ސިޔާސީ ބޭނުމަށް ޤާނޫނީ ތާރީޚު އަލުން ލިޔުން
2026 ވަނަ އަހަރު ރިޔާސީ ބަޔާން އިއްވަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޤައުމަށް ބާރުގަދަ މެސެޖެއް ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ފޯޅަވަހީގެ މައްސަލައިގައި ދިވެހިރާއްޖެ ހިފަހައްޓަމުން އައިމަޤާމް ބަލިކަށިވީ ކުރީގެ ސަރުކާރުގެ ސަބަބުންނެވެ. އެއީ މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް އިޢުތިރާފުވުމާއި، ކަނޑުގެ ސަރަޙައްދުގެ މައްސަލަ އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ގެންދިއުމަށް އެއްބަސްވުމުގެ ސަބަބުން ކަމަށް ތުހުމަތު ކުރައްވަމުންނެވެ. މީގެ މާނައަކީ، އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ޤައުމީ މަޞްލަޙަތަށް އުނިކަން އަންނަ ގޮތަށް ޢަމަލުކޮށްފައިވާ ކަމާއި، މިހާރުގެ ސަރުކާރުން އެ ކަންކަން އިޞްލާޙު ކުރާނެ ކަމެވެ.
މި ވާހަކަތަކާއެކު ސިޔާސީ މަސްރަޙު ހޫނުވެގެން ދިޔައެވެ. ސިޔާސީ އެއްވުންތަކުގައި "ކުރީ ސަރުކާރުން ފޯޅަވަހި ވިއްކާލީ" ކަމަށް ބުނެ އަޑުއުފުލަން ފެށިއެވެ. ޤާނޫނީ މާހިރުންގެ ނަމުގައި ބައެއް ފަރާތްތަކުން ވަނީ، މި މައްސަލަ އިޓްލޮސްއަށް ދިޔަ ނުދީ ހިފެހެއްޓެން އޮތް ކަމަށް ބުނެފައެވެ. އަދި ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި، ރާއްޖޭން އެ މައްސަލައިގައި ބައިވެރިނުވި ނަމަ، ކަނޑުގެ އިން ކަނޑައެޅުން ހުއްޓުވުނީހެވެ. ހަމައެއާއެކު، އިނގިރޭސި ސިޔާސީ ބޭފުޅެއް ކަމަށްވާ ނައިޖަލް ފަރާޖް، އިނގިރޭސި ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން، ރާއްޖޭން މި މައްސަލަ ބައިނަލްއަޤްވާމީ ކޯޓަށް (އައި.ސީ.ޖޭ) އަށް ގެންގޮސްފާނެ ކަމަށް ވިދާޅުވުމުން، މި ބަހުސްގައި ބައިނަލްއަޤްވާމީ ސިފައެއް ވެސް ޖެހުނެވެ.
މިފަދަ ވާހަކަތަކަކީ ސިޔާސީ ގޮތުން ކުޅޭ ވަރަށް ނުރައްކާތެރި ޑްރާމާއެކެވެ. ނަމަވެސް، ބައިނަލްއަޤްވާމީ ޤާނޫނުތައް ހިނގަނީކީ ކެމްޕޭން ޖަލްސާތަކުގައި ދައްކާ ވާހަކަތަކަކަށް ބިނާވެގެންނެއް ނޫނެވެ. މޮރިޝަސް އާއި ރާއްޖޭގެ މައްސަލައިގެ ކަން ހިނގާދިޔަ ޤާނޫނީ ތަރުތީބަށް ފުންކޮށް ބަލާލުމުން، މިހާރު ދެކެވޭ ގިނަ ވާހަކަތަކުގެ ޙަޤީޤަތް ސާފުވާނެއެވެ. އެހެންކަމުން، މި ލިޔުމުގައި ބަލާލާނީ ކަނޑުގެ އިން ކަނޑައެޅުމުގެ މައްސަލަ އުފެދިގެން އައި ޤާނޫނީ މަގަށާއި، ޢާންމުންގެ މެދުގައި އުފެދިފައިވާ ބައެއް ކުށްހީތައް ސާފުކޮށްދިނުމުގެ މައްޗަށެވެ. އަދި ފޯޅަވަހީގެ މައްސަލައިގައި ސިޔާދަތީ ދަޢުވާއެއް ރާއްޖޭން ކުރަން ބޭނުންވާ ނަމަ، އޮތް އިސްތިރާޖީ މަގަކީ ކޮބައިކަން ވެސް ބަލާލާނަމެވެ.
މައްސަލަ ފެށުނީ ސިޓީއަކުންނެއް ނޫން
ޢާންމު ބަހުސްގައި ދެކެވޭ އެންމެ ބޮޑު އެއް ވާހަކައަކީ، މި މައްސަލަ ފެށުނީ ރައީސް ޞާލިޙްގެ ސަރުކާރުން ފޮނުއްވި ޑިޕްލޮމެޓިކް ސިޓީއެއްގެ ސަބަބުން ކަމަށެވެ. ނަމަވެސް ކަން ހިނގާފައިވާ ގޮތުގެ ތާރީޚަށް ބަލާއިރު މިއީ ޙަޤީޤަތެއް ނޫނެވެ.
މޮރިޝަސްއިން ރާއްޖެއާ ދެކޮޅަށް އާބިޓްރޭޝަނަށް މައްސަލަ ރަސްމީކޮށް ހުށަހެޅީ 18 ޖޫން 2019 ގައެވެ. އެއީ އދ. ގެ ކަނޑުގެ ޤާނޫނާ ބެހޭ މުޢާހަދާ (އަންކްލޮސް) ގެ އެނެކްސް 7 ގެ ދަށުންނެވެ. މިފަދަ މައްސަލައެއް ހުށަހެޅުމާއެކު، މުޢާހަދާގެ ޤާނޫނީ އޮނިގަނޑުގައި ހިމެނޭ އިޖުރާޢަތްތަކުގެ ތެރެއިން މައްސަލަ ހިނގަން ފަށާނެއެވެ. ދަޢުވާ ލިބޭ ދައުލަތަށް މައްސަލަ ބެލުމުގެ އިޙްތިޞާޞް އޮތްކަމާ މެދު ސުވާލު އުފެއްދިދާނެއެވެ. ނަމަވެސް، އެއްފަރާތަކުން ބޭނުންވުމުން އެކަނި އެ މައްސަލަ ހުއްޓުވައެއް ނުލެވޭނެއެވެ.
އޭގެ ފަހުން، ސެޕްޓެމްބަރު 2019 ގައި، ދެ ޤައުމުން އެއްބަސްވީ މި މައްސަލަ އިޓްލޮސްގެ ޚާއްޞަ ޗެމްބަރަކަށް ބަދަލުކުރުމަށެވެ. ޓްރައިބިއުނަލުން (އިޓްލޮސް) މައްސަލަ ބެލިދާނެކަމުގެ އިޙްތިޞާޞްއާ މެދު ގޮތެއް ނިންމައި، ޖެނުއަރީ 2021 ގައި ކަނޑައެޅީ އެ މައްސަލަ ބެލުމުގެ ބާރު އެ ފަރާތަށް އޮތް ކަމަށެވެ. ސިޔާސީ ބަހުސްގެ މައިގަނޑު އަސާސަކަށް ވެފައިވާ ސިޓީފުޅު ފޮނުއްވާފައިވަނީ އޮގަސްޓު 2022 ގައެވެ. އެއީ މައްސަލަ ފެށި، އަދި އެ މައްސަލަ ބެލޭނެ ކަމަށް ޓްރައިބިއުނަލުން ނިންމި ފަހުންނެވެ.
ވީމާ، މި ތަރުތީބަށް ބަލާއިރު، އެ ސިޓީގެ ސަބަބުން މައްސަލަ އުފެދުނު ކަމަށް ބުނާ ބުނުމަކީ ބުއްދި ގަބޫލުކުރެވޭ ވާހަކައެއް ނޫނެވެ. ސިޓީ ފޮނުއްވިއިރު ބައިނަލްއަޤްވާމީ ޤާނޫނީ މަރުޙަލާ އޮތީ މާ ކުރިން ހިނގައިގެންފައެވެ.
ސިޓީއަކުން ސިޔާދަތީ ބާރެއް ކަނޑައެއް ނޭޅޭނެ - ނަމަވެސް ގެއްލުން ވެދާނެ
ދެން ދެކެވޭ އަނެއް ވާހަކައަކީ، ޞާލިޙް ސަރުކާރުގެ ސިޓީގެ ސަބަބުން ފޯޅަވަހީގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ރާއްޖޭން އިޢުތިރާފުވީ ކަމަށެވެ. މިއީ ބައިނަލްއަޤްވާމީ ޤާނޫނުގައި ސިޔާދަތީ ބާރު ކަނޑައެޅޭ އުޞޫލާއި ތަޢާރަޒުވާ ވާހަކައެކެވެ. ބިމުގެ މިލްކުވެރިކަން ނުވަތަ ސިޔާދަތީ ބާރަކީ ސަރުކާރުތަކުގެ މެދުގައި ބަދަލުކުރެވޭ ޑިޕްލޮމެޓިކް ސިޓީއަކުން ބަދަލު ކުރެވިގެންދާ ކަމެއް ނޫނެވެ. އެކަން ކަނޑައެޅޭނީ މުޢާހަދާތަކުން ނުވަތަ ކޯޓުތަކުގެ ޙުކުމްތަކުންނެވެ.
އިޓްލޮސްއިން މައްސަލަ ނިންމިއިރު، އެ ފަރާތުން ބުރަވީ ރާއްޖޭގެ ސިޓީއަކަށް ނޫނެވެ. އޭގެ ބަދަލުގައި ބެލީ އދ. ގެ ނިޒާމުގެ ތެރޭގައި ނިންމާފައިވާ ނިންމުންތަކަށެވެ. 2019 ވަނަ އަހަރު އައި.ސީ.ޖޭ އިން ނެރުނު އިސްތިޝާރީ ލަފާގައި ބުނެފައިވަނީ، 1965 ގައި ފޯޅަވަހި މޮރިޝަސްއާ ވަކިކުރުމަކީ އިސްތިޢުމާރީ ބާރު ނައްތާލުމުގެ (ޑީކޮލޮނައިޒޭޝަން) އުޞޫލުތަކާ ޚިލާފު ކަމެއް ކަމަށެވެ. އދ. ގެ ޢާންމު މަޖިލީހުން ވެސް ވަނީ އެ ނިންމުން ބަލައިގަނެފައެވެ. އިޓްލޮސްއިން އަމަލުކުރީ މި ބައިނަލްއަޤްވާމީ އޮނިގަނޑުގެ ތެރެއިންނެވެ.
އެހެންނަމަވެސް، އެ ސިޓީގެ ސަބަބުން ޤާނޫނީ ގޮތުން ސިޔާދަތީ ބާރަށް ބަދަލެއް ނައުމަކީ، އެ ސިޓީގެ ސަބަބުން ގެއްލުމެއް ނުވާނެ ކަމެއް ނޫނެވެ. ދައުލަތަކުން ނެރޭ ބަޔާންތަކަކީ އެހެން ޤައުމުތަކުން އެ ދައުލަތަކުން، ސިޔާދަތީ މައްސަލަތަކުގައި ހިފަހައްޓަމުން އައި މަޤާމާއި މެދު ދެކޭ ގޮތަށް އަސަރުކުރާނެ ކަމެކެވެ. އެ ސިޓީގެ ސަބަބުން، ފޯޅަވަހީގެ މައްސަލާގައި ރާއްޖެ ހިފަހައްޓަމުން އައި މަޤާމާއި މެދު އޮޅުންތަކެއް އަރައި، ރާއްޖޭން އެ މައްސަލައިގައި އޮތް ބައިނަލްއަޤްވާމީ ވިސްނުމާ އެއްބަސްވީ ކަމަށް ދެއްކުމުގެ ފުރުޞަތު މޮރިޝަސްއާއި އެއްކޮޅު ފަރާތްތަކަށް ލިބުނެވެ. ރާއްޖޭގެ ބައެއް ފަރާތްތަކުން އެގޮތަށް ދައްކާ ވާހަކަތަކަކީ މޮރިޝަސް ބޭނުންވީ ގޮތަށް ނުވަތަ ބޭނުންވާ ގޮތަށް ދައްކަމުން ގެންދާ ވާހަކަޔެއް ކަމުގައި ބެލުމުގެ ފުރުޞަތުވެސް އޮތް ވާހަކަ ތަކެކެވެ.
މައްސަލައިގައި ބައިވެރިނުވުމުގެ ޚިޔާލީ ފޮލާ
ސިޔާސީ ބަހުސްގައި ތަކުރާރުކޮށް އިވޭ އަނެއް ވާހަކައަކީ، ރާއްޖޭން މި މައްސަލައިގައި ބައިވެރިނުވި ނަމަ، ޓްރައިބިއުނަލަށް ގޮތެއް ނުނިންމުނީހޭ ބުނާ ބުނުމެވެ. މިއީ ބައިނަލްއަޤްވާމީ މައްސަލަތައް ހިނގާ ގޮތާ މެދު އޮތް ވަރަށް ބޮޑު ކުށްހީއެކެވެ.
އަންކްލޮސްގެ ދަށުން، އެއް ފަރާތަކުން މައްސަލަ ހުށަހެޅުމުން، އަނެއް ފަރާތުން ހާޒިރުނުވިޔަސް މައްސަލަ ކުރިއަށް ގެންދެވޭނެއެވެ. ބައިވެރިނުވުމަކީ މައްސަލަ ހުއްޓުވޭނެ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ ތިމާގެ ދިފާޢުގައި ވާހަކަދެއްކުމުގެ ފުރުޞަތު ދޫކޮށްލުމެވެ. ރާއްޖޭން ބައިވެރިނުވި ނަމަވެސް، މޮރިޝަސްއިން ހުށަހަޅާ ހެކިތަކުގެ މައްޗަށް ބިނާކޮށް ޓްރައިބިއުނަލުން ގޮތެއް ނިންމީހެވެ.
އެހެންކަމުން، މައްސަލައިގައި ބައިވެރިވުމަކީ ދޫދިނުމެއް ނޫނެވެ. އެއީ މައްސަލައިގެ މަޖުބޫރު ޙާލަތުގައި އެޅި އިސްތިރާޖީ ފިޔަވަޅެކެވެ. އަޑުއެހުމުގައި ރާއްޖެއިން ބައިވެރިވުމުގެ ސަބަބުން، އިޙްތިޞާޞާ މެދު ސުވާލު އުފެއްދުމާއި، ރާއްޖޭގެ ފަރާތުން ފަނޑިޔާރަކު އައްޔަނުކުރުމުގެ ފުރުޞަތު ރާއްޖެއަށް ލިބުނެވެ. ހާޒިރުނުވި ނަމަ، ރާއްޖޭގެ އަޑު އެއްކޮށް ކެނޑުނީހެވެ.
އިޓްލޮސްއަށް މައްސަލަ ބަދަލުކުރުމުގެ ބޭނުންތެރިކަން
އަންކްލޮސް އެނެކްސް 7 ގައި ބުނާ އާބިޓްރޭޝަނުން، އިޓްލޮސްގެ ޚާއްޞަ ޗެމްބަރަކަށް މައްސަލަ ބަދަލުކުރުމަކީ ބޮޑު ގޯހެއް ކަމަށް ބައެއް ފަރާތްތަކުން ސިފަކުރެއެވެ. ނަމަވެސް، ޙަޤީޤަތުގައި މިއީ އިޖުރާއީ ގޮތުން ނިންމި ނިންމުމެކެވެ.
މި ބަދަލުގެ ސަބަބުން އައު މައްސަލައެއް އުފެދުނީއެއް ނޫނެވެ. މޮރިޝަސްއިން އޮތީ މާ ކުރިން މައްސަލަ ހުށަހަޅާފައެވެ. އިޓްލޮސްއަށް ބަދަލުކުރުމުން ލިބުނު ފައިދާއަކީ، ސާފު އިޖުރާއަތްތަކެއް އޮތް ކޯޓެއްގައި މައްސަލަ ހިނގުމާއި، ރާއްޖޭގެ ފަރާތުން "އެޑް ހޮކް" ފަނޑިޔާރަކު އައްޔަނުކުރުމުގެ ފުރުޞަތު ލިބުމެވެ. މީގެ ސަބަބުން ރާއްޖޭގެ ޤާނޫނީ ދިފާޢު ރަސްމީ ރެކޯޑުތަކުގައި ހިމެނިގެން ދިޔުމެވެ.
ކަނޑުގެ އިން ކަނޑައެޅުމުގައި ބައިނަލްއަޤްވާމީ ކޯޓުތަކުން ގެންގުޅެނީ ވަކި އުޞޫލުތަކެކެވެ. އެއީ ދެ ޤައުމުގެ އައްސޭރިފަށުން އެއްވަރުގެ ދުރުމިނެއްގައި ރޮނގެއް ކުރެހުމާއި، އެއަށްފަހު އިންޞާފުވެރި ބަދަލެއް ގެންނަން ޖެހޭތޯ ބެލުމެވެ. މި މައްސަލައިގައި ވެސް ޢަމަލުކުރީ އެ އުޞޫލުންނެވެ. އެހެންކަމުން، މައްސަލައިގެ ނަތީޖާ ބިނާވީ ޖިއޮގްރަފީއަށާއި ޤާނޫނީ ހަމަތަކަށެވެ. ސިޔާސީ ވާހަކަތަކާއި، ޑިޕްލޮމެޓިކް ސިޓީބިޓީއަކަށް ނޫނެވެ.
ހައިޑްރޯގްރަފިކް ޗާޓުގެ ބަހުސް
ރާއްޖެއާއި މޮރިޝަސްއިން އެއްގޮތް ޗާޓުތަކެއް ހުށަހެޅީ ދެ ޤައުމު ގުޅިގެން ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. ނަމަވެސް މިއީ ވަރަށް އާދައިގެ ކަމެކެވެ. ކަނޑުގެ މައްސަލަތަކުގައި ބޭނުންކުރަނީ ބައިނަލްއަޤްވާމީ ގޮތުން ބަލައިގަންނަ ސައިންޓިފިކް މަޢުލޫމާތެވެ. ކަނޑުގެ ފުންމިނާއި ޤުދުރަތީ ބިނާވެހީގެ ބައްޓަމަކީ ބަދަލުވާ އެއްޗެއް ނޫން ކަމުން، ހުރިހާ ފަރާތްތަކުން ވެސް ބޭނުންކުރާނީ އެއް މަޞްދަރުތަކަކުން ލިބޭ މަޢުލޫމާތެވެ. މިއީ ސިޔާސީ ގުޅުމެއް އޮވެގެން ވާކަމެއް ނޫނެވެ.
އިޤްތިޞާދީ ސަރަޙައްދު ކަނޑައަޅަނީ އާބާދީއަކަށް ބަލައިގެންނެއް ނޫން
ފޯޅަވަހީގައި މީހުން ދިރިނޫޅޭތީ، އެ މުޅި ސަރަޙައްދު ރާއްޖެއަށް ލިބެންޖެހޭނެ ކަމަށް ބުނާ ބުނުމަކީ ސިޔާސީ ގޮތުން ރީތި ވާހަކައަކަށް ވިޔަސް، އެއީ ބައިނަލް އަޤްވާމީ ކަނޑުގެ ޤާނޫނު ދަންނަ ހަމައެއް ނޫނެވެ.
އަންކްލޮސްގެ (UNCLOS) 121 ވަނަ މާއްދާ ބުނާގޮތުން، ރަށެއްގައި މީހުން ދިރިނޫޅުނަސް، އެއީ އަމިއްލަ ޒާތުގައި އިންސާނުންނަށް ދިރިއުޅެވޭނެ ނުވަތަ އިޤްތިޞާދީ މަސައްކަތް ވެވޭނެ ތަނެއް ނަމަ، އެ ރަށަކަށް ކަނޑުގެ ސަރަޙައްދުތައް ލިބިގެންވެއެވެ. ޤާނޫނީ މިންގަނޑަކީ އެ ރަށެއްގެ ޠަބީޢަތެވެ. މިހާރު އެތަނުގައި ތިބި އާބާދީގެ އަދަދެއް ނޫނެވެ.
އަދި މީގެ އިތުރުން، ފޯޅަވަހީގެ މައްސަލައިގައި އާބާދީގެ ބަހުސް އިތުރަށް އޮޅުން ބޮޑުވެގެންދަނީ، އައި.ސީ.ޖޭގެ އިސްތިޝާރީ ލަފާގައި، އެތަނުގެ އިސްތިޢުމާރީ ބީރަށްވެހީން (ޗާގޯސިއަނުން) ގަދަކަމުން ބޭރުކޮށްފައިވާކަން ބަލައިގެންފައި ވާތީއެވެ. މީހުން ނެތުމުގެ ސަބަބުން ކަނޑުގެ ޙައްޤުތައް ގެއްލެންޖެހޭނެ ކަމަށް ބުނުމަކީ، ބަޔަކު ގަދަކަމުން ބޭރުކުރުމުގެ ނަތީޖާ ޤާނޫނީ ފައިދާއަކަށް ބަދަލުކުރުން ކަމަށް ބެލެވޭނެތީއެވެ. ވީމާ ބައިނަލްއަޤްވާމީ ޤާނޫނުން އެކަން އެ ބުނާގޮތަށް ބަލައެއް ނުގަންނާނެއެވެ.
އދ. ގެ ޒަމާންވީ އިޖްރާޢީ އުނިކަން: ރާއްޖެ ލިސްޓު ނުކުރެވި އޮތް އޮތުން
މިހާރުގެ ބަހުސްތަކުގައި ދާދި ފަހުން ނިންމި ޑިޕްލޮމެޓިކް ނިންމުންތަކަކީ މައްސަލައިގެ އަޞްލު ކަމަށް ބެލިޔަސް، ޙަޤީޤަތުގައި ފޯޅަވަހީގެ ޤާނޫނީ އޮނިގަނޑު ބައްޓަންވެފައިވަނީ އެތައް އަހަރެއްގެ ތެރޭގައެވެ. 1946 ވަނަ އަހަރު އދ. އިން "މިނިވަންކަން ނުލިބޭ ސަރަޙައްދުތަކުގެ" (Non-Self-Governing Territories) ލިސްޓު، ނުވަތަ އދ. ގެ އިސްތިޢުމާރު ނައްތާލާ ދަފްތަރު އެކުލަވައިލިއެވެ. އެ ދަފްތަރު އެކުލަވާލި އިރު، ރާއްޖެ އެ ލިސްޓުގައި ހިމަނާފައެއް ނުވެއެވެ. އިނގިރޭސި އިސްތިޢުމާރުގެ ދަށުގައި އޮތް ޤައުމެއްގެ ބަދަލުގައި، ރާއްޖެއަކީ އިނގިރޭސިންގެ ޙިމާޔަތް ހޯދާފައިވާ (Protectorate) ދައުލަތެއް ކަމަށް ބުނެ، އދ. ގެ ޗާޓަރުގެ 73(e) މާއްދާގެ ދަށުން ރިޕޯޓުކުރާ ނިޒާމުގެ ތެރޭގައި އިނގިރޭސިން ރާއްޖެ ހިމަނާފައެއް ނެތެވެ. މިއީ އދ. ގެ ޗާޓަރާއި، އދ. ގެ ޤަރާރު ނަމްބަރު 1514 އާއި 1541 އާއި ޚިލާފަށް އިނގިރޭސިން ނުކޮށް ދޫކޮށްލާފައި އޮތްކަމެކެވެ.
މިކަމުގެ ނަތީޖާއަކަށްވީ، އިސްތިޢުމާރީ ބާރުތަކުން ދޫކޮށްލާ ބިންތަކުގެ މައްސަލަ އދ. ގައި ބަހުސްކުރެވުނުއިރު، ރާއްޖެއަކީ އެ ސަރަޙައްދުގައި ކަނޑުގެ ނުވަތަ ތާރީޚީ މަޞްލަޙަތެއް އޮތް ޤައުމެއްގެ ގޮތުގައި އދ. ގެ އާއްމު މަޖުލިހަށް އެނގިފައި ނެތުމެވެ. 1965 ގައި އިނގިރޭސިން ފޯޅަވަހި މޮރިޝަސްއާ ވަކިކުރިއިރު، އދ. ގައި އެ ބަހުސް ދިޔައީ ހަމައެކަނި މޮރިޝަސްގެ އިސްތިޢުމާރީ އިދާރީ ސަރަޙައްދުގެ ނަޒަރިއްޔާތުންނެވެ. އދ. ގެ ޢާންމު މަޖިލީހުގެ ޤަރާރު 2066 އިން އެ ނިންމުން ކުށްވެރިކުރީ ހަމައެކަނި މޮރިޝަސްއާ ގުޅުވައިގެންނެވެ. ވީމާ އދ. ގެ ޤަރާރު ނަމްބަރު 2066 ގެ އަމިއްލަ ޠަބީޢަތުގައިވެސް އެއީ އުނި ޤަރާރެކެވެ. އަދި އެ އުނިކަން ދަނީ، ފޯޅަވަހީގެ އިސްތިޢުމާރު ނައްތާލުމާއި ގުޅުން ހުރި ހުރިހާ މައްސަލައަކަށް ވާރުތަވަމުންނެވެ.
މިއަދު މި ބަހުސްގައި މަދުން ނޫނީ ފާހަގަނުކުރާ ކަމަކީ، އޭރު މި މައްސަލަ ހިނގީ ހަމައެކަނި މޮރިޝަސްއާއި އިނގިރޭސިވިލާތުގެ މެދުގައި އޮތް ކަމެއްގެ ގޮތުގައި ކަމެވެ. ރާއްޖެ އދ. ގެ އެ ދަފްތަރުގައި ހިމެނިފައި ނެތުމުން، އެ ސަރަޙައްދުގެ އެހެން އައްސޭރިފަށުގެ ޤައުމުތަކުގެ މަޞްލަޙަތެއް އޮތްތޯ ރަސްމީކޮށް އދ. އިން ބަލާފައި ނުވާކަމުގެ ވާހަކައެވެ.
އޭގެ ފަހުން އައި ކަންތައްތައް ބިނާވީ މި ބުނި އޮނިގަނޑުގެ މައްޗަށެވެ. 2019 ގެ އައި.ސީ.ޖޭ އިސްތިޝާރީ ލަފާ ބެލީ މޮރިޝަސްގެ އިސްތިޢުމާރީ އިދާރީ ސަރަޙައްދުން ފޯޅަވަހި ވަކިކުރުމުގެ ޤާނޫނީ ސައްޙަކަމަކީ ކޮބައިތޯއެވެ. އަދި ނިންމީ އިސްތިޢުމާރީ އިދާރީ ސަރަޙައްދު މޮރިޝަސްއާއި ވަކި ކުރިކުރުން ޤާނޫނީ ގޮތުން ޞައްޙަ ނޫންކަމަށެވެ. އަދި ޢާންމު މަޖިލީހުގެ ޤަރާރު 73/295 އިން އެކަން އެގޮތަށް ބަލައިގަނެ، އެއާއި އެއްގޮތަށް ޢަމަލުކޮށްދިމަށް ހުރިހާ މެމްބަރު ޤައުމުތަކަށް ގޮވާލާފައިވެއެވެ. މި ހުރިހާ މަރުޙަލާއެއްގައި ވެސް ބެލީ އދ. ގައި އޮތް އިޖުރާޢީ ގޮތުން އުނި، ކުރީގެ ވާހަކަތަކުގެ މައްޗަށެވެ. އެ ސަރަޙައްދުގެ އެހެން ޤައުމުތަކުގެ ތާރީޚީ ނުވަތަ ކަނޑުގެ މަޞްލަޙަތުތައް ފުށުއަރާފާނެތޯއެއް ނުބަލައެވެ.
އެހެންކަމުން، ފޯޅަވަހީގެ މިހާރުގެ ޤާނޫނީ ޙާލަތަކީ، އެތައް އަހަރެއްގެ ތެރޭގައި މުއައްސަސާތަކުން ނިންމާފައިވާ ނިންމުންތަކެއްގެ ޖުމްލަ ނަތީޖާއެވެ.
ބައިނަލްއަޤްވާމީ ކޯޓުތަކަށް އަލުން ދިއުމުގެ ހުވަފެން
ބައިނަލްއަޤްވާމީ މާހިރުންގެ ލަފާގެ މަތިން މި މައްސަލަ އައި.ސީ.ޖޭ އަށް ގެންދެވިދާނެ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިފަދަ ވާހަކަތަކަށް ބަލަންޖެހޭނީ ވަރަށް ފަރުވާތެރިކަމާއެކު ސަމާލުވެ ތިބެގެންނެވެ. އައި.ސީ.ޖޭ އަކީ އެއް ފަރާތަކުން ބޭނުންވާއިރަށް މައްސަލަ ބަލައިގަންނަ ތަނެއް ނޫނެވެ. އެކަމަށްޓަކައި މައްސަލައިގައި ހިމެނޭ ޤައުމުތަކުގެ ރުހުން ނުވަތަ އދ. ގެ ގުނަވަނަކުން ހުށަހޅާ ފޮނުވާ ހުށަހެޅުމެއް ބޭނުންވާނެއެވެ. ހަމައެފަދައިން، އިޓްލޮސް އަކީ ހަމައެކަނި ކަނޑުގެ ޤާނޫނުގެ ތެރެއިން ހިނގާ ތަނަކަށް ވާއިރު، އެއީ ބިމުގެ ސިޔާދަތީ ބާރު ކަނޑައަޅާ އާންމު ކޯޓެއް ނޫނެވެ.
ވީމާ، މި މައްސަލަ މިހާރުން މިހާރަށް އަލުން ކޯޓަކަށް ހުށަހެޅޭނެ ސާފު އިޖުރާއީ މަގެއް ނެތެވެ. މިފަދަ ދަޢުވާއެއް ވަރަށް އަވަހަށް ފެށިދާނެ ކަމަށް ދައްކާ ވާހަކަތަކުގެ ސަބަބުން، ޤާނޫނީ ގޮތުން ފުރިހަމަނުކުރެވޭނެ އުއްމީދުތަކެއް ޢާންމުންގެ މެދުގައި އުފެދިދާނެއެވެ. އެހެން ވެއްޖެ ނަމަ މުޅި މައްސަލައަށް ސިޔާސީ ގޮތުން ޤައުމުގެ އެތެރޭގައާއި ބޭރުގައިވެސް ވަރަށް ކަޅުވިލާ ގަނޑެއްގެ ހިޔަނި އެޅިގެން ހިނގައިދާނެއެވެ.
ރޭވުންތެރި ވިސްނުމެއްގައި ދެން އޮތް ސުވާލު
ރާއްޖޭން ފޯޅަވަހީގެ މައްޗަށް ސިޔާދަތީ ދަޢުވާއެއް ކުރަން ބޭނުންވާ ނަމަ، އޮތް ގޮންޖެހުމަކީ ޤައުމީ ފެންވަރުގައި ކުރާ ސިޔާސީ ތުހުމަތުތަކަކުން ނުވަތަ ކޯޓުތަކާ މެދު ކުރާ އުއްމީދުތަކަކުން ޙައްލުވާނެ ކަމެއް ނޫނެވެ. މި މައްސަލަ ބައްޓަންވެފައިވަނީ އދ. ގެ ނިޒާމުގެ ތެރެއިން ކަމަށްވާތީ، މައްސަލަ އަލުން ހުޅުވާލަން ބޭނުންވާ ނަމަ ޖެހޭނީ އެ ނިޒާމުގެ ތެރެއިން މަސައްކަތް ކުރާށެވެ.
މިފަދަ ރޭވުންތެރި މަގެއް ކޮށުމަށްޓަކައި، ފުން ޤާނޫނީ ދިރާސާތަކާއި، ތާރީޚީ ލިޔެކިޔުންތަކާއި، އަދި އދ. ގެ ޑީކޮލޮނައިޒޭޝަން މައްސަލަތަކާ ބެހޭ ގުނަވަންތަކާ އެކު މެދުނުކެނޑި ޑިޕްލޮމެޓިކް މަސައްކަތްތަކެއް ކުރަންޖެހޭނެއެވެ. އދ. ގެ ޢާންމު މަޖިލީހާއި، ފޯތް ކޮމިޓީއާއި، އަދި ޑީކޮލޮނައިޒޭޝަނާ ބެހޭ ޚާއްޞަ ކޮމިޓީ (C-24) މެދުވެރިކޮށް މަސައްކަތް ކުރުމަކީ މީގެ ތެރޭގައި ހިމެނޭނެ ކަންކަމެވެ.
މިފަދަ މަރުޙަލާއެއް ކާމިޔާބުކަމާއެކު ފެށިއްޖެ ނަމަ، ކުރިން ނިންމާފައިވާ ހަނި އިޖުރާއީ އޮނިގަނޑުން ބޭރަށް ފޯޅަވަހީގެ ބަހުސް ފުޅާވެގެންދާނެއެވެ. އެ މާނައިގައި، މައްސަލައިގެ އެންމެ މުހިންމު މަރުޙަލާ އަދި އޮތީ ކުރިއަށެވެ. މައްސަލައިގެ އަނެއް ފަރާތުގައި ހިމެނޭ ޤައުމުތަކުގެ އަތްގުޅި ނުކާވަރަށް މިމައްސަލަ ފުޅާކޮށްލުމަށް ދިވެހިންނަށް ފަހި ފުރުޞަތު އެބައޮތެވެ. ނަމަވެސް އިސްތިރާޖީ ގޮތުން ކޮންމެ ދިވެއްސަކު ދެން ކުރަން އޮތް ސުވާލަކީ، ސިޔާސީ ގޮތުންނާއި، ޤާނޫނީ ގޮތުން މިމައްސަލަ އެވަރަށް ފުޅާ ކޮށްލުމުގެ ފުރަތަމަ ފިޔަވަޅު އަޅާނީ ކޮން އިރަކުންތޯއެވެ.
ޤާނޫނަށް ބޭނުންވަނީ ރޭވުންތެރި ވިސްނުމެއް
ބައިނަލްއަޤްވާމީ ޤާނޫނުގައި މައްސަލަތައް ޙައްލުވަނީ ކޯޓުގައި ހޯދާ ކުއްލި ކާމިޔާބީތަކަކުން ނޫނެވެ. އޭގެ ބަދަލުގައި، އެއީ ތާރީޚާއި، އިޖުރާއަތްތަކާއި އަދި ޚާރިޖީ ސިޔާސަތު އެކުވެގެން ހިނގާ ލަސް މަރުޙަލާތަކެކެވެ. ރާއްޖޭން ފޯޅަވަހީގެ މައްޗަށް ސީރިއަސް ސިޔާދަތީ ދަޢުވާއެއް ކުރަން ބޭނުންވާ ނަމަ، އެކަން ކުރެވޭނީ ސިޔާސީ ތުހުމަތުތަކަކުން ނުވަތަ މާޒީގައި ވީ ކަންކަމަށް މަލާމާތާއި އާޑަފުރައްސާރަ ކުރުމަކުން ނޫނެވެ. އެކަމަށް ބޭނުންވަނީ ދުރުރާސްތާގެ ރޭވުންތެރި ވިސްނުމަކާއި، ޢިލްމީ ދިރާސާތަކާއި، އަދި މި މައްސަލަ ބައްޓަންކުރި ބައިނަލްއަޤްވާމީ މުއައްސަސާތަކާ އެކު ކުރާ ފަރުވާތެރި މަސައްކަތްތަކެވެ.
އެފަދަ ރޭވުންތެރި މަގުޗާޓެއް ފެންނަންދެން، މި ބަހުސް އޮންނާނީ ސިޔާސީ ގޮތުން ދައްކާ ވާހަކަތަކެއްގެ ގޮތުގައެވެ. އެއީ ފޯޅަވަހީގެ މައްސަލައިގައި އޮތް ޤާނޫނީ ޙަޤީޤަތްތަކާ ކުރިމަތިލުމުގެ ބަދަލުގައި، ސިޔާސީ މަޝްރަޙުގައި ކުރިއަށްދާ ކުޅިވަރަކަށް ވެގެންދާނެއެވެ.
