November 01, 2025

އަވަސް ލިޔުން: ކާލްސްބާގް ރިޖު އިންޑިއާއަށް ހިބައިން ދިނީކަމުގެ ވަހުމް!

އައުޓް ރީޗް ކޯޑިނޭޝަން ޑެސްކް/ ފޯޅަވަހީގެ ޙައްޤުގައި ދިވެހިން:

މިއީ މިޙަރަކާތުގެ ފަރާތުން ފޯޅަވަހި އަނބުރާ ހޯދުމަށް ކުރާ މަސައްކަތުގެ ދަށުން، މިހަފްތާގެ މަޢުޟޫޢުގައި ތައްޔާރު ކުރާ ލިޔުމުގެ ކުރިން ލިޔެލާ އަވަސް ލިޔުމެކެވެ. ސަބަބަކީ، މުހިއްމު މައްސަލައަކާއި ގުޅިގެން ދިވެހިންނަށް އޮޅުން ފިލަން ޖެހޭ މުހިއްމު ކަންތައްތަކެއް ހުރުމާއި އެކުއެވެ. އަދި މިޙަރަކާތުގެ ބޭފުޅުންނަށްވެސް ކޮންމެހެން އެނގެން މުހިއްމު ކަމަކަށް ވާތީއެވެ. މަދަރުސާ ދަރިވަރުންނަށް ކިޔަވައިދޭ ފޮތްތަކުގައި ދިވެހިންގެ ޙިއްސާ އޮތް މިފަދަ ކަންކަމުގެ މަޢުލޫމާތު ހިމެނިފައި ނުހުންނާތީއެވެ. ބައިނަލްއަޤްވާމީ މައިދާނުގެ މިފަދަ މުޙިއްމު ކަންކަމުގެ މަފްޙޫމްތައް ދިވެހިންގެ އަރަމުން އަންނަ ޖީލުތަކަށް އޮޅި، ޞައްޙަ ނޫން މަޢުލޫމާތުގެ ތެރެއިން ވިސްނުން ތަޣައްޔަރުވާން ދޫކޮށްލެވިއްޖެ ނަމަ ޤައުމުގެ ސިޔާސީ މިސްރާބު ގޯސްވެ، ސިޔާސީ މަސްރަޙު ކިލަނބުވެދާނެތީއެވެ. އެކަމުގެ ސަބަބުން މިޙަރަކާތުގެ މަސައްކަތަށްވެސް ބުރޫ އަރާފާނެތީއެވެ.

އިއްޔެއިން ފެށިގެން އިވޭ އަޑަކީ، ކާލްސްބާގް ރިޖް އިންޑިއާއަށް ހިބަކޮށްފަ ދިން ވާހަކައެވެ. މިވާހަކަތައް ތިލަ މިވީ، އިންޓަނޭޝަނަލް ސީބެޑް އޮތޯރިޓީ އިން، ކާލްސް ބާގް ރިޖް ކައިރިން 10،000 އަކަ ކިލޯމީޓަރުގެ އިތުރު ސަރަޙައްދެއް 15 އަހަރުގެ މުއްދަތަށް އެކްސްޕްލޯ ކުރުމުގެ ހުއްދައެއް އިންޑިއާއަށް ދިނުމާއި ގުޅިގެންނެވެ. އެހެންވެ މިކުރު ލިޔުމުގައި ވަރަށް ޚުލާޞާ ގޮތަކަށް، އޮޅުން ފިލުވައި ދެވޭތޯ ބަލާނީ އިންޓަނޭޝަނަލް ސީބެޑް މައިންކުރުމާއި އެކްސްޕްލޯ ކުރުމާއި ހުރި ތަފާތުގެ މައްޗަށެވެ. އަދި އިންޓަނޭޝަނަލް ސީބެޑްގައި ވާ މަޢުދަންތަކުގެ މިލްކުވެރިންނަކީ ކޮންބައެއްތޯއެވެ. ސީބެޑް މައިން ކުރަން ފެއްޓުމުން، ލިބޭ އެއްޗެއް ބަހަނީ ކޮން ބައެއްގެ މެދުގައި ކޮން އުޞޫލަކުންތޯއެވެ. ކޮންމެ ބަޔަކު މައިން ކުރިޔަސް އެކަމުގެ ނަފާވެރިންނަށް ވާނީ ކޮން ބައެއްތޯއެވެ؟

ސީބެޑް އެކްސްޕްލޯ ކުރުމާއި، ސީބެޑް އެކްސްޕްލޮއިޓް ނުވަތަ މައިން ކުރުމަކީ ތަފާތު ދެކަމެކެވެ. އެކްސްޕްލޯ ކުރުމަކީ، ޕޮލިމެޓަލިކް ނޮޑިއުލްސްއާއި، ސަލްފައިޑް ހުރި ސަރަޙައްދުތައް ފާހަގަކޮށް، ޗާޓު ހެދުމާއި، އޭގައި އެކުލެވޭ މާއްދާތަކާއި، އެތަކެތީގެ އިޤްތިޞާދީ އަގު ދެނެގަނެ، އިކްއިޕްމަންޓް ޓެސްޓްކޮށް، ތަފާތު ތަޙުލީލުކޮށް ދިރާސާކުރުމެވެ. އެކްސްޕްލޮއިޓް ކުރުމަކީ، ނުވަތަ މައިން ކުރުމަކީ އެތަކެތި ނަގައިގެން އޭގެން ވިޔަފާރި ކުރުމެވެ. އަދި މިހާ ތަނަކަށް އިންޑިއާއަށްވެސް އަދި އެހެން އެއްވެސް ބަޔަކަށްވެސް، ސީބެޑް މައިން ކުރުމުގެ ހުއްދައެއް ދޫކުރެވިފައި ނުވެއެވެ. ދޫކޮށްފައިވަނީ އެކްސްޕްލޯ ކުރުމުގެ ހުއްދަތަކެވެ. ސަބަބަކީ، އިންޓަނޭޝަނަލް ސީބެޑް އޮތޯރިޓީ (ISA) އިން މިކަމަށް ކަނޑަ އަޅަން ޖެހޭ ސީބެޑް މައިންކުރުމުގެ ޤާނޫނުތަކާއި ޤަވާއިދުތަކާއި، ތިމާވެއްޓަށް ކުރާނެ އަސަރު އެސެސްކުރާނެ ގޮތްތަކާއި، ބޮޑެތި ޓެކްނޮލޮޖީ ސިސްޓަމްތަކުގެ ތައްޔާރީ ޙާލަތު ބަލާނެ މިންގަނޑުތައް ކަނޑަ އެޅުން ފަދަ ކަންކަން އަދި ނިންމިފައި ނުވާތީއެވެ.

ދެން އޮތް ސުވާލަކީ ސީބެޑް މައިން ކުރަން ފެއްޓުމުން، މައިން ކޮށްގެން ލިބޭ އެއްޗަކީ ކޮންބައެއްގެ އެއްޗެއްތޯއެވެ. ބައިނަލް އަޤްވާމީ ކަނޑުގެ ޤާނޫނުގައި ވާ ގޮތުން އިންޓަނޭޝަނަލް ސީބެޑް މައިން ކޮށްގެން ލިބޭ އެއްޗަކީ އެއީ ދުނިޔޭގެ ހުރިހާ ރައްޔިތުންގެ އެކުމެދު ޙައްޤެކެވެ. އެހެންކަމުން، މައިން ކުރުމުގެ ހުއްދަ ދޭން ފެއްޓުމުން، އެފަދަ ހުއްދައެއްގެ ދަށުން މައިންކުރާ ތަކެތި ވިއްކާފަ ލިބޭ އެއްޗެއްގެ 2 ޕަސަންޓްވަރު ދޭންޖެހެނީ، އީދާރީ ކަންކަމަށް ދޭ ރޮޔަލްޓީއެއްގެ ގޮތުގައި އދ. ގެ ސީބެޑް އޮތޯރިޓީއަށެވެ. ކުރި ޚަރަދާއި، އިކްއިޕްމަންޓް މެއިންޓަނަންސްއަށާއި، މުވައްޒަފުންގެ މުސާރަ ދިނުމަށް ގާތްގަނޑަކަށް 6 ޕަސަންޓް ވަރު ލިބޭނީ މައިން ކުރާ ޤައުމަކަށެވެ. މިޙާލަތުގައި ނަމަ އިންޑިއާއަށެވެ. ބާކީ ހުރިހާ އާމްދަނީއެއް ދޭންޖެހޭނީ އދ. އަށެވެ. ދުނިޔޭގެ ރައްޔިތުންގެ ފައިދާއާއި ލާބައަށް ހިންގާ މަޝްރޫޢު ތަކަށް ޚަރަދު ކުރުމަށެވެ. ހީވާ ގޮތުން މިޢަދަދުތައް އަދި މުޅިން ކަނޑައަޅައި ނުނިންމައެވެ. ނަމަވެސް މިހާރު ފެންނަން ހުރި އެކިއެކި ވަގުތީ ލިޔެކިޔުންތަކާއި، މި ދާއިރާގެ އެކި މީހުންގެ ވާހަތަކުން އެގޭގޮތުން މިޢަދަދުތައް މިއަށްވުރެ ބޮޑެއް ނުވާނެއެވެ.

އިންޑިއާއަކީ، އިންޓަނޭޝަނަލް ސީބެޑް އޮތޯރިޓީ އުފެދުމުގެ މަގުމަތީ މަރުޙަލާގައި (1982-1994އާއި ދެމެދު) އޮއްވާ ވެސް، 1987 ގައި ސީބެޑް އެކްސްޕްލޯ ކުރުމުގެ "ޕަޔަނިއަރ އިންވެސްޓަރުން"ގެ ގޮތުގައި ވަގުތީ ހުއްދަ ދެވުނު މަދު ޤައުމުތަކުގެ ތެރެއިން އެއް ޤައުމެވެ. އިންޑިއާއަށް ދެވުނު ވަގުތީ ހުއްދައިގެ ދަށުން އެންމެ ފުރަތަމަ 150،000 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް އެކްސްޕްލޯ ކުރަން ދެވުނެވެ. ނަމަވެސް، އިންޑިއާ އަމިއްލައަށް އެކްސްޕްލޯ ކުރާނެ ސަރަހައްދު ކުޑަކޮށް 75،000 އަކަ ކިލޯމީޓަރަށް ކުޑަކުރިއެވެ. 1994 ގައި އިންޓަނޭޝަނަލް ސީ ބެޑް އޮތޯރިޓީ އުފެދުމާ އެކު، މިވަގުތީ ހުއްދަ ރަސްމީ ކުރެވުނެވެ. އަދި ހުއްދައިގެ މުއްދަތު 24 މާޗް 2027 އާއި ހަމައަށް އިތުރު ކުރެވުނެވެ. އެފަހުން ޕޮލިމެޓަލިކް ސަލްފައިޑް އެކްސްޕްލޯ ކުރަން، އިންޑިއަން އޯޝަން ރިޖް އިން 10،000 އަކަ ކިލޯމީޓަރުގެ ސަރަޙައްދަކަށް 15 އަހަރުގެ މުއްދަތަށް ހުއްދައެއް ދެވުނެވެ. އެއީ 26 ސެޕްޓެމްބަރު 2016 އިން 25 ސެޕްޓެމްބަރު 2031 އަށެވެ. އޭގެ ފަހުން މިއަހަރު ސެޕްޓެމްބަރު 25 ގައި، އަނެއްކާވެސް ޕޮލިމެޓަލިކް ސަލްފައިޑް އެކްސްޕްލޯ ކުރުމަށް، ކާލްސްބަރގް ރިޖްއިން 10،000 އަކަ ކިލޯމީޓަރުގެ ސަރަޙައްދަކަށް 15 އަހަރުގެ ހުއްދައެއް ދެވުނެވެ. އެއީ 2025 އިން 2040 އަށެވެ. މި ހުއްދައާއި އެކު އިންޑިއާ އަކީ ޕޮލިމެޓަލިކް ސަލްފައިޑް އެކްސްޕްލޯ ކުރަން އެއް ވަގުތެއްގައި ދެ ހުއްދަ އޮތް ހަމަ އެކަނި ފަރާތެވެ.

އިންޓަނޭޝަނަލް ސީބެޑް އޮތޯރިޓީއިން، ސީބެޑް އެކްސްޕްލޯކުރުމަށް، ބަޔަކަށް ދޭ ހުއްދައަކީ، އެއްވެސް ބަޔަކަށް ވަކި ސަރަޙައްދެއް ހިބަކޮށްފަ ދޭ ދިނުމެއް ނޫނެވެ. ދުނިޔޭގެ ޖަމްޢިއްޔާ އދ. ދެމެހެއްޓުމަށްޓަކައި، އަދި އެ ޖަމްޢިއްޔާއިން އިންސާނިއްޔަތަށްޓަކައި ހިންގާ މަޝްރޫޢުތަކަށް ޚަރަދު ކުރާނެ ފައިސާ ހޯދާނެ އިތުރު ދެމެހެއްޓެނިވި ވަސީލަތްތައް ޤާއިމުކުރުމަކީ އެއީ ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ ކަމެކެވެ. ވީމާ އެފަދަ އެއް ވަސީލަތް ކަމުގައި ބެލެވެނީ، ވަކިޤައުމެއްގެ އިޤްތިޞާދީ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގައި ނުހިމެނޭ ކަނޑު އަޑީގެ ސަރަޙައްދުތަކުގައި ވާ މުއްސަނދިކަމެވެ. އެހެންވެ އެމުއްސަނދިކަން އަތްފޯރާ ފަށަށް ތިލަކުރެވޭތޯ އިންޓަނޭޝަނަލް ސީބެޑް އޮތޯރިޓި މެދުވެރިކޮށް އދ. އިން އަންނަނީ ގަދަ އަޅައި މަސައްކަތް ކުރަމުންނެވެ. މިކަމުގައި އިސް ނަގައި ސީބެޑް އޮތޯރިޓިއާއި އެކު ތަޙުލީލުކޮށް ދިރާސާ ކުރާ ޤައުމުތަކަކީ، ޗައިނާ، ޖަޕާން، ފްރާންސް، ރަޝިޔާ، އިންޑިއާ، ކޮރެއާ އަދި އީސްޓަން ޔޫރަޕްގެ ޤައުމުތަކުން އުފައްދާފައިވާ އިންޓަ އޯޝަން މެޓަލް ޖޮއިންޓް އޮގަނައިޒޭޝަން އެވެ. މިވާހަކަތަކަކީ އަރަމުން އަންނަ ދިވެހި ދަރީންނަށް އެނގެން ޖެހޭ ވާހަކަތަކެކެވެ. ކިޔަވައިދޭ ފޮތްތަކުގައި ލިޔަން ޖެހޭ ވާހަކަތަކެކެވެ. ދުނިޔޭގެ ޤުދުރަތީ މުއްސަނދި ކަމުގައި ތިމާމެންނަށް އޮތީ ކިހާ ވަރެއްގެ ހިއްސާއެއްކަން ނޭގި ތިބެ ކުރިއަށް ދާން ހެޔޮވެދާނެތޯއެވެ؟