ޕެން ފޯ ރައިޓްސް - ދިވެހިރާއްޖެ
މުސައްނިފްގެ ނޯޓް: މި ލިޔުމަކީ 1 ސެޕްޓެމްބަރު 2026 އާ ހަމައަށް، ފޮއްޅަވައިގެ މައްސަލާގައި ހިނގާފައިވާ ގާނޫނީ އަދި ސިޔާސީ ކަންކަމުގެ މައްޗަށް ބިނާވެފައިވާ ލިޔުމެކެވެ. ފޮއްޅަވައި އާއި ގުޅޭގޮތުން އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އެއްބަސް ވެވޭތޯ ބަލަމުންދާ ކަންކަމަކީ އަދިވެސް ސިޔާސީ، ގާނޫނީ އަދި ހާރިޖީ ގޮތުން ބަދަލު ވަމުންދާ ކަންކަމެވެ. ކިޔުންތެރިންނަށް އެހީތެރިވެ ދިނުމުގެ ގޮތުން، މިލިޔުމުގައި ބަހުސްކުރެވޭ ގާނޫނީ ދެ އިސްތިލާހެއްގެ މާނަ މައިގަނޑު ލިޔުމާއި ހަމަޔަށް ދިޔުމުގެ ކުރިން އާދައިގެ ގޮތަކަށް ބަޔާން ކޮށްލާނަމެވެ. އެއަށް ފަހު ދެން މައިގަނޑު ބަހުސާއިގެން ކުރިއަށް ދާނީއެވެ.
1. އެކްއީސެންސް (Acquiescence): މި އިސްތިލާހުގެ މާނައަކީ އިޢުތިރާޒެއް ނެތްކަން ހަނުހުރުމުން ހާމަވުމެވެ. މިއީ އެހެން ދައުލަތެއްގެ ދަޢުވާއަކަށް ނުވަތަ ޢަމަލަކަށް ރައްދު ދޭންޖެހޭ ފަދަ ހާލަތެއްގައި، އެއްވެސް އެއްޗެއް ނުބުނެ ނުވަތަ ފިޔަވަޅެއް ނާޅައި ހަނުހުރުމުގެ ސަބަބުން، އެކަމަށް އިޢުތިރާޒެއް ނެތްކަން ނުވަތަ ރުހުން އޮތްކަން (ގާނޫނީ ގޮތުން) ދޭހަވާ ދޭހަވުމެވެ.
2. އެސްޓޮޕެލް (Estoppel): މިއިސްތިލާހުގެ މާނަޔަކީ، އެއް ފަރާތުން ބުނި ބަހުގެ މައްޗަށް އަނެއް ފަރާތުން ބަރޯސާވުމަށް ފަހު، ބަސް ބުނި ފަރާތުން އެއާ އެއްގޮތަށް ޢަމަލު ނުކުރުމުގައި އެފަރާތަށް ވާ ފައިދާއެއް އޮވެ، އަނެއް ކޮޅުން ބަރޯސާވިފަރާތަށް ގެއްލުމެއް ލިބޭ ހާލަތު ހުއްޓުވުން ނުވަތަ މަނާކުރުމެވެ.
ފަސްދޮޅަސް އަހަރުގެ އިއުތިރާޒު
ފޮއްޅަވައިގެ މައްޗަށް ދިވެހިރާއްޖެއިން ކުރާ ތާރީހީ ދައުވާ ނުވަތަ "އިހު އޮތް ސިޔާދަތު" އަނބުރާ ހޯދުމުގެ ދައުވާއާ މެދު އެންމެ ފަސޭހައިން އުފައްދާ ސުވާލަކީ، މި ރަށްތަކަކީ ދިވެހިރާއްޖޭގެ ސަރަހައްދެއް ނަމަ، ފަސްދޮޅަސް އަހަރު ވަންދެން ރާއްޖެ ހިމޭނުން އޮތީ ކީއްވެގެން ހެއްޔެވެ؟ މި ހިމޭންކަމަށް ބައިނަލްއަގުވާމީ ގާނޫނީ ބަސްމަގުން "އެކްއީސެންސް" (އެއްބަސްވުމެއް ނެތި ރުހުން ދިނުން) ނުވަތަ "އެސްޓޮޕެލް" (އަމަލުން ނުވަތަ ބަހުން ދެއްކި ގޮތަކުން ފަހުން އެއާ ދެކޮޅު ނުހެދޭ ގޮތްވުން) ފަދަ އިސްތިލާހުތައް އިތުރު ކުރަމުންދެއެވެ. އަދި އެފަދަ ހިމޭންކަމެއްގައި އޮތުމަކީ ސިޔާދަތު ނެގެހެއްޓުމުގައި، އިދިކޮޅު ފަރާތަށް އަމާންދިނުމުގެ ސޮޔެއްގެ ގޮތުގައި ސިފަކުރަން ފަށައެވެ. ނަމަވެސް ބައިނަލްއަގުވާމީ ގާނޫނުތަކަކީ އެހާ ފަސޭހަ އެއްޗެއް ނޫނެވެ. މިފަދަ ހިމޭންކަމެއްގެ ސަބަބުން ތާރީޚީ މިލްކުވެރިކަމެއް ނުވަތަ "އިހު އޮތް ސިޔާދަތު" ބާތިލުވުމުގެ ކުރިން، އެ މިލްކުވެރިކަމަކީ ކޮބައިކަމާއި، ރާއްޖެއިން ގަބޫލުކުރީ ކޮންބައެއްގެ ސިޔާދަތެއް ކަމާއި، އަދި ރާއްޖެއިން އިއުތިރާޒު ކުރަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވީ ކޮން އިރަކުތޯ ކަނޑައަޅަން ޖެހެއެވެ.
ފޮއްޅަވައިގެ ސިޔާދަތާ މެދު އަދިވެސް ގޮތެއް ނުނިމި އޮތް އޮތުމުން މި ސުވާލުތައް މިހާރު ވަނީ ވަރަށް ބޮޑަށް މުހިންމު ވެފައެވެ. އިނގިރޭސިވިލާތުން މަސައްކަތް ކުރަމުންދަނީ ފޮއްޅަވައިގެ ސިޔާދަތު މޮރިޝަސްއަށް ބަދަލު ކުރުމަށެވެ. ނަމަވެސް އެތަނުގައި އޮތް އިނގިރޭސި-އެމެރިކާގެ އަސްކަރީ މަރުކަޒު ދެމެހެއްޓުމުގެ ޝަރުތާ އެކުގައެވެ. ދިވެހިރާއްޖެއިން ވަނީ މިކަމަށް ރަސްމީކޮށް އިއުތިރާޒު ކޮށްފައެވެ. މޮރިޝަސްއިން ވަނީ މީގެ ރައްދުގައި ރާއްޖެއާއެކު އޮތް ހާރިޖީ ގުޅުންތައް މެދުކަނޑާލާފައެވެ. އެހެންކަމުން، މިއީ ހަމައެކަނި ކުރީގެ ސަރުކާރުތަކުން ދައުވާކުރަން ނުކުޅެދުނު ސަބަބާ ބެހޭ ސުވާލެއް ނޫނެވެ. މިއީ ތާރީހީ ހެކިތަކުން ރާއްޖޭގެ މިލްކުވެރިކަން ސާބިތުވާ ސަރަހައްދެއްގެ ކުރިމަގު އެހެން ގައުމުތަކުން ކަނޑަ އަޅާ އިރު، ރާއްޖެ ހިމޭނުން އޮންނަންޖެހޭތޯ ކުރެވޭ ސުވާލެކެވެ.
1946 ގައި ރާއްޖެ ބާކީވުން
މި މައްސަލައިގެ ތަރުތީބު ގެއްލުނީ ދިވެހިރާއްޖެ މިނިވަންވުމުގެ ކުރިންނެވެ. 1946 ވަނަ އަހަރު، ފުރިހަމަ އަމިއްލަ ވެރިކަމެއް ނެތް ސަރަހައްދުތަކުގެ އދ. ގެ ދަފްތަރު ނުވަތަ އޮނިގަނޑުގައި (އިނގިރޭސިން) މޮރިޝަސް ހިމެނިއެވެ. ނަމަވެސް އެ އޮނިގަނޑުގައި (އދ. ގެ ޗާޓަރުގެ 73 ވަނަ މާއްދާގެ (އީ) އާއި ޚިލާފަށް) ރާއްޖެ ނުހިމެނިއެވެ. ނަމަވެސް މިކަމުގެ ސަބަބުން މިނިވަން ދައުލަތެއްގެ ގޮތުގައި ބައިނަލްއަގުވާމީ މައިދާނުގައި ހަރަކާތްތެރިވުމުގެ ނުވަތަ ސަރަހައްދީ ދައުވާތައް ކުރުމުގެ ގާބިލިއްޔަތު ރާއްޖެއަކަށް ނުގެއްލެއެވެ. ގެއްލުނީ އެއްތަނެއް ހޯދަން ދެ ގައުމަށް އެއް މަގަކުން ދަތުރު ކުރުމުގެ ފުރުސަތެވެ. މޮރިޝަސްއަށް ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެވޭ އދ. ގެ "ޑިކޮލޮނައިޒޭޝަން" މަރުހަލާއަށް ވަނުމުގެ ފައިލު ލިބުނެވެ. އޭގެ ސަބަބުން 1965 ގައި ފޮއްޅަވައި ވަކިކުރި މައްސަލަ އދ. އާއި ބައިނަލްއަގުވާމީ އަދުލުގެ ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އެ ގައުމަށް ލިބުނެވެ.
ރާއްޖެއަށް މިފަދަ މަގެއް ލިބިފައެއް ނެތެވެ. ފަހުން ރާއްޖެއާ މެދު ކުރެވޭ ހިމޭނުން އޮތުމުގެ ތުހުމަތުތައް ވަޒަންކުރާއިރު މި ތަފާތަކީ މުހިންމު ކަމެކެވެ. އިސްތިއުމާރުގެ ދަށުގައިވާ ސަރަހައްދީ އިންތަކާ ދެކޮޅަށް ވަކާލާތު ކުރާނެ ހަމަހަމަ ގާނޫނީ ވަސީލަތްތަކެއް ދެ ގައުމަށް، އެ ދެ ގައުމު އިސްތިއުމާރު ކުރި ފަރާތުން ދީފައިވަނީ ނުވަތަ ލިބިފައި ވަނީ ހަމަހަމަ ގޮތެއްގައެއް ނޫނެވެ.
އިނގިރޭސިން ފޮއްޅަވައި އެމީހުންގެ ކޮލޮނީއަކަށް ހެދުން
ރާއްޖެ މިނިވަންވިތާ ހަތަރު މަސް ފަހުން، އިނގިރޭސިވިލާތުން 1965 ވަނަ އަހަރު "ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ އޯޑަރ" ނެރުނެވެ. ފޮއްޅަވައިގެ ރަށްތަކާއި ސީޝެލްސް އިން ވަކިކުރި ބައެއް ރަށްތައް ހިމަނައިގެން "ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ" (BIOT) ގެ ނަމުގައި ވަކި ކޮލޮނީއެއް އުފެއްދިއެވެ. އެއިރު މޮރިޝަސް މިނިވަނެއް ނުވެއެވެ.
އެހެންކަމުން 1965 ގައި ރާއްޖެއިން ސަރަހައްދީ ދައުވާއެއް ކުރި ނަމަ، އެ ދައުވާ ރައްދުވާނީ މޮރިޝަސްއަކަށް ނޫނެވެ. އެއީ ސީދާ އިނގިރޭސިވިލާތާ ދެކޮޅަށް ކުރެވޭނެ ދައުވާއެކެވެ. އޭގެ ފަހުން އެތައް އަހަރެއް ވަންދެން އިނގިރޭސިން އެ ސަރަހައްދު ބަލަހައްޓައި، ބައިނަލްއަގުވާމީ މައިދާނުގައި އެއީ އެމީހުންގެ ސިޔާދަތީ ހައްގު އޮތް ތަނެއްކަމަށް ވަކާލާތު ކުރިއެވެ. ފަސްދޮޅަސް އަހަރުގެ ތަފާތު ސިޔާސީ ހާލަތުތަކަކީ "ދިވެހިންގެ ރުހުން" ކަމަށް ބުނެ އެއްކޮށްލާއިރު، މި އަސާސީ ހަގީގަތް ގިނަފަހަރަށް އޮންނަނީ ފޮރުވިފައެވެ. ނުވަތަ ފޮރުވާފައެވެ.
އިނގިރޭސިވިލާތާ ދެކޮޅަށް ދައުވާކުރުމަކީ ކުޑަ ކަމެއް ނޫން
އެފަދަ ދައުވާއެއް ކުރުމަކީ، މޮރިޝަސްއަށް ދިން ފަދަ ޑިކޮލަނައިޒޭޝަން މަރުހަލާއަށް ވަނުމުގެ ފައިލަކާއި ނުލާ، ހަމަހަމަ ދެގައުމެއްގެ ދެމެދުގައި ނޫނީ ހިނގާނެ ދައުވާއެއް ނޫނެވެ. އޭރު އަދި ކިރިޔާ ދިވެހިރާއްޖެ އިނގިރޭސިންގެ ހިމާޔަތުން މިންޖުވީއެވެ. އިނގިރޭސިވިލާތަކީ ރާއްޖޭގެ ހާރިޖީ ކަންކަން ބަލަހައްޓަމުން ދިޔަ، އަދި ދުނިޔޭގެ އެންމެ ބޮޑު އެއް ބާރެވެ. ހަމަ އެ ދަނޑިވަޅަކީ ފޯޅަވަހީގެ އަސްކަރީ މުހިންމުކަން އިނގިރޭސިންނާއި އެމެރިކާއަށް އިންތިހާއަށް ބޮޑުވެގެން ދިޔަ ވަގުތެވެ.
އިނގިރޭސިވިލާތުގެ ހާރިޖީ، މާލީ އަދި ގާނޫނީ ވަސީލަތްތަކާ އަރާ އަރަފޯދޭނެ ވަސީލަތްތަކެއް ރާއްޖެއަކަށް ލިބިފައެއް ނެތެވެ. އަދި ފަހުން މޮރިޝަސްއިން ބޭނުންކުރި އދ. ގެ ޑިކޮލޮނައިޒޭޝަން އޮނިގަނޑުގެ ތެރެއިންވެސް ރާއްޖެއަކަށް ޖާގަ ދީފަ ނުވަތަ ލިބިފައެއް ނެތެވެ. މީގެ މާނައަކީ ދިވެހިރާއްޖެ ހިމޭނުން އޮތް އޮތުމަކީ ގާނޫނީ ގޮތުން އެއްވެސް މާނައެއް ނުވަތަ ބުރަދަނެއް ނެތް ކަމެކޭއެއް ނޫނެވެ. މީގެ މާނައަކީ އެކަން ހިނގާދިޔަ ހާލަތަށް ރިއާޔަތް ކުރުމަކީ ގާނޫނީ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމެވެ. ފަސްދޮޅަސް އަހަރު ދިވެހިރާއްޖެ ހިމޭނުން އޮންނަން ޖެހުނު ތަފްސީލީ ސަބަބުތައް ހޯދަން ޖެހެއެވެ.
މިނިވަން ވީއިރު މޮރިޝަސްގެ ގާނޫނު އަސާސީގައި ފޮއްޅަވައި ނުހިމެނޭ
1965 އިން ފެށިގެން ދިވެހިރާއްޖެ ހިމޭނުން އޮތުމުގެ ވަގުތު ގުނަން ފެށުމުގައި އަނެއްކާވެސް މައްސަލައެއް އެބައޮތެވެ. އިނގިރޭސިން ފޮއްޅަވައި ވަކިކުރުމާ ގުޅިގެން، 1968 ވަނަ އަހަރު މޮރިޝަސް މިނިވަން ވީއިރު، އެ ގައުމުގެ ގާނޫނުއަސާސީގެ 111 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސަރަހައްދުގެ ތެރޭގައި ފޮއްޅަވައި ނުހިމެނެއެވެ. މޮރިޝަސްއިން އެ ސަރަހައްދަށް ދައުވާކުރަން ފެށީ އޭގެ ފަހުންނެވެ. ގާނޫނީ ގޮތުން ފޮއްޅަވައި މޮރިޝަސްގެ ސަރަހައްދުގައި ހިމެނީ 1982 ގައެވެ. އަދި އެ ގައުމުގެ ގާނޫނުއަސާސީގައި ސާފުކޮށް އެ ސަރަހައްދު ހިމެނީ 1992 ގައެވެ.
މީގެ ސަބަބުން މޮރިޝަސްގެ "ޑިކޮލޮނައިޒޭޝަން" މައްސަލަ ބާތިލެއް ނުވެއެވެ. އައި.ސީ.ޖޭ އިން 2019 ގައި ނިންމާފައިވަނީ އެ ސަރަހައްދު ވަކިކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ. ނަމަވެސް މީގެ މާނައަކީ، ހިމޭނުން އޮތުމުގެ ވަރުގަދަ ބަހުސް ފެށެނީ މޮރިޝަސްގެ ދައުވާ ބައިނަލްއަގުވާމީ ގޮތުން ސާފުކޮށް ފެންނަން ފެށި ހިސާބު ނުވަތަ 2019 އާއި ހަމައިން ކަމެވެ. އެއީ 1965 އިން ފެށިގެން ދުވަސްތައް ގުނުމަށްވުރެ ބޮޑަށް ބުރަދަން ލިބޭ ގާނޫނީ ބަހުސެކެވެ. އަދި އެއީ މައްސަލައިގެ ހަގީގަތް ހާމަވާން ފެއްޓި ހިސާބުވެސް މެއެވެ. އެހެނީ އެ ހިސާބުން ރާއްޖެއިން ވަނީ އެ މައްސަލަޔަށް ވަރުގަދަޔަށް ރައްދު ވެސް ދީފައެވެ.
އެހެންވިއްޔާ ރާއްޖެއިން ގަބޫލުކުރީ ކޮންބައެއްގެ ސިޔާދަތެއް؟
އެތައް އަހަރެއް ވަންދެން އިނގިރޭސިވިލާތުން ބުނަމުން ދިޔައީ ފޮއްޅަވައިގެ މިލްކުވެރިންނަކީ ތިމަންނާމެން ކަމުގައެވެ. މޮރިޝަސްއިން ބުނަމުން ދިޔައީ އެ ސަރަހައްދުގެ މިލްކުވެރިކަން އޮތީ އެމީހުންނަށް ކަމަށެވެ. މި ދެބައި މީހުން މިގޮތަށް ދައުވާ ކުރަމުން ދިޔައިރުވެސް، ދިވެހިރާއްޖެއިން ފޮއްޅަވައިގެ މައްޗަށް، އިހު އޮތް ސިޔާދަތު ނުވަތަ ތާރީހީ މިލްކުވެރިކަން ހޯދުމުގެ ދައުވާއެއް ކޮށްފައި ނުވެއެވެ. ދިވެހިރާއްޖެ ހިމޭނުން އޮތް އޮތުމަކީ ރުހުން ދިނުން ކަމުގައި ބަލާނަމަ، އުފެދޭ ސުވާލަކީ، ރާއްޖެއިން ރުހުން ދިނީ ކޮންބައެއްގެ ސިޔާދަތު އޮތުމަށް ހެއްޔެވެ؟ އިނގިރޭސިންގެ ސިޔާދަތު ނުވަތަ މޮރިޝަސްގެ ސިޔާދަތު އޮތުމަށް ހެއްޔެވެ؟
'ޕެޑްރާ ބްރާންކާ' މައްސަލައިގައި އައި.ސީ.ޖޭ އިން ގަބޫލުކޮށްފައިވާ ގޮތުގައި، އެހެން ގައުމެއްގެ އަމަލުތަކެއްގެ ރައްދުގައި ޖަވާބު ދޭންޖެހޭ ހާލަތެއްގައި، ހިމޭނުން އޮންނަ އޮތުން ގާނޫނީ ގޮތުން ބަލާނީ ޖަވާބެއް ކަމުގައެވެ. ނަމަވެސް، އަމަލުތަކެއްގެ ސަބަބުން ސިޔާދަތު އޮތް ފަރާތް ބަދަލުވެއްޖެ ކަމަށް ބަލާނަމަ، ބަދަލުވިކަން ސާފުކޮށް އެނގެން އޮންނަންޖެހޭނެ ކަމަށް ކޯޓުން ކަނޑައެޅިއެވެ. އިނގިރޭސިންގެ އިދާރީ ހިންގުމުގެ ދަށުގައި ފޮއްޅަވައި އޮތުމުގެ މައްޗަށް، ދިވެހިރާއްޖެއިން ހިމޭނުން އޮތް އޮތުމަކީ އޮޓޮމެޓިކުން، ފޮއްޅަވައި އަކީ މޮރިޝަސްގެ ހައްގަކަށް ބަދަލުވެގެން ދާނެ ކަމެއް ނޫނެވެ. ދައުވާކުރާ ފަރާތާއި، އިއުތިރާޒު ކުރަންޖެހޭ އަމަލާއި، އިއުތިރާޒު ނުކުރުމުގެ ގާނޫނީ ނަތީޖާ ފުރަތަމަ ސާބިތު ކޮށްދޭން ޖެހެއެވެ. އެހެން ނޫންނަމަ "ރުހުން ދިނުން" ނުވަތަ "އެކްއީސެންސް" އަކީ ޖަވާބެއްގެ ބަދަލުގައި ހަމައެކަނި ލޭބަލަކަށް ބަދަލު ވެގެންދާނެއެވެ.
މޮރިޝަސްއިން ދައުވާ ކުރަން ފެށުމުން ރާއްޖެ ހަމައެކަނި ހިމޭނުން އޮތީއެއް ނޫން
1980 އިން ފަހުގެ ރެކޯޑުތަކަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. 2017 ވަނަ އަހަރު އައި.ސީ.ޖޭ ގެ ލަފަޔަކަށް އެދި އދ. ގެ އާންމު މަޖިލީހުގައި ނެގި ވޯޓުގައި ރާއްޖެއިން ވޯޓު ދިނީ އެކަމާއި ދެކޮޅަށެވެ. ކޯޓުން ލަފާ ދިނުމަށްފަހު 2019 ގައި ނެގި ވޯޓުގައިވެސް ރާއްޖެއިން ވޯޓު ދިނީ އެކަމާ ދެކޮޅަށެވެ. މިއިން އެއްވެސް ވޯޓެއްގައި ފޮއްޅަވައިގެ މައްޗަށް ރާއްޖޭގެ ސިޔާދަތު އޮތް ކަމަކަށް ދައުވާއެއް ނުކުރެއެވެ. ނަމަވެސް މިއީ މޮރިޝަސްގެ ސިޔާދަތު ގަބޫލު ކުރުމެއްވެސް ނޫނެވެ.
އިޓްލޮސް (ITLOS) ގައި ހިނގި މައްސަލައިން ދެއްކެން ހުރި ހެކިތައް މިއަށްވުރެ ވަރުގަދައެވެ. ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ވަކިކުރުމުގެ މައްސަލައިގެ އިބްތިދާއީ އިއުތިރާޒުތަކުގައި، ފޮއްޅަވައިގެ ސިޔާދަތަކީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ދެބަސްވުން ހިނގަމުންދާ، ނުނިމި އޮތް މައްސަލައެއް ކަމަށް ދިވެހިރާއްޖެއިން ރަސްމީކޮށް ވަކާލާތު ކުރިއެވެ. އަދި އެއީ މޮރިޝަސްގެ ތަނެއް ކަމަށް ބަލައިގެން މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ދިވެހިރާއްޖެއިން ބުންޏެވެ. ކޯޓުން އެ އިއުތިރާޒުތައް 2021 ގައި ބޭރުކޮށްލި ނަމަވެސް، ބައިނަލްއަގުވާމީ ކޯޓެއްގެ ކުރިމަތީގައި ރާއްޖެއިން އޭރު ނެގި ސާފު ގާނޫނީ މަގާމު އެއަކުން ފުހެވިގެންނެއް ނުދެއެވެ.
މި ތަފާތަކީ ވަރަށް މުހިންމު ތަފާތެކެވެ. ރާއްޖެއިން ފޮއްޅަވައިގެ މައްޗަށް "އިހުއޮތް ސިޔާދަތު" ނުވަތަ ތާރީޚީ މިލްކުވެރިކަން އޭރު ބަޔާން ނުކުރުމާއި، މޮރިޝަސްގެ މިލްކުވެރިކަމަށް ރުހުން ދިނުމާއި އެއީ ތަފާތު ދެކަމެކެވެ. ފުރަތަމަ ކަންތައް ގުޅެނީ ރާއްޖެއިން ދައުވާ ކުރުން ފަސްކުރުމާއެވެ. ދެވަނަ ކަންތައް ގުޅިފައިވަނީ ރާއްޖެއިން ގަބޫލުކުރީ ކޮން ކަމެއްތޯ ބަލާ ދެނެގަތުމާއެވެ.
ސޯލިހުގެ ސިޓީއަކީ ސިޔާދަތު ބަދަލު ކުރުމެއް ނޫން، އެއީ ސިޔާސަތު ބަދަލުކުރުމެއް
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު 2022 ގައި ފޮނުއްވި ސިޓީއާ ކުރިމަތިލާން ޖެހެއެވެ. އެ މަނިކުފާނުގެ ސަރުކާރުން ވަނީ މޮރިޝަސްގެ "ޑިކޮލޮނައިޒޭޝަން" މައްސަލައަށް ތާއީދުކޮށް ރާއްޖޭގެ ސިޔާސަތު ބަދަލުކޮށްފައެވެ. 2023 ގައި ރައީސް އޮފީހުން ބުނެފައިވަނީ ފޮއްޅަވައިގެ މައްޗަށް ރާއްޖެއިން ދުވަހަކުވެސް ސިޔާދަތީ ދައުވާއެއް ކޮށްފައި ނުވާ ކަމަށެވެ. ފަހުން ސިޔާދަތީ ދައުވާއެއް ނުކުރާނެ ވާހަކައެއް ނެތެވެ. އަދި ކުރަމުން އައި ސިޔާދަތީ ދައުވާއެއް ދޫކޮއްލި ކަމަކަށް ވެސް ނެތެވެ. މިހެން ބުނަން ނިންމި ނިންމުމަކީ ސޯލިހު ސަރުކާރުގެ ނިންމުމަކަށް ވިޔަސް، މިއަށްވުރެ ސީރިއަސްކޮށް ފާހަގަ ކުރަން ޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ.
އެއީ ސޯލިހުގެ އެ ނިންމުމަކީ ރާއްޖޭގެ ދާއިމީ ސިޔާސަތަކަށް ނުވާކަމެވެ. އޭގެ ފަހުން އައި ސަރުކާރުން ވަނީ 8 ނޮވެމްބަރު 2024 ގައި އިނގިރޭސިވިލާތުން ފޮއްޅަވައިގެ ސިޔާދަތު މޮރިޝަސްއާއި ހަވާލުކުރަން އުޅޭ އުޅުމަށް ރަސްމީކޮށް އިއުތިރާޒު ކޮށްފައެވެ. އަދި 18 ޖެނުއަރީ 2026 ގައި އަނެއްކާވެސް ދެވަނަ ފަހަރަށް ލިޔުމުން އިއުތިރާޒު ހުށަހެޅިއެވެ. ރައީސް މުހައްމަދު މުއިއްޒު ވަނީ 15 ޑިސެމްބަރު 2025 ގައި އިނގިރޭސި ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ޑޭވިޑް ލެމީއާ ބައްދަލު ކުރައްވައި ސީދާ މި މައްސަލަ ނަންގަވާފައެވެ. މިއީ ހަމައެކަނި ރާއްޖޭގެ ރައްޔިތުންނަށް ދެއްކި ވާހަކަތަކެއް ނޫނެވެ. މިއީ އެ ސަރަހައްދު ބަލަހައްޓާ ދައުލަތަށް ރަސްމީކޮށް ފޮނުވި މުއާމަލާތްތަކެވެ.
5 ފެބްރުއަރީ 2026 ގައި، ރައީސް މުއިއްޒު ވަނީ 22 އޮގަސްޓު 2022 ގައި ރައީސް ސޯލިހު ފޮނުއްވި ސިޓީ ރަސްމީކޮށް އަނބުރާ ގެންނަވައި، އެ ނިންމުން މޮރިޝަސްގެ ބޮޑުވަޒީރަށް އަންގަވާފައެވެ. މިކަމުގެ މުހިންމުކަން ހަމައެކަނި ސަރުކާރުގެ ސިޔާސަތު ބަދަލު ވުމަކަށްވުރެ ބޮޑެވެ. އިޓްލޮސްގެ މައްސަލައިގައި ކުރީގެ ސަރުކާރުން އަމަލުކުރި ގޮތް މުރާޖައާ ކުރުމަށްފަހު، ރައީސް ވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ނ) ގެ ދަށުން މިކަމާ ގުޅޭ ގައުމީ ތަހުގީގެއް ފައްޓަވާފައެވެ. ރައީސް އޮފީހުން ބުނެފައިވަނީ ސޯލިހުގެ ނިންމުމަކީ ރާއްޖޭގެ މަސްލަހަތަށް ގެއްލުންވާ ގޮތަށް ގެނައި "ކުއްލި ބަދަލެއް" ކަމަށެވެ.
ސިޓީ އަނބުރާ ގެނައުމުން ކުރީގެ ސިޓީގެ ސަބަބުން ކުރިމަތިވި ގާނޫނީ ނަތީޖާތައް ވަގުތުން ފުހެވިގެން ނުގޮސްފާނެއެވެ. ނަމަވެސް 2022 ގައި ނިންމި ނިންމުމަކީ، 1965 އިން ފެށިގެން "މެދުނުކެނޑި އޮތް ރުހުމެއް" ކަމަށް ބަލައެއް ނުގަނެވޭނެއެވެ. ރެކޯޑުތަކުން ފެންނަނީ އދ. ގައި ދެކޮޅު ހެދުމާއި، އިޓްލޮސްގައި ވަކާލާތު ކުރުމާއި، ސޯލިހުގެ ދައުރުގައި ސިޔާސަތު ބަދަލުވުމާއި، އޭގެ ފަހުން އަނެއްކާވެސް އިއުތިރާޒުކޮށް ސިޓީ ބާތިލުކުރުން ފަދަ ކަންކަމެވެ. މިއީ ދެބަސްވުން ހުރި އަދި އެކި ފަހަރު އެކި ގޮތަށް އަމަލުކޮށްފައިވާ ކަމުގެ ހެއްކެވެ. މިއީ އެއްވެސް ޙާލެއްގައި ހިމޭނުން އޮތް އޮތުމަކުން ރުހުން ދީގެން ތިބި ތިބުމެއް ނޫނެވެ.
އެސްޓޮޕެލް އަކީ ހަމައެކަނި ވަގުތު ފާއިތުވުމެއް ނޫން
'އެސްޓޮޕެލް' (ގާނޫނީ ގޮތުން ފަހުން ދެކޮޅު ނުހެދޭ ގޮތްވުން) ގައިވެސް، ރާއްޖޭގެ ދައުވާއާއި ދެކޮޅަށް ފަސޭހަ މަގެއް ނެތެވެ. "ބޮލީވިއާ ވާސަސް ޗިލީ" މައްސަލައިގައި އައި.ސީ.ޖޭ އިން ކަނޑައަޅާފައިވާ ގޮތުގައި، އެސްޓޮޕެލް އެއް ކަމަށް ސާބިތުވާނީ އެއް ދައުލަތުން ބަޔާނެއް ދިނުމާއި، އަނެއް ދައުލަތުން އެއަށް އިތުބާރު ކުރުމާއި، އޭގެ ސަބަބުން ފައިދާއެއް ނުވަތަ ގެއްލުމެއް ލިބުމުންނެވެ.
ފޮއްޅަވައިގެ މައްޗަށް ދިވެހިރާއްޖެއަށް އިހުއޮތް ސިޔާދަތު ނުވަތަ ތާރީޚީ މިލްކުވެރިކަން ދޫކޮށްލީ ރާއްޖޭގެ ކޮން ބަޔާނަކުން ހެއްޔެވެ؟ އެފަދަ ބަޔާނަކާ ގުޅުވައި، އެކަމަށް އިތުބާރު ކޮށްގެން އޮތީ ކޮންގައުމަކުން ހެއްޔެވެ؟ އެ ފަދަ ބަޔާނެއްގެ ސަބަބުން އިނގިރޭސިން ނުވަތަ މޮރިޝަސްއިން ނިންމީ ކޮން ނިންމުމެއް ހެއްޔެވެ؟ ފާއިތުވި ފަސްދޮޅަސް އަހަރަކުން މި ސުވާލުތަކަކަށް ޖަވާބެއް ނުލިބެއެވެ. އެކި ސަރުކާރުތަކުން ނުކުޅެދިފައިވާ، އިހުގެ ސިޔާދަތު ނުވަތަ ތާރީޚީ މިލްކުވެރިކަން އޮތްކަމުގެ ހެކި ހޯދައި ދައުވާއެއް ކުރުމަކީ، ސިޔާސީ ގޮތުން ދަތި ކަމަކަށް ވެދާނެއެވެ. ނަމަވެސް، އެއީ ގާނޫނީ ގޮތުން ހައްގު ދޫކޮށްލުން ކަމަކަށް ނުބެލެވޭނެއެވެ. ހަނދާން ނެތިފައިވާ ދައުވާއަކާއި، ގަސްތުގައި ދޫކޮށްލާފައިވާ ދައުވާއަކީ ތަފާތު ދެ ކަމެކެވެ. ހަމަ އެކަނި ކަލަންޑަރަކުން "އެސްޓޮޕެލް" އެއް އުފަން ނުކުރެވޭނެއެވެ.
ލެންކަސްޓާ ހައުސްގެ މައްސަލައަކީ ފޮއްޅަވައިގެ ގާނޫނީ ތާރީހުގައި "އެސްޓޮޕެލް" ސާބިތުވާ ގޮތުގެ މިސާލެކެވެ. 2015 ވަނަ އަހަރު ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންގެ ޓްރައިބިއުނަލުން ވަނީ އިނގިރޭސިވިލާތުން މޮރިޝަސްއަށް ވެފައިވާ އިގުރާރުތަކެއް ދެނެގަނެ، އެކަންކަމުގެ ގާނޫނީ ބާރުވެރިކަން ކަނޑައަޅައި، އިނގިރޭސިވިލާތަކީ އެކަންކަމަށް އިންކާރު ނުކުރެވޭނެ (estopped) ފަރާތެއް ކަމަށް ނިންމާފައެވެ. ނަމަވެސް، ރާއްޖެއިން ފޮއްޅަވައިގެ އިހު އޮތް ސިޔާދަތު ނުވަތަ ތާރީހީ މިލްކުވެރިކަން ދޫކޮށްލި ކަމަށް ބުނާނެ އެފަދަ އެއްވެސް ބަޔާނެއް ނުވަތަ އަމަލެއް، އަދި އެއަށް ބިނާކޮށް އިނގިރޭސިން ނުވަތަ މޮރިޝަސްއިން އަމަލުކުރި ގޮތެއް ދެނެގަނެވިފައެއް ނެތެވެ. ފާއިތުވި ދުވަސްތައް ގުނައިގެން، އެފަދަ "ބަޔާނެއްގެ މަގާމު" ފުރިހަމައެއް ނުކުރެވޭނެއެވެ.
ކީއްވެ މިހާރު؟ ފޮއްޅަވައިގެ ކުރިމަގުގެ ސިޔާދަތު އޮތީ ނުނިމި
މި ވަގުތާއި އަޅާބަލާ އިރު އެހެން ދުވަސްތައް ތަފާތުވަނީ ފޮއްޅަވައިގެ ސިޔާދަތީ މައްސަލައަކީ މިހާރު ހިނގަމުންދާ މައްސަލައަކަށް ވާތީއެވެ. އިނގިރޭސިވިލާތުން 2025 މެއި މަހު ސޮއިކުރި އެއްބަސްވުމަކީ ފޮއްޅަވައިގެ ސިޔާދަތު މޮރިޝަސްއަށް ދިނުމާ އެކު ފޯޅަވަހީގައި އޮތް އަސްކަރީ މަރުކަޒު ދެމެހެއްޓުމަށް އަމާޒުކޮށްފައިވާ އެއްބަސްވުމެކެވެ. އެ މަސައްކަތަށް ސިޔާސީ އަދި ގާނޫނީ ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. މި ދަނޑިވަޅުގައި ރާއްޖެއިން ވަނީ ރަސްމީކޮށް އެކަމާ ދެކޮޅު ހަދާފައެވެ. 27 ފެބްރުއަރީ 2026 ގައި މޮރިޝަސްއިން ރާއްޖެއާއެކު އޮތް ގުޅުން ކަނޑާލީވެސް ރާއްޖޭގެ މި އިއުތިރާޒުގެ ސަބަބުންނެވެ.
ހާރިޖީ ގުޅުން ކަނޑާލުމަކީ މުހިންމު ކަމެކެވެ. މިއީ މިހާރު ހަމައެކަނި ތާރީހީ ލިޔުންތަކާއި ޗާޓުތަކަކަށް ބިނާވާ ހަނި ބަހުސެއް ނޫނެވެ. ރާއްޖޭގެ މަގާމު މިހާރު ވަނީ ބައިނަލްއަގުވާމީ ގުޅުންތަކުގެ ތެރެއަށް ވަދެފައެވެ. މޮރިޝަސްއިން ވެސް ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ މި ނިންމުމަކީ ފޮއްޅަވައިގެ މައްސަލައިގެ ނަތީޖާ އަށް ބޮޑު އަސަރެއް ކުރާނެ ކަމެކެވެ. އެހެންކަމުން، ސުވާލަކީ ރާއްޖެ ކުއްލިއަކަށް ތާރީހަށް ޝައުގުވެރިވީ ކީއްވެގެންތޯއެއް ނޫނެވެ. ސުވާލަކީ ފޮއްޅަވައިގެ ކުރިމަގު ކަނޑައެޅޭ މިފަދަ ވަގުތެއްގައި ރާއްޖެ ހިމޭނުން އޮންނަންވީ ކީއްވެގެންތޯއެވެ؟
މީގެ އިތުރުން ކޮންމެހެންވެސް ރާއްޖެއިން ނަގަހައްޓަން ޖެހޭ މަސްލަހަތުތަކެއް ވެސް އެބަހުއްޓެވެ. ފޮއްޅަވައިގައި އޮތް އަސްކަރީ މަރުކަޒަކީ އިންޑިއާ ކަނޑުގެ ސަލާމަތަށް މުހިންމު ތަނެކެވެ. ރާއްޖެއަށް އެ އަސްކަރީ މަރުކަޒު އޮތުމުގެ މުހިންމުކަން ގަބޫލު ކުރަމާއި އެކުވެސް ސިޔާދަތީ ދައުވާ ކުރިއަށް ގެންދެވިދާނެއެވެ. އަދި ފޮއްޅަވައި ވަށައިގެންވާ ކަނޑުގެ ސަރަހައްދަކީ ރާއްޖޭގެ މަސްވެރިކަމާއި ތިމާވެށީގެ ރައްކާތެރިކަމާ ގުޅިފައިވާ ސަރަހައްދެކެވެ. މިއީ ހަމައެކަނި ސިޔާދަތު ބަދަލުވުމުން މަސްވެރިކަން ކުރާނެ ގޮތުގެ ސުވާލެއް ނޫނެވެ. މިއީ ރާއްޖޭގެ ދެކުނުގައި އޮތް މި ސަރަހައްދުގެ ތިމާވެށި ހިމާޔަތްކުރުމާއި ކަނޑުގެ ގާނޫނުތައް ތަންފީޒުކުރުމުގެ ދާއިމީ ބާރު އޮންނާނީ ކޮންބަޔަކަށްތޯ ކުރެވޭ ސުވާލެކެވެ.
ލެންކަސްޓާ ހައުސް އަކީ މިލްކުވެރިކަމުގެ ފެށުމެއް ނޫން
1965 ސެޕްޓެމްބަރުގެ ލެންކަސްޓާ ހައުސް (ބައްދަލުވުންތަކުގެ ޔައުމިއްޔާގައި ބުނާ) އެއްބަސްވުމަކީ ރާއްޖޭގެ ދައުވާއާ މެދު ކުރެވޭ ސީރިއަސް ސުވާލެކެވެ. އިނގިރޭސިވިލާތުން މޮރިޝަސްއަށް ވެފައިވާ އެއް ވައުދަކީ ދިފާއީ ބޭނުންތަކަށް ފޮއްޅަވައިގެ ރަށްތައް ބޭނުން ނުވާ ދުވަހަކުން އެ ރަށްތައް އަނބުރާ މޮރިޝަސްއާ ހަވާލުކުރުމެވެ. މީގެ އިތުރުން ބަދަލު ދިނުމާއި މަސްވެރިކަމުގެ ހައްގުތަކާ ގުޅޭ ކަންކަން ވެސް ހިމެނެއެވެ. 2015 ގެ ޕީސީއޭ ޓްރައިބިއުނަލުން ނިންމީ މިއީ އިނގިރޭސިންގެ މައްޗަށް ލާޒިމުވާ ކަންތައްތަކެއް ކަމަށެވެ. އަދި އައި.ސީ.ޖޭ އިން ވެސް ވަނީ މޮރިޝަސްގެ މަންދޫބުން އެކަމަށް އެއްބަސްވީ އެ ސަރަހައްދު އެހެން ބަޔަކަށް ނުދޭނެ ކަމަށާއި ފަހުން އަނބުރާ ދޭނެ ކަމުގެ ޝަރުތުގެ މަތީގައި ކަމަށް ބަޔާންކޮށްފައެވެ.
މި ހެކިތަކަކީ އާދައިގެ ހެކިތަކެއް ނޫނެވެ. ލެންކަސްޓާ ހައުސް އިން އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ގާނޫނީ ގުޅުމެއް އުފެއްދިއެވެ. އައި.ސީ.ޖޭ އިން ވަނީ 1965 ގައި ފޮއްޅަވައި ވަކިކުރި އިރު އެތަން އޮތީ "އަމިއްލަ އިޚުތިޔާރުގައި ވެރިކަން ކުރުމުގެ ޙައްގު ލިބިފައި ނުވާ ސަރަޙައްދެއް" ގެ ބައެއްގެ ގޮތުގައި ކަމަށް ނިންމާފައެވެ. އަދި އެތަން ވަކި ކުރީ ރައްޔިތުންގެ މިނިވަން އިހުތިޔާރާއެކު ނޫން ކަމަށެވެ. އެހެންކަމުން މޮރިޝަސްގެ "ޑިކޮލޮނައިޒޭޝަން" ފުރިހަމަވެފައި ނުވާ ކަމަށް ކަނޑައެޅިއެވެ.
ރާއްޖޭގެ ތާރީހީ މިލްކުވެރިކަން ނުވަތަ އިހުއޮތް ސިޔާދަތު ހޯދުމުގެ ދައުވާގައި މި ނިންމުންތަކާ ދެކޮޅު ހަދާކަށް ނުޖެހެއެވެ. ސުވާލަކީ 1965 ގައި ފޮއްޅަވައި އޮތީ މޮރިޝަސްގެ އިސްތިއުމާރީ ސަރަހައްދުގެ ތެރޭގައިތޯއެވެ؟ އައި.ސީ.ޖޭ އިން ވަނީ އެ ސުވާލަށް ޖަވާބު ދީފައެވެ. ނަމަވެސް، މީގެ ކުރިން އުފެދޭ ސުވާލަކީ، ފޮއްޅަވައި އެ އިސްތިއުމާރީ އޮނިގަނޑުގެ ތެރެއަށް ވަނުމުގެ ކުރިން އެތަނުގެ ސިޔާދަތު އޮތީ ކިހިނެއްތޯއެވެ؟ އަދި ރާއްޖޭގެ ތާރީހީ މިލްކުވެރިކަން ނުވަތަ އިހު އޮތް ސިޔާދަތު، ގާނޫނީ ގޮތުން ބާތިލުވީ ކޮން އިރަކު، ކިހިނެއްތޯއެވެ؟
މި ތަފާތަކީ ވަރަށް އަސާސީ ތަފާތެކެވެ. ލެންކަސްޓާ ހައުސްގައި ވާހަކަ ދެކެވުނީ 1965 ގައި އިނގިރޭސިން ސިޔާދަތީ ބާރު އޮތް ކަމަށް ދައުވާކުރި ސަރަހައްދަކާ މެދު އަމަލުކުރާނެ ގޮތެވެ. އެކަމަކު އެ ސިޔާދަތު އުފެދުނު ގޮތެއް އެ ވާހަކަތަކުގައި ބުނެދީފައެއް ނެތެވެ. ފަރަންސޭސިން ރާއްޖޭގެ އަތުން އެތަން އަތުލީ ކިހިނެއްތޯ ނުވަތަ އިނގިރޭސިންނަށް އެތަން ލިބުމުގެ ކުރިން ރާއްޖޭގެ ތާރީޚީ މިލްކުވެރިކަމުގެ ހައްގު ގެއްލުނީ ކިހިނެއްތޯ، ލެންކަސްޓާ ހައުސްގެ ވާހަކަތަކުގައި ނުބަލައެވެ. އެހެންކަމުން ލެންކަސްޓާ ހައުސްގެ އެއްބަސްވުމުން މޮރިޝަސްގެ މަގާމަށް ބާރު ލިބުނު ނަމަވެސް، އޭގެ ކުރީގެ ތާރީހީ ސުވާލުތައް ފުހެއެއް ނުލެވެއެވެ.
ފުރަތަމަ ތާރީހީ މިލްކުވެރިކަން ކަނޑައެޅުން
އިސްވެ ބަޔާން ކުރެވުނު ސަބަބުތަކަށްޓަކައި، މައްސަލައިގެ ތަރުތީބަށް ބެލުން މުހިންމެވެ. ލެންކަސްޓާ ހައުސް އެއްބަސްވުމާއި، އައި.ސީ.ޖޭ ގެ ނިންމުންތަކުގައި ރާއްޖޭގެ ތާރީހީ މިލްކުވެރިކަމާ މެދު ގޮތެއް ނުނިންމައެވެ. އެ މައްސަލަތައް ފެށެނީ ރާއްޖޭގެ ތާރީޚީ މިލްކުވެރިކަމު ދުވަސްތަކަށް ވުރެ އެތައް ގަރުނެއް ފަހުންނެވެ.
މުހިންމު ކަމަކީ، މިހާރު މި ދައުވާއަކީ ހަމައެކަނި ސަރުކާރުން ބޭރުގައި ކުރެވޭ ބަހުސަކަށް ނުވުމެވެ. 5 ފެބްރުއަރީ 2026 ގެ ބަޔާނުގައި ރައީސް އޮފީހުން ވަނީ ފޮއްޅަވައި އާއި ރާއްޖެއާ ހުރި ތާރީހީ ގުޅުންތަކުގެ ހެކިތަކަށް ރިއާޔަތް ކޮށްފައެވެ. އެ ބަޔާނުގައި ހާއްސަކޮށް ފާހަގަ ކޮށްފައި ވަނީ 16 ވަނަ ގަރުނުގެ ރަސްކަލެއްގެ ސިޓީއެކެވެ. އެ ސިޓީގައި ފޮއްޅަވައިގެ މައްޗަށް އެ ރަސްގެފާނުގެ ސިޔާދަތު އޮތް ކަމަށް (ބޭނުން ކުރައްވާފައިވަ ރަސްލަގަބުގައި) ބަޔާން ކޮށްފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.
މި ބަޔާނަކީ ރާއްޖޭގެ މިހާރުގެ އަމަލުތައް ހުރި ގޮތް ދައްކުވައިދޭ މުހިންމު ހެއްކެކެވެ. ނަމަވެސް ތާރީހީ ހަގީގަތް ސާބިތު ކުރުމަށް އެ ސިޓީ ދެނެގަނެ، އޭގެ ސައްހަކަން ކަށަވަރުކޮށް، އޭގައިވާ ބަސްމަގު މާނަކުރަން ޖެހެއެވެ. އެ ފަތްކޮޅުގައި ބޭނުން ކޮށްފައިވާ ޖިއޮގްރަފީގެ ބަސްމަގު، އެ ދުވަސްވަރުގެ ރެކޯޑުތަކާއި، ޗާޓުތަކާ، އަޅާކިޔައި ޓެސްޓުކުރަން ޖެހެއެވެ. އަދި އޭރުގެ އާދަކާދައާއި ތާރީހީ މާހައުލަށް ރިއާޔަތްކޮށް، ރަސްކަލުން ބޭނުން ކުރެއްވި ލަގަބުތަކާއި އިއުލާންތަކުގެ ގާނޫނީ ބުރަދަން ވަޒަންކުރަން ޖެހެއެވެ. މިއަދުގެ ރިޔާސީ ބަޔާނެއްގައި ބުނުމަކުން އެކަނި، އެފަދަ ހެކިތަކުން ގާނޫނުގެ ކުރިމަތީގައި އަދާ ކުރަން ޖެހޭ ތާރީހީ ހެކީގެ ރޯލު ފުރިހަމައެއް ނުކުރެވޭނެއެވެ.
އެހެންކަމުން ގާނޫނީ ތަހުގީގު ދާންޖެހެނީ މާ ފަހަތަށެވެ. ތާރީހީ ރެކޯޑުތަކުން ރާއްޖޭގެ މިލްކުވެރިކަން ސާބިތުވާނަމަ، ފަރަންސޭސިން ފޮއްޅަވައި އަތުލީ ކޮން ގާނޫނީ އުސޫލަކުން ހެއްޔެވެ؟ އެއީ ހަނގުރާމައަކުން ހޯދި ތަނެއް ހެއްޔެވެ؟ ނުވަތަ އެއީ އެއްވެސް ބައެއްގެ މިލްކުވެރިކަމެއް ނެތް ތަނެއް (terra nullius) ކަމަށް ބަލައި ހިފި ތަނެއް ހެއްޔެވެ؟ ނުވަތަ ރާއްޖެއިން އެތަން ދިނީ ހެއްޔެވެ؟ 1814 ވަނަ އަހަރު އިނގިރޭސިން ފަރަންސޭސިންގެ އަތުން ހޯދީ ކޮން ހައްގުތަކެއް ހެއްޔެވެ؟ މި ސުވާލުތަކަށް ޖަވާބު ލިބުމުން ނޫނީ، މޮރިޝަސްއާއެކު ފަހުން އުފެދުނު އިދާރީ ގުޅުމާއި ލެންކަސްޓާ ހައުސްގެ އެއްބަސްވުމަށް މިލްކުވެރިކަމުގެ ސިލްސިލާގައި ރަނގަޅު މަގާމެއް ނުދެވޭނެއެވެ.
އައި.ސީ.ޖޭ ގެ 2019 ގެ ލަފަޔަކީ އެ ކޯޓަށް ހުށަހެޅުނު އިސްތިއުމާރުން މިނިވަންވުމުގެ ސުވާލަށް ދިން ފުރިހަމަ ޖަވާބެކެވެ. ކޯޓުން ނިންމީ "މޮރިޝަސްއިން" (އަމިއްލަ އިޚުތިޔާރުގައި ވެރިކަން ކުރުމުގެ ޙައްޤު ނެތް ސަރަޙައްދުތަކުގެ ދަފުތަރުގައި އޮތް ސަރަހައްދަކުން) ބައެއް، މުޅި ސަރަހައްދު މިނިވަން ކުރުމުގެ ކުރިން، ވަކިކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ. އަދި މޮރިޝަސް މިނިވަން ކުރުމުގެ މަރުހަލާ ފުރިހަމަ ނުވާ ކަމަށެވެ. ނަމަވެސް، ވިލާތުގެ ގައުމުތަކުން އެތަން ހިފުމުގެ ކުރިން ރާއްޖޭގެ ސިޔާދަތީ ދައުވާއެއް އޮތްތޯ އެ ކޯޓަކުން ނުބަލައެވެ. ކޯޓަށް އިހުތިރާމް ކުރުމަކީ މި ދެ ކަންތައް ވެސް ގަބޫލުކުރުމެވެ.
އެހެންކަމުން "ފަސްދޮޅަސް އަހަރުވީ އިއުތިރާޒު" ފެށެނީ ނުބައި ކޮޅުންނެވެ. ފުރަތަމަ މިލްކުވެރިކަން ކަށަވަރުކުރާށެވެ. އޭގެ ފަހުން އެ މިލްކުވެރިކަމަށް ވީގޮތެއް ބަލާށެވެ. ހިމޭނުން އޮތުމާއި، ރުހުން ދިނުމާއި، ދައުވާ ދޫކޮށްލުމާއި އަދި 'އެސްޓޮޕެލް' ގެ ބުރަދަން ރަނގަޅަށް ވަޒަންކުރެވޭނީ އޭގެ ފަހުންނެވެ. ހިމޭނުން އޮތް ކަމީ ފެންނަން އޮތް ހެއްކަކަށް ވެދާނެއެވެ. އަދި އެކަށީގެންވާ ހާލަތްތަކުގައި އެއީ ރުހުން ދިނުން ކަމަށް ވެސް ބެލެވިދާނެއެވެ. ނަމަވެސް ބައިނަލްއަގުވާމީ ގާނޫނުގައި އޮތް މި ދެންނެވި އަސާސީ ސުވާލުން ރެކިއެއް ނުގަނެވޭނެއެވެ. އެންމެ ފުރަތަ އޮތީ ކޮން ބައެއްގެ މިލްކުވެރިކަމެއް ހެއްޔެވެ؟ އެއަށްފަހު އެ މިލްކުވެރިކަން ގެއްލުނީ، ކޮން އިރަކު، ކިހިނެއް ހެއްޔެވެ؟ ފަސްދޮޅަސް އަހަރު ދުވަހު ހިމޭނުން އޮތް ކަމުގެ ހެކި ދެއްކި ދާނެއެވެ. ނަމަވެސް އެއީ އަމާންދިން ކަމުގެ ސޮޔެއް ކަމުގައި ނުދެއްކޭނެވެ. (ނިމުނީ)
ރިފަރެންސްތައް

British Indian Ocean Territory Order 1965, SI 1965/1920, ss 3–4.
Constitution of Mauritius 1968, s 111; Interpretation and General Clauses legislation, as amended in 1982.
United Nations General Assembly, Resolution 66(I), Transmission of Information under Article 73(e) of the Charter, 14 December 1946.
United Nations General Assembly, Resolution 71/292, Request for an Advisory Opinion of the International Court of Justice on the Legal Consequences of the Separation of the Chagos Archipelago from Mauritius in 1965, 22 June 2017.
United Nations General Assembly, Resolution 73/295, Advisory Opinion of the International Court of Justice on the Legal Consequences of the Separation of the Chagos Archipelago from Mauritius in 1965, 22 May 2019.
Sovereignty over Pedra Branca/Pulau Batu Puteh, Middle Rocks and South Ledge (Malaysia/Singapore), Judgment, ICJ Reports 2008, paras 121–122.
Obligation to Negotiate Access to the Pacific Ocean (Bolivia v Chile), Judgment, ICJ Reports 2018, para 158.
Legal Consequences of the Separation of the Chagos Archipelago from Mauritius in 1965, Advisory Opinion, ICJ Reports 2019, particularly paras 108–112, 170–174.
Chagos Marine Protected Area Arbitration (Mauritius v United Kingdom), Award, 18 March 2015, Reports of International Arbitral Awards, vol XXXI, particularly para 448.
Dispute concerning Delimitation of the Maritime Boundary between Mauritius and Maldives in the Indian Ocean (Mauritius/Maldives), Preliminary Objections, Judgment of 28 January 2021.
Agreement between the Government of the United Kingdom and the Government of the Republic of Mauritius concerning the Chagos Archipelago including Diego Garcia, signed 22 May 2025.
President's Office, Republic of Maldives, ‘President withdraws 2022 letter issued by former administration on the Government's Position on Chagos Archipelago Advisory Opinion of ICJ’, Ref 2026-065, 5 February 2026.
President's Office, Republic of Maldives, Presidential Address 2026, 5 February 2026.
Ministry of Foreign Affairs, Regional Integration and International Trade, Republic of Mauritius, Statement on the Suspension of Diplomatic Relations with the Republic of Maldives, 27 February 2026.