފައި ވަނީ ފޯޅަވަހި ހޯދުމުގެ މަސައްކަތަށް ބާރުލިބޭ ގޮތަށެވެ.
ރައީސް ޞޯލިޙު
ރައީސް ޞޯލިޙުގެ ވެރިކަމުގައި، 71/272 ނަމްބަރު ޤަރާރުގެ މައްޗަށް އައިސީޖޭއިން މޮރިޝަސްއާއި އެއްކޮޅަށް އިސްތިޝާރީ ލަފައެއް ނެރުނެވެ. އެހިސާބުން ކުރިން ދެންނެވި "އަޣުލަބިއްޔަތުގެ ވަކިތަކުގެ" ބާރުގައި އދ. ގެ ޢާއްމު އިޖުރާޢަތުގެ ބޭރުން، އެ ލަފަޔަށް ސިޔާސީ ބުރަދަން ހޯދުމުގެ ގޮތުން ޖެނެރަލް އެސެމްބްލީ އިން 2019 ވަނަ އަހަރު ޤަރާރު ނަމްބަރު 73/295 ފާސްކުރަން ހުށަހެޅިއެވެ. ދިވެހިރާއްޖެއިން ވޯޓު ދިނީ މި ޤަރާރާއިވެސް ދިމާ ދެކޮޅަށެވެ. ނަމަވެސް އަޣުލަބިއްޔަތުން ޤަރާރު ފާސްކޮށް، އައިސީޖޭގެ އިސްތިޝާރީ ލަފަޔާއެކު މިޤަރާރު ހިފައިގެން މޮރިޝަސް ދިޔައީ އިޓްލޮސް އަށެވެ. ދިވެހިރާއްޖެއާއި، ފޯޅަވައްސާއި ދެމެދު ކަނޑުގެ އިން ވަކިކުރުމަށެވެ. ދިވެހި ސަރުކާރުން މިކަމާއި ދެކޮޅުހެދިއެވެ. އަދި ޑިކޮލަނައިޒް ކުރުމުގެ ކުރިން ޑިލިމިޓޭޝަން އަށް ނުދެވޭނެ ކަމުގައި ބުންޏެވެ. އަދި އިޓްލޮސްއަށް ޑިކޮލޮނައިޒް ކުރުމުގެ މެންޑޭޓަށް ނުވަދެވޭނެ ކަމަށްވެސް ބުންޏެވެ. އެހެންވެ ކޯޓް މަރުހާލާގައި ބައިވެރިވާން ރާއްޖެއިން ދެކޮޅުހެދިއެވެ.
ނަމަވެސް އިޓްލޮސް އިން ނިންމީ ޓްރައިބިއުނަލް ގައި މައްސަލަ ބެލޭނެ ކަމަށެވެ. ސަބަބކީ އައިސީޖޭގެ އިސްތިޝާރީ ލަފަޔަށް ބާރުދީ ޖެނެރަލް އެސެމްބްލީގެ "އަޣުލަބިއްޔަތުގެ ވަކިތަކުން" 73/295 ޤަރާރު ފާސްކޮށްފަ އޮތުމުންނެވެ. އެހެންކަމުން ދެން ދިވެހިރާއްޖޭން ނިންމީ އަލުން އިޓްލޮސްގެ އަޑުއެހުމުގައި ބައިވެރިވުމަށެވެ. ސަބަބަކީ ރާއްޖެ ބައިވެރި ނުވެއްޖެ ނަމަ، ޣައިރު ހާޒިރުގައި (އެކްސް ޕާޓޭ އުސޫލުން) މޮރިޝަސް ހުށަހަޅާފަވާ ގޮތަށް ކަނޑު ބަހާނެތީއެވެ. އަދި ރާއްޖޭގެ މަސްވެރިންނަށް ވަގުތީގޮތުން ނަމަވެސް ކަނޑުންލިބޭ ބައި މަދުވާނެތީއެވެ. އެހެންވެ ވިތައުޓް ޕްރިޖޫޑިސް ކްލޯސްއެއް ހިމަނާފަވާ ސިޓީއަކުން، އިޓްލޮސްގެ ޑިލިމިޓޭޝަން ޕްރޯސެސްގައި ބައިވެރިވާނެކަން އެންގީއެވެ. މައްސަލަ ނިމުނީ ރާއްޖެއިން ހުށަހެޅި ގޮތަށް ފުށުއަރާ ބައިގެ ބޮޑުބައި ރާއްޖެއަށް ލިބިގެންނެވެ.
ވިތައުޓް ޕްރިޖޫޑިސް ކްލައުސް އެއް ހިމެނުމުގެ މާނަޔަކީ، ފޯޅަވައްސާ ބެހޭ އެއްވެސް ޙައްޤެއް ކުރިންވެސް މިހާރުވެސް އަދި ފަހުންވެސް ދޫނުކުރާ ވާހަކައެވެ. އަދި އެއިން އެއްވެސް ޙައްޤެއް ދޫކުރުމަކާއި ނުލާ، އދ. ގެ ނިންމުން ތަކަށް އިޙްތިރާމް ކުރުމުގެ ގޮތުން ޑެލިމިޓޭޝަން ޕްރޯސަސްގައި ބައިވެރިވާނެ ވާހަކައެވެ. މިކަމަކުން ފޯޅަވަހި ހޯދުމަށް ހިނގަން އޮތް މަގަށް އެއްވެސް ހުރަހެއް ނޭޅޭނެއެވެ.
މިހުރިހާ ކަމެއްގެ އަލީގައި ރާއްޖެއަށް ފޯޅަވަހި ހޯދުމަށް މީހާރު އޮތް ޤާނޫނީ އަދި ސިޔާސީ ފުރުޞަތަކީ ކޮބައިތޯ ބަލައިލާނީ ދެން ލިޔާންއޮތް މަޒުމޫނުގައެވެ. މިމަޒްމޫނު މިހިސާބުން ނިންމާލާނީ... ޤައުމީ ނިޝާނަށް ޙުރުމަތާއެކު ބޯލަނބާ ތިބެގެން... އައުދާނަކަން ލިބިގެން އެވާ ދިދައަށް ސަލާމް ކުރަމުންނެވެ! ދައުލަތުގެ އަބުރާ ޢިއްޒަތާ މަތިވެރިވެގެން އަބަދަށް... އައުދާނަވުން އެދި ހެޔޮ ދުޢާ ކުރަމުންނެވެ!
