August 27, 2025

ދިވެހީންގެ އަޑު އިއްވާށެވެ! ފޯޅަވަހި ހޯދަން އިނގިރޭސިންނާއި ދެކޮޅަށް ދިވެހިން މިހާތަނަށް ތެދުވެފަ ނެތީ ކީއްވެތޯ ބުނެދޭށެވެ!

އައުޓްރީޗް ކޯޑިނޭޝަން ޑެސްކް / ފޯޅަވަހީގެ ޙައްޤުގައި ދިވެހީން:
މިހަފްތާ ތެރޭގައި ތަންކޮޅެއް އަވަސް އަވަހަށް އިގިރޭސި އާޓިކަލްތައް މި ހަރަކާތުގެ ފަރާތުން މިގެންދަނީ ޝާއިއުކުރަމުންނެވެ. އެއީ ކުރާނެ އެހެންކަމެއް ނެތިގެނެއް ނޫނެވެ. ވަރަށްވެސް މުހިއްމު ބޭނުމެއްގައެވެ. ނުހަނު މަތިވެރި ޢަޒުމެއްގައި، މިކުރެވޭ މަސައްކަތުގެ ވިސްނުމާއި މިޞްރާބު އަވަހަށް ބައްޓަމަށް ހިފާލުމުގެ ގޮތުންނެވެ. އެގޮތުން އިނގިރޭސީ ޕާލަމެންޓްގެ މަތިގެއާއި ތިރިގޭގެ އެންކުއަރީ ސާވިސްގައި އެދުމުން، އެފަރާތުންވަނީ އަޅުގަނޑުމެންނަށް، އިނގިރޭސި ޕާލަމެންޓްގެ ދެ ގޭގައި މިވަގުތު ތިއްބެވި އެންމެހައި މެންބަރުންނާއި ގުޅޭނެ އީމެލްތަކުގެ ލިސްޓެއް ދެއްވާފައެވެ. ތިރިގޭގައި ތިއްބެވި ބޭފުޅުންގެ 651 އީމެއިލް އައިޑީ އާއި، މަތިގޭގައި ތިއްބެވި ބޭފުޅުންގެ 911 އީމެއިލް އައިޑީ، (ލިސްޓް) އަޅުގަނޑުމެނަށް އީމެއިލް ކޮށްދެއްވާފައިވެއެވެ. މިހުރިހާ އީމެއިލް ތަކަށް އަޅުގަނޑުމެން މިދަނީ، މިހަރަކާތުގެ ފަރާތުން ތައްޔާރުކޮށްފައިވާ މައިގަނޑު ލިޔުންތަކާއި، ވަކިން ޚާއްސަގޮތެއްގައި، ވެބްސައިޓުގައި ޝާއިޢުކުރާ ޚަބަރުތަކާއި، އާޓިކަލް ތައް ފޮނުވަމުންނެވެ. އަމާޒަކީ ކޮބައިތޯއެވެ؟

ޝައްކެއްވެސް ނެތެވެ! ވަރަށްވެސް ސީދާ ސާދާ އަމާޒެކެވެ! އެއީ ވީހާ އަވަހަކަށް ފޯޅަވަހީގެ މައްސަލަ އާއި ގުޅޭގޮތުން އދ. ގެ ޗާޓަރާއި، އިންސާނީ ޙައްޤުތަކާއި، ބައިނަލް އަޤުވާމީ ޤާނޫނާއި، ކޮމަންވެލްތް ޗާޓަރުގެ އަލީގައި، ދިވެހިން ދިވެހިންގެ ޙައްޤު މަޤާމު ފާހަގަ ކުރާގޮތް ދުނިޔެއަށް އަންގާ ދިނުމެވެ. އަދި އަމުދުން ދިވެހީން ދިވެހީންގެ މިނިވަންކަމާއި އިސްތިގްލާލު ދިފާޢުކޮށް ދެމެހެއްޓުމުގައި، އަދުގެ ބަވަނަ ދުނިޔޭގައި އިގްތިޞާދީ، ސިޔާސީ، ސަލާމަތީ އަދި އިސްތިރާޖީ ގޮތުން ދެކޭ ނަޒަރިއްޔާތައް (ޕާސްޕެކްޓިވްތައް) އޮޅުމެއް ނާރާނެ ވަރަށް އިނގިރޭސި ޤާނޫނު ހަދާ މަޖުލިހަށާއި، އަދި ދުނިޔެއަށްވެސް ނެރެ ހާމަކޮށްދިނުމެވެ. މިކަންކަން ނެރެ ހާމަކުރުމަށް އެނޫން ތަނެއް ނުވަތަ އެނޫން ބަޔަކު ނެތީހެއްޔެވެ؟

ނޫނެކެވެ! އެނޫން އެތައްބަޔަކު އެބަ ތިއްބެވެ. އެމެރިކާގެ ހައުސްއޮފް ރެޕްރެސެންޓެޓިވުންނާއި، ސެނެޓުގެ މެމްބަރުންނެވެ. އދ. ގެ ގުނަވަންތަކުގެ ވެރިންނާއި، ކޮމެޓީތަކުގެ މެމްބަރުންނާއި، އެތަނުގައި ގޮސްތިއްބެވި ޤައުމުތަކުގެ މަންދޫބުންނެވެ. އިސްލާމީ ޤައުމުތަކުގެ އިސް ވެރިންނާއި، ސަރަޙައްދީ ޖަމްޢިއްޔާތަކުގެ ވެރީންނެވެ. ދުނިޔޭގެ ނުފޫޒުގަދަ ޚަބަރު ފަތުރާ ވަސީލަތްތަކުގެ ވެރީންނާއި، ނޫސްވެރީންނެވެ. އެނޫނަސް ކިތަންމެކިތަންމެ ބަޔެކެވެ. އެކަމު އިގިރޭސި ވިލާތުގެ ޕާލަމެންޓުގެ މަތިގެއާއި ތިރިގެ މިވަގުތަށް މުހިއްމު މިވަނީ ޚާއްސަ ސަބަބަކާ ހެދިއެވެ.

އެސަބަބަކީ، އިނގިރޭސި ސަރުކާރުން، ފޯޅަވަހި މޮރިޝަސްއާއި ހަވާލުކުރުމަށް ހެދި އެއްބަސް ވުމާއި ގުޅިގެން މިހާރު، އިނގިރޭސި ގާނޫނު ހަދާ މަޖުލިހާއި، އިދިކޮޅު ފަރާތްތަކުގެ މެދުގައި ދެބަސްވުން އުފެދި އިނގިރޭސި ސަރުކާރަށް ފާޑުކުޔިންތައް ދަނީ އަމާޒުވަމުންނެވެ. މިދަނޑިވަޅުގައި، ފޯޅަވަހި މޮރިޝަސް އަށް ދީފި ނަމަ، އިނގިރޭސިންނާ އެމެރިކާ މީހުންގެ މަސްލަހަތު ރައްކާ ނުކުރެވި ދުރު ރާސްތާގައި، މޮރިޝަސްގައި ތިބި ޗައިނާދަރިކޮޅުގެ ރައްޔިތުންގެ ބާރުގައި ފޯޅަވަހި ޗައިނާގެ އަތް ދަށަށް ހިނގައިދާނެކަމުގެ ބިރު، އިނގިރޭސިންނާ، އެމެރިކާގެ އެކި ވަރު ވަރުގެ ވެރީންގެ ހިތްތަކުގައި އަންނަނީ އުފެދި އިތުރުވަމުންނެވެ.

މިފަދަ ދަނޑިވަޅެއްގައި، ދިވެހިން، އިނގިރޭސިންނަށާއި، އެމެރިކާގެ ވެރީންނާއި ރައްޔިތުނަނަށް ޙަޤީގަތް ހަނދާން ކޮށްދޭން ޖެހޭނެކަމަށް ދެކެމެވެ. އަދި އެވެރީންގެ ހިތްތަކުގައި ދިވެހީންނާއި މެދު އިތުބާރު އިތުރު ކޮށްދޭން ޖެހޭ ކަމުގައިވެސް ދެކެމެވެ. ކުރީގަވެސް، މިހާރުވެސް އަދި ކުރިއަށް އޮތްތާގައިވެސް، އިންޑިއާ ކަނޑުގެ ސަލާމަތާއި ސުލްޙަ ދެމެހެޓުމުގައި، އަގެއް އަތުލުމަކާއި ނުލާ، ޙަޤީގީ މާނައިގާ އިނގިރޭސިންނާއި އެމެރިކާ އާއިއެކު ކޮނޑާއި ކޮނޑު ޖައްސާނެ "ޤުދުރަތީ" ބައިވެރިއަކަށް މިސަރަޙައްދުގައި އޮތީ ދިވެހިރާއްޖެ އެކަނިކަން ވިސްނައިދޭން ޖެހެއެވެ. އަދި އެކަން އިނގިރޭސިންނާއި އެމެރިކާ މީހުން ޤަބޫލުކުރަން ޖެހެއެވެ. އެހެންވެ ފޯޅަވަހީގެ ސިޔާދަތީ ބާރުހޯދުމަށް ދިވެހިން އިނގިރޭސިންނާއި ދެކޮޅަށް ކުރިން ދަޢުވާ ނުކުރިކަމުގައި ވިޔަސް އެތަނަކީ ދިވެހިންގެ ތަނެއް ކަމަށާއި، އަދި އެތަން އޮންނަން ޖެހޭނީވެސް ދިވެހިންގެ ސިޔާދަތީ ބާރުގެ ދަށުގައި ކަމަށް އިނގިރޭސިންނާއި އެމެރިކާއިން ޤަބޫލުކުރަން ޖެހެއެވެ. އެގޮތަށް ނުވެއްޖެ ނަމަ ދިވެހީން މަޖުބޫރީ ޙާލަތަކަށް އެބަ ވެއްޓޭކަން އެދެޤައުމުން ދަންނަން ޖެހެއެވެ.

ކޮން މަޖުބޫރީ ޙާލަތެއްތޯއެވެ؟ އާދެ! އެޙާލަތަކީ، އެކަމަށް އިނގިރޭސިންނާ އެމެރިކާ ލޯމަރާލައިފި ނަމަ، ދިވެހިންނަށް މަޖުބޫރުވެގެންދާނީ، އެ ދެޤައުމާއި، ހުޅަނގުގެ ގައުމުތައް އިސްވެ ތިބެގެން އެކުލާވާލި މިންގަނޑުތަކާއި، ބައިނަލް އަޤްވާމީ ޤާނޫނުތަކާއި، އދ. ގެ ޗާޓަރާއި، އިންސާނީ ޙައްގުތަކުގެ މުއާހިދާއާއި، އދ. ގެ ޑިކޮލޮނައިޒޭޝަން ޤަރާރުފަދަ ވަސީލަތްތަކުގެ ބޭނުންހިފާށެވެ.

އެހެންކަމުން، އަޅުގަނޑުމެން މަސައްކަތް މިކުރަނީ ސުލްޙަވެރި ފުރުޞަތުތަކުގެ ތެރެއިން، މިދެންނެވި މަގަށް ދިވެހިން ނުކުންނަން ތައްޔާރުވަމުން ދާކަން ވިސްނައިދިނުމަށެވެ. އަދި އެއީ ދިވެހިން ނުކުންނަށް އޮތް އެންމެ ރަގަޅު މަގުކަމުގައިވެސް ވިސްނައި ދިނުމަށެވެ. މިގޮތުން މިހަރަކާތުގެ ފަރާތުން މިއަމާޒު ހިފަނީ އެންމެ ފުރަތަމަ މިދަންނަވާ ގޮތަށް ވިސްނުމާއި ވާހަކަތައް މިސްރާބު ހިފާ، އެމިސްރާބުތަކުން ވީހާ ގިނަ ލިޔުންތައް ޝާއިޢުކުރުމަށެވެ. އެހެންވެ އަޅުގަނޑުމެންގެ ލިޔުންތަކާއި، ކެމްޕޭން ތަކުގެ ވިސްނުމުގެ މިސްރާބު ހިފާނީ އަންނަނިވި އަމާޒުތައް އަތުލުމަށެވެ.

1. އެއްވެސް އިރެއްގައި ދިވެހިން ފޯޅަވަހީގެ ސިޔާދަތީ ބާރު ދޫކޮށްނުލާކަން. އަދި ދުވަހަކުވެސް އެ ބާރު ދޫކޮށްނުލާނެކަން ދުނިޔެއަށް ޔަޤީން ކޮށްދިނުން.

2. ފޯޅަވަހީގެ ސިޔާދަތީ ބާރު ހޯދުމަށް މިހާތަނަށް އިނގިރޭސިންނާއި ދެކޮޅަށް އދ ގައި ފޯޅަވަހި ޑިކޮލޮނައިޒް ކުރަން ހުށަހަޅާފަ ނުވަނީ، އިގިރޭސިންނާއި އެމެރިކާ މީހުން އެތާގަ ތިބުމުން ދިވެހިންގެ ސިޔާސީ، އިގްތިޞާދީ، އިސްތިރާޖީ އެއްވެސް މަސްލަހަތަކަށް އުނިކަމެއް ލިބުމުގެ ބަދަލުގައި، އެފަދަ މަސްލަހަތު ތަކުގެ ސަލާމަތާޢި ރައްކާތެރިކަން އިތުރުވާތީކަން، ވިސްނައި ދިނުން.

3. އެހެންނަމަވެސް މޮރިޝަސްއަށް ނުވަތަ އެހެން ފަރާތަކަށް ވިޔަސް ފޯޅަވަހީގެ ސިޔާދަތީ ބާރު ދިނުމަށް ނިންމައިފި ނަމަ، އދ ގެ ޗާޓަރާއި، ޑިކޮލޮނައިޒް ކުރުމުގެ ޤަރާރު 1514 އާއި، ވިއެނާ ކޮންވެންޝަންއާއި، އެނޫނަސް ބައިނަލް އަޤުވާމީ ގާނޫނުތަކުން ދިވެހިރާއްޖެއަށް ލިބިދޭ ޙައްގުތަކުގެ ބޭނުން ހިފާ، ބައިނަލް އަޤްވާމީ ތާއީދާއި އެކު، އދ. ގެ ނިޒާމުގެ ތެރެއިން ފޯޅަވަހި ދިވެހިރާއްޖޭގެ ސިޔާދަތީ ބާރުގެ ދަށަށް ގެންނާން މަސައްކަތް ކުރުން ނޫން މަގެއް ދިވެހިންނަށް ނޯންނާނެކަން ވިސްނައިދިނުން.

4. އަދި ހަމަ އެގޮތުން، އިގިރޭސިންނާއި މޮރިޝަސްއާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއާއި ހަވާލުކޮށްފިނަމަ އެކަމުގެ ނަތީޖާއަކަށް ވާނީ، އދ. ގެ ސްޕެޝަލް ކޮމިޓީ އޮން ޑިކޮލޮނައިޒޭޝަން (ސީ – 24) އަށް، އިނގިރޭސިންނާއި އަދި މޮރިޝަސްއާއި ދެކޮޅަށް ފޯޅަވަހި ޑިކޮލޮނައިޒް ކުރުމުގެ މައްސަލަ ވެއްދުން ކަމަށާއި، އަދި އެގޮތުން:

5. ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި ގާނޫތަކުގައި ދިވެހިރާއްޖޭގެ ސަރަހައްދަކީ ފޯޅަވަހި ހިމެނޭ .ސަރަހައްދެއް ކަމުގައި ދިވެހިރައްޔިތުން ކަނޑައެޅާނެކަމާއި، އަދި އެމަސައްކަތް ބާރަށް ކުރިއަށް ގެންދާނެކަން ޔަޤީން ކޮށްދިނުން

6. ފޯޅަވަހީގެ މައްސަލާގައި ދިވެހިން އިނގިރޭސިންނާއި ދެކޮޅަށް މިހާތަނަށް ތެދުނުވީ، ނޭގިތިބެގެން ނޫންކަމާޢި، އެހެނެއްކަމަކު އެއީ ޤައުމީ ސަލާމަތާއި، އިސްތިރާޖީ ރޭވުންތެރިކަމުގެ ތެރެއިން، ކޮމަންވެލްތްގެ ރޫހުނަގަހައްޓައި، އެއްބައިވެ ހެޔޮފުރުޞަތު ހިއްސާކުރުމުގެ ޤައުމީ ސިޔާސަތެއް ދެމެހެއްޓުމުގެ ގޮތުން ކަން އިގިރޭސިންނަށާއި ދުނިޔެއަށް ހާމަކޮށްދީ ވިސްނައިދިނުން.

ވީމާ މިދެންނެވުނު މިސްރާބުތަކުގައި ތަފާތު އެކިއެކި ލިޔުއްވުންތައް ލިޔުއްވާށެވެ. އިނގިރޭސި ބަހުންނާއި، ދިވެހިބަހުންނެވެ. ޢަރަބި ބަހާއި އުރުދޫ ބަހުންނެވެ. އެނޫނަސް އެމީހަކަށް އެގުނުބަހަކުންނެވެ. މާދިގުކޮށް ލިޔުއްވާނެ ވަގުތު ނެތިއްޔާ ކުރުކޮށް ލިޔުއްވާށެވެ. ޓްވީޓެއްގެ މިންވަރުވެސް ރަނގަޅުވާނެއެވެ. ކުރުކޮށްލާފަ ދަންނަވާ ނަމަ މިދެންނެވުނީ، ފޯޅަވަހި ހޯދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް އަޅުގަނޑުމެން ވިލަރެސް ކޮށް، ޚިޔާލާއި ވާހަކަތައް ބައްޓަން ކުރަން ރާވާފައި ވާގޮތެވެ.

ފޯޅަވަހި ހޯދުމުގެ ވާހަކަތައް އަޅުގަނޑުމެން ބައްޓަން ކުރާނީ ދީނީ އަދި ޤައުމީ ރޫޙެއްގައެވެ. ބައިނަލް އަޤުވާމީ މުޖުތަމައުގައި ގުޅިގެން މަސައްކަތް ކުރުމުގެ ވިސްނުމުގައެވެ. އދ. ގެ ޗާޓަރުގައި ބުނާ ގޮތަށް، އެ އޮނިގަނޑުގެ ދަށުން މަސައްކަތް ކުރުމުގެ ނިޔަތުގައެވެ. އާދެ! ފޯޅަވަހި މިނިވަން ވުމުގެ ކާމިޔާބީގައި، އެންމެހާ ދިވެހީން އެއް އަޑަކުން، ނަޞްރާ ނަޞީބު! ނަޞްރާ ނަޞީބު! ނަޞްރާ ނަޞީބު! އޭ ގޮވަމުންދާ އަޑު ޖައްވުގައި ގުގުމާލާނެ ދުވަހުގެ އުފާވެރި އުއްމީދާއި ޢަޒުމުގައެވެ!