October 06, 2026

ފަރަންސޭސިން ފޮއްޅަވައި އިނގިރޭސިންނާ ހަވާލު ކުރިތޯ - އެތާގައި ހިންގާ އިނގިރޭސި ވެރިކަމުގެ ގާނޫނީ ބިންގާ އަލުން މުރާޖައާ ކުރުން

ޕެން ފޯ ރައިޓްސް – ދިވެހިރާއްޖެ

މީލާދީން 1810 ނުވަތަ 1814 ވަނަ އަހަރު ފޮއްޅަވައި (ޗާގޯސް) ގާނޫނީ ގޮތުން އިނގިރޭސިވިލާތުގެ ދަށަށް ބަދަލުކޮށްފައި ނުވާނަމަ، އެ ރަށްތަކުގެ އިސްތިއުމާރީ ތާރީޚާ ގުޅޭ މުހިންމު ކަންތައްތަކެއް އަލުން މުރާޖައާ ކުރަން ޖެހެއެވެ. 1810 ގައި އައިލް ޑި ފްރާންސް (މިހާރުގެ މޮރިޝަސް) ގައި ތިބި ފަރަންސޭސި އިސްތިޢުމާރީން އިނގިރޭސި އިސްތިއުމާރީންނަށް އަމާން ދިނެވެ. ފަރަންސޭސި އިސްތިއުމާރަށް ފަހު ފޮއްޅަވައި އިނގިރޭސި އިސްތިއުމާރުގެ ދަށުން ބެލެހެއްޓި ކަމީ ތާރީޚީ ހަގީގަތެކެވެ. ނަމަވެސް، އެއީ އިނގިރޭސިވިލާތަށް އެ ރަށްތަކުގެ ސިޔާދަތީ ބާރު ލިބުނު ގޮތާ ބެހޭގޮތުން އުފެދޭ އަސާސީ ސުވާލުގެ ޖަވާބެއް ނޫނެވެ. އަދި އެ ސިޔާދަތު ލިބުނު ގޮތް ސާފު ނުވުމަކީ ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު ފޮއްޅަވައިގެ މައްޗަށް ސާބިތުވާ ކަމެއްވެސް ނޫނެވެ. ނުވަތަ އެއީ ފޮއްޅަވައިއަކީ އެއްވެސް ބައެއްގެ މިލްކުވެރިކަން ނެތް (terra nullius) ތަނެއްގެ ގޮތުގައި ކަނޑައެޅޭނެ ސަބަބެއްވެސް ނޫނެވެ. އެހެންނަމަވެސް، އިނގިރޭސިންނަށް އެތަނުގެ މިލްކުވެރިކަން ލިބުނު ގާނޫނީ އަސާސެއް ދެނެގަންނަން ޖެހެއެވެ.

މި ސުވާލަކީ 2019 ވަނަ އަހަރު ބައިނަލް އަގްވާމީ ކޯޓު، އައިސީޖޭއިން ބެލި މައްސަލައަށްވުރެ މާ ކުރީގެ ސުވާލެކެވެ. އެ ކޯޓުން ނިންމާފައިވަނީ 1965 ވަނަ އަހަރު އިސްތިއުމާރީ މޮރިޝަސްގެ އިހުތިސާސުން، އިނގިރޭސިން ފޮއްޅަވައި ވަކިކުރީ ފުރިހަމަ ކުރަންޖެހޭ ޤާނޫނީ މަރުޙަލާތައް ފުރިހަމަ ކޮށްފައިތޯއެވެ. އަދި މި މައްސަލާގައި ކޯޓުން ނިންމީ، މޮރިޝަސް މިނިވަންވުމުގެ މަރުހަލާ ގާނޫނީ ގޮތުން ފުރިހަމަވެފައި ނުވާކަމަށެވެ. ސަބަބަކީ ޤާނޫނީ މަރުޙަލާ ފުރިހަމަ ވުމަކީ، ފުރަތަމަ މޮރިޝަސްގެ އިސްތިޢުމާރީ އިދާރީ ސަރަޙައްދު މިނިވަން ކުރުމެވެ. އެއަށް ފަހު ނޫނީ އެ ސަރޙައްދުން ބައެއް ވަކި ނުކުރުމެވެ. އިނގިރޭސިން އަމަލު ކުރީ އޭގެ އިދިކޮޅަށެވެ. ފުރަތަމަ 1965 ގައި މޮރިޝަސްގެ އިސްތިއުމާރީ އިދާރީ ސަރަޙައްދުން ފޮއްޅަވައި ވަކިކުރީއެވެ. އެއަށް ފަހު އިސްތިޢުމާރީ މޮރިޝަސްގެ ސަރަޙައްދު މިނިވަން ކުރީ 1968 ގައެވެ. ވީމާ ޤާނޫނީ މަރުޙަލާ ފުރިހަމަ ނުވާ ކަމަށް ކޯޓުން ނިންމަން ޖެހުނީއެވެ. ނަމަވެސް، ފަރަންސޭސިވިލާތަށް ފުރަތަމަ ފޮއްޅަވައިގެ ސިޔާދަތީ ބާރު ލިބުނު ގޮތެއް ނުވަތަ 1810 ނޫނިއްޔާ 1814 ވަނަ އަހަރު ފަރަންސޭސިން އެ ރަށްތައް އިނގިރޭސިންނާ ހަވާލުކުރިތޯ ބެލުމަކީ ކޯޓަށް ހުށަހެޅުނު މައްސަލައެއް ނޫނެވެ. މި މަޒުމޫނުގައި ބަލާލާނީ އެ އަސާސީ ސުވާލަށެވެ.

ފަރަންސޭސިން ބަދަލުކުރީ ކޮން ރަށްތަކެއް؟
1810 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިނގިރޭސިން 'އިލް ޑި ފްރާންސް' (މޮރިޝަސް) ހިފިއެވެ. އޭރު ސޮއިކުރި އަމާންދިނުމުގެ އެއްބަސްވުމުގައި 'އިލް ޑި ފްރާންސް' އާއި އެތަނުގެ ދަށުގައިވާ ހުރިހާ ތަންތަން (ޑިޕެންޑެންސީސް) އިނގިރޭސިންނާއި ހަވާލުކުރަން ނިންމާފައިވެއެވެ. ފޮއްޅަވައި (ޗާގޯސް) ނުވަތަ ފޯޅަވަހި (ޑިއޭގޯ ގާސިއާ)، އަދި ޓްރޮމެލިންގެ ނަން އެއްބަސްވުމުގައި ސީދާ ބަޔާންކޮށްފައެއް ނުވެއެވެ. ނަން ނެތުމަކީ އެތަންތަން އެއްބަސްވުމުން ބޭރުވުން ކަމުގައި ނުބެލެވިދާނެއެވެ. ސަބަބަކީ 'ދަށުގައިވާ ތަންތަން' ނުވަތަ 'ޑިޕެންޑެންސީސް' ގެ މާނައިގެ ތެރޭގައި ވަކިވަކިން ނަން ބަޔާންނުކުރާ ސަރަހައްދުތައް ހިމެނިދާނެ ކަމަށް ބެލެވިދާނެތީއެވެ. އެހެންނަމަވެސް، އަމާން ދިނުމުގެ އެއްބަސްވުމުގެ ދަށުން އިނގިރޭސިންނާ ރަށްތައް ހަވާލުކުރި ދުވެހުގެ އެވަގުތަށް ދަމާ ހިންގަވާށެވެ. އެވަގުތުގައި ފޮއްޅަވައި އޮތްގޮތުގެ ގާނޫނީ ހާލަތު ދެނެގަތުމަކީ، އެތަން އިނގިރޭސިންނަށް ފޯރި ގޮތެއް ކަނޑައެޅުމުގައި ބަލަން ޖެހޭ އެންމެ މުހިންމު ނުކުތާއަށް ވެގެންދެއެވެ.

މިކަމުގައި އެންމެ ފަހުގެ ނިންމުމެއް ނިންމީ 1814 ވަނަ އަހަރުގެ 'ޓްރީޓީ އޮފް ޕެރިސް' ގެ 8 ވަނަ މާއްދާގައެވެ. ފަރަންސޭސިވިލާތުން އިނގިރޭސިވިލާތަށް "އިލް ޑި ފްރާންސް އާއި އެތަނުގެ ދަށުގައިވާ ތަންތަން، ޚާއްސަކޮށް ރޮޑްރިގޭޒް އަދި ސީޝެލްސް" ފުރިހަމަ ސިޔާދަތީ ބާރާއެކު ދޫކޮށްލިއެވެ. މިފަހަރުވެސް ފޮއްޅަވައިގެ ނަމެއް ނެތެވެ. ނަމަވެސް، ބައިނަލްއަގުވާމީ ކޯޓުގައި މޮރިޝަސްއިން ބުނެފައިވަނީ، 1814 ގައި އިލް ޑި ފްރާންސް އާއި އެތާގެ ދަށުގައިވާ ތަންތަން، "ޗާގޯސް އާކިޕެލާގޯ ހިމެނޭ ގޮތަށް"، ރަސްމީކޮށް އިނގިރޭސިންނަށް ދޫކޮށްލާފައިވާ ކަމަށެވެ. އެހެންކަމުން "ޗާގޯސް އާކިޕެލާގޯ ހިމެނޭ ގޮތަށް" މި ބުނި ބުނުމަކީ އެއްބަސްވުމުގައިވާ ލަފްޒުތަކެއް ނުވަތަ އިބާރާތެއް ނޫނެވެ. އެއަށްވުރެ ބޮޑަށް، އެއީ އެއްބަސްވުމުގެ 8 ވަނަ މާއްދާގެ މާނަކުރުމެކެވެ.

ޓްރޮމެލިންގެ މައްސަލަ
މި ތަފާތުގެ މުހިންމުކަން ހާމަވަނީ ހަމަ އެއް އެއްބަސްވުމަކުން އުފެދިފައިވާ އެހެން ސަރަހައްދީ މައްސަލައަކުންނެވެ. މޮރިޝަސް އިން ދައުވާކުރާ ގޮތުގައި ޓްރޮމެލިން އަކީ ކުރީގެ 'އިލް ޑި ފްރާންސް' ގެ ދަށުގައިވާ ތަނެކެވެ. ނަމަވެސް ފަރަންސޭސި ވިލާތުން އަދިވެސް އެ ރަށުގެ ސިޔާދަތީ ބާރު ދަމަހައްޓައެވެ. ޓްރޮމެލިންގެ މައްސަލައަކީ ފޮއްޅަވައިގެ މައްސަލައާ ވަރަށް އެއްގޮތް މައްސަލައެކެވެ. ސަބަބަކީ މޮރިޝަސް ފޮއްޅަވައިގެ މައްޗަށް ކުރާ ދައުވާ ބިނާ ކޮށްފައިވަނީ އެއްބަސްވުމުގެ 8 ވަނަ މާއްދާ މާނަކުރުމުގައި ނެރޭ ވަކި މާނަ ކުރުމެއްގެ މައްޗަށެވެ. އެއްބަސްވުމުގައި ސީދާ ނަން ބަޔާންކޮށްފައި ނުވާ ތަންތަނަށް ވެސް 8 ވަނަ މާއްދާ ހިނގާނެ ކަމަށް ކުރާ ދައުވާއެއްގެ މައްޗަށް ކަމަށްވާތީއެވެ.

މި މައްސަލައިގެ ލިޔެކިޔުންތައް ފަރަންސޭސި ގައުމީ މަޖިލީހުގެ 2013 ވަނަ އަހަރުގެ ރިޕޯޓެއްގައި ފެންނަން އެބައޮތެވެ. އެ ރިޕޯޓުގައިވާ ގޮތުން، އެއްބަސްވުމުގެ ފަރަންސޭސި ބަހުގެ އިބާރާތުގައި އޮތީ "nommément" (ނަންގަނެވިފައިވާ) ކަމަށެވެ. ނަމަވެސް އިނގިރޭސި ބަހުގައި އޮތީ "especially" (ޚާއްސަކޮށް) މިހެންނެވެ. ފަރަންސޭސި ލިޔުމުގައި ޓްރޮމެލިންގެ ނަން ނެތުމުން، މޮރިޝަސްގެ ދައުވާއަކީ ބަލިކަށި ދައުވާއެއްގެ ގޮތުގައި ފަރަންސޭސިން ސިފަކުރެއެވެ. އެހެންކަމުން، 8 ވަނަ މާއްދާގައި ބަޔާންކުރާ 'ދަށުގައިވާ ތަންތަން' މާނަކުރާ ގޮތާ މެދު ސާފު އެއްބަސްވުމެއް ނެތްކަން މީގެން އެނގެއެވެ.

އިނގިރޭސިންގެ އަމިއްލަ ތަފާތުކުރުން
ފޮއްޅަވައިގެ މައްސަލައިގައި އިނގިރޭސިވިލާތުން އަމިއްލައަށްވެސް ބައެއް ތަފާތުތައް ފާހަގަކޮށްފައިވެއެވެ. 2018 ވަނަ އަހަރު ބައިނަލްއަގުވާމީ ކޯޓުގައި ވާހަކަ ދައްކަވަމުން އިނގިރޭސިވިލާތުގެ ސޮލިސިޓަރ ޖެނެރަލް ރޮބަޓް ބަކްލޭންޑް ވިދާޅުވީ، ފޮއްޅަވައިގެ ރަށްތަކާއި މޮރިޝަސްއާ ދެމެދު އެއްވެސް ޖިއޮގްރަފީ ގުޅުމެއް ނެތް ކަމަށެވެ. އެ ރަށްތަކަކީ ހަމައެކަނި 'އިދާރީ ފަސޭހައަކަށްޓަކައި' މޮރިޝަސްގެ ދަށުން ބެލެހެއްޓި ރަށްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އިނގިރޭސިވިލާތުން ހުށަހެޅި ގޮތުގައި ފޮއްޅަވައި ބަލަހައްޓާފައިވަނީ މޮރިޝަސްގެ ބައެއްގެ ގޮތުގައެއް ނޫނެވެ.

މިކަމުން އެނގެނީ އިދާރީ ގޮތުން ތަނެއްގެ ދަށުގައި އޮތުމަކީ، އެ ސަރަހައްދެއްގެ ގާނޫނީ ސިޔާދަތީ ބާރުގެ ތެރޭގައި އެތަން ހިމެނުން ނޫން ކަމެވެ. މިސާލަކަށް، އިނގިރޭސި ހިމާޔަތުގެ ދަށުގައި ދިވެހިރާއްޖެ އޮތްއިރު، ރާއްޖޭގެ ކަންކަން ބަލަހައްޓަމުން ދިޔައީ ސިލޯނު (ސްރީލަންކާ) މެދުވެރިކޮށެވެ. ނަމަވެސް އޭގެ މާނައަކީ ދިވެހިރާއްޖެއަކީ ސިލޯނުގެ ބައެއް ކަމުގައި ވުމެއް ނޫނެވެ.

ބާރަ އަހަރުގެ ހެކީގެ ހުސްކަން
އިނގިރޭސިން ފޮއްޅަވައި ބެލެހެއްޓި ކަމުގެ ލިޔެކިޔުންތައް ފެންނަން ހުރީ 1814 ގެ މާ ފަހުންނެވެ. ބައިނަލްއަގުވާމީ ކޯޓުގެ ރިކޯޑުތަކުން ދައްކާ ގޮތުގައި، ގަވަރުނަރު ލޯރީ ކޯލް ފޮއްޅަވައި އަކީ މޮރިޝަސްގެ ދަށުގައިވާ ތަނެއްގެ ގޮތުގައި ލިސްޓުކުރީ 1826 ގައެވެ. މިއީ 1814 ގެ އެއްބަސްވުމަށްފަހު 12 އަހަރު ފަހެވެ. މި ލިޔުންތަކުން އިނގިރޭސިން އެތަން ބެލެހެއްޓިކަން އެނގުނަސް، 1814 ގައި ފަރަންސޭސިންގެ އަތުގައި އެތަނުގެ ގާނޫނީ ބާރު އޮތްކަމާއި، އެ ބާރު އިނގިރޭސިންނަށް ބަދަލުކުރިކަން ސާބިތެއް ނުވެއެވެ.

އެހެންކަމުން، މި ސުވާލުގެ ޖަވާބު ހޯދުމަށްޓަކައި އިނގިރޭސިން އެތަން ހިފުމުގެ ކުރިން ފަރަންސޭސިން ގެންގުޅުނު ރިކޯޑުތައް ބަލަން ޖެހެއެވެ. ފަރަންސޭސިވިލާތުގެ ގަވާއިދުތަކާއި، ގާނޫނީ ލިޔެކިޔުންތަކާއި، ހުއްދަތަކާއި އަދި ސަރުކާރުގެ ސިޓީބިޓީތަކުން ފޮއްޅަވައިގެ ގާނޫނީ ހާލަތު އޮތްގޮތް ސާފުވާން ޖެހެއެވެ. 1810 ގައި އަމާންދިނުމުގެ އެއްބަސްވުމުގެ ދަށުންނާއި 1814 ގައި ސޮއިކުރި މުއާހަދާގެ ދަށުން ހަވާލުކުރި "ދަށުގައިވާ ތަންތަނުގެ" ތެރޭގައި ފޮއްޅަވައި ހިމެނޭކަން އެ ލިޔުންތަކުން ސާބިތުވާނަމަ، މިހާރު ގަބޫލުކުރެވޭ ތާރީޚީ ސިލްސިލާއަށް ބާރު ލިބޭނެއެވެ. ނަމަވެސް އެފަދަ ހެއްކެއް ނެތްނަމަ، އިނގިރޭސިންނަށް އެތަނުގެ ސިޔާދަތީ ބާރު ލިބުނު ގޮތުގެ އެހެން ގާނޫނީ ތަފްސީލެއް ހޯދަން ޖެހޭނެއެވެ.

ބައިނަލްއަގުވާމީ ކޯޓުން ނުނިންމާ އޮތް ސުވާލު
2019 ވަނަ އަހަރު ބައިނަލްއަގުވާމީ ކޯޓުން ނިންމީ، 1965 ގައި އިނގިރޭސިން ފޮއްޅަވައި ވަކި ކުރި އިރު، އެއީ އިދާރީ ގޮތުން މޮރިޝަސްގެ ބައެއްގެ ގޮތުގައި އޮތް ތަނެއް ކަމަށެވެ. އެހެންކަމުން ފޮއްޅަވައި ވަކި ކޮށްފައިވަނީ، މޮރިޝަސް މިނިވަން ކުރުމުގެ ގާނޫނީ މަރުހަލާތައް ފުރިހަމަ ނުކޮށް ކަމަށް ކޯޓުން ކަނޑައެޅިއެވެ. މިއީ އިސްތިއުމާރީ ބާރުގެ ދަށުން މިނިވަންވުމާ ގުޅޭގޮތުން ކޯޓަށް ހުށަހެޅުނު ސުވާލުގެ ޖަވާބެވެ. ނަމަވެސް، މީގެ މާ ކުރީގެ ސަރަހައްދީ މިލްކުވެރިކަމާ ގުޅޭ ކޮންމެ ސުވާލަކަށް ކޯޓުން ގޮތެއް ނުނިންމައެވެ.

މި ދެ ކަންތަކުގެ ތަފާތު މުހިންމުވަނީ ޓްރޮމެލިންގެ މައްސަލައާއި، ފޮއްޅަވައި މައްސަލައިގާ އިނގިރޭސިން އަމިއްލައަށް ކޯޓަށް ހުށަހެޅި ނުކުތާތަކުން އެއް ކަމެއް ސާބިތު ވާތީއެވެ. އެއީ އިދާރީ ގޮތުން ތަނެއްގެ ދަށުގައި އޮތުމަކީ 1814 ގެ އެއްބަސްވުމުގެ ދަށުން އެތަނެއްގެ ސިޔާދަތީ ބާރު ބަދަލުވާނެ ކަމެއް ނޫން ކަމެވެ. މިކަމުން ސާބިތުވަނީ، 1814 ގެ ފަހުން އިނގިރޭސިން އެތަން ބެލެހެއްޓުމަކީ، އެއްބަސްވުމުގައި ސޮއިކުރި ވަގުތު އެތަނުގެ ގާނޫނީ ހާލަތު އޮތްގޮތް ސާބިތުކޮށްދޭ ކަމެއް ނޫން ކަމެވެ.

ހަގީގީ މައްސަލައަކީ އިނގިރޭސިން ފޮއްޅަވައިގާ ވެރިކަން ކުރިތޯ ނުވަތަ ނޫންތޯއެއް ނޫނެވެ. އެކަން އެންމެންވެސް ގަބޫލުކުރެއެވެ. އަދި އެއްބަސްވުމުގައި ފޮއްޅަވައިގެ ނަން ނެތުމަކީ އިނގިރޭސިންނަށް އެތަނުގެ ބާރު ނެތްކަމަށް ސާބިތުވާ ކަމެއްވެސް ނޫނެވެ. އޮތް ސުވާލަކީ، އިނގިރޭސި ވެރިކަން ދެމެހެއްޓުމަށް އާންމުކޮށް މި ދައްކާ ލިޔެކިޔުންތަކުގެ ބޭނުންކޮށްގެން ސިޔާދަތީ ބާރު ލިބުނުކަން އެގެން އެބަ އޮތްތޯއެވެ. އެކަން ސާބިތު ކުރުމަށްޓަކައި، ފަރަންސޭސިންގެ އަތުގައި އެތަނުގެ ގާނޫނީ ބާރު އޮތްކަމާއި، އެ ބާރު "ދަށުގައިވާ ތަންތަނުގެ" ނަމުގައި ހަވާލުކުރިކަން ސާބިތުވާން ޖެހެއެވެ.

މިކަން ފަރަންސޭސިންގެ ރިކޯޑުތަކުން ސާބިތުވާނަމަ، މިހާރު އޮތް ތާރީޚީ ސިލްސިލާ އެގޮތުގައި ދެމިއޮންނާނެއެވެ. އެހެން ނޫންނަމަ، އިނގިރޭސިން ފޮއްޅަވައިގާ ކުރާ ވެރިކަމަށް އެހެން ގާނޫނީ އަސާސެއް ހޯދަން ޖެހޭނެއެވެ. އަދި އޭގެ ކުރިން އެތަނުގެ މިލްކުވެރިކަން އޮތް ފަރާތެއް ވަކިން ހޯދަން ޖެހޭނެއެވެ. 2019 ގެ ނިންމުމުން 1965 ގައި ފޮއްޅަވައި، ވަކިކުރުމާ ބެހޭ ސުވާލަށް ޖަވާބު ލިބުނު ނަމަވެސް، ތާރީޚީ ގޮތުން މާ ކުރީގެ ސުވާލެއް އަދިވެސް އޮތީ ނުނިމިއެވެ. އެ ސުވާލަކީ، އިނގިރޭސިންނަށް ފޮއްޅަވައިގެ ސިޔާދަތީ ބާރު އެންމެ ފުރަތަމަ ލިބުނީ ކޮން ގާނޫނީ އަސާސެއްގެ މަތިން ހެއްޔެވެ؟