March 10, 2026

ބައިނަލްއަޤްވާމީ ޤާނޫނުގައި ޠަބައީ ރަށްވެހީންނާއި އިސްތިޢުމާރީ ބީރަށްވެހީންގެ ތަފާތު – ފޯޅަވަހީގެ ތާރީޚީ ރަށްވެހީންނާއި، އަމިއްލަ އިޚްތިޔާރުގައި ގޮތް ނިންމުމުގެ ޙައްޤާ ގުޅޭ ޤާނޫނީ ނަތީޖާތައް

ޖޯން ސްޕީޑްގެ ސައުތް އީސްޓް އިންޑިއާ ޗާޓް - 1676 
ފެން ފޯ ރައިޓްސް/ ލީގަލް އެންޑް އިންޓަނޭޝަނަލް ލޯ:
ތަޢާރަފު
އިސްތިޢުމާރީ ބާރުތަކުން "ޗާގޯސް އާކިޕެލަގޯ" ގެ ނަމުން ނަންދީފައިވާ ފޯޅަވަހީގެ މައްސަލައިގައި ކުރެވޭ ބަހުސްތައް މިހާރު ބޮޑަށް އަމާޒުވަނީ ބައިނަލްއަޤްވާމީ ޤާނޫނުގެ މުހިންމު ސުވާލަކަށެވެ. އެއީ އެ ރަށްތަކާ ތާރީޚީ ގޮތުން ގުޅިފައިވާ އާބާދީއަކީ އެތަނުގެ "ޠަބައީ ރަށްވެހީން"(indigenous people) ކަމުގައި ބަލާނީތޯ ނުވަތަ އެއީ އިސްތިޢުމާރީ ދަނޑުވެރިކަމުގެ ނިޒާމުގެ ތެރެއިން އުފެދުނު "އިސްތިޢުމާރީ ބީރަށްވެހީން"(settler community) ކަމުގައި ބަލާނީތޯ ކުރެވޭ ސުވާލެވެ.

މި ތަފާތަކީ ހަމައެކަނި ލަފުޒީ ތަފާތެއް ނޫނެވެ. ބައިނަލްއަޤްވާމީ ޤާނޫނުގައި އާބާދީއެއް ގިންތިކުރާ ގޮތުގެ މައްޗަށް ބިނާކޮށް، އަމިއްލަ އިޚްތިޔާރުގެ ޙައްޤާއި (self-determination)، ސިޔާދަތީ ބާރާއި، ބިމުގެ މިލްކުވެރިކަމުގެ ޙައްޤުތައް މާނަ ކުރުމުގައި ބޮޑެތި ތަފާތުތަކެއް އާދެއެވެ. "ޠަބަޢީ ރަށްވެހީން" ކަމަށް ބަލަނީ އިސްތިޢުމާރީ ބާރުތައް އައުމުގެ ކުރިން އެ ބިމަކާ ތާރީޚީ ގުޅުމެއް އޮތް މުޖުތަމަޢުތަކަށެވެ. ނަމަވެސް "އިސްތިޢުމާރީ ބީރަށްވެހީން" އާންމުކޮށް އުފެދެނީ އިސްތިޢުމާރު ފުޅާ ކުރުމުގެ ތެރޭގައި ހިނގި ހިޖުރަކުރުންތަކާއި، އަޅު މަސައްކަތްތެރިން ބަދަލުކުރުމާއި، އިސްތިޢުމާރީ ދަނޑުވެރިކަމާ ސިނާޢީ މަސައްކަތުގެ ނިޒާމުތަކުގެ ތެރެއިންނެވެ.

އެހެންކަމުން، ފޯޅަވަހީގެ މައްސަލަ ދެނެގަތުމަށްޓަކައި އެ ސަރަޙައްދުގެ ތާރީޚާއި، ޖޯގުރަފީއާއި، އާބާދީއަށް އައި ބަދަލުތަކާއި، އިސްތިޢުމާރީ ބާރުތަކުން އެ ރަށްތައް އަލުން ގިންތިކުރި ގޮތް ވަރަށް ފަރުވާތެރިކަމާއެކު ދިރާސާ ކުރަންޖެހެއެވެ. މި ރަށްތަކުގެ މައްސަލައަކީ ހަމައެކަނި ވިހިވަނަ ޤަރުނުގެ ސިޔާސީ ހަމަ ތަކުގެ މައްޗަށް ބިނާކޮށް ބަލައިގެން ވާންއޮތް ކަމެއް ނޫނެވެ. ފޯޅަވަހީގެ ތާރީޚު ގުޅިފައިވަނީ ދިވެހިންގެ ދިރިއުޅުމާއި، ކަނޑު ދަތުރުފަތުރާއި، ޔޫރަޕުގެ ޗާޓުތަކާއި، އިސްތިޢުމާރީ ދަނޑުވެރިކަމުގެ އިޤްތިޞާދާއި، އަދި އެ ބާރުތަކުގެ އިދާރީ ހިންގުމުގެ ތެރެއިން ބަދަލުވަމުން އައި އެތަކެއް ޤަރުނަކާއެވެ.

ފޯޅަވަހީގެ އަދުގެ އާބާދީ ކަމުގައިވާ އިސްތިޢުމާރީ ބީރަށްވެހީން (ޗާގޯސިއަނުން) އުފެދިފައިވާ ގޮތް މި ފުޅާ ތާރީޚީ އޮނިގަނޑުގެ ތެރެއިން ދެނެގަނެވިގެން މެނުވީ، ޠަބަޢީ ރަށްވެހީންގެ ދަރަޖައާއި އަމިއްލަ އިޚްތިޔާރުގައި ގޮތް ނިންމުމުގެ ޙައްޤާ، އަމިއްލަ ވަކި ވެރިކަމެއް އުފެއްދުމުގެ ޙައްޤާއި ގުޅޭގޮތުން މިހާރު ކުރެވޭ ޤާނޫނީ ބަހުސްތަކަށް ފުރިހަމަ މާނައެއް ނުދެވޭނެއެވެ.

ދިވެހި ނަންތަކާއި ފޯޅަވަހީގެ ޖޯގުރަފީ
ދިވެހިރާއްޖޭގެ ދެކުނުގެ ކަނޑުތަކުގެ ސަރަޙައްދީ ޖޯގުރަފީ އެންމެ ފުރަތަމަ ދެނެގަންނަންޖެހެނީ ދިވެހިން ރަށްތަކަށް ނަންދީފައިވާ ގޮތުގެ މައްޗަށް ބިނާކޮށެވެ. ދިވެހި ޖޯގުރަފީގައި، މުޅި އަތޮޅަކަށް ނުވަތަ ރަށްތަކެއްގެ ގުރޫޕަކަށް ގިނަފަހަރަށް ނަންދެވިފައި އޮންނަނީ އެތަނެއްގައި އޮންނަ އެންމެ ބޮޑު ނުވަތަ އެންމެ މުހިންމު ރަށުގެ ނަމުންނެވެ. ބައެއް ފަހަރު އެރަށެއްގެ ނުވަތަ އެސަރަޙައްދެއްގެ ޤުދުރަތީ ސިފަޔަށް ނިސްބަތް ކޮށެވެ. އަނެއްބައި ފަހަރު އެ ސަރަޙައްދުން ނުވަތަ އެރަށަކުން ހިފާ ބޭނުމެއްގެ މައްޗަށް ބިނާ ކޮށެވެ.

ތާރީޚީ ގޮތުން "ފޯޅަވަހި" ގެ ނަމުން މަޝްހޫރުވެފައިވާ ދެކުނުގެ މި ރަށްތަކަށްވެސް ނަން ކިޔާފައިވަނީ ހަމަ މި އުޞޫލުންނެވެ. މި ސަރަޙައްދަށް ފޯޅަވަހީގެ ނަމުން ނަންދެވިފައިވަނީ އެސަރަޙައްދުގައި އޮތް އެންމެ ބޮޑު ރަށް ކަމަށްވާ ފޯޅަވަހީގެ ނަމުންނެވެ. ދިވެހި ޖޯގުރަފީގައި "ފޯޅަވަހި" މި ނަމުން އިޝާރާތްކުރަނީ ހަމައެކަނި ފޯޅަވަހި ކިޔާ ރަށަކަށް ނޫނެވެ. އޭގެ އިތުރަށް މުޅި އެ ސަރަޙައްދު ހިމެނޭ ކަނޑުގެ ޒޯނަށްވެސް ނަން ދީފައި އޮންނަނީ، ފޯޅަވަހި ކިޔާ ރަށަށް ނިސްބަތް  ކޮށްފައެވެ.

އިސްތިޢުމާރީ ދުވަސްވަރު ޔޫރަޕުގެ ބާރުތަކުން ވަނީ މި ސަރަޙައްދަށް އައު ނަންތަކެއް ދީފައެވެ. އެގޮތުން މައި ރަށަށް "ޑިއޭގޯ ގާސިއާ" ގެ ނަން ދިންއިރު، މުޅި އަތޮޅުތަކުގެ ގުރޫޕަށް "ޗާގޯސް" ގެ ނަން ދިނެވެ. މި ނަންތަކަކީ އެސަރަޙައްދު އަލަށް ހޯދިގެން ފުރަތަމައަށް ދިން ނަންތަކެއް ނޫނެވެ. އެއީ ކުރީއްސުރެ ދިވެހިން "ފޯޅަވަހި" ގެ ނަމުން ނަންދީފައިވާ ދިވެހިރާއްޖޭގެ ސަރަޙައްދެއް، އިސްތިޢުމާރީ ބޭނުމަށް އަލުން ގިންތިކުރި ކުރުމެކެވެ.

މި ސަރަޙައްދުގެ ތެރޭގައި "ކަންދޫ އަތޮޅު" ހިމެނެއެވެ. މިއީ ފޯޅަވަހީގެ ރަށްތަކުގެ ތެރޭގައި ހިމެނޭ ވަކި އަތޮޅެކެވެ. މި އަތޮޅަށްވެސް ނަންދެވިފައިވަނީ ދިވެހި އުޞޫލުން އެއަތޮޅުގައި އޮތް އެންމެ މުހިންމު ރަށް ކަމަށްވާ "ކަންދޫ" އަށް ނިސްބަތްކޮށެވެ. ދިވެހިބަހުން "ކަންދޫ" މި ލަފުޒުގެ މާނައަކީ "ކަނުގައި އޮންނަ ރަށް" ކަމަށް ބެލެވިދާނެއެވެ.

އިސްތިޢުމާރީ ޗާޓުތަކުންވެސް މި މާނަ ފެންނަން އެބައޮތެވެ. ފަރަންސޭސި ޗާޓުތަކުގައި މި ރަށަށް ކިޔާފައިވަނީ "އިލް ދި ކުއާ" (Île du Coin) އެވެ. މީގެ މާނައަކީވެސް "ކަނުގައި އޮންނަ ރަށް" (Corner Island) އެވެ. މި ރަށް އޮތް އަތޮޅަށް ފަހުން އިސްތިޢުމާރީ ޗާޓުތަކުގައި "ޕެރޮސް ބަންހޯސް" (Peros Banhos) ގެ ނަން ދެވުނެވެ. މިފަދަ ބޭރު ނަންތައް ދިންކަމުގައިވިޔަސް، ދިވެހިންގެ މެދުގައި މި އަތޮޅު އަބަދުވެސް މަޝްހޫރު ވެފައިވަނީ "ކަންދޫ" ރަށަށް ނިސްބަތްވާ "ކަންދޫ އަތޮޅު" ގެ ނަމުންނެވެ.

މި ސަރަޙައްދުގެ ތާރީޚީ ޗާޓުތައް ދިރާސާކުރާއިރު، ނަން ދިނުމުގެ މި އުޞޫލު އެނގުން މުހިންމެވެ. އެންމެ މުހިންމު ރަށުގެ ނަމުން މުޅި ސަރަޙައްދަށް ނަންދިނުމުގެ ދިވެހި އާދަކާދަ ނޭގިއްޖެނަމަ، ދިވެހި ނަންތަކާއި އިސްތިޢުމާރީ ޗާޓުތަކުގައިވާ ނަންތަކާ ހުރި ގުޅުން ދެނެގަތުމަކީ އުނދަގޫ ކަމަކަށް ވާނެއެވެ.

ރަށްތަކުގެ ނަންތަކާއި ޗާޓުތަކުން ފެންނަ ގުޅުން (ޕޮލްވަހާ، ޕޮލްވަހޭއާ، ފަދަ ނަންތައް)
ދިވެހިން ރަށްތަކަށް ނަންދޭ އުޞޫލުތައް އެނގުމުން، ކުރީގެ ޗާޓުތަކުން ވަރަށް ސާފު ހެކިތަކެއް ފެންނަން އެބަހުއްޓެވެ. 16 ވަނަ ޤަރުނުގެ މެދުތެރެއިން ފެށިގެން 18 ވަނަ ޤަރުނުގެ ނިޔަލަށް، އިންޑިއާ ކަނޑުގެ އިސްތިޢުމާރީ ޗާޓުތަކުގައި ރާއްޖޭގެ ދެކުނުގެ ބޯޑަރު މިހާރުގެ އިންތަކަށްވުރެ ބޮޑަށް ދެކުނަށް ދެމިގެން ގޮސްފައިވާކަން ދައްކައެވެ.

ޕޯޗުގީޒު، ޑަޗް، ފަރަންސޭސި އަދި އިނގިރޭސިންގެ ކުރީގެ ޗާޓުތަކުގައި، ފޯޅަވަހީގެ ރަށްތަކަކީ ދިވެހިރާއްޖޭގެ ރަށްތަކުގެ ތެރޭގައި ހިމެނޭ ބައެއްގެ ގޮތުގައި ވަނީ ކުރަހާފައެވެ.

މި ޗާޓުތަކުގައި މި ރަށްތަކަށް ދީފައިވާ ނަންތަކުގެ ތެރޭގައި Pollowois (ޕޮލޮވޮއީ)، Polverera (ޕޮލްވަހިއާ)، Polvara (ޕޮލްވަހާ) ނުވަ Polovois (ޕޮލޮވޮއިސް) ހިމެނެއެވެ. މިއީ ދިވެހިބަހުން ކިޔާ "ފޯޅަވަހި" މި ނަން ޔޫރަޕުގެ މީހުންނަށް އަޑުއިވުނު ގޮތަށް ލިޔަން ކުރި މަސައްކަތުގެ ނަތީޖާއެވެ.

ގާތްގަނޑަކަށް 1550 އިން ފެށިގެން 18 ވަނަ ޤަރުނު ނިމެންދެން، ދެ ޤަރުނަށްވުރެ ގިނަ ދުވަހު، ޔޫރަޕުގެ ޗާޓުތަކުގައި ފޯޅަވަހީގެ ރަށްތައް ހިމަނާފައިވަނީ ދިވެހިރާއްޖޭގެ ޖޯގުރަފީގެ ތެރޭގައެވެ. މިއިން އެނގެނީ ކުރީގެ ކަނޑު ދަތުރުފަތުރުގެ ޢިލްމުގައި ދެކުނުގެ މި ރަށްތަކަކީ ވަކި ސަރަޙައްދެއްގެ ގޮތުގައި ނުބަލައި، އެއީ ދިވެހި ކަނޑުގެ ސަރަޙައްދުގެ ބައެއްގެ ގޮތުގައި އިސްތިޢުމާރީންވެސް ފުރަތަމަ ކޮޅުގައި ބަލާފައިވާ ކަމެވެ.

ފޯޅަވަހީގައި އިސްތިޢުމާރީ ބީރަށްވެހީން އުފެދުނު ގޮތް
ފޯޅަވަހީގެ ފަހުގެ އާބާދީއަކީ މެދުކެނޑުމެއް ނެތް "ޠަބަޢީ ރަށްވެހިންގެ" ގޮތުގައި އުފެދުނު އާބާދީއެއް ނޫނެވެ. އޭގެ ބަދަލުގައި، ފަހުން އެތަނުގައި އުފެދުނު މުޖުތަމަޢަކީ 18 ވަނަ ޤަރުނުގެ ތެރޭގައި ހުޅަނގު އިންޑިއާ ކަނޑުގައި ޔޫރަޕުގެ އިސްތިޢުމާރީ ބާރުތަކުން ގާއިމުކުރި ދަނޑުވެރިކަމުގެ ނިޒާމުގެ ތެރެއިން އުފެދުނު އަޅު މަސައްކަތު އާބާދީއެކެވެ. އެ ދުވަސްވަރު "އިލް ދި ފޯންސް" (މިހާރުގެ މޮރިޝަސް) އާއި ފަރަންސޭސިންގެ ބާރުގެ ދަށުގައިވާ އެހެން ސަރަޙައްދުތަކުން ގެނައި އަޅުން ލައްވައި، ފޯޅަވަހީގެ ރަށްތަކުގައި ރުށް ދަނޑުތައް ހެއްދިއެވެ. މިއީ މޮރިޝަސް، އިރުމަތީ އެފްރިކާ، މަޑަގަސްކަރަ އަދި އިންޑިއާ ހިމެނޭހެން އުފައްދާފައިވާ ބޮޑު އިސްތިޢުމާރީ ވިއުގައެއްގެ ބައެކެވެ.

މި ރުށް ދަނޑުވެރިކަން މައިގަނޑު ގޮތެއްގައި ބިނާވެފައި އޮތީ އަޅުންގެ މަސައްކަތާއި، ފަހުން މަޖުބޫރުކޮށްގެން ގެނެވުނު މަސައްކަތްތެރިންގެ މައްޗަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން ފޯޅަވަހީގައި ކުރީއްސުރެ އޮތް އާބާދީގެ ޠަބިއްޔަތު ބަދަލުވާން ފެށިއެވެ. 19 ވަނަ ޤަރުނުގެ ފަހު ކޮޅުން ފެށިގެން ފޯޅަވަހީގައި އޮތީ އިސްތިޢުމާރީ ބީރަށްވެހީންގެ މުޖުތަމަޢެކެވެ. އެ މުޖުތަމަޢު އުފެދުނީ އިސްތިޢުމާރުގެ ކުރީއްސުރެ އޮތް ޠަބަޢީ ރަށްވެހީންގެ މުޖުތަމަޢެއްގެ ގޮތުގައި މެދުކެނޑުމެއްނެތި ދެމިގެން އައި ރަށްވެހި ކަމެއްގެ ގޮތުގައެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ އިސްތިޢުމާރީ ދަނޑުވެރިކަމުގެ ބޭނުމަށް އެކި ސަރަޙައްދުތަކުން މީހުން ގެނެސް ވަޒަންވެރި ކުރުވައިގެން އުފައްދާފައިވާ ބީރަށްވެހީންގެ އާބާދީއެކެވެ.

މިއީ ހަމައެކަނި ފޯޅަވަހީގައި ހިނގި ކަމެއް ނޫނެވެ. އިންޑިއާ ކަނޑާއި ކެރީބިއަންގެ ގިނަ ރަށްތަކެއްގައިވެސް އިސްތިޢުމާރީ ދަނޑުވެރިކަމުގެ އިޤްތިޞާދުގެ ސަބަބުން އެތަންތާގައި ކުރީން އޮތް ޠަބަޢީ ރަށްވެހި މުޖުތަމަޢުތަކުގެ ސިފަ ބަދަލުވެ، އިސްތިޢޫމާރީ ބީރަށްވެހި އާ މުޖުތަމަޢުތައް މިގޮތަށް އުފެދިފައިވެއެވެ.

މޫސާ މާލިމީގެ ނިޔަމި ފޮތުން ލިބޭ ހެކިތައް
އިސްތިޢުމާރީ ދަނޑުވެރިކަމުގެ ބީރަށްވެހި އާބާދީތައް އުފެދެމުން ދިޔައިރުވެސް، ދިވެހި ކަނޑު ދަތުރުވެރިންގެ މެދުގައި ފޯޅަވަހި ސަރަޙައްދުގެ ނިޔަމިކަމާއި ދަތުރުފަތުރުގެ މަޢުލޫމާތު ދެމިއޮތެވެ.

މިގޮތުން އައްޑޫ ހުޅުދޫ މޫސާ މާލިމީގެ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. 19 ވަނަ ޤަރުނުގެ ފަހުކޮޅު މޫސާ މާލިމީ ލިޔުއްވާފައިވާ ދަތުރުފަތުރުގެ ރެކޯޑުތަކުގައި އޭނާ ދިވެހިރާއްޖެ ކަމުގައި ބަޔާން ކޮށްފައިވަނީ ދެކުނުން ފޯޅަވަހިން ފެށިގެން، އުތުރުން ލަކްޝަދީބުގެ އެންމެ އުތުރު ފަރާއި ހަމައަށެވެ. މިދެމެދުގައި ދަތުރުކުރާނެ މަގުތަކާއި މިސްރާބުތައް މޫސާ މާލިމީ ވަނީ އޭނާގެ ނިޔަމި ފޮތުގައި ވަރަށް ތަފްޞީލުކޮށް ރެކޯޑްކޮށް ދެއްވާފައެވެ.

މި ރެކޯޑުތަކުން ސާބިތުވަނީ އިސްތިޢުމާރީ ދުވަސްވަރުވެސް ދިވެހި މާލިމީންގެ މެދުގައި ފޯޅަވައްސާއި، އެ ސަރަޙައްދުގެ ކަނޑު ދަތުރުފަތުރުގެ މަޢުލޫމާތު ޢާއްމުކޮށް އޮތް ކަމެވެ. މޫސާ މާލިމީ ރެކޯޑް ކުރައްވާފަވާ މަގުތަކުން އެނގެނީ ފޯޅަވަހީގެ ރަށްތަކަކީ ވަކިން އޮތް ތަނެއްގެ ގޮތުގައި ނޫން ކަމާއި، އެއީ އިންޑިއާ ކަނޑުގެ ދިވެހި ކަނޑު ދަތުރުފަތުރާއި، ދިވެހިންގެ ދިރިއުޅުމާއި އާދަކާދައިގައި ހިމެނޭ ބޮޑު ސަރޙައްދެއްގެ ގޮތުގައި ބަލާފައިވާ ކަމެވެ.

މިފަދަ ހެކިތަކަކީ ސަރަޙައްދީ ތާރީޚު ޢިލްމުގެ މުހިންމު ބައެކެވެ. މީގެން ހާމަވަނީ އިސްތިޢުމާރީ ބާރުތަކުން ކަނޑައެޅި އިދާރީ ބޯޑަރުތަކާ ނުލައިވެސް، ކަނޑު ދަތުރުވެރި މުޖުތަމަޢުތަކުން އެމީހުންގެ ޖޯގުރަފީ ދެނެގަނެ ރައްކާތެރި ކޮށްފައި ވާކަމެވެ.

އަޅު މަސައްކަތު މީހުން ހޯދުމަށް މިނިފޭރުމާއި، އިސްތިޢުމާރީ ދަނޑުވެރިކަމުގެ ނިޒާމު
19 ވަނަ ޤަރުނުގެ ފަހުކޮޅުން ފެށިގެން ފޯޅަވަހީގައި ރުށް ދަނޑުވެރިކަން ފުޅާވެ، ކާށިތެޔޮ އުފެއްދުމުގެ ބޮޑު ސިނާޢަތެއް ޤާއިމުވެގެން ދިޔައެވެ. މި ސިނާޢަތު ބިނާވެގެން ދިޔައީ އިންޑިއާ ކަނޑުގައި އިސްތިޢުމާރީ ބާރުތަކުން ހިންގި މިނިފޭރުމާއި، އަޅު ވިޔަފާރީގެ ތެރެއިން މަސައްކަތްތެރިން ހޯދުމުގެ ނިޒާމުގެ ތެރެއިންނެވެ. އިސްތިޢުމާރީ ދަނޑުވެރިކަމުގެ ވިޔަފާރިތައް ބިނާވެފައި އޮތީ އެކި ސަރަޙައްދުތަކުން މީހުން ވަގަށް ނަގައިގެން ނުވަތަ، ގަދަބާރުން އަޅުންނަށް ހަދައިގެން، މަޖުބޫރު ކޮށްގެން މަސައްކަތް ކުރުވުމުގެ މައްޗަށެވެ.

މި ދަނޑުވެރިކަމުގެ މަސައްކަތްތައް ބިނާވެފައި އޮތީ އައްސޭރިފަށުގެ ސަރަޙައްދުތަކާއި ރަށްތަކުގެ މެދުގައި މަޖުބޫރުން މީހުން އެމީހުންގެ ވަޒަނުން ވަގަށް ނަގައިގެން މުސްތަޢުމަރާތަކަށް އުފުލުމުގެ މައްޗަށެވެ. އަޅުންނާއި މަޖުބޫރުން މަސައްކަތްކުރުވި މީހުން މޮރިޝަސް، މަޑަގަސްކަރަ، އިރުމަތީ އެފްރިކާ އަދި އިންޑިއާ ބައްރު ގުޅުވައިދޭ ކަނޑުގެ ވިއުގަތަކުގެ ތެރެއިން މުސްތަޢުމަރާތަކުގެ މެދުގައި އުފުލާފައިވެއެވެ.

ދިވެހި ތާރީޚީ ރިވާޔަތްތަކުގައިވާ ގޮތުން، މި ދުވަސްވަރަކީ ދިވެހިރާއްޖޭގެ ދެކުނުގެ ރަށްތަކުން، ޚާއްޞަކޮށް ހުވަދުއަތޮޅާއި، ފުވައްމުލަކާއި، އައްޑުއަތޮޅު ހިސާބު ކަނޑުމަތިންނާއި، އެކަހަރި ރަށްރަށުން މީހުން އަތުލައިގަނެ، އަޅުންގެ ގޮތުގައި މަސައްކަތް ކުރުވަން ގެންދިޔަ ކަމަށް ބެލެވޭ ދުވަސްވަރެކެވެ. މިގޮތަށް އަތުލައިގަނެވުނު މީހުން ފޯޅަވަހީގެ ރަށްތަކުގައި ހުރި ދަނޑުތަކުގައި މަސައްކަތް ކުރުވަން ގެންގޮސްފައިވެއެވެ.

މި ކަންކަން ހިނގާފައިވަނީ އިސްތިޢުމާރީ ދަނޑުވެރިކަމުގެ ނިޒާމު ގާއިމުވުމުގެ ކުރިންވެސް ފޯޅަވަހީގައި ދިވެހިން ދިރިއުޅެމުން ދަނިކޮށެވެ. މީގެއިން ދޭހަވަނީ އިސްތިޢުމާރީ ދަނޑުވެރިކަން ފުޅާވުމުގެ ކުރިންވެސް އެ ރަށްތަކުގައި ދިވެހި އާބާދީއެއް އޮތް ކަމެވެ. މިކަމަށް އިޝާރާތް ކުރާ އެންމެ ވަރުގަދަ ހެއްކަކީ، މެރިޓައިމް އިލެކްޓްރިކަލް އޮފިސަރު ތަބަށް އަދުނާނު އަށް ފޯޅަވަހިން ފެނިފައިވާ ދިވެހި މަހާނަ ތަކާއި، މަހާނަގައުތަކުގައި ތާނަ އަކުރުން ލިޔެފައިވާ ދިވެހި ނަންތަކުންނެވެ. ތަބަށް އަދުނާނަށް ފޯޅަވައްސަށް ދެވުނީ ކަނޑުމަތީގެ އިމަޖެންސީއެއްގައި ކޮންމެހެން ކުރަން ޖެހޭ މަރާމާތެއް ކުރުމަށެވެ.

1810 ވަނަ އަހަރުގެ އިނގިރޭސިން ފޯޅަވަހިން މީހުން ހިފުމުގެ ރެކޯޑުތައް
ފޯޅަވަހީގައި ކުރިން އުޅުނު އާބާދީ ބަދަލުވެ، އެމީހުން ބޭރުކޮށްލެވުނު ކަމުގެ ހެކިތައް އިނގިރޭސި ދައުލަތުގެ އަރުޝީފުތަކުން (British National Archives) ފެންނަން އެބަހުއްޓެވެ. ފަރަންސޭސިންގެ ބާރުގެ ދަށުގައި ހުރި ސަރަޙައްދުތައް އިނގިރޭސިން ހިފުމާ ގުޅޭ "ޕްރައިޒް ކޯޓު" (Prize Court) ގެ ލިޔެކިޔުންތަކުގައިވާ ގޮތުން، 1810 ވަނަ އަހަރު ފޯޅަވަހިން (އިސްތިޢުމާރީ ނަމުންނަމަ ޑިއޭގޯ ގާސިއާ އިން) 134 މީހަކު ހިފާ ހައްޔަރު ކޮށްގެން، އިނގިރޭސި މަނަވަރު "ސަރ ފްރާންސިސް ޑްރޭކް" ގައި ސިލޯނަށް (ސްރީލަންކާއަށް) ގެންގޮސްފައިވެއެވެ.

އިސްތިޢުމާރީ ރެކޯޑުތަކުގައި މީގެ ތެރެއިން ބައެއް މީހުންނަކީ "އެފްރިކާ މީހުން" ކަމަށް އަނެއްބައި މީހުންނަކީ އޭޝިއާ މީހުން ކަމަށް ބަޔާންކޮށްފައި ވެއެވެ. މިއީ އިސްތިޢުމާރީ އާދަކާދައިގެ ތެރެއިން ހިފާ ހައްޔަރު ކުރެވޭ މީހުން ގިންތި ކުރުމުގައި ރަށްވެހި ކަމުގެ އަސްލު އޮޅުވާލުމުގެ ގޮތުން ކުރާ ކަމެކެވެ. މި ޙާދިސާ ނޫނަސް ފަރަންސޭސިންނާއި، އިނގިރޭސިންވެސް އިންޑިއާ ކަނޑުގެ މުސްތަޢުމަރާ ތަކުގެ މެދުގައި އުފުލި އަޅުންގެ ލިސްޓުތަކުގައި ހިމަނާ އެއް ގިންތި ކަމުގައި "އިލުއާ" (Îlois) ނުވަތަ "އިލިއާ" (Ilien) ހިމެނެއެވެ. ފަރަންސޭސި ބަހުން މި ދެލަފުޒުގެ މާނަޔަކީވެސް "ޖަޒީރާ ރަށްވެހިން" (islanders) އެވެ. މިއީ އެ މީހުންގެ ރަށްވެހި އަޞްލު އޮޅުވާލުމަށް ކިޔާ އުޅޭ ނަމެކެވެ. ނަމަވެސް މިފަދަ ލިސްޓުތަކުގައި ޖަޒީރާ ރަށްވެހިން ގިންތިއެއްގެ ގޮތުގައި ހިމެނިފައި އޮތުމުން އެނގި ކަށަވަރު ވަނީ، ދިވެހިރާއްޖޭގެ ކަނޑުމަތީންނާއި، ރަށްރަށުން ގިނަ ޢަދަދެއްގެ ދިވެހިން މިނިފޭރިގެން މުސްތަޢުމަރާތަކަށް ގެންދެވިފައި ނުވަތަ ވިއްކާލާފައިވާ ކަމެވެ.

އެފަދަ ލިސްޓުތަކުގައި ދިވެހިން ކަމުގައި ޖެހުމުގެ ބަދަލުގައި "ޖަޒީރާ މީހުން" ނުވަތަ ފަރަންސޭސި ބަހުން "އިލުއާ" ނުވަތަ "އިލިއާ" ޖެހުމުގެ ބޭނުމަކަށް ވާނީ އެއީ ދިވެހިން ކަން އޮޅުވާލުމެވެ. ސަބަބަކީ ދިވެހިރާއްޖެއަކީ ސިޔާސީ ގޮތުން ވަކި ރަސްކަމެއް ކަމުގައި ޔޫރަޕްގެ ހުރިހާ އިސްތިޢުމާރީ ބާރުތަކުންވެސް ބަލައިގަނެފައިވާ ޤައުމެކެވެ. އެހެން ކަމުން މީލާދުން 17 ވަނަ ޤަރުނާއި 19ވަނަ ޤަރުނާއި ދެމެދު، ޔޫރަޕުގެ ހުރިހާ އިސްތިޢުމާރީ ބާރުތަކުންވެސް "ލޯ އޮފް ދަ ނޭޝަންސް" އަށް ޢަމަލު ކުރެއެވެ. އޭގައިވަނީ، މިނިވަން މުސްތަޤިއްލު ޤައުމެއްގެ ރައްޔިތަކު އަޅުވެތިކޮށް، ހިފާ ހައްޔަރު ކޮށް ހެދުމަކީ ހުއްދަވެގެންވާ ކަމެއް ނޫން ކަމުގައެވެ.

ތާރީޚީ ނަޒަރަކުން ބަލާއިރު، މިއީ އިންޑިއާ ކަނޑުގެ ކަނޑުދަތުރުވެރި އާބާދީތަކުގެ އަޞްލު އޮޅުވާލުމަށް އިދާރީ ގޮތުން ބޭނުންކޮށްފައިވާ ލަފުޒުތަކެކެވެ. ދިވެހި ތާރީޚު ދިރާސާކުރާ ފަރާތްތަކުން ބަޔާންކުރާ ގޮތުގައި، ފަރަންސޭސިންގެ ދުވަސްވަރު ފޯޅަވަހީގައި ތިބީ ފޯޅަވަހީގެ ޠަބަޢީ އާބާދީއާއި، ރާއްޖޭގެ ކަނޑުމަތިންނާއި، ރާއްޖޭގެ ދެކުނުގެ ރަށްތަކުން އަތުލައިގަނެގެން ގެންދިޔަ ދިވެހިންގެ އިރުތަށް އެފްރިކާ ހިސާބުންނާއި، އިންޑިއާއިން ގެނެވުނު އަޅުންނާއެކު މަސްހުނި އާބާދީއެކެވެ. ނަމަވެސް ބަދަލުވަމުން އައި ދުނިޔޭގެ ސިޔާސަތާއި، އުޞޫލުތަކަށް ބަލާ، ދިމާވާނެ މައްސަލަތަކަށް ރިޢާޔަތް ކޮށް، އިނގިރޭސިން ފޯޅަވަހީގައި ތިބި ދިވެހި ނަޞްލުގެ ރަށްވެހީން މާދުރު ހިސާބުތަކަށް އުފުލާ ގެއްލުވާލާފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ. އެހެންކަމުން، 1810 ވަނަ އަހަރު ފޯޅަވަހިން މީހުން ބޭރުކުރުމަކީ އެތަނުގައި ކުރިން އޮތް އާބާދީ ނެތިކޮށްލުމަށް އިނގިރޭސިން ހިންގި ވަރަށް އަނިޔާވެރި ޢަމަލެއް ކަމުގައި ބެލެވިދާނެއެވެ.

އެހެންކަމުން ބޮޑަށް ޤަބޫލުކުރެވެނީ އިނގިރޭސިން ފޯޅަވައްސަށް އަރައި އެ ރަށްތައް ހިފުމަށްފަހު، އެތަނުގައި ތިބި ޠަބަޢީ ރަށްވެހީން މާދުރު ހިސާބުތަކަށް ބޭރުކޮށް، އެފްރިކާއާއި އިންޑިއާ ބައްރުން އައު މަސައްކަތްތެރިން ގެނެސް ބީރަށްވެހީންގެ މައްޗަށް އެކުލެވޭ އިސްތިޢުމާރީ ދަނޑުވެރިކަމުގެ ނިޒާމެއް އަލުން ފޯޅަވަހީގައި ޤާއިމު ކުރީ ކަމުގައެވެ.

މިކަމުގެ މައްޗަށް ލިބޭ އިތުރު ހެއްކެއްގެ ގޮތުގައި ސިލޯނުގެ ގަވަރުނަރު ސަރ ތޯމަސް މެއިޓްލޭންޑްގެ ސިޓީތައް ހިމެނެއެވެ. އޭނާގެ ސިޓީތަކުން އެނގޭ ގޮތުގައި، އެފްރިކާ ފަދަ ދުރު ތަންތަނުން އަޅުން ގެނައުމަށްވުރެ، ފޯޅަވަހި ސަރަޙައްދުން އަޅުން ހޯދުމަކީ އިޤްތިޞާދީ ގޮތުން ފައިދާ ބޮޑު ކަމެއް ކަމަށް އޭރު ދެކުނެވެ. މީގެއިން އެނގެނީ އެ ދުވަސްވަރު އެ ސަރަޙައްދަކީ މީހުން އަތުލައިގަނެ އަޅުވެތިކުރުމަށް ބޭނުންކުރި މުހިންމު ސަރަޙައްދެއް ކަމެވެ.

ޗާޓުތަކުން ފޯޅަވަހި ރާއްޖެއާ ވަކިކޮށްލުން
ފޯޅަވަހީގެ އާބާދީގެ ޠަބިއްޔަތަށް އިސްތިޢުމާރީ ދަނޑުވެރިކަމާއި ބީރައްވެހި އަޅު މަސައްކަތްތެރިންގެ ސަބަބުން ބަދަލުތައް އަންނަމުން ދިޔައިރު، ރާއްޖޭގެ ދެކުނުގެ ޖޯގުރަފީ ސިފަކޮށްދޭ ގޮތަށްވެސް ބޮޑު ބަދަލެއް އަންނަމުން ދިޔައެވެ. ކުރިން ޔޫރަޕްގެ އިސްތިޢުމާރީ ޗާޓުތަކުގައި ދައްކާފައިވާ ގޮތުން ދިވެހިރާއްޖޭގެ ސަރަޙައްދީ ރަށްތައް މިހާރުގެ ސަރަޙައްދަށްވުރެ މާ ދެކުނަށް އޮތް ކަމަށް ދެއްކި ނަމަވެސް، 19 ވަނަ ޤަރުނުގެ ތެރޭގައި އެކަން ބަދަލުވާން ފެށިއެވެ.

މި ބަދަލާއެކު، ރާއްޖޭގެ އެންމެ ދެކުނަކީ އައްޑުއަތޮޅު ކަމަށް ބަލައި، ފޯޅަވަހީގެ ރަށްތަކަކީ ވަކި ސަރަޙައްދެއްގެ ގޮތުގައި ޗާޓުތަކުގައި ކުރަހަން ފެށިއެވެ. ދިވެހިރާއްޖޭގެ މައްޗަށް ތާރީޚީ ނަޒަރަކުން ބަލާއިރު މިއީ "މުސްތަގިއްލު ދައުލަތަކުން ބައެއް ޗާޓުތަކުން ވަކިކޮށްލުމުގެ" (cartographic severance) ޢަމަލެކެވެ. މީގެ ސަބަބުން ރާއްޖޭގެ ދެކުނުގެ ކަނޑުތަކާއި ފޯޅަވަހި ސަރަޙައްދު، އިސްތިޢުމާރީ ޗާޓުތަކާއި އިދާރީ ނިންމުންތަކުގެ ތެރެއިން ރާއްޖެއާ ވަކިކޮށްލެވުނެވެ. އަދި އެކަން ކޮށްފައިވަނީ މާލެއާ ދިމާއަށް މަނަވަރުގެ ބޮޑުބަޑި އަމާޒުކޮށް ބަހައްޓައިގެން، އޭރުގެ ދިވެހިރާއްޖޭގެ "ބަންޑާރަ ނާއިބު" އިންކާރު ކުރަނިކޮށް، ރަސްގެފާނަށް ބިރުދައްކައިގެން ދިވެހިރާއްޖެ އެބައެއްގެ "ޙިމާޔަތުގެ" ދަށަށް ގެންދިޔަ އިނގިރޭސިންނެވެ.

އިސްތިޢުމާރީ ދުވަސްވަރު ޗާޓު ކުރެހުމަކީ ހަމައެކަނި ސައިންސްވެރި ފަންނުގެ މަސައްކަތެއް ނޫނެވެ. އެއީ އިދާރީ އަދި އަސްކަރީ ބޭނުންތަކަށް ކުރާ ކަމެކެވެ. ޗާޓުތަކުގައި ފޯޅަވަހި ވަކިކޮށްލުމުން، އެއީ ރާއްޖޭގެ ބައެއް ނޫން ކަމަށް ބެލުމުގެ އާދަ އިސްތިޢުމާރީ އިދާރާތަކުގައި އަށަގަތެވެ. އެހެންކަމުން، މި ޗާޓުތަކަކީ އެ ސަރަޙައްދުގެ ޖޯގުރަފީ ވަކިކޮށްލުމުގައި މުހިންމު ދައުރެއް އަދާކުރި އެއްޗެކެވެ.

ދެކުނަށް ރާއްޖެ ދެމިގެންވާކަން ދައްކުވައިދޭ ޤަރުނުތަކެއްގެ ޗާޓުތައް
އިނގިރޭސިންގެ ޗާޓުތަކަށް އައި ބަދަލުގެ މުހިންމުކަން އެނގެނީ ކުރީގެ އިސްތިޢުމާރީ ޗާޓުތައް ބަލާލުމުންނެވެ. ދެ ޤަރުނަށްވުރެ ގިނަ ދުވަހު، ޔޫރަޕުގެ އިސްތިޢުމާރީ ޗާޓުތަކުގައި ރާއްޖެ އޮތީ މިހާރުގެ އިންތަކަށްވުރެ މާ ދެކުނަށް ދެމިގެން ގޮސްފައެވެ. 16 ވަނަ އަދި 17 ވަނަ ޤަރުނުގެ ޕޯޗުގީޒު ޗާޓުތަކުގައި "ޕޮލްވަހާ" (Polvara) ނުވަތަ "ޕޮލްވެހިއާ" (Polverera) ފަދަ ނަންތަކުން ފޯޅަވަހީގެ ރަށްތައް ހިމަނާފައިވެއެވެ. މިއީ ދިވެހި "ފޯޅަވަހި" މި ނަމުގެ އަޑަށް ބިނާކޮށް ޔޫރަޕު މީހުން ލިޔެފައިވާ ނަންތަކެވެ. މީގެ އިތުރުން އައްޑު އަތޮޅުގެ ދެކުނުން "ކަންދޫ އަތޮޅުގެ" ނަންވެސް ހަމަ މިދެންނެވި ދިގު މުއްދަތުގައި ޗާޓުތަކުގައި ދައްކަމުން އާދެއެވެ. ޑަޗް މީހުންވެސް މިގޮތަށް ރާއްޖޭގެ އަތޮޅުތަކުގެ ތެރޭގައި މި ރަށްތައް ހިމަނާފައިވެއެވެ.

ފަރަންސޭސި ޗާޓުތަކުންވެސް ފެންނަނީ ހަމަ މި މަންޒަރެވެ. 18 ވަނަ ޤަރުނުގެ ގިނަ ޗާޓުތަކެއްގައި ފޯޅަވަހީގެ ރަށްތައް ހިމަނާފައިވަނީ ދިވެހި ކަނޑުގެ ސަރަޙައްދުގެ ތެރޭގައެވެ. މީގެން އެނގެނީ އެ ދުވަސްވަރު ޔޫރަޕުގެ ދަތުރުވެރިންނަށް އެ ސަރަޙައްދަކީ ރާއްޖެއާ ވަކި ސަރަޙައްދެއްގެ ގޮތުގައި ފާހަގަވެފައި ނެތް ކަމެވެ. އެހެންކަމުން ފަހުން ގެނެވުނު ބަދަލަކީ ޖޯގުރަފީގޮތުން ހޯދުނު އައު ހޯދުމެއް ނޫން ކަމާއި، އެއީ އިސްތިޢުމާރީ އިދާރީ ބަދަލެއްކަން ސާފުވެއެވެ.

ރޮބާޓް މޯރސްބީގެ ސާވޭތައް
މި ބަދަލު އައުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ 1830 ގެ އަހަރުތަކުގައި ކެޕްޓަން ރޮބާޓް މޯރސްބީ ކުރިއަށް ގެންދިޔަ ހައިޑްރޯގްރަފިކް ސާވޭތަކެވެ. މޯރސްބީގެ މަޤްޞަދަކީ އިންޑިއާ ކަނޑުގެ ނުރައްކާތެރި ފަރުތަކުގެ ތެރެއިން ދަތުރުކުރުމަށް ފަސޭހަވާނެހެން ސައްޙަ ޗާޓުތަކެއް ތައްޔާރުކުރުމެވެ. މި ޗާޓުތަކަކީ އޭރުގެ އިނގިރޭސި ކަނޑުގެ ސިފައިންނާއި ވިޔަފާރި އުޅަނދުތަކުން ވަރަށް ބޮޑަށް ބޭނުންކުރި ޗާޓުތަކެކެވެ.

ނަމަވެސް، މި ސާވޭތަކުގެ ސަބަބުން ފޯޅަވަހީގެ ރަށްތަކަކީ ރާއްޖެއާ ވަކި ސަރަޙައްދެއްގެ ގޮތުގައި ބެލުމުގެ ފުރުޞަތު ފުޅާވިއެވެ. އެ ރަށްތަކަކީ ވަކި ހައިޑްރޯގްރަފިކް ސަރަޙައްދެއްގެ ގޮތުގައި ޗާޓުކުރުމުން، ފަހުން ކުރެހުނު ޗާޓުތަކުގައިވެސް އެ ގެނެވުނު ބަދަލު ދެމިއޮތެވެ. މީގެ ނަތީޖާއެއްގެ ގޮތުން، އިދާރީ ގޮތުން ފޯޅަވަހި ރާއްޖެއާ ވަކިކޮށްލުމަށް ބާރު ލިބުނެވެ. މޯރސްބީގެ ސާވޭތަކުގެ ފަންނީ ކުރިއެރުމާއެކު، އޭގެ ސިޔާސީ ނަތީޖާއެއްވެސް ނުކުތެވެ. އެއީ އިސްތިޢުމާރީ ބާރުތަކުން އިންޑިއާ ކަނޑުގެ ސަރަޙައްދުތައް ބަހާލުމުގައި މި ޗާޓުތަކުގެ އެހީ ހޯދުމެވެ.

އޭރުގެ ރަދުންގެ އިއުތިރާޒާއި އާންމުންގެ ދެކޮޅުވެރިކަން (އެޗް.ސީ.ޕީ ބެލް)
19 ވަނަ ޤަރުނުގެ ފަހުކޮޅާއި 20 ވަނަ ޤަރުނުގެ ކުރީކޮޅު ރާއްޖޭގެ ތާރީޚު ދިރާސާކުރެއްވި އެޗް.ސީ.ޕީ ބެލް ލިޔުއްވާފައިވާ ގޮތުގައި، ބޭރުގެ މީހުން މިގޮތަށް ސާވޭކުރުމަކީ ދިވެހިން ރުހުނު ކަމެއް ނޫނެވެ. ބެލް ބަޔާންކުރައްވާފަވާ ގޮތުގައި، އޭރުގެ ދިވެހި ރަދުންނާއި އާންމު ރައްޔިތުން މިފަދަ ސާވޭތަކަށް ބެލީ ޝައްކުގެ ނަޒަރަކުންނެވެ. ދިވެހި ސަރުކާރުން ވަނީ މި ސާވޭތައް ހިންގާ ސަރަޙައްދުތައް ހަނިކުރުމަށް މަސައްކަތް ކޮށްފައެވެ. ދިވެހިން ބިރުގަތީ ފަރުތަކާއި ރަށްތަކުގެ ތަފްޞީލީ ޗާޓުތައް ހެދުމުން، ބޭރުގެ ބާރުތަކުން ރާއްޖޭގެ ބައެއްގެ މައްޗަށް ބާރު ހިންގަން މަގުފަހިވެދާނެތީއެވެ.

މީގެން އެނގެނީ އިސްތިޢުމާރީ ސާވޭތަކުގެ ނަތީޖާ ދިވެހިންނަށް އޭރުވެސް އަންދާޒާކުރެވޭ ކަމެވެ. ޗާޓު ކުރެހުމަކީ ހަމައެކަނި ސައިންސްވެރި ކަމެއްގެ ބަދަލުގައި، އެއީ ސިޔާސީ ނުފޫޒު ފެތުރުމުގެ ކުރިން ކުރާ ކަމެއްގެ ގޮތުގައި ދިވެހިން ދެކެމުން ދިޔަކަމެވެ.

ބައިނަލްއަޤްވާމީ ޤާނޫނުގައި "ޠަބަޢީ ރަށްވެހީން"

ޒަމާނީ ބައިނަލްއަޤްވާމީ ޤާނޫނުގައި "ޠަބަޢީ ރަށްވެހީން" (indigenous peoples)މި ލަފުޒު ބޭނުންކުރަނީ އިސްތިޢުމާރު ކުރުމުގެ ކުރިން އެ ބިމަކާ ތާރީޚީ ގުޅުމެއް އޮތް އާބާދީތައް ސިފަކުރުމަށެވެ. އދ. އަށް ޖޯޒޭ މާޓިނޭޒް ކޯބޯ ތައްޔާރުކުރެއްވި ދިރާސާގައި، ޠަބަޢީ ރަށްވެހީންގެ މުހިންމު ސިފަތަކުގެ ތެރޭގައި ކާބަފައިންގެ ބިމާ އޮންނަ ގުޅުމާއި، އަމިއްލަ ސަގާފަތާއި، އަދި އެތަނަކާއި ތާރީޚީ ގޮތުން މެދުކެނޑުމެއްނެތި އޮންނަ ގުޅުން ހިމެނެއެވެ.

މި އުޞޫލުތައް ފަހުން ޠަބަޢީ ރަށްވެހީންގެ ޙައްޤުތަކާ ބެހޭ އދ. ގެ ޑެކްލަރޭޝަން (UNDRIP) ގައިވެސް ހިމަނާފައިވެއެވެ. މީގެ މަޤްޞަދަކީ އިސްތިޢުމާރީ ބާރުތައް އައުމުގެ ކުރިން އޮތް އާބާދީތަކުގެ ސަގާފަތާއި، އިދާރާތަކާއި، ތަރިކައާއި، ބިމުގެ ގުޅުން ހިމާޔަތްކުރުމެވެ.

އިސްތިޢުމާރީ ބީރަށްވެހި އާބާދީތަކާއި ދަނޑުވެރިކަމުގެ މުޖުތަމަޢުތައް
ޠަބަޢީ ރަށްވެހީންގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގަދަބާރުން އުފެއްދި ބީރަށްވެހިކަމުގެ މަތީގައި އިސްތިޢުމާރީ ދަނޑުވެރިކަމާއި، އެހެނިހެން ސިނާޢަތްތަކުގެ ތެރެއިން އައު މުޖުތަމަޢުތައް އުފެދިފައިވެއެވެ. މިފަދަ މުޖުތަމަޢުތައް އުފެދެނީ އަޅުންގެ ގޮތުގައި ނުވަތަ މަޖުބޫރީ މަސައްކަތްތެރިންގެ ގޮތުގައި އެކި ތަންތަނަށް މީހުން ގެންގޮސް ބީރަށްވެހި ކުރުވައިގެންނެވެ.

މިފަދަ މުޖުތަމަޢުތަކުގައިވެސް އެމީހުން ދިރިއުޅޭ ބިމާ ގުޅޭ އަމިއްލަ ސަގާފަތެއް އޮވެއެވެ. ނަމަވެސް، އެމީހުން އުފެދިގެން އައި ގޮތް، އިސްތިޢުމާރީ ބާރުތަކުގެ ކުރިން އެތަނުގައި ތިބި ޠަބަޢީ ރަށްވެހީންނާ އަޅާބަލާއިރު މުޅިން ތަފާތެވެ.

ބައިނަލްއަޤްވާމީ ޤާނޫނުގައި ޠަބަޢީ ރަށްވެހީން (Indigenous Peoples) އާއި "އިސްތިޢުމާރީ ބީރަށްވެހީން" (Settler Communities) ވަކިކޮށްދޭ މައިގަނޑު އަސާސަކީ، އެ ބަޔަކު އެ ބިމަކަށް އައި ތާރީޚީ އަޞްލެވެ. މިއީ އެއްވެސް ހާލެއްގައި އިންސާނީ ކަރާމާތަށް އުނިކަން ގެނެސްދޭ ތަފާތެއް ނޫނެވެ. އިސްތިޢުމާރީ ބީރަށްވެހީންނަށްވެސް ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ޤާނޫނުގެ ދަށުން ފުރިހަމަ ރައްކާތެރިކަން ލިބިގެންވެއެވެ. ނަމަވެސް، ބިމުގެ ސިޔާދަތީ ބާރާއި، އަމިއްލަ އިޚްތިޔާރުގައި ގޮތް ނިންމމުގެ ޙައްޤާ ގުޅޭގޮތުން އެމީހުން ކުރާ ދަޢުވާތައް މާނަކުރާ ގޮތް، އިސްތިޢުމާރީ ބާރުތައް އައުމުގެ ކުރިން އެ ބިމުގައި ތިބި "ޠަބަޢީ ރަށްވެހީންނާ" ތަފާތުވެއެވެ.

ދައުލަތުގެ އެތެރޭގައި ދެމިތިބުމުގެ އިޚްތިޔާރީ  ޙައްޤާއި، ދައުލަތުން ވަކިވުމުގެ އިޚްތިޔާރީ ޙައްޤު
ބައިނަލްއަޤްވާމީ ޤާނޫނުތަކުގައި "އަމިއްލަ އިޚްތިޔާރުގައި ގޮތް ނިންމުމުގެ ޙައްޤު" (Self- determination) އާމެދު ބެލެވޭ ދެ ގޮތެއް އޮވެއެވެ. އޭގެ ތެރެއިން "ދައުލަތުގެ އެތެރޭގައި އަމިއްލަ އިޚްތިޔާރުގައި ގޮތް ނިންމުމުގެ ޙައްޤަކީ" އެ ބަޔަކު ދިރިއުޅޭ ދައުލަތުގެ ސިޔާސީ ނިޒާމުގެ ތެރޭގައި ފުރިހަމައަށް ބައިވެރިވުމުގެ ޙައްޤެވެ. މީގެ ތެރޭގައި ޑިމޮކްރެޓިކް މަރުޙަލާތަކުގައި ބައިވެރިވުމާއި، ތަމްސީލުވުމާއި، ސަގާފީ މިނިވަންކަމާއި، ބައިމަދު މީހުންގެ ޙައްޤުތައް ހިމާޔަތްކުރުން ހިމެނެއެވެ.

"އަނެއްކޮޅުން ދައުލަތަކުން ބޭރުވުމުގައި އަމިއްލަ އިޚްތިޔާރުގައި ގޮތް ނިންމުމުގެ ޙައްޤަކީ" އެ ބަޔަކު އަމިއްލަ ވަކި ދައުލަތެއް އުފެއްދުމުގެ ނުވަތަ މުސްތަޤިއްލު މިނިވަން ސިޔާސީ ޙައިސިއްޔަތެއް ކަނޑައެޅުމުގެ ޙައްޤެވެ. މި އުޞޫލު މައިގަނޑު ގޮތެއްގައި އުފެދިފައިވަނީ ވިހިވަނަ ޤަރުނުގެ ތެރޭގައި ހިނގި މިނިވަންވުމުގެ ހަރަކާތްތަކާ ގުޅިގެން، ޚާއްޞަކޮށް 1960 ވަނަ އަހަރު އދ. އިން ފާސްކުރި، އިސްތިޢުމާރު ނައްތާލުމާއި ބެހޭ ޤަރާރު ނަމްބަރު 1514 ގެ ދަށުންނެވެ. ތާރީޚީ ގޮތުން ބަލާއިރު، މި ޙައްޤު ލިބިދީފައިވަނީ ބޭރުގެ ބާރުތަކުން އިސްތިޢުމާރު ކޮށްފައިވާ ސަރަޙައްދުތަކުގެ ޠަބަޢީ ރަށްވެހީންގެ އާބާދީތަކަށެވެ.

ކޮންމެ ގިންތިއަކަށް ލިބިދޭ އިޖުތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ ޙައްޤުތައް
އާބާދީއެއް ގިންތިކުރާ ގޮތް ކޮންމެ ގޮތަކަށް އޮތް ނަމަވެސް، ޠަބަޢީ ރަށްވެހީންނާއި އިސްތިޢުމާރީ ބީރަށްވެހީންގެ އާބާދީތަކަށްވެސް ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން އަސާސީ އިންސާނީ ޙައްޤުތައް ލިބިގެންވެއެވެ. މީގެ ތެރޭގައި ޤާނޫނުގެ ކުރިމަތީގައި ހަމަހަމަވުމާއި، ތަފާތުކުރުންތަކުން ރައްކާތެރިވުމާއި، ސަގާފަތް ދެމެހެއްޓުމާއި، އަދި އާންމު ދިރިއުޅުމުގެ ކަންކަމުގައި ބައިވެރިވުން ހިމެނެއެވެ.

"އިންސާނީ ޙައްޤުތަކުގެ ބައިނަލްއަޤްވާމީ މުޢާހިދާ" (UDHR) އާއި "މަދަނީ އަދި ސިޔާސީ ޙައްޤުތަކާ ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ" (ICCPR) ފަދަ ބައިނަލް އަޤްވާމީ މުޢާހަދާތަކުގައި މި ޙައްޤުތަކަކީ ހުރިހާ އިންސާނުންނަށް ލިބިގެންވާ ޙައްޤުތަކެއްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ. އެހެންކަމުން، ޠަބަޢީ ރަށްވެހީންނާ އިސްތިޢުމާރީ ބީރަށްވެހީންގެ ތަފާތަކީ އެ މީހުންނަށް ޙައްޤުތައް ލިބުމާއި ނުލިބުމުގެ ތަފާތެއް ނޫނެވެ. އެއީ އެ ޙައްޤުތައް ބިމުގެ ސިޔާދަތީ ބާރާއި އަމިއްލަ އިޚްތިޔާރުގެ ޙައްޤާ ގުޅިގެންދާ ގޮތުގެ ތަފާތެވެ.

އެހެން ޤައުމުތަކުގެ މިސާލުތައް (މޮރިޝަސް، ސީޝެލްސް، ކެރީބިއަން)
އިސްތިޢުމާރީ ދަނޑުވެރިކަމުގެ ނިޒާމުގެ ތެރެއިން އުފެދުނު އެހެން މުޖުތަމަޢުތަކަށް ބަލާލުމުން މި ތަފާތު އިތުރަށް ސާފުވެއެވެ. މޮރިޝަސް، ސީޝެލްސް، އަދި ކެރީބިއަންގެ ރަށްތަކުގެ އާބާދީއަކީ މައިގަނޑު ގޮތެއްގައި އިސްތިޢުމާރީ ދުވަސްވަރު ގެނެވުނު އަޅުންނާއި މަސައްކަތްތެރިންގެ އާބާދީތަކެވެ.

މި މުޖުތަމަޢުތަކަކީ އިސްތިޢުމާރީ ދަނޑުވެރިކަމުގެ އިޤްތިޞާދުގެ ތެރެއިން އުފެދުނު ބައެއް ނަމަވެސް، އެމީހުން ދިރިއުޅޭ ރަށްތަކާ ގުޅިފައިވާ މުއްސަނދި ސަގާފަތެއް އެމީހުން ވަނީ އުފައްދާފައެވެ. ނަމަވެސް، މި ޤައުމުތަކުގެ ސިޔާސީ ކުރިއެރުން ބިނާވެފައިވަނީ މިހާރު އޮތް ދައުލަތްތަކުގެ އޮނިގަނޑުގެ ތެރެއިންނެވެ. އެއީ އިސްތިޢުމާރުގެ ކުރިން އޮތް "ބިމުގެ މިލްކުވެރިކަމުގެ" ދަޢުވާތަކުގެ މައްޗަކަށް ނޫނެވެ. މީގެއިން އެނގެނީ އިސްތިޢުމާރީ ދަނޑުވެރިކަމުގެ ތެރެއިން އުފެދޭ ބީރަށްވެހި އާބާދީތަކުގެ ތާރީޚީ އަޞްލާއި، އިސްތިޢުމާރުގެ ކުރިން ތިބި ޠަބަޢީ ރަށްވެހީންގެ ތާރީޚީ އަޞްލު ތަފާތުވާ ކަމެވެ.

ފޯޅަވަހީގެ މައްސަލައިގައި މީގެ ނަތީޖާ
ފޯޅަވަހީގެ ފަހުގެ އާބާދީގެ ތާރީޚީ އަޞްލުން ފެންނަނީ، އެހެން ދަނޑުވެރި މުސްތަޢުމަރާތަކުގެ އާބާދީތަކުންވެސް ފެންނަ ސިފަތަކެވެ. ފޯޅަވަހިން ބޭރުކުރެވިފަވާ ބީރަށްވެހި އާބާދީ އުފެދިފައިވަނީ އިސްތިޢުމާރީ ދަނޑުވެރިކަމުގެ އިޤްތިޞާދާއި، އަޅުވިޔަފާރިއާއި، މަޖުބޫރީ މަސައްކަތްތެރިން ބަދަލުކުރުމާއި، އަދި އިސްތިޢުމާރީ އިދާރީ ހިންގުމުގެ ތެރެއިން ކަމުގެ ސިފަތަކެވެ. މިއީ އިސްތިޢުމާރުގެ ކުރިން އެތަނުގައި މެދުކެނޑުމެއްނެތި ދެމިގެން އައިސްފައިވާ ޠަބަޢީ ރައްވެހީންގެ އާބާދީއެއް ނޫނެވެ.

އާބާދީ އުފެދިގެން އައި މި ގޮތް ދެނެގަތުމަކީ، އެ އާބާދީއަކީ "ޠަބަޢީ ރަށްވެހީން" ކަމަށް ބަލާނެތޯއާއި، އަދި ބައިނަލްއަޤްވާމީ ޤާނޫނުގައި އަމިއްލަ އިޚްތިޔާރުގައި ގޮތް ނިންމުމުގެ ޙައްޤު މާނަކުރާނެ ގޮތާ ގުޅޭގޮތުން މިހާރު ކުރެވޭ ބަހުސްތަކުގައި ވަރަށްވެސް މުހިންމު ކަމެކެވެ.

ނިންމުން
ފޯޅަވަހީގެ ތާރީޚުން ހާމަވަނީ އިސްތިޢުމާރުގެ ސަބަބުން އިންޑިއާ ކަނޑުގެ ޖޯގުރަފީއަށާއި އާބާދީއަށް އައިސްފައިވާ ބޮޑެތި ބަދަލުތަކެވެ. ދިވެހި ނަންތަކާއި، ކަނޑު ދަތުރުފަތުރުގެ އާދަކާދަތަކާއި، އަދި އެތައް ޤަރުނެއްގެ ޗާޓުތަކުން ސާބިތުވާ ގޮތުގައި، ފޯޅަވަހީގެ ރަށްތަކަކީ ތާރީޚީ ގޮތުން ދިވެހިރާއްޖޭގެ ސަރަޙައްދުގެ ބައެކެވެ. ޔޫރަޕުގެ އިސްތިޢުމާރީ ބާރުތަކުން ވަނީ ދަނޑުވެރި މުސްތަޢުމަރާތަކުގެ ނިޒާމާއި، މަޖުބޫރު މަސައްކަތްތެރިންނާއި، އަދި އިދާރީ ގޮތުން ތަންތަނާއި ރަށްތަކަށް ކިޔާ ނަންތައް ބަދަލު ކޮށްގެން ފޯޅަވަހީގެ ޖޯގްރަފީއާއި، އާބާދީގެ ސިފަތައް ބަދަލު ކޮށްލާފައެވެ.

މި ތާރީޚީ ޙަޤީޤަތްތައް ދެނެގަތުމަކީ، ޠަބަޢީ ރަށްވެހީންނާއި، އިސްތިޢުމާރީ ބީރަށްވެހި އާބާދީތަކާއި، އަދި އަމިއްލަ އިޚްތިޔާރުގައި ގޮތް ނިންމުމުގެ ޙައްޤާ ގުޅޭގޮތުން މިހާރު ކުރެވޭ ބަހުސްތަކުގެ ޙަޤީޤީ މާނަ ސާފުކޮށް ދެނެގަތުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.