ޕެން ފޯ ރައިޓްސް، ދިވެހިރާއްޖެ
މުސައްނިފުގެ ނޯޓް
މި ލިޔުމަކީ ޕެން ފޯ ރައިޓްސްގެ ދިރާސާ ކަރުދާސް "ރެންޖެލްސް އައިލެންޑް އެންޑް ދަ މިސިން ހޮރައިޒަން" (މުރާޖަޢާކުރެވުނު ނުސްޚާ، 27 އޮކްޓޫބަރު 2026) އާއި ގުޅުވައިގެން ލިޔާ ލިޔުމެއް ކަމަށްވާތީ، މި ލިޔުން ކިޔުމަށް ބޮޑަށް އެދެވިގެން ވަނީ އެ ކަރުދާހާއި އެކުގައެވެ. މި ލިޔުން ބިނާކޮށްފައި ވަނީ، މި ކާރިސާއާއި ގުޅޭގޮތުން ލިޔެފައިވާ 1735 ވަނަ އަހަރުގެ ލިޔުމާއި، އަދި ނައު ޣަރަގުވުމާއި ބެހޭގޮތުން ފެންނަން ހުރި އެންމެ ކުރީގެ ރިޕޯޓުތަކުގެ މައްޗަށެވެ. ކަށަވަރުވާ އަދި ކަށަވަރުނުވާ ކަންކަމާ ބެހޭ ބަޔާންތަކަކީ، ލިޔުމުގެ ފަހަތުގައިވާ މަސްދަރުތަކަށް ބަލައިގެން ކޮށްފައިވާ ބަޔާންތަކެވެ. މި ލިޔުމުގައި އިނގިރޭސި ލަފުޒު "ހައިޑްރޮގްރަފީ" ގެ ބަދަލުގައި ދިވެހި ބަހަކަށް ބޭނުން ކޮށްފައިވާނީ ޑރ. ޙަސަން ހަމީދުގެ އިނގިރޭސި – ދިވެހި ބަސްފޮތުގައި ވާ ގޮތަށް "ހައިޑްރޮގްރެފި" އެވެ.
ފެށުން
މީލާދީން 1555 ވަނަ އަހަރުގެ އޮގަސްޓު މަހުން 22 ގައި، ޕޯޗުގީޒުންގެ ބޮޑު ނަވެއް ކަމަށްވާ ކޮންސެއިސާއޯ، މަޑަގަސްކަރައިގެ އިރުމަތިން އިންޑިއާއަށް ދަތުރުކުރަމުން ދަނިކޮށް ފަރަކަށް އުރި ޣަރަގުވެއްޖެއެވެ. ލޮލަށް ފެންނަ ފަށުގައި ސަލާމަތުގެ އައްސޭރިއަކަށް ހިކިފަސް ތަނަކަށް އޮތީ ކުޑަކުޑަ، ތިރި، ރަށެއް ނުވަތަ ފުއްޓެކެވެ. އެ ރަށަށް އަރަން އުޅުމުގެ ތެރޭގައި ރަސްގެފާނުގެ މުދަލާއި ހަވާލުވެގެން ނަވުގައި ހުރި މީހާ (ފެކްޓަރު) ގެނބިގެން މަރުވެއްޖެއެވެ. އެއީ މި ކާރިސާގެ ފުރަތަމަ މަރެވެ. މި ކުޑަކުޑަ ރަށުގައި ހައްޔަރުވެފައި ތިބޭތާ ހަފްތާތަކެއް ފަހުން، މީގެ ތެރެއިން ސާޅީސް މީހުން، ހަލާކުވެފައިވާ ނަވުގެ ބައިތަކުން ހެދި އުޅަނދެއްގައި އިންޑިއާއަށް ފުރައިގެން ހިނގައްޖެއެވެ. ބާކީ ތިބި މީހުންގެ ތެރެއިން ގިނަބަޔަކު ޖެހިގެން އައި ހަތް މަސް ދުވަހުގެ ތެރޭގައި މަރުވިއެވެ. އެންމެ ފަހުން ދިރިތިބި މީހުން މާސިންގާ ކަނޑުގައި މަރާ ދެކޮޅަށް ހަނގުރާމަ ކުރަމުން ގޮސް، އޭގެ ތެރެއިން ބާރަ މީހުންނަށް އިންޑިއާގެ މަލަބާރު އައްސޭރީގެ ކޮޗިނަށް ދެވުނެވެ. ފަހުގެ ލިޔުންތެރިން މި ކާރިސާ ހިނގިކަމަށް ބަޔާންކުރަނީ، ފޮއްޅަވައިގެ އަތޮޅެއް ކަމަށްވާ ޕެރޯސް ބަންހޯސް ނުވަތަ ކުރީ ޒަމާނުގައި ދިވެހިރާއްޖޭގެ ކަންދޫ އަތޮޅު ގައެވެ. 2021 ވަނަ އަހަރުގެ އޮކްޓޫބަރުގައި، މޮރިޝަސްގެ ވަކީލު، ފިލިޕް ސޭންޑްސް ދެއްވި ވައިޓްހޯލް ލެކްޗަރުގައި، އޭނާ މި ވާހަކަ ކިޔައިދެއްވީ ކަނޑައެޅި ސާބިތުވެފައިވާ ޙަޤީޤަތަކަށް ހައްދަވައިގެންނެވެ.

މިކަމުގައި އޮތް އެންމެ ބޮޑު މައްސަލަޔަކީ، ސޯޅަވަނަ ޤަރުނުގެ ރިކޯޑުތަކާއި ޗާޓުތަކުގައި، އިންޑިއާ ކަނޑުގެ ޖަޒީރާތައް ފާހަގަ ކޮށްފައި ހުންނަނީ މައިގަނޑު ތަފާތު ދެ ސަރަހައްދެއްގައެވެ. ޕެރޯ ދޮސް ބަންހޯސް (Pêro dos Banhos) ނަން ކިޔާފަވާ ފަރުތައް ސޯޅަވަނަ ގަރުނުގެ މެދުތެރެއިން ފެށިގެން ޕޯޗުގީޒު ރޮޓެއިރޯތަކާއި ނިޔަމިފޮތްތަކުގައި ފެންނަން ހުރެއެވެ. އެ ޒަމާނުގެ ޗާޓުތަކުން އެ ފަރުތައް ފެންނަނީ ވަރަށް ބޮޑުތަނުން ދިވެހިރާއްޖޭގެ ހުޅަނގުގައި ވަނި ކޮށެވެ. އެއީ މަޑަގަސްކަރައިގެ އިރުމައްޗަށް ވާ މަސްކަރީން ރަށްތަކުގެ ތެރޭގައި، ނުވަތަ ދިވެހިރާއްޖޭގެ އުތުރު ސަރަހައްދުގެ ހުޅަނގު ފަރާތުގައެވެ. މި ކަރުދާހުގައި ދިރާސާކުރެވުނު ހުރިހާ ޗާޓެއްގައި، މިހާރު ޕެރޯސް ބަންހޯސް ކަމަށް ކިޔާ އަތޮޅު އޮތީ، ޕޯޗުގީޒުން ދިވެހިރާއްޖޭގެ ކަންދޫ އަތޮޅު (Candú) ކުރަހާފައިވާ ތަނުގައެވެ. ޕޯޗުގީޒު ތާރީޚު ލިޔުންތެރިޔާ، ޔޮއާއޯ ދި ބާޣޫސް ނުވަތަ ބާރޮސް، 1563 ވަނަ އަހަރު "ކަންޑޫ" ބަޔާން ކުރައްވާފައި ވަނީ ދެކުނުން ހަތް ދަރަޖައާއި ހަމައަށް ދެމިފައިވާ ދިވެހިރާއްޖޭގެ އެންމެދެކުނުގައި ހިމެނޭ ބައެއްގެ ގޮތުގައެވެ. މީލާދީން 1502 އިން 1851 އާއި ދެމެދު ޝާއިޢުކޮށްފައިވާ ޗާޓުތަކުގެ ތެރެއިން ދިރާސާކުރެވުނު އެއްވެސް ޗާޓެއްގައި ޕެރޯ ދޮސް ބަންހޯސްގެ ނަން ރާއްޖޭގެ ދެކުނުގައި ޖަހާފައެއް ނުވެއެވެ. އެހެންކަމުން ސުވާލަކީ ކޮންސެއިސާއޯ އަކީ ޕޯޗުގީޒު ނަވެއްތޯއެއް ނޫނެވެ. ސުވާލަކީ ޕެރޯ ދޮސް ބަންހޯސްގެ ނަން ކަންދޫ އަތޮޅުގައި ފުރަތަމަ ޖަހާފައިވަނީ ކާކު، ކޮން އިރަކު، ކޮން ހެއްކަކަށް ބިނާކޮށްފައިތޯއެވެ؟ އަދި ނައު ޣަރަގުވި ތަން ވެސް އެ ނަމާއި އެކު ދަތުރުކޮށްފައި ދިވެހިރާއްޖޭގެ ކަންދޫ އަތޮޅަށް ދިޔައީތޯއެވެ؟
ކާރިސާއާއި ބެހޭ ލިޔުމާއި، ކާރިސާ ހިނގި ތަނުގެ ނަން
މި ކާރިސާ ހިނގި އިރު ނަވުގައި ދަތުރުކުރި ފަރާތެއްގެ ބަޔާނެއްގެ ގޮތުގައި މިހާތަނަށް ދެނެގަނެވިފައިވާ، ހަމައެކަނި ލިޔުމަކީ މަނޮއެލް ރަންޖެލް (ޕޯޗުގިޒުން ކިޔާ ގޮތަށް ނަމަ ހަންޖޭލް) ލިޔެފައިވާ ވާހަކައެވެ. މި ވާހަކަ އެންމެ ފުރަތަމަ ލިޔެވުނީ 1735 ވަނަ އަހަރު ބެރްނާޑޫ ގޯމިސް ދި ބްރިޓޯ "އިސްތޯރިޔާ ތްރާޖިކް މަރީޗިމަ" ގެ ނަމުގައި ޝާއިއު ކުރި ނުސްޚާގެ ފުރަތަމަ ވޮލިއުމްގައެވެ. ރަންޖެލްގެ މި ބަޔާނުގެ އަތުލިޔުމެއް ނުވަތަ މީގެ ކުރީގެ ޗާޕެއް ފެނިފައެއް ނުވެއެވެ. 1735 ވަނަ އަހަރުގެ ލިޔުމުގައި، ނައު އުރުނު ފަރަށް ނަންދީފައި ވަނީ ޕެރޯ ދޮސް ބަންހޯސްގެ ފަރުތަކުގެ ނަމުންނެވެ (ޞަފްޙާ 169). އެ ލިޔުމުގައި ނައު އުރުނު ތަނުގެ ޚައްޠު ޠޫލު ނުވަތަ ލޮންޖިޓިއުޑް ބަޔާން ކޮށްފައެއް ނުވެއެވެ. އެލިޔުމުގައި ކާރިސާ ހިނގި ތާރީޚު ކަމުގައި ބުނެފައިވަނީ 1555 ވަނަ އަހަރުގެ އޮގަސްޓު މަހުން 22 ވަނަ ދުވަސް ކަމުގައެވެ. މި ތާރީޚަށް ބާރުލިބެނީ، ރަންޖެލް ލިޔެފައިވާ ޢިބާރާތުންނެވެ. އެ ޢިބާރާތުގައި ބުނަނީ އޮގަސްޓު 21 ވީ ބުދަ ދުވަހު ނައު ހުރީ ޚައްޠު ޢަރުޟުން ހަ ދަރަޖައިގާ ކަމަށާއި، ނައު ފަރަށް އުރުނީ އެރޭގެ ފަތިހުގައި ކަމަށެވެ (ޞަފްޙާ 172 އިން 177). ރަންޖެލްގެ ލިޔުމުގައި، އެއްވެސް ޙާލެއްގައި ދިވެހިރާއްޖޭގެ ފޮއްޅަވައިގާ އޮންނަ ކަންޑޫ ނުވަތަ ކަންދޫ އަތޮޅުގެ ނަންގަނެފައެއް ނުވެއެވެ.
ނައު ޣަރަގު ވުމާ ބެހޭ އެންމެ ކުރީގެ ރިޕޯޓުތަކަކީ، 1555 އާއި 1556 އާއި ދެމެދު ގޯއާ، ބަސީން އަދި ކޮޗިންގައި ތިބި، ސޮސައިޓީ އޮފް ޖީސަސްގެ ޖެސުއިޓް ފާދިރީން ، ސަލާމަތްވި މީހުން ބުނި ވާހަކަތަކަށް ބިނާކޮށް ލިޔުނު ސިޓީތަކެވެ. މި ސިޓީތައް ޝާއިޢު ކުރެވިފައިވަނީ "ޑޮކޫމެންޓާ އިންޑިކާ" ގެ ތިންވަނަ ވޮލިއުމްގައެވެ. ނަމަވެސް އޭގެ އެއްވެސް ސިޓީއެއްގައި ނައު ބަންޑުންވި ތަނުގެ ނަމެއް ނެތެވެ. 1555 ވަނަ އަހަރުގެ ނޮވެމްބަރުން 12 ގައި ޔެރޮނިމޯ ދެ ކުއެންކާ ލިޔުއްވި ސިޓީގައި، ނައު އުރުނު ހިސާބު ކެޕްޓަނާއި އެކު ދިޔަ ބަޔަކާ ހަވަލާދީ ލިޔެފައިވެއެވެ. އެ ސިޓީގައި ބުނެފައިވަނީ ނައު އުރުނު ހިސާބަކީ އީކުއޭޓަރުން ދަށަށް ފަސް ދަރަޖައިގެ ދެކުނު ކަމުގައެވެ. އަދި އެއީ ގޯއާއިން ފެށިގެން ޚައްޠު ޢަރުޟުން އެކާވީސް ދަރަޖައިގެ ދުރުމިނެވެ. އެ ދަތުރުގެ މިސްރާބުހިފި ރާސްތާގެ ދުރުމިން ބަލާފައިވަނީ ޚައްޠު ޢަރުޟުގެ ކޮންމެ ދަރަޖައަކަށް ގާތްގަނޑަކަށް ފަންސަވީސް ލީގު ކަމުގައި ބަލައިގެން ކަމަށްވެސް އޭނާ ލިޔެފައިވެއެވެ. މި އަދަދަކީ އެދުވަސްވަރު ޕޯޗުގީޒުން އިރުއުތުރަށް ދަތުރުކުރާ އިރު ނިޔަމިހިސާބު ވިޔަކުރުމުގައި ބޭނުންކުރާ މިންގަނޑެވެ. އެހެން ކަމުން އޭނާ ދީފައިވާ ޢަދަދުތައް ވިޔަކުރުމުން ލިބޭ ނަތީޖާއަކީ ގާތްގަނޑަކަށް 525 ލީގުގެ ދުރުމިނެވެ. މި އަދަދު ވިޔަކޮށްފައި ވަނީ ޚައްޠު ޢަރުޟުން އޭނާއަށް ލަފާކުރެވުނު ދަރަޖަ އާއި ހީކުރެވުނު މިސްރާބަށް ބުރަވެ ކަމަށްވާތީ، މިއީ އެއްވެސް މީހަކު ސީދާ މިންއަޅައިގެން ބަލާ ކަށަވަރު ކުރި ދުރުމިނެއް ނޫނެވެ.
މިނޫން އެހެން ސިޓީތަކުގައި ދުރުމިނާއި މެދު ތަޢާރުޒުވުމެއް ނެތަސް، އެނޫން ކަންކަމުގައި ތަޢާރުޒުވެއެވެ. އެންތޯނިއޯ ޖި ކުއާދްރޮސް އާއި މިލްކިއޯރ ކަރުނީރޯ ފޮނުވި ސިޓީތަކުގައި ބުނަނީ ނައު އުރުނީ ގޯއާއިން ފެށިގެން ގާތްގަނޑަކަށް ފަސްސަތޭކަ ލީގު ދުރުގައި އޮތް ފަރަކަށެވެ. މާރުކޮސް ނޫނީސް ވެސް ލިޔެފައިވަނީ ހަމަ އެ އަދަދެވެ. އައިރިސް ބްރެންދެއޯ ލިޔެފައިވަނީ އެ ފަރުގައި އޮތް ރަށަކީ އިންޑިއާގެ އައްސޭރިފަށާއި ފަސްސަތޭކަ ލީގު ދުރުގައިވާ ތަނެކެވެ. އަދި އިތުރަށް އޭނާ ބަޔާންކޮށްފައި ވަނީ، އެ ރަށަކީ ރަށުގެ އެއްފަރާތުގައި ހުރެ ގަލެއް އެއްލުމުން އަނެއް ފަރާތަށް ފޯރާހާ ކުޑަކުޑަ ރަށެކެވެ. ކުރިން ބުނެވުނު ކަރުނީރޯ ލިޔެފައިވަނީ ރަށުގެ ބޮޑުމިނުގައި ހުންނާނީ ވަށައިގެން ގާތްގަނޑަކަށް ތިންހާސް ފިޔަވަޅުގެ މިންވަރެވެ. މައިކަލް ބަރޫ ނަވުގެ ފަޅުވެރިއެއް ބުނި ވާހަކައަކަށް ހަވަލާދީ ލިޔެފައިވަނީ، އެރަށަކީ ދިވެހިރާއްޖެއާ ގާތުގައި އޮތް ވަރަށް ކުޑަ ދޮންވެލި ފިނޮޅެކެވެ. ދިވެހިރާއްޖެ އޮންނަނީ ގޯއާއާއި ފަސްސަތޭކަ ލީގަށް ވުރެ މާ ބޮޑަށް ގާތުގައި ކަމަށްވާތީ، އެ ދުރުމިން އެހެން ސިޓީތަކުގައި ބުނެފައިވާ ދުރުމިނާއި ތަޢާރުޒުވެއެވެ.
އޭގެ ފަހުގެ ތާރީޚު ލިޔުންތެރިން ކަމަށްވާ ފްރާންސިސްކޮ ޖި އަންދްރާދާގެ (1613 ގެ ޗާޕުގަ) އާއި ޖިއޯގް ދު ކޯތުގެ (1616 ގެ ފުރަތަމަ ޗާޕުގަ)، ދެ ބޭފުޅުން ވެސް ނައު އުރުނު ތަނުގެ ނަމަކަށް ޕެރޯ ދޮސް ބަންހޯސްގެ ނަން ޖަހައި، އެތަން އޮތީ ދެކުނުން ހަތް ދަރަޖައިގާ ކަމަށް ބުނެފައިވެއެވެ. އަންދްރާދާ ބަޔާންކޮށްފައި ވަނީ، އެ ރަށަކީ ގިނަ މަހާއި ވަރަށް ރަނގަޅު ފެން ހުރި ރަށެއް ކަމަށެވެ. ކޯތުގެ ފޮތުގައި ބުނެފައިވަނީ ނައު އުރުނު ރަށުގައި ގިނަ ފެނާއި، ކާއްޓާއި މަސް ލިބެން ހުރިކަމަށެވެ. މި ދެ ލިޔުންތެރިން ސިފަކޮށްފައިވާ ދެރަށުން ކުރެ ރަށެއްވެސް ކާރިސާ ލޮލުން ދެކިފައިވާ ރަންޖެލް ބަޔާންކުރި ރަށާ ދިމައެއް ނުވެއެވެ. އޭގެ ފަހުން މުޅިން ވަކިން ޝާއިޢު ކުރެވުނު ޗާޕެއްގައި ހިމެނޭ ކުރު ޖެސުއިޓް ވާހަކައެއްގައި އަންދްރާދާއާއި ކޯތުގެ ލިޔުންތަކަށް ޙަވާލާދީފައިވެއެވެ. އެހެންކަމުން އެ ކުރު ޖެސުއިޓް ވާހަކަ ލިޔެވިފައިވާނީ 1613 ވަނަ އަހަރަށް ވުރެ މާ ފަހުންނެވެ. އެއީ ކާރިސާ ހަމަލޮލުން ދުށް މީހެއްގެ އިތުރު ބަޔާނެއް ނޫނެވެ.
ނައު އުރުނު ތަނުގެ ނަމާއި މިޒަމާނުގެ ޕެރޯސް ބެންހޯސް ނުވަތަ ދިވެހިރައްޖޭގެ ކަންދޫ އަތޮޅާއި، އެއްވެސް ޖެހިލުމެއް ނެތި އެންމެ ސާފުކޮށް ގުޅުވާފައި ވަނީ 1940 ވަނަ އަހަރުއެވެ. އެ އަހަރު އަބޭލް ފޮންތޫރަ ދަ ކޯސްތަ، ޕޯޗުގީޒު މާލިމީން ކަމުގައިވާ މަނުއެލް މޮންތެއިރޯ އާއި ގަސްޕާ ފެހެއިރަ ހެއިމޯ، 1600 ވަނަ އަހަރު ލިސްބަނުގައި އެކުލަވާލި ނިޔަމި ފޮތެއް އެޑިޓްކުރެއްވިއެވެ. އަބޭލް އެޑިޓް ކުރެއްވި ނުސްޚާއަށް އިތުރު ކުރައްވާފައިވާ ނޯޓެއްގައި، އެ ފޮތުގައި ބުނާ "ޕެދްރޯ ޖި ބާނޮސް" އަކީ އިނގިރޭސިން މިހާރު ޕެރޯސް ބަންހޯސް އޭ ކިޔާ ރަށްތަކާއި ފަރުތައް ކަމަށް ބުނެފައިވެއެވެ. އެ ނޯޓަކީ ނައު ޣަރަގުވިތާ ގާތްގަނޑަކަށް ހަތަރު ޤަރްނު ފަހުން އެޑިޓަރަކު ލިޔެފައިވާ އޭނާގެ އަމިއްލަ ޝަރަޙައެކެވެ.
ތަނެއް ނެތި، ދަރަޖައެއް
ރަންޖެލް (ޞަފްޙާ 172)، ބުނެފައިވާ ގޮތުގައި، ނައު އުރުނު ދުވަހުގެ ކުރީ ދުވަހު، އޮގަސްޓު 21 ގައި، އެ ނައު ދަތުރު ކުރަމުން އައީ އީކުއޭޓަރުން ދެކުނުގައި ޚައްޠު ޢަރުޟުން ހަ ދަރަޖައިގައެވެ. އޭނާ ބަޔާން ކޮށްފަވާ ދަތުރުގެ މައްޗަށް ބުރަވެ އެންމެ ރަނގަޅަށް ބުނެވޭނީ އެއީ ގާތްގަނޑަކަށް ދެކުނުން ހަ ދަރަޖަ ކަމުގައެވެ. އެ ދަރަޖަ ބުނަން އެގުނީ އިރަށް ބަލައިގެންތޯ ނުވަތަ ވިޔަ ކޮށްގެންތޯ އޭނާ ބަޔާނެއް ނުކުރެއެވެ. އަދި ޚައްޠު ޠޫލުން ނައު ދަތުރު ކުރަމުން އައި ހިސާބުވެސް ބުނެފައި ނުވެއެވެ. ޚައްޠު ޠޫލެއް ނެތި ޚައްޠު ޢަރުޟެއް ދިނުމުން، އެ ބަޔާންކުރެވެނީ ހަމައެކަނި ކަނޑު ހުރަސްކޮށް ދާ ރޮނގެކެވެ. އެއީ ކަނޑުގެ ވަކި ނުކުތާއެއް ނޫނެވެ. މި ލިޔުމުގައި ރަންޖެލް ދީފައިވާ ހަ ދަރަޖައިގެ ރޮނގުގެ ދެފަރާތުން ކޮންމެ ފަރާތަކަށް ދެ ދަރަޖަ އިތުރު ކޮށްގެން ބަލާފައިވަނީ، ރަންޖެލްގެ ސިފަކުރުމާއި ދިމާވާ ކުޑަކުޑަ ރަށެއް ފެނޭތޯ ހޯދާބަލާނެ ސަރަހައްދެއް ކަނޑައެޅުމަށްޓަކައި އެކަންޏެވެ.
އާދެ! ދެކުނުން ހަތަރު ދަރަޖައާއި އަށް ދަރަޖައާއި ދެމެދުގެ ބަންދުގައި ހިމެނޭ ސަރަޙައްދު މުޅި ކަނޑު ހުރަސްކޮށް ދެއެވެ. އެފްރިކާގެ އައްސޭރި ފަށުން ޕެމްބާ، ޒަންޒިބާރު އަދި ދާރުއްސަލާމް އެ ބަންދުގެ ތެރެއަށް ވަދެއެވެ. މަޑަގަސްކަރައިގެ އިރުމަތިން އެ ބަންދުގެ ތެރޭގައި ސޭޝެލްސާއި، މަސްކަރީން ސަރަހައްދުގެ ތިރި ރަށްތަކާއި ތިލަ ފަޅުތަކާއި، އަދި ފޮއްޅަވައިގެ ރަށްތައް ވެސް ހުރަސްކޮށް ދެއެވެ. އިރުމަތީ ފަރާތުން ސުމާތުރާއާއި ޖާވާއާ ދެމެދު ސުންޑާ ސްޓްރެއިޓާ ހަމައަށް މި ބަންދުގައި ހިމެނޭ ސަރަޙައްދު ދެމިފައި ވެއެވެ. ހަމައެކަނި ޚައްޠު ޢަރުޟުން ބަލައިގެން، ނައު ޣަރަގުވި ހިސާބަކީ ފޮއްޅަވައި ކަމުގައި ނުވަތަ ނޫންކަމުގައިވެސް ކަނޑައެޅޭކަށް ނެތެވެ. މި ސުވާލުގައި އެކުލެވޭ މައްސަލަ ހައްލުކުރަންވާނީ ނަމުންނާއި، ޗާޓުތަކުންނާއި، ރަންޖެލް ދުށް ތަކެއްޗާއި ތަންތަނަށް ބަލައިގެން ލިބެން ހުރި ހެކިތަކަށް ބުރަވެގެންނެވެ.
ޗާޓުތަކުގައި ހިމެނޭ ދެ ރަޖިސްޓަރު
އެ ޒަމާނުގެ ޗާޓުތަކުގައި ދެ ސަރަޙައްދެއްގެ ނަންތައް ވަކިން ފާހަގަ ކުރަމުން ދިޔައެވެ. ނައު ޣަރަގުވުމުގެ ފަސް އަހަރު ކުރިން، 1550 ވަނަ އަހަރު ޕިއާޣު ޑެސެލިއޭ ކުރެހި ދުނިޔޭގެ ޗާޓުގައި، އައްޑޫގެ ދެކުނުން ދިވެހިރާއްޖޭގެ އަށި މަތީގައި، އޭގެ ފަހުގެ ޗާޓުތަކުގައި ކަންޑޫ (ކަންދޫ) އާއި ޕޮލްވަޣާ (ފޯޅަވަހި) ކަމަށް ލިޔާ ތަންތަނުގައި ރަށްތައް ކުރަހާ ނަން ޖަހާފައިވެއެވެ. ނަމަވެސް މިޗާޓުގެ ލިބެން ހުރި އިލެކްޓްރޯނިކް ނުސްޚާތަކުގައި އެ ރަށްތަކުގައި ޖަހާފައިވާ ނަންތައް ކިޔައިލެވޭހާ ސާފެއް ނޫނެވެ. ކަންޑޫއަކީ ދިވެހިން ކިޔާ ކަންދޫ އަތޮޅެވެ. ޕޮލްވަޣާއަކީ ދިވެހިން ކިޔާ ފޯޅަވަހި (ޑިއެގޯ ގާސިއާ) އެވެ. މި ދެ ނަމަކީ މިހާރު ޕެރޯސް ބަންހޯސް އާއި ޑިއެގޯ ގާސިއާ ކަމަށް ކިޔާ އަތޮޅުތައްކަން އެނގެނީ، ކުރީގެ އިސްތިޢުމާރީ ޗާޓުތަކަށް ބަލައިގެންނެވެ. ހަމައެކަނި ނަމަށް ބިނާކޮށެއް ނޫނެވެ. ހަމަ އެ ޗާޓުތަކުގައި މެދު ނުކެނޑި 1851 އާއި ޖެހެންދެން، މަސްކަރީން ސަރަހައްދުގައި ވަކި ރަށްތަކެއްގެ ގޮތުގައި ޗާގަސް އާއި ޕެރޮސް ބަންހޯސް ހިމާނާފައިވެއެވެ.
މީލާދީން 1563 ވަނަ އަހަރު ޔޮއާއޯ ޖި ބާޣޫސް، ދިވެހިރާއްޖޭގެ ރަށްތައް ތިންސަތޭކަ ލީގަށް ދެކުނަށް ދެމިގެން ދާ ކަމަށް ބަޔާން ކުރެއްވިއެވެ. އެއް ލީގަކީ ގާތްގަނޑަކަށް ހަ ކިލޯމީޓަރެވެ. ދިވެހިރާއްޖޭގެ އެންމެ ދެކުނު ކަމުގައި ބާޣޫސް ބަޔާން ކުރައްވާފައިވަނީ، އަޑޫ (އައުދޫ) އާއި ކަންޑޫ (ކަންދޫ) ހިމެނޭ ގޮތުން ދެކުނު ޢަރުޟުން ހަތް ދަރަޖައާއި ހަމައަށެވެ. މިތާގައި މި ބުނާ އަޑޫއަކީ އައްޑޫ އަތޮޅެއްނޫނެވެ. އެހެންކަމުން، ކޮންސެއިސާއޯ ކާރިސާ ހިނގިތާ ދިހަ އަހަރުގެ ތެރޭގައި، ކަންޑޫ ނުވަތަ ކަންދޫއަކީ ޔޫރަޕުގެ ޗާޓުތަކާއި ތާރީޚީ ފޮތްތަކުގައި ވަކި ނަމެއް ކިޔާ އަމިއްލަ މަޤާމެއްގައި އޮތް ދިވެހިރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކުގެ ތެރެއިން އަތޮޅެކެވެ. އެ ޒަމާނުގެ އެއްވެސް ނިޔަމި ފޮތެއްގައި ޕެރޯ ދޮސް ބަންހޯސްގެ ނަން ދިވެހިރާއްޖޭގެ އަށިމަތީގެ އެއްވެސް ތަނެއްގައި ޖަހާފައި ނުވެއެވެ. އެ ނަން ރާއްޖޭގެ އަށިމަތީގައި ހިމަނާފައި ވަނިކޮށް ފެނިފައިވާ އެންމެ ކުރީގެ ފޮތަކީ 1735 ވަނަ އަހަރުގެ ފޮތެކެވެ.
އޭގެ ފަހުން ޝާއިޢު ކުރެވުނު ޗާޓުތަކުގައިވެސް މި ދެ ސަރަހައްދުގައި ހިމެނޭ ރަށްތައް ފާހަގަ ކުރަމުން އައީ ތަފާތު ދެ ރަޖިސްޓަރުގައެވެ. 1598 ވަނަ އަހަރު ކޮނޭލިސް ދަ ހައުތްމަން އާއި ބެންޖަމިން ރައިޓްގެ ޗާޓުގައި، ޕެރޯ ދޮސް ބަންހޯސް ހިމަނާފައިވަނީ މަސްކަރިން ސަރަހައްދުގައި ޑިއެގޯ ގާސިއާއާއި އެކު ދިވެހިރާއްޖޭގެ ހުޅަނގު ދެކުނުގައެވެ. ހަމަ އެ ޗާޓުގައި ކަންޑޫ، އަޑޫ އަދި ޕޮލިވޮޣޯ (ފޯޅަވަހި) ފާހަގަ ކޮށްފަ އޮތީ ދިވެހިރާއްޖޭގެ އަށި މަތިން އައްޑު އަތޮޅުގެ ދެކުނުގައެވެ. ހޯންދިއޮސް، ބްލާއު، އަލާދް، ލޯތްސް އަދި ފާލަންޓައިންގެ ޗާޓު ކުރެހުމުގައި ގެންގުޅުނު އާދަކާދައިގާވެސް ހަމަ އެ ތަރުތީބު ހިފަހައްޓާފައިވެއެވެ. ލިންސްހޯޓަނުން ފެށިގެން އައި ޗާޓު ކުރެހުމުގެ އާދަކާދަތަކުގައި، ޕެރޯ ދޮސް ބަންހޯސްގެ ނަން ހިމަނަނީ ދިވެހިރާއްޖޭގެ ހުޅަނގު އުތުރު ސަރަހައްދުގައެވެ. ޗާޓު ކުރެހުމުގައި ގެންގުޅެފައިވާ މި ދެ އާދަކާދާގައި ޕެރޯސް ބަންހޯސްގެ ތިލަތަކާއި ފަރު އޮތް ތަނާ މެދު އަރާރުން ވިޔަސް، މީގެ ތެރެއިން އެއްވެސް އާދަކާދައެއްގައި ޕެރޯސް ބަންހޯސް ތިލައާއި ފަރުތައް، ދިވެހިރާއްޖޭގެ އަށިމަތީގައި ކަންދޫ އަތޮޅާއި ފޯޅަވަހި ހިމެނޭ ފޮއްޅަވައިގެ ސަރަޙައްދުގެ ތެރޭގައި ހިމަނާފައި ނުވެއެވެ. މި ދިރާސާ ކުރުމުގައި ބަލާފައިވާ، 1502 އިން 1851 އާއި ދެމެދު ޔޫރަޕުން ޝާއިޢުކުރެވުނު ސާޅީސް ފަސް ޗާޓުގެ ތެރެއިން، އެއްވެސް ޗާޓެއްގައި ޕެރޯ ދޮސް ބަންހޯސް އައްޑު އަތޮޅުގެ ދެކުނުގައިވާ ދިވެހި ނަންތަކާ ގުޅުވާފައެއް ނުވެއެވެ. މި ދިރާސާކުރަން އެކުލަވާލި ޗާޓުތަކުގެ ރަޖިސްޓަރުގައި ހިމެނޭ ޗާޓުތަކުގެ ތެރެއިން، ފޮއްޅަވައިގެ ރަށްތަކުގެ ތެރޭގައި ޕެރޯސް ބަންހޯސް ނުވަތަ ބަޣުދޭ ޖަޒީރާގެ ނަން ހިމެނިގެން ނުކުތް ފުރަތަމަ ޗާޓަކީ، 1817 ވަނަ އަހަރު ޖޯން ތޮމްސަން ކުރެހި ޗާޓެވެ. ނަމަވެސް މި ޗާޓުގައިވެސް ތޮމްސަން އަޑޫ އާއި ކެންޑީ (ކަންޑޫ) ގެ ނަން ޖަހާފައި ވަނީ ޕެރޯސް ބަންހޯސްގެ ނަމާއި ވަކިވާ ގޮތަށް، އިރުމަތީގައެވެ.
ރަންޖެލް ބަޔާންކުރާ ރަށް
ރަންޖެލްގެ ބަޔާނުގައި ބުނެފައިވަނީ، ނައު ފަރަށް އުރި ޣަރަގު ވުމުން ސަލާމަތްވާން އަރާ ތިބި ރަށަކީ އެ ފަރުގައި އޮތް ކުޑަ، ތިރި ރަށެކެވެ. އެ ރޭގެ ފަތިހު އަލިވިލެން ފެށުމުން، އެ ރަށް ފުރަތަމަ ފެނުނުއިރު، ރަށް ފޮރުވިފައިވަނީ ފުރި ބާރުވެފައި އޮތް ހުދު ދޫނިތަކުންނެވެ. ރަންޖެލް ބުނެފައިވާ ގޮތުގައި އެ ރަށުގެ ހިކިފަސް ބިމުގެ ބޮޑުމިނަކީ 300 އާއި 160 ފިޔަވަޅެވެ. ޢާންމުކޮށް މީހުން ހިނގާ އިރު ފައި އަޅާ ދުރުމިނުގެ ފިޔަވަޅުން ބަލާ ނަމަ އެއީ ގާތްގަނޑަކަށް 250 މީޓަރާއި 130 މީޓަރެވެ. ގާތްގަނޑަކަށް 1.65 މީޓަރުގެ ދިގު ފިޔަވަޅުން ނަމަ އެއަށް ވުރެ ދެގުނަ ބޮޑު ވާނެއެވެ. ފެން ހޯދަން ކޮނުނު ތަނުގެ ބިމުން ތެތްކަން ފެނުނުކަމަށް އޭނާ ބުނެފައި ވެއެވެ. އަދި އެ ރަށަކީ މެދަށް އަޑި ރަށަކަށް ވާތީ، ވާރޭ ވެހުމުން އަޑި ހިސާބުގައި ވާރޭފެން ޖަމާވާކަމަށް ވެސް އޭނާ ބުނެފައިވެއެވެ. މީގެ އިތުރުން ޣަރަގުވި މީހުންނަށް އެރަށުން ކަނޑު ދޫނި، ވެލާ، ވެލާ ބިސް، އަދި ރަށުގައި ފަޅާފައި ހުރި ކެވޭ ޒާތުގެ ފަތްޕިލާވެލި ފެނުނު ކަމަށް ބުނެފައި ވެއެވެ. ރަންޖެލް ބުނެފަވާ ގޮތުން ނަމަ 'ކަނޑު ސިންގާ" (lobo Marinho) ކިޔާ ޖަނަވާރެއް ވެސް އެތަނުގެ މޫދުން ފެނުނެވެ. ނަމަވެސް އެއީ ސީދާ ކޮން ބާވަތެއްގެ ޖަނަވާރެއްކަން ކަނޑައެޅޭ ވަރަށް އޭނާ ތަފްޞީލުކޮށެއް ނުދެއެވެ. އެ ބަސް މާނަކުރުމުގައި ސީލު، ޑުގޯންގު، ވޮލްރަސް ނުވަތަ އެނޫންވެސް ކަނޑު ޖަނަވާރެއްގެ ގޮތުގައި މާނަކުރެވިދާނެ ކަމަށް ބައެއް ލިޔުންތެރިން ބުނެފައި ހުރެއެވެ.
އެ ރަށުގައި އެއްވެސް ރުކެއް ނުވަތަ ގަހެއް ހުރި ކަމަކަށް ރަންޖެލް ނަންގަނެފައެއް ނުވެއެވެ. އަންދާނެ ދަރު ނެތިގެން، ޖަނަވަރީ މަހުން ފެށިގެން ހާލުގައި ޖެހިފައި ތިބި މީހުންނަށް ކާންދެވުނީ ނުކައްކާ ހުރި ރޯ މަހެވެ. ރަންޖެލްގެ ލިޔުމުގައިވާ ރުކާއި، ގެއާއި، ބޮނބިފާލާއި، ރޯނާއި، ކަޅު މީހުން ނިސްބަތްވަނީ އެހެން ރަށަކަށެވެ. އެ ރަށް ފެންނަނީ، ހާލުގައި ޖެހިފައި ތިބި ކުޑަ ރަށުން ފުރިފަހުންނެވެ. ގިނަ ބަޔަކު މަރުވި ފަހުން، އެ ކުޑަ ރަށް ދޫކޮށް ރަންޖެލް މެން، 1556 ވަނަ އަހަރުގެ އޭޕްރީލުން 1 ގައި ފުރައިގެން ކުރި ދަތުރު މަތީގައެވެ. އެ ތަދުރު ކުރީ މަރުވި ގިނަ މީހުން ހިޔާވާން ޖަހާފަ ހުރި ފިޔަފާޅިތައް ރޫޅާލައި، ކަނދު ފައްޗެއް ބަނދެ އެޔަށް އަރައިގެންނެވެ. މީހުން ލާން ގެންގުޅުނު އަންނަ އުނުން ރިޔާ ނަގައިގެން މާކަނޑުގައި ދުއްވާތާ މަހަކަށް ވުރެ ގިނަ ދުވަސް ވީފަހުން، އެމީހުންނަށް ފެނުނީ ދެ ރަށެކެވެ. އެ ދެ ރަށަށް އެއްކޮށް، ރަންޖެލްގެ ލިޔުމުގައި ނަންދީފައިވަނީ "މަމެލޫކޯ" (Mameluco) ގެ ނަމުންނެވެ. ފަހަރެއްގައިވެސް، ފަހުން މިފެނުނު ދެ ރަށަށް ކީ ނަން އަނބުރާ ގެންގޮސް، ނައު އުރުނު ފަރުގައި އޮތް ކުޑަ ރަށުގައި ނުޖެހޭނެއެވެ.
ޣަރަގުވި މީހުން
ނަވުގައި ދަތުރުކުރި މީހުންގެ ޖުމްލަ އަދަދެއް ރަންޖެލް ބުނެފައި ނުވެއެވެ. ކޮންސެއިސާއޯ، 1555 ވަނަ އަހަރުގެ އޭޕްރީލް 1 ގައި ބޭލިމުގެ ބަނދަރުން ފުރީ ޑޮން ލިއޮނާޑޯ ޑި ސޫޒާގެ ވެރިކަމުގެ ދަށުގައި، ފަސް ނަވުގެ އަރުމާދަކާ އެކުއެވެ. ކެޕްޓަނަކީ ފްރާންސިސްކޫ ނޮބްރެ އެވެ (ޞަފްޙާ 171). އެކަމަކު ހަމަ އެ ޞަފްޙާގައި ބޯޓު ދުއްވާ މީހާގެ ނުވަތަ ޕައިލެޓުގެ ނަމަކީ އަފޮންސޯ ޕިރެސް ކަމުގައި ލިޔެފައިވެއެވެ. ނަމަވެސް ތިން ޞަފްޙާ ފަހުން، ރަންޖެލް ހަމަ އެ ނަން ކިޔާފަވަނީ ނަވުގެ ކެޕްޓަނަށް، ފަރެއް އޮވެދާނެ ކަމުގެ ނިޝާން ފެންނަ ކަމާމެދު ފަރުވާތެރި ވުމަށް އެންގި، ފަޅުވެރިންގެ މައްޗަށް އިސްކޮށްފައި ހުރި ބޯސުންގެ ނަމަކަށެވެ (ޞަފްޙާ 174).
ރަންޖެލް ބުނެފައިވާ ގޮތުގައި، ފަރުގައި ފުރަތަމަ ބީހުމަށް ފަހު ފަރު މަތިން ގާތްގަނޑަކަށް ދެ ލީގު ދުރުމިނަށް ނައު ގެންދިޔައެވެ. އަލިވިލުމުން، ކައިރީގައި ފެންނަން އޮތް ތިރި ފުއްޓަކަށް ނުވަތަ ފިނޮޅަކަށް ނަވުގައި ތިބި މީހުންނާއި، ބިސްކޯދާއި، ފެން ގެންދަން ފެއްޓިއެވެ (ޞަފްޙާ 177 އިން 180). ވިދިގެން އައި ދުވަހު ހެނދުނު، ނަވުގެ ކެޕްޓަނާއި، މައި އޮފިސަރުންނާއި، ނަވުގެ ވަޑިންނާއި، ބައެއް ފަޅުވެރީން، އިތުރު ކާނާއާއި ލަކުޑި ގެނައުމަށް، ދަނީ ކަމަށް ބުނެ އުރިފައި އޮތް ނަވަށް އެނބުރި ދިޔައެވެ. ނަމަވެސް އެ ރޭ އެމީހުން ނަވުގެ ކުޑަ ބައްތެލީގައި ފުރައިގެން ދިޔައީއެވެ. ޣަރަގުވި މީހުން އެ ކުޑަކުޑަ ރަށަށް ދޫކޮށްލާފައެވެ (ޞަފްޙާ 180 އިން 182). ފުރައިގެން ދިޔަ މީހުންގެ އަދަދާއި، އެމީހުންނަށް ވީގޮތް ރަންޖެލް ކިޔައި ދީފައެއް ނުވެއެވެ. ރަންޖެލްގެ ލިޔުމުގައި ވާ ގޮތުން، ރަސްކަމުގެ މުދަލާއި ފައިސާއާއި ހަވާލުވެ ހުރި ފެކްޓަރު، ސިމާއޯ ވާޒް، އެ ކުޑަ ރަށަށް އަރަން މަސައްކަތް ކުރުމުގެ ތެރޭގައި ގެނބިގެން މަރުވީއެވެ. އެއީ ނައު ފަރަށް އުރުމަށް ފަހު މަރުވި ފުރަތަމަ މީހާއެވެ (ޞަފްޙާ 186 އިން 188).
ރަށުގައި ބާކީ ތިބި މީހުން އެމީހުންގެ ކެޕްޓަނަކަށް ހޮވީ، ކާސްޓަނީރާގެ ކައުންޓްއަށް ބޮޑުބޭބެ ކިޔާ، ގާތްގަނޑަކަށް ވިހި އަހަރުގެ ޑޮން އަލްވާރޯ ދި އަތައިދެ އެވެ (ޞަފްޙާ 182). ނަވުގައި ހުރި ކާބޯތަކެތީގެ ތެރެއިން ވައިނާއި، ޗީޒާއި، ޒައިތޫނި އަޅާފައި ހުރި މުޅިތަކާއި ލަކުޑި ފީފާތައް ގޮނޑުދޮށަށް ލައްވުމުން އެތަކެތި ހޮވައި ހާލުގައި ޖެހިފައި ތިބި މީހުންގެ ކެއުން ބުއިމަށް ރައްކާ ކުރެވުނު އިރު، ފެން ލިބުނީ ބިން ކޮނެގެންނެވެ (ޞަފްޙާ 183، 186). ހާލުގައި ޖެހި އެ ކުޑަރަށުގައި ތިބި މީހުންގެ ހިޔަލަކަށްވީ ފީފާތަކުން ނެއްޓި ލަކުޑި ފައްޗާއި، ފޮތިން ހެދި ފަންސާސް ފިޔަފާޅިއެވެ. ފިޔަފާޅި ހެދީ ކޮންމެ ފިޔަފާޅިއެއްގައި ހަ މީހުންގެ ޖާގަ ހުންނާނެ ގޮތަށް ބަލައިގެންނެވެ (ޞަފްޙާ 185 އިން 186). ވީމާ އޭގެން ކޮންމެ ފިޔަފާޅިއެއްގައި ހަ މީހުން ބަރާބަރަށް ތިބި ނަމަ، އެ ރަށުގައި ތިބީ ގާތްގަނޑަކަށް 336 މީހުން ކަމުގައި ބެލެވިދާނެއެވެ. ނަމަވެސް ރަންޖެލް ލިޔެފައި ހުރި އަދަދުތައް ހިސާބު ކޮށްލުމުން ޔަގީންވަނީ އެންމެ މަދުވެގެން 207 މީހުން ތިބިކަމަށެވެ. އެއީ ނައު އުރުނު ފަހުން، އިންޑިއާއަށް ފުރި ސާޅީސް މީހުންނާއި، ބާކީ ތިބި 166 މީހުންނާއި، ގެނބިގެން މަރުވި ފެކްޓަރު، ސިމާއޯ ވާޒް ހިމެނޭ ގޮތަށް އެގެން ހުރި އަދަދުތައް އެއްކުރުމުން ލިބޭ ނަތީޖާއެވެ. މި އަދަދުގެ ތެރޭގައި ނަވުގެ ބައްތެލީގައި ފިލައިގެން ދިޔަ ކެޕްޓަނާއި، އޮފިސަރުންނާއި، ފަޅުވެރީން ނުހިމެނެއެވެ. އެހެންކަމުން ހުރިހާ ފިޔަފާޅިތަކެއްގައި ޖާގައާއި އެއްވަރަށް މީހުން ނުތިބެދާނެއެވެ. 336 އަކީ މީހުން ގުނައިގެން ހޯދި ޢަދަދެއް ނޫނެވެ. އެއީ ފިޔަފާޅިތަކުގެ ޖާގައިގެ ނިސްބަތުން ހުރިހާ ޖާގައެއްގައި މީހުން ތިބި ނަމަ ތިބެވޭނެ އެންމެ މަތީ ޢަދަދެވެ.
ރަށުގައި ތިބެފައި ފުރަތަމަ ފުރައިގެން ދިޔަ ސާޅީސް މީހުން ދިޔައީ ނަވުން ނެއްޓި މަޑޫތަކާއި، އެކި ބައިތައް ޖައްސައިގެން ބަން އުޅަނދެއްގައެވެ. އެއީ ފަސްދޮޅަސް ނުވަތަ ހަތްދިހަ މީހުން އުފުލޭ ވަރުގެ ކުޑަ އުޅަނދެކެވެ. އެ އުޅަނދު ބަނދެވުނީ ސޯޅަ ދުވަހުގެ ތެރޭގައެވެ (ޞަފްޙާ 183 އިން 184). ޑޮން އަލްވާރޯ، އެ އުޅަނދަށް ކާނާއާއި، ރިއްސާއި، އެހެނިހެން ދާގީނާއާއި، ހުރި ހުރިހާ ފެނެއް އަރުވާ ބަރު ކުރިއެވެ. ނަމަވެސް އެ އުޅަނދުގައި ގެންދިޔައީ ހަމައެކަނި ސާޅީސް މީހުންނެވެ. ޑޮން އަލްވާރޯގެ އަތްދަށުން ހުރި ދުއާތެ ރޮޑްރިގެސް، ރަންޖެލް ކޮއްޕާ އުޅަދުން ބޭރުކޮށްލިއެވެ. އަދި ބުނިކަމަށްވަނީ ރަންޖެލްއާއި އޭނާގެ ކޮއްކޮއާއި ދެބެން ކުރެ ދެވޭނީ އެކަކަށް ކަމަށެވެ. އެހެންކަމުން ރަންޖެލް އުޅަނދުން ބޭރުކުރެވި، އޭނާގެ އަޚާވެސް އެ އުޅަނދުގައި ފުރައިގެން ދިޔައެވެ (ޞަފްޙާ 190 އިން 194). ރަންޖެލް ލިޔެފައިވާ ގޮތުގައި، އެ އުޅަނދު ސެޕްޓެމްބަރުން 26 ގައި ފުރައިގެން، އެ އަހަރު ނޮވެމްބަރުން 13 ގައި ކޮޗިނަށް ދިޔައެވެ (ޞަފްޙާ 195). ރަންޖެލް ބުނެފައިވާ ގޮތުގައި، ޑޮން އަލްވާރޯ އާއި ދުއާތެ ރޮޑްރިގެސް، އެމީހުންނަށް އިންޑިއާއަށް ދެވުމުން، އެހީ ފޮނުވާނެ ކަމަށް ސަލީބު ގަންދީފައި ހުވާކުރިއެވެ (ޞަފްޙާ 197). ނަމަވެސް އެމީހުންނަށް އިންޑިއާއަށް ދެވުމުންވެސް އެއްވެސް އެހީއެއް ފޮނުވާފައި ނުވެއެވެ.
އެ އުޅަނދު ފުރުމަށް ފަހު ރަށުގައި ބާކީ ތިބީ ދެ އަންހެނުން ހިމެނޭ ގޮތަށް 166 މީހުންނެވެ (ޞަފްޙާ 195). އެމީހުންގެ ކަންތައްތައް ބެލެހެއްޓުމަށް އިސްވީ ރަންޖެލް، ޑިއޯގޯ ދަ ރޯޒާ އަދި ގަސްޕާރ ދި ބާރޮސް އެވެ. ކޮންމެ ދުވަހަކު ކަނދުފައްޗެއްގައި މަހަށް ނުކުމެ ބޭނުނު މަހެއް ވިއްޔާ ކަޅުމީހާއާއި ދޮންމީހާއަށްވެސް ހަމަހަމަކޮށް އެންމެންގެ މެދުގައި އެއްވަރަކަށް ބެހުނެވެ (ޞަފްޙާ 196 އިން 198). އެގޮތަށް އެ ކުޑަ ރަށުގައި ފަސްމަސް ދުވަސް ހޭދަވި އިރު އެއްވެސް މީހަކު މަރެއް ނުވެއެވެ. ނަމަވެސް ދެން ފެންޓުނު އަހަރު، ޖަނަވަރީ މަހު ބަލިމަޑުކަމެއް ފެށި، އެ މަސް ތެރޭގައި ތިރީސް މީހުން މަރުވިއެވެ. މީގެ އިތުރަށް ޖަނަވަރީ މެދުތެރޭގައި ދިހައެއް ނުވަތަ ބާރަ ވަރަކަށް ދުވަހަށް ދެމިގެން ދިޔަ އިރު އުތުރުން އައި ތޫފާނެއްގައި ޖެހި އެންމެންހެން މަރުވާން ކައިރިވިއެވެ (ޞަފްޙާ 202 އިން 203).
ގިނަ ބަޔަކު މަރުވެ، އެއްބަޔަކު ގަދަނުވާނެހާ ބަލިވުމުން، ސަލާމާތުގެ އައްސޭރިޔަކަށް ދަތުރު ކުރެވޭތޯ އަނެއްކާވެސް ކުޑަ އުޅަނދެއް ބަންދެވުނެވެ. މަރުވިމީހުން ތިބި ފިޔަފާޅިތައް ރޫޅާލައިގެން ލިބުނު ލަކުޑިން ހަތާވީސް ކައިވަތް ނުވަތަ ގާތްގަނޑަކަށް ހަ މީޓަރު ދިގުމިނުގެ އުޅަނދެއް ބަނދެ، އޭގެ ނަމަކަށް ސާއޯ ޕެޑްރޯ ކިޔެވެ (ޞަފްޙާ 204 އިން 207). އެ އުޅަނދު ފުރީ 1556 ވަނަ އަހަރުގެ އޭޕްރީލް 1 ގައެވެ. ރަންޖެލް ލިޔެފައިވަނީ، "އެ އުޅަނދުގައި ފުރައިގެން އައީ އަހަރެމެންގެ ހަތާވީސް މީހުން" ކަމަށެވެ (ޞަފްޙާ 207 އިން 208). އެ ހަތާވީސް މީހުނާ އެކު ފުރި އިރުވެސް އެ ކުޑަ ރަށުގައި އަދިވެސް އިތުރު ބަޔަކު ބާކީ ތިއްބެވެ. ފުރައިގެން އައި ހަތާވީސް މީހުންގެ ތެރެއިން ހަތަރު މީހުން ކަނޑުމަތީގައި މަރުވެ، މަމެލޫކޯ ރަށްތަކަށް ދެވުނު ފަހުން އިތުރު މީހުން މަރުވިއެވެ. ރަންޖެލް އާއި ގަސްޕާރ ދި ބާރޮސް ހިމެނޭ ގޮތަށް ބާރަ މީހުން ނޮވެމްބަރު މަހު މަމެލޫކޯ އިން މީހުން އުޅޭ އެހެން ރަށަކަށް ގެންދެވުނެވެ (ޞަފްޙާ 208، 213، 216).
ރަންޖެލް ބުނެފައިވާ ގޮތުން މަރުވި މީހުންގެ އަދަދަކީ 154 އެވެ (ޞަފްޙާ 194). މި އަދަދުތައް ހަމަޖެހޭނެ އެއް ގޮތަކީ، ނައު ޣަރަގުވުމުން އަރާތިބި ކުޑަ ރަށުގައި ބާކީ ތިބި 139 މީހުން އެއްކޮށް މަރުވެ، ކަނޑުމަތީގައި ހަތަރު މީހުން އަދި މަމެލޫކޯ ގެ ދެ ރަށުގައި އެގާރަ މީހުން މަރުވުމެވެ. އޭރުން 166 މީހުންގެ ތެރެއިން ބާރަ މީހުން ސަލާމަތްވާނެއެވެ. ނައު އުރުނު ފަރުގައި އޮތް ކުޑަ ރަށުގައި ބާކީ ތިބި މީހުންނަށް ވީގޮތެއް ރަންޖެލް ލިޔެފައި ނުވާތީ، މިއީ ސީދާ ހިސާބެއް ނޫނެވެ. ހަމަ އެކަނި ހިތު ލަފައެކެވެ.
މި ކާރިސާގެ ހުރިހާ މަރުހަލާއެއް އަމިއްލަ ލޮލުން ދެކިފައިވަނީ ހަމައެކަނި ރަންޖެލް އެއް ނޫނެވެ. އޭނާއާ އެކު ހުރިހާ މަރުޙަލާއެއް ކަޑައްތު ކުރި އަނެކަކީ، އެ ކުޑަ ރަށުގައި ހާލުގައި ޖެހިފަ ތިބި މީހުންގެ ކަންކަމާ އިސްވެ އުޅުނު ގަސްޕާރ ދި ބާރޮސް އެވެ. ނައު އުރުނު ހިސާބުން ފެށިގެން، ސަލާމަތްވެ 1557 ވަނަ އަހަރުގެ ޖަނަވަރީ މަހު ކޮޗިނަށް ދެވެންދެން ހުރިހާ މަރުހަލާއެއް، ގަސްޕާރ ވަނީ ރަންޖެލް އާއިއެކު ކަޑައްތު ކޮށްފައެވެ (ޞަފްޙާ 211، 216 އިން 217). ކުޑަ ރަށްގަނޑުގައި އިސްވެ އުޅުނު ތިންވަނަ މީހާ ކަމަށްވާ ޑިއޯގޯ ދަ ރޯޒާ، ސާއޯ ޕެޑްރޯގައި ފުރި ނަމަވެސް، މަމެލޫކޯގެ ދެވަނަ ރަށަށް ދެވުނު ފަހުން ރަންޖެލް އޭނާގެ ވާހަކަ އަލުން ނުދައްކައެވެ. ބޮޑަށް ބެލެވެނީ އޭނާ މަމެލޫކޯގެ ފުރަތަމަ ރަށުގައި މަރުވީ ކަމަށެވެ (ޞަފްޙާ 213). ޑޮން އަލްވާރޯ ދި އަތައިދެ އާއި، ދުއާތެ ރޮޑްރިގެސްއާއި، ރަންޖެލްގެ އެއްބަނޑު އަޚާއާއި، އަދި 1555 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކޮޗިނަށް ދިޔަ ސާޅީސް މީހުންގެ ތެރެއިން އެހެން މީހުންނަށް ވެސް ނައު އުރުނު ފަރުގައި އޮތް ކުޑަ ރަށުގައި ހޭދަކުރި ފުރަތަމަ ހަފްތާތައް ފެނިފައިވެއެވެ. ނަމަވެސް އޭގެ ތެރެއިން އެއްވެސް މީހެއްގެ ފަރާތުން މިކާރިސާގެ ވާހަކައެއް ލިޔެވިފައި އޮތްތަނެއް ފެންނާކަށް ނެތެވެ. އެހެންކަމުން މި ކާރިސާ އަމިއްލަ ލޮލުން ދުށް މީހަކަށް، މިކާރިސާގެ ވާހަކަ ލިޔެފައި ވަނީ ހަމައެކަނި ރަންޖެލް އެވެ.
ވަށައިގެން ހުސް އުދަރެހެއް
ނައު އުރުނު ފަރުގައި އޮތް ކުޑަ ރަށުގައި ތިބެ ވަށައިގެން ބަލާލުމުން ފެންނަން އޮތީ ހުސް އުދަރެހެކެވެ. އެއްވެސް ރަށެއްގެ މަލަ ފެނުނު ކަމަށް ރަންޖެލް އެއްވެސް ހާލެއްގައި ބުނެފައި ނެތެވެ. މިއީ ވަކި ރަށެއް ފެނުނު ކަމަށް ބުނެފައި ނުވާތީ ނަގާ ދަލީލެއް ކަމަށްވާތީ، އެ ދަލީލު ބަލަންވާނީ އެގޮތުގައެވެ. ނަމަވެސް މިއީ ޖުޣުރާފީ މައްސަލައެއް ވެސް މެއެވެ. ތިރި ފަޅުރަށެއްގައި ކޮޅަށް ހުރި މީހަކަށް، ގާތުގައިވާ ރަށެއްގެ ގޮނޑުދޮށުގެ ވެލިގަނޑު ގާތްގަނޑަކަށް ބާރަ ކިލޯމީޓަރުން، އަދި ރުށްގަސް ހުންނަ ރަށެއް ގާތްގަނޑަކަށް ބާވީސް ކިލޯމީޓަރު ދުރުން ފެންނަކަމަށް ވެއެވެ. މިހާރު މިކިޔާ އުޅޭ ޕެރޯސް ބަންހޯސް ނުވަތަ ކަންދޫ އަތޮޅަކީ، ގާތްގަނޑަކަށް ވިހި ކިލޯމީޓަރުގެ ފުޅާމިނުގެ އެތެރެވަރިއެއްގެ ވަށައިގެން ހުރި ރަށްތަކެކެވެ. އޭގެ ބޭރު ރަށްތައް ހުންނަނީ އެއްރަށާއި އަނެއް ރަށާ ދެމެދު މަދު ކިލޯމީޓަރެއްގެ ދުރުމިނުގައެވެ. ސަލޮމަން އާއި، ތްރީ ބްރަދާސް އާއި، އެގްމޮންޓް އަދި ފޯޅަވަހި ވެސް ހަމަ އެފަދައެވެ.
މިކަން ޓެސްޓުކުރުމަށް، ފޮއްޅަވައިގެ ކޮންމެ ރަށެއްގެ ގޮނޑުދޮށުން ފެށިގެން އެންމެ ކައިރީގައި އޮންނަ ރަށަކާއި ދެމެދުގެ ދުރުމިން ބަލަން ޖެހެއެވެ. ރަށްރަށާ ދެމެދުގެ ދުރުމިނުން ދައްކައިދެނީ އެފަދަ ރަށްރަށުގައި ތިބެ ބެލުމުން ގާތުގައިވާ ރަށްތައް ފެންނާނެ ކަމެވެ. ރަށްތަކެއް ފެންނަން ހުރެ ރަންޖެލްގެ ލިޔުމުގައި އެފަދަ ވާހަކައެއް ނުހިމެނީތޯ ޔަގީން ކުރެވެން ނެތީތީ ބަލަން ޖެހެނީ، އެއީ ރަށްތަކެއް ހުރިކަމުގެ ހެއްކެއް ކަމުގައެއް ނޫނެވެ. ނެލްސަން އައިލެންޑް އާއި ޑޭންޖަރ އައިލެންޑް އޮތީ އެކަހެރިކޮށް ކަމަށްވާތީ، އެ ދެ ރަށް ދުރުމިނުގެ ޓެސްޓުން ފާސްވެދާނެއެވެ. ނަމަވެސް ސަރަހައްދަށް ކިޔާ ނަމުގެ ޓެސްޓުން ފާސްނުވަނީ، އެ ދެ ރަށް ހިމެނެނީ އޭރުވެސް ޕޯޗުގީޒުން ކަންޑޫ އާއި ޕޮލްވަހާ ގެ ނަމުން ނަންދީފައިވާ ސަރަހައްދުގައި ކަމަށް ވާތީއެވެ. ރަޖިސްޓަރުގައިވާ އެއްވެސް ޗާޓެއްގައި އެ ސަރަހައްދުގައި ޕެރޯ ދޮސް ބަންހޯސްގެ ފަރު ނުވަތަ ތިލަތައް ހިމަނާފައެއް ނުވެއެވެ. ދިރާސާކުރެވުނު ހެކިތަކުގެ މައްޗަށް ބަލާއިރު، ލިޔުމުން ފެންނަ ހެކިތަކާއި، ޗާޓުތަކުން ފެންނަ ހެކިތަކާއި، އަދި ޖުޣުރާފީ ސިފަތަކުން ފެންނަ ހެކިތަކާ ފޮއްޅަވައި ގެ އެއްވެސް ރަށަކާ ދިމާވާ ކަމަށް ސާބިތެއް ނުވެއެވެ.
ރަސްރަސްކަލުންނާއި ރޯނު
ފަހުގެ ލިޔުންތެރިންގެ ވާހަކަތަކުގައި ނައު އުރުނު ފަހުން ކުރެވުނު ދަތުރުގެ ވާހަކަ ކުރުކޮށްލާފައިވާތީ، ރަންޖެލް ލިޔެފައިވާ ވާހަކަ ވަރަށް ފަރުވާތެރިކަމާއެކު ކިޔަން ޖެހެއެވެ. ސަލާމަތްވި މީހުން ފުރީ 1556 ވަނަ އަހަރުގެ އޭޕްރީލުން 1 ގައެވެ. ގާތްގަނޑަކަށް ވިހި ދުވަހު ދަތުރުކުރި ފަހުން އެމީހުންނަށް ކަނޑު ހަރުފަތައް ފެނި، އިންޑިއާއާ ގާތްވެއްޖެ ކަމަށް ހީކުރެވުނެވެ. އެމީހުން އިރުއުތުރަށް ދަތުރުކުރަމުން ދަނިކޮށް، ވައި ގަދަވެ އިރުދެކުނަށް ދުއްވަން ޖެހުނެވެ. ކޮންމެ މިސްރާބެއްގައި ކިހާ ދުވަހަކު ދަތުރުކުރިކަން ރަންޖެލް ބުނެފައެއް ނުވެއެވެ. ކަނޑުމަތީގައި ތެއްތިރީސް ދުވަސް ވީ ފަހުން، ވަށައިގެން ފަރެއް އޮންނަ ދެ ރަށެއް ފެނި، އެތަނުން އެއް ރަށަކަށް އެރިއެވެ. އެރަށުން ކަޅު މީހުންގެ ބަޔަކު ފެނުނު ނަމަވެސް، އެމީހުން އެރަށަށް އައި އުޅަނދުތަކުގައި އަވަސް އަވަހަށް އެނބުރި ހިގައްޖެއެވެ.
އެފަހުން ރަންޖެލްއާއި އެކު ސަލާމަތްވި މީހުން، ގާތްގަނޑަކަށް ހަތަރު ލީގު، ނުވަތަ 25 ވަރަކަށް ކިލޯމީޓަރު ހުރަސްކޮށް ދެވަނަ ރަށަށް ދިޔައެވެ. އެ ރަށުގައި ރުކާއި، ގެތައް ހުރި ނަމަވެސް މީހުން ނުއުޅޭ ކަމަށް ވެއެވެ. ރަންޖެލް އެ ދެ ރަށާ ބެހޭ ގޮތުން ބުނަނީ އެ ދެރަށަށް ކިޔަނީ މަމެލޫކޯ ކަމަށެވެ. އަދި އެ ރަށްތައް ހުރީ ޚައްޠު އަރުޟުން މެލިންޑޭގެ ދަރަޖައިގަ" ކަމަށެވެ (ޞަފްޙާ 212). މެލިންޑޭ އަކީ މިހާރުގެ ކެންޔާގެ އައްސޭރި ފަށުގެ ރަށެއް ކަމަށްވާ މަލިންދީ އެވެ. މި ދެ ރަށް އޮތް ތަނާ މެދު މި ޖުމްލައިން ދޭހަވާ މާނަ އަދި އިތުރަށް ދިރާސާކުރުމަކީ ކުރަން ޖެހިފައި އޮތް ކަމެކެވެ. މަމެލޫކޯ އަކީ އެ ދެ ރަށަށް އެއްކޮށް ރަންޖެލް ކިޔާފަވާ ނަމެއް ނަމަވެސް، އެ ރަށްތަކުގެ އަހުލު ވެރީން މޫސުމީ ބޭނުން ހިފަމުން އައީ އޭގެ ތެރެއިން ދެވަނަ ރަށުގެއެވެ. "ކަޅު މީހުން" މި ދެ ރަށަށް އައީ ހަމައެކަނި މަސްވެރިކަމާއި، ބޮނބި ފާކުރުމަށާއި ރޯނު ވެށުމަށެވެ. އެ ރަށުގައި ގިނަ ޢަދަދަކަށް ބޮނބި ފާތައް ހުއްޓެވެ.
އެ ދެރަށުގެ މޫސިމީ ބޭނުން ހިފާ މީހުން އެނބުރި އައިސް، ހާލުގައި ޖެހިފައި ތިބި މީހުން ގެންދިޔައީ މީހުން ދިރިއުޅޭ ރަށަކަށެވެ. އެ ރަށުގެ ރަސްގެފާނަކީ މުސްލިމެކެވެ (ޞަފްޙާ 216). އެ ރަށުގައި ޕޯޗްގީޒް ބަސް ދަންނަ މުސްލިމަކު ހުއްޓެވެ. ނުވަ ދުވަސް ވަންދެން ރަސްގެފާނު އެމީހުން އެރަށުގައި ބައިތިއްބަވައި، ބަތާއި، ދޮންކޭލާއި، ކާށި ކާން ދެއްވިއެވެ. އަދި އެފަހުން ރަންޖެލް އިންޑިއާގައި ހުރި ރަށް ކަމަށް ބުނާ ކަންނައްނޫރަށް (ކަންނޫރު) ދާނެ އުޅަނދެއް ދެއްވިއެވެ. ކަންނައްނޫރަށް ދިޔަ މަގުމަތީގައި އެމީހުން އެހެން ރަސްގެފާނެއް ހުރި ރަށަކަށް ދިޔައެވެ. އެ ރަށުގެ ރަސްގެފާނު، މުސްލިމުންގެ ތެރެއިން ބޮޑަކު ފޮނުއްވައި ރަންޖެލްމެން ރަސްގެފާނުގެ ގެއަށް ގެންދެވިއެވެ. އެ ގޭގައި އެއް ދުވަހު ބައިތިއްބަވައި، ގެރިއަކާއި، ހައެއްކަ ކުކުޅާއި، އަދި އުއްދަނޑި ދެއްވި ކަމަށް ވެއެވެ. އަދި އެ ރަށުން ފުރައިގެން ކޮޗިނަށް ދިޔުމަށް ނެގީ ދިހަ ދުވަސް ކަމުގައި ރަންޖެލް ލިޔެފައިވެއެވެ.
ރަންޖެލްގެ ލިޔުމުގައި އެ ތަނުން އެއްވެސް ރަސްކަލެއްގެ ނަމެއް، ނުވަތަ އެއްވެސް ރަސްކަލެއްގެ ރަށުގެ ނަމެއްވެސް ހިމަނާފައި ނުވެއެވެ. އެ ދެ ރަށުގެ ދަރަޖަ ނުވަތަ ލެޓިޓިއުޑެއް، ދުރުމިނެއް ނުވަތަ ދަތުރުކުރި މުއްދަތެއް ބުނެފައި ނެތެވެ. އެ ރަށްތައް ހުރި ތަނެއް ލަފާ ކުރުމަށް ލިބެން ހުރި މައުލޫމާތަކީ ހަމައެކަނި ދަތުރު ކުރި ކަނޑު މަގާއި، މުސްލިމު ރަސްކަންތަކާއި، ޕޯޗުގީޒު ބަހުގެ ތަރުޖަމާނާއި، ލިބުނު ކާނާއެވެ. މި ކަންތައްތައް ވެސް ގުޅިފައި ވަނީ، ރަންޖެލްގެ ވާހަކައިގައި ނައު ފަރަށް އުރުނު ތަނާއި، ކާރިސާ ހިނގި ދުވަހަށް ވުރެ މާ ފަހުގެ މަރުޙަލާ އަކާއެވެ. އަދި ރަސްކަލުންގެ ރަށްތަކުގެ ތެރެއިން ރަށެއް ޔަޤީން ކަމާއިއެކު ދަނެ ގަނެވުނަސް، އެކަމުން އެކަނި ކޮންސެއިސާއޯ ނައު އުރުނު ތަން ކަނޑައެއް ނޭޅޭނެއެވެ.
ރަންޖެލް ދަތުރުކުރި މިސްރާބާއި މަގު ޗާޓު ކުރަހަން ބަލާއިރު އެކަންވެސް ކުރެވޭކަށް ނެތެވެ. އޭނާ އިރުއުތުރު މިސްރާބަށް ދުއްވާފަ، ފަހުން އިރުދެކުނު މިސްރާބަށް ދުއްވި ކަމަށް ބުނި ނަމަވެސް، އެއްވެސް މިސްރާބަކަށް ދުއްވި މުއްދަތެއް ބުނެފައި ނެތެވެ. އެހެން ކަމުން ރަންޖެލް ދަތުރު ކުރި މަގުޗާޓް އަލުން ކުރަހާ ނަމަ ކުރަހަން ޖެހޭނީ ހަމައެކަނި ލަފާކުރެވޭ ދުރުމިނާއި، ދަތަރުކުރި ބާރުމިނާއި، އަދި އެނޫން ކަށަވަރު ނުވާ ހާލަތުތަކުގެ މަތީގައެވެ. ރަންޖެލް ދުއްވި ކަމަށް ބުނި މިސްރާބަކީ، ހަޤީޤަތުގައި ކަނޑުމަތިން އުޅަނދު ދިޔަ މަގެއް ވެސް ނޫނެވެ. ވަޔާއި، އޮޔާއި، ފައްސިޔާވުމާއި، ހޭރިޔާކުރުމާއި، އަދި އުޅަނދުގައި ހާލުގަ ޖެހިފަ ތިބި މީހުންގެ ހިތުލަފާ ދިމާ ނުވުމުގެ ސަބަބުން އުޅަނދަށް އޭގެ މިސްރާބުން ނެއްޓި މާ ދުރަށްވެސް ދެވިފަ އޮވެދާނެއެވެ. ރަންޖެލް ލިޔެފައިވާ ގޮތުގައި ސަލާމަތްވި މީހުންނަށް މަމެލޫކޯ ގެ ދެ ރަށަށް ދެވުނީ އޮގަސްޓް މަހުއެވެ (ޞަފްޙާ 212). ނަމަވެސް އޭގެ ތެރެއިން ފުރަތަމަ ރަށަށް ފޯރީ ކަނޑުމަތީގައި ތިބޭތާ ތެއްތިރީސް ދުވަސް ވީ ފަހުންނެވެ. އެއީ މެއި މަހުގެ ކުރީކޮޅުގެ ދުވަސްތަކުގައެވެ. އެ ޖުމްލައިން އިޝާރާތްކުރާ ކަމަށް އެންމެ ބޮޑަށް ބެލެވެނީ، އެމީހުން ދަތުރުކުރި ކަނދުފަތި ހަލާކުވެ ނުވަތަ ގެއްލިގެން ނަމަވެސް، ރަނގަޅު އުޅަނދެއް ލިބެންދެން ނުވަތަ ބަނދެވެންދެން ދެވަނަ ރަށަށް ދިއުމާ ދެމެދު މަޑު ކުރި ކަމެވެ. ނަމަވެސް ލިޔުމުން އެކަން ސީދާ ކަނޑައެޅޭކަށް ނެތެވެ.
ކާއްޓާއި، ރޯނާއި، މަސްވެރިކަމާއި، އަދި މުސްލިމު ރަސްގެފާނެއްގެ ވާހަކަޔަކީ، އެ ކަންކަމުން އެކަނި ސަރަހައްދެއް ދެނެގަނެވޭ ކަންކަމެއް ނޫނެވެ. ރަންޖެލްގެ ލިޔުމުގައި ދަތުރު ކޮށްފައި މަމެލޫކޯއަށް އައީ ކަޅު މީހުން ކަމަށާއި، އެމީހުންގެ ވެރިޔަކީ މުސްލިމެއް (މޫރެއް) ކަމަށް ބަޔާން ކޮށްފައިވެއެވެ. މިއީ ބިމުގެ އަޞްލާ ބެހޭ ބަސްތަކެއް ނޫނެވެ. ސޫރައާއި ދީނާ ބެހޭ ބަސްތަކެވެ. ފްރާންސިސްކޫ ދި އަންދްރާޑާ 1613 ވަނަ އަހަރު ލިޔުއްވި ތާރީޚު ފޮތުގައި ބަޔާން ކޮށްފައިވެއެވެ. މެލިންޑޭއިން ފެށިގެން ސޮފާލާއާއި، މަޑަގަސްކަރައިގެ އައްސޭރި ފަށާ ހަމައަށް މޫރުން ނުވަތަ މުސްލިމުން ދިރިއުޅުނީ ހަމައެކަނި ޖަޒީރާ ރަށްތަކުގައެވެ. ކޮމޮރޯސްގެ ރަށްތައް ހުރީ މުސްލިމު ލޯޑުން ނުވަތަ ވެރިންގެ ދަށުގައި ކަމަށާއި، ހަމައެކަނި އަންގަޒީޖާ، އެބަހީ ކޮމޮރޯސްގެ ޖަޒީރާތަކުގައި ހިމެނޭ އެންމެ ބޮޑު ޖަޒީރާ އެކަނިވެސް ބެހިފައިވަނީ، މުސްލިމު ވިހި ލޯޑުން ނުވަތަ ވެރިންގެ މެދުގައި ކަމަށް އޭނާ ލިޔުނެވެ. ހަމަ އެ ތާރީޚު ފޮތުގެ އެހެން ބައެއްގައި، ކަންނައްނޫރުގެ ރެޖިޑޯރު (regedor) މަމާލީ، ކަންނައްނޫރުގައި ތިބި ޕޯޗުގީޒުންނަށް އަހަރަކު ދެހާސް ބަހާރުގެ ރޯނު ދެމުން ގެންދިޔަ ކަމަށް އޭނާ ލިޔެފައިވެއެވެ. މި ރިކޯޑުތަކުން ރަންޖެލްއާއި އެކު ހާލުގައި ޖެހުނު މީހުން ސަލާމަތްކުރި ބަޔަކު ދެނެ ނުގަނެވެއެވެ. އެބަޔަކީ އެފްރިކާގެ އިރުމަތީ އައްސޭރި ފަށުގެ ބަޔަކު ކަމުގައި ވާނަމަ، އޭގެން އޮޅުން ފިލައިދަނީ، ރަންޖެލް ސަލާމަތުގެ އައްސޭރިއަކަށް ދާން ފެއްޓި ދަތުރު ފަށާފައިވަނީ އެފްރިކާގެ އައްސޭރި ފަށުން ފެށިގެން އިރު އުތުރަށް ކަމެވެ. ނަމަވެސް މި ރިކޯޑުތަކުން އަންގައިދެނީ، ރަންޖެލް ސިފަކުރާ މަންޒަރުތަކުން އެކަނި، ޔަގީން ކަމާއެކު އެއީ ވަކި މިވެނި ސަރަހައްދެއް ކަމަށް ކަނަޑައަޅައި ނިސްބަތް ނުކުރެވޭނެ ކަމެވެ.
ރަންޖެލް ދީފައިވާ ދުރުމިނުން އެހީތެރިވެދެނީ ހަމައެކަނި ދަތުރުގެ އެއް މަރުޙަލާގެ ދުރުމިން ދެނެ ގަތުމަށެވެ. ކޮޗިނަށް ދިޔަ ދިހަ ދުވަހުގެ ދަތުރު ފެށުނީ މަމެލޫކޯއިންނެއް ނޫނެވެ. އެ ދަތުރު ފެށުނީ ދެވަނަ ރަސްގެފާނުގެ ރަށުން ކަމަށްވާތީ، އެ ދުރުމިނުގެ ހުދޫދަކީ ހަމައެކަނި އެ ރަށާއި ކޮޗިނާއި ދެމެދެވެ. އެ ރަށް އޮންނަން ޖެހޭނީ، އެ ރަށުން ފެށިގެން ކޮޗިނާ ދެމެދުގައި ގާތްގަނޑަކަށް ދިހަ ދުވަހުގެ ރާސްތާއެއްގެ ދުރު މިނުގައެވެ. މިސާލަކަށް، ކަންޑޫ ނުވަތަ ކަންދޫ އަތޮޅު އޮތީ ކޮޗިނުން ފެށިގެން ގާތްގަނޑަކަށް 950 ނޯޓިކަލް މޭލު ދުރުގައެވެ. ދިހަ ދުވަހުގެ ތެރޭގައި ކަންދޫ އަތޮޅުން ފެށިގެން އެ ދުރުމިނަށް ދަތުރުކުރަން، ރެޔާއި ދުވާލު މެދުނުކެނޑި ގާތްގަނޑަކަށް ހަތަރު ނޮޓުގެ ބާރުމިނުގައި ދުއްވަން ޖެހޭނެއެވެ.
ކަނޑައެޅިފައި ނުވާ ނަންތައް
ފެންނަން ހުރި މަސްދަރުތަކުގައިވާ ބައެއް ނަންތައް ފަހުގެ ދަތުރާ ނުވަތަ ތާރީޚީ ނަންތަކާ ގުޅުވުނު ނަމަވެސް، އެއްވެސް ނަމެއް ރަންޖެލްގެ ރަށްތަކާ، އޭގެ އަމިއްލަ ޒާތުގައި ސީދާ ގުޅުވިފައެއް ނުވެއެވެ. 1563 ވަނަ އަހަރު ޔޮއާއޯ ދި ބާޣޫސް ކަންޑޫއާ އެކުއެކީ ލިޔެފައިވާ ނަން Adú (އަޑޫ) އަކީ، މިހާރުގެ އައްޑޫ އަތޮޅާ ތަފާތު ރަށެއް ކަމުގައި ބަލަންޖެހެއެވެ. 1792 ވަނަ އަހަރުގެ އެލްވޭގެ ޗާޓުގައި ވެސް Addou et Poüé Molucque (އައްޑޫ އެޓް ޕުއޭމުލޮކު) އާއި Adu et Caudu (އަޑޫ އެޓް ކައުޑޫ) ތަފާތު ކޮށްފައި ވާއިރު، Isles de Camdu ou I. de Condu (އައިލްސް ދަ ކަމްދޫ އު އީ ދަ ކޮންދޫ) ވަކިން ކުރަހާފައިވެއެވެ. އެ ޗާޓުން ބަލާ އިރުވެސް ތާރީޚީ Adú (އަޑޫ)، މިހާރުގެ އައްޑޫ އަތޮޅާ ތަފާތު ކުރުމަށް ބާރު ލިބެއެވެ. ނަމަވެސް Adú (އަޑޫ) އަކީ ފޮއްޅަވައިގާ ހިމެނޭ ރަށެއް ކަމަށް ވިޔަސް، އެއީ ކަންޑޫ ނުވަތަ ކަންދޫ އަތޮޅުގެ ތެރޭގައިވާ ރަށެއް ކަމެއް އޭގެން ސާބިތު ނުކުރެވިދާނެއެވެ.
ބާޣޫސް ބަޔާން ކޮށްފައި ވަނީ މަމޭލް (Mamále) އޮންނަނީ މަލަބާރު އައްސޭރިއާއި ސާޅީސް ލީގު ދުރުގައި ކަމަށެވެ. އޭގެ ތެރެއިން ފުރަތަމަ ރަށްތައް ހުރީ ކަންނައްނޫރުގެ މުސްލިމެއް ނުވަތަ މޫރެއް ގެ ދަށުގައެވެ. ފޮންޓޫރާ ދަ ކޮސްޓާގެ، ދަތުރު ފޮތްތަކުގައި ބަޔާން ކުރާ އިލާސް ޖި މާމޭލް (Ilhas de Mamale) އަކީ ލަކުޑިދީބު (ލަކްޝަދީޕް) ކަމަށް ދެނެގަނެވެއެވެ. އެހެން ކަމުން ރަންޖެލްގެ ލިޔުމުގައި ބުނެފައިވާ ދެވަނަ ރަސްގެފާނުގެ ރަށް އޮތް ސަރަހައްދުގެ ގޮތުގައި މަމޭލް ނުވަތަ ލަކުޑިދީބު، ހަމަ އެކަނި ދިރާސާކުރުމުގެ ބޭނުމަށް ބެލެވިދާނެއެވެ. ނަމަވެސް ހަމައެކެނި ނަންތަކުގައި އެއްގޮތްކަމެއް ހުރުމަކީ އެކަން އޭގެ އަމިއްލަ ޒާތުގައި ސާބިތުވާ ކަމެއް ނޫނެވެ.
ނަން ބަދަލުވީ ގޮތް
އެންމެ ފުރަތަމަޔަށް ޕެރޯސް ބެނޯސްގެ ނަން ދިވެހިރާއްޖޭގެ ކަންދޫ އަތޮޅުގައި ޖެހިކަމަށް ފެންނަން ހުރީ ފަރަންސޭސި ރަސްމީ ހައިޑްރޮގްރެފި ސާވޭތަކުގައެވެ. މި ދިރާސާއިން ދެނެގަނެވިފައިވާ އިސްތިއުމާރީ ދުވަސްވަރު ޝާއިޢު ކުރެވުނު އެއްވެސް ޗާޓަކުން ޕެރޯސް ބެނޯސްގެ ނަމަކީ، ކަންދޫ އަތޮޅަށް ކިޔާފައި ވަނިކޮށް ފެންނަން އޮތް ނަމެއް ނޫނެވެ. ފަރަންސޭސި ނޭވީގެ ހައިޑްރޮގްރެފި މުޖުމަޢުގައި، އެބަހީ މިހާރުގެ ބިބްލިއޮތެކް ނެޝަނާލް ދި ފްރާންސްގައި އަތުން ކުރަހާފައިވާ ދެ "ޕްލޭން" (ޗާޓު) ގައި ފެންނަނީ ކަންދޫ އަތޮޅުގެ އެއް ކުރެހުމެކެވެ. އޭގެ ތެރެއިން އެއް ޕްލޭންގައި ހިމެނޭ ޗާޓު ލަޒާޣު ޕިކޯއަށް ނިސްބަތްކޮށް، 1744 ވަނަ އަހަރުގެ އޭޕްރީލް 16 ގެ ތާރީޚު ޖަހާފައިވެއެވެ. އެ ޕްލޭނުގައި ކުރަހާފައިވާ ޗާޓުގެ ސުރުޚީގައިވާ ނަމެއް ކަނޑާލާފައި، އެ ނަމުގެ މަތީގައި ކުދި އަކުރުން "Peros Banhos" (ޕެރޯސް ބެނޯސް) ލިޔެފައި އޮވެއެވެ. މި ބަދަލަކީ ލިޔެކިޔުން ބަދަލު ކުރި ކަމުގެ ހެއްކެކެވެ. އެ ބަދަލު ގެނެވުނު ތާރީޚާއި، އެކަމުގެ ޒިންމާ އުފުލާ ފަރާތް ކަނޑައެޅުމަކީ، މި ދިރާސާއާއި އަދި މުޅިން ވަކިން ކުރަން ޖެހިފައިވާ ކަމެކެވެ.
ދެވަނަ ޕްލޭނުގައިވާ ޗާޓަކީ،ފަހުން އުފައްދާފައިވާ ކޮޕީއެކެވެ. އެ ކޮޕީގެ ސުރުޚީގައި ވަނީ Chagas (ޗަގަސް) ގެ ނަން ޖަހާފައެވެ. އޭގެ ފުރަގަހުގައި ވަނީ ފްލޫރިޣިއު ސޮއިކޮށްފައެވެ. އެ ކުރެހުމުގެ މައިގަނޑު ސިފަތައް ބްރިޓިޝް އެޑްމިރަލްޓީ ޗާޓު 725 ގައިވާ، ޕެރޯސް ބަންހޯސްގެ ޕްލޭން ހިމެނޭ ޗާޓާއި ދިމާވެއެވެ. އެހެންކަމުން މި ޕްލޭންތަކާ އެކުގައިވާ ޗާޓުތަކުން ފެންނަނީ، އޭގެ ކުރިން ޝާއިޢު ކުރެވުނު ޗާޓުތަކުގައި Candú (ކަންޑޫ) ކަމަށް ލިޔެފައިވާ އަތޮޅެވެ. ބަދަލުކުރެވިފައިވާ ސުރުޚީއިން އިޝާރާތްކުރަނީ ކަންޑޫ ނުވަތަ ކަންދޫ އަތޮޅުގެ ނަން ބަދަލުވެފައި ވަނީ ފަރަންސޭސީންގެ އަތްމަތީން ކަމަށެވެ. ނަމަވެސް އެ ބަދަލު ގެނައީ ކޮން އިރަކު، ކާކުކަން އަދި ކަނޑައެޅިފައެއް ނުވެއެވެ. ވީމާ އެ ބަދަލު ފުރަތަމަ ގެނައީ ކާކުކަން، ނުވަތަ ކޮން އިދާރީ ހާލަތެއްގައިކަން ޕްލޭންތަކުން ސާފުވާން ނެތުމުން، އެ ސުވާލުތަކަކީ، އަދި މުޅިން ވަކިން އެހެން ދިރާސާއަކުން ޖަވާބު ހޯދަން ޖެހިފައިވާ ސުވާލުތަކެވެ.
އެ ބަދަލު ޕިކޯއަށް ނިސްބަތް ކޮށްފައި ވުމުން، ތާރީޚީ ގޮތުންވެސް އޭގެ އަޞްލުގެ ޞައްޙަކަމާ މެދު ސުވާލު އުފެދެއެވެ. 1909 ވަނަ އަހަރު، ޕިކޯގެ ޖާނަލުން ނަކަލު ކޮށްފައިވާ ލިޔުމެއްގައި، ބުނާ ގޮތުން އޭނާ ހަމަ އެ ދުވަހު ހުރީ އެމިރަންޓްސްގެ ހުޅަނގުން އަށް ލީގުގައި، ގާތްގަނޑަކަށް ޚައްޠު ޠޫލުން (ލޮންޖިޓިއުޑުން) ނަވާރަ ދަރަޖައިގާ ކަމަށް ބުނެއެވެ. މި ފުށުއެރުމުން އެކަނި، ހައިޑްރޮގްރެފި ޗާޓު ކުރެހީ ޕިކޯ ކަމާއި، އަސްލު ސާރވޭގެ ތާރީޚު ދޮގެއް ނުކުރެވޭނެއެވެ. އަދި ފަހުން ބްރިޓިޝް ޗާޓުތަކުގައި، ފަރަންސޭސިންގެ އަތްމަތިން ހައިޑްރޮގްރެފި ސާވޭގެ ޗާޓުތަކަށް ގެނައި މި ބަދަލު ވަނީ ދަމަހައްޓާފައެވެ. 1837 ވަނަ އަހަރު ރޮބަޓް މޯސްބީ އާއި އެފް. ޓީ. ޕަވެލް ޗާގޯސްގެ ނުވަތަ ފޮއްޅަވައި ސާރވޭ ކޮށްފައިވެއެވެ. ނަމަވެސް އޭގެ ދެ އަހަރު ފަހުން، 1839 ވަނަ އަހަރު ޝާއިޢުކުރެވުނު ޗާގޯސް ނުވަތަ ފޮއްޅަވައި ޖަޒީރާތަކުގެ، ބްރިޓިޝް އެޑްމިރަލްޓީ ޗާޓުތަކުގައި ދަމަހައްޓާފައި ވަނީ ފަރެންސޭސިންގެ އަތްމަތިން ގެނެސްފައިވާ ބަދަލު ތަކެވެ.
މި ގެނެވުނު ބަދަލުން އުފެދޭ ތަޢާރަޒު ވުމަކީ ވަރަށް ބޮޑު އަސާސީ މައްސަލައެކެވެ. ކޮންސެއިސާއޯ އަކީ ޕޯޗުގީޒު ނަވެކެވެ. ނަވަށް ކިޔާފައިވާ ނަމަކީވެސް ޕޯޗުގީޒު ނަމެކެވެ. ޕެރޯ ދޮސް ބަންހޯސް، މި ނަމަކީވެސް ޕޯޗުގީޒު ލިޔެކިޔުމުގެ ސަގާފަތަށް ނިސްބަތްވާ ނަމެކެވެ. ނަމަވެސް، ދިރާސާގެ އަލީގައި ބަލާއިރު، އެ ނަން ކަންޑޫ ނުވަތަ ކަންދޫ އަތޮޅާ ގުޅުވާފައިވާ ގުޅުވުން، 1555 ވަނަ އަހަރުގެ ކޮންސެއިސާއޯ ކާރިސާ މެދުވެރިކޮށް، ޕޯޗުގީޒު މާލިމީންނަށް ނިސްބަތް ނުކުރެވޭނެއެވެ. ސަބަބަކީ 1563 ވަނަ އަހަރު ޔޮއާއޯ ޖި ބާޣޫސް (ބާރޮސް)، ދިވެހިރާއްޖޭގެ ދެކުނު ސަރަހައްދު ބަޔާން ކުރުމުގައި ކަންޑޫ ނުވަތަ ކަންދޫ އަތޮޅު ފާހަގަ ކޮށްފައި ވަނީ ވަކިންނެވެ. އޭނާ ކަންޑޫއާއި ޕެރޯ ދޮސް ބަންހޯސްގެ ފަރުތަކާ ގުޅުވާފައެއް ނުވެއެވެ. ކަންދޫ އަތޮޅުގެ ނަން ބަދަލު ކުރެވުނު މަރުޙަލާއެއްގެ ގޮތުގައި، ކިތާބީ ހެކިތަކުން އިޝާރާތްކުރަނީ، ފަރަންސޭސި ހައިޑްރޮގްރެފި ސާވޭގެ އަތުލިޔުންތަކާ ހަމައަށެވެ. އޭގެ ފަހުން ބްރިޓިޝް އެޑްމިރަލްޓީ ޗާޓުތަކުގައި، ފަރަންސޭސިން އެ ނަމަށް ގެނެވުނު ބަދަލު އިނގިރޭސިން ވަނީ ދަމަހައްޓާ ހަރުލައްވާފައެވެ.
މީލާދީން 1940 ވަނަ އަހަރު އަބޭލް ފޮންޓޫރާ ދަ ކޮސްޓާ، 1600 ވަނަ އަހަރުގެ ދަތުރުނާމާއެއްގައިވާ ޕެރޯސް ބެނޯސްގެ ފަރަކީ، އިނގިރޭސިން ކިޔާ ޕެރޯސް ބަންހޯސް ކަމަށް ބުނެ ލިޔެފައިވެއެވެ. އެގޮތަށް ލިޔުމުގައި އޭނާ ރިޢާޔަތް ކޮށްފައިވަނީ، މި ދެންނެވި ބަދަލު ގެނައި ފަހުން ޝާއިޢު ކުރެވިފައިވާ ޔޫރަޕިއަން ޗާޓުތަކަށެވެ. އޭގެ ޒާތުގައި މިނިވަން، އެ ޒަމާނުގެ މަސްދަރަކުން، ކޮންސެއިސާއޯ ނައު އުރުނު ފަރު އޮތީ ކަންޑޫ ނުވަތަ ކަންދޫ އަތޮޅުގައި ކަމަށް ޕޯޗުގީޒުން ކަނޑައެޅި ކަމުގެ ހެއްކެއް ސާބިތު ނުވާހާ ހިނދަކު، އެ ގުޅުވުން ބަލައެއް ނުގަނެވޭނެއެވެ.
ހުޅުވިފައި ހުރި ސުވާލުތައް
ކޮންސެއިސާއޯ ނައު އުރުނު ފަރު ކަމަށްވާ ޕެރޯސް ބަނޯސް، ގެ ލޭބަލް ދިވެހިރާއްޖޭގެ ކަންދޫ އަތޮޅުގައި ޖެހުމަކީ، ކާރިސާއާއި ގުޅުމެއް ނެތް މާފަހުގެ ލިޔުންތެރިން ކޮށްފައިވާ ކަމެކެވެ. އެއީ ރަންޖެލްގެ ވާހަކައިން ލިބިދޭ ނަތީޖާއެއް ނޫނެވެ. އެ އަތޮޅުގައި އެ ލޭބަލް ޖެހުމަކުން އެކަނި ނައު އުރުނު ފަރު އޮތްތަން ކަނޑައެޅެން ނެތަތީ، ތިން ސުވާލު ވަކިވަކިން ކުރަން ޖެހެއެވެ. ފުރަތަމަ ސުވާލަކީ ނައު އުރުނު ފަރު އޮތީ ކޮންތާކުތޯއެވެ؟ ރަންޖެލްގެ ވާހަކައިގައި ބުނަނީ، އެތަނަކީ މަޑަގަސްކަރައިގެ ބޭރުން ދަތުރު ކުރަމުން ދަނިކޮށް ޚައްޠު ޢަރުޟުން ހަ ދަރަޖަ ކަމުގައެވެ. ޢަރުޟުން ހަ ދަރަޖައިގާ ނަމަ އިންޑިއާ ކަނޑު ދެމިގެން ދަނީ ހުޅަނގު ފަރާތުން، އެފްރިކާގެ އިރުމަތީ އައްސޭރިން ފެށިގެން އިރުމަތީ ފަރާތުން ސުމާތުރާއާއި ޖާވާއާ ދެމެދު ސުންޑާ ސްޓްރެއިޓާ ހަމައަށެވެ. ޚައްޠު ޢަރުޟުން، ގާތްގަނޑަކަށް މި ދަރަޖައިގާ ހިމެނެނީ އެފްރިކާގެ އައްސޭރި ފަށުން ޕެމްބާ، ޒަންޒިބާރު އަދި ދާރުއްސަލާމެވެ. މަޑަގަސްކަރައިގެ އިރުމަތިން ސޭޝެލްސާއި، މަސްކަރީން ސަރަހައްދުގެ ރަށްތަކާއި ތިލަ ފަޅުތަކާއި ފަރުތަކެވެ. ދިވެހިރާއްޖެއިން ފޮއްޅަވައިގެ ކަންޑޫ ނުވަތަ ކަންދޫ އަތޮޅެވެ. އަދި އިރުމަތީ ފަރާތުން ސުމާތުރާއާއި ޖާވާގެ ރަށްތަކެވެ.
1555 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކުއެންކާ ލިޔުނު ސިޓީގައި ނައު އުރުނު ކަމަށް ބުނެފައިވާ ހިސާބު ތަފާތެވެ. އޭނާ ބުނެފައި ވަނީ ނައު އުރުނު ހިސާބަކީ ޚައްޠު ޢަރުޟުން ފަސް ދަރަޖަ ދެކުނު ކަމަށެވެ. އަދި އެއީ ގޯއާއިން ފެށިގެން ގާތްގަނޑަކަށް 525 ލީގުގެ ދުރުމިނުގެ ރާސްތާގައި އޮތް ފަރެކެވެ. ބަރޫލްގެ ސިޓީގައި އެ ރަށް ނުވަތަ ފަރު އޮތީ ދިވެހިރާއްޖެއާ ގާތުގައި ކަމަށް ބުނެއެވެ. މި ދެ ރިޕޯޓަކީ ވެސް އިތުރަށް ދިރާސާ ކުރަންޖެހޭ ދެ ރިޕޯޓެވެ. މަޑަގަސްކަރައިގެ އިރުމަތީގައި އެކަހެރިކޮށް އޮތް ކޯއެޓިވީއާއި، އިލް ޕްލާޓް އަދި ޑެރޯޝް ފަދަ ތިރި ރަށްތަކަކީ ރަންޖެލްގެ ބަޔާނާ އަޅާކިޔާ ދިރާސާ ކުރަންޖެހޭ ރަށްތަކެވެ. ނަމަވެސް އެއިން އެއްވެސް ރަށަކީ، އެއީ ނައު އުރުނު ތަން ކަމަށް ދެނެގަނެވިފައެއް ނުވެއެވެ.
ދެވަނަ ސުވާލަކީ، ރަންޖެލްއާއި އެކު ސަލާމަތްވި މީހުން ދަތުރު ކުރި ކަނދުފަތި އުޅަނދާއި، އެމީހުން ސަލާމަތްކުރި ކަޅު މީހުން، ރަންޖެލްމެން ގެންދިޔައީ ކޮން ރަށަކަށްތޯއެވެ. މަމެލޫކޯއާއި، ދެ ރަސްގެފާނު ނިސްބަތްވާ ދެ ރަށާއި، އަދި ސަލާމަތް ކޮށްދޭން އެހީތެރިވި ކަޅު މީހުން ނިސްބަތްވާ ގައުމު އޮތީ ކޮންތާކު ކަމެއްވެސް މިހާތަނަށް ދެނެގަނެވިފައި ނުވެއެވެ.
ތިންވަނަ ސުވާލަކީ، ޕެރޯ ދޮސް ބަންހޯސް ކަމަށްވާ ޕޯޗުގީޒު ނަން ދިވެހިރާއްޖޭގެ ފޮއްޅަވައި ގެ ކަންޑޫ ނުވަތަ ކަންދޫ އަތޮޅާއި ގުޅުނީ ކިހިނެއް، ކޮން އިރަކުތޯއެވެ. އެއީ ދަތުރާ ބެހޭ ސުވާލެއް ނޫނެވެ. އެއީ ފަހުގެ ފަރަންސޭސި ހައިޑްރޮގްރެފި ޗާޓުތަކާއި ބެހޭ ސުވާލެކެވެ.
އެއް ކަމެއް މިހާރު ވެސް ސާފުވެއްޖެއެވެ. އެއީ މި ހެކިތަކުގެ މައްޗަށް ބިނާކޮށް، ޕޯޗުގީޒު މާލިމީން ފޮއްޅަވައި ދެނެގަތީ 1555 ވަނަ އަހަރު ކަމުގައި ދެއްކުމަށް ކޮންސެއިސާއޯގެ ކާރިސާ ބޭނުން ނުކުރެވޭނެ ކަމެވެ. ކޮންސެއިސާއޯ ނައު އުރުނު ތަން ކަމަށް ޢާންމުކޮށް ބުނެވޭ ތަން ބިނާވެފައިވަނީ، އެ ކާރިސާ ކުރިމަތިވި، އެ ޒަމާނުގެ ޕޯޗުގީޒުންގެ ރެކޯޑްތަކާއި، ވާހަކަތަކުން، އެހެން ފަރާތެއްގެ ނުފޫޒެއް ނެތި ސާބިތު ކުރެވޭ ޖުޣުރާފީ ދެނެގަތުމެއްގެ މަތީގައެއް ނޫނެވެ. ކާރިސާ ދިމާވި ޕޯޗުގީޒުންގެ ފަރާތުން، ނައު އުރުނު ފަރަކީ ދިވެހިރާއްޖޭގެ ކަންޑޫ ނުވަތަ ކަންދޫ އަތޮޅު ކަމަށް ކަނޑައަޅާ ކަށަވަރުކޮށް ދީފައި ނެތެވެ. އަދި އެ ކާރިސާ ހިނގީ އެހެން ތަނެއްގައި ކަމަށް ވެސް ސާބިތުކޮށް، ކަށަވަރުކޮށް ނުދެއެވެ. އެހެން ކަމުން ނައު އުރުނު ތަން ޞައްޙަކަމާއެކު އަދިވެސް ދެނެގަނެވިފައި ނުވެއެވެ.
--------------------------------------------------------------------------------------------------------------------
ފުރިހަމަ ދިރާސާ ކަރުދާސް، Rangel’s Island and the Missing Horizon: The Conceição wreck and the retrospective identification of Peros Banhos (މުރާޖަޢާކުރެވުނު ނުސްޚާ، 27 އޮކްޓޫބަރު 2026) ގައި ޗާތުތަކާއި ލިޔުންތަކުން ލިބޭ ހެކިތައް ފުރިހަމައަށް ބަޔާންކޮށްފައިވެއެވެ. އެ ދިރާސާ ކަރުދާސް މި ލިންކުން ޑައުންލޯޑް ކުރެވޭނެއެވެ. https://drive.google.com/file/d/12DcqGQXIVhHX9CJr-CXSCE6pfofhMEUf/view
މަސްދަރުތައް
މަސްދަރުތައް ލިޔެފައިވަނީ އަޞްލު ބަހުންނެވެ.
• Manoel Rangel, “Relação do naufrágio da nau Conceyção,” in Bernardo Gomes de Brito, História Trágico-Marítima, vol. 1 (Lisbon, 1735), 169–217.
• Josef Wicki, ed., Documenta Indica III (1553–1557) (Rome, 1954). Letters of Hieronymo de Cuenca, Bassein, 12 November 1555 (doc. 58, 293). Antonio de Quadros and Melchior Carneiro, Goa, 6 December 1555 (docs. 64–65, 354, 356). Aires Brandão, Goa, 15 December 1555 (doc. 67, 374–375). Michael Barul, Goa, [December 1555] (430). Marcus Nunes, Goa, 4 January 1556 (doc. 76, 443). Gaspar Soeiro, Cochin, [late 1556] (doc. 99, 603–605).
• Alessandro Valignano, Historia del principio y progresso de la Compañía de Jesús en las Indias Orientales (1542–64), ed. Josef Wicki (Rome, 1944), 311–313.
• Francisco de Andrada, Cronica do muyto alto e muito poderoso Rey destes Reynos de Portugal Dom Ioão o III (Lisbon, 1613), part 2, cap. 2, and part 4, cap. 118, fol. 142v, and cap. 121.
• Diogo do Couto, Da Asia, Década VII, part 1 (Lisbon, 1782), livro 2, cap. 7, 156–159, and livro 3, cap. 2, 196–197. The first edition (1616) has not been compared.
• Sebastião Gonçalves, Primeira parte da Historia dos religiosos da Companhia de Jesus, ed. Josef Wicki, vol. 2 (Coimbra, 1960), livro 6, cap. 24, 143–146.
• Relaçam do lastimozo naufragio da nao Conceiçam chamada Algaravia a Nova (Lisbon, Officina de Antonio Alvares, n.d.), Biblioteca Nacional de Portugal, https://purl.pt/12294.
• Abel Fontoura da Costa, ed., Roteiros Portugueses Inéditos da Carreira da Índia do Século XVI (Lisbon, 1940), 161, 163, 178 nn. 54–55.
• João de Barros, Terceira Década da Ásia (Lisbon, 1563), livro III, capítulo VII, fol. 71.
• Philippe Sands, “Chagos, The Last British Colony in Africa – A Short History of Colonialism, a Modern Crime Against Humanity?,” Tenth Whitehall Lecture, given 27 October 2021 (Cambridge University Land Society, Whitehall Group), 14.
• Cartographic register analysed for this research, forty-five printed geographic maps, 1502 to 1851, https://drive.google.com/file/d/1ytCDi2Hmzu-QE4Ew1CpYVmlyZDSAr6m2/view
• Lazare Picault (attrib.), Plan des isles de Peros Banhos decouverte par la tartane l’Élizabeth, 16 April 1744, Bibliothèque nationale de France, GE SH 18 PF 215 DIV 13 P 1. Plan des isles de Chagas, manuscript copy after 1744, signed “Le Chev[alier] de Fleurieu,” BnF, GE SH 18 PF 215 DIV 13 P 1/1.
• A. A. Fauvel, Unpublished Documents on the History of the Seychelles Islands Anterior to 1810 (Mahé, 1909), 42–43.
• Robert Moresby and F. T. Powell, Admiralty Chart No. 3, Chagos Archipelago, surveyed 1837, published 1839.
• Jan Barend Elwe, Partie de la nouvelle grande carte des Indes Orientales (Amsterdam: Jan Bt. Elwe, 1792), sheet 3, National Library of Australia, MAP RM 1422.
• ދުރުމިނާ ބެހޭ ނޯޓު. ދުރުމިންތަކަކީ ކޮޗިން (9.90° N، 76.27° E) އިން، މިހާރު ޕެރޯސް ބަންހޯސް ކަމަށް ކިޔާ ދިވެހިރާއްޖޭގެ ކަންދޫ އަތޮޅުގެ މެދަށް (71.85 °E، 5.30° S)، އެއީ ގާތްގަނޑަކަށް 954 ނޮޓިކަލް މޭލެވެ. ދިހަ ދުވަހުގެ ތެރޭގައި އެ ދުރުމިން ކަޑައްތު ކުރަން، މެދުނުކެނޑި 3.96 ނޮޓުގެ ބާރުމިނުގައި ދަތުރުކުރަން ބޭނުންވާނެއެވެ.