October 26, 2025

ދުސްތޫރީ ބޮޑު އޮޅުވާލުން - 1982 ގައި މޮރިޝަސްގެ ސަރަޙައްދުގައި ފޯޅަވަހި ހިމެނުން

އައުޓް ރީޗް ކޯޑިނޭޝަން ޑެސްކް/ ފޯޅަވަހީގެ ޙައްޤުގައި ދިވެހިން:

މިނިވަން މުސްތަޤިއްލު ޖުމްހޫރިއްޔާއެއްގެ ގޮތުގައި މޮރިޝަސް އުފަން ވެއްޖެއެވެ. "މޮރިޝަސް އިންޑިޕެންޑެންސް އޯޑަރ 1968" ގެ ދަށުންނެވެ. އުފަންވީ 21 އިދާރީ ސަރަޙައްދާއި އެކުއެވެ. މޮރިޝަސް ޖަޒީރާގައި 20 ސަރަޙައްދެވެ. ރޮޑްރިގުއޭޒް ޖަޒީރާގައި އެއް ސަރަޙައްދެވެ. ފާޅުކަން ބޮޑު ގޮތެއްގައި، 2100 ކިލޯމިޓަރު އިރު އުތުރުގައި އޮތް ފޯޅަވަހި (ޗާގޯސް އާކިޕެލާގޯ) މީގެ ތެރޭގައި ނުހިމެނެއެވެ. އޭގެ 3 އަހަރު ކުރިން އިނގިރޭސިންގެ އޯޑަރ އިން ކައުންސިލް އަކުން ބަޔޯޓް (BIOT) ވަނީ އުފައްދާފައެވެ. ވީމާ މޮރިޝަސް އުފަންވި އިރު ފޯޅަވައްސަކީ މޮރިޝަސްގެ ބައެއް ނޫނެވެ. އިދާރީ ސަރަޙައްދުގެ ތެރޭގައިވެސް ނުހިމެނެއެވެ. ވޯޓު ލެވޭ ދާއިރާތަކުގެ ތެރޭގައިވެސް ނުހިމެނެއެވެ. ފޯޅަވަހީގެ މީހުން މޮރިޝަސްގެ އިންތިޚާބު ތަކުގައި ވޯޓުލާފައެއްވެސް ނެތެވެ. އަދި މޮރިޝަސްގެ ވޯޓު ޙައްޤުވާ މީހުންގެ ލިސްޓެއްގައިވެސް އެއިން މީހަކު ހިމެނިފައެއް ނުވެއެވެ. އެއީ އެއް ކަންތަކެވެ.

ދެވަނަ ކަމަކީ، ހިލަމެއްވެސް ނުވެ ކޮށްފައިވާ ކަމެކެވެ. އެއީ 1982މ ވަނަ އަހަރުގައެވެ. ދުނިޔޭގެ ޤައުމުތަކުގެ މަންދޫބުން ދިޔައީ މޮންޓެގޯ ބޭ އަށް ޖަމާ ވަމުންނެވެ. ސިލްސިލާ ކޮންފަރެންސް ތަކަކަށް ފަހު، އެކުލަވާލި ބައިނަލް އަޤުވާމީ ކަނޑުގެ ޤާނޫނުގެ މުޢާހިދާ (UNCLOS) ގައި ސޮއި ކުރުމަށެވެ. މިދަނޑިވަޅު ބަލާފައި ސިއްރު ސިއްރުން، މޮރިޝަސްގެ "މާނަކުރުމާއި ޢާއްމު މާއްދާ ތަކުގެ ޤާނޫނު 1982" އަށް އިސްލާޙެއް ގެނައެވެ. ގެނައި އިސްލާޙަކީ، މޮރިޝަސްގެ ދައުލަތުގެ ތެރޭގައި ޗާގޯސް އާކިޕެލާގޯއާއި ޑިއެގޯ ގާސިޔާ ހިމެނޭ ކަމުގައެވެ. މޮރިޝަސް މިނިވަންވިތާ 14 އަހަރު ފަހުންނެވެ. އެނބުރި މާޒީއަށް ގޮސް ޤާނޫނު އަސާސީއިން ދައުލަތުގެ ސަރަޙައްދު އަމިއްލައަށް ބޮޑުކޮށްލީއެވެ. 1994 ގައި މޮރިޝަސްއިން ބައިނަލް އަޤްވާމީ ކަނޑުގެ ޤާނޫނު ރެޓިފައިކޮށް، މޮރިޝަސްގެ "މެރިޓައިމް ޒޯންސް އެކްޓް 2005" ފާސް ކުރުމާއި ހިސާބުން، މޮރިޝަސްއިން ދުނިޔެއަށް އޮޅުވާލި ދެވަނަ ބޮޑު އޮޅުވާލުމުގެ މަތި ޖަހާ ނިމުނީއެވެ.

މިލިޔުމުގައި އެއްކަމަކަށް ބަލައިލާނީ، ފޯޅަވަހީގައި ތިބީ މޮރިޝަސްގެ ރައްޔިތުން ކަމުގައި ބުނެ، މޮރިޝަސްއިން ދުނިޔެއަށް އޮޅުވާލި ބޮޑު އޮޅުވާލުމާއި މެދުއެވެ. އަނެއްކަމަކަށް، މޮރިޝަސްގެ ޤާނޫނު އަސާސީގައި، ހިމެނިފައި ނުވާ ސަރަޙައްދެއްގެ ކަނޑުތައް ޖަހައިގަތުމުގެ ބޭނުމުގައި ރަޖްޢީގޮތުން (retroactively) އެޤައުމުގެ ޤާނޫނު އަސާސީ ބަދަލުކުރި ގޮތާމެދުއެވެ. އިނގިރޭސިން ވަކިކުރި ސަރަޙައްދެއްގެ މައްސަލައިގެ މައްޗަށް، މޮރިޝަސްގެ ދުސްތޫރު މެދުވެރިކޮށް ދުނިޔެއަށް ބޮޑު އޮޅުވާލުމެއް އޮޅުވާލި ގޮތާއި މެދުއެވެ. ވަކިން ޚާއްޞަކޮށް އދ. އާއި، އައިސީޖޭ، އަދި އިޓްލޮސް އިން މިބޮޑު ދެ އޮޅުވާލުން "ޝަރުޢީ"ގޮތުން ދެބަތޭރެގައި ތިބެ ބަލައިގަނެވި، މުޅި އދ ގެ ނިޒާމުގެ ތެރޭގައި އުފެދިފައިވާ އިޖްރާޢީ އުނިކަމުގެ މައްޗަށެވެ.

ފުރަތަމަ އޮޅުވާލުން: ފޯޅަވަހީގައި ތިބީ އެއް އިރެއްގައިވެސް މޮރިޝަސްގެ ރައްޔިތުންނެއް ނޫން
ފޯޅަވަހީގައި ތިބީ ތިމަންމެންގެ ރައްޔިތުން ކަމުގައި ބުނުމަކީ، މިމައްސަލައިގައި މޮރިޝަސްއިން ހަދަމުންދާ އެންމެ ގިނަދުވަސްވީ ދޮގެވެ. މިމައްސަލައިގެ އެންމެ ފުރަތަމަ އޮޅުވާލުމެވެ. ޗާގޯސްގައި ދިރި އުޅުނު މީހުންނަކީ، ޤަނޫނީ ގޮތުންވެސް، އަދި މަދަނީ ގޮތުންވެސް މޮރިޝަސްއާއި އެއް އިރެއްގަވެސް ގުޅުމެއް އޮތް ބައެއް ނޫނެވެ. އެކަން ސާފުކޮށް އެގެނީ، ބަޔޯޓްގެ ރިކޯޑް ތަކުންނެވެ. ސާފުކޮށް އެގޭގޮތުން ބަޔޯޓު އުފެއްދި ފަހުންވެސް ފޯޅަވައްސާއި، ކައިރީގަ ހުރި އެހެން ރަށްރަށުގައި އުފަންވާ މީހުންނާއި، މަރުވާ މީހުން، އަދި ވަޒީފާގެ ދަފްތަރު ބަލަހައްޓަމުން އައީ އިނގިރޭސި ދައުލަތުންނެވެ. އިނގިރޭސި ވިލާތުގެ ފޮރިން ކޮމަންވެލްތް އެންޑް ޑިވެލޮޕްމަންޓް އޮފީހުން، 2024 ގައި ހިންގި ބަޔޯޓްގެ ރިކޯޑްތައް ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫޢުގައި، އެ އޮފީހުން ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ. އެ އޮފީހުން ބުނާ ގޮތުގައި، 1878މ އިން ފެށިގެން 1971މ އާއި ދެމެދުގެ ހުރިހާ ވިހާ މަރުވާ މީހުންގެ ރިކޯޑްތަކެއް ވަނީ ރައްކާ ކުރެވިފައެވެ. އަދި އެހުރިހާ ލިޔުމެއް އެއީ އިނގިރޭސި ދައުލަތުގެ ލިޔުމެވެ.

މިހުރިހާ ކަމެއްގެ އިތުރަށް މޮރިޝަސް އުފެދުނު އިރު މޮރިޝަސްގެ ޤާނޫނު އަސާސީގައި ކަނޑައަޅާފައި އޮތީ އެޤައުމުގައި ވަނީ 21 އިދާރީ ސަރަޙައްދު ކަމުގައެވެ. އެއީ މޮރިޝަސް ޖަޒީރާގައި ހިމެނޭ 20 ސަރަޙައްދާއި، ރޮޑްރިގުއޭޒް ޖަޒީރާގައި ހިމެނޭ އެންމެ ސަރަޙައްދެކެވެ. 2100 ކިލޯމީޓަރު އިރުއުތުރުގައި އޮތް ޗާގޯސް އެޤައުމުގެ އިދާރީ ސަރަޙައްދެއްގެ ގޮތުގައި ހިމަނާފައެއް ނުވެއެވެ. ޗާގޯސްގައި ދިރި އުޅުނު ހަމަ އެންމެ މީހަކުވެސް މޮރިޝަސްގެ ވޯޓުލުން ޙައްޤުވާ މީހުންގެ ލިސްޓެއްގައިވެސް ހިމަނާފައެއް ނުވެއެވެ.

މިހާ ފާޅުކަން ބޮޑު ގޮތެއްގައި މިކަން ސާބިތު ކުރެވެން އޮތް އިރުވެސް، އައިސީޖޭ (2019) އާއި، އދ. ޖެނެރަލް އެސެމްބްލީގެ ޤަރާރު ނަމްބަރު 73/295 (2019) އާއި، އިޓްލޮސް (2021) - ދިވެހިރާއްޖެ އާއި މޮރިޝަސްއާއި ދެމެދުގެ ކަނޑު ބެހުމުގެ މައްސަލައިގައިވެސް، ވަނީ އެއް ކުށެއް ތަކުރާރު ކޮށްފައެވެ. ޤާނޫނީ ގޮތުން ލިޔެކިޔުންތައް ވެރިފައި، ނުވަތަ ބަލާ ފާސް ކުރުމަކާއި ނުލާ، ކުރެވިފައި އޮތް ލަފައެއްގެ މައްޗަށް ބުރަވެތިބެ ގޮތް ނިންމާފައިވުމެވެ. މިއިން އެއްވެސް ތާކުން، 1968 ގައި މޮރިޝަސް މިނިވަން ވީއިރު، އެޤައުމުގެ ސަރަޙައްދު ކަނޑައަޅާފައި އޮތްތޯ ބަލާ ޗެކްކޮށްފައި ނެތެވެ. ޤާނޫނު އަސާސީގައި އެޤައުމުގެ އިދާރީ ދާއިރާތައް ބަޔާން ކުރެވިފަ އޮތްކަން އެނގިފައެއް ނެތެވެ. އެހެންވީމާ، އދ ގެ ތެރެއިން، ބައިނަލް އަޤްވާމީ ޝަރުޢީ ނިޒާމުގެ ތެރެއިން ދިވެހިރާއްޖޭގެ ސަރަޙައްދުގެ ބައެއް މޮރިޝަސްއަށް ދޭން ނިންމާފައި އެވަނީ، އިސްތިޢުމާރީ ދޮގެއްގެ މަތީގައެވެ. އަނެއް ކޮޅުން މޮރިޝަސްއިން ގަސްތުގައި އޮޅުވާލާފައިވާ ބޮޑު އޮޅުވާލުމަކަށް ބިނާ ކޮށްފައެވެ. ވީމާ، އދ. ގެ ޖެނެރަލް އެސެމްބްލީގެ ނިންމުމާއި، އައިސީޖޭގެ އިސްތިޝާރީ ލަފަޔާއި، އިޓްލޮސްގެ ސަރަޙައްދު ބައިކުރުމުގެ ނިންމުން، ޤާނޫނީ ގޮތުން ޞައްޙަވާނެ އެއްވެސް ގޮތަކީ ކޮބައިތޯއެވެ.

ދެވަނަ ބޮޑު އޮޅުވާލުން: ކަނޑުގެ ބޭނުމުގައި ޤާނޫނުއަސާސީން ދައުލަތުގެ ސަރަޙައްދު ބޮޑުކުރުން
މޮރިޝަސް އިން ދުނިޔެއަށް ދެވަނަ ބޮޑު އޮޅުވާލުން އޮޅުވާލާފައިވަނީ، ދުރާލާ ރާވައިގެން މަކަރުވެރިކަމާއި އެކުގައެވެ. 1982 މ ގައި ޤައުމުތަކުން ދުނިޔޭގެ ކަނޑުގެ ޤާނޫނުގެ މުޢާހިދާ (UNCLOS) ގައި ސޮއި ކުރަމުން ދިޔަ ދަނޑިވަޅާއި ދިމާކޮށްފައެވެ. ދުނިޔޭގެ ކަނޑުގެ ޤާނޫނުގައި އޮތީ ކީކޭތޯ ބަލާފައި، ސިއްރު ސިއްރުން އެނބުރި ރަށަށް ގޮސް މޮރިޝަސްގެ "މާނަކުރުމާއި ޢާއްމު މާއްދާ ތަކުގެ ޤާނޫނު 1982" އަށް އިސްލާޙެއް ގެނައީއެވެ. މޮރިޝަސްގެ ސަރަޙައްދުގައި، ޗާގޯސްއާއި ޑިއެގޯ ގާސިއާ ހިމެނޭ ކަމަށް ލިޔެލީއެވެ. އެއީ އެޤައުމު މިނިވަންވިތާ ނުވަތަ އުފަންވިތާ 14 އަހަރު ފަހުން، ރަޖްޢީކޮށް ޤާނޫނުތަކަށް ބަދަލުގެނެސްގެން، އެހެން ޤައުމެއްގެ ސަރަޙައްދެއް ނާޖާއިޒު ގޮތުން ހޯދައިގަތުމަށް މޮރިޝަސް އިން ހިންގާފައިވާ ޢަމަލެކެވެ. އޭގެ 12 އަހަރު ފަހުން، 1994މ ގައި މޮރިޝަސް އިން، އދ. ގެ ކަނޑުގެ ޤާނޫނުތަކާއި ބެހޭ މުޢާހިދާ (UNCLOS) ގައި ސޮއިކޮށް، އެޤައުމުގެ ކަނޑުގެ ސަރަޙައްދު 2.3 މިލިއަން އަކަކިލޯ މީޓަރަށް ބޮޑުކުރުމުގެ ނުބައި ރޭވުމުގެ ކަޑަތައް ޖަހާލިއެވެ. އެޤައުމު އުފެދުނު އިރު ލިބިފައި ނުވާ އިޙްތިޞާސްއެއްގެ މަތީގައި ބޮޑު ދޮގެއް ހަދާ، އދ. ގެ ހުރިހާ ގުނަވަނަކަށް އޮޅުވާލައިގެންނެވެ. އެގޮތުން ޗާގޯސްގެ ކަނޑުތަކުގެ ކޯޑިނޭޓްސްތައް ހިމަނައިގެން، މޮރިޝަސްގެ ބޭސްލައިން ތަކާއި ކަނޑުގެ ސަރަޙައްދު ކުރަހާފަ އދ. ގެ ޑިވިޝަން ފޮރ އޯޝަން އެފެއާޒް އެންޑް ދަ ލޯ އޮފް ދަ ސީގައި، ޑިޕޮސިޓުކުރިއެވެ.

އޭގެ ފަހުން ދެން ކުރިކަމަކީ، 2005 ވަނަ އަހަރު އެ ޤައުމުގައި އިތުރު ޤާނޫނަކާއި، އޭގެ ދަށުން ޤަވާޢިދުތަކެއް ފާސްކުރުމެވެ. އެއީ އެޤައުމުގެ ކަނޑުގެ ސަރަޙައްދުތައް ބަޔާން ކުރާ ޤާނޫން " މެރިޓައިމް ޒޯން އެކްޓް 2005" އެވެ. މި ޤާނޫނުގައި ބަޔާން ކުރަނީ، މޮރިޝަސްގެ އީއީޒެޑް އާއި، ކޮންޓިނެންޓަލް ޝެލްފާއި، ކަނޑުއަޑީގެ މަޢުދަނީ ޙައްޤުތަކުގެ ވާހަކައެވެ. މި ޤާނޫނުގެ ދަށުން ފާސް ކުރެވުނު ޤަވާޢިދަކީ މޮރިޝަސްގެ މެރިޓައިމް ބައުންޑަރީ ފާހަގަ ކުރުމުގައި، ޖިއޮގްރަފިކް ކޯޑިނޭޓްސް ތަކާއި، ކަނޑުގެ ސަރަޙައްދުގެ އެންމެ ބޭރު ފަރާތުގެ އިން ކަނޑައަޅާނެ ގޮތް ބަޔާން ކުރާ ޤަވާއިދުތަކެވެ. މި ޤާނޫނާއި އޭގެ ދަށުން އުފެއްދި ޤަވާއިދުތައްވެސް މޮރިޝަސްއިން ވަނީ އދ. ގެ ޑިވިޝަން ފޮރ އޯޝަން އެފެއާޒް އެންޑް ދަ ލޯ އޮފް ދަ ސީގައި، ޑިޕޮސިޓުކޮށްފައެވެ.

ފަހަރަކު ފުޅަފެއް މަތިން ފުންމަމުން ފުންމަމުން ގޮސް ވާވަދެވުން
ފޯޅަވަހި ކަނޑުތައް ވަގަށް ނެގުމުގެ ބޭނުމުގައި، ހަޤީގަތް އޮޅުވާލައިގެން މޮރިޝަސްއިން މަސައްކަތް ކުރަމުން އައި ގޮތް އޮތީ ރީތިކޮށް ފެންނާށެވެ. ކިތާބީ ހެކިތަކާއި އެކު ފާޅުކަން ބޮޑުގަތެއްގައި އެނގި ހާމަވާށެވެ. އެހެންވީމާ މޮރިޝަސް ދަތުރުކޮށްފައި އޮތް ޣައިރު ޤާނޫނީ މަގުތައް ތިރީގައި ދަންނަވާލާނަމެވެ.
  1. މޮރިޝަސް މިނިވަން ވިއިރު، އެޤައުމުގެ ޤާނޫނު އަސާސީގައި ފޯޅަވަހި އެޤައުމުގެ ބައެއް ގޮތަށް ހިމަނާފަ ނުވެއެވެ.
  2. އެހެންކަމުން ފޯޅަވަހީގައި ތިބި މީހުންނަކީވެސް މޮރިޝަސްގެ ރައްޔިތުންނެއް ނޫނެވެ. މޮރިޝަސްގެ އެއްވެސް ދަފްތަރެއްގައި، ކުޑަ މިނުން ވޯޓު ލުން ޙައްޤުވާ މީހުންގެ ލިސްޓެއްގައިވެސް އެއިން މީހަކު ހިމެނިފައި ނުވެއެވެ.
  3. 1982މ ގައި ބައިނަލް އަޤުވާމީ ކަނޑުގެ ޤާނޫނު ވުޖޫދުވުމުން، އެޤައުމުގެ ޤާނޫނު އަސާސީ އަށް އިސްލާޙު ގެނެސް، ފޯޅަވައްސަކީ އެގައުމުގެ ބައެއް ގޮތަށް ހިމެނިއެވެ.
  4. 1994 އަންކްލޯސްގައި ބައިވެރިވިއެވެ. މިމަރުހަލާ ފުރިހަމަ ކުރުމުން، ކޮންމެ ޤައުމަކަށްވެސް އެޤައުމުގެ ކަނޑުގެ ސަރަޙައްދު ކަނޑައޅާ، އދ. ގައި ޑިޕޮސިޓް ކުރުމުގެ ދޮރުހުޅުވިގެން ދެއެވެ.
  5. 2005 ގައި، ޤާނޫނަކާއި، އެ ޤާނޫނުގެ ދަށުން ހެދި ޤާވާއިދުން، މޮރިޝަސްގެ ރޭވުން އެމީހުން އަމިއްލަ އަށް ތަންފީޒު ކުރިއެވެ. އެގޮތުން އިނގިރޭސިންގެ ދަށުގައި ފޯޅަވަހި އޮއްވާ، ފޯޅަވަހި ހިމެނޭ ގޮތަށް މޮރިޝަސްގެ ސަރަޙައްދު ކުރަހާ، އދ. ގެ ޑިވިޝަން ފޮރ އޯޝަން އެފެއާޒް އެންޑް ދަ ލޯ އޮފް ދަ ސީގައި، ޑިޕޮސިޓުކުރިއެވެ.
ބައިނަލް އަޤްވާވީ ޤާނޫނު ކޮބައިތޯއެވެ؟ އދ. ގެ އިޙުމާލު އޮތީ އެންމެ ތަނެއްގައި ތޯއެވެ؟ ލޯ އޮފްދަ ސީގައި ކޮންމެ ޤައުމަކަށް ލިބިދެނީ، ޓެރިޓޯރިއަލް ސަރަޙައްދުގެ ގޮތުގައި 12 މޭލެވެ. އީއީޒެޑްގެ ގޮތުގައި 200 މޭލެވެ. ދެން ލިބެނީ ކޮންޓިނެންޓަލް ޝެލްފެވެ. އެކަމަކު މިވަރުވެސް ލިބެނީ އެއީ ކޯސްޓަލް ސްޓޭޓަކަށް ވާނަމައެވެ. އެއީ ސަރަޙައްދީ މައްސަލައެއް ޖެހިފަ ނެތް، އެސަރަޙައްދެއްގެ މައްޗަށް އެޤައުމެއްގެ ސިޔާދަތާއި އިސްތިގުލާލު ކަށަވަރުވެފައިވާ ސަރަޙައްދެއްގެ ބޭސް ލައިން އިން ފަށައިގެން އަޅާ މިންތަކެކެވެ.

ވީމާ 1982 ގައި މޮރިޝަސް އިން އެޤައުމުގެ ޤާނޫނުތައް ބަދަލުކޮށް ކަނޑުގެ ސަރަޙައްދު ކަނޑައެޅި އިރު، އަދި މިއަދުވެސް ޗާގޯސްއަކީ އިނގިރޭސިންގެ ދަށުގައި އޮތް ތަނެކެވެ. އެތަން ހިމަނައިގެން މޮރިޝަސް އިން ސަރަޙައްދު ކުރަހާ އދ. ގައި ޑިޕޮސިޓް ކުރި ކުރުމަކީ ބައިނަލް އަޤްވާމީ ކަނޑުގެ ޤާނޫނާއި ޚިލާފު ޢަމަލެކެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ ކަނޑުގެ އިން ވަކި ކުރުމުގެ ކުރިން ސިޔާދަތު ކަށަވަރު ކުރަން ޖެހެއެވެ. އިސްތިޢުމާރުގެ ދަށުގައި އޮތްތަނެއްގެ އިން ބައިނަލް އަޤްވާމީ ޤާނޫގެ ދަށުން ވަކި ނުކުރެވޭނެއެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި، ދިވެހިރާއްޖެއިން ފޯޅަވަހި ހިމަނައިގެން ރާއްޖޭގެ ސަރަހައްދު ކުރަހާފައި ނުވަނީ، ދުނިޔޭގެ ކަނޑުގެ ޤާނޫނުގައި ބުނާ ގޮތަށް ތަބާވުމުގެ ގޮތުން ކަމުގައި ބެލެވެއެވެ. އިނގިރޭސިންގެ އިސްތިޢުމާރުގެ ދަށުގައި އެތަން އޮތުމުން ކަމަށް ވެދާނެއެވެ. ކޮންމެއަކަސް، ނުބީހެންޏާ ކަނޑާ ހަމައޭ ބުނާފަދައިން މިކަމާ އުޅޭނެ ބަޔަކު ނެތުމުން، އދ. ގެ ތެރޭގައި ފަހަރަކު ފުޅަފެއްގެ މަތީން ފުއްމަމުން ފުއްމަމުން ގޮސް މޮރިޝަސް އަށް މިހާރު އެވަނީ ވަލަށް ވަދެވިފައެވެ. މޮރިޝަސް އިން ކުރަމުން މިދިޔަ ކަމަކީ ޑިކޮލޮނައިޒް ކުރުމުގެ ފޭރާމުގައި ނުކުމެ ބައިނަލް އަޤްވާމީ ޤާނޫނުން ވައްކަން ކުރުމެވެ.

އދ. ގެ ޤާރު ނަމްބަރު 2066 – އދ. ގެ ކިބައިގައި އޮތް އިޖުރާޢީ އުނިކަން
1965މ ގައި ބަޔޯޓު އުފެއްދުމާއި ދެކޮޅަށް، އދ. ގެ ޢާއްމު މަޖުލިހުން، ފާސްކުރި ޤަރާރު ނަމްބަރު 2066، ފާސް ކުރި އިރު އެމަޖުލިހަށް ލިބެމުން ދިޔަ މަޢުލޫމާތަކީ ޞަޢްހަ މަޢުލޫމާތު ކަމުގައި ނުވުމަކީ އެކަށީގެންވާ ކަމެކެވެ. ޢާއްމު މަޖުލިހުން އޭރު ބަރޯސާ ވެފައިވަނީ، އިސްތިޢުމާރީ އިދާރާއިން ފޮނުވާ މަޢުލޫމާތުގެ މައްޗަށެވެ. އެހެންކަމުން، ފޯޅަވަހި، އިދާރީގޮތުން މޮރިޝަސްގައި ތިބެ ހިންގާ ވާހަކަ ކޮންމެވެސް ގޮތަކުން އދ. ގެ ޢާއްމު މަޖުލިހުން ތަރުޖަމާ ކޮށްފައި އެވަނީ، ފޯޅަވައްސަކީ، މޮރިޝަސްގެ ބައެއް ކަމަށެވެ. މޮރިޝަސްއާއި ޗާގޯސްގެ ރަށްވެހީންނާއި، ސިޔާސީ އަދި މަދަނީ ގޮތުން ގުޅުން އޮންނާނެ ކަމަށް އދ. ގެ ޖެނެރަލް އެސްމްބްލީ އިން އެވަނީ ލަފާކޮށްފައެވެ. އެހެންނަމަވެސް ފާހަގަ ކުރަން ޖެހޭ އެންމެ މުހިއްމު ނުކުތާ އަކީ، މޮރިޝަސްގެ ފުރަތަމަ ޤާނޫނު އަސާސީގައިވެސް ޗާގޯސް އަކީ މޮރިޝަސްގެ ބައެއް ނޫނެވެ. އެހެންވީމާ ޤާނޫނީ، ގޮތުންވެސް، އިދާރީ ގޮތުންވެސް އަދި، އިންތިޚާބީ ދާއިރާއެއްގެ ގޮތުންވެސް، ޗާގޯސްއަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ހިމެނިފައި ނުވެއެވެ. ޢާއްމު މަޖުލިހުން ކުރި ލަފާއެއްގެ މަތީގައި، މިފަދަ ޤާރާރެއް ފާސްކުރުމުގެ ނަތީޖާއަކީ، އެ ޤަރާރަށް ބިނާކޮށް، އިޖުރާއީ ގޮތުން ކުށުގެ ސިލްސިލާއެއް އދ. ގެ ތެރެއިން ދެމިގެން މިއަދާއި ހަމަޔަށް އައުމެވެ. މޮރިޝަސްގެ ބޮޑު ދެ އޮޅުވާލުމަށް ހިއްވަރު ލިބުނީވެސް މިޤަރާރުގެ ސަބަބުންނެވެ. އައިސީޖޭ އިން ނުބައި މަޢުލޫމާތުތަކެއްގެ މަތީގައި، އިސްތިޝާރީ ލަފައެއް ނެރެވުނީވެސް މި ޤާރާރުގެ ސަބަބުންނެވެ. އިޓްލޮސްއިން ޑިކޮލޮނައިޒޭޝަންގެ އުސޫލުތަކާއި، ކަނޑުގެ ޤާނޫނާއިވެސް ފުށުއަރާގޮތަށް ކަނޑުގެ އިން ވަކިކުރީވެސް މި ޤަރާރުގެ ސަބަބުންނެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފަށް ޗާގޯސިއަނުންނާއި، ދިވެހިންގެ ޙައްޤުތައް އެއް ފަރާތްކޮށް އިގިރޭސިންނާއި މޮރިޝަސްގެ ދެމެދުގައި ވެވޭ މުޢާހިދާއެއްގެ ދަށުން ޗާގޯސް މައްސަލަ ޙައްލުކުރުމުގެ ޣައިރު ޤާނޫނީ ޢަމަލު ހިންގުމުގެ މަގުމަތީގައި އެތިބީވެސް މިދެންނެވި ޤަރާރުގެ ސަބަބުންނެވެ.

ޝައްކެއް ނެތެވެ! އދ. ގެ ޑިކޮލޮނައިޒޭޝަން މަރުޙަލާތަކުގައި އިޖްރާއީ ގޮތުން ވަރަށް ބޮޑު އައިބުކަމެއް އެބަވެއެވެ. ނަމަވެސް އެ އައިބުކަމާއި ކުރިން ދެންނެވި ޤަރާރު، ލަފާތަކެއްގެ މައްޗަށް ބުރަވެ ނިމިގެން ދިޔުމުގެ މުލުގައި ވަނީ ބޮޑު ސިންގާ އެންމެ މައްސަލައެކެވެ. އެއީ، ދިވެހިރާއްޖެއާއި، ޗާގޯސް އދ. ގެ އިސްތިޢުމާރު ނައްތާލާ ދަފްތަރުގައި އިނގިރޭސިން ހިމަނާފައި ނުވުމެވެ. އދ. ގެ ތެރެއިން އިންޑިއާ ކަނޑުގެ އިސްތިޢުމާރު ފިލުވުމަށް ކުރެވޭ މަސައްކަތުގައި ހެދެމުންދާ ހުރިހާ ގޯހެއްގެ އަސްލަކީ މިދެންނެވި ދަފުތަރުގައި ދިވެހިރާއްޖެއާއި، ޗާގޯސް ހިމެނިފައި ނެތުމުގެ އުނިކަމެވެ. އެގޮތަށް އެދަފްތަރުގައި ދިވެހިރާއްޖެއާއި ޗާގޯސް ހިމެނުނު ނަމަ، މިހުރިހާ ކަމެއްގެ މަޢުލޫމާތު ޗެކްކުރެވި ޤާނޫނާއި އެއްގޮތަށް، އިންޑިއާ ކަނޑު މިހާރު އޮތީހީ އިސްތިޢުމާރުން ވީއްލި މިނިވަން ވެފައެވެ. އެހެންވީމާ އިސްތިޢުމާރު ނައްތާލާ ދަފްތަރުގައި ދިވެހިރާއްޖެއާއި، ޗާގޯސް ހިމެނުމަކީ، އދ. އާއި ބައިނަލް އަޤްވާމީ މުޖުތަޢުގެ ކިބައިން އަޅުގަނޑުމެން އެދޭ އެދުމެއް ނޫނެވެ. އެކަމަކު އެއީ އެކަން ކުރުމަށް އަޅުގަނޑުމެން ގޮވާލާ ގޮވާލުމެކެވެ.

ޢާލަމީ ލައުނަތާއި، އިސްތިޢުމާރީ ހައްޕު ކިޔުން
1967 ގައި އެފްރިކަން ޔުނިއަން އިން އެ ޖަމްޢިއްޔާގެ ޤަރާރު ނަމްބަރު 16 އިން، ޗާގޯސް ވަކިކުރުމަކީ، އދ. ގެ 1514 ގަރާރާއި، އދ. ޗާޓަރުގެ 73 ވަނަ މާއްދާއާއި ޚިލާފު ޢަމަލެއް ކަމަށް ބުނެ އިނގިރޭސިން ކުށްވެރި ކުރިއެވެ. ނަން އެލައިންޑް މޫވްމަންޓުގެ، ލުސާކާ ޑިކްލަރޭޝަން (1970) ގައި، އިސްތިޢުމާރުގެ ދަށުގައިވާ ސަރަޙައްދުތައް ބައިކޮށް ވަކި ނުކުރުމަށް ގޮވާލާފައިއެވެ. 1965 އިން 1971 އަށް އދ. ގެ ޖެނެރަލް އެސެމްބްލީގައި، ސޮވިއެޓް ޔުނިއަނާއި، ޓެންޒޭނިއާ އަދި އިންޑިއާގެ މަންދޫބުން، ބަޔޯޓް އުފެއްދުން ކުއްވެރިކުރަމުން އައިސްފައިވެއެވެ. ނަމަވެސް 1982 ގައި މޮރިޝަސްއިން އެޤައުމުގެ ޤާނޫނު އަސާސީއިން ޗާގޯސް އެޤައުމުގެ ބައެއްގެ ގޮތުގައި ހެދުމުން، މިއިން އެއްވެސް ފަރާތަކުން އެކަން ކުށްވެރިކޮށްފައި ނުވެއެވެ. އެމީހުން ދިޔައީ މުސްތަޢުމިރުގެ ޢަމަލުތަކަށް ލައުނަތް ދެމުންނެވެ. ނަހަލާލު ވާރުތަވެރިޔާގެ ކުށްތައް ޖާރީކުރަމުންނެވެ.

މިއަދު މޮރިޝަސްވެސް އަދި އިނގިރޭސިންވެސް އެތިބީ ހައްޕު ކިޔައިގެންނެވެ. އިނގިރޭސިން 1965 ގައި ހިންގާފައިވާ މުޢާމަލާތްތަކާއި، މުވާޞަލާތުގެ ލިޔެކިޔުން ހާމަ ކުރާކަށް ބޭނުމެއް ނޫނެވެ. މޮރިޝަސްއިން 1982 ގެ، އެޤައުމުގެ ވަޒީރުންގެ މަޖުލިހުގެ ޔައުމިއްޔާތައް ހާމަކުރަން ބޭނުމެއް ނުވެއެވެ. މިހުރިހާ ކަމެއްގެ އެއްފަރާތުގައި، އދ. އިން އެޖަމިއްޔާގެ އިޖްރާއި ޢައިބުތަކާއި މެދު އެތިބީ ހައްޕު ކިޔައިގެންނެވެ. އެއްދުވަސް ވަރެއްގައި އިސްތިޢުމާރު ފަހާދުވި ދުނިޔެ، މިއަދު މަސައްކަތް ކުރަނީ އިސްތިޢުމާރުގެ ނުފިލާހުރި ވިހަ އަސަރުތައް ޙިމާޔަތްކޮށް ރައްކާ ކުރުމަށެވެ.

އިސްތިޢުމާރުގައި ބަނދެވުނު ޢާލަމީ ޟަމީރު ހޭލުމަށް އެދި ގޮވާލުން
ފޯޅަވަހީގެ މައްސަލައަކީ ދެ ޖަޒީރާ ދެމެދު މައްސަލައެއް ނޫނެވެ. އެއީ ބައިނަލް އަޤްވާމީ ޤާނޫނުތަކުގެ އިތުބާރު ހިފެހެއްޓުމާއި ގުޅިފައިވާ މައްސަލައެކެވެ. އެފްރިކަން ޔުނިއަން އިން މިބާޠިލު ދޮގާއި ކުރިމަތިލާ މިކަން އިޞްލާޙުކުރުމުގެ ޒިންމާ ނަގަން ޖެހޭނެއެވެ. އިސްތިޢުމާރާއި ދެކޮޅަށް އުފެދިގެން އައި ނަން އެލައިންޑް މޫވްމަންޓުން، އަމިއްލަ އިޚްތިޔާރުގައި ކަންކަން ނިންމުގެ ޙައްޤު ލިބެން ޖެހެނީ މީހުން ހިމެނޭ އާބާދީ ތަކަށްކަމާއި، ކަރުދާހާއި ޤަލަމު ދެލީގެ ބަންޑަލިތަކަށް ނޫންކަން ބަހާއި ޢަމަލުން ކަށަވަރު ކޮށްދޭން ޖެހޭނެއެވެ. އިރުމައްޗާއި ސޮވިޓުންގެ ވައްޓަފާޅީގެ ތެރެއިން، ތަރުތީބުވެގެން އައި އިސްތިއުމާރާއި ދެކޮޅު އަޑުތަކާއި، ޙަރަކާތްތަކުން، އިސްތިޢުމާރުގެ ވަކިތަކުން ވީއްލުމަށް، ކުދި ޖަޒީރާ ޤައުމުތަކުން ކުރަމުންދާ މަސައްކަތް އަދިވެސް ނުނިމޭކަން ފާހަގަކުރަން ޖެހޭނެއެވެ.

މަލްޓިލެޓަރަލިޒަމް ނުވަތަ އެންމެންގެ ބައިވެރިވުމާއި ޙިއްސާވުމުގެ ތެރެއިން ބައިނަލް އަޤުވާމީ މައްސަލަތަކަށް ޙައްލު ހޯދުމުގެ އުޞޫލު ކުރިއަރުވަން ބޭނުންވާ ނަމަ، ބައިވެރިންގެ މެދުގައި އަމިއްލަ ކުށް އިސްލާޙު ކުރުމުގެ ރޫޙު އޮންނަންވާނެއެވެ. އދ. އާއި މެދު އިތުބާރު އާކުރުމަށްޓަކައި، އދ. ގެ ފޯތް ކޮމިޓީގައި އޮތް ޑިކޮލޮނައިޒް ކުރުމުގެ މެންޑޭޓުގެ ދަށުން، ދިވެހިރައްޖެއާއި ޗާގޯސްގެ މައްސަލަ އަލުން ހުޅުވާލަން ޖެހެއެވެ. މާއްދާ 73 (އީ) ގެ ދަށުން، އިސްތިޢުމާރު ނައްތާލުމުގެ ދަފްތަރުގައި ނުހިމެނި އުނިވެގެން ދިޔަ މައްސަލައެއްގެ ގޮތުގައެވެ. އދ. ގެ ތާރީޚުގައި ހިނގައި ދިޔަ އިޖްރާއި ކުށެއް އިޞްލާހުކޮށް ދެރަ ލިބުނު އާބާދީތަކުގެ ޙައްޤު އަދާކުރުމުގެ ގޮތުންނެވެ.

މިއީ ތާރީޚު އަލުން އުފެއްދުމެއް ނޫނެވެ. މިއީ ތާރީޚުން ޙަޤީގަތް ފިލާދިޔުމުން ލިބުނު ގެއްލުން މަރާމާތު ކުރުމެވެ. މޮރިޝަސް އާއި އިނގިރޭސިންނަށް މިޙަޤީގަތްތަކުގެ މައްޗަށް އެއްބަސް ވެވޭނެތޯއެވެ. ޗާގޯސިއަނުންނަކީ އެއް އިރެއްގައިވެސް މޮރިޝަސްގެ ރައްޔިތުންގެ ގޮތުގައި ހިމެނުނު ބައެއް ނޫންކަމުގައި އިޢުތިރާފް ވެވޭނެތޯއެވެ. ދުސްތޫރީ ބޮޑު އޮޅުވާލުމެއްގެ ތެރެއިން ޗާގޯސިޔަނުންގެ ރައްވެހި ޝަޚުޞާއި އަމިއްލަ އިޚްތިޔާރުން ކަންކަން ނިންމުމުގެ ޙައްޤު ފޭރިގަނެވިފައި ވާ ކަމަށް މޮރިޝަސް އަށް އަމިއްލައަށް އެއްބަސް ވެވިދާނެތޯއެވެ. އދ. އިން ޤާއިމުކޮށްދޭނެ ކަމަށް ވަޢުދުވި އިންސާފު ޤާއިމުކުރަން ފެއްޓޭނީ ކޮން އިރަކުންތޯއެވެ. ނޫނެކެވެ! ބައިނަލް އަޤްވާމީ ޤާނޫނު، ފަސޭހަކަމާއި އެކު ބަޔަކު ހަދާލާ ހިންތާއަކަށް ވުރެ ބާރު ގަދަވާން ޖެހޭނެއެވެ. ގްލޯބަލް ސައުތު ނުވަތަ އިސްތިޢުމާރުވި ޤައުމުތަކުގެ މައްޗަށް އެއްއިރެއްގައި މުސްތަޢުމިރުން ވެރިކަން ހިންގި ކޮންމެ މައިދާނެއްގައި، ގްލޯބަލް ސައުތުން ޤާއިދުންގެ ގޮތުގައި އިސްވެ މައިދާން ހިފަހައްޓަން ވާނެއެވެ. ދިވެހިރާއްޖެ ހިމެނޭ ގޮތުންނެވެ.