February 17, 2026

މިސްލީ މެންޑަރިން ހަތަރު މީހުންނާ އެކު ފޯޅަވައްސަށް އަރައިފި: ސިޔާސީ ނުތަނަވަސްކަން އިތުރުވެ، މޮރިޝަސްގެ އެއްބަސްވުން އަލުން މުރާޖައާކުރަނީ!

ރަށުން ބޭރުގައި އިޢުލާނު ކުރި ސަރުކާރުގެ ފަސްތް މިނިސްޓަރ، މިސްލޭ މެންޑަރިން 
ޕެން ފޯ ރައިޓްސް / އައުޓްރީޗް ކޯޑިނޭޝަން ޑެސްކް:
އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ވެވުނު ޗާގޯސް އެއްބަސްވުން، ޕާލަމެންޓުގެ ޗުއްޓީއަށްފަހު ހައުސް އޮފް ލޯޑަށް އަލުން ހުށަހެޅުމަށް ތައްޔާރުވަމުންދަނިކޮށް، މިދިޔަ ހޯމަ ދުވަހު ހަތަރު މީހުންގެ ގްރޫޕެއް ފޯޅަވަހީގެ ރަށަކަށް ފޭބުމާއެކު މައްސަލައާއި މެދު އިތުރަށް ވިސްނަން ޖެހިއްޖެއެވެ. ހަތަރު މީހުންގެ ޓީމަކުން ފޯޅަވަހީގެ ރަށަކަށް މި އެރި އެރުމަކީ، މީގެ 50 އަހަރަށްވުރެ ގިނަ ދުވަސް ކުރިން ފޯޅަވަހިން ބޭރުކޮށްލި މީހުން އަލުން އެތަނުގައި ވަޒަންވެރިވުމަށް ފެށި ދާއިމީ މަސައްކަތެއް ކަމަށް އެކަން އިންތިޒާމުކުރި ފަރާތްތަކުން ބުނެއެވެ. މި ގްރޫޕްގެ އިސްވެރިއަކީ، ރަށުން ބޭރުގައި އިޢުލާން ކޮށްފައިވާ، ޗާގޯސް ސަރުކާރުގެ ފަސްޓް މިނިސްޓަރު ކަމަށް ބުނަމުންދާ މިސްލޭ މެންޑަރިންއެވެ. ފޯޅަވަހީގެ ރަށެއްގެ ގޮނޑުދޮށުގައި ހުރެ މެންޑަރިން ބުނި ގޮތުގައި، ފޯޅަވަހިން ބޭލުނު އިތުރު މީހުން ވަރަށް އަވަހަށް އެތަނަށް އަންނާނެއެވެ. އަދި އެ އަތޮޅުތަކަށް އުފަންވެ، މިހާރު ދުނިޔޭގައި ތިބި 322 މީހުންނަށް، އެމީހުންގެ ހަޔާތުގައި އެނބުރި އައުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށް އޭނާ ވަނީ ވަކާލާތުކޮށްފައެވެ. އޭނާ ފާހަގަކުރި ގޮތުގައި މިއީ ހަމައެކަނި އިހުތިޖާޖެއް ނޫނެވެ. އެއީ އެމީހުންގެ އަމިއްލަ ވަޒަނަށް އެނބުރި އައުމާއި އަމިއްލަ އައިޑެންޓިޓީ ކަށަވަރުކުރުމުގެ އަމަލެކެވެ.

މެންޑަރިން ހާމަކުރި ގޮތުގައި މި ކަމުގެ މަގްސަދަކީ ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ހަވާލުކުރުމަށް އިނގިރޭސި ސަރުކާރުން ކުރާ މަސައްކަތަށް ހުރަސްއެޅުމެވެ. "އަހަރެމެންނަކީ ބްރިޓިޝް ޗަގޯސިއަނުން، އަހަރެމެންނަކީ މި ރަށުގެ މީހުން، އަދި އަހަރެމެން މިތިބީ މިތަނުގައި ދާއިމަށް މަޑުކުރަން،" އޭނާ ބުންޏެވެ. މި ގްރޫޕާއެކު އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވް ޕާޓީގެ ކުރީގެ މެންބަރު އެޑަމް ހޮލޮވޭ ވެސް ބައިވެރިވިއެވެ. އޭނާއަކީ މި އެއްބަސްވުމާ ދެކޮޅު ހަދާ ފަރާތެކެވެ. އަދި މި ދަތުރަށް ބޭނުންވާ ފައިސާ ހޯދުމާއި ރޭވުންތައް ރޭވުމުގައި އޭނާ އެހީތެރިވިކަން ވަނީ ކަށަވަރުކޮށްދީފައެވެ.

ހޮލޮވޭ ބުނި ގޮތުގައި މި މިވަގުތަކީ ވަރަށް ބޮޑަށް ދަނޑިވަޅު ބަލާފައި އިޚްތިޔާރުކުރި ވަގުތެކެވެ. ހައުސް އޮފް ލޯޑްސްގައި މި ބަހުސް ފެށޭއިރު، ރަށުގައި މީހުން ވަޒަންވެރިވާ މަންޒަރު ފެނުމުން، ސަރުކާރުން ނިންމާފައިވާ "ގޯސް" ނިންމުން ބަދަލުކުރަން މަޖުބޫރުވާނެ ކަމަށް އޭނާ އުއްމީދުކުރެއެވެ. މީގެ އިތުރުން، ޑިއޭގޯ ގާސިއާއަކީ ހުޅަނގުގެ ގައުމުތަކުގެ އިސްތިރާޖީ މަސްލަހަތުތަކަށް މުހިންމު ތަނެއްކަން އޭނާ ފާހަގަކުރިއެވެ.

މިކަމާ ގުޅޭގޮތުން އިނގިރޭސި ސަރުކާރުން އަދި ރަސްމީ އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، މި ހާދިސާގެ ސަބަބުން، ޗާގޯސްގެ މައްސަލައަކީ ހަމައެކަނި ދެ ގައުމުގެ ދެމެދުގައި ވެވޭ އެއްބަސްވުމަކުން ނިންމާލެވޭނެ ކަމެއް ކަމަށް ދެކެވޭ ވާހަކަތަކަށް ވަނީ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައެވެ.

ގާނޫނީ ނަތީޖާ: އިންސާނީ ހައްގުތަކުގެ މައްސަލަ އަލުން ފެންމަތިވުން

މި ކަމުގެ ސަބަބުން، ޑިޕްލޮމެޓިކް ވާހަކަތަކުގައި އާންމުކޮށް ބާކީކޮށްލާފައިވާ މުހިންމު ގާނޫނީ ކަމެއްގެ މައްސަލަ ފެންމަތިވެގެން ދާނެއެވެ. އެއީ ފޯޅަވަހީގެ އަސްލު ވަޒަންވެރިންގެ ހައްގުތަކުގެ މައްސަލައެވެ. މިހާރު ހުށަހަޅާފައިވާ އެއްބަސްވުމުގައި ސިޔާދަތީ ބާރު ބަދަލުކުރުމަކީ ހަމައެކަނި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އޮތް ކަމެއްގެ ގޮތުގައި އޮތް ނަމަވެސް، ރަށަށް މީހުން ފޭބުމުން އަމިއްލަ އިޚްތިޔާރުގައި ގޮތް ނިންމުމުގެ ހައްގުގެ (Right to Self-determination) މައްސަލަ ވަރަށް ވަރުގަދައަށް ފެން މަތިވެގެން ދާނެއެވެ.

މިކަމުގެ ސަބަބުން ގާނޫނީ ގޮތުން ތިން ނަތީޖާއެއް ނުކުމެދާނެއެވެ:

ފުރަތަމަ ކަމަކީ، ރަށުގައި އަމަލީ ގޮތުން މީހުން ތިބެން ފެށުމުން، ސިޔާދަތީ ބާރު ކަނޑައެޅުމުގައި އަމަލީ ގޮތުން އެތަނެއް ބެލެހެއްޓުމާއި ހިންގުމުގެ މުހިންމުކަން އިތުރުވެގެން ދިއުމެވެ. ދައުލަތެއްގެ ރޫފަ ހެޔޮކުރުމުގެ ގޮތުން ކުރަން ޖެހޭ ކަންކުރުމުގެ ޒިންމާ އިތުރުވުމެވެ. އެއީ ސަލާމަތީ ކަންކަމާއި، އެނޫނަސް އަސާސީ ކަންކަން ފުއްދުމަށް ބޭނުންވާ ވަސީލަތް ޤާއިމް ކުރުމެވެ. ހަމައެކަނި ހަތަރު މީހަކު ތިބުމުން މިލްކުވެރިކަން ބަދަލުނުވި ނަމަވެސް، ރޭވިގެން ކުރިއަށްގެންދާ އާންމުންގެ އާބާދީއެއް އޮތުމުން، ސިޔާދަތީ ބާރު ބަދަލުކުރުމަކީ ހަމައެކަނި އިދާރީ ކަމެއް ކަމަށް ޤަބޫލުކޮށް ވާހަކަ ދައްކާ މީހުންނަށް، އެގޮތަށް އެވާހަކަތައް ދެއްކުމަށް ހުރަސްއެޅޭނެ ކަމެކެވެ.

ދެވަނަ ކަމަކީ، އަމިއްލަ އިޚްތިޔާރުގައި ގޮތް ނިންމުމުގެ އޮނިގަނޑުގެ ތެރޭގައި އޮތް ފުށުއެރުންތައް ހާމަވެގެން ދިއުމެވެ. 2019 ވަނަ އަހަރު އައި.ސީ.ޖޭ އިން ދިން އިސްތިޝާރީ ލަފާ ބިނާވެފައިވަނީ މޮރިޝަސް ޑިކޮލޮނައިޒް ކުރުމަށެވެ. އޭގައި ފޯޅަވަހީގެ މީހުންގެ ވަކި ސިޔާސީ ނިންމުމަކަށް ބަލާފައެއް ނުވެއެވެ. ފޯޅަވަހީގެ މީހުންނަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ތިބުމުގެ ބަދަލުގައި، އިނގިރޭސި ރައްޔިތުންގެ ގޮތުގައި ތިބެން ބޭނުންވާ ބައެއް ކަމަށްވާނަމަ، މި މައްސަލަ ސަރަޙައްދީ ބިމުގެ ސިޔާދަތީ މައްސަލައަކުން، އަމިއްލަ އިޚްތިޔާރުގައި ގޮތް ނިންމުމުގެ ވާދަވެރި ދެ ފަރާތެއްގެ ދައުވާއަކަށް ބަދަލުވެގެން ދާނެއެވެ. އެއީ ފޯޅަވަހިން ބޭލުނު މީހުންގެ ތެރެއިން އިނގިރޭސިންނާއި ގުޅެން ބޭނުންވާ ފަޅިއާއި، މޮރިޝަސްއާއި ގުޅެން ބޭނުންވާ މީހުންގެ ފަޅިއެވެ.

ތިންވަނަ ކަމަކީ، ދެ ގައުމެއްގެ ދެމެދުގައި ވެވޭ އެއްބަސްވުމަކުން، ތިންވަނަ ފަރާތެއްގެ ހައްގުތައް އެމީހުންގެ ރުހުމާ ނުލައި ނައްތާނުލެވޭނެކަން ހާމަވުމެވެ. ވިއެނާ ކޮންވެންޝަން އޮން ދަ ލޯ އޮފް ޓްރީޓީސްގެ 34 ވަނަ މާއްދާގެ ދަށުން، އެއްބަސްވުމަކުން އަސަރު ފޯރަންވާނީ، އެ އެއްބަސްވުމެއްގައި ބައިވެރިވާ ފަރާތްތަކުގެ މައްޗަށެވެ. ފޯޅަވަހީގެ މީހުން މޮރިޝަސްގެ ތެރެއަށް ފުރިހަމައަށް އިންތިގާލު ނުވާނަމަ ނުވަތަ މި ބަދަލަށް އެމީހުންގެ ރުހުން ނެތްނަމަ، (ތިންވަނަ ފަރާތަކަށް އެއްބަސްވުމަކުން ބާރު ނުފޯރުވޭނެ ކަމުގެ އުސޫލު) އިތުރަށް ވަރުގަދަ ވެގެންދާނެއެވެ.

ކުރުކޮށް ބުނާނަމަ، ޑިޕްލޮމެޓިކް ހައްލެއްގެ ގޮތުގައި ހުށަހެޅި މައްސަލަ، ދެން ދާނީ ދައުލަތުގެ މިލްކުވެރިކަމާއި، އަސްލު ވަޒަންވެރިންގެ ހައްގުތަކާއި، އަމަލީ ގޮތުން އެތަނުގައި ތިބުމުގެ މައްޗަށް ބިނާވެފައިވާ ގާނޫނީ ބޮޑު ސުވާލަކަށް ބަދަލު ވެގެންނެވެ.

މިކަމުގެ ނަތީޖާއާއި ދިވެހިރާއްޖެއާ އޮންނާނެ ގުޅުން

މި ކަމަކީ ދިވެހިރާއްޖެއިން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަކެވެ. މި މައްސަލަ ފުރޮޅި ނިއުޅެމުން އަންނަ ގޮތުން، ދިވެހިރާއްޖެއަށް މިކަމަކީ ވަރަށް ބޮޑު ގޮން ޖެހުމަކަށްވެސް ވެދާނެއެވެ. ނަމަވެސް ފުރޮޅެމުން އަންނަ މައްސަލަ ބޯމަތިން ދިޔަ ނުދީ، ރަނގަޅު އަރިމަތިން އަތް ޖައްސާލަނިކޮށް، ދިވެހިން ބޭނުންވާ ހިސާބުގައި، ބޭނުންވާ ގޮތަށް މައްސަލަ ހިމުންވެގެން ދިޔުމުގެ ފުރުސަތުތަކެއް ވެސް އޮތް ކަމެކެވެ.

ރާއްޖޭގެ ތާރީޚީ، ކަނޑު ދަތުރުފަތުރުގެ ގުޅުންތަކާއި، ނިޔަމި ޗާޓުތަކުން ފެންނަން ހުރި ހެކިތަކުގެ މައްޗަށް ބިނާވެފައިވާ، ފޯޅަވަހީގެ މައްޗަށް އޮތް ދިވެހިރާއްޖޭގެ ޒަމާންވީ ސިޔާދަތު، އިނގިރޭސި ވިލާތާއި މޮރިޝަސްގެ އެއްބަސްވުމުގެ ސަބަބުން ވަނީ ފަނޑުވެފައެވެ. ނަމަވެސް، އަމަލީ ގޮތުން އެ ރަށްތަކަށް ބަޔަކު ފޭބުމަކީ، މި މައްސަލައަކީ މުޅިން ނިމިފައިވާ ކަމެއް ކަމަށް، ނޭގި ތިބެގެން ސިޔާސީ މީހުންނާއި މީޑިއާއިން ދައްކާ ވާހަކަތައް ބަދަލުވެގެން ދާނޭ ކަމެކެވެ.

ގާނޫނީ ގޮތުން ރާއްޖެއިން ފާހަގަކުރަންޖެހޭ ކަންކަމަކީ:

ދެން އިނގިރޭސި ވިލާތުގެ މަތިގޭގައި ކުރިއަށްދާނޭ މަޝްވަރާތައް ވެގެން ދާނީ އދ. ގެ އާންމު މަޖިލީހުގެ ގަރާރު ނަމްބަރު 73/295 އަށް ދެވޭ ސިޔާސީ ޖަވާބަކަށެވެ. މިއީ އދ. ގެ ޗާޓަރުގެ ޗެޕްޓަރު 4 ގައި ހިމެނޭ މާއްދާތަކުގެ ދަށުން ނިންމާފައިވާ، އިރުޝާދީ (recommendatory) ޤަރާރެކެވެ. އައި.ސީ.ޖޭ ގެ ލަފައެކޭ އެއްފަދައިން، އ.ދ ޗާޓަރުގެ ޗެޕްޓަރ 4 ގައިވާ މާއްދާތަކުގެ ދަށުން، ނުވަތަ ޖެނެރަލް އެސެމްބްލީ އިން ފާސްކުރާ ޤަރާރުތަކަކީ ވެސް އޭގެ މައްޗަށް ޢަމަލު ކުރުން ލާޒިމު ޤަރާރުތަކެއް ނޫނެވެ.

ސަބަބަކީ މެމްބަރު ޤައުމުތަކުން އޭގެ މައްޗަށް ޢަމަލު ކުރުން ލާޒިމު ޤަރާރުތައް ނުވަތަ ނިންމުންތައް ނިންމާނީ، ހަމައެކަނި އ.ދ ގެ ސެކިއުރިޓީ ކައުންސިލުންނެވެ. އެއީ އ.ދ ގެ ޗާޓަރުގެ ޗެޕްޓަރު 7 ގައި ހިމެނޭ މާއްދާތަކުގެ ދަށުންނެވެ. ނަމަވެސް މި މައްސަލައިގައި ޗެޕްޓަރު 7 ގެ ދަށުން އެއްވެސް ޤަރާރެއް ނުވަތަ ފިޔަވަޅެއްވެސް އަޅާފައެއް ނުވެއެވެ. ވީމާ އދ. ގެ އާންމު މަޖިލީހުގެ ގަރާރު ނަމްބަރު 73/295 އަށް އަމަލުކުރުން ލާޒިމުވާ ކަމުގައި ބުނެ މޮރިޝަސްއާއި ފޯޅަވަހީގެ ސިޔާދަތީ ބާރު ހަވާލުކުރުމުގެ ނަމުގައި ވެފައިވާ އެއްބަސް ވުމަކީ ވަރަށް ބޮޑު އޮޅުވާލުމެކެވެ. ޤާނޫނީ އެއްވެސް އަސްލެއްގެ މަތީގައި ކުރަން އުޅޭ ކަމެއް ނޫނެވެ.

އައި.ސީ.ޖޭ ގެ އިސްތިޝާރީ ލަފާގައި ޑިކޮލޮނައިޒް ކުރުމާއި ގުޅޭގޮތުން ވާހަކަ ދައްކާފައިވީ ނަމަވެސް، އެކަމުގައި މަސްލަހަތު އޮތް ހުރިހާ ގައުމުތަކުގެ މެދުގައި ސިޔާދަތީ ބާރު އޮންނަންވީ ފަރާތެއް ކަނޑައަޅާފައެއް ނުވެއެވެ. ވީމާ ފޯޅަވަހިން ބޭރު ކޮށްލެވުނު މީހުން އެނބުރި އައުމަކީ، އަމިއްލަ އިޚްތިޔާރުގައި ގޮތް ނިންމުމުގެ ހައްގާއި ތިންވަނަ ފަރާތެއްގެ ހައްގުތަކާ ގުޅޭ މައްސަލަތައް އަދިވެސް ނުނިމި ހުރިކަން ހާމަކޮށްދޭ ކަމެކެވެ.

މީގެ ސަބަބުން، ހަމައެކަނި އިނގިރޭސިވިލާތާއި މޮރިޝަސްގެ ދެމެދުގައި އޮތް މައްސަލައެއްގެ ބަދަލުގައި، އިސްތިއުމާރު ނައްތާލުމުގެ ނުވަތަ ޑިކޮލޮނައިޒް ކުރުމުގެ މައްސަލައެއްގެ ގޮތުން ފުޅާ ދާއިރާއެއްގައި މި މައްސަލައިގެ ތެރެއަށް ރާއްޖެއަށް ވަދެވޭނެ ފުރުސަތު ލިބިގެންދާނެއެވެ.

ދިވެހިރާއްޖެއަށް އެންމެ ރަނގަޅު ގޮތް

ދިވެހިރާއްޖެއިން ކުރިއަށްދާންވާނީ އަވަސް އަރުވާލައިގެން ކުރާ ޑިޕްލޮމެޓިކް މަސައްކަތްތަކުގެ ބަދަލުގައި، ތަރުތީބުކުރެވިފައިވާ ގާނޫނީ އިސްތިރާޖެއްގެ ދަށުންނެވެ.

ފުރަތަމަ ކަމަކީ، އދ. ގެ ޑިކޮލޮނައިޒޭޝަން ކޮމިޓީއަށް (C-24) ރަސްމީ މެމޮރެންޑަމެއް ހުށަހަޅައި، ރާއްޖޭގެ ގާނޫނީ މަގާމު އަލުން ބަޔާންކުރަން ޖެހެއެވެ. ގަރާރު 73/295 އިން ސިޔާދަތީ ބާރު ކަނޑައަޅާފައި ނުވާކަމާއި، ޑިކޮލޮނައިޒް ކުރުމުގެ އިޖުރާއަތްތައް އަދިވެސް ފުރިހަމަނުވާކަން ފާހަގަކުރުމާއި އެކުގައެވެ.

ދެވަނަ ކަމަކީ، ދެ ގައުމެއްގެ ދެމެދުގައި ވެވޭ އެއްބަސްވުމަކުން ތިންވަނަ ގައުމެއްގެ ހައްގުތައް ނިއްވާ ނުލެވޭނެ ކަމުގެ އުސޫލު ކުރިއަށް ނެރެ، ވިއެނާ ކޮންވެންޝަންގެ 34 ވަނަ މާއްދާގެ މައްޗަށް ބިނާކޮށް ރާއްޖެއިން ކުރާ ދަޢުވާގެ ޤާނޫނީ ބިންގާ ވަރުގަދަ ކޮށް، ޤާނޫނީ ގޮތުން ހަރުދަނާ މަޤާމެއްގައި އޮވެގެން ވަކާލާތު ކުރަމުން ގެންދިއުމެވެ.

ތިންވަނަ ކަމަކީ، އިނގިރޭސިވިލާތުގެ އެތެރޭގެ އިދިކޮޅު ފަރާތްތަކާ ނުވަތަ މޮރިޝަސް ސަރުކާރުގެ ސިޔާސަތާ އެއްކޮޅަށް ދިވެހިރާއްޖެ އޮތްކަމަށް ލަފާ ކުރެވޭނޭ އެއްވެސް ކަމެއް ބަހުންވެސް ޢަމަލުންވެސް ނުދެއްކުމެވެ. އޭގެ ބަދަލުގައި، ރާއްޖޭގެ މަގާމަކީ އދ. ގެ އުސޫލުތަކުގެ ތެރެއިން މިކަން އިންސާފުވެރިކޮށް ނިންމުމަށް ގޮވާލާ ގޮވާލުމެއް ކަމަށް ދެއްކުމެވެ. ޑިކޮލޮނައިޒް ކުރުމުގެ ހުރިހާ މަރުޙަލާތަކެއް ފުރިހަމަ ކުރުމަށް ގޮވާލާ ގޮވާލުމެއްގެ ގޮތުގައި ރާއްޖޭގެ އަޑު މުޅި ދުނިޔެއަށް އިއްވުމެވެ.

ހަތަރުވަނަ ކަމަކީ، ދިވެހިރާއްޖެއިން އަމަލުކުރަންޖެހޭ އެންމެ ހަރުދަނާ ސިޔާސަތަކީ، އަމިއްލައަށް ރަށުން ބޭރުގައި އިއުލާނުކޮށްގެން އުޅޭ އެއްވެސް ސަރުކާރަކަށް ރަސްމީ ހައިސިއްޔަތެއް ނުދީ، އެފަދަ ބަޔަކު ބަލައިނުގަތުމުގެ ހަރުކަށި އުސޫލު ދެމެހެއްޓުމެވެ. ހަމައެއާއެކު، ހާލުގައި ޖެހިފައިވާ ފޯޅަވަހީގެ އާންމު ރައްޔިތުންނާ އެކު، އިންސާނީ އެހީތެރިކަމާއި ހައްގުތަކުގެ މައްޗަށް ބިނާވެފައިވާ ގުޅުންތައް ސަރުކާރު ނޫން ޖަމިއްޔާތަކާއި މަދަނީ ޖަމާއަތްތައް މެދުވެރިކޮށް ދެމެހެއްޓުމަށް ހުޅުވާލާފައި ބޭއްވުމެވެ. މިފަދަ ގުޅުންތައް ބާއްވަންވާނީ 'އެއްވެސް އުނިކަމެއް ނާންނާނެ ގޮތުގެ މަތިން' (without prejudice) އަދި އެއީ އެއްވެސް ހާލެއްގައި އެފަދަ ސަރުކާރެއް ބަލައިގަތުން ކަމަށް މާނަނުކުރެވޭނެ ފަދަ ސާފު އިބާރާތުންނެވެ.

އެންމެ ފަހު ކަމަކީ، ނިއުޔޯކާއި ޖެނީވާގައި ހުންނަ އދ. ގެ މިޝަންތަކާ އެކު މަޝްވަރާކޮށް، އ.ދ  ޗާޓަރުގެ  ޗެޕްޓަރު 4 އާއި ޗެޕްޓަރު 7 ގެ ދަށުން އޮންނަ ގާނޫނީ ތަފާތުތައް މެމްބަރު ޤައުމުތަކަށް ސާފުކޮށްދިނުމެވެ. މީގެ ސަބަބުން މި މައްސަލައަކީ ހަމައެކަނި ދެ ގައުމެއްގެ ވާދަވެރިކަމެއްގެ ބަދަލުގައި، ބައިނަލްއަގުވާމީ ނިޒާމުގެ ހަމަޖެހުމާ ގުޅޭ ކަމެއްގެ ގޮތުގައި އ.ދ ގެ މެމްބަރު ޤައުމުތަކަށް ފެނިގެންދާނެއެވެ.

ނިންމުން: ނުތަނަވަސްކަމުގެ ވަގުތެއް

ހަތަރު މީހަކު ފޯޅަވަހީގެ ރަށަކަށް ފޭބުމަކުން ސިޔާދަތީ ބާރުގެ މައްސަލަ ހައްލެއް ނުވާނެއެވެ. ނަމަވެސް، އޭގެ ސަބަބުން ނިމިފައިވާ ކަމަށް ގިނަ ބައެއްގެ މެދުގައި ބެލެވުނު މައްސަލައަށް މިވަނީ ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ. ދެބަސްވުން އުފެދިފައިވާ ސަރަޙައްދެއްގައި އޮތް ރަށަކަށް އަމަލީ ގޮތުން ބަޔަކު އެނބުރި އައުމަކީ، ގާނޫނާއި ސިޔާސީ ކަންކަން ހީނުކުރާ ފަދަ ގޮތްގޮތަށް މަސްހުނިވެގެން ހިނގައިދާނެ ކަމެކެވެ.

ދިވެހިރާއްޖެއަށް އޮތް އެންމެ ބުއްދިވެރި ގޮތަކީ، ކަންކަން ބޮޑުކޮށްލުމުގެ ބަދަލުގައި، ގާނޫނީ އުސޫލުތައް ވަޒަންކޮށް އަޅާކިޔުމުގެ ތެރެއިން މިކަމުގައި ވެވެން އޮތް އެންމެ މަތީ ދަރަޖާގައި ބައިވެރި ވުމެވެ. ފޯޅަވަހީގެ މައްސަލައަކީ މިހާރު ހަމައެކަނި ދޭދޭ ދެ ޤައުމުގެ މެދުގައި އޮތް ޑިޕްލޮމެޓިކް މައްސަލައެއް ނޫނެވެ. އެއީ އަމަލީ ގޮތުން އެތަނުގައި ދިރިއުޅުމާއި، އަމިއްލަ ހައްގުތަކަށް ވަކާލާތުކުރުމުގެ މައިދާނަކަށް އަލުން ބަދަލުވެފައިވާ މައްސަލައެކެވެ.

ސިޔާދަތީ ބާރާއި، އިސްތިއުމާރު ނައްތާލުމާއި، އަދި އަމިއްލަ އިޚްތިޔާރުގައި ގޮތް ނިންމުމުގެ ހައްގު އެއްތަންވާ ހިސާބުން، އެއްވެސް ނިންމުމަކީ މުޅިން ފައިނަލް ނިންމުމެއް ކަމުގައި ދެކިގެން ނުވާނެއެވެ.