މި މަހު 11 އިން 15 އަށް މާލޭގައި ކުރިއަށްދާ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ގެ 30 ވަނަ ބައްދަލުވުމަށް މަންދޫބުން ވަޑައިގެންނެވިއިރު، އަސްލު ކުރިމަތިލުން އޮތީ ފެށިފައެވެ. މަސްވެރިކަން ބެލެހެއްޓުމާ ގުޅޭ ފަންނީ ބައްދަލުވުމެއްގެ ގޮތުގައި ބޭއްވުނު މި ބައްދަލުވުން، ފަރުދާގެ ފުރަގަހުން ބަދަލުވެގެން ދިޔައީ ފޯޅަވަހީގެ ޖިއޯޕޮލިޓިކަލް ހަނގުރާމައިގެ އާ މައިދާނަކަށެވެ. ބައްދަލުވުން ފެށުމުގެ ކުރިން، ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީގެ ސިޓީއެއް އައި.އޯ.ޓީ.ސީ ގެ ސެކްރެޓޭރިއަޓަށް ވަނީ ލިބިފައެވެ. މާ ލަސްތަކެއް ނުވެ މޮރިޝަސްއިން އެސިޓީގައި ބުނާ ވާހަކައަށް ރައްދު ދިނެވެ. ދެބަސްވުން އޮތީ މަސްވެރިކަމުގެ މައުޟޫއެއްގައެއް ނޫނެވެ. އެއީ މިލްކުވެރިކަމާއި، މުއައްސަސާތަކުގެ ގާނޫނީ ހައިސިއްޔަތާއި، އަދި އިޖުރާއީ އުސޫލުތަކުގެ ތެރެއިން ޖިއޯޕޮލިޓިކަލް ދައުވާތައް ކުރިއެރުވުމަށް ފަންނީ އިދާރާތައް ބޭނުންކުރުމާ ބެހޭ ބަހުސެކެވެ.
މި ޖެހުނު މައްސަލައިގެ އަސްލަކީ ބައްދަލުވުމުގެ އެޖެންޑާ އައިޓަމް 5 އެވެ. އޭގައި ވަރަށް އާދައިގެ ބަހުރުވައަކުން ބަޔާންކޮށްފައިވަނީ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގައި އިނގިރޭސިވިލާތް (ޔޫ.ކޭ) އޮންނަ ހައިސިއްޔަތު ކަނޑައެޅުމެވެ. ގިނަ ބަޔަކަށް މިއީ މުއައްސަސާއެއްގެ ތެރޭގައި ހިނގާ އާދައިގެ އިދާރީ ކަމެއްގެ ގޮތުގައި ހީވި ނަމަވެސް، ދިވެހިރާއްޖެއަށް އޭގެ ނަތީޖާ މާ ނުރައްކަލެވެ. ފޯޅަވަހީގެ ކަނޑުގެ ސަރަހައްދާ ގުޅޭގޮތުން އިނގިރޭސިވިލާތުގެ ހައިސިއްޔަތާ މެދު ނިންމާ ކޮންމެ ނިންމުމެއްގައި، އެ ސަރަހައްދުގެ އައްސޭރިފަށުގެ ބާރަކީ ކޮބައިކަން ކޮމިޝަނުން ކަނޑައަޅަން މަޖުބޫރުވެއެވެ. ފޯޅަވައްސާ މެދު ބައިނަލްއަގުވާމީ ތާއީދު ހޯދުމަށް އަހަރުތަކެއް ވަންދެން މަސައްކަތްކޮށްފައިވާ މޮރިޝަސްއިން ގަސްތުކުރީ، މި މައްސަލަ ގާނޫނީ އަދި ސިޔާސީ ގޮތުން ނިންމާ ރަސްމީ އޮނިގަނޑުތަކުގެ ބަދަލުގައި، ފަންނީ މުއައްސަސާއެއް މެދުވެރިކޮށް ފޯޅަވަހީގެ މައްޗަށް އެމީހުންގެ ބާރު ގަދަކުރުމަށެވެ.
އިދާރީ އުސޫލެއްގެ ތެރެއިން މިކަން ހަމަޖެހިގެން ދިއުމުގެ ކުރިން ދިވެހިރާއްޖެއިން އިސްނަގައި ފިޔަވަޅު އެޅިއެވެ. 7 މެއި 2026 ގައި އައި.އޯ.ޓީ.ސީ އަށް ފޮނުވި ސިޓީގައި ރާއްޖެއިން ސާފުކޮށްދިނީ، ފޯޅަވަހީގެ މުސްތަގުބަލާއި އެތަން ބެލެހެއްޓުމުގައި ދިވެހިރާއްޖޭގެ ގާނޫނީ މަސްލަހަތު އޮތް ކަމަށެވެ. އަދި މިކަމާ ގުޅުންހުރި މައްސަލަތައް ނިންމުމަކީ އައި.އޯ.ޓީ.ސީ ގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ. މޮރިޝަސްއިން 12 މެއިގައި ދިން އަވަސް ރައްދުގައި، ރާއްޖޭގެ އެއްވެސް މަސްލަހަތެއް އެތަނުގައި އޮތްކަމާމެދު އިންކާރުކޮށް، މޮރިޝަސްގެ މިލްކުވެރިކަމާ މެދު ސުވާލެއް ނެތް ކަމަށް ބުނެ، ބައިނަލްއަގުވާމީ އަދުލު އިންސާފާ ބެހޭ ކޯޓު (ICJ) ގެ އިސްތިޝާރީ ލަފާޔާއި، އިޓްލޮސް (ITLOS) ގެ ނިންމުމާއި، އދ. ގެ ގަރާރުތަކުގެ ވާހަކައިން ހާސަރު ދަމާފައި، އައި.އޯ.ޓީ.ސީ ގެ ސެކްރެޓަރިއަޓަށް އެ ގައުމުގެ ޚާރިޖިއްޔާއިން ލިޔުމެއް ފޮނުވިއެވެ.
މިއީ ހަމައެކަނި މަސްވެރިކަމުގެ އިދާރީ ހިންގުމާ ބެހޭ އާދައިގެ ހިޔާލުތަފާތުވުމެއް ނޫނެވެ. މިއީ ގާނޫނީ އަދި ސިޔާސީ ގޮތުން ކަނޑަނޭޅި ހުރި ކަންކަމުގައި، ފަންނީ މުއައްސަސާތައް މެދުވެރިކޮށް ހިމޭންކަމާއެކު ޖިއޯޕޮލިޓިކަލް ނިންމުންތައް ނިންމިދާނެތޯ ބެލުމަށް މަކަރުވެރިކަމާއި އެކު ކުރެވުނު ތަޖުރިބާއެކެވެ.
ގާނޫނަކާ ނުލާ، އާދަކޮށް އެއްވާހަކައެއް ދެއްކުމުގެ ތެރެއިން މިލްކުވެރިކަން ބިނާކުރުން
ޒަމާނީ ޚާރިޖީ ގުޅުންތަކަކީ އާންމުކޮށް ބައިނަލްއަގްވާމީ ކޯޓުތަކުގެ ފާހަގަ ކޮށްލެވޭ ހުކުމްތަކާއި، ސަމިޓްތަކުގައި ހިނގާ ހޫނު ބަހުސްތަކާއި، ނޭވާ ހިފަހައްޓައިގެންތިބެ ކުރާ މަޝްވަރާތަކުގެ ގޮތުގައި ސިފަކުރެވޭ ކަންކަމެވެ. ނަމަވެސް ޖިއޯޕޮލިޓިކަލް އެންމެ ބޮޑެތި ބަދަލުތައް އަންނަނީ އާންމުންގެ ލޮލަށް ނުފެންނަ ހިސާބުގައެވެ. އެއީ ތަކުރާރުކޮށް ކުރެވޭ ކަންކަމާއި، އިދާރީ ފަސޭހައަކަށް ނިންމާ ނިންމުންތަކުގެ ތެރެއިން އުފެދޭ "އާދަ" ތަކުގެ ތެރެއިން ކަމަކާއި މެދު ބިނާވަމުން އަންނަ ތަޞައްވުރެވެ.
މަސްވެރިކަމާ ބެހޭ ކޮމިޝަނަކުން ސިޔާދަތާ ބެހޭ ހުކުމެއް ނެރެން ނުޖެހުނަސް، އެ ސިޔާސަތަށް ނުފޫޒު ފޯރުވިދާނެއެވެ. ބައިނަލްއަގުވާމީ އިދާރާއަކުން، ވަކި ގައުމަކީ އެ ސަރަހައްދުގެ ހަމައެކަނި ހައްގުވެރިޔާ ކަމަށް ބަލައިގެން މަސައްކަތް ކުރަން ފަށައިފިނަމަ، އެ ނިންމުމަކީ ސިޔާސީ ގޮތުން ވަރަށް ބޮޑު ބާރަކަށް ވެގެންދެއެވެ. އިދާރީ އުސޫލެއްގެ ގޮތުގައި ފެށޭ ކަމެއް، ފަހުން އަމަލީ ގޮތުން ހިނގާ ކަމެއްގެ ގޮތުގައި ދެއްކިދާނެއެވެ. އަދި ގިނަގިނައިން އެކަމެއް ތަކުރާރުވުމުން، އެއީ ގާނޫނީ ސައްހަކަން އޮތް ކަމެއްގެ ގޮތުގައި ބެލެވެން ފަށައެވެ.
މޮރިޝަސްއަށް މި ހަގީގަތް ވަރަށް ރަނގަޅަށް އެނގެއެވެ. މިލްކުވެރިކަން އަބަދަކު ހޯދަނީ ބޮޑެތި ގާނޫނީ ކާމިޔާބީތަކަކުން ނޫނެވެ. ބައެއް ފަހަރު އެކަން ހާސިލުކުރަނީ މުއައްސަސާތަކުގެ ތެރޭގައި އުފެދޭ އާދަޔާ ހިލާފު ކަންކަމުގެ ތެރެއިންނެވެ. އެހެންކަމުން، އެޖެންޑާ އައިޓަމް 5 އަކީ ހަމައެކަނި ކޮމިޝަންގައި އިނގިރޭސިވިލާތުގެ މެންބަރުކަން އޮތުމުގެ ސުވާލެއް ނޫނެވެ. އެއީ މޮރިޝަސްއަށް ފައިދާވާނެ ގޮތަށް ފަންނީ މުއައްސަސާއެއްގެ ތެރެއިން ނުސީދާކޮށް ކަންކަން ނިންމުމަށް ލިބުނު ފުރުސަތެކެވެ.
ރާއްޖެއިން ފިޔަވަޅު އެޅީ އެންމެ މުހިންމު ވަގުތުގައި
ރާއްޖެއިން ކުރީގެ ބައިނަލްއަގުވާމީ މަރުހަލާތަކުގައި އިއުތިރާޒު ނުކޮށް މިތަނުގައި އިއުތިރާޒު ކުރީ ކީއްވެގެންތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދަފާނެއެވެ. ނަމަވެސް، ކޯޓުގައި ދައްކާ ވާހަކަޔާއި، މުއައްސަސާތަކުން އެކަން ތަންފީޒުކުރާ ގޮތަކީ ތަފާތު ދެ ކަމެކެވެ.
ކޯޓުގެ ނިންމުންތަކުން ސިޔާސީ ވާހަކަތަކަށް ބާރު ލިބުނު ނަމަވެސް، އެ ވާހަކަތައް އަމަލީ ސިފައެއްގައި ފަންނީ އިދާރާތަކުން ބޭނުންކުރަން ފެށުމަކީ އެކަމުގެ ސިޔާސީ ބުރަދަން އިތުރުވާ ހިސާބެވެ. އެ ވަގުތު ހަނުހުރުމަކީ އެކަމަށް އެއްބަސްވުން ކަމަށް ބެލެވިދާނެއެވެ. ރާއްޖެއަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އެއީއެވެ. އައި.އޯ.ޓީ.ސީ އިން އެއްވެސް އިއުތިރާޒެއް ނެތި މިކަން ކުރިއަށް ގެންދިޔަނަމަ، ފަހުން އެއީ ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެވިފައިވާ ކަމެއްގެ ގޮތުގައި ބޭނުންކުރެވުނީހެވެ. ބައްދަލުވުން ފެށުމުގެ ކުރިން ރާއްޖެއިން އިއުތިރާޒު ކުރުމުން، އެއީ އެއްވެސް ދެބަސްވުމެއް ނެތް ކަމެއްގެ ގޮތުގައި ބަލައިގަތުމުގެ ފުރުސަތު ބަންދުވިއެވެ.
ހަމައެއާއެކު، ރާއްޖޭގެ ފަރާތުން ކަންކަން ކުރިއަށް ގެންދިޔަ ގޮތްވެސް ފާހަގަކޮށްލެވެއެވެ. މަސްވެރިކަމާ ބެހޭ ބައްދަލުވުމެއްގެ ތެރޭގައި ސިޔާދަތާއި ގުޅޭ ބަހުސެއް ކުރާކަށް ރާއްޖެއިން މަސައްކަތެއް ނުކުރެއެވެ. އޭގެ ބަދަލުގައި ރާއްޖެއިން ފާހަގަކުރީ، މަސްވެރިކަމާ ބެހޭ ފަންނީ އިދާރާއަކީ ސިޔާދަތާއި ގުޅޭ މައްސަލަތައް ނިންމަންޖެހޭ ތަން ނޫން ކަމަށެވެ. މިއީ ހުރަސްއެޅުމެއް ނޫނެވެ. މިއީ ވަރަށް ބޮޑަށް ރޭވިގެން ކުރެވުނު ޚާރިޖީ މަސައްކަތެކެވެ.
މޮރިޝަސްއިން ރައްދު ދީފައިވަނީ، ދިވެހިރާއްޖެގެ އިއުތިރާޒަކީ ބުރަދަނެއް ނެތް އެއްޗެއް ގޮތަކަށް ނޫން
މި މައްސަލާގައި މޮރިޝަސްއިން ރައްދު ދީފައިވަނީ، އާދައިގެ އިއުތިރާޒަކަށް ކަންފަސޭހަ ޖަވާބެއްދޭ ބީދަޔަކުން ނޫނެވެ. ދިވެހިރާއްޖޭގެ ސިޓީއަކީ އެއްވެސް ބުރަދަނެއް ނެތް އެއްޗެއް ނަމަ، މޮރިޝަސްއަށް އެއާ މެދު ކަންފަސޭހަ ރައްދެއް ދެވުނީހެވެ. އާންމުކޮށް ދައުލަތްތަކުން، އިސްތިރާޖީ ގޮތުން މާނައެއް ނެތް އިއުތިރާޒުތަކާ ދެކޮޅަށް މިހާ ފުޅާ ދާއިރާއެއްގައި ގާނޫނީ ބަހުސްތަކެއް ނުކުރާނެއެވެ. ނަމަވެސް މޮރިޝަސްއިން އަމަލުކުރީ ވަރަށް އަވަހަށް، އަދި ވަރަށް ބޮޑު ސީރިއަސްކަމަކާ އެކުގައެވެ. މިއީ މިކަމުގައި އެއްވެސް ދެވަނަ ވިސްނުމެއް އިދާރީ ރެކޯޑުތަކަށް ވަނަނުދިނުމަށް އެ ގައުމުން ބޭނުންވި މިންވަރު ހާމަކޮށްދޭ ކަމެކެވެ.
މޮރިޝަސްގެ ރައްދުގައި ހަމައެކަނި ދެބަސްވީއަކީ ނޫނެވެ. ދިވެހިރާއްޖޭގެ އެއްވެސް މަސްލަހަތެއް އޮތްކަމަށް މޮރިޝަސްއިން އިންކާރުކޮށް، މިލްކުވެރިކަމުގެ މައްސަލައަކީ ގާނޫނީ ގޮތުން ނިމިފައިވާ ކަމެއް ކަމަށް ބުނެ، އެ ކޮމިޝަނުގެ ލިޔެކިޔުންތަކުގައި އެކަން ވަރުގަދައަށް ހިމެނުމަށް މަސައްކަތް ކުރިއެވެ. މިއީ އިދާރީ އިއުތިރާޒަކުން އިސްތިރާޖީ ގޮތުން އެއްވެސް ނުރައްކަލެއް ނެތް ކަމަށް ގަބޫލުކުރާ ދައުލަތަކުން އަމަލުކުރާނެ ގޮތެއް ނޫނެވެ.
މީގެ ސަބަބަކީ އިދާރީ ގޮތުން ނިންމާ ނިންމުންތަކުގައި ހުންނަ ސިޔާސީ ބާރެވެ. ބައިނަލްއަގުވާމީ ގުޅުންތަކުގައި، އެހެން ގައުމަކުން ރަސްމީކޮށް ދެކޮޅު ނުހަދާ ނިންމާ ނިންމުންތަކަކީ ޚާރިޖީ މައިދާނުގައި ބޭނުންކުރަން މާ ފަސޭހަ ވަސީލަތްތަކެކެވެ. އިއުތިރާޒެއް ރެކޯޑު ކުރެވުމާއެކު، މުއައްސަސާތަކުގެ ތެރެއިން މިލްކުވެރިކަން ހާސިލުކުރުމަށް ކުރާ މަސައްކަތަށް ހުރަސް އެޅެއެވެ. މޮރިޝަސްއިން އެހާ އަވަހަށް ރައްދު ދިނީ މި ސަބަބަށްޓަކައެވެ.
އައި.ސީ.ޖޭ ގެ އިސްތިޝާރީ ލަފާގެ މާނަ މޮރިޝަސްއިން އޮޅުވާލަމުން ދިއުން
މޮރިޝަސްއިން 2019 ވަނަ އަހަރުގެ އައި.ސީ.ޖޭ ގެ އިސްތިޝާރީ ލަފާގެ މައްޗަށް ވަރަށް ބޮޑަށް ބަރޯސާވެއެވެ. ނަމަވެސް އެ ލަފާގެ މާނަ މޮރިޝަސްއިން ކުރަނީ އެ ނިންމުމުގެ އަސްލު މަގްސަދަށްވުރެ މާ ފުޅާކޮށް، ހަގީގަތާ ހިލާފަށެވެ.
އައި.ސީ.ޖޭ އާ ސުވާލު ކުރެވުނީ، 1965 ވަނަ އަހަރު ، އިސްތިއުމާރީ މޮރިޝަސް މިނިވަން ކުރުމުގެ ކުރިން، ފޯޅަވަހި އެތަނުގެ އިދާރީ ސަރަޙައްދުން ވަކިކުރުމާ ދެކޮޅަށް އ.ދ. އިން ނެރުނު ޤަރާރާއި އެއްގޮތަށް އިނގިރޭސިވިލާތުން ފުރިހަމަ ކުރަން ޖެހޭ މަރުޙަލާތައް ޤާނޫނީ ގޮތުން ފުރިހަމަ ވެފައި ވޭތޯއެވެ. ކޯޓުން ނިންމީ އެކަން ފުރިހަމަނުވާ ކަމަށާއި، އިނގިރޭސިވިލާތުގެ އިސްތިއުމާރު ވީހާވެސް އަވަހަކަށް ނިމުމަކަށް ގެންނަންޖެހޭނެ ކަމަށެވެ. މިއީ ޝައްކެއްވެސް ނެތްގޮތުގައި، އިނގިރޭސިވިލާތުގެ އަމަލުތަކާ މެދު މޮރިޝަސްއަށް ލިބުނު ގާނޫނީ އަދި ސިޔާސީ ބޮޑު ކާމިޔާބީއެކެވެ.
ނަމަވެސް، އެ ނިންމުމަކީ ފޯޅަވައްސާ ގުޅޭގޮތުން އެހެން ފަރާތްތަކުގެ ހުރި އެންމެހާ ގާނޫނީ މަސްލަހަތުތަކާއި ހައްގުތައް މުޅިން ނައްތާލާ ނިންމުމެއް ނޫނެވެ.
އެ މައްސަލައިގައި ދިވެހިރާއްޖެއަކީ ހަސްމެއް ނޫނެވެ. އަދި އެއީ ތާރީޚީ ގޮތުން ފޯޅަވައްސާ މެދު އޮތް އެންމެހާ ދައުވާތަކާއި، ސަރަހައްދީ ގޮތުން ހުރި ސުވާލުތަކަށް ޖަވާބު ހޯދުމަށް ބޭއްވުނު ޝަރީއަތެއްވެސް ނޫނެވެ. އެއީ ހަމައެކަނި އިސްތިއުމާރީ ނައްތާލުމުގެ އޮނިގަނޑުގެ ތެރެއިން އިނގިރޭސިވިލާތުގެ އަމަލުތަކާ މެދު ނިންމި ނިންމުމެކެވެ.
މޮރިޝަސްއިން މިހާރު ވާހަކަދައްކަނީ އެ ނިންމުމަކީ، އެހެން އެއްވެސް ގައުމެއްގެ މަސްލަހަތެއް ނުވަތަ ދައުވާއެއް ނެތްކަމަށް ކަނޑައެޅި، ސިޔާދަތީ މިލްކުވެރިކަން ޤާއިމު ކޮށްދޭ ބައިނަލްއަގުވާމީ މިންގަނޑެއް ގޮތުގައެވެ. މިއީ ގާނޫނީ ހަގީގަތަށްވުރެ ބޮޑަށް، ޚާރިޖީ މައިދާނުގައި ބޭނުންކުރުމަށް އުފައްދާފައިވާ މާނަކުރުމެކެވެ.
އިޓްލޮސް އިން ނިންމީ ކަނޑުގެ ސަރަހައްދުގެ މައްސަލަ، ތާރީޚީ މިލްކުވެރިކަމެއް ނޫން
މޮރިޝަސްއިން އިޓްލޮސްގެ ކަނޑުގެ ސަރަހައްދު ބައިކުރުމުގެ މައްސަލައަށް ބަރޯސާވުމުގައިވެސް ހަމަ މިފަދަ މާނަކުރުންތަކެއް ގެންގުޅެއެވެ.
އެ މައްސަލަ ބެލި ސްޕެޝަލް ޗެމްބަރުން، މޮރިޝަސްއަކީ އައްސޭރިފަށުގެ ގައުމުގެ ގޮތުގައި ބަލައިގެން ކަނޑުގެ ސަރަހައްދު ބައިކުރި ނަމަވެސް، މޮރިޝަސްއިން އެކަން ދައްކަނީ ފޯޅަވަހީގެ މިލްކުވެރިކަން މުޅިން ނިމިފައިވާ ކަމުގެ ހެއްކެއްގެ ގޮތުގައެވެ. ކަނޑުގެ ސަރަހައްދު ބައިކުރުމުގެ އަސްލު މަގްސަދު ދެނެގަތުމުން މޮރިޝަސްގެ މި ދައުވާ ބާތިލުވެއެވެ.
އިޓްލޮސްއަކީ ވަކި އިހުތިސާސެއްގެ ތެރެއިން ދެ ގައުމެއްގެ ދެމެދުގައި އޮތް ކަނޑުގެ ބޯޑަރުގެ މައްސަލަ ހައްލުކުރާ ތަނެކެވެ. އެއީ އިންޑިއާ ކަނޑުގެ އެތައް ސަތޭކަ އަހަރެއްވީ ތާރީޚީ މިލްކުވެރިކަމުގެ މައްސަލަތައް ނިންމާ ތާރީޚީ ކޯޓެއް ނޫނެވެ. ފޯޅަވަހީގެ މިލްކުވެރިކަމާ ގުޅޭ އެންމެހާ ތާރީޚީ ވާހަކަތަކާއި، އެހެން ފަރާތްތަކުގެ ދައުވާތައް ބަލާކަށް އެ ކޯޓަކަށް ހަވާލެއް ނުކުރެއެވެ.
ސިޔާސީ ގޮތުން ކަންކަން ކުރިއަށްގެންދާއިރު، އެ ނިންމުމުން ލިބުނު މިންވަރަށްވުރެ ބޮޑު މިންވަރެއް ހާސިލުވި ކަމަށް ދެއްކުމަކީ މޮރިޝަސްއަށް ފަސޭހަ ކަމަކަށް ވެދާނެއެވެ. ނަމަވެސް ސީރިއަސް ގާނޫނީ ދިރާސާއަކުން އެނގެނީ އެއީ ހަގީގަތެއް ނޫން ކަމެވެ.
އިސްތިއުމާރު ނައްތަލާ އޮނިގަނޑުން ބޭރުން ކަންކަން ނިންމުމުގެ ނުރައްކާ
ފޯޅަވަހި މައްސަލަ ބައިނަލްއަގުވާމީ މައިދާނަށް އައީ އިސްތިއުމާރު ނައްތާލުމުގެ އޮނިގަނޑުގެ ތެރެއިންނެވެ. ސިޔާދަތީ ޙައްގާ މެދު ކޮންމެ ގައުމަކުން ކޮންމެ ގޮތަކަށް ދެކުނު ނަމަވެސް، މި މައްސަލައިގެ ގާނޫނީ ބިންގަލަކީ އެއީއެވެ.
އައި.އޯ.ޓީ.ސީ ގައި ހިނގި ކަންތައްތަކުން ހާމަވަނީ، އެ އޮނިގަނޑުން ބޭރުން، ފަންނީ މުއައްސަސާއެއްގެ ތެރެއިން ޖިއޯޕޮލިޓިކަލް ނަތީޖާއެއް ހާސިލުކުރަން ކުރެވުނު މަސައްކަތެވެ. މިއީ ހަމައެކަނި އިޖުރާއީ ކަމެއް ނޫނެވެ. މިއީ ބައިނަލްއަގުވާމީ މުއައްސަސާތައް ބިނާކޮށްފައިވާ އަސާސްތަކާ ގުޅޭ ކަމެކެވެ.
މަސްވެރިކަމާ ބެހޭ ކޮމިޝަނެއް އޮންނަނީ މަސްވެރިކަން ބެލެހެއްޓުމަށެވެ. ފަންނީ އިދާރާތަކުން، ސިޔާސީ ބޮޑެތި ނަތީޖާތައް ނިކުމެދާނެ ފަދަ ގޮތަކަށް އަމަލުކުރަން ފަށައިފިނަމަ، އެ މުއައްސަސާތަކަކީ ވަކި ފަރާތަކަށް ޖެހިފައިވާ ސިޔާސީ ވަސީލަތްތަކަކަށް ވެގެންދާނެއެވެ. ރާއްޖޭގެ އިއުތިރާޒަކީ މިފަދަ ނުރައްކާތެރި މިސްރާބަކަށް ކަންކަން ދިއުމާ ދެކޮޅަށް ކުރި މަސައްކަތެކެވެ.
މާލޭގައި ހިނގި ދެބަސްވުމަކީ އަސްލު މަސްވެރިކަމާ ބެހޭ ކަމެއް ނޫން
މާލޭގައި ހިނގައިދިޔަ ކަންކަމުގެ އަސްލަކީ ކަނޑުމަހުގެ ސްޓޮކް ބެލެހެއްޓުމުގެ ދެމެހެއްޓެނިވި އުސޫލުތަކާ ތަބާވުމާއި ބެހޭ ނުވަތަ އެކަމުގެ އިދާރީ ހިންގުމާއި ގުޅޭ ކަމެއް ނޫނެވެ. އެއީ، ގާނޫނީ އަދި ސިޔާސީ ގޮތުން ހައްލުނުވެ އޮތް ސިޔާދަތީ މައްސަލަތަކެއްގައި، ވަކިވަކި މުޢައްސަސާތަކުގެ އިދާރީ ނިންމުންތަކެއް މެދުވެރިކޮށް ވަންހަނާވެ ތިބެގެން ގައުމަކުން ބޭނުންވާ ނަތީޖާ ހާސިލުކުރެވިދާނެތޯ ބެލި ބެލުމެކެވެ.
މި އުކުޅަކީ ވަރަށް މަކަރުވެރި ގޮތެއްގައި ކުރިއަށްގެންދާ، ނަމަވެސް މޮރިޝަސްއަށް މިހާތަނަށް ވަރަށް ރަނގަޅު ނަތީޖާ ނެރެދީފައިވާ އުކުޅެކެވެ. އިދާރީ ގޮތުން ތަކުރާރުކުރެވޭ ކަންކަމުން "އާދަ" އުފެއްދުމަށް ފަހު އެއީ ހަމަކަމުގައި ދައްކައިގެން ކައްކަކާކޯ ގޮވުމެވެ. އެ އާދައިގެ ތެރެއިން ހަގީގަތާއި ޚިލާފު ކަންކަން އެއީ ޢާއްމު ޙާލަތުގައި ޤަބޫލުކުރެވޭ ގޮތްކަމުގައި ބަދަލުވެގެން ދެއެވެ. އަދި އެކަމަށް އެއްވެސް ގައުމަކުން ދެކޮޅު ނުހަދާނަމަ، އެއީ ގާނޫނީ ގޮތުން ސައްހަ ގޮތްކަމުގައި ބެލެވެން ފަށައެވެ.
