އިންޑިއާގެ ނޫސް ޗެނަލަކުން، ފޯޅަވަހީގެ މައްސަލައާއި ބެހޭ ޚަބަރު ހުށަހަޅާދެމުން ދިޔަ ރިޕޯޓަރަކު ބުނަމުން ދިޔައީ، މޮރިޝަސްގެ ސިޔާދަތީ ބާރު ފޯޅަވަހީގެ މައްޗަށް އޮތުމަށް ދިވެހި ސަރުކާރުން ރުހި ޤަބޫލުކޮށް އެވާކަހަ މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީއަކުން އެންގި ކަމަށެވެ. އަދި އެސިޓީއަކީ މޮރިޝަސް އަށް ކޮންމެހެންވެސް ބޭނުންތެރި ސިޓީއެއް ކަމަށެވެ. މިފަދަ ޚަބަރުތައް އިންޑިއާގެ ބައެއް ޗެނަލްތަކުން ފަތުރާ އިރު ވިސްނައިދެނީ، މޮރިޝަސްއަށް ފޯޅަވަހި ހޯދައިދިނީ އިންޑިއާ ކަމަށެވެ. އިންޑިއާގެ ނުފޫޒު މުޅި އދ.ގެ ޢާއްމު މަޖުލީހުގެ މެމްބަރު ގައުމުތަކުގެ މައްޗަށް އޮތްލެއް ބޮޑުކަމުން، މޮރިޝަސް ކޮޅަށް މައްސަލަ އިންޑިއާ އިން ނިންމައިދިނީ ކަމަށެވެ. އެއީ އިންޑިއާގެ ވެރިކަން ކުރާ ޕާޓީގެ ތާޢީދު އިތުރު ކުރުމަށް، އެޕާޓީއަށް ތާޢީދުކުރާ ނޫސްތަކާއި، ޓީވީ ޗެނަލްތަކުން ފޯޅަވަހީގެ ޚަބަރު ގެނެސްދެމުން ދިޔަގޮތެވެ. އަދި އެޚަބަރުތައް އަޑު އެހުމަށް ފަހު ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙުވެސް އައީ ވަކިކުލަތަކެއް ޖެހި ފެވެމުންނެވެ. ފޯޅަވަހި ހޯދުމަށް ކުރަން ޖެހޭ ޤައުމީ އަދި ދީނީ މަސައްކަތްތަކަށް ހުރަސްއެޅޭވަރަށް، އެކަކު އަނެކަކާ ޚިޔާލު ތަފާތުވަމުންނެވެ. އެކަމަކު އެބުނަނީ ކޮން ސިޓީއެއްގެ ވާހަކަތޯއެވެ؟ މިމައްސަލައިގެ ވަށައިގެންވާ ޙަގީގަތްތަކަކީ ކޮބައިތޯއެވެ؟ މިސުވާލުތަކުގެ މައްޗަށް މިލިޔުމުގައި ބަލައިލާނީ ކުރުގޮތަކަށެވެ.
އާދޭހެވެ! އދ. ގެ ޗާޓަރާއި، އާއްމު މަޖުލިހުގެ 1514 ނަމްބަރު ޤަރާރާއި، އިނގިރޭސިންނާއި މޮރިޝަސްއާއި ދެމެދު ހިނގާފައިވާ މުޢާމަލާތްތަކުގެ އަލީގައި ދަންނަވާލަމެވެ. ކަންހިނގާފައިވާ ގޮތަށް ސީދާ ނަޒަރު ހިންގާލުމުން ހިތަށް ވަންނަނީ، ނޫސްރިޕޯޓަރަށް މިމައްސަލާއާއި، އަދި މިކަމާއި ގުޅުންހުރި މައުޟޫޢުތަކާއި ބެހޭގޮތުން، މަޢުލޫމާތު ލިބިފައިވަނީ ވަރަށް ކުޑަ މިންވަރަކަށް ކަމެވެ. އދ. ގެ އޮނިގަނޑުގެ ތެރެއިން ޢާއްމު މަޖުލީހުގެ "ކޮމިޓީ އޮން 24" (ސީ-24) އާއި، އައިސީޖޭ އާއި، އިޓްލޮސް މަސައްކަތް ކުރަން ކަނޑައެޅިފައިވާ އުސޫލުތަކާއި ހަމަތަކުގެ މަޢުލޫމާތު ރިޕޯޓަރުގެ ކިބައިގާ ނުވާކަމެވެ. ވަކިން ޚާއްޞަކޮށް ރިޕޯޓް ގެނެސްދިން ފަރާތަށް ޑިކޮލޮނައިޒޭޝަން އާއި، ޑެލިމިޓޭޝަންގެ މަފްޙޫމްތަކާއި، މަސައްކަތްތައް އދ.ގެ ތެރެއިން ކުރުމަށް ހަމަޖެހިފަ އޮންނަ އޮނިގަނޑާއި، އުސޫލުތަކާއި، ގުޅުންހުރި ޤާނޫނުތައް ނޭގޭކަމެވެ. އެހެންވެ 2017 އާއި 2025 އާއި ދެމެދު ފޯޅަވަހީގެ މައްސަލަ އދ.ގެ ތެރެއިން ހިނގާ ދިޔަގޮތަށް ބަލާލާނަމެވެ.
ސީ - 24 އާއި، އައިސީޖޭ އާއި، އިޓްލޮސް
- އދ. ގެ ޢާއްމު މަޖުލީހުގެ 'ސްޕެޝަލް ކޮމިޓީ އޮން ޑިކޮލޮނައިޒޭޝަން' (ސީ – 24) ގެ މެންޑޭޓަކީ ޑިކޮލޮނައިޒް ކުރުމުގެ މަސައްކަތް ކުރުމެވެ. އިސްތިޢުމާރުގެ ދަށުން ޤައުމުތައް ފިލުވާ، އަމިއްލަ ޢިޚުތިޔާރުގައި ގޮތްނިންމުމުގެ ފުރުސަތު އިސްތިޢުމާރުކުރެވުނު އާބާދީތަކަށް ލިބިއްޖެތޯ ކަށަވަރު ކުރުމެވެ. އދ. ގެ ނަން ސެލްފް ގަވާނިން ޓެރިޓްރީސްތަކުގެ ލިސްޓުގައި ހިމެނޭ، ވަކި ސަރަޙައްދެއްއްގެ ސިޔާދަތީ ބާރުހޯދުމަށް، ޤައުމަކުން ހުށަހެޅުމުން މި ކޮމިޓީން ބަލަނީ، ތާރީޚީގޮތުން، ޖިއޮގްރާފީގޮތުން، ސިޔާސީ އަދި ސަގާފީ ގޮތުން، އިސްތިޢުމާރުކުރެވުމުގެ ކުރިން އެސަރަޙައްދަކާއި ގުޅިފައި އޮތީ ކޮން އާބާދީއެއް ނުވަތަ ކޮން ގައުމަކާތޯއެވެ. އެތަނަކީ އެގޮތަށް ގުޅުން އޮތްކަން ސާބިތުވާ ޤައުމެއްގެ ތަނެއް ކަމަށް ހެކިތަކުން ބުރަވާ ކޮޅެއް ފާހަގަކޮށް، އދ ގެ ފޯތް ކޮމިޓީއަށް ރިކަމަނޑް ކުރަނީ ސީ - 24 އިންނެވެ.
- އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ ރޯލަކީ ޢާއްމު މަޖުލިހުން ނިންމަންޖެހޭ ކަންކަމުގެ މައްޗަށް، ޤާނޫނީގޮތުން އިސްތިޝާރީ ލަފާ ނެރެދިނުމެވެ. އައިސީޖޭއިން ދެބާވަތުގެ ލަފާ ނުވަތަ ނިންމުން ނެރެއެވެ. އޭގެ ތެރެއިން އެއްބާވަތަކީ އޭގެ މައްޗަށް ޢަމަލުކުރުން ލާޒިމު ނުވާ ލަފާތަކެވެ. އަނެއްބާވަތަކީ އޭގެ މައްޗަށް ޢަމަލުކުރުން ލާޒިމުވާ ލަފާތަކެވެ. ޖެނެރަލް އެސެމްބްލީގެ ކަންކަމާ ގުޅިގެން ނެރޭ ލަފާ ތަކަކީ އޭގެ މައްޗަށް އަމަލު ކުރުން ލާޒިމް އެއްޗެއް ނޫނެވެ. އެކަމަކު، ދޭދޭ ގައުމުތަކުގެ ދެމެތުގައި ވެވިފައިވާ މުއާހިދާ ތަކާއި އެއްބަސްވުން ތަކުގައި ޖެހޭ މައްސަލަތައް ޙައްލުކުރުމުގައި ގޮތްނިންމާނީ އައިސީޖޭއިންކަމަށް ބުނެފައިވާނަމަ، އެފަދަ މައްސަލަތަކުގައި އައިސީޖޭއިން ނިންމާ ނިންމުންތަކާއި އެއްގޮތަށް ޢަމަލުކުރުން އެގައުމުތަކުގެ މައްޗަށް ލާޒިމުވާނެއެވެ.
- އިޓްލޮސް (އިންޓަނޭޝަނަލް ޓްރިބިއުނަލް އޮން ލޯ އޮފް ދަ ސީ) ގެ މައިގަނޑު ޒިންމާއަކީ، ކަނޑުގެ ސަރަޙައްދުތައަކާއި މަސްލަޙަތުތައް ފުށުއަރާ ޤައުމުތަކުގެ މެދުގައި އުފެދޭ މައްސަލަތައް، ބައިނަލް އަގުވާމީ ކަނޑުގެ ޤާނޫނާއި، އދ. ގެ ޤަރާރުތަކާއި، އިޓްލޮސްގެ އިޖުރާއަތްތަކާއި އެއްގޮތްވާ ގޮތުގެ މަތީން، ޢަދުލުވެރިކޮށް ނިންމައި ދިނުމެވެ. މިގޮތުން ނިންމޭނީ މިނިވަން މުސްތަޤިއްލު (އިސްތިޢުމާރުގެ ދަށުގައި ނުވާ) ގައުމުތައް ނުވަތަ ސަރަޙައްދުތަކާއި ގުޅޭ މައްސަލަތަކެވެ.
އދ. އިން ސްޕެޝަލް ކޮމިޓީ އޮން ޑީކޮލޮނައިނޒޭޝަން (ސީ – 24) އުފެއްދުމުގެ މަގުޞަދަކީ، ޑީކޮލޮނައިޒްކުރުމުގެ އެންމެހާ ސިޔާސީ މަސައްކަތްތައް އެކޮމެޓީން ކުރުމެވެ. އެމަސައްކަތް ކުރުމުގެ ބާރު އދ. ގެ މިދެންނެވި އެހެން އެއްވެސް ގުނަވަނަކަށް ލިބިގެނެއް ނުވެއެވެ. އެހެން ނަމަވެސް ޖޫން 2017 ގައި، އދ. ގައި ހުންނަވާ އިނގިރޭސި ދާއިމީ މަންދޫބު އެމްބެސަޑަރ މެތިއު ރައިކްރޮފްޓް ވިދާޅުވީ ފޯޅަވަހި ނުވަތަ 'ބްރިޓިޝް އިންޑިއްނަ އޯޝަން ޓެރިޓްރީ' ގެ މައްސަލައަކީ މޮރިޝަސްއާއި އިނގިރޭސިވިލާތާއި ދެމެދުވާ (ބައިލެޓަރަލް) ދޭދޭ ގައުމުގެ ދެމެދުގެ މައްސަލައެއް ކަމަށެވެ. އަދި އެކަން ޙައްލުކުރާނީ ދެ ޤައުމު ވާހަކަ ދައްކައިގެންނެވެ. މިގޮތުން މައްސަލަ ސީ – 24 އަށް ވެއްދުމުގެ ދޮރު އިނގިރޭސިން ބަންދު ކޮށްލިއެވެ.
މައްސަލަ ސީ – 24 އަށް ވެއްދުމުގެ ދޮރު އިނގިރޭސިން ބަންދުކުރީ ރާއްޖެ ދެކެ ބިރުން!
އާދޭހެވެ! އިނގިރޭސިން ސީ -24 އަށް މައްސަލަ ވެއްދުމަށް މޮރިޝަސް އަށް ހުރަސްއެޅުމުގެ އެންމެ މުހިއްމު ބޭނުމަކީ، އެހެންވެއްޖެ ނަމަ ކުރިން ދެންނެވުނު ސުވާލުތަކުގެ ޖަވާބު ސީ – 24 އިން ހޯދަން ޖެހޭނެތީއެވެ. އެއީ، އިސްތިއުމާރު ކުރެވުނު އިރު، ތާރީޚީގޮތުންނާއި، ޖިއޮގްރަފީގޮތުންނާއ، ސިޔާސީ އަދި ސަގާފީ ގޮތުން އެތަނާއި ގުޅިފައިވަނީ ކޮން އާބާދީއެއްތޯ ނުވަތަ ކޮންޤައުމެއްތޯއެވެ. އެސުވާލުތަކަށް ޖަވާބު ހޯދަން ޖެހުމުން، ރާއްޖެއަށް ހިލޭޖެހުމެއް ލިބި މިމައްސަލައިގެ ތެރެއަށް ރާއްޖެ ވަދެ، ފޯޅަވައްސަކީ ރާއްޖޭގެ ތަނެއްކަމުގެ ހެކި ހުށަހަޅާ އެމައްސަލަ ދުނިޔޭގެ ސަމާލުކަމަށް އަތުވެދާނެތީއެވެ. އެހެންވެއްޖެ ނަމަ، އދ. ގެ ޢާއްމު މަޖުލީހުން ނިންމާނީ، ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ތަނެއް ކަމަށެވެ. އެކަން އިނގިރޭސިންނަށް އެނގި ކަށަވަރުވާތީވެ، އިނގިރޭސީން ބޭނުންވީ ދިވެހިރާއްޖޭގެ އަޑު ކަނޑުވާ، ދިވެހިރާއްޖެ ދަނޑުން ބޭރުގައި ބާއްވާފައި، މޮރިޝަސްއާއި އެކު ސިޔާސީ ވިޔަފާރި ޑީލެއް ހަދައިގެން އެތަނުގައި އެމެރިކާގެ ބޭސްއެއް 99 އަހަރަށް ދެމެހެއްޓުމަށެވެ.
އިނގިރޭސިންނަށް ނުވިސްނުނު ކަމަކީ ކުއްޔަކާއި ނުލާ، މައްސަލައެއް ނުޖައްސާ، އެތަނުގައި 1000 އަހަރަށްވެސް އިނގިރޭސިންނާއި އެމެރިކާގެ ބޭސްއެއް ބޭއްވުމަށް ބޭނުންވާނީ ދިވެހިރާއްޖެއިން ކަމެވެ. އެހެންވީމާ އެތަނުގެ ސިޔާދަތީ ބާރު ދިވެހިރާއްޖެއަށް އޮތުމުން އިނގިރޭސިންނާއި އެމެރިކާގެ މަސްލަޙަތު އިންޑިއާ ކަނޑުގައި ރައްކާކުރެވޭނެ ކަމެވެ. ސަބަބަކީ އަސްކަރީ ބޭހެއް އެތާއޮތުމުން ދިވެހިރާއްޖޭގެ އިގްތިޞާދީ، ސިޔާސީ، އިސްތިރާޖީ މަސްލަޙަތުތަކަށް ލިބޭ ގެއްލުމެއްނެތެވެ. ވަނީ ފައިދާއެވެ. ސަލާމަތީގޮތުން ރައްކާތެރިކަން އިތުރުވާތީއެވެ. މިހާރު އިނގިރޭސިންނާއި އެމެރިކާގެ ބިރަކީ، މޮރިޝަސް އިން މިހާރަށްވުރެ ބޮޑު އަގެއްގައި ޗައިނާއަށް ފޯޅަވަހި ދީފާނެތީއެވެ.
ސީ – 24 ގެ ދޮރު ބަންދުކުރުމުން މޮރިޝަސް ޢަމަލުކުރީ ކިހިނެއް؟
އިނގިރޭސިން ސީ – 24 ގެ ދޮރު މޮރިޝަސް އަށް ބަންދުކުރުމުން، މޮރިޝަސް ގަސްތުކުރީ އިނގިރޭސި ކިންގްސް ކައުންސަލް ފިލިޕް ސޭންޑްސްގެ ލަފަޔާ އެއްގޮތަށް ކުރިއަށް ދިޔުމަށެވެ. މުޅި މައްސަލަ ކުރިއަށް ގެންދާނެގޮތުގެ ރޭވުން ރާވާ، ކޯޓު ޑްރާމާ ކުޅެ، ވާހަކަ ފޮތްނެރެ، ކަންކަން ހިންގާލުމުގައި އަތްއަނބުރާފަ އުޅުއްވި އާރުކާޓީއަކީ މިދެންނެވި ފިލިޕް ސޭންޑްސް އެވެ. މައްސަލައިގެ ތެރޭގައި އޭނާ މޮރިޝަސްގެ ރައްޔިތުކަން ހޯދިއެވެ. އަދި މޮރިޝަސް ޕާސްޕޯޓުގައި އޭނާ މޮރިޝަސް ތަމްސީލުކުމަށް ދަތުރު ކޮށްފައިވެއެވެ. މީނާ އަކީ ފްރާންސް، އިނގިރޭސި އަދި މިހާރު މޮރިޝަސް ހިމެނޭގޮތުން 3 ގައުމުގެވެސް ރައްޔިތެކެވެ. މޮރިޝަސް މައްސަލައާއި ގުޅިގެން މީނާގެ ސުލޫކާ މެދު ޢާއްމުންގެ މެދުގައި ވަނީ ބައެއް ސުވާލު އުފެދިފައެވެ. އަދި އިނގިރޭސި ޕާލަމެންޓުގެ މަތިގެއަށް މީނާ ޙާޒިރުކޮށް، އެމަޖުލީހުގައި މީނާ، މިއަހަރު ޖޫން މަހު ތެރޭގައި ހައުސް އޮފް ލޯޑުންނަށް ޖަވާބުދާރީ ވާން ޖެހުނެވެ.
ކޮންމެއަކަސް މީނާގެ ލަފާގެ މަތީން، މޮރިޝަސްއިން ނިންމީ އދ. ގެ ޢާއްމު މަޖުލީހުގައި މައިގަނޑު ޤާނޫނީ ދެ ސުވާލެއް ކުރުމަށެވެ. އެދެސުވާލަކީ:
- 1968 ގައި މޮރިޝަސްއަށް މިނިވަންކަން ދިން އިރު، ފޯޅަވަހި މޮރިޝަސްއާއި ވަކިކުރެވިފަ ވުމާއިއެކު، ބައިނަލް އަގުވާމީ ޤާނޫނުތަކާއި، އދ. ގެ ޢާއްމު މަޖުލީހުގެ 1514 ނަމްބަރު ޤަރާރާއި، 2066 ނަމްބަރު ޤަރާރާއި، 2357 ނަމްބަރު ޤަރާރާއި، 2232 ނަމްބަރު ޤަރާރުގައި ލާޒިމުކުރާ ކަންކަން ޤާނޫނީ ގޮތުން ފުރިހަމަ ކުރެވިފައި ވޭތޯ؟
- އިނގިރޭސި ސަރުކާރުން ފޯޅަވަހި އިދާރީގޮތުން ހިންގުން ކުރިއަށް ގެންދާނަމަ، އެކަމުގެ އަސަރު ބައިނަލް އަޤްވާމީ ޤާނޫނުގެ މައްޗަށާއި، އިސްވެ ބަޔާންކުރެވުނު އދ. ގެ ޤަރާރުތަކުން ލާޒިމުކުރާ ކަންކަމުގެ މައްޗަށާއި، އަދި މޮރީޝަސް އިން ފޯޅަވަހީގެ ރައްޔިތުން އެތަނުގައި އާބާދުކުރުމަށް ކުރަމުންދާ މަސައްކަތަށް ފޯރާނީ ކިހިނެއްތޯ؟
ފިލިޕް ސޭންޑްސް ބޭނުން ކުރި އުކުޅަކީ، ޑިކޮލޮނައިޒް ކުރުމަކާއި ނުލާ ޑިލިމިޓޭޝަން އަށް ދިއުން.
ކޮންމެއަކަސް ފިލިޕް ސޭންޑްސް ގެ ރޭވުން ކާމިޔާބު ވެއްޖެއެވެ. ކުރިން ދެންނެވި ގޮތަށް މި އިސްތިޝާރީ ލަފާ އައިސީޖޭއިން ހަމަ ނެރުމާއި އެކު، ފިލިޕް ސޭންޑްސް އާޢި މޮރިޝަސް އިން ނިންމީ، އެއީ ބައިންޑިން އެއްޗެއް ކަމަށެވެ. އަދި އޭގެ މައްޗަށް ބިނާކޮށް ކަނޑު ބެހުމުގެ މައްސަލަ އިޓްލޮސްއަށް ވެއްދިއެވެ. ރާއްޖެ އެކަމަށް އިންކާރު ކުރިއެވެ. އަދި އެޕްރޯސަސްގައި ބައިވެރިވާން ދެކޮޅު ހެދިއެވެ. ދިވެހި ސަރުކާރުން ބުނަމުން އައީ ދެވާހަކައެކެވެ.
- ދިވެހިސަރުކާރުން އދ ގެ ޢާއްމު މަޖުލީހުގެ ޤަރާރު ނަމްބަރު 1514 އަށް ހަވާލާދީ، ނެގި ފުރަތަމަ ނުކުތާއަކީ ޑިކޮލޮނައިޒް ކުރުމުގެ ކުރިން، ޑެލިމިޓޭޝަން ނުވަތަ ކަނޑު ނުބެހޭނެ ކަމަށެވެ. އަދި ފޯޅަވަހި އޮތީ އެތަން އިސްތިއުމާރުކުރި ބާރުގެ ދަށުގައި ކަމަށެވެ.
- ދެވަނަ ނުކުތާއަކީ، ޑިކޮލޮނައިޒް ކުރުމަކީ، ހަމަ އެކަނި އާއްމު މަޖުލީހުގެ ސީ – 24 ގެ މެންޑޭޓެއް ކަމަށާއި، އިޓްލޮސް އިން ޑިކޮލޮނައިޒް ކުރުމުގެ މެންޑޭޓް ނުވަތަ ޒިންމާގެ ތެރެއަށް ނުވަދެވޭނެ ކަމަށެވެ.
ރިޕޯޓަރު އެބުނާ ސިޓީ
ރާއްޖެއަށް އެންމެ ރަނަގަޅުގޮތަކަށް ވާނީ އެ އަޑުއެހުމުގައި ބައިވެރިވެ ރާއްޖެއަށް ކަނޑުން ގެއްލޭ ބައި ކުޑަކުރުންކަމުގައި ހެދުމުގެ ނިޔަތް ދިވެހިސަރުކާރުގައި އޮތީކަމަށް ވުން އެކަށީގެންވެއެވެ. އެހެންވެ އިޓްލޮސްގެ އަޑު އެހުމުގައި ދިވެހިރާއްޖެ ބައިވެރިވާން ނިންމީ ކަމުގައި ބެލެވެއެވެ. ޤަބޫލުކުރެވެނީ، ދިވެހި ސަރުކާރުން އެ އަޑުއެހުމުގައި އަލުން ބައިވެރިވާން ނިންމިކަން އަންގާނީ ސިޓީއަކުން ކަމަށެވެ. އެސިޓީއެއް ވާނީ މޮރިޝަސްއަށްވެސް ފޮނުވާފައެވެ. އަދި އިޓްލޮސްއަށްވެސް އެކަން ލިޔުމުން އަންގާނެކަމަށް ބެލެވެއެވެ. އެހިސާބުން އިޓްލޮސްގެ އިރުޝާދާއި އެއްގޮތަށް، ދެގައުމުގެ ދެމެދުގައި އެއްބަސްވުމެއް ހަދަން ޖެހިދާނެއެވެ. އެފަދަ އެއްބަސްވުމެއް ހެދިކަން ރިކޯޑްތަކުން އެގެއެވެ.
ފާހަގަ ކުރަންޖެހޭ އެންމެ މުހިއްމު އެއް ނުކުތާއަކީ، ރިޕޯޓަރު އެބުނާގޮތަށް، އިޓްލޮސްގެ ޕްރޯސަސް ކުރިއަށް ގެންދިއުމަށްޓަކައި ހަމަޖެހިފަ އޮތް އިޖުރާޢަތްތަކުގެ ތެރޭގައި، ދިވެހި ސަރުކާރުން ފޯޅަވަހީގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރުއޮތުމަށް ފެނޭތޯ ނުފެނޭތޯ، ރުހޭތޯ ނުރުހޭތޯ ބަޔާންކުރާ ސިޓީއެއް އޮތުމަށް ލާޒިމް ނުވާކަމެވެ. އަދި އެއީ ހަމަޖެހޭ ކަމަކަށްވެސް ނުވާނެކަމެވެ. އެހެންވީމާ ރިޕޯޓަރަށް ހީވެފައި އެވަނީ މުޅިން ކުށްހީއެއްކަމުގައި ޤަބޫލުކުރެވެއެވެ.
ވީމާ ދިވެހި ސަރުކާރުން މޮރިޝަސް އަށް އަދި އިޓްލޮސް އަށް ސިޓީއެއް ފޮނުވިނަމަ، އެސިޓީވުން އެކަށީގެން ވަނީ، އިޓްލޮސްގެ އެޕްރޯސަސްގައި އަލުން ބައިވެރިވާން ދިވެހި ސަރުކާރުން ނިންމިކަން އެންގުމުގެ ގޮތުން ފޮނުވި ސިޓީއަކަށެވެ. އެފަދަ ސިޓީއެއް ފޮނުއްވި ނަމަ އެސިޓީއެއްގައި "ވިތައުޓް ޕްރިޖޫޑިސް" ކްލޯސްއެއް ހިމަނާފަ އޮންނާނެ ކަމަށް ޤަބޫލުކުރެވެއެވެ. އެފަދަ ކްލޯސްއެއްގެ ބޭނުމަކީ ކުރިއަށް އޮތްތާގައި، ފޯޅަވަހީގެ ރަށްތަކާއި، އެތަނުގެ ކަނޑާއި، އެތަނުގެ ކޮންޓިނެންޓަލް ޝެލްފާއި ގުޅޭގޮތުން ދިވެހިންނަށް ލިބިދާނެ އެއްވެސް ޙައްގެއް، މަންފާއެއް، ނުވަތަ އެފަދަ ކަމެއް ހޯދުމަށް ކުރެވިދާނެ އިހުތިޖާޖެއް ވިޔަސް ދައުވާއެއް ވިޔަސް ދޫކޮށް ނުލާކަމާއި، އެވަގުތަށް އިޓްލޮސް ޕްރޯސަސްގައި ބައިވެރިވާން ނިންމަނީ، އެގޮތުގެ މަތީންކަން ސާފުކޮށް ލިޔުމުން އެގެން އޮތުމެވެ.
ރާއްޖެއަށް ފޯޅަވަހި ހޯދުމުގެ ފުރުސަތުއޮތީ ކިހާވަރަކަށް
