8/16/25

ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަމެއް އަދި ނުލިބެއެވެ!

ޢަބްދު ﷲ ރަޝީދު، މ. ލިނެޓް: ފަރަންސޭސީން ދިވެހިރާއްޖޭގެ ފޯޅަވަހި ކޮލޮނައިޒްކުރި ދުވަހުން ފެށިގެން އަދިއަދަށް ދާންފެންވެސް ދިވެހިރާއްޖެ މި އޮންނަނީ ފުރިހަމަ މިނިވަންކަމެއް ނެތި ކޮލޮނައިޒްގެ ވަކިތަކުގެ ދަށުގައެވެ. ރާއްޖޭގެ ތުރާކުނުގެ އުތުރުން މަލިކާއި، އައްޑޫ ގަމުގެ ދެކުނުން ފޯޅަވަހީގެ އަތޮޅުތަކާއި ރަށްތައް ޑީކޮލޮނައިޒްކޮށް އެތަންތަން ދިވެހިރާއްޖެއާ އަނބުރައި ހަވާލު ނުކުރާހައި ހިނދަކު، ރާއްޖެ އަކަށް ފުރިހަމަ މިނިވަންކަމެއް ނުލިބެއެވެ.

އެހެންކަމަށްވާތީ، 26 ޖުލައި 1965 ގައި އިނގިރޭސި ދައުލަތާއި ދިވެހި ދައުލަތާ ދެމެދު ސޮއިކުރި، ސިލޯނު އެގްރީމަންޓަށްފަހު، 29 މާރިޗު 1976 ގައި، އައްޑޫ ގަމުން އިނގިރޭސީން ފައިބައިގެން ދިޔަ ނަމަވެސް ހަގީގަތުގައި ދިވެހިރާއްޖެ މިނިވަނެއް ނުވެއެވެ. ރާއްޖޭގެ އެއްބައި ކޮލޮނައިޒް ކުރެވިފައި އޮތީތީ ޑީކޮލޮނައިޒް ކުރެވުނީ ކަމުގައެއްް ވެސް ނުވެއެވެ.

ސަބަބަކީ، މަލިކާއި ފޯޅަވައްސަކީ އެއްވެސް އިރަކު މިނިވަން މުސްތަގިއްލު ވަކި ދެ ދައުލަތްކަމަށް ނުވާތީއާއި އެ ދެ ތަން އޮތީ ދިވެހި ދައުލަތުގެ ދެ ތަނުގެ ގޮތުގައި ކަމަށް ވާތީއެވެ. އެހެންކަމަށްވާތީ، ފުރިހަމަ މާނައިގައި ދިވެހިރާއްޖެ މިނިވަން ވީ ކަމަށް ވާނީ ޚާރިޖީ މިނިވަންކަން ލިބި އަދި ދިވެހިރާއްޖޭގެ ރަށްތަކުގެ ތެރެއިން ކޮލޮނައިޒް ކޮށްފައި ހުރި ރަށްތައް ޑީކޮލޮނައިޒްކޮށް ރާއްޖެއާ ޙަވާލު ކުރުމުންނެވެ. މަލިކާއި ފޯޅަވަހި ވެސް ދިވެހިދައުލަތަށް އަނބުރައި ހަވާލުކުރާ ދުވަހަކުންނެވެ.

މަލިކަކީ ވެސް އަދި ފޯޅަވައްސަކީ އެއްވެސް އިރަކު ވަކި ދެ ދައުލަތެއްގެ ގޮތުގައި އޮތް ދެތަން ކަމަށް ނުވެފައި އެއީ ދިވެހި ދައުލަތުގެ ދެ ތަން ކަމަށް ވާތީއެވެ. އެކަން ތާރީޚުން އެނގޭން އެބަ އޮތެވެ.

ޑީކޮލޮނައިޒް ކުރެވޭނީ ދައުލަތްތަކެވެ. ދައުލަތެއްގެ ވަކިވަކި ރަށްތަށާއި ވަކިވަކި ތަންތަން ޑީކޮލޮނައިޒް ކުރުމަކީ އެ ތަންތަނުގެ އަސްލު މައި ދައުލަތާ އެ ތަންތަން ހަވާލު ކުރުމެވެ. ކޮލޮނައިޒް ކުރުމުގެ ކުރީން އޮތް ހާލަތަށް އަނބުރައި ރުޖޫޢަ ކުރުމެވެ.

ދެރަ ކަމަކީ، އެހެން އެކަންކަން ހުރިނަމަވެސް ދިވެހިރާއްޖޭގެ އެއްވެސް ހެޑް އޮފް ސްޓޭޓަކު އެމޭރުމުން އެވާހަކަ ސާފުކޮށް އަދި ނުދައްކަވާ ކަމެވެ. އެ ވާހަކަ އެމޭރުމުން ނުދައްކަވަނީ ތާރީޚާއި ގާނޫނީ މަފްހޫމު ސާފުވެވަޑައި ނުގަންނަވާތީ ކަމަށްވެސް ވެދާނެއެވެ.

ކޮންމެ ގޮތަކަށް އެކަންކަން ހުރި ނަމަވެސް، ފޯޅަވަހި އިސްތިއުމާރު ކުރިއިރު ވުޖޫދުގައިވެސް ނެތް މޮރިޝަސް އެވެ ކިޔާ އަލަށް ވުޖޫދުކުރި ދައުލަތަކާއި ދިވެހިރާއްޖެއާ ދެމެދުގައި 2010 ވަނަ އަހަރު ސޮއިކުރި އެގްރީމަންޓުގައި ރާއްޖޭން އެކުރި ސޮޔެއް ކުރުމުގެ ކުރީގައި މޮރިޝަސްއަށް ފޯޅަވަހި ދޫކޮށްލުމުގެ ވިސްނުން އިނގިރޭސި ދައުލަތުގެ ސިކުނޑީގައި އުފަނެއް ނުވެއެވެ.

އަދި ދިވެހިރާއްޖެއާއި ފޯޅަވައްސާ ދެމެދުގައި 317 ނޯޓިކަލް މޭލުގެ ފުޅާމިނަށް ފެތުރިފައިވާ އައްޑޫ ކަނޑުން ރާއްޖޭގެ ކަނޑުގެ ބައެއްގެ ގޮތުގައި ގާނޫނު ނަންބަރު 6/96 ގެ 6 ވަނަ މާއްދާއިން ލިބިދީފައިވާ، އަދި ޔޫ.އެން. ވެސް، ގަބޫލުކޮށްފައިވާ 200 ނޯޓިކަލް މޭލު، ބައިބައިކޮށްލައިގެން ބަހައިލަން ޖެހުމުގެ ޚުޞޫމަތުވެސް އުފަނެއް ނުވެއެވެ.

އަދި ރާއްޖޭގެ މަސްވެރީން އައްޑޫ ކަނޑުގައި މަސްބާނާން ނުކުމެ ތިބޭއިރު، ބޭރުގައުމެއްގެ ބާރުތަކުން ދިވެހި މަސްވެރީންގެ އުޅަނދުތައް ފައްސައިލައި ފޯޅަވައްސާ ދުރަށް ފޮނުވައިލާން ފެށެވުން ވެސް އުފަނެއް ނުވެއެވެ.

އެހެން ކަމަށްވާތީ، 2010 ގައި ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެމެދު ސޮއިކުރި އެގްރީމަންޓުގައި އޮތް އެއްޗެއް ދިވެހި ރައްޔިތުންނަށް ހާމަކޮށްދެވޭން އެބަ ޖެހެއެވެ.

އަދި އެ ދުވަސްވަރު މޮރިޝަސްގެ ސަރުކާރުން ދިވެހި ދައުލަތުގެ ވެރިޔަކަށް، މޮރިޝަސްގެ ދައުލަތުގެ އެންމެމަތީ ޝަރަފު، އެ ދުވަސްވަރާ ދިމާކޮށް އެރުވި ސަބަބުވެސް ދިވެހި ރައްޔިތުންނަށް ސާފުކޮށްދެވޭން އެބަ ޖެހެއެވެ. ސަބަބަކީ، އެކަންކަން ނޭނގި އޮންނަހައި ހިނދަކު، އެކިއެކި ޒާތްޒާތުގެ ތުހުމަތުތައް ރައްޔިތުންގެ ހިތްތަކުގައި އުފަންވެ ޒާތްޒާތަށް އެވާހަކަ ދެކެވިދެކެވި ދެމި އޮންނާނެތީއެވެ.