8/16/25

ދިވެހީންނަށް ދެން ފޯޅަވަހި ގެއްލުނީތަ؟

ޢަބްދު ﷲ ރަޝީދު، މ. ލިނެޓް: މޭ 23 ވެގެން އެ ދިޔައީ ރާއްޖޭގެ އިމުގެ މިލްކުވެރިކަމާ ގުޅޭ 59 އަހަރުވީ މައްސަލައެއްގައި ރާއްޖޭގެ ފަރާތުން ރަސްމީ ބަހެއް ނުބުނެ އޮވެގެން ނިމިދިޔަ ދުވަހަކަށެވެ. އެކަމަކު ރާއްޖޭގެ އެ ޙައްޤު އަނބުރައި ހޯދުމުގެ ދޮރުތައްވެސް ތަންމިނަށް ހުޅުވިގެންވެސް ދިޔަ ދުވަހަކަށެވެ.

އެ މަގު ހުޅުވުނީޔޭ ކުރި އިޝާރާތުގެ މުރާދަކީ، ފޯޅަވަހީގެ މައްޗަށް ވެރިވެ ތިބެނީ ދުނިޔޭގެ ބޮޑަތި ބާރުތަކުން ކަމަށްވެފައި، އެމީހުންނަކީ، އ.ދ. މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު ލިބިގެންވާ ބަޔަކަށް ވީހިނދު ވެސް އ.ދ. މަޖިލީހުން ކަނޑައަޅާފައިވާ ފަދައިން ފޯޅަވައްސަކީ އެމީހުން ދޫކޮށްލާންޖެހޭ ތަނެއްކަން އެމީހުން ގަބޫލުކުރި ދުވަހަކަށްވެސް ވާތީއެވެ. އެކަން އެ ގަބޫލުކުރީ ހަމައެކަނި އިނގިރޭސީންނެއް ނޫނެވެ. ފަރަންސޭސީންނާއި އެމެރިކާވެސް ފޯޅަވައްސަކީ އެމީހުންގެ ތަނެއް ނޫންކަމާއި އެއީ، އެމީހުން ގަދަބާރުން، އަތުލާފައި އޮންނަ، އެމީހުން ނޫން ބައެއްގެ ތަނެއް ކަމަށް އެމީހުން ގަބޫލުކުރި ދުވަހަށްވެސް ވީއެވެ.

ފޯޅަވައްސަކީ، ދުނިޔެ ފެށުނީއްސުރެވެސް ރާއްޖޭގެ ފަޅުރަށްތަކެއްގެ ގޮތުގައި އޮންނަ ތަނެކެވެ. އެހެން އެތަން އޮއްވައި އިސްތިޢުމާރީންގެ ޝިކާރައަކަށްވީ 1773 ވަނަ އަހަރު ފަރަންސޭސީން އައިސް އެތަން ދިވެހީންގެ އަތުން ޖަހައިގަތް ހިސާބުންނެވެ.

އެމީހުން ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރި ކުރުމަކީ އ.ދ. މަޖިލީހުން ކަނޑައަޅައިފައިވާ ފަދައިން ފޯޅަވަހި ޑީކޮލޮނައިޒްކުރި ކުރުމެއް ނޫނެވެ. ކޮލޮނައިޒް ދެމެހެއްޓުމެކެވެ. އެހެނީ، ފޯޅަވަހި ޑީކޮލޮނައިޒް ކުރުމަކީ، އެތަން އިސްތިޢުމާރު ކުރުމުގެ ކުރީގައި އޮތް ހާލަތަށް އެތަން ރުޖޫޢަ ކުރުމެވެ. އެ ސަބަބު ނެތް ތަނެއްނަމަ އެތަނަކާ އެންމެ ކައިރީގައި އޮންނަ ރަސްމީ ދައުލަތަކާ ހަވާލު ކުރުމެވެ. ނުވަތަ އެތަނެއް އިސްތިޢުމާރު ކުރުމުގެ ކުރީގައި އޮތް ހާލަތަށް އެތަނެއް ރުޖޫޢަ ކުރުމެވެ.

އެތަނަކީ އަހުރެމެންގެ ތަނެއްގެ ގޮތުގައި އޮއްވައި އިސްތިޢުމާރުކުރި ތަނެކެވެ. އަދި އެތަނަކީ ރާއްޖެއާ 300 ވަރަކަށް މޭލު ކައިރީގައި އޮތް ތަނެކެވެ. އޭޝިޔާގެ ތަނެކެވެ. މޮރިޝަސްއަކީ ފޯޅަވައްސާ ނުވެސް ބެހޭ ހިސާބު މާ ދުރުގައި، 1362 މޭލުގެ ފެލުގައި އޮތް އެފްރިކާގެ ރަށެކެވެ.

ފޯޅަވަހި ފަރަންސޭސީން އިސްތިޢުމާރު ކުރުމުގެ މާ ކުރީސްސުރެވެސް އެތަނަކީ ދިވެހީންގެ ތަނެއްކަމުގެ ކިތާބީ ހެކިތައް ހުރީ ހަމަ އެމީހުންގެ އަތުން ލިޔެ އެމީހުންގެ ޚަޒާނާ ތަކުގައިވެސް ރައްކާކޮށްފައި ހުރި ފަތްފުށްތަކުގައެވެ. ހަމަ އެމީހުންގެ ފޮތްތަކުންވެސް ހުރީ ދިމާޔަށް ފެންނާށެވެ.

މޮރިޝަސް އެވެކިޔާ ދައުލަތަކީ، ފަރަންސޭސީން ދިވެހީންގެ އަތުން ފޯޅަވަހި ޖަހައިގަތްތާ 195 އަހަރަށް ވުރެވެސް މާ ފަހުން އިހަކަށް ދުވަހު އަލަށް އުފެދައިގެން އުޅޭ ޅަފަތު ހަގު ގައުމެކެވެ. މޮރިޝަސްއަކީ ހުޅަނގު މީހުން ފޯޅަވައްސާއި އެހެންވެސް އެމީހުންގެ ކޮލޮނީތަކުގައި އަޅުމަސައްކަތު ގެންގުޅުނު މީހުންތައް ބޮލުން ނައްޓައިލާންވެގެން ގެންގޮސް އަޅާލައިފައި ދައުލަތެއް ކަމަށް ހަދައިދީފައިވާ، ޢުމުރުން އަދި އެންމެ 57 އަހަރުވީ ޅަފަތުގެ ގައުމެއްކަން ދުނިޔެއަކަށް ނޯޅެއެވެ. އެފަދައިން ރާއްޖެއަކީ ޢީސާއީ ސަނަތަށްވުރެ 573 އަހަރުގެވެސް ކުރީގައި އަމިއްލަ ވެރިކަމެއްކުރާ މިނިވަން ދައުލަތެއްކަންވެސް ދުނިޔޭގެ ތާރީޚުގެ ކޮންމެ ސަފުހާއެއް ހުޅުވައިލިޔަސް ފަލަ އަކުރުން ލިޔެ ފަވައިލެވި ދިމާޔަށް ފެންނާން ހުރި ވަންހަނާ ނުވާ ހަގީގަތެކެވެ.

އެކަންކަން ހުރީ އެފަދައިންކަން ދިވެހީންގެ ފަރާތުން ސާބިތުކޮށްދެވޭ ދުވަސް ވެގެންދާނީ އިނގިރޭސީންނާއި މޮރިޝަސްއާ ދެމެދު 23 މޭ 2025 ގައި އެ ކުޅަ ޢަހުދު ޗޮކުހުންދާނޭ ދުވަސްކަން ކަށަވަރެވެ.

މާތްاللهގެ ވާގިފުޅާއެކު އެދުވަސް ދިވެހި ގައުމު ދެކޭނެވެ.

އަހުރެމެން ("ފޯޅަވަހީގެޙައްޤުގައި ދިވެހިފަރުދުން" (ފޯދި) މި ފަރުދީ ހައިސިއްޔަތުގައި ނުކުމެ ކަމަރު ބަނދެގެން މި ފެށި ގައުމީ މަސައްކަތަކީ ފަހަތަަށް އެނބުރުމެއް ނެތި ކުރިޔަށް ގެންދާނޭ ގައުމީ މަސައްކަތެކެވެ.

މޭ 23ގައި އިނގިރޭސީން މޮރިޝަސްއާއެކު އެކުޅަ ޢަހުދުގައި އެ އެޅި ސޮޔަކީ، އ.ދ. މަޖިލީހުގައި ވީޓޯގެ ބާރު ލިބިގެންވާ އިނގިރޭސިވިލާތުން، ފޯޅަވައްސަކީ، އެމީހުންގެ މިލްކެއް ނޫންކަމާއި އެއީ، އެމީހުން ދޫކޮށްލާންޖެހޭ، އެހެން ބައެއްގެ ތަނެއްކަމަށް އިޢުތިރާފުވީ ދުވަހެވެ. އިނގިރޭސީން އެކަންޏެއްވެސް ނޫނެވެ. އެމެރިކާ އާއި ފަރަންސޭސީންވެސް މެއެވެ.

އިނގިރޭސީން، ފޯޅަވަހި މޮރިޝަސްއާ ހަވާލު ކުރުމަށް ސޮއިކުޅަ ދުވަހަކީ، ފޯޅަވަހި ހޯދުމަށްޓަކައި އަހުރެމެން ގޮސް ވަންނާންވީ ދޮރާށިތައް އޭގެ ތަންމިނަށް ހުޅުވިގެންދިޔަ ދުވަހެކެވެ. އެހެންކަމުން، ފޯޅަވަހި އަނބުރައި ހޯދުމަށް 24 މޭ 2025 ގެ 5:00 ގައި އަހުރެމެން ފަށައިގެންފީމެވެ.

އަހުރެމެން ޓަކިޖަހާނީ ހަމައެކަނި އ.ދ. ދޮރާށިތަކުގައި އެކަންޏެއް ނޫނެވެ. އަހަރުމެން އެކަމަށްޓަކައި ޓަކި ނުޖަހާނެ ދުނިޔޭގެ ދައުލަތެއް، ޖަމާޢަތެއްގެ ދޮރެއް ނުބަހައްޓާ ހުށީމެވެ. އަހުރެމެންގެ ބަސް އިއްވައި ޝިކާޔަތު އުފުލާ ހުށީމެވެ.

ކާމިޔާބު ދެއްވާހުށީ މާތްالله އެވެ. އެކަލާނގެއީ ޙައްޤަށް ނަޞްރުދެއްވާ ޢަޒީޒުވަންތަ ރަސްކަލާނގެ ކަމާމެދަކު އަހުރެމެންނަކު ޝައްކެއް ނުކުރަމެވެ.

ހުރިހައި ދިވެހީންގެ ކިބައިން އަހުރެމެން އެދެނީ މިކަމުގައި ކާމިޔަބީއަށް އެދި ދުޢާކުރުމެވެ. މި ކަމުގައި ބައިވެރިވުން ވީވަރަކުން އިތުރުކޮށްދިނުމެވެ.