August 25, 2026

ކޮލާ ޖަޒީރާއާއި، ގޮލާ މީހުން: ގޮލާވެހި އާއި ފޯޅަވަހީގެ ތާރީޚީ ފާހަގަތަކުގެ މައްޗަށް އަލުން ބަލާލުމެއް

ޕެން ފޯ ރައިޓްސް - ދިވެހިރާއްޖެ

ކަނޑެއްގެ ދެކޮޅުގައިވާ އޮސްޓްރޮނޭޝިއަން ނަމެއް
މަޑަގަސްކަރައިގެ އިރުމަތިން ވަރަށް ދުރުގައި، އިންޑޮނޭޝިއާގެ އިރުމަތީގައިވާ އަރޫ ޖަޒީރާތަކުގެ ތެރޭގައި ކޮލާ ޖަޒީރާ އޮވެއެވެ. ކޮލާ ޖަޒީރާއާއި އެ ރަށާ އަވަށްޓެރި މުޖުތަމައުތަކުން "ކޮލާ" ގެ ނަމުން ނަންދެވިފައިވާ ބަހެއް ބޭނުންކުރެއެވެ. އިންޑޮނޭޝިއާގެ ރަސްމީ ބަހުގެ ދަފުތަރުގައި އަރޫ ޖަޒީރާތަކުގެ ކޮލާ ފާހަގަ ކޮށްފައިވެއެވެ. އެ ބަހަށް ކިޔާ އެހެން ނަންތަކުގެ ތެރޭގައި ވަރިލާއު، ކުލަހާ އަދި މަރްލާސީ ހިމެނެއެވެ. ބަސްބަހާއި ބަހަވީ ޢިލްމުގެ ބައިނަލް އަގްވާމީ ޑާޓާބޭސް އެއް ކަމުގައިވާ ގްލޮޓޮލޮގް (2026) އިން ކޮލާ ބަސް (ISO 639-3 kvv) ގިންތިކުރަނީ އޮސްޓްރޮނޭޝިއަން އަދި މަލާޔޯ-ޕޮލިނޭޝިއަން އާއިލާގެ ތެރޭގައެވެ.

މި ސަރަހައްދުން ހުޅަނގަށް އެތައް ހާސް ކިލޯމީޓަރެއް ދުރުގައިވާ މަޑަގަސްކަރައިގައި، މިއާއި ވަރަށް އެއްގޮތް ނަމެއް ފެންނަން އެބައޮތެވެ. އިންޑިއާ ކަނޑުގެ ސަރަޙައްދުގެ އިންސާނީ ޖެނޮމިކް ޑައިވާސިޓީއާއި، ތަފާތު ސަގާފަތާއި، ބަހަވީ ދިރާސާ ކުރައްވާ، ޕިއެރޯން (2017) އާއި އޭނާގެ ބައިވެރިން ފާހަގަކުރައްވާ ގޮތުގައި، މަޑަގަސްކަރައިގެ ކުރީގެ ވަޒަންވެރިންގެ ގޮތުގައި މަޝްހޫރުވެފައިވާ "ވަޒިމްބާ"، "ކިމޯސީ" އަދި "ގޮލާ" އާ ބެހޭ ބޯދާ ރިވާޔަތްތައް އެބަހުއްޓެވެ. ނަމަވެސް އެއީ ސީދާ ޖެނެޓިކް އާބާދީތަކަކަށް ނިސްބަތްވާ ބައެއްގެ ގޮތުގައި ބެލުމުގައި ސަމާލުވާންޖެހޭނެ ކަމަށް އެބޭފުޅުން ވިދާޅުވެއެވެ. މި ދެމެދުގައިވާ ތިންވަނަ ހެއްކަކީ ދިވެހިރާއްޖެއެވެ. ރާއްޖޭގެ ތާރީޚީ ރިވާޔަތްތަކުގައި "ގޮލާވެހި" މި ނަން ފާހަގަ ކޮށްފައިވާއިރު، "އަލް-ޤަލާވަހީ" ފަދަ ތާރީޚީ ނަންތަކާ އެ ނަން އަޅާކިޔަން ޖެހެއެވެ. ރާއްޖޭގެ ދެކުނުގައި އޮންނަ ފޯޅަވައްސަކީ މި ސަރަހައްދުގައި އެއްފަސްކޮށް އޮތް އެންމެ ބޮޑު އެއްއަތޮޅެވެ.

މި ނަންތަކުގެ އެއްގޮތްކަމަކީ ހަމައެކަނި އެއް އަސްލަކުން އައިސްފައިވާ ކަމުގެ ހެއްކެއް ނޫނެވެ. މިކަމުގައި އެންމެ ބޮޑު އަހުމިއްޔަތުކަމެއް ދޭން ޖެހެނީ، މި ގުޅުން ތަހުގީގު ކުރެވޭނެ ފަދަ ތާރީޚީ ޖިއޮގްރަފީއެއް މި ސަރަޙައްދުގައި އޮތް ކަމުގެ މައްޗަށެވެ. އޮސްޓްރޮނޭޝިއާގެ އިރުމަތީގައި "ކޮލާ" ޖަޒީރާ އެބައޮތެވެ. މަޑަގަސްކަރައިގެ ރިވާޔަތްތަކުގައި "ގޮލާ" ދެމިއޮތެވެ. ދިވެހި ތާރީޚުގައި "ގޮލާވެހި" އަދި "އަލް-ޤަލާވަހީ" ލިޔެވިފައި އެބައޮތެވެ. އިންޑޮނޭޝިއާ އާއި މަޑަގަސްކަރައާ ދެމެދު، ދުރު ރާސްތާގެ ދަތުރުފަތުރާއި ވިޔަފާރީގެ މަރުކަޒެއްގެ ގޮތުގައި ފޯޅަވަހި އޮތްކަމަކީ ތާރީޚީ ގޮތުން ދެކޮޅު ހެދެން ނެތްކަމެކެވެ.

ދެކުނު އިރުމަތީ އޭޝިއާގެ ޖަޒީރާއަކުން މަޑަގަސްކަރައަށް
މަޑަގަސްކަރައިގައި މީހުން ވަޒަންވެރިވީ ގޮތުގެ ތާރީޚަކީ މީގެ މުހިންމު ފަސްމަންޒަރެކެވެ. މަޑަގަސްކަރައިގެ މަލަގާސީ ބަހަކީ އޮސްޓްރޮނީޝިއަން ބަހެކެވެ. އެ ބަހާ އެންމެ ގާތް ގުޅުމެއް އޮތީ އިންޑޮނޭސިއާގެ ބޯނިއޯގެ ދެކުނުގައި ވާހަކަދައްކާ އުޅޭ ދެކުނު އިރުމަތީ ބަރިޓޯ ބަސްތަކާއެވެ. މަޑަގަސްކަރައިގެ އާބާދީގައި ދެކުނު އިރުމަތީ އޭޝިއާ ނަސްލާއި އަދި އިރުމަތީ އެފްރިކާގެ ބަންޓޫ ނަސްލުގެ އަސަރު ބޮޑެވެ. ޕިއެރޯން (2017) އާއި އޭނާގެ ބައިވެރިން ހޯއްދެވި ގޮތުގައި، މިއީ އެކި ދުވަސްވަރު މަތިން އައިސްފައިވާ އޭޝިއާ އަދި އެފްރިކާގެ ނަސްލުތަކުގެ މަސްހުނިވުމެކެވެ.

މީގެ މާނައަކީ މަޑަގަސްކަރައިގެ މާދަރީންނަކީ ސީދާ އަރޫ ޖަޒީރާގެ މީހުންނެކޭ އެއް ނޫނެވެ. ނަމަވެސް މީގެން އެނގޭ ހަގީގަތަކީ މީހުންނާއި ބަހާއި ސަގާފީ އާދަކާދަތައް ދެކުނު އިރުމަތީ އޭޝިއާ އިން ހުޅަނގަށް، މަޑަގަސްކަރައާ ހަމައަށް ދަތުރުކޮށްފައިވާ ކަމެވެ. ފްރެންޗް ނޭޝަނަލް ސެންޓަރ ފޯ ސައިންޓިފިކް ރިސާޗް ގެ އެމިރެޓަސް ޑިރެކްޓަރު، ފިލީޕް ބޫޖާ (2011) ފާހަގަކުރައްވާ ގޮތުގައި މަލަގާސީ ތާރީޚުގައި އިންޑޮނޭޝިއާގެ ބަހާއި ސަގާފަތުގެ އެތައް ފަށަލައެއް އެކުލެވިގެންވެއެވެ.

މެދުޒަމާނުގެ އަރަބި ލިޔުންތަކުން އެނގޭ ގޮތުގައި މަޑަގަސްކަރައިގައި މީހުން ވަޒަންވެރިވުމަށް ފަހުވެސް އިންޑިއާ ކަނޑުގެ ހުޅަނގު ބިތުގައި ކަނޑުދަތުރުފަތުރުގެ ހަރަކާތްތައް ދިޔައީ ހިނގަމުންނެވެ. 'ކިތާބު އަޖާއިބުލް ހިންދު' ގައިވާ ގޮތުން މީލާދީން 945 ނުވަތަ 946 ހިސާބުގައި 'ވާގްވާގް' ކަނޑުދަތުރުވެރިން މޮޒަމްބީކުގެ ސޮފާލާ އާއި ސުވާހިލީ ކޯސްޓުގެ "ޒަންޖު" ގައި އުޅުނެވެ. އަދި 1154 ގައި އިދްރީސީ ލިޔުއްވި ގޮތުގައި ހުޅަނގު އިންޑޮނޭޝިއާގެ ސުމަތްރާ، ޖާވާ އަދި މެލޭ ޕެނިންސިއުއުލާގެ 'ޒަބަޖު' ޖަޒީރާތަކުން އަންނަ އުޅަނދުފަހަރު ސުވަހިލީ ކޯސްޓުގެ ޒަންޖު އަށް ދަތުރުކޮށް ވިޔަފާރިކުރިއެވެ. މި ހެކިތަކުން ދައްކަނީ ކަނޑުގެ މަގުން ގުޅިފައިވާ ދުނިޔެއެކެވެ.

"ގޮލާ" ގެ މައްސަލަ
މަޑަގަސްކަރައިގެ ހެކިތަކަކީ އަރޫ ޖަޒީރާތަކުގެ ތެރޭ ހިމެނޭ ކޮލާ ޖަޒީރާގެ މައުލޫމާތާ ވަކިން ހުރި އެއްޗެކެވެ. ޕިއެރޯން (2017) ގެ ދިރާސާގައި މަޑަގަސްކަރައިގެ ކުރީގެ އާބާދީތަކުގެ ތެރޭގައި "ގޮލާ" ހިމެނޭ ކަމަށް ބުނި ނަމަވެސް، އެއީ އިންޑޮނޭޝިއާގެ ވަކި މުޖުތަމައަކާ ގުޅުންހުރި ބައެއް ކަމަކަށް ވިދާޅެއް ނުވެއެވެ. އަދި މިހާރު ކޮލާ އައިލެންޑް ނުވަތަ ކޮލާ ބަސް އޮތުމަކީ، މާޒީގައި ކޮލާ އާއި ގޮލާ އަކީ އެކައްޗެއް ކަމުގެ ހެއްކެއް ނޫނެވެ.

ކޮލާގެ ތާރީޚީ ފުންމިނަކީ ކޮބައިތޯ ކުރެވޭ ސުވާލަކީ އަދިވެސް ފުރިހަމަ ހައްލެއް ނުލިބޭ ސުވާލެކެވެ. އިތުރަށް ދިރާސާ ކުރަން ޖެހޭ ސުވާލެކެވެ. މިހާރުގެ ރެކޯޑުތަކުން އެނގެނީ ކޮލާ އަކީ އުތުރު އަރޫގެ ޖިއޮގްރަފީ އާއި ބަހުގެ ތެރޭގައި ހިމެނޭ ނަމެއް ކަމެވެ. ނަމަވެސް އެއީ ރަށަކަށް ކިޔާ ނަމެއްތޯ، ބަހަކަށް ކިޔާ ނަމެއްތޯ ނުވަތަ ވަކި ބަޔަކަށް ކިޔާ ނަމެއްތޯ ސާފެއް ނޫނެވެ. އަދި ކޮލާ ބަހުން ވާހަކަދައްކާ މީހުން ހުޅަނގަށް މަޑަގަސްކަރައަށް ދަތުރުކުރި ކަމުގެ ސީދާ ހެއްކެއް ވެސް ނެތެވެ.

ކޮލާ އާއި ގޮލާގެ ގުޅުން ސާބިތުކުރުމަށްޓަކައި ހަމައެކަނި އަކުރުތައް އެއްގޮތްވުން ފުދޭކަށް ނެތެވެ. އެކަމަށްޓަކައި ތާރީޚީ ގޮތުން ގަބޫލުކުރެވޭ ފަދަ ދަތުރުފަތުރުގެ ނިޒާމަކާއި، ބަސްބަހުގެ ގުޅުންތަކާއި، އަދި އެއް ބަހުން އަނެއް ބަހަށް ލަފުޒުތައް ނަކަލުވެފައިވާ ގޮތުގެ ހެކި ބޭނުންވެއެވެ.

އިރުމައްޗާއި ހުޅަނގާ ދެމެދުގައި ފޯޅަވަހި
އިންޑިއާ ކަނޑުގެ މެދުތެރޭގައި ފޯޅަވަހި އޮތް މަގާމުގެ ސަބަބުން، އެ ރަށަކީ ވަރަށް މުހިންމު ތަނަކަށް ވެއެވެ. 'ފޯޅަވަހި' މި ނަމުން ބޮޑު މާސިންގާ ރަށަކަށް ނިސްބަތްކުރާއިރު، ފޮއްޅަވައި، ހޮއްޅަވައި އަދި ޕުޅޮބައި ފަދަ ނަންތަކުން މުޅި ދެކުނުގެ ޖަޒީރާތަކަށް ނިސްބަތްކުރެއެވެ. ފަހުން ވިލާތުގެ މީހުންގެ ޗާޓުތަކުގައި މި ރަށަށް 'ޑިއޭގޯ ގާސިއާ' ގެ ނަން ދެވުނެވެ. އަދި ފޮއްޅަވައިގެ މުޅި ސަރަޙައްދަށް އިސްތިޢުމާރީން "ޗަގޯސް" ގެ ނަމުން ނަން ދިނެވެ.

މަޝްހޫރު ފަރެންސޭސި މެރިޓައިމް އާކިއޮލޮޖިސްޓް އަދި ތާރީޚު ޢިލްމުވެރިޔާ ޕްރޮފެސަރ އެމިރެޓަސް ޕީޣީވް މޮންޔަން (2011) ގަބޫލުކުރައްވާ ގޮތުގައި ފޯޅަވައްސަކީ ނުވަތަ ފޮއްޅަވައި އަކީ މާޒީގައި މެލޭ ކަނޑު ދަތުރުވެރިންގެ މަރުކަޒެކެވެ. އޭނާގެ ދަލީލަކީ ޖިއޮގްރަފީއެވެ. އެހެން ވާން ޖެހުނު ސަބަބަކީ ރާއްޖޭގެ ދެކުނުގެ މި ރަށްތަކުގައި ހުރި އާދަޔާ ހިލާފު ޖިއޮގްރަފީ އަދި ގުދުރަތީ ސިފަތަކާއި ހެދި ކަމުގައި އޭނާ ލިޔުއްވައެވެ. ސަބަބަކީ ފޯޅަވަހި ނުވަތަ ފޮއްޅަވައި އަކީ މެލޭ ކަނޑު ދަތުރުވެރިން ދަތުރު ކުރާ މައި މަގުމަތީގައި އޮންނަ ޖަޒީރާއަކަށް ނުވަތަ ޖަޒީރާތަކަކަށް ވާތީ ދިމާވާ ގޮތެއް ކަމަށް ބެލެވެއެވެ. އަދި ދަތުރުވެރިން މަޑުކޮށްލުމަށާއި ބޭނުންވާ ތަކެތި ހޯދުމަށް ފޯޅަވައްސަކީ ވަރަށް އެކަށީގެންވާ ބަނދަރެއްކަން އޭނާ ފާހަގަކުރައްވައެވެ.

މީގެ މާނައަކީ ފޯޅަވައްސަކީ ކޮލާ މީހުންގެ އާބާދީއެއް އޮތް ތަނެއްކަން ސާބިތުވުމެއް ނޫނެވެ. ނަމަވެސް އެއީ ދުރު ރާސްތާގެ ދަތުރުތަކުގައި ބޭނުން ނުކޮށް ނުވާނޭ މުހިންމު މަރުކަޒެއްކަން މިކަމުން އެނގެއެވެ. ކަނޑުގެ ދަތުރުވެރިންނާއި، މަސްވެރިން ނުވަތަ މޫސުމީ ގޮތުން ދިރިއުޅޭ މީހުން އެފަދަ ރަށެއް ބޭނުންކޮށްފައި އޮތުމަކީ އެކަށީގެންވާ ކަމެކެވެ.

ގޮލާވެހި އަދި ދިވެހި ހެކިތައް
މި ދިރާސާގެ ތިންވަނަ ނުކުތާއަކީ ދިވެހި ތާރީޚީ ލިޔުންތަކެވެ. ރާދަވަޅި (1979) ގައި ފަސް ތަނެއްގައި މި ނަން ފެންނަން އެބައޮތެވެ. ހިލާލީ ނުވަތަ ހުޅުލޭ ދަރިކޮޅުގެ ނަސަބުގެ ތެރެއިން 19 ވަނަ ސަފުހާގައި "ގޮލާވެހި ކަނބުލޯ" ފާހަގަކޮށްފައިވެއެވެ. 20 ވަނަ ސަފުހާގައި "ގޮލާވެހި ނާޞުރައްދީން" ގެ ނަން އޮތްއިރު، 23 ވަނަ ސަފުހާގައި "ގޮލާވެހި ސަންފާ ރަނިކިލެގެ" އާއި "ގޮލާވެހި ރަނިކިލެގެ" މި ދެ ނަން އޮވެއެވެ. އަދި 28 ވަނަ ސަފުހާގައި "ގޮލާވެހި ޢައިޝާ ރަނިކިލެގެ" ނަން ފެންނަން އެބައޮތެވެ.

މި ނަންތަކަކީ ކޮލާ ނުވަތަ މަޑަގަސްކަރައިގެ ގޮލާއަށް ބަލައިގެން ފަހުން އުފައްދާފައިވާ ނަންތަކެއް ނޫނެވެ. މިއީ ދިވެހި ތާރީޚީ ރިވާޔަތްތަކުގައި ހުރި ނަންތަކެކެވެ. މީގެ އިތުރުން ޙަސަން ތާޖުއްދީންގެ "ތާރީޚް އިސްލާމް ދީބާ މަހަލް" ގައި "އަލް-ޤަލާވަހީ" މި ނަން ވަކިން ފާހަގަކޮށްފައިވެއެވެ.

ނަމަވެސް "ގޮލާވަހި" އަކީ ތާރީޚީ ގޮތުން ސީދާ ފެންނަން އޮތް ރަށެއްގެ ނަމެއް ނޫނެވެ. އެއީ ގޮލާވެހި، އަލް-ޤަލާވަހީ އަދި ފޯޅަވަހީގެ ގުޅުން ތަހުގީގު ކުރުމަށްޓަކައި ބޭނުންކުރެވޭ ޖިއޮގްރަފީ އޮނިގަނޑެކެވެ. ގޮލާވެހި އާއި އަލް-ޤަލާވަހީ އަކީ ތާރީޚީ ގޮތުން ސާބިތުވާން ހުރި ސިފަތަކެވެ. ގޮލާވަހި އަކީ އެ ދެމެދުގައި އޮތް ފާލަމެކެވެ. އެއީ ފޯޅަވަހި ކަމަށް ބެލުމަކީ ޖިއޮގްރަފީގެ މައްޗަށް ބިނާކޮށް ބަލާބެލުމެކެވެ. މި ދެ ކަންތައްވެސް އަދި އޮތީ ޢިލްމީގޮތުން ސާބިތުކޮށްދޭން ޖެހޭ މަރުހަލާގައެވެ.

ނާޞުރައްދީން ގޮލާވެހި އަދި ތާނަ އަކުރުގެ ފެށުން
ނާޞުރައްދީން ގޮލާވެހީގެ ނަމުން ދެވަނަ ސުވާލެއް އުފެދެއެވެ. އެއީ "ގޮލާވެހި" މި ނަން ފެންނަ ސަގާފީ މާހައުލާ ބެހޭ ގޮތުންނެވެ. މަޑަގަސްކަރައިގެ "ސޮރާބޭ (Sorabe)" އަކީ އަރަބި އަކުރުން މަލަގަސީ ބަހުން ލިޔުމަށް ބޭނުންކުރި އަކުރެކެވެ. މިއީ ދީނާއި، ނަސަބާއި، ނަކަތްތެރިކަމުގެ ޢިލްމާއި އަދި ތާރީޚީ ލިޔުންތައް ރައްކާކުރި، މަޑަގަސްކަރައިގެ ލިޔުންތެރި މުޖުތަމައަކާ ގުޅިފައިވާ އަކުރެކެވެ. ސޮރާބޭ އަކީ އިންޑިއާ ކަނޑުގެ އިސްލާމީ ދުނިޔޭގައި އަރަބި ލިޔުންތެރިކަން އެކި ބަސްބަހަށް ބަދަލުވެގެން އައި އައުމުގެ ބައެކެވެ. ސުލްޠާން ނާސުރައްދީން އަލްގުލާވަހި، މިތަނުގައި ފާހަގަ ކޮށްލަން ޖެހޭ ސަބަބަކީ، ތާރީޚުގައި ވާގޮތުން މިރަސްގެފާނަކީ، ރާއްޖޭގައި އިސްލާމީ ޝަރީއާގެ ޕީނަލް ކޯޑް ގާއިމު ކުރެއްވި ރަސްގެފާނެވެ. މިރަސްގެފާނުގެ ރަސްކަން އޮތީ 1409 އިން 1411 އަށެވެ. މިތަނުގައި ފާހަގަ ކޮށްލަން ބޭނުންވަނީ، މިދުވަސްވަރަކީ ތާނަ އަކުރު އުފެދެން ފެށި ދުވަސްވަރު ކަމަށް ވުން އެކަށީގެން ވާކަމުގައެވެ. އަދި ފަހުން ބޮޑުތަކުރުފާނުގެ ވެރިކަމުގައި، ތާނަ ބެނުން ކުރެވުނު ކަމުގައިވެއެވެ. ނަމަވެސް އެންމެ ފުރަތަމަ ތާނައިން ލިޔެވިފައިވާ ރަސްމީ ލިޔުމަކަށް ފެންނަން އޮތީ 1705 ވަނަ އަހރުގެ، މުޒައްފަރު މުހައްމަދު އިމާދުއްދީން 2 ވަނައިގެ ރަސްކަމުގެ ރަސްމީ ފަތްކޮޅެކެވެ.  

ތާނަ އަކުރާ ސޮރާބޭގެ ގުޅުމެއް އޮތްތޯ ބަލާއިރު، އެކަމުގައި ވަރަށް ބޮޑަށް ސަމާލުވާންޖެހެއެވެ. ސޮރާބޭ އާއި ތާނަ އަކީ އެކައްޗެއް ނޫނެވެ. ނަމަވެސް ސޮރާބޭ އިން ލިޔެފައިވާ ލިޔުމެއް ފުރަތަ ބަލާލާ ބެލުމަށް ހީވާނީ މުސްކުޅި ތާނައިން ލިޔެފައިވާ ލިޔުމެއްހެނެވެ. މިސާލަކަށް މި ފޮޓޯ އިން ފެންނަ ސޮރާބޭ ލިޔުން ކޮޅަށް ބަލާލުމުން، ތާނަ އަކުރުގެ ޓ، ޏ، ޑ، ޒ، ދ، ނ، މ، ތ ފަދަ އަކުރުތަކާ އެއްގޮތް އަކުރުތަކެއް ސިފަވެގެން ދެއެވެ. ނަމަވެސް މިއީ ސޮރާބޭ އަކުރުން ތާނަ އުފެދިފައިވާ ކަމުގެ ސީދާ ހެއްކެއްވެސް ނޫނެވެ. މި ދިރާސާއިން ގޮލާވެހި ނާޞުރައްދީން ތާނަ އަކުރު އުފެއްދެވި ކަމަކަށް، ނުވަތަ ތާނަ އަކީ މަޑަގަސްކަރައިގެ އަކުރަކުން އައި އެއްޗެއް ކަމަކަށް ބާރެއް ނާޅައެވެ.

މި އަޅާކިޔުމަކީ ހަމައެކަނި ތާރީޚީ އަދި ސަގާފީ ކަންކަމަށް ބަލައިގެން ހިންގާލެވޭ ނަޒަރިއްޔާ އެކެވެ. ސޮރާބޭ އާއި ތާނަ އުފެދިފައިވަނީ އިސްލާމް ދީނާއި، އަރަބި ލިޔުންތެރިކަމުގެ އަސަރު އޮތް އިންޑިއާ ކަނޑުގެ މުޖުތަމައުތަކުގެ ތެރޭގައެވެ. މި ނަޒަރުން ބެލުމުން އުފެދޭ ސުވާލަކީ، އިންޑިއާ ކަނޑުގެ ދެކުނުގެ ސަރަހައްދުތަކާ ގުޅުންހުރި މީހުންގެ ފަރާތުން ތާނަ އަކުރު ތަކުގެ ބައެއް ސިފަތަކާއި ބައްޓަންތައް ރާއްޖެއަށް އައިސް، އެކަން ދިވެހި ބަހާއި ތާނަ އަކުރުގެ ތެރެއިން އާ ގޮތަކަށް ބަދަލުވެފައި އޮވެދާނެތޯއެވެ.

ގޮލާ އަދި ވަހި
މި ދިރާސާގައި ބޭނުންކުރެވޭ ލަފުޒީ އޮނިގަނޑަކީ ބަހަވީ ގޮތުން ތަހުގީގު ކުރަންޖެހޭ ކަމެކެވެ. ދިވެހި ބަހުގެ "ވަހި" ނުވަތަ "ވެހި" މި ލަފުޒަކީ ވަކި ތަނަކަށް، ވަޒަންވެރިވުމަށް ނުވަތަ ވަޒަންވެރިންނަށް ނިސްބަތްކުރާ ލަފުޒެކެވެ. މިސާލަކަށް "ރަށްވެހި" މި ލަފުޒުން ރަށުގެ ވަޒަންވެރިޔާ ދޭހަކޮށްދެއެވެ. އެހެންކަމުން "ގޮލާ" އާއި "ވަހި" އެކުވުމުން "ގޮލާގެ ވަޒަން" ނުވަތަ "ގޮލާ މީހުން އުޅޭ ތަން" ފަދަ މާނައެއް ދޭހަވުމުގެ ފުރުސަތު އެބައޮތެވެ. އެހެންވެއްޖެ ނަމަ އެރަށަށް ކިޔާނީ 'ގޮލާވަހި" ކަމަށް ބެލެވެއެވެ.

މިއީ ހަމައެކަނި ހުށަހެޅުމެކެވެ. މީގެ ހަގީގަތް ބިނާވެފައިވަނީ ގޮލާވެހި، އަލް-ޤަލާވަހީ، ފޮލޮވަހި، ފޯޅަވަހި އަދި އެ ސަރަހައްދަށް ކިޔާ އެހެނިހެން ނަންތަކުގެ ތާރީޚީ ތަރުތީބުގެ މައްޗަށެވެ. މީގެ ތެރެއިން ބައެއް ނަންތަކަކީ އެތަނުގެ މީހުން ކިޔާ ނަންތަކަށް ވެފައި، އަނެއްބައި ނަންތަކަކީ ބޭރު މީހުން ކިޔާފައިވާ ނަންތަކަށް ވެދާނެއެވެ. އެންމެ ކުރީގެ ހެކިތަކުން މި ހުށަހެޅުމާ ދެކޮޅު ނަތީޖާއެއް ފެނިއްޖެނަމަ، މި ވިސްނުން ބަދަލުކުރަން ނުވަތަ ދޫކޮށްލަން ޖެހޭނެއެވެ.

ހުޅުވިފައިވާ ތާރީޚީ ސުވާލެއް
މި ހުރިހާ ކަމަކުން ކޮލާ، ގޮލާ އަދި ގޮލާވަހި އަކީ އެކައްޗެއްކަން ސާބިތެއް ނުވެއެވެ. ނަމަވެސް މީގެން ސާބިތުވާ ކަމަކީ، މިއީ ހަމައެކަނި އެއްގޮތް ނަންތަކެއް ކަމަށް ބަލައި ތަހުގީގު ނުކޮށް ދޫކޮށްލެވެން ނެތް ކަމެވެ. ކޮލާ އޮތީ އޮސްޓްރޮނޭޝިއާގެ އިރުމަތީގައެވެ. ގޮލާ އޮތީ މަޑަގަސްކަރައިގެ ހަނދާންތަކުގައެވެ. ގޮލާވެހި އާއި އަލް-ޤަލާވަހީ އޮތީ ދިވެހި ތާރީޚުގައެވެ. އަދި ފޯޅަވަހި އޮތީ ގަރުނުތަކެއްގެ ދަތުރުފަތުރާއި ގުޅުންތަކުން ގުޅިފައިވާ މި ދެބިތުގެ މެދުގައެވެ.

މިހާރު އޮތް މަސައްކަތަކީ މި ހުރިހާ ކަމަކީ އެއްގޮތް ކަންތައްތަކެއް ކަމަށް ނިންމުމެއް ނޫނެވެ. އޭގެ ބަދަލުގައި، ކުރަންވީ ކަމަކީ ތާރީޚީ ރެކޯޑުތަކުން މި ކަންކަން ގުޅުވައިދޭތޯ ބެލުމެވެ. އިތުރަށް ދިރާސާ ކުރުމެވެ. އިތުރަށް ހޯދުމަށް މަލަގަސީ ލިޔުންތައް ދިރާސާކުރަންވީއެވެ. ސުވާހިލީ ބަސް ދަސްކުރަންވީއެވެ. ސުވާހިލީގެ އައްސޭރި ފަށުން ބަލައިގެން ގޮލާ މީހުންނާއި ދީވާއިން ނުވަތަ ދިވެހީންގެ ފިޔަވަޅުތަކުގެ ނިޝާންތައް ހޯދަންވީއެވެ. މިހުރިހާ ތާރީޚީ އަދި ސަގާފީ ގުޅުމެއްގެ މަތީގައި އަނދިރި ފަށަލައެއް ފަތުރާ ފޮރުވާލީ ވިލާތުގެ އިސްތިޢުމާރީ ނުފޫޒުތަކުން ކަން ދަންނަންވީއެވެ. އެފަށަލަ ނައްތާލަން ޖެހެއެވެ. އެކަމަށްޓަކައި ކޮލާ އާ ބެހޭ ކުރީގެ ލިޔުންތަކާއި، ދިވެހި ތާރީޚީ މައުލޫމާތުތައް ފުންކޮށް ދިރާސާކުރަން ފަށަންވީއެވެ. ގޮލާވެހި އާއި ގޮލާވަހީގެ ގުޅުން ސާބިތުކޮށްދިނުން ނުހަނު ބޭނުންތެރިއެވެ. އެހާ ހިސާބަށް ދެވެންދެން، މި ހުށަހެޅުމަކީ ދިރާސާކޮށް ތަހުގީގު ކުރެވިދާނެ، ހުޅުވިފައިވާ ތާރީޚީ ސުވާލެކެވެ.

މަސްދަރުތައް

Adelaar, K. Alexander. 2009. “Towards an Integrated Theory about the Indonesian Migrations to Madagascar.” In Austronesian Diaspora and the Ethnogeneses of People in Indonesian History, edited by Truman Simanjuntak, Ingrid Pojoh, and Mohammad Hisyam, 149–72. Jakarta: LIPI Press.

Badan Pengembangan dan Pembinaan Bahasa. 2024. “Kola.” Data Pokok Kebahasaan dan Kesastraan. Ministry of Education, Culture, Research and Technology, Republic of Indonesia.

Beaujard, Philippe. 2011. “The First Migrants to Madagascar and Their Introduction of Plants: Linguistic and Ethnological Evidence.” Azania: Archaeological Research in Africa 46 (2): 169–89.

Blench, Roger. 2012. “Two Vanished African Maritime Traditions and a Parallel from South America.” African Archaeological Review 29: 273–92.

Fritz, Sonja. 2021. Dhivehi: The Language of the Maldives. Berlin and Boston: De Gruyter Mouton.

Glottolog. 2026. “Kola.” Max Planck Institute for Evolutionary Anthropology.

Manguin, Pierre-Yves. 2011. “The Maldives Connection: Pre-Modern Malay World Shipping across the Indian Ocean.” In Civilisations des mondes insulaires, edited by Chantal Radimilahy and Narivelo Rajaonarimanana, 261–84. Paris: Karthala.

Pierron, Denis, Margit Heiske, Harilanto Razafindrazaka, et al. 2017. “Genomic Landscape of Human Diversity across Madagascar.” Proceedings of the National Academy of Sciences 114 (32): E6498–E6506.

Raadhavalhi. 1979. Official chronicle of Maldivian royal succession. Official edition/reproduction. Malé: President’s Office, through the National Council for Historical and Linguistic Research.

Taj al-Din, Hassan. 1982. Tārīkh Islām Dībā Mahal, Part I, with continuation by Qadi Muhammad Muhibb al-Din and Qadi Ibrahim Siraj al-Din. Critical edition by Hikoichi Yajima. Tokyo.