September 03, 2025

ފޯޅަވަހި ލިބޭނީ ކޮންއިރަކުންތޯއެވެ؟ މީގެ ކުރިން އދ ގެ ތެރެއިން މިފަދަ މައްސަލަތައް އަނބުރާ އަނެއްކޮޅަށް ޖަހާފަވޭތޯއެވެ؟

އައުޓްރީޗް ކޯޑިނޭޝަން ޑެސްކް/ފޯޅަވަހީގެ ޙައްޤުގައި ދިވެހީން:
ސަހަރޯއެވެ! ފޯޅަވަހި ދެން ލިބޭނީ ކޮން އިރަކުންހެއްޔަވެ؟ މީގެ ކުރިން މިހެން ދިމާވި މައްސަލަތައް، އދ ގެ ތެރެއިން އަބުރާ އަނެއްކޮޅަށް ޖަހާފައި ވޭހެއްޔެވެ؟ މިއީ އާއްމުކޮށް މީހުން ކުރާސުވާލުތަކެވެ. ބައެއް މީހުން މިސުވާލުތައް ކުރަނީ މަޢުލޫމާތު ލިބިގަތުމުގެ ބޭނުމުގައެވެ. އަނެއް ބަޔަކު މިސުވާލުތައް ކުރަނީ މަލާމާތުގެ ރާގުގައެވެ. 

ކަންކަން ޙާސިލު ކުރެވޭނީ ތެދު ނިޔަތުގައި ކުރެވޭ ބުރަ މަސައްކަތުންނެވެ. ސައްޙަ މަޢުލޫމާތުގެ އަލީގައެވެ. ހެޔޮގޮތް ބުނެދިނުމާއި ހެޔޮގޮތް ދަނެގަތުމުގެ ތެރެއިންނެވެ. ނަމަވެސް ފޯޅަވަހި މައްސަލައިގާ ހެޔޮގޮތް ބުނެދިނުމުގެ ނަމުގައި، އެތަނަކީ ދިވެހީންގެ ތަނެއް ނޫންކަމަށް ހިތާ ވާހަކަ ދައްކާ މީހުންވެސް ތިބެއެވެ. ސާބިތުވެ ފެންނާން އޮތް ހުރިހާ ޙަޤީގަތެއް ދޫކޮށްލާފައެވެ. ހެޔޮގޮތް ބުނެދިނުމުގެ ނަމުގައި ތިމާގެ އަމިއްލަ ވަޠަނާއި ދެކޮޅަށެވެ. ތިމާމެނަށް އެތަން ޙައްޤުވާ ހުރިހާ ސަބަބުތައްވެސް ބޮލާލާ ޖަހާފައެވެ. ބައިނަލް އަޤްވާމީ ޤާނޫނާއި، އެކަކަށްމެ އެއާ ދެކޮޅު ނުހެދޭނޭ، ވަރުގަދަ ޤާނޫނީ އަސާސް ތައް ހުއްޓާ، އެއަށް ވެސް ބަލާލުމެއް ނެތިއެވެ. އެހެންވެ މިމަޒްމޫނުގައި ބަލާލާނީ ކުރިން ކުރެވުނު ދެސުވާލަށް ފަނޑު ނަމަވެސް ޖަވާބެއް ލިބޭތޯއެވެ.

އދ. ގެ ޗާޓަރުގެ 73 ވަނަ މާއްދާ 
އާދެ! އދ. ގެ ޗާޓަރުގެ 73 ވަނަ މާއްދާއާއި، އެ މާއްދާގެ (އީ) ގައި ލާޒިމުކުރާ ގޮތުގެ މަތީން މެމްބަރު ގައުމުތަކުގެ ތެރެއިން ޤައުމަކުން، އިސްތިޢުމާރު ކޮށް އެތަނުގެ މުވާޠިނުންގެ މައްޗަށް ވެރިކަން ކުރަމުން ދާނަމަ، އެޤައުމަކުން  އެއާބާދީތަކާއި ގުޅިގެން އދ އަށް މަޢުލޫމާތު ހުށަހަޅަން ޖެހެއެވެ. އަދި އެފަދަ ސަރަޙައްދު ތަކުގެ މުވާޠިނުންނަށް ވީހާ އަވަހަކަށް، އަމިއްލައަށް ގޮތް ނިންމުމުގެ އިޚްތިޔާރު (މިނިވަންކަން) ދިނުމަށް ބާރުއަޅާފައިވެއެވެ. މިމާއްދާއާއި ގުޅިގެން އިސްތިއުމާރީންގެ 8 ޤައުމަކުން، އެޤައުމުތަކުގެ ބެލުމުގެ ދަށުގައިވާ 72 ސަރަޙައްދެއްގެ ނަން އދ. އާއި ހިއްސާ  ކޮށްފައިވެއެވެ. އަދި އދ. އިން ވަނީ އެސަރަޙައްދުތަކުގެ ލިސްޓެއް އެކުލަވާލާފައެވެ. އެ ލިސްޓަށް ކިޔަނީ "ނަން ސެލްފް ގަވާނިން ޓެރިޓްރީސް" އެވެ.  

އދ ގެ ސްޕެޝަލް ޕޮލިޓިކަލް އެންޑް ޑިކޮލޮނައިޒޭޝަން – ފޯތް ކޮމިޓީ
1946 ގައި އދ ފަށައިގަތީ، ޖެނެރަލް އެސްމްބްލީގައި ދާއިމީ 6 ކޮމިޓީ އެކުލެވޭގޮތުގެ މަތީންނެވެ. މި 6 ކޮމިޓީއަކީވެސް އދ. ގެ ޗާޓަރުގެ 5 ވަނަ ބާބުގައި ޖެނެރަލް އެސެމްބްލީއަށް ލިބިދީފައިވާ ބާރުގެ ދަށުން އުފައްދާފައިވާ ކޮމިޓީ ތަކެވެ. މިދެންނެވުނު 6 ކޮމިޓީގެ ތެރެއިން އެއްކޮމިޓީ އަކީ "ފޯތް ކޮމިޓީ އޮން ސްޕެޝަލް ޕޮލިޓިކަލް އެންޑް ޑިކޮލޮނައިޒޭޝަން" އެވެ. މިކޮމިޓީގެ މައިގަނޑު ޒިންމާއަކީ، ކުރިން ދެންނެވުނު "ނަންސެލްފް ގަވާނިން ޓެރިޓްރީސް" ތަކުން ލިބިދޭން ޖެހޭނެކަމަށް ޗާޓަރުގައި ބުނާ މަޢްލޫމާތު އެސަރަޙައްދުތައް ހިންގާ ފަރާތްތަކުން (އިސްތިޢުމާރީން އަތުން) ހޯދާ ލިބިގަތުމެވެ. ޖުމްލަގޮތެއްގައި، އދ ގެ ޗާޓަރުގެ 73 ،74، 75، އަދި 76 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަން އަދާކުރުމެވެ. 

މިކޮމިޓީގެ މަސައްކަތް އިތުރަށް ފުޅާވެގެން ދިޔައީ، 14 ޑިސެމްބަރު 1960 ގައި ފާސްކުރެވުނު، އދ ގެ ނަމްބަރު 1514 ނުވަތަ "ޑިކްލަރޭޝަން އޮންދަ ގްރާންޓިން އޮފް އިންޑިޕެންޑެންސް ޓް ކޮލޯނިއަލް ކަންޓްރީސް އެނޑް ޕީޕަލްސް" ޤަރާރުންނެވެ. އަދި ކޮމިޓީގެ ޒިންމާތަކާއި ބެހޭ އެއަށްވުރެ އިތުރު ތަފްޞީލެއް ލިބިގެން ދިޔައީ،  27 ނޮވެމްބަރު 1961 ގައި ފާސްކުރެވުނު 1654 ނަމްބަރު ޤަރާރުންނެވެ. އެ ޤަރާރުން ވަނީ 17 މެމްބަރުންގެ މައްޗަށް އެކުލެވޭ ސްޕެޝަލް ކޮމިޓީއެއް އުފައްދާފައެވެ. ބޭނުމަކީ ކުރިން ދެންނެވި ނަން ސެލްފް ގަވާނިން ޓެރިޓްރީސްތައް ޑިކޮލޮނައިޒް ކުރުމުގެ ޒިންމާ އަދާކުރުމެވެ. 

އދ ގެ ސީ – 24 އުފެދިގެން އައުން
މިދެންނެވުނު، 27 ނޮވެމްބަރު 1961 ގައި ފާސްކުރެވުނު 1654 ނަމްބަރު ޤަރާރުން، 17 މެމްބަރުން ހިމެނޭ ގޮތަށް އެކުލަވާލި ސްޕެޝަލް ކޮމިޓީއަށް ކިޔުނީ، ސްޕެޝަލް ކޮމިޓީ އޮން ޑީކޮލަނައިޒޭޝަންއެވެ. އަދި 1962 ގައި މިކޮމިޓީގެ މެމްބަރުންގެ ޢަދަދު 24 އަށް އިތުރުވިއެވެ. އޭގެ ފަހުން މިކޮމިޓީ އަށް ކުރުކޮށްލާފަ ޝޯޓްހޭންޑް ކޮށް ކިޔަން ފެއްޓީ "ސީ – 24" އެވެ. މިއަދު މިކޮމިޓީގައި 29 މެމްބަރުން އެބަތިއްބެވެ. އެކަމަކު އަދިވެސް އދ ގެ ވެބްސައިޓާއި ލިޔުންތަކުގައި ކުރުކޮށް މިކޮމިޓީއަށް ކިޔަނީ ސީ - 24 އެވެ. 

ދެކޮމިޓީގެ ތަފާތު
އދ. ގެ ސްޕެޝަލް ޕޮލިޓިކަލް އެންޑް ޑިކޮލަނައިޒޭޝަން - ފޯތް ކޮމިޓީ އާއި، ސްޕެޝަލް ކޮމިޓީ އޮން ޑިކޮލޮނައިޒޭޝަން ނުވަތަ ސީ – 24 ގެ ތަފާތު ދެނެގަތުން މުހިއްމެވެ. އެންމެ މުހިއްމު ތަފާތަކީ ފޯތް ކޮމިޓީއަކީ އދ ގެ ޖެނެރަލް އެސެމްބްލީގެ މައި އޮނިގަނޑުގައި ހިމެނޭ ދާއިމީ 6 ކޮމިޓީގެ ތެރެއިން އެއް ކޮމިޓީއެވެ.  އެއާއި ޚިލާފަށް ސީ – 24 އަކީ އދ ގެ ސަބްސިޑިއަރީ ގުނަވަނެކެވެ. ބޭނުމަކީ ފޯތް ކޮމިޓީގެ ޒިންމާތަކުގެ ތެރެއިން ވަކި ޒިންމާތަކެއް އަދާކުރުމެވެ. ކުރިން ދެންނެވުނު ޑިކޮލޮނައިޒޭޝަން ޤަރާރުގައި ވާގޮތުގެ މަތިން އދ. ގެ ޖެނެރަލް އެސެމްބްލީގެ "ނަންސެލްފް ގަވާނިން ޓެރިޓްރީސް" ލިސްޓުގައި ހިމެނޭ ސަރަޙައްދުތަކުގެ މުވާޠިނުންނަށް، އަމިއްލައަށް ގޮތްނިންމުމުގެ އިޚްތިޔާރު ލިބެމުންދާ މިންވަރު ބަލާ ކަށަވަރު ކުރުން ނުވަތަ ޑިކޮލޮނައިޒް ކުރެވުނުކަން ޔަގީންކުރުމެވެ. އދ. ގައި ޑިކޮލޮނައިޒް ކުރުމުގެ މާނަޔަކީ، މިދެންނެވުނު ސަރަޙައްދުތަކުގެ މުވާޠިނުން، އަމިއްލަ އިޚްތިޔާރުގައި، އެހެންޏާ އިސްތިއުމާރު ކުރި ފަރާތާ ގުޅުމެވެ. ނޫނީ އެހެން އަވަށްޓެރި ގައުމަކާއި ގުޅުމެވެ. އެހެން ނޫނިއްޔާ އަމިއްލައަށް (ވަކިޤައުމެއްގެ ގޮތުގަ) މިނިވަންވުމެވެ.

ސީ – 24 ތަޅުއަޅުވާފަ ނިންމި ސިޔާދަތީ މައްސަލަތައް އަނެއްކޮޅަށް ޖެހުން
މި ހަރަކާތުގެ ފަރާތުން ކިޔައިދެމުން ގެންދާ އެއްވާހަކައަކީ، 2017 ގައި އިނގިރޭސިން ސީ – 24 ތަޅުއެޅުވި ވާހަކައެވެ. މޮރިޝަސްއިން ބުނަމުން އައީ ފޯޅަވަހި ޑިކޮލޮނައިޒް ކުރަންޖެހޭ ކަމަށެވެ. އެހެންވީމާ ޑިކޮލޮނައިޒް ކުރުމުގެ މައްސަލަތައް ގުޅިފައިވަނީ، ސީ – 24 އާއި އެވެ.  ނަމަވެސް އިނގިރޭސިން ބުނަމުން ދިޔައީ އެ ކޮމިޓީން އެމައްސަލަ ނުބެލޭނެ ކަމަށެވެ. ސަބަބަކީ މޮރިޝަސްވަނީ 1968 ގައި ޑިކޮލޮނައިޒްކޮށް ނިމިފައި ކަމަށެވެ. ފޯޅަވަހީގެ މައްސަލައަކީ، ދެގައުމުގެ މެދުގައި ޙައްލު ކުރަން ޖެހޭ ބައިލެޓަރަލް މައްސަލައެއް ކަމަށެވެ. އެހެންވެ މޮރިޝަސްއަށް މިމައްސަލަ ސީ – 24 އަށް ވެއްދޭނެ ގޮތް ނުވިއެވެ. މިކަން މިހެން ހިނގާދިޔުމުން އާއްމުކޮށް، ނޫސްވެރިންނާއި ސިޔާސީ ކޮމަންޓޭޓަރުން ބުނެއުޅެނީ "އިނގިރޭސިން ސީ – 24 ބްލޮކް ކުރީ" ކަމަށެވެ. 

ސީ – 24 އަށް މައްސަލަ "ވެއްދުނު" ނަމަ ދިވެހިރާއްޖެ އަށް ސީދާ ގޮތެއްގައި މައްސަލައިގެ ތެރެއަށް ވަދެވުނީހެވެ. އެހެންނަމަވެސް މިވާހަކަ ރާއްޖޭގެ ޚާރިޖިއްޔާގެ ބައެއް ބޭފުޅުންނާއި، ރާއްޖޭގެ ބަންޑާރަ ނައިބުކަން، ކުރައްވާފައި ތިއްބެވި ބައެއް ބޭފުޅުންވެސް ޤަބޫލު ކުރައްވާހެނެއް ހިއެއް ނުވެއެވެ. އެހެންވެ އެކަމުގެ މައްޗަށް ބަލާލައި، ސީ – 24 އަށް މައްސަލަ ވެއްދުމުން، ދިވެހިރާއްޖެއަށް އެފުރުސަތު ހުޅުވިގެން ދާ ގޮތުގެ ޤާނޫނީ އަދި ސިޔާސީ ހަމަތަކާއި އަސާސްތަކުގެ މައްޗަށް ދެން ލިޔާ މަޒްމޫނުގައި އަލިއަޅުވާނަމެވެ. 

ސުވާލުތަކުގެ ޖަވާބު
އާދޭހެވެ! ދަންބެރަށްވުރެ މާބޮޑަށްވެސް ތަގުޑި ދިގުވެއްޖެއެވެ. ކުރުކޮށްލާފަ، މި މަޒްމޫނު ފައްޓަމުން ކުރި ދެސުވާލުގެ ޖަވާބު އަރުވާނަމެވެ. ފުރަތަމަ ސުވާލުގެ ޖަވާބަކީ ފޯޅަވަހި ދިވެހީންނަށް ލިބުންވަނީ ވަރަށް ގާތުގައެވެ. އެއީ އެކަމަށް ދިވެހި ރައްޔިތުން އދ ގައި އެދުމުންނެވެ. އެހިނދުން އެކަމުގެ މަރުހަލާތައް ފެއްޓި ރާއްޖެއަށް އެތަން ލިބޭގޮތަށް އދ ގެތެރެއިން ނިމިގެންދާނެއެވެ.

ދެވަނަ ސުވާލުގެ ޖަވާބަކީ މިގޮތަށް ސީ – 24 ބްލޮކް ކޮށްފަ، ވަކި ބަޔަކަށް ސިޔާދަތީ ބާރު ފުރޮޅާލި ކިތަންމެ ފަހަރެއް އދ ގެ ތާރީޚުގައި އައިސް ގޮސްފިއެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް އދ ގެތެރެއިން ވަނީ މައްސަލަތައް އިދކޮޅަށްޖަހާ ނިންމާފައެވެ. އެސަރަޙައްދުތަކުގެ ހަގީގީ މުވާޠިތުންނަން، ސިޔާދަތީ ބާރު ހޯދައިދީފައެވެ. ނުވަތަ ވަކިގޮތަކަށް ނުނިމޭ މައްސަލައެއް ކަމަށް ނިންމާ، އަލުންބަލުން އެއްކަލަ ލިސްޓުގަ އަނބުރާ ހިމަނާފައެވެ. 

މިގޮތަށް ދިމާއިދިކޮޅަށް ޖަހާލި މައްސަލަތަކުގެ ތެރޭގައި، މެޑްރިޑް އެކޯޑްގެ ދަށުން ވެސްޓަން ސަހާރާ ގެ ސިޔާދަތީބާރު، މޮރޮކޯއާއި މޮރިޓޭނިއާއަށް ދިނުން އަނބުރާ އަނެއްކޮޅަށް ޖަހާލާފައިވެއެވެ. 1971 ގައި ނެމީބިއާގެ މައްސަލަ ސައުތު އެފްރިކާއާއި ދެކޮޅަށް ނިންމާފައިވެއެވެ. ނިއު ކެލިޑޯނިއާ އަކީ ފްރާންސްގެ ބައެއް ކަމަށް ނިންމި ނިންމުން، 1986 ގައި އަނެއްކޮޅަށް ޖަހާ، އެއްކަލަ ލިސްޓުގައި އަލުން އެސަރަޙައްދު ހިމަނާލިއެވެ. ވީމާ އިންގިރޭސިންނާއި މޮރިޝަސްއާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއާއި ހަވާލުކޮށް ނިންމިޔަސް ފަރުވާލެއް ނެތެވެ. 

މާތް ﷲ ގެ ވާގިފުޅުން، ބައިނަލް އަޤްވާމީ ގާނޫތަކާއި، އެކުވެރި ދައުލަތްތަގުގެ އެއްބާރުލުމާއި އެކު، ފޯޅަވަހި އަނބުރާ ދިވެހިރާއްޖެއިން ހޯދާނެއެވެ. ދިވެހިރާއްޖެއަށް އޮތް ޤާނޫނީ، އަދި ސިޔާސީ ފުރުޞަތަކީ މިހާތަނަށް އެވާހަކަ ދިވެހި ޚާރިޖިއްޔާ އިންވެސް، ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުންވެސް ދައްކަމުން އަންނަ ވާހަކަތަކެއް ނޫނެވެ. އެވާހަތައް ހިފައިގެން މިޖީލުގެ ދިވެހިދަރީން، ފޫހުރި، ފެންފުރޭ ފަޔަކާއެކު އދ ގެ ޖެނެރަލް އެސެމްބްލީގައާއި ދިހޭގުގައި ތެދުވާނެއެވެ. ދީނާއި ވެރިންނަށް ހެޔޮހިތުން ހުރުމަތް އަދާކުރަމުންނެވެ. ސީދާ ވަފާތެރިކަންމަތީ ތިބެގެން ސަލާމް ކުރަމުންނެވެ!