February 25, 2026

ފޯޅަވަހީގެ މައްސަލައިގައި ބޭނުންވަނީ ގާނޫނީ ހަމަތަކުގެ މަތިން އިސްތިއުމާރު ނިމުމަކަށް ގެނައުމުގެ އިޖުރާއަތެއް - ދެ ގައުމެއްގެ ދެމެދުގައި ނިންމާލާ ނިންމުމެއް ނޫން

ޕެން ފޯ ރައިޓްސް / އައުޓްރީޗް ކޯޑިނޭޝަން ޑެސްކް:
އިނގިރޭސިވިލާތުގެ ހައުސް އޮފް ކޮމަންސްގައި މިއަދު ވާހަކަދައްކަވަމުން، ފޯޅަވަހި (ޗާގޯސް އާކިޕެލާގޯ) އާއި ދިވެހިރާއްޖެއާ ދެމެދު ތާރީޚީ ގުޅުންތަކެއް ހުރިކަމަށް ނައިޖެލް ފަރާޖް ވަނީ ފާޅުގައި އެއްބަސްވެވަޑައިގެންފައެވެ. ސިޔާސީ ގޮތުން ބަލާއިރު މިއީ ފާހަގަކޮށްލެވޭ ފިޔަވަޅެކެވެ. ނަމަވެސް، މީގެ ގާނޫނީ މާނަ މިއަށްވުރެ މާ ފުންވެފައި މުހިންމެވެ.

އިނގިރޭސި ޕާލަމަންޓުގެ އިސް މެންބަރަކު، ފޯޅަވަހީގެ މައްޗަށް އޮތް ރާއްޖޭގެ ތާރީޚީ ހިއްސާ މިހާރު ގަބޫލުކުރައްވާ ނަމަ، ފޯޅަވަހީގެ މައްސަލައަކީ ހަމައެކަނި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ނިންމާލެވޭނެ އަމިއްލަ މުއާމަލާތެއް ކަމަށް ބެލެވޭނެ އެއްވެސް ޖާގައެއް ނެތެވެ. އިސްތިއުމާރު ނިމުމަކަށް ގެނައުމަކީ (Decolonisation) ދެ ގައުމެއްގެ ވެރިރަށުން ނިންމާ އަމިއްލަ މުއާމަލާތެއް ނޫނެވެ. އެއީ އދ. ގެ ޗާޓަރާއި، އެ ޗާޓަރުގެ 11 ވަނަ ބާބުގެ ދަށުން ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުރިއަށްދާންޖެހޭ ގާނޫނީ އިޖުރާއަތެކެވެ.

ވަކި ސަރަޙައްދަކާ ގުޅޭގޮތުން ތިންވަނަ ގައުމަކުން އެ ގައުމެއްގެ ތާރީޚީ، ސަގާފީ، ކަނޑުދަތުރުފަތުރުގެ އަދި އާސާރީ ގުޅުންތަކެއް ހުރިކަމަށް ދައުވާކުރާ ހާލަތްތަކުގައި، ބައިނަލްއަގުވާމީ ގާނޫނުތައް ހުއްދަކުރާ ގޮތުގައި އެ މަސްލަޙަތުތަކަކީ ފަރުދާގެ ފުރަގަހަށް ޖައްސާލެވޭނެ ކަންކަމެއް ނޫނެވެ. އެއީ ގާނޫނުތައް އުފަންވަނީ ހަގީގަތްތަކުގެ މައްޗަށް (Ex facto jus oritur) ކަމަށްވާތީއެވެ. މުއާހަދާތަކާ ބެހޭ ވިއެނާ ކޮންވެންޝަންގެ 34 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލަކީ ވަރަށް ސާފު އުސޫލެކެވެ. އެއީ، ތިންވަނަ ގައުމެއްގެ ރުހުމެއް ނެތި، އެ ގައުމެއްގެ މައްޗަށް އިލްތިޒާމްތަކެއް ނުވަތަ އެ ގައުމެއްގެ ހައްގުތައް ގެއްލިގެންދާ ފަދަ މުއާހަދާއެއް އެހެން ބަޔަކަށް ނުހެދޭނެ ކަމެވެ.

އެހެންކަމުން، އިނގިރޭސިން މޮރިޝަސްއާއި އެކު، އިސްތިޢުމާރު ނިމުމަކަށް ގެނައުމުގެ ނަމުގާ ހަދަން މަސައްކަތް ކުރާ މުއާހަދާގެ މައިގަނޑު މައްސަލައަކީ އިޖުރާއީ ސައްހަކަމެވެ.

އިނގިރޭސި ޕާލަމަންޓުގެ ތެރޭގައިވެސް ފޯޅަވަހީގައި، ތާރީޚީ ގޮތުންނާއި ، ސަގާފީ ގޮތުން ރާއްޖޭގެ ހިއްސާ އޮތްކަން ގަބޫލުކުރާ ނަމަ، މިހާރު ހުށަހެޅިފައިވާ މުއާހަދާގެ މަގަކީ ބަދަލުނުކުރެވޭނެ ނުވަތަ ފުރިހަމަ ހައްލެއް ކަމަށް ބަލައިގެން ކުރިއަށް ދިއުމަކީ ގާނޫނީ ގޮތުންނާއި ހާރިޖީ ގޮތުން ބަލާއިރު ހަމަޖެހޭ ކަމެއް ނޫނެވެ. ދެމެހެއްޓެނިވި ނަތީޖާއެއް ނެރެވޭނީ ތިންވަނަ ގައުމެއްގެ މަސްލަހަތުތަކަށް ރިއާޔަތްކޮށް، އދ. ގެ އިސްތިއުމާރު ނިމުމަކަށް ގެނައުމުގެ އިޖުރާއަތްތަކާ އެއްގޮތަށް، އެކަމަށް އޮތް ރަނގަޅު އޮނިގަނޑުގެ ތެރެއިންނެވެ.

ތާރީޚީ ކަނޑުދަތުރުފަތުރާއި، އާސާރީ ހެކިތަކާއި، ޗާޓުތަކާއި އަދި ތަންތަނަށް ދީފައިވާ ނަންތަކާ ގުޅޭގޮތުން ހުށަހެޅޭ ދައުވާތަކަށް ފުންކޮށް ބަލައި ހެކިތައް ދިރާސާކުރަން ޖެހެއެވެ. ހަމައެކަނި ބާރުލާފައި ބުނާ ބުނުންތަކަކުން، ލިޔެކިޔުންތަކުން ފެންނަން ހުރި ހެކިތަކާއި، ގައުމުތަކުން އަމަލުކުރަމުން އައިސްފައިވާ ދެމެހެއްޓެނިވި އުސޫލުތަކާއި، އަދި އިލްމީ ދިރާސާތަކުގެ ބަދަލެއް ނުދެވޭނެއެވެ. ގާނޫނީ ހަމަތަކުގެ މަތިން ކުރިއަށްދާ އިޖުރާއަތެއްގައި ބޭނުންވަނީ ހަމައެކަނި ޝިއާރުތަކެއް ނޫނެވެ؛ އޭގެ ބަދަލުގައި ބޭނުންވަނީ ފުރިހަމަ ތަހުގީގާއި ދިރާސާއެވެ.

ހަމައެއާއެކު، ސިޔާދަތީ ބާރު ނުވަތަ އިދާރީ ހިންގުން ކަނޑައެޅުމަށް ކުރެވޭ ކޮންމެ އިންތިޒާމެއްގައި، އެކަމުގެ އަސަރު ފޯރާނެ މުޖުތަމައުތަކުގެ ބަސް ހޯދައި، މަޝްވަރާ ކުރަންޖެހޭނެއެވެ. މައްސަލައަކަށް ގެނެވޭ ހައްލެއްގެ ސައްހަކަން ބިނާވެފައިވަނީ ހަމައެކަނި އިސްތިރާތީޖީ (strategic) ގުޅުންތަކުގެ މައްޗަކަށް ނޫނެވެ. އޭގެ ބަދަލުގައި، އެއީ ބައިނަލްއަގުވާމީ ގާނޫނީ ހަމަތަކާ އެއްގޮތަށް ކުރެވޭ ކަމަކަށް ވާންޖެހޭނެއެވެ.

ޒިންމާދާރު ގޮތަކީ މައްސަލަ އިތުރަށް ގޯސްކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި، މިވަގުތަށް މި މުއާހަދާ ކުރިއަށް ގެން ދިއުން މަޑުޖައްސާލުމެވެ.

މިކަން މަޑުޖައްސާލަންވީ އަންނަނިވި ސަބަބުތަކަށްޓަކައެވެ:
  1. ފޯޅަވަހީގެ މައްސަލައަކީ އދ. ގެ އިސްތިއުމާރު ނައްތާލުމުގެ (Decolonisation) ރަނގަޅު އޮނިގަނޑުގެ ތެރެއިން ހައްލުކުރެވޭ ކަމެއްކަން ކަށަވަރުކުރުން
  2. ތިންވަނަ ގައުމެއްގެ (ރާއްޖޭގެ) މަސްލަހަތުތައް ސާފުކުރުން
  3. ސިޔާސީ އޮއިވަރަށްވުރެ ބޮޑަށް، ގާނޫނީ ހަމަތަކުގެ މައްޗަށް ބިނާވެގެން ނަތީޖާ ނެރެވޭނެކަން ކަށަވަރުކުރުން
ދެމެހެއްޓެނިވި ހައްލެއް ބިނާވާނީ ގާނޫނީ ސައްހަކަމުގެ މައްޗަށެވެ. ގާނޫނީ ސައްހަކަން ބިނާވެފައިވަނީ ފުރިހަމަ އިޖުރާއަތުގެ މައްޗަށެވެ.