ޕެން ފޯ ރައިޓްސް - ދިވެހިރާއްޖެ
ފޮއްޅަވައިގެ މައްސަލައާއި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ވެވުނު އެއްބަސްވުމާ ގުޅޭގޮތުން 'ޕެން ފޯ ރައިޓްސް - މޯލްޑިވިއަންސް ފޯ ޗާގޯސް' އިން ފާޅުކުރި ކަންބޮޑުވުންތަކަށް، އިނގިރޭސި ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އޮފީހުން (އެފް.ސީ.ޑީ.އޯ) ރަސްމީކޮށް ޖަވާބުދީފިއެވެ. މި ޖަވާބަކީ 22 ޑިސެމްބަރު 2025 ގައި ފޮނުވި ސިޓީއަކާއި، އޭގެ ފަހުން 29 ޖޫން 2026 ގައި އިނގިރޭސި އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވި ސިޓީއަކާ ގުޅިގެން ދީފައިވާ ޖަވާބެކެވެ. އެފް.ސީ.ޑީ.އޯ ގެ ޕާލިމަންޓަރީ ކޮރެސްޕޮންޑެންސް ޓީމުން ބުނެފައިވަނީ، އެ ސިޓީއަށް ޖަވާބު ދިނުމަށް އެ ފަރާތަށް އަންގާފައިވާ ކަމަށާއި، ޖަވާބު ލަސްވުމުން މާފަށް އެދޭ ކަމަށެވެ.
މި ޖަވާބުގައި އިނގިރޭސިވިލާތުގެ މުހިންމު ބައެއް ނިންމުންތައް ރަސްމީކޮށް ބަޔާންކޮށްފައިވެއެވެ. އެފް.ސީ.ޑީ.އޯ އިން ދަމަހައްޓަނީ، ވިލާތުގެ އިސްތިއުމާރީ ނަންތަކުން "ޗާގޯސް އާކިޕެލަގޯ" ގެ ގޮތުގައި ނަންދެވިފައިވާ ފޮއްޅަވައިގެ ސިޔާދަތީ މައްސަލައަކީ "އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އޮތް ބައިލެޓަރަލް (ދޭދޭ) މައްސަލައެއް" ކަމަށެވެ. އަދި "ކޯޓުތަކާއި، ނިންމުންތަކާއި، މުއައްސަސާތަކުން" މިކަން ސާފު ކޮށްދީފައިވާ ކަމަށް އެ އޮފީހުން ދައުވާކުރެއެވެ. މީގެ އިތުރުން، 2 ޑިސެމްބަރު 2025 ގައި އދ. ގެ ކޮމިޓީ އޮން ދަ އެލިމިނޭޝަން އޮފް ރޭޝަލް ޑިސްކްރިމިނޭޝަން (CERD) އިން ނިންމި ނިންމުން ބަލައިގަންނަ ކަމަށް ބުނަމުން، އެ ކޮމިޓީން ގެންގުޅުނު އުސޫލުތަކާ އިނގިރޭސި ސަރުކާރުން "އެއްބަސްނުވާ" ކަމަށް އެފް.ސީ.ޑީ.އޯ އިން ބުނެފައިވެއެވެ. މި ނިންމުންތަކުން ފޮއްޅަވައިގެ މައްސަލާގައި އިނގިރޭސިވިލާތުން މިހާރު ގެންގުޅޭ އަސާސްތައް ސާފުވި ނަމަވެސް، 'ޕެން ފޯ ރައިޓްސް' އިން އުފައްދާފައިވާ ތާރީޚީ ސުވާލުތަކަށް މީގައި ޖަވާބެއް ނެތެވެ. ވިލާތުގެ އިސްތިއުމާރީ ނުފޫޒުގެ ކުރިން ރާއްޖެއަށް ލިބިފައިވާ މިލްކުވެރިކަމުގެ މައްޗަށް ބިނާކޮށް ދިވެހިރާއްޖޭގެ ފަރާތުން ހުށަހަޅާފައިވާ ސިޔާދަތީ ދައުވާއަކާ މެދު ބައިނަލްއަގުވާމީ އެއްވެސް ކޯޓަކުން މިހާތަނަށް ގޮތެއް ނިންމާފައެއް ނުވެއެވެ. އަދި ރާއްޖެއިން މިފަދަ ސިޔާދަތީ، އަދި އިސްތިއުމާރުން މިނިވަންވުމުގެ ދައުވާއެއް އދ. ގެ އާންމު މަޖިލީހަށްވެސް މިހާތަނަށް ހުށަހަޅާފައެއް ނުވެއެވެ.
ކިޔުންތެރިންނަށް މި ދިރާސާއާއެކު [26 އޯގަސްޓް 2026 ގެ އެފް.ސީ.ޑީ.އޯ ގެ ޖަވާބު ސިޓީ] މި ލިންކުން ބެއްލެވޭނެއެވެ.
ބައިނަލްއަގުވާމީ މަރުހަލާތަކުގައި ބަލާފައިވަނީ އަސްލުގައި ކޮން ކަންތައްތަކެއް؟
އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (ICJ) އިން 2019 ވަނަ އަހަރު އިސްތިޝާރީ ލަފައެއް ދީފައިވަނީ އދ. ގެ އާންމު މަޖިލީހުގެ އެދުމަކަށެވެ. އެ މައްސަލާގައި ބަލާފައިވަނީ 1968 ގައި މޮރިޝަސް މިނިވަންވީއިރު، އެ ގައުމު އިސްތިއުމާރުން މިނިވަން ކުރުމުގެ މަރުހަލާތައް ގާނޫނީ ގޮތުން ފުރިހަމަ ވެފައި ވޭތޯއެވެ. މި މައްސަލަ އުފެދުނީ 1965 ގައި އިނގިރޭސިވިލާތުން ފޮއްޅަވައި މޮރިޝަސްއާ (ޑިކޮލޮނައިޒް ކުރުމުގެ ކުރިން، އިދާރީ ގޮތުން) ވަކިކުރުމާ ގުޅިގެންނެވެ. ކޯޓުން ނިންމީ މޮރިޝަސް އިސްތިއުމާރުން މިނިވަން ކުރުމުގެ މަރުހަލާ ގާނޫނީ ގޮތުން ފުރިހަމަވެފައި ނުވާ ކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް އެ ޖަޒީރާތަކުގެ އިދާރީ ހިންގުން އިނގިރޭސިވިލާތުން ދޫކޮށްލުމަށް ކޯޓުން ލަފާ ދީފައިވެއެވެ. ކޯޓުން ބެލި މައްސަލައިގެ ދާއިރާ ވަރަށް ސާފުކޮށް ބަޔާން ކޮށްފައިވެއެވެ. ކޯޓުން ބުނެފައިވަނީ އާންމު މަޖިލީހުގެ ސުވާލުތައް ގުޅެނީ "މޮރިޝަސް އިސްތިއުމާރުން މިނިވަންވުމާ" ކަމަށާއި، އާންމު މަޖިލީހުން ކޯޓުގެ ލަފައަކަށް އެދިފައިވަނީ ދެ ގައުމެއްގެ ދެމެދުގައި އޮތް ބިމުގެ މިލްކުވެރިކަމުގެ މައްސަލައެއް ހައްލުކުރުމަށް ނޫން ކަމަށެވެ.
ރާއްޖޭގެ ތާރީޚީ މިލްކުވެރިކަމުގެ މައްސަލައަކީ ކޯޓަށް ހުށަހެޅުނު ސުވާލުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ. ވިލާތުގެ އިސްތިއުމާރުގެ ކުރިން ފޮއްޅަވައިގެ މިލްކުވެރިކަން ރާއްޖެއަށް އޮތްތޯ ކޯޓާ ސުވާލު ކުރެވިފައެއް ނުވެއެވެ. އަދި ވިލާތުގެ ބާރުތަކުން އެންމެ ފުރަތަމަ އެ ޖަޒީރާތަކުގެ އިސްތިގުލާލު ހޯދީ ކިހިނެއްތޯ ކޯޓުން ބަލާފައެއް ނުވެއެވެ. ހަމައެހެންމެ، ރާއްޖެއަށް އޮތް ތާރީޚީ މިލްކުވެރިކަމެއް ގާނޫނީ ގޮތުން އެހެން ފަރާތަކަށް ބަދަލުވެފައިވޭތޯ ނުވަތަ ނެތިގޮސްފައިވޭތޯވެސް ކޯޓުން ކަނޑައަޅާފައެއް ނުވެއެވެ. މި ހަނި ދާއިރާއަކީ މޮރިޝަސްއާ ގުޅޭގޮތުން ކޯޓުން ނިންމާފައިވާ ނިންމުންތަކުގެ ބާރު ކުޑަނުވާނޭހެން އެ ނިންމުންތައް ހިނގާ ދާއިރާ ބަޔާންކޮށްދޭ ކަމެކެވެ.
2021 ވަނަ އަހަރު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (ITLOS) ގެ ސްޕެޝަލް ޗެމްބަރުގައި ކުރިއަށްދިޔަ މައްސަލަވެސް މުހިންމެވެ. ސްޕެޝަލް ޗެމްބަރުން ބަލާފައިވަނީ މޮރިޝަސްއާއި ރާއްޖެއާ ދެމެދު ކަނޑުގެ ސަރަހައްދު ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދެވިދާނެތޯ ބެލުމުގައި ICJ ގެ އިސްތިޝާރީ ލަފާގެ ނަތީޖާއަށެވެ. އެ ކޯޓުން ނިންމީ ICJ ގެ ނިންމުންތަކުން ފޮއްޅަވައިގެ މައްޗަށް މޮރިޝަސްގެ އިސްތިގުލާލު އޮތްކަން ދޭހަވާ ކަމަށެވެ. ނަމަވެސް، އެ މައްސަލާގައި ރާއްޖެއިން ފޮއްޅަވައިގެ މިލްކުވެރިކަމަށް ދައުވާއެއް ނުކުރެއެވެ. ރާއްޖޭގެ ފަރާތުން ހުށަހެޅި އިޖުރާއީ އިއުތިރާޒު ބިނާކޮށްފައިވަނީ މޮރިޝަސްއާއި އިނގިރޭސިވިލާތާ ދެމެދު އޮތް އިސްތިގުލާލީ ދެބަސްވުމުގެ މައްޗަށެވެ. ރާއްޖެއިން ބުނެފައިވަނީ އެ މައްސަލަ ހައްލުނުވެ އޮތުމުން ކަނޑުގެ ސަރަހައްދު ވަކިކުރުމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ރާއްޖޭގެ ތާރީޚީ މިލްކުވެރިކަމާ ގުޅޭ ހެކިތަކެއް އެ ކޯޓަކަށް ހުށަހަޅާފައެއް ނުވެއެވެ.
އެހެންކަމުން، މިހާތަނަށް ހުރި ބައިނަލްއަގުވާމީ ނިންމުންތަކުން މޮރިޝަސްގެ އިސްތިއުމާރުން މިނިވަންވުމުގެ ދައުވާއަށް ބޮޑު ތާއީދެއް ލިބެއެވެ. ނަމަވެސް އެއީ ރާއްޖެއާއި މޮރިޝަސްގެ ތާރީޚީ މިލްކުވެރިކަމާ ގުޅޭގޮތުން އޮތް ވާދަވެރި މައްސަލައެއް ނިންމުމެއް ނޫނެވެ. އެއީ އެފަދަ މައްސަލައެއް އެއްވެސް ކޯޓަކަށް ހުށަހެޅިފައި ނުވާތީއެވެ. މި ތަފާތަކީ މިހާރު ހިނގަމުންދާ މުއާމަލާތްތަކުގެ މައިގަނޑު އަސާސެވެ. މޮރިޝަސް އިސްތިއުމާރުން މިނިވަންވުމުގެ ސުވާލާ ގުޅޭ ބައިނަލްއަގުވާމީ ނިންމުންތަކަށް އިނގިރޭސިވިލާތަށް ބަރޯސާވެވިދާނެއެވެ. ނަމަވެސް، އެ ނިންމުންތަކުން ރާއްޖޭގެ ތާރީޚީ މިލްކުވެރިކަން ކުރިންވެސް ނިގުޅައިގަނެވިފައިވާ ކަމަށް ބުނާނަމަ، އެއަށް ބޭނުންވަނީ ތަފާތު ގާނޫނީ އަސާސެކެވެ.
ރާއްޖޭގެ ސުވާލު ފެށެނީ މާ ކުރިން
'ޕެން ފޯ ރައިޓްސް' އިން މިހާރު ތަހުގީގު ކުރަމުންދާ މައްސަލަ ފެށެނީ މޮރިޝަސްގެ މައްސަލައިގާ ބަލާފައިވާ އިސްތިއުމާރީ އިންތިޒާމުތަކުގެ މާ ކުރިންނެވެ. މީގެ މުހިންމު އެއް މަޞްދަރަކީ ސޯޅަވަނަ ގަރުނުގެ ސުލްޠާން ޙަސަން ނުވަވަނަ ގެ ރަސް ލަގަބުފުޅުތަކުގައި "ޕުޅޮބައިގެ ހަތް ރަށް" (Seven Islands of Pullobay) ހިމެނިފައި އޮތުމެވެ. ޕުޅޮބައިގެ ޖިއޮގްރަފީ އައިޑެންޓިޓީ ކަށަވަރުކުރަންޖެހެނީ ފެންނަން ހުރި ތާރީޚީ ލިޔުންތަކުންނެވެ. އަދި ރަދުންގެ ލަގަބުފުޅުތަކުގައި އެ ރަށްތަކަށް ދެވިފައިވާ ބިމުގެ އަހައްމިއްޔަތު، އެ ދުވަސްވަރުގެ ސިޔާސީ މާހައުލުގެ ތެރެއިން ދިރާސާ ކުރަންޖެހެއެވެ. މީގެ އިތުރުން ރާއްޖޭގެ އެހެން ރެކޯޑުތަކުންވެސް ސަރަހައްދީ ބާރުވެރިކަމުގެ ހެކި ލިބިދާނެއެވެ. ކުރީގެ ވިލާތުގެ ޗާޓުތަކާއި ޖިއޮގްރަފީ ބަޔާންތަކަކީވެސް އެ ޖަޒީރާތައް ދެނެގަތުމަށާއި، އެ ރަށްތަކާމެދު އޭރު ދެކެމުން އައި ގޮތް ދެނެގަތުމަށް އެހީތެރިވެދޭނެ އެއްޗެހީގެ ގޮތުގައި ބެލެވިދާނެއެވެ.
މި ދިރާސާގައި ތާރީޚީ ގުޅުމާއި ބިމުގެ މިލްކުވެރިކަމުގެ ހައްގު (territorial title) ވަކި ކުރަން ޖެހޭނެއެވެ. ހަމައެކަނި ޖިއޮގްރަފީގެ މައުލޫމާތު ހުރުމަކީ އިސްތިގުލާލު ސާބިތުވާ ކަމެއް ނޫނެވެ. އަދި ތަނަކަށް ކިޔާ ނަމަކުން އެކަނިވެސް މިލްކުވެރިކަމެއް ނުއުފެދޭނެއެވެ. ރަސްމީ ލަގަބުފުޅުތަކަކީ ހެކީގެ ގޮތުން މުހިންމު އެއްޗަކަށް ވިޔަސް، އޭގެ މާނަ ކަށަވަރުކުރަންޖެހޭނީ އެ ދުވަސްވަރުގެ އެހެނިހެން ރެކޯޑުތަކާ އަޅާކިޔައިގެންނެވެ. އެންމެ ވަރުގަދަ ދިރާސާއަކީ އިސްތިގުލާލީ ބާރުވެރިކަމާ ގުޅޭ ދިރާސާއެވެ. ފޮއްޅަވައިގެ ރަށްތަކަކީ ރާއްޖޭގެ ސަރަހައްދެއް ކަމަށް ދިވެހި ރަސްކަލުން ދެކެވަޑައިގެންނެވި ކަމުގެ ހެކި ފެނުމަކީ ނުހަނު މުހިންމު ކަމަކަށް ވާނެއެވެ. ސަރުކާރުގެ ހައިސިއްޔަތުން ކުރައްވާފައިވާ ކަންކަމާއި ބާރު ހިންގާފައިވާކަމުގެ ހެކިތަކުން އެ މަގާމު އިތުރަށް ވަރުގަދަވާނެއެވެ.
ވިލާތުގެ އިސްތިއުމާރުގެ ކުރިން ރާއްޖެއަށް މިލްކުވެރިކަން އޮތްކަން ސާބިތުކުރެވިއްޖެނަމަ، އެއަށްފަހު އެ މިލްކުވެރިކަމަށް ވީގޮތުގެ ތާރީޚު ވަރަށް މުހިންމުވާނެއެވެ. ޕޯޗުގީޒުންނާއި، ޑަޗުންނާއި، ފަރަންސޭސިން އަދި އިނގިރޭސިންގެ ރެކޯޑުތަކުން، އޭރު އޮތް އިސްތިގުލާލާ މެދު ވިލާތުގެ ބާރުތަކުން ދެކިފައިވާ ގޮތުގެ ހެކި ހޯދަންޖެހެއެވެ. ވަކިން ހާއްސަކޮށް، ވިލާތުގެ ގައުމުތަކުން އެންމެ ފުރަތަމަ އެ ރަށްތަކުގެ މައްޗަށް ބާރު ހޯދި ގޮތް ބަލަންޖެހެއެވެ. ފަރަންސޭސިވިލާތުން އެ ރަށްތަކުގެ މިލްކުވެރިކަމަށް ދައުވާކުރި ގާނޫނީ އަސާސަކީ ކޮބައިކަން ދެނެގަންނަން ޖެހެއެވެ. އޭގެ ފަހުން ފަރަންސޭސިންގެ އަތުން އިނގިރޭސިން އެ ރަށްތައް ހޯދި ގޮތް އެ ސިލްސިލާގެ ތެރެއިން ބަލަންޖެހެއެވެ.
ފަރަންސޭސިންގެ އަތުން އިނގިރޭސިންނަށް ރަށްތައް ބަދަލުވުމަކީ ވިލާތުގެ އެ ދެ ބާރުގެ ދެމެދުގައި ހިނގި ކަމެއްގެ ގޮތުގައި ބެލެވިދާނެއެވެ. ނަމަވެސް، އެއީ އޭގެ ކުރިން އޮތް މިލްކުވެރި ފަރާތެއްގެ މައްޗަށް ފަރަންސޭސިންނަށް މިލްކުވެރިކަމެއް ލިބުނު ގޮތް ސާފުކޮށްދޭ ކަމެއް ނޫނެވެ. ކުރިން އޮތް މިލްކުވެރިކަމެއް ދޫކޮށްލުމަކުން (cession) ނުވަތަ އޭރު އޮތް ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ހަނގުރާމަކޮށްގެން ހޯދާ ހޯދުމަކުން (conquest) ވެސް ބަދަލުވެދާނެއެވެ. ނުވަތަ މިލްކުވެރިކަން ދޫކޮށްލުމަކީ (abandonment) ވެސް އެކަމަށް އޮތް އެހެން ސަބަބަކަށް ވެދާނެއެވެ. ނުވަތަ ވިލާތުގެ މީހުން އެ ރަށްތަކަށް ދިޔައީ އެއީ އެއްވެސް ފަރާތެއްގެ މިލްކެއް ނޫން ކަމަށް ބަލައިގެން ކަމަށްވެސް ވެދާނެއެވެ. މިކަންކަން ކަނޑައަޅަންޖެހޭނީ ހެކިތަކުގެ މައްޗަށް ބިނާކޮށް ލިޔެކިޔުންތަކުންނެވެ.
އިނގިރޭސިވިލާތާ ކުރެވޭ ސުވާލު ގުޅެނީ މާ ކުރީގެ ކަމަކާ
'ޕެން ފޯ ރައިޓްސް' އިން މިވަގުތު އދ. ގައި ރާއްޖޭގެ އިސްތިގުލާލީ ދައުވާއަކަށް ގޮތެއް ނިންމައިދިނުމަކަށް ނޭދެއެވެ. އެންމެ ފުރަތަމަ އިނގިރޭސިވިލާތާ ކުރެވޭ ސުވާލަކީ، ފޮއްޅަވައިގެ މައްސަލައަކީ ހަމައެކަނި އެ ގައުމާއި މޮރިޝަސްއާ ދެމެދު އޮތް ކަމެއްގެ ގޮތުގައި ބަލާ ތާރީޚީ އަދި ގާނޫނީ އަސާސަކީ ކޮބައިތޯއެވެ. އެފް.ސީ.ޑީ.އޯ އިން ވަނީ އެ ހުއްޖަތަށް ތާއީދު ހޯދުމަށް "ކޯޓުތަކާއި، ނިންމުންތަކާއި، މުއައްސަސާތަކުގެ" ވާހަކަ ދައްކާފައެވެ. އެހެންކަމުން، ދެން ދޭ ޖަވާބެއްގައި އެ ބުނާ ފަރާތްތަކަކީ ކޮބައިކަން ސާފުކޮށް ބުނެދޭން ޖެހޭނެއެވެ. އަދި އޭގެ ތެރެއިން އެއްވެސް ފަރާތަކުން ރާއްޖޭގެ މިލްކުވެރިކަމުގެ ދައުވާއަކާ މެދު ގޮތެއް ނިންމާފައިވޭތޯ ބުނެދޭން ޖެހޭނެއެވެ. ހަމައެހެންމެ، ރާއްޖެއަށް ކުރިން އޮތް މިލްކުވެރިކަމެއްގެ މައްސަލަ ތަހުގީގު ކުރުމަށް ހުރަސްއަޅާ އެއްވެސް ނިންމުމެއް އޮތްނަމަ އެކަންވެސް ބުނެދޭން ޖެހޭނެއެވެ.
މީގެ އިތުރުން އިނގިރޭސިވިލާތަށް އޮތް އިތުރު ތާރީޚީ ސުވާލެއް އެބައޮތެވެ. ވިލާތުގެ އިސްތިއުމާރީ ދުވަސްވަރާ ހަމައަށް ރާއްޖޭގެ މިލްކުވެރިކަމެއް ދެމިއޮތް ކަމަށް އެ ގައުމުން ގަބޫލުނުކުރާނަމަ، އެ މިލްކުވެރިކަން ނެތިގެންދިޔައީ ކޮން އިރަކުތޯ ބުނެދޭން ޖެހޭނެއެވެ. އަދި އެކަން ހިނގި ގާނޫނީ މަރުހަލާވެސް ބުނެދޭން ޖެހޭނެއެވެ. މައިގަނޑު ސުވާލަކީ ސީދާ މި ދަންނަވާ ސުވާލެވެ. ވިލާތުގެ އިސްތިއުމާރީ ނުފޫޒުގެ ކުރިން ފޮއްޅަވައިގެ ރަށްތަކަކީ ރާއްޖޭގެ ސަރަހައްދެއް ކަމަށްވާނަމަ، ދިވެހިރާއްޖޭގެ އެ މިލްކުވެރިކަން ނެތިގެންދިޔައީ ކޮން އިރަކު، ކޮން ގާނޫނީ މަރުހަލާއެއްގެ ތެރެއިންތޯއެވެ؟ މި ސުވާލަކީ މިހާރު ތައްޔާރު ކުރަމުންދާ ތާރީޚީ މައްސަލައިގެ މައިގަނޑު އަސާސް ކަމަށް ވީނަމަވެސް، އެފް.ސީ.ޑީ.އޯ ގެ ޖަވާބުގައި މިކަމަށް އަލިއަޅުވާލާފައެއް ނުވެއެވެ.
އެހެންކަމުން، 'ޕެން ފޯ ރައިޓްސް' އިން ވަނީ، އެފް.ސީ.ޑީ.އޯ އިން ދީފައިވާ ޖަވާބުގެ ރައްދުގައި، ރާއްޖޭގެ ތާރީޚީ މިލްކުވެރިކަމާ މެދު އެ ގައުމުން ގެންގުޅޭ ގާނޫނީ އަސާސް ސާފުކުރުމަށް، އެ އޮފީހަށް ރިޖޮއިންޑާއެއް "(ޕެން ފޯ ރައިޓްސްގެ ރައްދު ޖަވާބު މި ލިންކުން ބެއްލެވޭނެ)" ތައްޔާރުކޮށް ފޮނުވާފައެވެ.
ކުރިމަގުގައި އދ. އަށް ހުށަހެޅޭ ރާއްޖޭގެ މައްސަލަ ތަފާތުވާނެ
ފޮއްޅަވައިގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް، ދިވެހިރާއްޖެ އިން ވަކި އަމިއްލަ ދައުވާއެއް ބިނާކޮށް، އެފަދަ މައްސަލައެއް އދ. ގެ އިސްތިއުމާރު ނައްތާލުމުގެ އެއްވެސް މަރުހަލާއަކަށް މިހާތަނަށް އަދި ވައްދާފައެއް ނުވެއެވެ. އެހެންކަމުން، ކުރިމަގުގައި އ.ދ. ގެ އާންމު މަޖިލީހަށް ހުށަހަޅާ ކޮންމެ މައްސަލައަކަށް ވެސް ބޭނުންވާނީ އަމިއްލަ ތާރީޚީ ހެކިތަކާއި ގާނޫނީ އަސާސެކެވެ. މޮރިޝަސްގެ މައްސަލަ ފެށުނީ 1965 ގައި އިނގިރޭސިވިލާތުން ފޮއްޅަވައި މޮރިޝަސްއާ އިދާރިގޮތުން ވަކިކޮށް އަމިއްލަ ކުރުމާ ހިސާބުންނެވެ. ނަމަވެސް ރާއްޖޭގެ މައްސަލަ ފެށޭނީ އެއަށްވުރެ މާ ކުރިންނެވެ. އެއީ ފޮއްޅަވައިގެ ރަށްތަކަކީ ކުރިން ރާއްޖޭގެ ސަރަހައްދެއްގެ ގޮތުގައި އޮތް ތަނެއްތޯއާއި، ވިލާތުގެ އިސްތިއުމާރީ ނުފޫޒުގެ ސަބަބުން އެ ގުޅުމަށް ބަދަލެއް އައިތޯ ބެލުމުގެ މައްޗަށެވެ.
އިސްތިއުމާރު ނައްތާލުމުގެ އުސޫލުތަކުގެ ދަށުން މި ތަފާތަކީ ވަރަށް މުހިންމު ކަމަކަށް ވެދާނެއެވެ. މޮރިޝަސްގެ މައްސަލައިގައި ICJ އިން ވަނީ (އިދާރީ) ސަރަހައްދީ ފުރިހަމަކަމަށް (territorial integrity) ވަރަށް ބޮޑު އަހައްމިއްޔަތެއް ދީފައެވެ. ރާއްޖޭގެ ތާރީޚީ މިލްކުވެރިކަމެއް އޮތްކަން ހެކިތަކުން ސާބިތުވާނަމަ، ތާރީޚީ ދިރާސާ ފަށަންޖެހޭނީ ސަރަހައްދުގެ ކިހާ ހިސާބަކުންތޯ އާމެދު މުހިއްމު ސުވާލެއް އުފެދޭނެއެވެ. މިފަދަ ބަހުސަކަށް ބޭނުންވަނީ ވިލާތުގެ ނުފޫޒުގެ ކުރިން ރާއްޖޭގެ މިލްކުވެރިކަން އޮތްކަމުގެ ގަބޫލުކުރެވޭ ފަދަ ހެކިތަކެވެ. އަދި އޭގެ ފަހުން އެ މިލްކުވެރިކަމަށް ވީގޮތް އަލުން ބިނާކޮށްދޭން ޖެހޭނެއެވެ. ރާއްޖޭގެ ދައުވާއެއްގެ މައްޗަށް ބިނާކޮށް މިފަދަ ހެކިތަކެއް ބަލައިދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައުގައި އެއްވެސް ދިވެހި ސަރުކާރަކުން މިހާތަނަށް އެދިފައެއް ނުވެއެވެ.
އެހެންކަމުން، ކުރިމަގުގައި ދިވެހިރާއްޖެއިން، އ.ދ. ގެ އާންމު މަޖިލީހަށް ހުށަހެޅޭނެ މައްސަލަ ބިނާވެފައި އޮންނާނީ އަމިއްލަ ހަގީގަތްތަކާއި ގާނޫނީ ވަރުގަދަ އަސާސެއްގެ މަތީގައެވެ. އެ ހިސާބުން ދިވެހިރައްޖެއިން މޮރިޝަސްގެ އިސްތިއުމާރު ނިންމުމުގެ ސުވާލަށް ICJ އިން ދިން ޖަވާބާއި މެދު ރާއްޖެއިން ބަހުސްކުރާކަށް ނުޖެހޭނެއެވެ. ރާއްޖޭގެ މައްސަލައިގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ކިބައިން އެދޭނީ މާ ކުރީގެ ދުވަސްވަރަކާއި ތަފާތު ސަރަހައްދީ ގުޅުމެއް ދިރާސާ ކޮށްދިނުމަށެވެ. މީގެ ނަތީޖާ ކުރިއަށް އޮތްތަނުގައި ލަފާކުރަން ނޭނގުނު ނަމަވެސް، މީގެ މައުޟޫއަކީ 2019 ވަނަ އަހަރު ކޯޓަށް ހުށަހެޅުނު ސުވާލާ މުޅިން ތަފާތު ކަމެކެވެ.
ސާޑު (CERD) ގެ އުސޫލުތަކަށް އިނގިރޭސިވިލާތުން އިއުތިރާޒުކުރުން
ސާޑު ގެ ނިންމުމާ ގުޅިގެން އެފް.ސީ.ޑީ.އޯ އިން ދިން ޖަވާބަކީ އަމިއްލަޒާތުގައި މުހިންމު ކަމެކެވެ. އެ ސިޓީގައި 2 ޑިސެމްބަރު 2025 ގެ ސާޑް ކޮމިޓީގެ ނިންމުން ބަލައިގަންނަ ކަމަށް ބުނަމުން، އިނގިރޭސިވިލާތުން ބުނެފައިވަނީ "ސާޑު އިން ގެންގުޅުނު އުސޫލުތަކާ އެއްބަސްނުވާ" ކަމަށެވެ. އަދި ފޮއްޅަވައިގާ ދާއިމީ އާބާދީއެއް ނެތް ކަމަށާއި، އެއީ ދުވަހަކުވެސް އަމިއްލަ ވެރިކަމެއް ހިންގި ތަނެއް ނޫން ކަމަށް އިނގިރޭސި ސަރުކާރުން ބުނެފައިވެއެވެ. އެހެންކަމުން "އެތަނުގެ އާބާދީއަށް އަމިއްލަ އިޚްތިޔާރު (self-determination) ގައި ގޮތް ނިންމުމުގެ ސުވާލެއް ނުއުފެދޭ" ކަމަށް ވެސް އިނގިރޭސި ސަރުކާރުން ޕެން ފޯ ރައިޓްސްއަށް ދިން ޖަވާބުގައި ބުނެފައިވެއެވެ.
ނަމަވެސް ހަމަ އެ ސިޓީގައި، 1960 އާއި 1970 ގެ އަހަރުތަކުގައި ޗާގޯސްގެ ރަށްވެހިން އެތަނުން ބޭރުކުރިކަން ގަބޫލު ކޮށްފައިވެއެވެ. އަދި އެކަން ކުރެވުނު ގޮތާ މެދު އިނގިރޭސިވިލާތުން ހިތާމަ ފާޅުކޮށްފައިވެއެވެ. ޗާގޯސިއަނުންގެ ހައްގުތަކާއި ރާއްޖޭގެ ސަރަހައްދީ މިލްކުވެރިކަމުގެ ސުވާލަކީ ގާނޫނީ ގޮތުން ތަފާތު ދެ ކަމަކަށް ވާތީ، އެ ދެކަންތައް ބަލަންޖެހޭނީ ވަކިވަކިންނެވެ. އެހެންނަމަވެސް، އާބާދީއާ ގުޅޭގޮތުން އިނގިރޭސިވިލާތުން ދައްކާ ހުއްޖަތަކީ ކަންބޮޑުވުމެއް އޮތް ކަމެކެވެ. ފޮއްޅަވައިގެ މިހާރުގެ އާބާދީގެ ހާލަތަކީ އިނގިރޭސިވިލާތުން އަމިއްލައަށް ގަބޫލުކުރާ ފަދައިން، މީހުން އެތަނުން ބޭރުކުރުމުގެ ނަތީޖާއެވެ. އެހެންކަމުން، ދާއިމީ އާބާދީއެއް ނެތް ކަމަށް ބުނާއިރު، އެ ހާލަތު މެދުވެރިވި ސަބަބުތަކަށް ވެސް ރިއާޔަތް ކުރަން ޖެހޭނެއެވެ.
ސާޑު އިން ވަނީ ޗާގޯސިއަނުންގެ ބައިވެރިވުމާއި، އެނބުރި ދިއުމާއި، އަމިއްލަ އިޚްތިޔާރުގެ ހައްގަށް އަހައްމިއްޔަތުކަން ދީފައެވެ. އިނގިރޭސިވިލާތުން މިހާރު ވަނީ އެ ކޮމިޓީގެ އުސޫލުތަކާ އިއުތިރާޒު ކުރާކަން ރަސްމީކޮށް މި ސިޓިގައި ލިޔުމުން ބުނެފައެވެ. އެ އިއުތިރާޒުގެ ގާނޫނީ އަސާސަކީ އިނގިރޭސިވިލާތާއި ސާޑު އާއެކު ކުރިއަށްދާ މަޝްވަރާތަކުގެ ތެރެއިން ބަލަންޖެހޭނެ ކަމެކެވެ. އެފް.ސީ.ޑީ.އޯ ގެ ޖަވާބުގެ މި ބަޔަކީ ވަރަށް މުހިންމު ބައެކެވެ. ސަބަބަކީ މިއީ ހަމައެކަނި އިސްތިގުލާލީ ސުވާލުން ބޭރުވެ، ބޭރުކޮށްލެވުނު މުޖުތަމައުގެ ހައްގުތަކާ މެދު އުފެދިފައިވާ ދެބަސްވުމަކަށް ވާތީއެވެ.
އެފް.ސީ.ޑީ.އޯ ގެ ޖަވާބަށްފަހު ދެން އޮތީ ކޮން ކަމެއް؟
އެފް.ސީ.ޑީ.އޯ ގެ މި ސިޓީއަކީ ލިބުނު ކުރިއެރުމެކެވެ. ސަބަބަކީ އިނގިރޭސިވިލާތުން މިހާރު ވަނީ 'ޕެން ފޯ ރައިޓްސް' އަށް ރަސްމީކޮށް ޖަވާބުދީފައެވެ. އިސްތިގުލާލާ މެދު އެ ގައުމުން ގެންގުޅޭ މަގާމާއި، ސާޑު ގެ އުސޫލުތަކަށް އިއުތިރާޒު ކުރާކަން މިހާރު މިއޮތީ ރަސްމީ ރެކޯޑުތަކުގައެވެ. މި ބަޔާންތަކަކީ ގާނޫނީ އަދި ހާރިޖީ މަރުހަލާގެ ދެން އޮތް ފިޔަވަޅަށް ބޭނުންވާނެ ސާފު މައުޟޫއުތަކެކެވެ. ރާއްޖޭގެ ފަރާތުން މިވަގުތު ކުރަން އޮތް މަސައްކަތަކީ ތާރީޚީ މައްސަލަ ވަރުގަދަކުރުމެވެ. "ޕުޅޮބައި" ގެ ހަގީގަތާއި އޭގެ އަހައްމިއްޔަތު ކަށަވަރު ކުރަންޖެހެއެވެ. ސުލްޠާން ޙަސަން ނުވަވަނަ ގެ ލަގަބުފުޅުތަކާއި، ރާއްޖެއާއި ވިލާތުގެ އެހެނިހެން ރެކޯޑުތައް ދިރާސާ ކުރަން ޖެހެއެވެ. ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުގެ ދައުވާތައް އުފެދުނު ގޮތުގެ މައްޗަށް ހޯދުންތައް އަލުން ބިނާކުރަން ޖެހެއެވެ. މީގެ ބޭނުމަކީ ތާރީޚީ އަދި ގާނޫނީ ގޮތުން ކަށަވަރު ކުރެވޭ ފަދަ ސަރަހައްދީ މިލްކުވެރިކަމުގެ ސިލްސިލާއެއް ލިޔެކިޔުންތަކުން ދެއްކުމެވެ.
އޭގެ ފަހުން، އެ ހެކިތަކަށް ސީދާ ޖަވާބުދިނުމަށް އިނގިރޭސިވިލާތަށް މަޖުބޫރު ވާނެއެވެ. ފޮއްޅަވައިގެ އިސްތިގުލާލަކީ ހަމައެކަނި އިނގިރޭސިވިލާތާއި މޮރިޝަސްއާ ގުޅޭ ކަމެއް ކަމަށް އެ ގައުމުން ދަމަހައްޓާނަމަ، ރާއްޖޭގެ ތާރީޚީ މިލްކުވެރިކަމެއްގެ މައްސަލަ ބެލުމަށް ހުރަސްއަޅާ ގާނޫނީ ބާރަކީ ކޮބައިކަން ބުނެދޭން ޖެހޭނެއެވެ. އެފަދަ މިލްކުވެރިކަމެއް ކުރިން އޮތް ނަމަވެސް ފަހުން ނެތިގޮސްފައިވާ ކަމަށް ބުނާނަމަ، އެކަންވީ ކޮން އިރަކު، ކިހިނެއްކަން ބުނެދޭން ޖެހޭނެއެވެ. މޮރިޝަސް އިން ވަނީ އެ ގައުމު އިސްތިއުމާރުން މިންޖުވުމުގެ ސުވާލު އ.ދ. ގެ އާންމު މަޖިލީހަށް ހުށަހަޅައިގެން ބައިނަލްއަގުވާމީ މުހިންމު ނަތީޖާއެއް ހޯދާފައެވެ. ނަމަވެސް ރާއްޖެއިން ފޮއްޅަވައިގެ ތާރީޚީ އިސްތިގުލާލާއި އިސްތިއުމާރުން މިނިވަންވުމުގެ ސުވާލެއް އެ މަޖިލީހަށް ހުށަހަޅާފައެއް ނުވެއެވެ. އެހެންކަމުން، ކުރިމަގުގައި ރާއްޖޭގެ ފަރާތުން ހުށަހަޅާ މައްސަލައެއް ފެށޭނީ މާ ކުރީގެ ތާރީޚީ ދުވަސްވަރަކުންނެވެ. އަދި އެއީ 2019 ގައި ICJ އަށް ހުށަހެޅިފައި ނުވާ ހެކިތަކެއް ބަލައިދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާނެ ކަމެކެވެ.
އިނގިރޭސިވިލާތުގެ ޖަވާބުން އެ ގައުމުން ދަމަހައްޓަން ބޭނުންވާ މަގާމު މިހާރު ވަނީ ސާފުވެފައެވެ. ދެން އޮތް މަރުހަލާއަކީ އެ މަގާމުގެ ތާރީޚީ އަދި ގާނޫނީ އަސާސްތައް ދިރާސާކުރުމެވެ. ވަކިން ހާއްސަކޮށް، ރާއްޖެއަށް ކުރިން އޮތް މިލްކުވެރިކަމެއް ނެތިގޮސްފައިވާ ކަމަށް ބުނާ ބުނުމުގެ މައްޗަށް މިހާތަނަށް ލިބިފައި ނުވާ ޖަވާބު ހޯދުމެވެ. މިހާރު ހުރި ބައިނަލްއަގުވާމީ ނިންމުންތަކުން މޮރިޝަސް އިސްތިއުމާރުން މިނިވަންވުމާ ގުޅޭ މުހިންމު ޖަވާބުތަކެއް ލިބުނު ކަމުގައި ވިޔަސް، ބައިނަލްއަގުވާމީ ގޮތުން ގޮތެއް ނިންމުމަށް މިހާތަނަށް ހުށަހަޅާފައި ނުވާ ރާއްޖޭގެ ތާރީޚީ ދައުވާ ތަހުގީގު ކުރުމުގެ ބޭނުންތެރިކަން އެ ނިންމުންތަކުގެ ސަބަބުން ނެތިގެނެއް ނުދެއެވެ. (ނިމުނީ)