އިދާރީ ނޯޓު
މި ބަޔާނަކީ "ޕެން ފޯ ރައިޓްސް" އިން ހިންގާ އިންޑިއާ ކަނޑުން އިސްތިޢުމާރު ނައްތާލުމާ ބެހޭ މަދަނީ ދިރާސީ އިސްނެގުމުގެ ފަރާތުން، މޮރިޝަސް އިން ދިވެހިރާއްޖެއާއި ސިޔާސީ ގުޅުން ކަނޑާލިކަން އަންގާ ނެރުނު ކޮމިއުނިކޭ އާއި ގުޅިގެން ނެރޭ ބަޔާނެކެވެ. މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ސަރުކާރު ތަމްސީލުކުރާ ބަޔާނެއް ނޫނެވެ. މިއީ އިންޑިއާ ކަނޑުގެ އިސްތިއުމާރު ނައްތާލުމުގައި، ޑީކޮލޮނައިޒޭޝަންގެ ގާނޫނީ އަދި އިޖުރާއީ ހަމަތައް ހިފެހެއްޓުމަށް އަޅުގަނޑުމެން ކުރާ ދިރާސީ އަދި މަދަނީ މަސައްކަތުގެ ރައްދެކެވެ.
1. ސިޔާސީ ގުޅުން މެދުކެނޑުމާއި ގާނޫނީ ދެމިއޮތުން
ފޯޅަވައްސާއި ގުޅޭގޮތުން ދިވެހިރާއްޖެއިން ގެންގުޅޭ ނިންމުމާ ގުޅިގެން، ދިވެހިރާއްޖެއާއެކު އޮތް ސިޔާސީ ގުޅުން މެދުކަނޑާލިކަން މޮރިޝަސްގެ ފޮރިން މިނިސްޓްރީން 27 ފެބްރުއަރީ 2026 ގައި ނެރުނު ކޮމިއުނިކޭގައި ވަނީ އިއުލާނުކޮށްފައެވެ.
ސިޔާސީ ގުޅުމަކީ ދައުލަތްތަކުގެ މެދުގައި މުއާމަލާތްކުރާ ވަސީލަތެކެވެ. އެ ގުޅުން ކަނޑާލުމަކީ ސިޔާސީ ނުރުހުން ފާޅުކުރުމުގެ އަމަލަކަށް ވެދާނެއެވެ. ނަމަވެސް އެއީ އުފެދިފައިވާ ގާނޫނީ ސުވާލުތައް ނިމުމަކަށް އަންނާނެ ކަމެއް ނޫނެވެ. ބައިނަލްއަގުވާމީ ގާނޫނުތައް ހިނގަނީ ހަމައެކަނި ސިޔާސީ ގޮތުން އެއް ގައުމަކުން އަނެއް ގައުމަކަށް ކުރާ އިތުބާރެއްގެ މައްޗަކަށް ނޫނެވެ. އަދި ޚިޔާލު ތަފާތުވުމަކީ ތާރީޚީ ގޮތުން ހުރި ހަގީގަތްތައް ބާތިލުވާނެ ކަމެއްވެސް ނޫނެވެ.
ބިމުގެ މިލްކުވެރިކަމުގެ ގާނޫނީ ހައިސިއްޔަތު ކަނޑައެޅެނީ ހެކިތަކާއި، މުއާހަދާތަކާއި، އަދި އދ. ގެ ޗާޓަރުގެ އުސޫލުތަކުގެ މައްޗަށެވެ. އެއީ ސިޔާސީ ގުޅުމުގެ ގާތްކަމަށް ބިނާވެފައި އޮންނަ ކަމެއް ނޫނެވެ.
2. އިސްތިއުމާރު ނައްތާލުމުގެ އޮނިގަނޑަކީ މަލްޓިލޭޓަރަލް ނިޒާމެއް
ގައުމުތައް އިސްތިއުމާރީ ބާރުގެ ދަށުން މިނިވަންކުރުމުގެ ކަންކަން ހިންގަނީ އދ. ގެ ޗާޓަރުގެ ދަށުންނެވެ. ވަކިން ހާއްސަކޮށް، ޗާޓަރުގެ 1 ވަނަ މާއްދާގެ (2) އަދި 73 ވަނަ މާއްދާގެ ދަށުންނާއި، އާންމު މަޖިލީހުގެ ގަރާރު 1514 އަދި 1541 ގެ ދަށުންނެވެ. މި ގާނޫނީ އޮނިގަނޑުތައް ބަޔާންކުރާ ގޮތުގައި، އިސްތިއުމާރީ ބާރުގެ ދަށުން މިނިވަންކުރުމުގެ މަރުހަލާ ކުރިއަށްދާންވާނީ ގާނޫނީ ހަމަތަކުގެ މަތިން އަދި އަމިއްލަ އިޚުތިޔާރުގައި ގޮތް ނިންމުމުގެ ހައްގު (ރައިޓް ޓު ސެލްފް ޑިޓާމިނޭޝަން) އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
މި އޮނިގަނޑަކީ ބައިނަލްއަގުވާމީ މުޖުތަމައު ބައިވެރިވާ (މަލްޓިލޭޓަރަލް) ނިޒާމެކެވެ. ސަރަހައްދީ ތާރީޚީ ބޮޑެތި މައްސަލަތަކަކީ ހަމައެކަނި ދެ ގައުމެއްގެ މެދުގައި، އެހެން ފަރާތްތަކުގެ ބައިވެރިވުމެއް ނެތި ނިންމާލެވޭނެ އަމިއްލަ ކަންތައްތަކެއް ނޫނެވެ. ތާރީޚީ ދައުވާތަކާއި، ޖިއޮގްރަފީގެ ގޮތުން ހުރި ގުޅުންތަކާއި، އަދި ކުރިން އޮތް އިސްތިގުލާލީ ހައްގުތަކަކީ މި މަރުހަލާގައި ދޫކޮށްލެވޭނެ ކަންކަމެއް ނޫނެވެ.
3. އިސްތިޝާރީ ލަފާ (އެޑްވައިޒަރީ އޮޕީނިއަން) އާއި މިލްކުވެރިކަމުގެ އިންތައް
2019 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (ICJ) އިން ދިން އިސްތިޝާރީ ލަފައަކީ މޮރިޝަސް މިނިވަންކުރުމުގެ މަރުހަލާގެ ގާނޫނީ ސައްހަކަމާ ބެހޭގޮތުން ދިން ލަފައެކެވެ. އެއީ އަވަށްޓެރި ގައުމުތަކުގެ މެދުގައި އޮތް ތާރީޚީ ދައުވާތަކެއް ނިންމުމަށް ކުރި ހުކުމެއް ނޫނެވެ. އަދި އެއީ އެހެން ފަރާތްތަކުގެ މަސްލަހަތުތައް ނިމުމަކަށް ގެނައުމަށް ފަހު، މިލްކުވެރިކަން ބަދަލުކުރުމަށް ކަނޑައެޅި ނިޔާއެއްވެސް ނޫނެވެ.
އައި.ސީ.ޖޭ ގެ ގާނޫނުގެ 59 ވަނަ މާއްދާގެ ދަށުން، ކޯޓުގެ ނިންމުންތަކުން ބަނދެވޭނީ ހަމައެކަނި އެ މައްސަލައެއްގައި ބައިވެރިވާ ފަރާތްތައް އެކަންޏެވެ. އިސްތިޝާރީ ލަފާތަކަކީ ގާނޫނީ ޒިންމާތައް ސާފުކޮށްދޭ އެއްޗެކެވެ. އެއީ މުޅި ދުނިޔޭގެ މައްޗަށް ހިނގާނެ ފަދަ މުޠުލަޤު (Absolute) މިލްކުވެރިކަމެއް އުފައްދައިދޭ އެއްޗެއް ނޫނެވެ.
4. މުއާހަދާތަކާ ބެހޭ ގާނޫނުގައި ތިންވަނަ ފަރާތްތަކުގެ ހައްގުތައް
މުއާހަދާތަކާ ބެހޭ ވިއެނާ ކޮންވެންޝަންގެ 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ މިކަމުގައި ކަނޑައެޅިފައިވާ އުސޫލެވެ. އެއީ، މުއާހަދާއެއްގައި ބައިވެރިނުވާ ތިންވަނަ ގައުމެއްގެ އިއުތިރާފެއް ނެތި، އެ ގައުމެއްގެ މައްޗަށް ޒިންމާތަކެއް ނުވަތަ ހައްގުތަކެއް އުނިކުރުމުގެ ބާރު އެ މުއާހަދާއަކަށް ލިބިގެން ނުވާކަމެވެ.
ބިމުގެ މިލްކުވެރިކަމާ ގުޅޭގޮތުން ދެ ގައުމެއްގެ މެދުގައި ކުރެވޭ އެއްބަސްވުމަކުން، އެ އެއްބަސްވުމުގައި ބައިވެރިނުވާ އެހެން ގައުމެއްގެ ގާނޫނީ ދައުވާތަކަކަށް ނުވަތަ މަސްލަހަތުތަކަށް އުނިކަމެއް ނުގެނެވޭނެއެވެ. ބައިނަލްއަގުވާމީ ގާނޫނުތަކުގެ އިތުބާރު ދެމިއޮންނާނީ މި އުސޫލުތައް ހިފެހެއްޓުމުންނެވެ. އެހެން ނޫންނަމަ، ސަރަހައްދީ ހަމަޖެހުން ބިނާވާނީ އުސޫލުތަކުގެ މައްޗަށް ނޫން ކަމަށާއި، ވަކި ބަޔަކު ބާކީކުރުމުގެ މައްޗަށް ކަމަށް ވެދާނެއެވެ.
5. ކުރިއަށް ދާންވީ މަގު
ސިޔާސީ ގުޅުން ކަނޑާލުމަކީ އޮޅުން އަރާފަވާ މައްސަލަތަކަށް ގާނޫނީ ސާފުކަމެއް ލިބޭނެ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި، އެކަމުގެ ސަބަބުން ހުރިހާ ފަރާތެއްގެ ހާމަކަން ބޭނުންވާ ދަނޑިވަޅެއްގައި ވާހަކަދެއްކުމުގެ ފުރުސަތު ހަނިވެގެންދެއެވެ.
އިންޑިއާ ކަނޑު މިނިވަންކުރުމުގައި އިޖުރާއީ އިންސާފު ގާއިމުކުރުމަށް މަސައްކަތްކުރާ މަދަނީ އިސްނެގުމެއްގެ ހައިސިއްޔަތުން، އަޅުގަނޑުމެން ހުރިހާ ފަރާތްތަކަށް ގޮވާލަނީ:
- އދ. ގެ އިސްތިއުމާރު ނައްތާލުމުގެ އޮނިގަނޑަށް އިހުތިރާމުކުރުން އާކުރުމަށެވެ.
- ތާރީޚީ ދެމިއޮތުމާއި ތިންވަނަ ފަރާތްތަކުގެ މަސްލަހަތުތަކަކީ ފުންކޮށް ދިރާސާ ކުރަންޖެހޭ ކަންކަން ކަމަށް ގަބޫލުކުރުމަށެވެ.
- އދ. ގެ ޗާޓަރުގެ އުސޫލުތަކާއި ބައިނަލްއަގުވާމީ ގާނޫނީ ހަމަތަކުގެ މަތިން މަޝްވަރާކުރުމަށެވެ.
ވަކިން ޚާއްސަކޮށް، ޖަޒީރާ ގައުމުތަކަކީ ބައިނަލްއަގުވާމީ އުސޫލުތައް ހަނިކުރުމުގެ ބަދަލުގައި، އެ އުސޫލުތައް ނެގެހެއްޓުމުގައި ނަމޫނާ ދައްކަންޖެހޭނެ ގައުމުތަކެކެވެ.
ބައިނަލް އަޤްވާމީ މުޖުތަމަޢުން އިސްތިއުމާރު ނައްތާލުމަށްޓަކައި އެކުލަވާލެވިފައިވާ (ޑިކޮލޮނައިޒޭޝަން) އުސޫލަކީ މުޅި ދުނިޔެ ގަބޫލުކުރާ އުސޫލަކަށް ވާނީ، އެއީ ހަމައެކަނި ސިޔާސީ ބާރުވެރިކަމެއް ނޫން ކަމަށާއި، އެއީ ގާނޫނީ ގޮތުން ހަމަޖެހޭ އުސޫލެއްކަން ސާބިތުކޮށްދީގެންނެވެ.
