September 07, 2026

އދ. ގެ 81 ވަނަ ޢާންމު މަޖިލީސް: ރާއްޖެއަށް ގެއްލުވާލެވެން ނެތް ސެޕްޓެމްބަރުގެ ފުރުޞަތު

ޕެން ފޯ ރައިޓްސް – ދިވެހިރާއްޖެ

ޝާއިޢުކުރާ ފަރާތުގެ ނޯޓު:
މި ލިޔުމަކީ "ޕެން ފޯ ރައިޓްސް – މޯލްޑިވިއަންސް ފޯ ޗާގޯސް – އެޑްވޮކަސީ ޕްލެޓްފޯމް" އިން މަދަނީ ވަކާލާތެއްގެ ގޮތުގައި އަދި ޚިޔާލު ފާޅުކުރުމުގެ ގޮތުން ޝާއިޢުކުރާ ލިޔުމެކެވެ. މި ޖަމްޢިއްޔާއިން ވަކާލާތުކުރުމުގެ ގޮތުން ޝާއިޢުކުރާ ލިޔުންތަކަކީ، "ޕެން ފޯ ރައިޓްސް – އިންޑިއަން އޯޝަން ޑިކޮލޮނައިޒޭޝަން އިނިޝިއޭޓިވް" ގެ ދިރާސާތަކާއި ލިޔެކިޔުންތަކުގެ މައްޗަށް ބިނާވެފައިވާ އެއްޗަކަށް ވީނަމަވެސް، އެއްވެސް ހާލެއްގައި މިފަދަ މަދަނީ ވާކާލާތެއްގެ ގޮތުގައި ޝާއިޢު ކުރެވޭ ލިޔުންތަކަކީ، މި ޖައްޢިއްޔާއިން ހިންގާ ދިރާސާތަކުގެ ނަތީޖާކަމުގައި ބަލައިގެން ނުވާނެއެވެ. މި އިނީޝިއޭޓިވްއިން ހިންގާ ދިރާސާތަކާއި، ތާރީޚީ ލިޔެކިޔުންތައް މުރާޖާކުރުމާއި، ކާޓޯގްރަފިކް ހެކި ވަޒަންކުރުމާއި، ބައިނަލް އަޤްވާމީ ޤާނޫނު މުޠާލިއާ ކުރުން ފަދަ ކަންކަމަކީ، ޢިލްމީ ގޮތުން ކުރެވޭ ވަކި މަސައްކަތެކެވެ. އެހެންކަމުން، މި ލިޔުމުގައި ހިމެނޭ ޚިޔާލުތަކާއި، ދަލީލުތަކާއި އަދި ލަފާދީފައިވާ ކަންކަން ބަލަންވާނީ، ވަކާލާތުކުރުމުގެ މަޤްޞަދުގައި ހުށަހަޅާފައިވާ ކަންކަން ކަމުގައެވެ.

އދ. ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަން
އދ. ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަން ނިއުޔޯކުގައި ފެށުމަށް ހަމަޖެހިފައިވަނީ 8 ސެޕްޓެމްބަރު 2026 ގައެވެ. އދ. ގެ "ހައި-ލެވެލް ވީކް" ޕްރޮގްރާމް 18 ސެޕްޓެމްބަރުގައި "އެސް.ޑީ.ޖީ މޯމަންޓް" އާއެކު ފެށޭއިރު، ޢާންމު ބަހުސްތައް ކުރިއަށްދާނީ 22 އިން 26 ސެޕްޓެމްބަރަށެވެ. އަދި މި ބަހުސްތަކާއެކު 81 ވަނަ ސެޝަން ނިންމާލުން އޮންނާނީ 28 ސެޕްޓެމްބަރުގައެވެ. މި ތާރީޚުތަކަކީ ދިވެހިރާއްޖެއަށް ޚާރިޖީ ގޮތުން ކުރު ނަމަވެސް ނުހަނު މުހިންމު ފުރުޞަތެއް ހުޅުވިގެން ދާނޭ ތާރީޚުތަކެކެވެ. ފޮއްޅަވައިގެ މައްސަލައިގައި ދިވެހިރާއްޖޭގެ ދަޢުވާއެއް އޮތްކަން ސަރުކާރުން މިހާރު ވަނީ ފާޅުގައި ހާމަކުރައްވާފައެވެ. އެހެންކަމުން، މި ސެޕްޓެމްބަރު މަހަކީ އެ ސިޔާސީ ނިންމުން، ސީދާ، ލިޔެކިޔުންތަކުން ބާރުވެރި ކުރެވިފައިވާ އަދި ބައިނަލްއަޤްވާމީ މުޖުތަމަޢަށް ރަސްމީކޮށް އިޢުލާން ކުރެވި ދައުލަތުގެ ވަރުގަދަ ޢަމަލީ ނިންމުމަކަށް ބަދަލު ކުރަންވީ ވަގުތެވެ.

އެހެންކަމުން، އދ. ގެ 81 ވަނަ ޢާންމު މަޖިލީހަކީ ހަމައެކަނި ފޮއްޅަވައިގެ މައްސަލައިގައި ތަޤުރީރުކޮށްލާ ފުރުޞަތެއްގެ ގޮތުގައި ނުބަލައި، ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ގުޅިގެން ހިންގާ އޮޕަރޭޝަނެއްގެ ގޮތުގައި ހަދަންޖެހެއެވެ. މިކަމުގައި ސިޔާސީ އިރުޝާދު ދެއްވަންވާނީ ރައީސުލްޖުމްހޫރިއްޔާއާއި މޯލްޑިވްސް ނޭޝަނަލް ޓެރިޓަރީ އެންޑް ސޮވްރެންޓީ އޮފީހުންނެވެ. ބަންޑާރަނައިބުގެ އޮފީހުން މިކަމުގެ ޤާނޫނީ އޮނިގަނޑު ކަނޑައަޅަންޖެހޭއިރު، ފޮރިން މިނިސްޓްރީއާއި ނިއުޔޯކުގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނުން މިކަމުގެ ޚާރިޖީ މަސައްކަތްތައް ތަންފީޒުކުރައްވަން ވާނެއެވެ. "ހައި-ލެވެލް ވީކް" ފެށޭއިރު، މި ހުރިހާ މުއައްސަސާތަކަކުން މަސައްކަތް ކުރަންވާނީ ފާސްކުރެވިފައިވާ އެއް ޤައުމީ ސިޔާސަތެއްގެ ދަށުންނެވެ.

މިކަމުގައި ކަނޑައަޅާ މަޤްޞަދަކީ ޙަޤީޤަތަށް ބިނާވެފައިވާ މަޤްޞަދަކަށް ވާންޖެހެއެވެ. ނަމަވެސް ފޮއްޅަވައިގެ ސިޔާދަތީ ބާރުވެރިކަމާމެދު އދ. ގެ ޢާންމު މަޖިލީހުން ގޮތެއް ނިންމާނެކަމަށް ރާއްޖެއިން އުއްމީދުކޮށް ބަލަން ތިބެގެން ނުވާނެއެވެ. އޭގެ ބަދަލުގައި، ސެޕްޓެމްބަރު މަހުގެ ބޭނުމަކަށް ވާންޖެހޭނީ، ފޮއްޅަވައިގެ މައްޗަށް ރާއްޖޭގެ ތަރީޚި މިލްކުވެރިކަމުގެ ނުވަތަ "އިހުއޮތް ސިޔާދަތު" (antecedent territorial claim) ގެ ދަޢުވާއެއް އޮތްކަން ރަސްމީކޮށް ކަނޑައެޅުމާއި، އެ ދަޢުވާއާ ގުޅުންހުރި ޙައްޤުތައް ހިމާޔަތްކުރުމާއި، އަދި މި މައްސަލައާ ސީދާ ގުޅުންހުރި ދައުލަތްތަކަށް މިކަން ރަސްމީކޮށް އެންގުމެވެ. އދ. ގެ 81 ވަނަ ޢާންމު މަޖިލީހަކީ ބައިނަލްއަޤްވާމީ އިޖުރާއާތެއް ފެށުމަށް ލިބޭ ފުރުޞަތެކެވެ. ނަމަވެސް، މިއީ އެންމެ ފަހުން މި ދަޢުވާ ސާބިތުކުރުމަށް ބޭނުންވާ ތާރީޚީ އަދި ޤާނޫނީ ދަލީލުތައް އެއްކުރުމުގެ މަސައްކަތުން އެއްކިބާވުމަށް ބޭނުން ކުރެވޭނެ ފުރުޞަތެއް ނޫނެވެ.

8 ސެޕްޓެމްބަރުގެ ކުރިން: ރާއްޖެއިން ދަޢުވާކުރަނީ ސީދާ ކޮން ކަމަކަށްކަން ކަނޑައެޅުން
އެންމެ ފުރަތަމަ ކުރަންޖެހޭ މަސައްކަތް އޮތީ މާލޭގައެވެ. މަޖިލީހުގެ ސެޝަން ފެށުމުގެ ކުރިން، ސަރުކާރުން މި ދަޢުވާ ކުރާނެ ގޮތުގެ ސީދާ ޤާނޫނީ އޮނިގަނޑު ފާސްކޮށް، ދައުލަތުގެ ހުރިހާ މުއައްސަސާތަކަކުން ބޭނުންކުރާނެ ރަސްމީ ބަސްމަގު ކަނޑައަޅަންޖެހެއެވެ. ރައީސުލްޖުމްހޫރިއްޔާއާއި، ބަންޑާރަނައިބާއި، ފޮރިން މިނިސްޓްރީއާއި، އަދި ޑިޕްލޮމެޓިކް މިޝަންތަކުން މިކަން ތަފާތު ގޮތްގޮތަށް ސިފަކުރާނަމަ، މި ދަޢުވާ ބަލިކަށިވުމުގެ ފުރުޞަތު އޮންނާނެއެވެ.

މިކަމުގައި ތިން ސުވާލަކަށް ވަކިވަކިން ބަލަންޖެހެއެވެ. ފުރަތަމަ ކަމަކީ މޮރިޝަސް 1968 ގައި މިނިވަންވުމާއި، 1965 ވަނަ އަހަރު ފޮއްޅަވައި އދ. ގެ ނަން ސެލްފް ގަވާނިން ޓެރިޓްރީސް (NSGT) ލިސްޓުގައިވާ (މިހާރުގެ މޮރިޝަސްވެސް ހިމެނޭ) ސަރަހައްދަކުން، އެ ސަރަޙައްދު އިސްތިއުމާރުން މިނިވަން ކުރުމުގެ ކުރިން ވަކިކުރުމުން ނުކުތް ޤާނޫނީ ނަތީޖާތަކެވެ. ދެވަނަ ކަމަކީ ކަނޑުގެ ޤާނޫނުގެ ދަށުން މޮރިޝަސްއާއި ދިވެހިރާއްޖެއާ ދެމެދު ކަނޑުގެ ސަރަޙައްދު ބައިކުރުމުގެ މައްސަލައެވެ. ތިންވަނަ ކަމަކީ ޔޫރަޕްގެ އިސްތިޢުމާރީ ވެރިކަމުގެ ކުރިން ފޮއްޅަވައިގެ މިލްކުވެރިކަން އޮތްގޮތާއި، ދިވެހިރާއްޖޭގެ ތާރީޚީ މިލްކުވެރިކަން ނުވަތަ އިސްވެދިޔަ ސިޔާދަތެއް ފޮއްޅަވައިގެ މައްޗަށް އޮތްތޯ ބެލުމެވެ. ރާއްޖެއިން މިހާރު ކުރިއަށް ގެންދަންވީ ދަޢުވާއަކީ މައިގަނޑު ގޮތެއްގައި މި ތިންވަނަ ސުވާލާ ގުޅޭ ދައުވާއެކެވެ.

މި ތަފާތުތައް ދެމެހެއްޓުމަކީ ބައިނަލްއަޤްވާމީ ކޯޓު (ICJ) ނުވަތަ ބައިނަލްއަޤްވާމީ ކަނޑުގެ ޤާނޫނާބެހޭ ޓްރައިބިއުނަލް (ITLOS) އާއި ދެކޮޅަށް ރާއްޖެއިން ޖަދަލު ކުރުމެއް ނޫނެވެ. 2019 ވަނަ އަހަރުގެ އައި.ސީ.ޖޭ ގެ އިސްތިޝާރީ ލަފާގައި ބަލާފައިވަނީ މޮރިޝަސް މިނިވަންވުމާއި އޭގެ ނަތީޖާތަކަށެވެ. އޭގެ ފަހުން އިޓްލޮސް އިން ކުރިއަށްދިޔައީ ކަނޑުގެ ސަރަޙައްދު ބައިކުރުމުގެ މައްސަލައެވެ. ރާއްޖެއިން ގެންގުޅެންޖެހޭ އެންމެ އެކަށީގެންވާ ގޮތަކީ އެ މުއައްސަސާތަކުން ނިންމާފައިވާ ނިންމުންތަކަށް އިޙްތިރާމްކުރާ ހާލު، ރާއްޖޭގެ އިސްވެދިޔަ މިލްކުވެރިކަމުގެ ދަޢުވާއެއް އެ މުއައްސަސާތަކަށް ނިންމަން ހުށަހެޅިފައިވޭތޯ ވަކިން ބެލުމެވެ.

މި ދަޢުވާގެ ފުރަތަމަ ޤާނޫނީ އޮނިގަނޑު ބިނާވާންޖެހޭނީ އެ ތަފާތުގެ މައްޗަށެވެ. ރާއްޖެއިން އދ. ގެ ޢާންމު މަޖިލީހުގެ ތެރެއިން އިޓްލޮސްގެ ނިންމުން އިސްތިއުނާފު ކުރުމުގެ ވާހަކަ ދައްކައިގެން ނުވާނެއެވެ. އަދި މޮރިޝަސް މިނިވަންވުމުގެ ޙައްޤަށް ގޮންޖަހާކަށްވެސް ނުޖެހެއެވެ. ރާއްޖެއިން މި ބުނަނީ އިންޑިއާ ކަނޑުގެ ސަރަޙައްދީ އިސްތިއުމާރީ ތާރީޚުގެ މާ ކުރީގައި އެހެން ސުވާލެއް އެބައޮތް ކަމަށެވެ. އެކަން ސާބިތުކުރުމަށް ފަހުން ހެކި ބޭނުންވާނެއެވެ. ނަމަވެސް، މި ސެޕްޓެމްބަރު މަހުގެ ދިވެހިރައްޖޭގެ ޚާރިޖީ މަސައްކަތްތައް މި ދެންނެވި ހުރިހާ ތާރީޚީ ސުވާލުތަކަކަށް ޖަވާބު ލިބެންދެން މަޑުޖައްސާލައިގެން ނުވާނެއެވެ.

8 އިން 17 ސެޕްޓެމްބަރަށް: ލިޔެކިޔުންތައް ތައްޔާރުކުރުން، އެންގުން އަދި އޮޅުންބޮޅުން ފިލުވުން
އދ. ގެ ޢާންމު މަޖިލިސް 8 ސެޕްޓެމްބަރުގައި ފެށުމާއެކު، ނިއުޔޯކުގައި ހުންނަ ދިވެހިރައްޖޭގެ ދާއިމީ މިޝަން ވާންޖެހޭނީ މި މަސައްކަތުގެ މަރުކަޒީ އިދާރާއަށެވެ. އެ މިޝަންގެ ފުރަތަމަ ޒިންމާއަކީ ރާއްޖޭގެ ނިންމުން ރަސްމީކޮށް ހުށަހަޅާނެ ގޮތެއް ކަނޑައަޅައި، އެ ނިންމުން 81 ވަނަ ސެޝަންގެ ރެކޯޑުތަކުގެ ތެރޭގައި ހިމެނޭނެކަން ކަށަވަރު ކުރުމެވެ. މަތީ ފަންތީގެ ބައްދަލުވުންތަކާއި ޢާންމު ބަހުސްގެ އިންތިޒާމުތަކާ ގުޅޭގޮތުން އދ. އިން ވަނީ ވަފުދުތަކަށް ޚާއްޞަ މަޢުލޫމާތު ކަރުދާހެއް (ލިޔުން ނަންބަރު A/INF/81/4) ނެރެފައެވެ.

ފުރަތަމަ ފޮނުވާ މުޢާމަލާތް ވާންޖެހޭނީ ވަރަށް ބޮޑަށް އަމާޒު ހިފިފައިވާ ކުރު މުޢާމަލާތަކަށެވެ. އޭގައި ބަޔާން ކުރަންވާނީ، ފޮއްޅަވައިގެ މައްޗަށް ދިވެހިރާއްޖޭގެ އިސްވެދިޔަ ސަރަޙައްދީ ދަޢުވާއެއް އޮތްކަމާއި، އެ ދަޢުވާއަކީ ޔޫރަޕްގެ އިސްތިޢުމާރީ ވެރިކަމުގެ ކުރީގެ ދުވަސްވަރާ ގުޅޭ ދަޢުވާއެއް ކަމާއި، އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ސުލްޙަވެރި ހައްލެއް ހޯދުމަށް މަސައްކަތްކުރާ ހާލު، އެ ދަޢުވާއާ ގުޅޭ އެންމެހާ ޙައްޤުތައް ރާއްޖެއިން ހިފަހައްޓާ ކަމަށެވެ. މުޅި ތާރީޚީ ތަފްޞީލުތައް މިވަގުތު ހުށަހަޅާކަށް ނުޖެހެއެވެ. ރަސްކަމުގެ ލަޤަބުތަކާއި، ޗާޓުތަކާއި، ދަތުރުފަތުރުގެ ހެކިތަކާއި، އިސްތިޢުމާރީ ރެކޯޑުތައް ފަދަ ތަކެތި ހުށަހަޅަންވާނީ އެކަށީގެންވާ ގޮތެއްގައި އެތަކެތީގެ ޞައްޙަކަން ކަށަވަރު ކުރުމަށްފަހު ފަހުގެ މަރުޙަލާއެއްގައެވެ.

ދަޢުވާއެއް އުފެއްދުމާއި އެ ދަޢުވާ ސާބިތުކުރުމާ ދެމެދުގައިވާ ތަފާތަކީ ވަރަށް މުހިންމު އަސާސެކެވެ. ނޫސް ބަޔާނަކުން ހާމަކޮށްދެނީ ސިޔާސީ މަޤާމެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ތަޤުރީރަކުން އެ މަޤާމު އެހެން ސަރުކާރުތަކުގެ ސަމާލުކަމަށް ގެނެސްދެއެވެ. ނަމަވެސް، ރަސްމީ ޚާރިޖީ މުޢާމަލާތަކުން އުފައްދައިދެނީ ދެމިއޮންނަނިވި ލިޔެކިޔުމުގެ ރެކޯޑެކެވެ. އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ ޢާންމު ބަހުސްގައި ދެއްވާ ބަޔާނަކީ، (ނޯޓް: މި ސެޝަން އަށް ސީދާ ރައީސުލް ޖުމްހޫރިއްޔާ ވަޑައިގަތުން ބޮޑަށް އެދެވިގެން ވަނީ) އޭގެ ކުރިން ލިޔުމުން ހުށަހެޅިފައިވާ ނިންމުމަށް ބާރުދޭ އެއްޗަކަށް ވާންޖެހޭނެއެވެ.

މޮރިޝަސްއާއެކު އޮތް ޚާރިޖީ ގުޅުމުގެ ޙާލަތަށް ވަރަށް ބޮޑަށް ސަމާލުވާންޖެހެއެވެ. 27 ފެބުރުވަރީ 2026 ގައި މޮރިޝަސްގެ ކެބިނެޓުން ވަނީ ދިވެހިރާއްޖެއާއެކު އޮތް ޚާރިޖީ ގުޅުންތައް މެދުކަނޑާލުމަށް ނިންމާފައެވެ. އެ ނިންމުން ސިފަކުރަމުން މޮރިޝަސްއިން ބުނެފައިވަނީ ދިވެހި ސަރުކާރުން މިހާރު ފޮއްޅަވައިގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ގަބޫލުނުކުރާ ކަމަށާއި، އިނގިރޭސިވިލާތާއި މޮރިޝަސްގެ އެއްބަސްވުމަށް އިއުތިރާޒުކުރާ ކަމަށެވެ. ގުޅުން މެދުކަނޑާލުމަކީ މޮރިޝަސްގެ ނިންމުމެކެވެ. ނަމަވެސް، އެ ނިންމުމާއެކު ރާއްޖޭގެ މަޤާމު މޮރިޝަސްއިން ސިފަކޮށްފައިވާ ގޮތަކީ ހަމައެކަނި އެމީހުންގެ ބަސްމަގެވެ. އެއީ ރާއްޖޭގެ ރަސްމީ ބަޔާން ކަމުގައި ބަލައިގެން ނުވާނެއެވެ.

އެހެންނަމަވެސް، ގުޅުން މެދުކަނޑާލާފައި އޮތުމަކީ ޚަރިޖީ ގުޅުމުގައި ބޮޑު ކަމެކެވެ. މީގެން އެނގިގެންދަނީ ފޮއްޅަވައިގެ މައްސަލައިގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން މިހާރުވެސް ނޭދެވޭ ރަސްމީ ނަތީޖާތަކެއް ނުކުމެފައިވާ ކަމެވެ. މިކަމަކީ ބައިނަލްއަޤްވާމީ ޤާނޫނީ ދަޢުވާއަކަށް ބޭނުންވާ އެންމެހާ ޝަރުޠުތައް ފުރިހަމަވުން ކަމުގައި ނުބެލެވުނު ކަމުގައިވިޔަސް، މިކަމުން ދޭހަވާ މައްސަލައިގެ މުހިންމުކަން ކުޑަކޮށްލައިގެން ނުވާނެއެވެ.

ދެ ޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން މެދުކަނޑާލާފައިވާ ދަނޑިވަޅެއްގައި، މޮރިޝަސްއާއެކު އާދައިގެ މަތިން ކުރިއަށްދާ ޚާރިޖީ މުޢާމަލާތްތަކެއް ހިނގާނެކަމަށް ބަލައިގެން ނުވާނެއެވެ. އޭގެ ބަދަލުގައި، ރާއްޖެއިން ކަށަވަރު ކުރަންޖެހޭނީ އދ. ގެ ލިޔެކިޔުންތަކުގެ ނިޒާމުގެ ތެރެއިން ރާއްޖޭގެ މަޤާމު އިޢުލާން ކުރުމަށާއި، ނިއުޔޯކުގެ ޚާރިޖީ ގުޅުންތަކުގެ މާޙައުލުގެ ތެރެއިން މޮރިޝަސްއަށް އެކަން ސާފުކޮށް އެނގޭނެ ގޮތް ހެދުމަށެވެ. މޮރިޝަސްގެ ދާއިމީ މިޝަން އދ. ގެ ނިޒާމުގައި ބައިވެރިވާތީ، މުޢާމަލާތް ކުރުމަށް ޚާއްޞަ އިތުރު ގޮތްތަކެއް ހޯދާކަށް ނުޖެހޭނެއެވެ. މުހިންމީ ރާއްޖޭގެ ނިންމުން މޮރިޝަސްއަށް ރައްދުވިކަމުގެ ރަސްމީ ރެކޯޑެއް އޮތުމެވެ.

އިނގިރޭސިވިލާތަށްވެސް މިކަމުގެ ރަސްމީ މަޢުލޫމާތު ދޭންޖެހޭނެއެވެ. އެ މުޢާމަލާތުގައި މުޅި ތާރީޚީ މައްސަލައާ މެދު ބަހުސް ކުރުމުގެ ބަދަލުގައި، ރާއްޖޭގެ އިސްވެދިޔަ ސަރަޙައްދީ ދަޢުވާއެއް އޮތްކަމާއި، ރާއްޖޭގެ ބައިވެރިވުމެއް ނެތި ފޮއްޅަވައިގެ މައްސަލައިގައި ނިންމާ އެއްވެސް ނިންމުމަކާ ގުޅިގެން ރާއްޖޭގެ ޙައްޤުތަކެއް ހިފެހެއްޓިގެން ދާކަން ސާފުކޮށްދޭން ވާނެއެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް 22 އޯގަސްޓް 2022 ގައި ފޮނުއްވި ސިޓީއާ ގުޅިގެން އުފެދިފައިވާ އޮޅުންބޮޅުން ތަކާމެދު ސަރުކާރުން ވަރަށް ފަރުވާތެރި ވާންޖެހޭނެއެވެ. އެ ސިޓީއަކީ ފޮއްޅަވައިގެ މައްޗަށް ރާއްޖޭގެ އެއްވެސް ދަޢުވާއެއް ނެތްކަމަށް ބަޔާންކޮށްފައިވާ ސިޓީއެއް ކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޚަލީލް މަޖިލީހުގައި ވިދާޅުވި ކަމަށް ނޫސްތަކުގައި ރިޕޯޓުކޮށްފައި ވާއިރު، އެއީ މޮރިޝަސްގެ ސިޔާދަތީ ބާރު ގަބޫލުކުރުން ކަމަށްވެސް ބައެއް ފަރާތްތަކުން ސިފަކުރެއެވެ.

ނަމަވެސް (ލީކުވި ކަމަށް ބުނާ) އެ ސިޓީގެ އަސްލު ޢިބާރާތްތަކަށް ބަލާއިރު، އޭގައި އޮތީ އދ. ގެ ޢާންމު މަޖިލީހުގެ ޤަރާރާމެދު ރާއްޖެއިން ގެންގުޅޭ މަޤާމު ބަދަލުކުރި ވާހަކައާއި، މޮރިޝަސް މިނިވަންވުމަށް ތާއީދުކުރާ ވާހަކައާއި، އިޓްލޮސް އަދި 2010 ވަނަ އަހަރުގެ ކޮންޓިނެންޓަލް ޝެލްފްގެ މައްސަލައިގައި ރާއްޖޭގެ މަޤާމު ދަމަހައްޓާ ވާހަކައެވެ. މޮރިޝަސްގެ ސިޔާދަތީ ބާރު ގަބޫލުކުރާ ކަމަކަށް ނުވަތަ ރާއްޖޭގެ އިސްވެދިޔަ މިލްކުވެރިކަމުގެ ދަޢުވާ ދޫކޮށްލި ކަމަކަށް ސީދާ ބަހުން އޭގައި ބަޔާންކޮށްފައެއް ނުވެއެވެ. އެ ސިޓީގައި ބަޔާންކޮށްފައި ނުވާ ކަންކަމުގެ ޤާނޫނީ ނަތީޖާއަކީ ވަކިން ބަލަންޖެހޭ ކަމެކެވެ.

މި މައްސަލައަކީ އދ. ގެ 81 ވަނަ ސެޝަންގައި ރާއްޖެއިން ބޭނުންކުރާ އިސްތިރާޖީ މަސައްކަތުގެ ވަގުތު ދުއްވާލާ ކަމަކަށް ވެގެން ނުވާނެއެވެ. އެންމެ ބުއްދިވެރި ގޮތަކީ މާޒީގައި ހިނގާފައިވާ ކަންކަމަށްވުރެ ކުރިއަށް އޮތް ތަނަށް ބަލައިގެން މަސައްކަތް ކުރުމެވެ. މިހާރުގެ ސަރުކާރަށް މި އޮޅުންބޮޅުންތައް ފިލުވައިލެވޭނީ، މިހާރު ރާއްޖެއިން ދަޢުވާކުރަނީ ކޮން ކަމަކަށްކަން ސީދާކޮށް ބަޔާންކޮށް، އެއީ އިސްވެދިޔަ މިލްކުވެރިކަމެއްގެ މައްޗަށް ބިނާވާ ކަމެއްކަން ހާމަކޮށް، ބައިނަލްއަޤްވާމީ ރެކޯޑުތަކުގައި އެކަން ރަސްމީކޮށް ހިމަނައިގެންނެވެ.

18 އިން 21 ސެޕްޓެމްބަރަށް: އެހެން ސަރުކާރުތަކަށް ދަޢުވާ އަންގާ ދިނުން
އދ. ގެ "ހައި-ލެވެލް ވީކް" 18 ސެޕްޓެމްބަރުގައި ފެށުމާއެކު، ދުނިޔޭގެ އެކި ޤައުމުތަކުގެ އިސްވެރިންނާއި ޚާރިޖީ ވަޒީރުން ނިއުޔޯކަށް ޖަމާވާނެއެވެ. މިއީ ރާއްޖެއަށް ލިބޭ ޚާރިޖީ ގުޅުމުގެ ވަރަށް ބޮޑު ފުރުޞަތެކެވެ. މި ދުވަސްވަރު މޮރިޝަސްއާއެކު އާދައިގެ ގުޅުންތަކެއް ބާއްވަން މަސައްކަތް ކުރުމުގެ ބަދަލުގައި، ރާއްޖެއިން އިސްކަން ދޭންވީ ތިންވަނަ ޤައުމުތަކާއެކު މަޝްވަރާ ކުރުމަށެވެ.

އެހެން ޤައުމުތަކުގެ ކިބައިން އެދޭ އެދުންތައް ވާންޖެހޭނީ ހަމަހަމަ އެދުންތަކަކަށެވެ. ފޮއްޅަވައިގެ ސިޔާދަތީ ބާރު ރާއްޖެއަށް އޮތްކަން ވަގުތުން ގަބޫލުކުރުމަށް އެދުމުގެ ބަދަލުގައި، އެ ޤައުމުތަކުގެ ކިބައިން އެދެންވީ، ރާއްޖޭގެ އިސްވެދިޔަ ތާރީޚީ މިލްކުވެރިކަމުގެ ދަޢުވާއާމެދު، އެކަމުގެ ހެކިތަކަށް ފުރިހަމައަށް ބެލުމުގެ ކުރިން ވަކި ގޮތަކަށް ނުނިންމުމަށެވެ. ވަކި ޤައުމެއްގެ މިލްކުވެރިކަމަށް ރަސްމީކޮށް ތާއީދު ނުކުރި ކަމުގައިވިޔަސް، ރަސްމީކޮށް ހުށަހެޅިފައިވާ ދަޢުވާއެއް އޮއްވައި، އެހެން ފަރާތްތަކަކުން ސޮއިކުރާ އެއްބަސްވުންތަކަކުން އެ ދަޢުވާ ފޮހެލެވިގެން ނުވާނެކަން ގަބޫލުކުރުމުގެ ޖާގަ އެހެން ޤައުމުތަކަށް އޮންނާނެއެވެ. މިއީ ރާއްޖެއާއި މޮރިޝަސްއާ ދެމެދު ވަގުތުން ގޮތެއް ނިންމަން ނުޖެހި، ރާއްޖެއާއެކު މުޢާމަލާތް ކުރުމަށް އެހެން ޤައުމުތަކަށް ލިބޭ ފުރުޞަތެކެވެ.

މި ބައްދަލުވުންތަކުގެ ބޭނުމަކަށް ވާންޖެހޭނީ އެހެން ޤައުމުތަކުން މި މައްސަލަ ދެކޭގޮތް ދެނެގަތުމެވެ. އެ ގައުމުތަކުން މި މައްސަލައާއި މެދު ދެކެނީ، މޮރިޝަސް މިނިވަންވުމުގެ މައްސަލައެއްގެ ގޮތުގައިތޯ، ނުވަތަ އިނގިރޭސިވިލާތާއި މޮރިޝަސްގެ އެއްބަސްވުމުގެ މައްސަލައެއްގެ ގޮތުގައިތޯ، ނުވަތަ ފޯޅަވަހީގައި އޮތް އަސްކަރީ މަރުކަޒުގެ މައްސަލައެއްގެ ގޮތުގައިތޯ ރާއްޖެއަށް އެނގެންޖެހެއެވެ. މި މަރުޙަލާގައި ބޭނުންވަނީ އެއްވެސް ޙާލެއްގައި ދަލީލުތައް ދެއްކުމެއް ނޫނެވެ. އޭގެ ބަދަލުގައި ރާއްޖެއަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމެއެވެ.

22 އިން 28 ސެޕްޓެމްބަރަށް: ދަޢުވާ އިޢުލާންކުރުމާއި ރެކޯޑުތަކަށް އެރުވުން
ޢާންމު ބަހުސް 22 ސެޕްޓެމްބަރުން 28 ސެޕްޓެމްބަރަށް ކުރިއަށްދާއިރު، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ބަޔާނުގައި ފޮއްޅަވައިގެ މައްސަލައަށް ވަރަށް ފަރުވާތެރިކަމާއެކު ރިއާޔަތް ކުރަންޖެހެއެވެ. އެއީ ތާރީޚީ ދަރުސަކަށް ވެގެން ނުވާނެއެވެ. އަދި އދ. ގެ ޕޯޑިއަމްގައި ސޯޅަވަނަ ގަރުނުގެ ލިޔެކިޔުންތައް ދައްކައިގެން ދަޢުވާ ސާބިތު ކޮށްދޭން އުޅުމަކީވެސް އެންމެ އެކަށީގެންވާ ގޮތެއް ނޫނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާންޖެހޭނީ، ފޮއްޅަވައިގެ މައްޗަށް ރާއްޖޭގެ އިސްވެދިޔަ ސަރަޙައްދީ ދަޢުވާއެއް އޮތްކަމާއި، އެ ދަޢުވާއާ ގުޅޭ ޙައްޤުތައް ރާއްޖެއިން ހޯދަން ބޭނުންވާ ކަމާއި، އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ތެރެއިން އެކަމަށް ސުލްޙަވެރި ހައްލެއް ހޯދުމަށް ރާއްޖެއިން ގަސްދުކުރާ ކަމަށެވެ. ސިޔާސީ މަޤްޞަދު ޙާޞިލުކުރުމަށް މިވަރު ފުދޭނެއެވެ. ސަބަބަކީ އޭގެ ކުރިން ހުށަހެޅޭ ރަސްމީ ލިޔެކިޔުންތަކުގައި ދައުލަތުގެ ސީދާ މަޤާމު ތަފްޞީލުކޮށް އޮންނާނެތީއެވެ.

ހަމައެއާއެކު، މޮރިޝަސްއާއި އިނގިރޭސިވިލާތް އަދި އެހެން ޤައުމުތަކުން ދޭ ބަޔާންތަކަށް ރާއްޖޭގެ ދާއިމީ މިޝަނުން ފާރަވެރި ވާންޖެހޭނެއެވެ. މޮރިޝަސް ޑިކޮލަނައިޒް ކުރުމާއި ގުޅޭގޮތުން ދައްކާ ކޮންމެ ވާހަކައަކަށް ރާއްޖެއިން ޖަވާބުދޭކަށް ނުޖެހެއެވެ. ރާއްޖެއެކޭ އެއްފަދައިން، މޮރިޝަސްއަށްވެސް އެމީހުންގެ މަޤާމު ދިފާޢުކުރުމުގެ ޙައްޤު އޮންނާނެއެވެ.

ޖަވާބުދޭން ޖެހޭނީ ރާއްޖޭގެ ދަޢުވާއަށް އުނިކަމެއް އަތުވެދާނެ ފަދަ ވާހަކައެއް ދައްކައިފި ހާލަތެއްގައެވެ. މިސާލަކަށް، ފޮއްޅަވައިގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމާމެދު އެއްވެސް ސުވާލެއް ނެތްކަމަށް ނުވަތަ މި މައްސަލައަކީ މުޅިން ނިމިފައިވާ މައްސަލައެއް ކަމަށް ބުނެފިނަމަ، އެކަން އިޞްލާޙު ކުރަންޖެހޭނެއެވެ. އެފަދަ ޖަވާބެއް ދޭންވާނީ ސިޔާސީ ބަހުސަކަށް ދިއުމުގެ ބަދަލުގައި، ސީދާ އެ ނުކުތާއަށް އަމާޒު ކޮށްގެންނެވެ.

2019 ވަނަ އަހަރުގެ އިސްތިޝާރީ ލަފާއަށް ރިއާޔަތްކޮށްފިނަމަ، ރާއްޖެއިން ސާފުކޮށްދޭން ޖެހޭނީ އައި.ސީ.ޖޭ އިން ބެލި މައްސަލައާއި ރާއްޖެއިން މިހާރު މި އުފައްދާ އިސްވެދިޔަ މިލްކުވެރިކަމުގެ ސުވާލާ ހުރި ތަފާތެވެ. 2023 ވަނަ އަހަރުގެ އިޓްލޮސްގެ ނިންމުމަށް ރިއާޔަތް ކޮށްފިނަމަ، ކަނޑުގެ ސަރަޙައްދު ބައިކުރުމާއި ސަރަޙައްދީ މިލްކުވެރިކަމާ ހުރި ތަފާތު ބަޔާން ކުރަން ޖެހޭނެއެވެ. ރާއްޖޭގެ ދަޢުވާ ސާފުކޮށް ދިނުމަށްޓަކައި އެ މުއައްސަސާތަކަށް އަމާޒުވާނެ ރައްދެއް ދޭކަށް ނުޖެހެއެވެ.

މި އުޞޫލު "ރައިޓް އޮފް ރިޕްލައި" ނުވަތަ ޖަވާބުދާރީ ވުމުގެ ޙައްޤު ބޭނުން ކުރުމުގައިވެސް ގެންގުޅެން ވާނެއެވެ. ޖަޒުބާތީ ވާހަކަތަކަށްވުރެ ކުރު ޤާނޫނީ އިޞްލާޙެއްގެ ނަތީޖާ މާ ރަނގަޅުވާނެއެވެ. އަދި ހަމައެކަނި އަނގަބަހުން ވާހަކަ ދެއްކުމުގެ ބަދަލުގައި، ރަސްމީ ރެކޯޑުތަކަށްޓަކައި ލިޔުމުން ފޮލޯ-އަޕް އެއް ފޮނުވުމާމެދުވެސް ސަރުކާރުން ވިސްނަން ޖެހެއެވެ.

ފޮއްޅަވައިގެ މައްސަލަ ނުގުޅޭ މަޖިލިސްތަކަށް ނުވެއްދުން
"ހައި-ލެވެލް ވީކް" ގެ ތެރޭގައި، ފޮއްޅަވައިގެ ސަރަޙައްދީ މިލްކުވެރިކަމާ ގުޅުމެއް ނެތް މުހިންމު ބައްދަލުވުންތަކެއް ހިނގާނެއެވެ. އޭގެ ތެރޭގައި ދެމެހެއްޓެނިވި ތަރައްޤީއާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ކަނޑުގެ ލޮނުގަނޑު އުފުލުމާ ބެހޭ ބައްދަލުވުންތައް ހިމެނެއެވެ. ރާއްޖޭގެ މަޞްލަޙަތު ހުރި މިފަދަ ބައްދަލުވުންތަކުގެ އަސްލު މަޤްޞަދު ދަމަހައްޓަން ޖެހެއެވެ.

ކޮންމެ މައިކްރޯފޯނެއްގެ ކުރިމަތީގައި ދައުވާގެ ވާހަކަ ތަކުރާރު ކުރުމަކުން ދަޢުވާއެއް ވަރުގަދައެއް ނުވާނެއެވެ. މާ ބޮޑަށް ތަކުރާރު ކުރުމުން، ސީދާ ޤާނޫނީ މަޤާމެއް ސިޔާސީ ޝިޢާރަކަށް ބަދަލުވުމުގެ ބިރު އަބަދުވެސް އޮވެއެވެ. އެހެންކަމުން، ފޮއްޅަވައިގެ ވާހަކަ ދައްކަންވާނީ އެކަމަށް ޚާއްޞަ ކުރެވިފައިވާ ދާއިރާތަކުގައެވެ. އެއީ އދ. އަށް ފޮނުވާ ރަސްމީ މުޢާމަލާތާއި، ރައީސުލްޖުމްހޫރިއްޔާގެ ބަޔާނާއި، ޚާރިޖީ އެންގުންތަކާއި، އަދި ތިންވަނަ ޤައުމުތަކާއެކު ކުރެވޭ ދޭދޭ މަޝްވަރާތަކުގައެވެ.

ތާރީޚީ ހެކިތަކާމެދުވެސް މި އުޞޫލު ގެންގުޅެންޖެހެއެވެ. ސެޕްޓެމްބަރު މަހަކީ ފޮއްޅަވައިގެ ހުރިހާ ކަމެއް ސާބިތުކޮށް ނިންމަންޖެހޭ ސުންގަޑިއެއް ނޫނެވެ. ރަސްކަމުގެ ލަޤަބުތަކާއި، ޗާޓުތަކާއި، ތާރީޚީ ރެކޯޑުތަކަކީ ވަކިވަކިން ދިރާސާކޮށް، އޭގެ ބުރަދަން ވަޒަންކުރަންޖެހޭ ތަކެއްޗެވެ.

ޗާޓަކުން ޖުޣުރާފީ ތަޞައްވުރެއް ފެނިދާނެއެވެ. ނަމަވެސް، އެއީ ފަހަރެއްގައި ސިޔާދަތީ ބާރު ސާބިތުކޮށްދޭ އެއްޗަކަށް ނުވެދާނެއެވެ. ރަސްކަމުގެ ލަޤަބަކުން ބާރުވެރިކަން އޮތްކަން އެނގުނަސް، އެއީ އިދާރީ ހިންގުން އޮތްކަމުގެ ފުރިހަމަ ހެއްކަކަށް ނުވެދާނެއެވެ. މިކަންކަމަކީ ވަރަށް ފަރުވާތެރިކަމާއެކު ދިރާސާ ކުރަންޖެހޭ ކަންކަމެވެ.

މި ލިޔުމުގެ ފެށުމުގައިވާ "ޝާއިޢުކުރާ ފަރާތުގެ ނޯޓު" މުހިންމުވަނީ މި ސަބަބަށްޓަކައެވެ. މަދަނީ ވަކާލާތަކުން ސަރުކާރަށް މި ގޮވާލަނީ ދަޢުވާއެއް އުފެއްދުމަށާއި އެ ދަޢުވާ ދިފާޢު ކުރުމަށެވެ. ނަމަވެސް، މި ކުރާ ވަކާލާތުގައި ބޭނުންކުރާ ކޮންމެ ވާހަކައަކީ ދިރާސާއަކުން ނުކުތް ނަތީޖާއެއް ނޫނެވެ. ދިރާސާގެ މަސައްކަތުގައި، އެ ދަޢުވާއަކަށް ބާރު ނުލިބޭ ފަދަ ހެއްކެއް ފެނުނަސް، އެކަންކަމަށް ބަލަން ޖެހޭނީ ހުޅުވާލެވިގެން މިނިވަންކަމާ އެކުގައެވެ.

މި އުޞޫލަކީ ރާއްޖެއާއި މޮރިޝަސް އަދި ލަންޑަނަށްވެސް އެއްވަރަކަށް ހިނގަންޖެހޭނެ އުޞޫލެކެވެ. ސަރުކާރަކުން ލިޔުމެއްގައި ބުނާ އެއްޗެއް ސިފަކުރާ ގޮތަކީ އެ ސަރުކާރުގެ މަޤާމެވެ. ސިފަކުރާ ގޮތަކީ އެއީ ލިޔުމުގައިވާ އެއްޗެއްގެ ބަދަލުގައި ބޭނުންކުރެވޭނެ އެއްޗެއް ނޫނެވެ. އެ ދެކަންތައް ތަފާތުވާނަމަ، އެ ދެކަންތައް ވަކިން ރެކޯޑުކޮށް، އޭގެ މުހިންމުކަން ވަކިން ވަޒަން ކުރަންޖެހޭނެއެވެ.

ސެޕްޓެމްބަރު މަހު އާއްމު މަޖުލިހުގައި ނުކުރަންވީ ކަންތައްތައް
ފޮއްޅަވައިއަކީ ދިވެހިރާއްޖޭގެ ސަރަޙައްދެއް ކަމަށް ކަނޑައަޅައި، އދ. ގެ ޢާންމު މަޖިލީހުން ޤަރާރެއް ފާސްކުރަން އުޅުމަކީ އަވަސް އަރުވާލައިގެން ކުރާ ކަމަކަށް ވެދާނެއެވެ. އެފަދަ ކަމެއް ކޮށްފިނަމަ، ތާރީޚީ ހެކިތަކަށް އެކަށީގެންވާ ވަރަށް ބަލާފައި ނުވާ ޤައުމުތަކަށް، ހެކިތައް ވަޒަންކުރުމުގެ ކުރިން ގޮތެއް ނިންމަން މަޖުބޫރު ވާނެއެވެ. އޭގެ ބަދަލުގައި، ޢާންމު މަޖިލީހުގެ ބޭނުން ހިފަންވީ ދިވެހިރާއްޖޭގެ މަޤާމާއި އޭގެ އޮނިގަނޑު ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ޤާއިމުކުރުމަށެވެ.

ހަމައެއާއެކު، ރާއްޖޭގެ މި ދަޢުވާއަކީ މޮރިޝަސް މިނިވަންވުމާއި ދެކޮޅަށް ކުރާ ކަމެއްގެ ގޮތުގައި ސިފަކޮށްގެން ނުވާނެއެވެ. އެގޮތަށް ކަންތައް ކޮށްފިނަމަ، ރާއްޖޭގެ އިސްވެދިޔަ މިލްކުވެރިކަމުގެ ސުވާލު، ޤާނޫނީ އެހެން ބޮޑު މައްސަލައެއްގެ ތެރޭގައި އޮބިގެން ހިނގައިދާނެއެވެ. ރާއްޖޭގެ ދަލީލަކަށް ވާންޖެހޭނީ، މޮރިޝަސް މިނިވަންވުމުގެ އިޖުރާއާތްތަކުގައި ބެލި ކަންކަމަށްވުރެ މާ ކުރީގެ ތާރީޚީ ސަރަޙައްދީ ސުވާލެއް އެބައޮތް ކަމެވެ.

2022 ވަނަ އަހަރު ރައީސް ޞޯލިޙް ފޮނުއްވި ސިޓީއާ މެދުވެސް ވިސްނުންތެރި ވާންޖެހެއެވެ. އެ ސިޓީއަކީ ޤާނޫނީ އެއްވެސް ބުރަދަނެއް ނެތް އެއްޗެއްގެ ގޮތުގައި ބެލުމަކީ ދިފާޢުކުރަން އުނދަގޫ ކަމަކަށް ވާނެއެވެ. ޚާއްޞަކޮށް، އިޓްލޮސް އަދި ކޮންޓިނެންޓަލް ޝެލްފާ ގުޅޭ މަޤާމު އޭގައި ސީދާކޮށް ހިމާޔަތް ކޮށްފައި ވާއިރު، އިސްވެދިޔަ މިލްކުވެރިކަމުގެ ވާހަކަ ބަޔާންކޮށްފައި ނުވުމަކީ ފާހަގަކުރަންޖެހޭ ކަމެކެވެ. އެ ސިޓީގެ ޤާނޫނީ ނަތީޖާތައް ބަލަންޖެހޭނީ ދައުލަތްތަކުން ޢަމަލުކުރާ އުޞޫލުތަކާއި، ގަބޫލުކުރުންތަކާއި، އަދި ޙައްޤުތައް ދޫކޮށްލުމާ ގުޅޭ ބައިނަލްއަޤްވާމީ ހަމަތަކުގެ ތެރެއިންނެވެ.

ތާރީޚީ ހެކިތައްވެސް، ހަމައެކަނި ރާއްޖެއަށް ފައިދާވާ ގޮތަށް ހުރިހެން ހީވާތީ ބައިނަލްއަޤްވާމީ ލިޔުމެއްގައި އަވަސް އަރުވާލާފައި ހިމަނައިގެން ނުވާނެއެވެ. ނުބައިކޮށް ނަގާފައިވާ އެންމެ ޢިބާރާތެއް ނުވަތަ ކަށަވަރު ނުކުރެވޭ އެންމެ ރެކޯޑެއްގެ ސަބަބުންވެސް، އެހެން ހުރި ވަރުގަދަ ހެކިތަކާމެދު އޮންނަ އިތުބާރު ގެއްލިގެން ހިނގައިދާނެއެވެ. އދ. ގެ 81 ވަނަ ޢާންމު މަޖިލީހަކީ ދައުލަތުގެ ދަޢުވާ ޤާއިމުކޮށް ދިފާއުކުރުމުގެ ވަގުތެވެ. އެ ދަޢުވާ ސާބިތު ކޮށްދޭން ޖެހޭނީ ތާރީޚީ ދިރާސާގެ މަރުޙަލާގައެވެ.

28 ސެޕްޓެމްބަރުގެ ކުރިން ފުރިހަމަވާންޖެހޭ ކަންކަން
ޢާންމު ބަހުސް ނިމޭއިރު، ދިވެހިރާއްޖޭގެ އަތުގައި ހަމައެކަނި ތަޤުރީރުތަކެއްގެ ބަދަލުގައި، އެއަށްވުރެ ބޮޑު ނަތީޖާއެއް އޮންނަން ޖެހޭނެއެވެ. އޭގެ ތެރޭގައި، އިސްވެ ދެންނެވި މިލްކުވެރިކަމުގެ ދަޢުވާގެ ފާސްކުރެވިފައިވާ އޮނިގަނޑެއް އޮތުމާއި، އދ. ގެ ރަސްމީ ލިޔެކިޔުންތަކުގެ ތެރޭގައި އެކަން ހިމެނުމާއި، އަދި މޮރިޝަސްއާއި އިނގިރޭސިވިލާތަށް އެކަން ރަސްމީކޮށް އަންގާފައިވާކަމުގެ ރެކޯޑު އޮންނަންވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ޢާންމު މަޖިލީހުގައި އެ ދަޢުވާ އިޢުލާންކުރައްވާފައި އޮތުމާއެކު، ދާއިމީ މިޝަނުން ހޮވާލެވޭ ތިންވަނަ ޤައުމުތަކަށް މަޢުލޫމާތު ދީފައި އޮންނަންވާނެއެވެ.

ޚާރިޖީ ގުޅުމާއި އދ. ގެ ރެކޯޑުތަކުން ދައްކަންވާނީ، ރާއްޖޭގެ ދަޢުވާއަށް އުނިކަން އަންނަ ފަދަ ވާހަކަތަކަށް ބަލައި، ބޭނުންވާ ހާލަތްތަކުގައި ޖަވާބުދީފައިވާ ކަމެވެ. މިކަންކަމުގެ ސަބަބުން ފޮއްޅަވައިގެ ސިޔާދަތީ ބާރު ވަގުތުން ރާއްޖެއަށް ލިބިގެން ނުދިޔަ ކަމުގައިވިޔަސް، ކުރިއަށް އޮތް ތަނުގައި އެ ޖަޒީރާތަކާ ބެހޭގޮތުން ކުރެވޭ އެއްވެސް މަޝްވަރާއެއް، ރާއްޖޭގެ ދަޢުވާއެއް ނެތްކަމަށް ބަލައިގެން ކުރިއަކަށް ނުގެންދެވޭނެއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މޯލްޑިވްސް ނޭޝަނަލް ޓެރިޓަރީ އެންޑް ސޮވްރެންޓީ އޮފީހާއި މިއަދު ހަވާލުވެފައިވާ ޒިންމާއެކެވެ. ސެޕްޓެމްބަރު މަހުގެ ތެރޭގައި މުޅި ތާރީޚީ މައްސަލަ ސާބިތުކޮށްދޭކަށް ނުޖެހެއެވެ. ނަމަވެސް، ދައުލަތުގެ މަޤާމަކީ ސީދާ، ރަސްމީކޮށް ލިޔެކިޔުންތަކުން ފެންނަން އޮތް، އަދި ބައިނަލްއަޤްވާމީ މުޖުތަމަޢަށް އިޢުލާން ކުރެވިފައިވާ މަޤާމެއްކަން ކަށަވަރު ކުރަންޖެހެއެވެ. ހެކިތައް ދެއްކުމުގެ މަސައްކަތަކީ މިފަދަ މުހިންމު ސަރަޙައްދީ ދަޢުވާއަކަށް ބޭނުންވާ ފަދަ ފުރިހަމަ އަދި ވަރުގަދަ ދިރާސާތަކާއެކު ކުރިއަށް ގެންދެވޭނެ ކަމެކެވެ.

އދ. ގެ 81 ވަނަ ޢާންމު މަޖިލީހުން ފޮއްޅަވައިގެ މިލްކުވެރިކަން އޮތީ ކޮން ފަރާތަކަށްކަން ކަނޑައެއް ނާޅާނެއެވެ. 81 ވަނަ އާއްމު މަޖުލީހުގެ މުހިންމުކަން އޮތީ އެހެން ކަމެއްގައެވެ. އެއީ، ރާއްޖޭގެ މަޤާމަކީ ހަމައެކަނި ޤައުމީ ފެންވަރުގައި ދައްކާ ސިޔާސީ ވާހަކައެއްގެ ބަދަލުގައި، ބައިނަލްއަޤްވާމީ ރެކޯޑުތަކުގައި އޮތް ރަސްމީ ދަޢުވާއަކަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށާއި މޯލްޑިވްސް ނޭޝަނަލް ޓެރިޓަރީ އެންޑް ސޮވްރެންޓީ އޮފީހަށް ލިބޭ ފުރުޞަތަކަށް ވާތީއެވެ. މިކަން މިގޮތަށް ކޮށްފިނަމަ، ރާއްޖޭގެ މަޤާމު އެކަށީގެންވާ ގޮތެއްގައި އދ. ގައި ރެކޯޑު ކުރެވޭނެއެވެ. އިތުރު ސެޕްޓެމްބަރެއް ގެއްލިގެން ދިޔަނުދީ، ތާރީޚީ އަދި ޤާނޫނީ ހެކިތަކުގެ މައްޗަށް ބިނާކޮށް މި ދަޢުވާ ކުރިއަށް ގެންދިއުމުގެ ފުރުޞަތު ލިބޭނެއެވެ.

ނިންމާލުމުގެ ނޯޓް
  1.  އދ. ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ މަތީ ފަންތީގެ ބައްދަލުވުންތަކުގެ ތާވަލު. އޭގައިވާ ގޮތުން 81 ވަނަ ސެޝަން ހުޅުވުން އޮތީ 8 ސެޕްޓެމްބަރު 2026 ގައެވެ. އެސް.ޑީ.ޖީ މޯމަންޓް 18 ސެޕްޓެމްބަރުގައި، ޢާންމު ބަހުސް 22 އިން 26 އަށް އަދި 28 ސެޕްޓެމްބަރުގައެވެ. އަދި ކަނޑުގެ ލެވެލް އުފުލުމާ ބެހޭ ބައްދަލުވުން އޮތީ 24 ސެޕްޓެމްބަރު 2026 ގައެވެ.
  2.  އދ. ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ އިންތިޒާމުތަކާ ގުޅޭ މަޢުލޫމާތު ކަރުދާސް، ލިޔުން ނަންބަރު A/INF/81/4 ، 30 ޖޫން 2026.
  3.  މޮރިޝަސް ސަރުކާރު، ބޮޑުވަޒީރުގެ އޮފީސް، ކެބިނެޓް ބައްދަލުވުމުގެ ޚުލާޞާ – 27 ފެބުރުވަރީ 2026. އޭގައި ރާއްޖޭގެ މަޤާމު މޮރިޝަސްއިން ސިފަކޮށްފައިވާ ގޮތާއި، ދިވެހިރާއްޖެއާއެކު އޮތް ޚާރިޖީ ގުޅުންތައް ވަގުތުން މެދުކަނޑާލުމަށް ނިންމި ނިންމުން ހިމެނެއެވެ.