ފޯޅަވައްސަކީ، ދިވެހީންގެ ތަނެކެވެ. ދިވެހީން މި ގައުމުގައި އަމިއްލަ ވެރިކަމެއް ކުރާތާވެސް މިއީ، 2598 އަހަރެވެ. އެހެންވީމާ އޭގެ 900 އަހަރުފަހުން ރާއްޖޭގެ ސަރަހަށްދަށް ހުޅަނގު ބަޔަކު ގަދަބާރުން ވަދެ ރާއްޖޭގެ ތަންތަން ގަދަބާރުން އަތްދަށުލައި ނުވިތާކަށް ރާއްޖޭގެ ސިޔާދަތީ އިމުގައި އެތައް ދައުލަތެއް އުފައްދައި އެފަދަ ދައުލަތްތަކަށް ރާއްޖޭގެ ތަންތަން މިލްކޮށްފައި ދޭ ދިނުމަކީ، އެމީހުންނަށް ކުރެވޭނޭ ކަމެއް ނޫނެވެ. އެއީ، އެކަމަށް ރުހިގެން ދިވެހީން ތިބޭންވާ ވަރުގެ ކަމެއް ނޫނެވެ.
އިސްތިޢުމާރީން އަހުރެމެންގެ އިމަށް ވަދެނުގަތްނަމަ ފޯޅަވައްސަކީ ދިވެހީންގެ ތަނެެއް ނޫނޭ ހީކުރާނެ ފުރުޞަތެއްވެސް އުފަނެެއް ނުވީހެވެ. އާނއެކެވެ! ރާއްޖޭގެ އުތުރުކޮޅުން ދަމައިގަނެފައިވާ ތަންތަނުގެ ވާހަކަ އިހަށް ބާއްވާށެވެ! އެކަމަކު ހުޅަނގު ބަޔަކު މީގެ 310 އަހަރު ކުރީގައި އަހުރެމެންގެ ރާއްޖެއަށް ވަދެ އައްޑޫގެ ދެކުނާއި ރާއްޖޭގެ ހުޅަނގު ދެކުނުން އެތައް ތަނެއް ދަމައިގަނެފައިވާކަމީ މިއަދުވެސް ފޮރުވޭން ހުރި ކަންކަމެއް ނޫނެވެ. އެއީ، ދުނިޔޭގެ އެތައް ލިޔުންތަކަކުން މިހާރުވެސް ދިމާޔަށް ފެންނާން ހުރި ކަންކަމެވެ.
ދެރަކަމަކީ، ފޯޅަވައްސަށް އިސްތިޢުމާރީން ވެރިވި އިރު ބޮޑުތަކުރުފާނާއި ދޮން ބަންޑާރައިން އަވަހާރަވެފައިވާ ކަމެވެ. އެހެން ނޫންނަމަ ފޯޅަވައްސަކީ ދިވެހީންގެ ތަނެއް ނޫނޭ ލިޔާ އަތްތައް ކަނޑައި އެހެން ބުނާ ދޫތައެް ބުރިވެސް ކުރެއްވީހެވެ. އަދި ކަޅުއޮށް ފުންމިއެއްގައި ވަޑައިގެން ފޯޅަވަހީގައި ތިބިހައި ބަޔަކާއި އެބައެއްގެ ބޮޑުބަޑިތައްވެސް ކަނޑަށް އުއްކަވައި ލައްވާފައި އެތަން ދޮވެ ތޯހިރުކުރައްވާފައި އެތާނގައި ދިވެހި ދިދަވެސް މިހާރު ހުރީހީ ނަންގަވާފައެެވެ.
އެހެނަސް، ދުނިޔޭގެ ޠަބީޢަތާ އެއްގޮތަށް އެ ދެ ބަޠަލުންވެސް ދުނިޔެ ދޫ ކުރައްވައިފިއެވެ. ނަމަވެސް، އެ ފަދަ ގައުމީ ބަޠަލުންގެ ހިތްވަރުފުޅުން ހިތްވަރު ލިބިގެން ދިވެހީން ތެދުވެ ގައުމީ ޖިހާދެއް ނުކޮށް ތިބުމަކީ، ގައުމަށްޓަކައި ފިދާވެވަޑައިގެންނެވި އެެންމެހައި ބަޠަލުންނަށް ވެވޭ ބޭ އިޙުތިރާމަކަށް ނުވެއެއް ނުދާނެއެވެ.
އެފަދަ އެތައް ސަބަބަކަށްޓަކައި ފޯޅަވަހި ފަދައިން ގަދަބާރުން އަތްދަށުލާފައިވާ ދިވެހީންގެ ތަންތަން ހޯދުމުގެ މަސައްކަތް ކުރުމަކީ، ކޮންމެ ދިވެއްސެއްގެ މައްޗަށާއި ދިވެހިރާއްޖޭގެ ސަރުކާރުތަކަށްވެސް ވާޖިބުވެގެންވާނޭ ކަމެކެވެ.
އެކަމަކު، ފެންނަނީ އެ ކަންކަމަށް ސީދާ ލޯމަރައިލެވިފައިވާތަނެވެ. އެހެންވިޔަސް، ރާއްޖޭގެ ސަރަޙައްދުން އަދި ނުގެއްލި އޮތް ފޯޅަވަހި، މި ރާއްޖޭގެ ސިޔާދަތީ އިމުގެތެރޭގައި އިހަކަށްދުވަހު އުފައްދާފައިވާ ޅަފަތުގެ ގައުމަކަށް ދޭއިރު ހޯހޯ ނުގޮވައި ގެއަށްވަދެ އޮށޯވެ ނިދާކަށް ނެތީމެވެ.
ފޯޅަވަހި ލިބޭނެހޭ؟ ނުލިބޭނެހޭ؟ އެފަދަ ވަސްވާސްތެރި ޝައިޠާނީ ސުވާލުތަކުން ސިކުނޑީގެ ހޫނުކަން ފިނިކުރާކަށެއްވެސް ނެތީމެވެ. އެކަމާ ދެކޮޅު ނަހަދައެއް ތިބޭކަށެއްވެސް ނެތީމެވެ.
ރާއްޖޭއަކީ، އެއިރެއްގައި އޮންނަ ސަރުކާރެއްގެ ވެރީންގެވެސް މިލްކެއް ނޫނެވެ. ރާއްޖެއަކީ، އިހުތިބި ދިވެހީންނާއި މިހާރު މިތިބަ ދިވެހީންނާއި މާދަމާ އާއި އޭގެ އަނެއް ދުވަހުގެ ދިވެހީންގެވެސް މިލްކެކެވެ. ގައުމެކެވެ. އެހެންވީމާ، މި ގައުމުގެ ސަލާމަތާއި ސިޔާދަތަށްޓަކައި ފަރުދީ ހައިސިއްޔަތުން "ފޯޅަވަހީގެ ޙައްޤުގައި ދިވެހީން" މި ޝިޢާރުގެ ދަށުން ގައުމީ ހަރަކާތެއް މި ގެންދަނީ ފަށައިގެން ކުރިޔަށެވެ.
މި ޙަރަކާތަށް ގައުމުގެ އެތެރޭން ކުރިމަތިކުރާ ފިއްތުންތަކާއި އަޅާ ހުރަސްތަކުގެ އިތުރުން ރައްދުކުރާ މަލާމަތްތަކަކީވެސް އަހުރެމެން ފަރުވާލެއް ބަހައްޓާ ކަންކަމެއް ނޫނެވެ.
އެކިއެކި ޝޯ ތަކަށާއި ކުޅިވަރު އިވެންޓުތަކަށް ދައުލަތުގެ ޓެކްސްގެ ތެރެއިން ޓެކްސް ޕޭޔަރުން ލިމިޓެއް ނެތި ކުރާ ހޭދަ ކިތަންމެ ބޮޑަސް، މިފަދަ ގައުމީ ކަމަކަށް އެ ހުރިހައި ފަރާތެއްގެ މުށް ބާރުކޮށްލާފައި އޮތް އޮތުމަކީވެސް މި ޙަރަކާތް މަޑުޖެހޭނޭ ސަބަބަކަށް ހަދާކަށް ނެތީމެވެ.
ދުނިޔޭގެ އެކިއެކި ކަނޑުތަކަށް ފީނައިގެން ފޯޅަވައްސާއި ރާއްޖޭގެ ސިޔާދަތީ އިން ކަށަވަރުވާން ހުރި ހުރިހައި ކަރުދާހެއް އެއްކުރެވި ކަރުދާސް ކުރެވިއްޖެއެވެ. ދުނިޔޭގެ ބާރުވެރި ދައުލަތްތަކަށް އެތަކެތި ޙިއްޞާކޮށް ދެވިއްޖެއެވެ. އެކެމަށް ކުރާންވީ ޚަރަދު ނެތިގެން މިހާތަނަށް ފޮތެެއްވެސް ސިޓީއެއްވެސް ލިޔުމެއްވެސް ކަރުދާހެއްވެސް ޗާޕުނުކޮށް އަދިއެއް ނުތިބެމެވެ.
އެހެންވީމާ، ގައުމީ ގޮތުން މި ކުރާ ގައުމީ މަސައްކަތަކީ، ސިޔާސީ ކަމެކޭ ކިޔައިގެން ހަގީގަތާ ކިލާފަށް ވަސްވާސްދީ މަތީ ތަޢުލީމުގެ ދަރިވަރުންނަށް އަހުރެމެންގެ އަޑުތައް ނޭހުމަށް އިންޒާރުދީ، އަދި އެތަނެއްގެ މާލަމެއްގައި މި ހަރަކާތުގެ ކަމެއްވިޔަސް ހިންގިޔަ ނުދޭން އަމުރު މައުރޫފު ހިންގާ މީހުން ރާއްޖޭގައި ތަޢުލީމުދޭ ބިޔަ ތަންތަނުގައި ތިއްބަވައިގެން މި ގައުމީ ހަރަކާތައް ކުރިމަތިކުރާ ތުރާތަކަކީވެސް، އަހުރެމެން ފަހަތަށް ފިޔަވަޅު އަޅާނޭ ސަބަބެއް ނޫނެވެ.
އެކަމަކު، އެފަދަ ތަންތާނގެ ވެރީން ކުރާ އެފަދަ ނޭދޭ ކަންތައްތައް ހިތަށް އެރީމާ އުފެދޭ ސުވާލުތައް ބައިވަރެވެ.
ރާއްޖޭގެ ތާރީޚާއި ރާއްޖޭގެ ގައުމީ ކަންކަމާ ދުރަށް ދިއުމަށް ދިވެހި ދަރިވަރުންނަށް ވަސްވާސް ދެއްވާ ސިޔާސީ މަޞްލަޙަތަށް ވައިއަޅުއްވާ ޒާތުގެ ވެރީން އިސްވެ ތިބޭ ޖާމިޔާތަކުން، ގައުމު ބިނާ ކުރާފަދަ ޝަޚްޞިއްޔަތުން ބިނާ ކުރެވޭނޭ ގޮތެއް އޮންނާނެހެއްޔެވެ؟ އެފަދަ މީހުން އެފަދަ މުހިއްމު ތަންތާނގައި ބައިތިއްބިގެން ގައުމަށްވެސް ދަރިވަރެއްގެ ސުލޫކަށްވެސް ޚުލުޤީ ހެޔޮ އަސަރެއް ފޯރާނޭ ހެއްޔެވެ؟ ޖަވާބު ހޯދާނީ ކިޔުންތެރީންނެވެ.
ކޮންމެއަކަސް ގައުމަށްޓަކައި މި ހިންގާ ފޯޅަވަހީގެ ހަރަކާތް ގެންދާނީ ކުރިޔަށެވެ. މާތްރަސްކަލާނގެ ވާގިފުޅާއެކު ދިވެހި ގައުމަށް މިކަމުގައި ފުރުހަމަ ކާމިޔާބީ ލިބޭނެއެވެ. މޮރިޝަސްގެ ދިދައެއް ފޯޅަވަހީގެ ރަށެއްގެ ބިމެއްގައެެއް ހަރެއްވެސް ނުލާނެއެވެ.
