July 08, 2026

އަލިތައް ފެނުނު ރޭ


ޕެން ފޯ ރައިޓްސް / ތާރީޚީ ދިރާސާ

ލަންޑަނުގައި ނެރެމުން ދިޔަ ދަ ޓައިމްސް ނޫހުގައި، 27 ޑިސެމްބަރު 1819 ގައި، މޮރިޝަސް އެޑްމިރަލްޓީ ކޯޓަށް، ހާދިސާއިން ސަލާމަތްވި މީހުން ދީފައިވާ ބަޔާނަކާ ހަވާލާދީ ބުނެފައިވެއެވެ. "އޮގަސްޓް 1818 ގައި، 'ލެ ވޮޔަޖަރ' ނަމަކަށް ކިޔާ އުޅަނދަކުން އަޅުންގެ ގޮތުގައި ހައްޔަރުކޮށްގެން ގެނައި 60 މީހުން މޮރިޝަސްއަށް ބޭލިއެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި އަންހެން ކުދިންނެވެ. މި މީހުން އަތުލައިގަނެފައިވަނީ 'މެލޭގެ ރަށްތަކުގެ' ތެރެއިން ރަށެއް، ކުއްލި ގޮތަކަށް ވަށާލައި އަންދާލުމަށްފަހުއެވެ."

އޮގަސްޓް 1818 ގައި، އައްޑު އަތޮޅު ހިތަދުއަށް ޖެހިލާއިރު، މިރަށުން ފެންނަނީ، ނާމާންކަމެވެ. އެހެންޏާ އޮގަސްޓް މަހު ޖެހޭ ހުޅަނގު މޫސުމުގެ ބާރުވަޔެއް ނުޖެހެއެވެ. ހިތަދޫގެ މަސްވެރިންނަކީ ކަނޑުގެ މިޒާޖު ދަންނަ ބައެކެވެ. މަސްވެރިކަމުގައި ކަނޑަށް ނުކުތެއްކަމަކު އޮޑިއާ މަހާނުވެދާތާ ލައްކަ ދުވަސް ވެއްޖެއެވެ. ލޮލުކޮޅަށް އޮބާލާ ހިސާބަށް ކަނޑުގެ ލޮނުގަނޑު އޮންނަނީ ފެތުރިފައި އޮންނަ ސާލެއްހެން މަޑުވެ ހުއްޓިފައެވެ. ދަނޑުފަނގުންވެސް އެއްޗަކަށްވާ އެއްޗެއް ނުލިބެއެވެ. ރުވާ ގަހެއް، އިންދާ ރުކެއް ހެދެނީ މަދު ފަހަރަކުއެވެ. ވާރޭފޮދެއް ވެހެފިތާކުވިއްޔާ ހެދޭ ގަސްވެސް މިލާދަނީއެވެ. ދުވާލުގެ އަލިކަމުގައިވެސް އުޑުމަތިން ފެންނަނީ ރީނދޫ ކުލައެއްގެ ފުސްކަމެކެވެ. މިހާ ދުވަސްވީ އިރު މިވަނީ ކީއްކަމެއް އެނގޭ ފަންޑިތަވެރިޔަކުވެސް ނެތެވެ.
ނަމަވެސް، އޭގެ ތިން އަހަރު ދުވަސް ފަހަތަށް ޖެހިލާއިރު، އޭޕްރީލް 1815 ގައި، ދުނިޔޭގެ ތާރީޚުގައި ފާހަގަ ކުރެވޭ ހާދިސާއެއްގެ ގޮތުގައި، އަލިފާން ފަރުބަދައެއް ގޮވާފައިވެއެވެ. އެއީ އިންޑޮނޭޝިއާގެ މައުންޓް ޓަމްބޯރާއެވެ. އެގޮވުމާއި އެކު 60 މިލިއަންޓަނުގެ ސަލްފަރ ޑައި އޮކްސައިޑް ދުނިޔޭގެ ޖައްވަށް ދޫވެގެން ދިޔައެވެ. އަރައިގެން ދިޔަ ވިހަގޭހުން އުފެދުނު އެއިރޮސޯލް ފަށަލައިގެ ސަބަބުން މުޅިދުނިޔޭގެ ޖައްވުގެ ކުލަވަރު އެތަކެއް އަހަރަކަށް ބަދަލުވެފައި އޮތް ކަމަށް ވެއެވެ. އަދި 1818 އާއި ހަމައަށް މިކަމުގެ ސަބަބުން ދުނިޔޭގެ މޫސުމަށާއި ޖައްވަށް ބޮޑެތި ބަދަލުތައް އައެވެ. އެހެނެއްކަމަކު، ހިތަދޫގެ މީހުނަށް ނުވަތަ ރާއްޖޭގެ އެއްވެސް ބަޔަކަށް، ކުރިމަތިން ފެންނަ ނާންކަމާ، މިކަމަކާ ގުޅުވަން އެގޭނީވެސް ކިހިނަކުން ހެއްޔެވެ. އެމީހުންނަށް ފާހަގަވާނީ މޫސުމާއި، ޖައްވާއި، އުދަރެހަށް އައި ބަދަލުތަކެވެ. ކަނޑަށް ބަރޯސާވެގެން އުޅޭ ބަޔަކަށް އުޑުގެ ކުލަ ބަދަލުވެ، ނުމޫސުމުގައި އޮޔާއި ވައި ހިނގުން ހުއްޓުމަކީ، ނުބައި ކަމެއްގެ ނިޝާނަކަށް ނޫނީ ނުވާނެއެވެ. އެހެންކަމުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އެންމެނަށްވެސް އިހުސާސް ވަމުންދިޔައެވެ.

އަލިތައް ފެނުނު ރެއަކީ މި ނާމާން ދުވަސްތަކުގެ ތެރެއިން، 1818 ވަނަ އަހަރުގެ އޮގަސްޓުމަހުން ދުވަހެއްގެ ރޭގަނޑެވެ. އެ ދުވަހު ހިތަދޫގެ އަތިރިމަތީގައި ހުރި ރުށްތަކުން ފަންވަތެއްހާ ހިސާބުވެސް ހަރަކާތެއް ނުކުރެއެވެ. ހަވީރުވަމުން އައި އިރު އެހެންޏާވެސް އުދަރެހަށް އަރާ ނާމާން ރީނދޫ ކުލަވަރު އެހެރަ އަންނަނީ ގަދަވަމުންނެވެ. އިރު އޮއްސި އަދިރިވަމުން ދިޔަ ވަގުތަކީ ހިތަދޫގެ ހުޅަނގު ފަރާތު ކަނޑުމަތިން އަލިތަކެއް ފެންނަންފެށި ވަގުތެވެ. މާގިނަ އިރުތަކެއް ނުވެ ހިތަދޫގެ ހުޅަނގު އުތުރު ފަރާތުގައި އޮންނަ ކޯއްޓޭ ސަރަހައްދަށް ދެ ކުނބުލީ ނަވެއް އައިސް ކައިރި ކޮށްފިއެވެ. ދެން ފެނުނީ މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ފަދަ އަލިތަކެއް، ނަވުގެ ތެރެއިން އަރުވަން ފެއްޓިތަނެވެ. ރަށުގައި ތިބި މީހުންގެ ސަމާލުކަން ހޯދުމުގެ ގޮތުން ނަވުގައި ތިބެގެން ކޮންމެވެސް ވަރެއްގެ ބަޑިބޭހުގެ ކުޅިވަރެއް ދައްކާލީއެވެ. އެރެއަށް އެނިމުނީއެވެ.

އޭގެ އަނެއް ދުވަހެވެ. ނަވުން އައި މީހުން އުޅޭނޫޅޭގޮތް ބެލިއިރު ނުރައްކަލެއް ވެދާނެކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ. ފެނުނީ ނަވުގެ ފަޅުވެރިން ކޯއްޓޭއަށް ފައިބާ އެތަނުގައި ކައްކާ ކައި، މޫދަށް އެރި އުޅޭތަނެވެ. ފަޅުވެރިން އެތިބީ، ރައްވެހީންގެ މީހަކާއި ނުވަތަ ބަޔަކާއި ގުޅި ވާހަކަ ދެއްކުމުގެ އިންތިޒާރުގައެވެ. އިސާހިތަކު، ރަށުތެރެއިން ކޯއްޓޭއާވީ ކޮޅަށް އައި ޒުވާންފުރައިގެ ދެތިން މީހަކަށް ފަޅުވެރިންތައް މާދުރުން ހަނާ އަޅާ ގޮވަން ފަށައިފިއެވެ. އަދި އިޝާރާތުން އެމީހުން ކާންތިބި އެއްޗަކުން ކެއުމަށް ދައުވަތު ދީފިއެވެ. އެ ތިންމީހުން އައިސް މާ ގިނައިރުތަކެއް ނުވެ ދެބައި މީހުންގެ މެދުގައި ރައްޓެހިކަން އުފެދިއްޖެއެވެ. ފަޅުވެރިންގެ ތެރެއިން އެއްބަޔަކު ރަށުތެރެ ބަލާލުމުގެ ނަމުގައި އެތިން މީހުންނާއެކު ހިނގައިގަތެވެ. މިވެރިން، ރަށުތެރޭގައި ހިނގާ ގޭގެއަށްގޮސް ދިމާވާހާ މީހަކާ ވާހަކަދައްކާ ހަދައެވެ. އަދި އެންމެން ގާތުވެސް އެމީހުން އައި ނައު ބަލާލާ، ކޯއްޓޭގައި ބާއްވާ ރޭގަނޑުގެ ކެއުމާއި ބަޑިބޭހުގެ ކުޅިވަރު ބަލަން އަންނަން ބުނަމުން ދެއެވެ. ހަވީރުވީ އިރު މުޅި ރަށުތެރޭގައި އޮތީ، ކޯއްޓޭގައި އެރޭ އޮންނާނެ ބަޑިބޭހުގެ ކުޅިވަރާއި، ކުޅިމަޖާކުރުމުގެ ވާހަކައެވެ. ވަކިން ޚާއްސަކޮށް ހިތަދޫގެ އަންހެންވެރިންގެ ތެރޭގައި މިވާހަކަ ހިނގައިގަތީ މާވަރުގަދައަކަށެވެ.

އެދުވެހުގެ އިރު އޮއްސިއްޖެއެވެ. ނަވުގެ ފަޅުވެރިންނާއި، ރަށުތެރެއިން އައި ޒުވާން ފުރައިގެ ކުދިންނާއި އެކުވެގެން ކުޅިވަރުގެ ތައްޔާރީތައް ކުރަނީއެވެ. އެމީހުން ކޯއްޓޭތެރެއިން ގޮސް، ހިތަދޫ ފަޅުތެރެއަށް ނުކުމެފައި އޮންނަ ހުރާގަނޑު ނުވަތަ، ކައްބޯހެރާގައި ބޮޑެތި އަލިފާންގަނޑުތައް ރޯކޮށްފައި ހުއްޓެވެ. އެއްބަޔަކު ނަވުން ބޭލި ކާބޮތަކެތި ކައްކާ ރޯފިލުވަނީއެވެ. އަނެއްބަޔަކު ބަޑިބޭހާއި، ކުޅިމަޖާ ނަގާނެ ބެރު ދުންމާރި ފަދަ ތަކެތި އެއްގަމަށް ބާލަނީއެވެ. ރަށުތެރެއިން ޒުވާން އަންހެން ވެރިން، ރީތިވެ، ފައްޓަރުބައި އަޅައި، ނަލަހެދިގެން، ކޯއްޓޭތެރެއިން އައިސް ކައްބޯހެރައަށް، ކުޅި ބަލަން އެއްވަމުން ދެއެވެ. އަންހެނަކަށްފަހު އަންހެނެކެވެ. އިރު އޮއްސި ރަތްވިލާ އޮބުނު އިރު މުޅި ކައްބޯހެރަ އޮތީ ފުރި ބާރުވެފައެވެ. ގިނައިން ތިބީ އަންހެނުންނާއި، ޒުވާން ފުރައިގެ އަންހެން ކުދީންނެވެ. ފިރިހެނުންވެސް އަންނަމުން ދެއެވެ. އެކަމު ނިސްބަތުން އަންހެނުންގެ އަދަދު ގިނައީއެވެ.

ދިޔޯގެ ކުޅިވަރު ފެށިއްޖެއެވެ. ބެރުތަކާއި ދުއްމާރީގެ އަޑު ގަދައެއްޖެއެވެ. ބަޑިބޭހުގެ ކުޅިވަރު ފެށި އެކިކުލައިގެ އަލިގަނޑުތައް ހަވާގެތެރެއަށް އަރައިގެން ދާއިރު އަންހެންވެރިންގެ ހިތްތަކަށް ވެރިވެގެން ދަނީ އާސޯޚުކަމާއި، ބުނެދޭންވެސް ނޭގޭހާ އުފާވެރި ކަމެކެވެ. ކުޅިބަލަން އައި އަންހެންވެރިންވެސް ފަޅުވެރިން ކައްކާފަ ހުރި ތަކެތިން ރަހަބަލާ ކައި ހަދަމުން ދެއެވެ. އަދި ބޮޑެތި ލަކުޑި ކަންވާރުތަކުގައި، ނަވުން ގެނެސްފައި ހުރި ސަރުބަތުވެސް ބޮމުން ގެންދިޔައެވެ. ފޯރި ގަދަވެއްޖެއެވެ. ބެރުދުންމާރިއާއި، އުފާފާޅުކުރުމުގެ އަޑުތައް މުޅި ހިތަދުއަށް އިވެމުންދިޔައެވެ. ކުޅިބަލަން އައި މީހުންނާއި، ނަވުގެ ފަޅުވެރިންނާއި ގާތް ގުޅުމެއް އުފެދިއްޖެއެވެ. އަންހެންވެރިންގެ ފޯރި އަދި ވަކީން ގަދަވެ ޖަހާހާ ބެރަކަށް ނަށަންވެސް ފަށައިފިއެވެ. ދެޖިންސު މަސްހުނި ވެގެންނެވެ. މިފޯރިގަނޑުގެ ތެރެއިން، ނަވުގެ ފަޅުވެރިން ކުޅިބަލަން އައި މީހުންނަށް ދިން ދައުވަތަކީ، ބޭނުން މީހަކު ހުރިއްޔާ ދިއްލާ އަޅާފައި އޮތް ނައު ބަލާލަން ދިޔުމުގެ ދައުވަތެވެ.

އެހިސާބުން ނައު ބަލާލަން ދާން ބޭނުންނުވާ އެކަކުވެސް ނެތެވެ. ގިނައިރުތަކެއް ނުވެ، ފަޅުވެރިން އެއްގަމަށް ފައިބަން ބޭނުންކުރާ ދިގު ދެ ބޮއްކުރާގައި، ފަހަރަކު 8 މީހުން ނުވަތަ 10 މީހުން، ނަވަށް އަރުވަމުން ގެންދިޔައެވެ. ނައު ބަލަންދާ މީހުންގެ ތެރޭގައި ގިނައީ އަންހެނުންނެވެ. އެ ނަވަކީ 50 ޓަނުގެ ލެ ވޮޔޭޖަރ ކިޔާ ދެ ކުނބުލީ ނަވެކެވެ. އުޅަނދު ބަނދެ ރަޖިސްޓްރީ ކޮށްފައިވަނީ މޮރިޝަސްގައެވެ. 15 ނުވަތަ 20 ފަޅުވެރިންނާއި އެކު އުޅަނދުގައި މީހުން އުފުލެނީ 80 އާއި 100 އާއި ދެމެދުގެ ޢަދަދަކަށެވެ. ނަވަށް އެރުވި އެއްވެސް މީހަކު އެނބުރި ނުފައިބައެވެ. އެއްބަޔަކަށް ފަހު އަނެއްބަޔަކު ދަނީ ކުރިން ދިޔަ ބައިގެ މީހުން ކޮބައިތޯ ބަލާށާއެކުގައެވެ. އެކަށީގެންވާ ވަރަށް ނަވަށް މީހުން އެރުވުމުން، ދެންއެންމެ ފަހުން ނަވުގެ ފަޅުވެރިން ދިގު ބޮއްކުރާގައި އެފައިބަނީ ފުރިހަމަ ހަތިޔާރުގައެވެ. ކަނޑިއާއި ބަޑިއާއި ލޮންސި ފަދަ ތޫނު ހަތިޔާރާއެކުއެވެ. މިފަހަރު އެމީހުން ބޭނުންވަނީ، ދިޔޯގެ ކުޅިވަރަށް ނަވުން ބޭލި ސާމާނުތައް އަނބުރާ ނަވަށް ގެންދާށެވެ. ނައު އެދަނީ ފުރަން ތައްޔާރު ވަމުންނެވެ. އެންގަމުގައި ތިބި މީހުންނަށް ބަނދެފައި ހުރި ނަވުގެ ރިޔާތައް ކުނބުކުރިއަށް ނަގަމުންދާ މަންޒަރު އެބަ ފެނެއެވެ. މިކަން ކުރަނީ އާއްމުކޮށް ދަތުރަށް ފުރަން ވީމާކަން އެންމެނަށްވެސް އެގެއެވެ.

އެއްގަމުގައި ތިބި މީހުންގެ ހިތަށް ނުތަނަވަސްކަމެއް ވެރިވެއްޖެއެވެ. އެހެންކަމުން ހަތިޔަރާއެކު ފޭބި ފަޅުވެރިން ކުރެން ނަވުގެ ރިޔާތައް ކުނބު ކުރިއަށް ނަގާފައި ހުރީ ކީއްވެތޯ ސުވާލު ކުރަން ފެއްޓިއެވެ. އަމުދުން ނަވުން ބާލާފައި ހުރި ތަކެތި ބޮއްކުރާތަކަށް އަރުވަން ފެއްޓުމުން، ނައުފުރަން އުޅެނީކަން އެއްގަމުގައި ތިބި ހިތަދޫ މީހުންނަށް ޔަގީންވެއްޖެއެވެ. ކަންބޮޑުވަނީ އެމީހުން ފުރާތީއެއް ނޫނެވެ. ކަންބޮޑުވުން އޮތީ ނަވަށް ގެންދިޔަ އެކަކުވެސް އަނބުރާ ނުގެނެސް ފުރަންއުޅޭތީއެވެ. ދެންހިނގަން ފެއްޓީ ކުރިމަތިލުމެކެވެ. ފަޅުވެރިން ދިޔަ ނުދިނުމަށް އެއްގަމުގައި ތިބި މީހުން މަސައްކަތް ކުރީއެވެ. އެކަމަކު ހަތިޔާރުގެ ކުރިމަތީގައި އެމީހުންނަށް ހެދޭނީ ކޮން ގަދައެއް ހެއްޔެވެ. ފަޅުވެރިން އަތުގައި ހުރި ހަތިޔާރުގެ ބޭނުންކޮށްގެން ކައްބޯހެރާގައި ތިބި އެއްމެން މަރާލާ، އެމިހުން ގައި މައްޗަށް ފަނާއި، ދަރާއި އެއްޗެހި އަޅަ ރޯކޮށް އަންދާލުމަށްފަހު، ނަވަށް އެރި އެންމެން ގޮވައިގެން ނައު ފުރައިގެން ހިނގައްޖެއެވެ. ކައްބޯހެރާގައި ބަޔަކު މަރުވެފައި ތިބިކަން ހިތަދޫ މީހުންނަށް އެގުނީވެސް، ވަދާދިޔަ އެހެން ރަށެއްގެ ބައެއްގެ ފަރާތުންނެވެ. ބޭނި މަސްކޮޅު ކައްކަން ހިތަދޫ ފަޅުތެރެއަށް ވަދެ ކައްބޯހެރާއަށް ލެފިތަނާ މަރުވެފައި ތިބި މީހުންތަކެއް ފެނުނީއެވެ. ދެން އެވާހަކަ ހިތަދޫ މީހުންނަށް އެންގީ އެމީހުންނެވެ. (ނިމުނީ)

------------------------------------------------- 
 
ދިރާސާ ކުރި ގޮތުގެ ނޯޓް:
މިއީ ތާރީޚީ ހޯދުންތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލެވިފައިވާ ވާހަކައެކެވެ. އައްޑޫ ހިތަދޫގެ ދޮށީ އުމުރުގެ މީހުންގެ މެދުގައި ކިޔައިދެމުން އަންނަ ކޯއްޓޭގެ ހާދިސާތަކުން އިންސާނީ ތަފްސީލުތައް ލިބިދެއެވެ. އޭގެ ތެރޭގައި އުޑުމައްޗަށް އައި ބަދަލާއި، ކަނޑުގެ މަޑުކަމާއި، ފެނުނު އަލިތަކާއި، އިވުނު މިއުޒިކާއި، އަތިރިމައްޗަށް މީހުން އެއްވި ގޮތާއި، އޭގެ ފަހުން ވެރިވި ހިމޭންކަން ހިމެނެއެވެ. އިތުބާރު ހުރި ހަތަރު މަސްދަރަކުން، އޭގެ ތެރޭގައި 1819 ވަނަ އަހަރުގެ ލަނޑަނުގައި ނެރުނު 'ދަ ޓައިމްސް' ނޫހުގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއް ހިމެނޭހެން، 'ލެ ވޮޔަޖަރ' ނަވުން "މެލޭ ރަށަކަށް" ރޭގަނޑު އަރައި، 60 މީހުން (ގިނައީ އަންހެނުންނާއި އަންހެން ކުދިން) އަތުލައިގަނެ، އޮގަސްޓް 1818 ގައި މޮރިޝަސްއަށް ގެންދިޔަކަން ކަށަވަރުވެއެވެ. "މެލޭ" މި ލޭބަލްއަކީ އެ ދުވަސްވަރު، އޭޝިއާ ސަރަހައްދުތަކުން އަތުލައިގަންނަ އަޅުންނާއި، އެފްރިކާ ދަރިކޮޅުގެ އަޅުންނާއި ވަކިކުރާ އާއްމު ލޭބަލެއްގެ ގޮތުގައި ބޭނުން ކުރާ ލޭބަލެކެއެވެ. ރާއްޖެއިން އަތުލައިގަންނަ މީހުންވެސް ހިމެނޭނީ، އެލޭބަލްގެ ދަށުގައި ކަމަށް އިބާޣު ޖެޣަބޫ (Hubert Gerbeau) ފަދަ ދިރާސާ ކުރައްވާ ޢިލްމުވެރިން ވިދާޅުވެއެވެ.

މި ލިޔުން ބިނާކޮށްފައިވަނީ ދޫދޫމަތިން އައިސްފައިވާ ވާހަކަތަކާއި ތާރީޚީ ލިޔެކިޔުންތަކުގެ މައްޗަށެވެ. މިއީ ސައްތަ އިން ސައްތަ ޔަގީން ހަގީގަތެއް ކަމަށް ދައުވާ ނުކުރި ނަމަވެސް، މިއީ ލިބެން ހުރި ހެކިތަކުގެ އަލީގައި ތާރީޚާ ވީހާވެސް ގާތްކުރާ ގޮތަށް އެކުލަވައިލެވިފައިވާ ލިޔުމެކެވެ.

މިވާހަކަޔާ ގުޅޭ އިތުރު މަޢުލޫމާތު:
  1. މި ހާދިސާ ކިޔައިދޭއިރު، އެ ރޭ ކޯއްޓޭގައި ހިނގަމުންދިޔަ ކަންތައްތަކަށް ދޮށީ މީހުން ކިޔައި އުޅެނީ "ދިޔޯގެ ކުޅިވަރު" އެވެ. މިއީ ފިރިހެނުންނާއި އަންހެނުން މަސްހުނިވެގެން ކުޅޭ، އާދަޔާ ހިލާފު ނެށުމާއި މިއުޒިކާއި، ބަޑިބޭހުގެ ކުޅިވަރު ހިމެނޭ ހަރަކާތެކެވެ. މިއީ ހިތަދޫގެ އަންހެނުންނާއި އަންހެން ކުދިން ކޯއްޓޭގެ ކުޅިވަރު ބަލަން ޝައުގުވެރިކުރުވި ކަމެކެވެ. އެމީހުން އެންމެ ރީތި ހެދުންތައް ލައިގެން ގަހަނާ އަޅައިގެން މި މަންޒަރު ބަލަން ކޯއްޓޭއަށް ދިޔައެވެ.
  2. މި ކަމަކީ ރަށުގެ އާދަކާދަތައް ދަންނަ ބައެއްގެ އެހީތެރިކަމާ ނުލައި ބޭރުގން އަންނަ އުޅަނދެއްގެ ފަޅުވެރި ބަޔަކަށް ކުރެވޭނެ ކަމެއްކަމަށް ނުބެލެވެއެވެ. ރަށުގެ އަންހެނުން ހަމަނުޖެހުމެއް ނެތި ކޯއްޓޭ ސަރަޙައްދަށް ގެނައުމަށްޓަކައި، ރަށުގެ ހާލަތު ދަންނަ ބަޔަކު، އެމީހުންނަށް މަގުފަހި ކޮށްދިނީ ކަމަށް ބެލުމުގެ ފުރުސަތު ބޮޑެވެ. 1819 ގެ 'ދަ ޓައިމްސް' ރިޕޯޓުގައިވާ ގޮތުން، މޮރިޝަސްގައި ހިންގި މިފަދަ ޖަރީމާތަކުގައިވެސް، މޮރިޝަސްގެ ބައެއް މީހުންގެ އެހީތެރިކަން ލިބިފައިވެއެވެ. ކޯއްޓޭގައި އެއް ރެއަށްވުރެ ގިނަ ރޭ މިކަން ކުރިއަށްދިޔައީ މިފަދަ ބައަކާއި، ފަޅުވެރިންނާއި އޮތް ކޮންމެވެސް ކަހަލަ ގުޅުމެއްގެ ދަށުން ކަމަށް ވެދާނެއެވެ.
  3. އުޅަނދަށް ދިޔަ މީހުންގެ ތެރެއިން އެކަކުވެސް އެނބުރި ނާދެއެވެ. ވަގުތު ފާއިތުވަމުންދިޔަ ވަރަކަށް، ދިޔަ މީހުންނަށް ވީގޮތެއް ބަލަން ނަވަށް ދިޔަ މީހުންވެސް ވީ ގެއްލިފައެވެ. މިގޮތަށް އެތައް ބަޔަކު އެ ނަވުގެ ފަޅުވެރިންނަށް އަތުލައިގަނެވުނެވެ. އެންމެ ފަހުން އެ އުޅަނދު ފުރައިގެން ދިޔައިރު، ކޯއްޓޭ ސަރަހައްދުން، ކައްބޯހެރާގައި ބައެއް މީހުން މަރުވެފައި ތިއްބާ ފެނުނެވެ. ބެލެވެނީ މަރާލާފައިވާ މީހުންނަކީ ކޮންމެވެސް ސިފައެއްގައި މިކުޅިވަރު އިންތިޒާމު ކުރުމުގައި އެހީތެރިވެ ހަރަކާތްތެރިވި މީހުން ކަމުގައެވެ.
  4. އޭގެ ފަހުން އެހެން ރަށަކުން ހިތަދުއަށް އައި ބަޔަކަށް ކޯއްޓޭ ކައިރީގައި ކައްބޯހެރާއިން ގިނަ އަދަދެއްގެ އިންސާނީ ކަށިތަކެއް ފެނުނެވެ. އެ ރަށަށް "ކައްބޯހެރަ" ގެ ނަމުން ނަން ދެވުނީ މިހާދިސާއަށް ފަހުކަމުގައި ވުން އެކަށީގެންވެއެވެ. މިއަދުވެސް ގޫގުލް މެޕްތަކުން އެ ރަށް އެ ނަމުގައި ފެންނަން އެބައޮތެވެ.
  5. ޖުލައި 1819 ގައި މޮރިޝަސްއިން 'ދަ ޓައިމްސް' ނޫހަށް ފޮނުވި ސިޓީއެއްގައި، އަޅުންގެ ވިޔަފާރިކުރާ 'ލެ ވޮޔަޖަރ' ނަވުން 60 އެއްހައި "މެލޭ" މީހުން އަތުލައިގަތް ވާހަކަ ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި އަންހެން ކުދިންނެވެ. އެމީހުންގެ އަވަށް އަންދާލައި، އެމީހުންނަށް ދަތުރުމަތީގައި ބޮޑެތި އަނިޔާތަކެއް ކުރިކަން ކޯޓުގައި ދީފައިވާ ބަޔާންތަކުން އެނގެއެވެ.
  6. މޮރިޝަސްގެ ރެކޯޑުތަކުގައި މި މީހުން "މެލޭ" މީހުންގެ ގޮތުގައި ލިޔެފައިވީ ނަމަވެސް، އެއީ އޭރު ދެކުނު އޭޝިއާގެ ގިނަ ގައުމުތަކުގެ މީހުންނަށް ބޭނުންކުރާ އާންމު ނަމެކެވެ. ތާރީޚީ ދިރާސާވެރިން ބުނާ ގޮތުގައި މީގެ ތެރޭގައި ދިވެހިންވެސް ހިމެނެއެވެ.
  7. 'ދަ ޓައިމްސް' ގެ ރިޕޯޓާއި ކޯއްޓޭގެ ވާހަކައިގައި ހުރި އެއްގޮތްކަމަކީ، އަތުލައިގަތް މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި އަންހެން ކުދިން ކަމަށް ބުނާ ބުނުމެވެ. މިއީ ދެ ގަރުނު ފަހުން ބެލި ނަމަވެސް، ދެ މަސްދަރަކުން އެއް ހަގީގަތަކަށް އިޝާރާތްކުރާ ކަމެކެވެ.
  8. މި ހާދިސާއަކީ ހިތަދޫގައި ހިނގި ކަމެއްކަން ސާބިތުކުރުމަށްޓަކައި އިތުރު ދިރާސާތައް ބޭނުންވެއެވެ. މޮރިޝަސްގެ އަރުޝީފުގައި ހުރި އެޑްމިރަލްޓީ ކޯޓުގެ ރެކޯޑުތައް ބަލައިފިނަމަ، އެ 60 މީހުންނަކީ ކޮން ރަށެއްގެ ބައެއްކަން ސާފުވުމުގެ ފުރުސަތު އެބައޮތެވެ.
ހާދިސާ ބަޔާންކޮށްފައިވާ ގޮތް
މި ލިޔުމަކީ ހިތަދޫ، ކޯއްޓޭގައި ހިނގައިދިޔަ ކަންތައްތަކުގެ ފުރިހަމަ ހަގީގަތް ހާމަކޮށްދޭ އިތުބާރު ހުރި ރިޕޯޓަކަށްވުރެ ބޮޑަށް، ތާރީޚީ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އެކުލަވައިލާފައިވާ ވާހަކައެކެވެ. ޖައްވަށް އައި ބަދަލުތަކާއި، ކަނޑުގެ މަޑުކަމާއި، މާހައުލުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސިފަކުރުންތަކަކީ އައްޑޫ ހިތަދޫ މީހުންގެ ދޫދޫމަތިން އައިސްފައިވާ ރިވާޔަތްތަކާއި އެ ދުވަސްވަރުގެ މޫސުމީ ރެކޯޑުތަކަށް ބިނާކޮށް އެކުލަވައިލާފައިވާ ކަންކަމެވެ. މި ހާދިސާގެ ތަރުތީބު ބަޔާންކޮށްފައިވަނީ އަނގަބަހުން އައިސްފައިވާ ތާރީޚާ އެއްގޮތަށެވެ. މީގެ ތެރޭގައި ގަހަނާ އަޅައި، އެންމެ ރީތި ހެދުން ލައިގެން އަންހެނުންނާއި އަންހެން ކުދިން މިއުޒިކާއި ދިއްލުންތައް ބަލަން ދިޔަކަމާއި، ނައިސް ލަސްވި މީހުން ހޯދަން އެކި ގްރޫޕުތަކުން ދިޔަކަމާއި، އަދި މި ހާދިސާގެ ހަނދާންތައް "ކައްބޯހެރަ" މި ނަމުން ރަމްޒުކޮށްދޭކަން ހިމެނެއެވެ. މި ލިޔުމުގައި އެއްވެސް އަމިއްލަ ވާހަކައެއް ނުވަތަ ޑައިލޮގެއް އިތުރުކޮށްފައެއް ނުވާނެއެވެ. މިއީ ސައްތަ އިން ސައްތަ ހަގީގަތް ކަމަށް ދައުވާ ނުކުރި ނަމަވެސް، ލިބެން ހުރި ހެކިތަކުގެ އަލީގައި ތާރީޚީ ތެދުވެރިކަން ދެމެހެއްޓުމަށް މަސައްކަތްކޮށްފައިވާނެއެވެ.

"ދިޔޯގެ ކުޅިވަރު" އާ ގުޅޭގޮތުން
ކޯއްޓޭގެ ރިވާޔަތްތަކުގައި ބަޔާންކޮށްފައިވާ "ދިޔޯގެ ކުޅިވަރު" އަކީ ނަވުގައި ނުވަތަ އެއްގަމުގައި އޮތް މުނިފޫހިފިލުވުމުގެ ހަރަކާތެކެވެ. ދިވެހި ބަހުގެ ރަދީފުގައިވާ ގޮތުން މިއީ އަންހެނުންނާއި ފިރިހެނުން މަސްހުނިވެގެން ލަވަކިޔާ ނަށާ، އަދި އަޚްލާގީ މިންގަނޑުން ބޭރު އަމަލުތައް ހިމެނޭ ކުޅިވަރެކެވެ. "ދިޔޯ" އަކީ ރީތި އަންހެނުންނަށް ނިސްބަތްކޮށް ކުރިން ބޭނުންކުރި ބަހެކެވެ. މި ބަހަކީ މިހާރު އާންމުކޮށް ބޭނުންކޮށްއުޅޭ ބަހެއް ނޫނެވެ. މި ލިޔުމުގައި މި ބަސް ބޭނުންކޮށްފައިވަނީ ހިތަދޫގެ ދޫދޫމަތިން އައިސްފައިވާ ވާހަކަތަކުގައި އެ ބަސް ބޭނުންކޮށްފައިވާ މާނައިގައެވެ. މިކަމާ ގުޅޭގޮތުން ތާރީޚާއި ބަހަވީ އިލްމުވެރިންގެ އިތުރު ދިރާސާ ބޭނުންވެއެވެ.

ލިޔުމަށް ބޭނުންކުރި މަސްދަރުތައް
މި ލިޔުން ތައްޔާރުކުރުމަށް ހަތަރު އަސްލު މަސްދަރެއް ބޭނުންކޮށްފައިވެއެވެ. އޭގެ ތެރޭގައި:
  1. 27 ޑިސެމްބަރު 1819 ގެ 'ދަ ޓައިމްސް' ނޫހުގައި ޝާއިޢުކޮށްފައިވާ "ލެ ވޮޔޭޖާ" ހާދިސާގެ ރިޕޯޓު.
  2. 1821 ވަނަ އަހަރު ލަންޑަނުގައި ޝާއިޢުކުރި "ފޮރިން ސްލޭވް ޓްރޭޑް" އާ ބެހޭ ރިޕޯޓު.
  3. 9 މެއި 1826 ގެ އިނގިރޭސި ވިލާތުގެ ހައުސް އޮފް ކޮމަންސްގެ ބަހުސްތަކުގެ ރެކޯޑުތައް.
  4. ފެބްރުއަރީ 1818 އިން މާރިޗު 1818 އަށް 'އެޗް.އެމް.އެސް މެޖިޝިއެން' ނަމަކަށް ކިޔާ މަނަވަރުގެ ލޮގް ފޮތް.
ސައިންޓިފިކް ހެކިތައް
1815 ވަނަ އަހަރު ޓަމްބޯރާ ފަރުބަދަ ގޮވުމުގެ ސަބަބުން ޖައްވަށް އައި ބަދަލުތައް ސައިންޓިފިކް ލިޔުންތަކުން އެނގެން އެބަހުއްޓެވެ. 1816 އިން 1818 އަށް ދުނިޔޭގެ ހޫނުމިން އާންމު މިންގަނޑަށްވުރެ ދަށްވެފައިވާކަން ރެކޯޑުތަކުން ދައްކައެވެ. މި ސައިންޓިފިކް ހޯދުންތަކާއި ކޯއްޓޭގެ ރިވާޔަތްތަކުގައިވާ ސިފަކުރުންތަކާ ހުރި އެއްގޮތްކަމަކީ މި ލިޔުމުގެ މުސައްނިފުން ފާހަގަކޮށްފައިވާ ކަމެކެވެ. މިއީ ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު ކަމަށް ކަނޑައެޅުމުގެ ބަދަލުގައި، މިއީ އެކަމަށް ދެވޭ އިލްމީ ތަފްސީލެއްގެ ގޮތުގައި ބެލެވިދާނެއެވެ.

ދިރާސާ ކަރުދާސް
'ޕެން ފޯ ރައިޓްސް ރިސާޗް ޕްރޮގްރާމް' ގެ ދަށުން ޖުލައި 2026 ގައި ނެރުމަށް ހަމަޖެހިފައިވާ "މެރިޓައިމް ޕްރިޑޭޝަން އެންޑް ދަ މޯލްޑިވިއަން ޕެރިފެރީ" ދިރާސާ ކަރުދާހަކީ މީގެ ތަފްސީލީ ލިޔުމެވެ. މި ދިރާސާ ކަރުދާސް www.maldivians4chagos.com އިން ލިބެން ހުންނާނެއެވެ.

އިތުރު ނޯޓުތައް:

ނޯޓް: 1
1818 ގައި ޓަމްބޯރާ ފަރުބަދަ ގޮވުމުން 60 މިލިއަން ޓަނުގެ ސަލްފާ ޑައިއޮކްސައިޑް ޖައްވަށް ބޭރުވިއެވެ. މީގެ ސަބަބުން ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އައިސް، އިންޑިއާ ކަނޑުގެ މޫސުމަށްވެސް އޭގެ އަސަރު ފޯރިއެވެ. ކޯއްޓޭގެ ރިވާޔަތްތަކުގައިވާ ރީނދޫވި އުޑާއި ކަނޑުގެ އާދަޔާ ހިލާފު މަޑުކަމަކީ މިކަމުގެ ނަތީޖާ ކަމަށް ވުމީ އެކަށީގެންވާ ކަމެކެވެ.

ނޯޓް: 2
1819ގެ 'ދަ ޓައިމްސް' ނޫހުގައިވާ މައުލޫމާތުތަކަކީ މޮރިޝަސްގެ ގަވަރުނަރުގެ އިޢުލާނަކަށް ބިނާކޮށް ލިޔެފައިވާ ކަންކަމެވެ.

ނޯޓް: 5،4،3
މި ނޯޓުތަކަކީ އިނގިރޭސި ވިލާތުގެ ޕާލަމެންޓްރީ ރެކޯޑުތަކާއި، އަޅުންގެ ވިޔަފާރިއާ ގުޅޭ ތާރީޚީ ލިޔުންތަކަށް ހަވާލާދީފައިވާ ނޯޓުތަކެކެވެ. ޚާއްޞަކޮށް 1818 އާއި 1819 ގެ ކޯޓު ރެކޯޑުތަކަކީ މި ހާދިސާއިން ސަލާމަތްވި އަށް މީހެއްގެ ބަޔާންތައް ހިމެނޭ، ވަރަށް މުހިންމު މަސްދަރެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.