November 03, 2025

ދިވެހިރާއްޖެއާއި ފޯޅަވަހި، މައްސަލައިން އެކަހަރި ކުރެވިފައި ވުމުން އދ. ގެ ޤަރާރު ނަމްބަރު 2066 ތަޞްޙީޙީ ޤަރާރަކުން ބާޠިލު ކުރަން ޖެހޭ!

ހިސްޓޮރިކަލް އެންޑް ލީގަލް ރިސާޗް ޓީމް/ ފޯޅަވަހީގެ ޙައްޤުގައި ދިވެހިން:
އިންޑިއާ ކަނޑުގެ އިސްތިޢުމާރު ދަމަހައްޓަން އިނގިރޭސިން ހިންގާފައިވާ އެންމެ ބޮޑު ޖަރީމާގައި ޤާނޫނީ ސޫރަ އަޅުވައިދިނީ، އދ. ގެ ޤަރާރު ނަމްބަރު 2066 އިންނެވެ. އެ ޤަރާރު ފާސް ކޮށްފައި ވަނީ އިސްތިޢުމާރު ނައްތާލާ، މޮރިޝަސްގެ މިނިވަންކަމަށް މަގު ކޮށައިދެނީ ކަމަށް ދައްކައިގެން، ލަންކަސްޓަރ ހައުސްގައި އިނގިރޭސިން ބޭއްވި ބައްދަލުވުމުގެ މަޤްޞަދަކީ ކޮބައިކަން ނޭގި ތިބެއެވެ. އެމަޤްޞަދަކީ ދިވެހިރާއްޖެ އެއްފަރާތްކޮށް، ފޯޅަވަހި ވަކިކުރުމެވެ. ބަޔޯޓުގެ ނަމުގައި އިންޑިއާ ކަނޑުގައި އިނގިރޭސި އިސްތިޢުމާރު އާލާކުރުމެވެ. ލަންކަސްޓަރ ހައުސް އެއްބަސްވުމުގެ ދެކޮޅު ނުޖެހޭ މިންވަރަކީ، މަސްވެރިކަމާއި ކަނޑުގެ މަޢުދަނީ ޙައްޤު ހޯދަން މޮރިޝަސްއިން ދަޢުވާ ކުރި އިރު މިއެއްބަސްވުން ޞައްޙައެވެ. ސިޔާދަތު ކަށަވަރު ކުރަން ހެއްކެއްގެ ގޮތުގައި، އިނގިރޭސިން ހުށަހެޅީމާ މިއެއްބަސްވުން ބަދަލުވީ ބިރުދެއްކި ކަމުގެ ހެއްކަކަށެވެ.

ވީމާ އދ. ގެ މިދެންނެވި ޤަރާރުގެ ނަތީޖާ އޮތީ ވަރަށް ސާފުކޮށް ފެންނާށެވެ. އެއީ ފޯޅަވަހީގެ ރަށްވެހީން ރަށުން ބޭރުކޮށްލެވުމެވެ. ޒަމާނުއްސުރެ ފޯޅަވަހީގެ މައްޗަށް ސިޔާދަތީ ދަޢުވާ ކުރާ ދިވެހިރާއްޖެ މުޅި މައްސަލައިން އެއް ފަރާތް ކޮށްލެވުމެވެ. ފޯޅަވަހި އިސްތިޢުމާރު ކުރުމުގެ ކުށުގެ ވަށައިގެން، އިސްތިޢުމާރު ނައްތާލިކަމުގެ ތުތިޔާ ދުއްވާލެވުމެވެ. މި ޤަރާރަކީ، ފޯޅަވައްސާއި ބެހޭ ތާރީޚީ، ސަޤާފީ، އަދި ޖިއޮގްރަފީ ޙަޤީޤަތްތައް ދަނެގަތުމަކާއި ނުލާ، ހިތުލަފާގެ މައްޗަށް ފާސްކުރެވިފަވާ ޤަރާރެކެވެ.

މިލިޔުމުގައި ދުރުމީ އަޅާނީ، އދ. ގެ ޤާރާރު ނަމްބަރު 2066 މުރާޖަޢާކޮށް ތަޞްޙީޙު ކުރަން ޖެހޭ ސަބަތަކުގެ މައްޗަށެވެ. އެޤަރާރު އުފެދިގެން އައިގޮތުގެ އަސްލުތަކާއި، އޭގައި އެކުލެވޭ ސިޔާސީ އޮޅުންތަކާއި، ޤާނޫނީ ފުށުއެރުންތަކުގެ މައްޗަށެވެ. އަދި މީގެ ކުރިން މިފަދަ ފުށުއެރުންތަކާ ހެދި މުރާޖަޢާކޮށް ތަޞްޙީޙު ކުރެވިފައިވާ އދ. ގެ ޤަރާރު ތަކަކީ ކޮބައިތޯއެވެ. މަޤްޞަދަކީ މިމައްސަލާގައި ޤާނޫނީ އަދި ސިޔާސީ ބިންގަލެއްގެ މަތީގައި، ދިވެހިރާއްޖެއާއި ފޯޅަވަހި މިނިވަންކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމެވެ. އެގޮތަށް އެމަސައްކަތް ކުރެވޭނެ މަގު ފަހިކުރުމަށް، އދ. ގެތެރެއިން ޙަޤީޤަތަށް އެނބުރި ރުޖޫޢަވުމަށް ބާރު އެޅުމެވެ. ދިވެހިރާއްޖެއިން ފޯޅަވަހި ހޯދުމަށް އދ. ގައި ޕެޓީޝަން ކުރުމުގެ ކުރިން، އިސްވެ އަމިއްލައަށް މި މައްސަލަ އދ. ގެ ޑިކޮލޮނައިޒް ކުރުމުގެ އޮނިގަނޑަށް ފައްތައިގެން ކުރިއަށްދާން ހުޅުވާލުމަށް އދ. އަށް ގޮވާލުމެވެ.

އދ. ގެ ކިބައިގައި އޮތް ދުވަސްވީ އުނިކަމުގެ ފަހަތުގައިވާ ސިޔާސީ ސަބަބު
ފިނިހަނގުރާމައިގެ ދުވަސްވަރު އދ. ވެފައިވަނީ، އިސްތިޢުމާރު ނައްތާލުމުގެ ތަފާތު ފިކުރާތު ތަކާއި، އެބަޔަކު ފިކުރާވާ ވިސްނުން ހުށަހަޅާ ކުރިއަރުވަން މަސައްކަތް ކުރާ ވާދަވެރި މަންސައަކަށެވެ. ޢާއްމު މަޖުލީހުގެ އަޣުލަބިއްޔަތަކީ އެފްރިކަން ޔުނިއަނާއި، ނަން އެލައިންޑް މޫވުމަންޓާއި، ސޮވިއެޓް ބްލޮކާއި، އީސްޓަން ބްލޮކެވެ. މި ބްލޮކްތަކުން މަސައްކަތް ކުރަމުން އައީ، އިސްތިއުމާރީ ބާރުތަކުން ދުނިޔޭގެ ޗާޓުތައް ބަހާ ބައިކުރަމުން ދިޔަގޮތާއި ދެކޮޅަށެވެ. އެއީ މެދު އިރުމަތި ކުދިކުދިކޮށް ބަހައިލި ގޮތާއި، އެފްރިކާގެ ގައުމުތަކާއި، އިންޑިއާ، ޗައިނާ، ޕާކިސްތާނު، މިޔަންމާފަދަ ޤައުމުތަކުގެ ބޯޑަރު ކުރަހާލި ގޮތުގެ ރައްދުގައި ކެކި އަރަމުން ދިޔަ ނުރުހުމުގެ ޝުޢޫރު ތަކަކެވެ. އެފަރާތްތަކުގެ ޙަޤީޤީ މަޤްޞަދަކީ، މުސްތަޢުމިރުން އެވެރިންގެ ވަފާތެރިން މެދުވެރިކޮށް ޤައުމުތަކުގެ ޤުދުރަތީ މުއްސަނދިކަން ހުރި ސަރަޙައްދުތަކަކީ ވަކި ޤައުމުތަކަށް ހަދާ އެ ތަންތަނުގެ މުއްސަނދިކަން ފޭރެމުން ދިއުމާއި ދެކޮޅު ހެދުމެވެ. އާދެ! އިމްޕީރިއަލިޒަމަށް ނޫނެކޭ ބުނުމެވެ. ނަމަވެސް ހިތާމަޔަކީ، މި ބްލޮކްތަކުގެ މަސައްކަތް ބިނާވެފައި އޮތީ ހަމައެކަނި "ބަދަހި ގުޅުމަކުން ގުޅިގެން" މަސައްކަތް ކުރުމުގެ ދެކޮޅުވެރި ރޫޙެއްގެ މައްޗަށެވެ. ޠަޙުޤީޤީ ނަޒަރަކުން އިސްތިޢުމާރުގެ ކުރީގެ ޙާލަތު ދެނެގަތުމުގެ ޟަރޫރަތުގެ މައްޗަކަށް ނޫނެވެ.

ނަތީޖާއެއްގެ ގޮތުން، އިސްތިޢުމާރު ނައްތާލުމުގެ ހުރިހާ މައްސަލައެއްގައި، މި "ބަދަހި ގުޅުމުން" އިސްކޮށްފައި ވަނީ އިސްތިޢުމާރީ ބޯޑަރު، މިނިވަންވުމުން ވާރުތަވާ (Uti Possidetis Juris) އުޞޫލެވެ. އޭގެތެރެއިން، މުސްތަޢުމިރުން، އެއް ޤައުމަށްވުރެ ގިނަ ޤައުމު އެއްކޮށްގެން އުފައްދާފައިވާ މުސްތަޢުމަރާތައް އިސްތިސްނާ ކުރުމަކާއި ނުލައެވެ. އެހެންކަމުން ޔޫރަޕްގެ މީހުން އުފެއްދި ދަނޑުވެރި މުސްތަޢުމަރާއެއް ކަމުގައިވާ މޮރިޝަސްއާއި މެދުވެސް މި ގުޅުމުން ޢަމަލުކުރީ އެފްރިކާގެ ޤަދީމީ ޙަޟާރަތެއް އޮތް ޤައުމުތަކާއި އެއްފަދައިންނެވެ. އިސްތިޢުމާރީ މޮރިޝަސްގެ އިދާރީ ސަރަހައްދު ދިފާޢު ކުރަންޖެހޭނެ ކަމަށް މިގުޅުމުގައި ހިމެނޭ ޤައުމުތަކުން ދެކިފައިވެއެވެ. ގާނާއާއި، ޓެންޒޭނިޔާއާއި، ކުރީގެ ޔޫއެސްއެސްއާރުގެ މަންދޫބުން މޮރިޝަސްގެ ސަރަހައްދު ބައިބައި ކޮށްގެން ނުވާނެ ކަމުގެ އިންޒާރު ދެމުން ގެންދިޔައެވެ. ނަމަވެސް މި ޤައުމުތަކުން، އިސްތިޢުމާރުގެ ކުރީގައި، މޮރިޝަސްގައި ޠަބަޢީ އާބާދީއެއް އޮތްތޯ، ނުވަތަ ޤައުމެއްގެ ޝަޚުޞުގައި މޮރިޝަސް ކިޔާ ތަނެއް އޮތްތޯ އެއްވެސް ވަރަކަށް ސުވާލު އުފައްދާފައި ނުވެއެވެ.

ޕޯޗުގީޒުންނާއި، ޑަޗްމީހުން އަދި އިނގިރޭސިންގެ ކުރީގެ ޗާޓުތަކުގައި، ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ބައެއް ގޮތަށް ފާހަގަކޮށްފައި ހުރެއެވެ. ނަމަވެސް މިއިން ޗާޓަކަށް ބަލާލުމެއްވެސް ނެތެވެ. އިނގިރޭސިންގެ ހިމަޔާތުގެ ދަށުގައި އޮވެމެ، އދ. ގެ ރަސްމީ އެޖެންޑާއިން ދިވެހިރާއްޖެ އުނިވެފައި އޮތީ ކީއްވެތޯ އަހާވެސް ނުލިއެވެ. މުޅި މައްސަލަ ބައްޓަން ކުރީ "މޮރިޝަސްގެ ސުވާލު" ގެ ގޮތުގައެވެ. ދިވެހިރާއްޖެއާއި ފޯޅަވަހީގެ ގުޅުމުގެ ވާހަކަ މުޅިން ފޮހެލަމުންނެވެ. މުސްތަޢުމިރުން ދަމާލި އިދާރީ ރޮގެއް ބައިނަލް އަޤްވާމީ ސަރަޙައްދީ އިމަކަށް ބަދަލު ކޮށްލައިގެންނެވެ.

ކަތާތަކާއި އަޅުމަސައްކަތާއި ހަނދާނުން ފޮހެވުނު ހެކިތައް
ދިވެހިރައްޖެއާއި ފޯޅަވަހީގެ ގުޅުން، އަދި އަޅު މަސައްކަތަށް ދިވެހިން ހައްޔަރު ކޮށްގެން ފޯޅަވައްސަށް ގެންދެވުނުކަން ބަޔާންކުރަނީ، އިނގިރޭސި އެޖެންޓުން ލިޔުނު ޑައިރީ ތަކުގައެއް ނޫނެވެ. އެކަމުގެ ހަނދާނީ ހެކިތައް ލިބެނީ، ޒާމާނުއްސުރެ ދޫދޫ މަތިން ކިޔަމުން އައި ބަނދި ތަކާއި ކަތާތަކުންނެވެ. ވީނުވީއެއް ނޭގި ފަޅުވެ ވީރާނާ ވެފައި ހުރި ރަށްތަކުގެ އާސާރުންނެވެ. ކަނޑުން ބުޅާތަކެއް އަރާ އެއްމެ ރެޔަކުން ރަށްތައް ފަޅުކޮށްލި ވާކަތަކުންނެވެ. ކާކުކަން ނޭގޭގޮތަށް މޫނުގައި އަޅިދެލި ކުރަހާ، ގައިގާ ފޮއްޗާއި، ފަން ބަނދެގެން ރަށްރަށަށް އެރި މާލިތަކުގެ ވާހަކައިންނެވެ. އދ. އިން ބޭނުންވާ ކޮންމެ ވަގުތެއްގައި އައިސް ބަލާލިޔަސް މިކަމުގެ ހެކި އެހެރީ، ގދ. ގަމުންނާއި، ކާޑެއްދޫ، މަވާރުލާ، ހުޅުވާރުލާ، މަގުއްދޫ، ފަދަ ރަށްރަށުން ފެންނާށެވެ. ކަނޑުން އެރި ބަޔަކު އައްޑު އަތޮޅު ހިތަދޫ ކޯއްޓޭގައި ބަޑިބޭހުގެ ކުޅިވަރު ދައްކާ ބެރުޖަހާ ނަށައި މީހުން އެއްކުރުމަށް ފަހު، ގަދަ ދެއްކި މީހުން މަރާލާ، ދެން ތިބި މީހުން ހައްޔަރުކޮށް ނަވަށް އަރުވައި، ފުރައިންގެން ދެކުނަށް ގޮސް އޮބާލި ވާހަކައެވެ. މިއީ އެއް ޖީލުން އަނެއް ޖީލަށް ދޫދޫމަތިން ކިޔައިދެމުން އަންނަ ވާހަކަތަކެވެ. މިހާދިސާތައް ހިނގާފައިވާ ދުވަސްވަރު ދިމާވަނީ 1700 ގެ ފަހުކޮޅާއި 1800ގެ ކުރީ ކޮޅާ ދެމެދަށެވެ.

ތާރީޚަށް ބަލާ އިރު އެއީ ފަރަންސޭސިން ފޯޅަވައްސަށް ވެރިވެ އެތަނުގައި އަޅު މަސައްކަތު މީހުން ލައްވާ ކުފުރާ ތެޅުވި ދުވަސްވަރެވެ. އިންޑިއާ، ސިލޯނު، މޮރިޝަސް ސީޝެލްސް، ފޯޅަވަހި ފަދަ ދަނޑުވެރި މުސްތަޢުމަރާތަކުގައި މަސައްކަތް ކުރާނެ އަޅުން ހޯދުމަށް، ޕްރައިވެޓިއަރުން ލައްވާ އުޅަނދު ފަހަރާއި، ކުދިރަށްރަށުން މިނިފޭރުނު ދުވަސްވަރެވެ. މިގޮތަށް ހައްޔަރު ކުރެވޭ މީހުން އެއީ ޣަނީމާ ކަމުގައި ޕްރައިޒް ކޯޓަކުން ހުކުމެއް ޖައްސައިގެން ގޮސް މުސްތަޢުމަރާތަކަށް ވިއްކަމުން ދިޔައެވެ. މިވިޔަފާރި ކުރުވަނީ ޕްރައިވެޓިއަރުން ލައްވައެވެ. ޕްރައިވެޓިއަރުންނަކީ ރަސްކަމުގެ ހުއްދައެއް ނުވަތަ " ލެޓަރ އޮފް މާކު" އެއްގެ ދަށުން، ދުޝްމަނުންގެ މުދާ ކަނޑުފޭރޭ އަމިއްލަ ނައުފަހަރު ވެރީންނެވެ. މިއީކީ ރަސްމީ ކަނޑުގެ ސިފައިންނެއް ނޫނެވެ. އަދި ޕައިރެޓުންނެއްވެސް ނޫނެވެ. ޕައިރެޓުން ނަކީ، އަމިއްލަ ޤައުމުތޯ ދުޝްމަނު ޤައުމުތޯ ބެލުމެއް ނެތި ދިމާވާ ކޮންމެ އުޅަނދެއް ކަނޑުފޭރޭ މީހުންނެވެ.

ދެކުނުގެ ތިން އަތޮޅު ޕްރައިވެޓިއަރުންގެ ޝިކާރައަކަށްވީ ސަބަބު
ދިވެހިރާއްޖޭގެ ދެކުނުގެ ތިންއަތޮޅުގެ މީހުން ޕްރައިވެޓިއަރުންގެ ޝިކާރަޔަކަށްވީ، މުސްތަޢުމިރުންނާ ކުރިމަތިވި އިޤްތިޞާދީ ސަބަބުތަކާއި ހެދިއެވެ. އެ ސަބަބުތައް ސީލޯނުގައި ހުންނެވި އިނގިރޭސި ގަވަރުނަރު ސަރ ތޯމަސް މެއިޓްލޭންޑްގެ އަމިއްލަ ބަސްފުޅުންވަނީ ކަށަވަރު ކޮށްދެއްވާފައެވެ. އެފްރިކާއިން އަޅުމަސައްކަތު މީހުން އިމްޕޯޓު ކުރުން ވަނީ ނުހަނު އަގު ބޮޑު އަދި ފުރާނަ އަތްމައްޗަށް ލައިގެން ކުރަންޖެހޭ ދިގު ދަތުރެއް ކަމުގައެވެ. ވީމާ އަމިއްލަ އިޢުތިރާފުން އެނާ ވިދާޅުވެފައި ވަނީ، މިސަބަބުތަކާއި ހެދި އެއަށްވުރެ ގާތުގައި އޮތް ފޯޅަވަހި ސަރަހައްދުން މިފަދަ އަޅު މަސައްކަތު މީހުން ޖަހައިގަތުން ވެފައިވަނީ ޚަރަދު ކުޑަ އަދި މާފަސޭހަ ޚިޔާރެއް ކަމުގައެވެ. ޙަޤީޤަތުގައި އޭނާ އެވިދާޅުވި ވާހަކައަކީ، ދިވެހިރާއްޖޭގެ ދެކުނުން، އައްޑޫ ހުވަދޫ، އަދި ފޯޅަވަހި ސަރަޙައްދުގެ ރަށްރަށުންނާއި، ކަނޑުމަތިން ދިވެހިން ޖަހައިގަތުމަކީ ފަސޭހަ އަދި ޚަރަދު ކުޑަ ޚިޔާރެއް ކަމުގައެވެ.

އިނގިރޭސި ގަވަރުނަރުގެ ކުރިމަތީގައި މިސަބަބުތައް ހުރި އިރު، އޭގެ ކުރިން ފޯޅަވަހީގައި ދަނޑުވެރި މުސްތަޢުމަރާއެއް ހިންގަމުން ދިޔަ ފަރަންސޭސިންގެ ކުރިމަތީގައިވެސް ހަމަ މިސަބުތައް ހުންނާނެއެވެ. ފޯޅަވައްސާއި 2100 ކިލޯމީޓަރު ދުރުގައި އޮތް އެފްރިކާއިން އަޅުމަސައްކަތު މީހުން ގެނައުން ވާނީ، ޚަރަދު ބޮޑު، ފުރާނަ އަތްމައްޗަށް ލައިގެން ކުރަންޖެހޭ ނުރައްކާތެރި ދަތުރެއް ކަމުގައެވެ. އެހެންވެ، ފަރަންސޭސިންގެ ކުރިމަތީގައިވެސް އޮންނާނެ، އެންމެ ފަސޭހަ އަދި އެންމެ ޚަރަދު ކުޑަ ޚިޔާރަކަށް ވާނީ، ފޯޅަވައްސާއި އެންމެ 500 ކިލޯމީޓަރު އުތުރުގައި އޮތް އައްޑޫ ހުވަދޫ ސަރަޙައްދުން މީހުން މިނިފޭރުމެވެ. ހުވަދު އަތޮޅުން ފަޅުވި ރަށްތަކާއި، ހިތަދޫ ކޯއްޓޭގެ ހާދިސާތަކަކީ ފަރެންސޭސި ޕްރައިވެޓިއަރުން ހިންގި އަމަލުތަކެއް ކަމުގައި ނޫނީ ނުވާނެއެވެ.

ވީމާ 1810 ވަނަ އަހަރު އިނގިރޭސިން ފޯޅަވަހި ސުންނާފަތިކޮށްލާ އެތަނުން ހައްޔަރު ކުރި 126 މީހުންނާއި 8 ކުޑަކުދިން ވާނީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ހަމަ ސީދާ ދިވެހިންނަށެވެ. ފޯޅަވަހީގައި ދިވެހިން ހައްޔަރުކޮށްގެން ގެންގުޅުނުކަމުގެ ހެކި، ކަތާތަކާއި ކިޔާ އުޅުނު ބަނދިތަކުން ލިބެން އެބަހުއްޓެވެ. ފޯޅަވަހީގައި ހައްޔަރު ވެފައި ތިބިކަން އެންގުމުގެ ގޮތުން ކޭލިޖަހާފަ ދޫކުރި ކާށިތަކުގެ ވާހަކައިންނެވެ. މީގެ ތެރޭގައި މާމެންދޫ ދޮން އަލީއާއި، ރަތަފަންދޫ ރަތެ އަލިޔާ އާއި ދެމީހުން ލިޔެ ކޭލި ޖަހާފަ ދޫކުރި ކާށިތަކާ ބެހޭ ގޮތުން ހުވަދު އަތޮޅު މީހުން ކިޔާ އުޅޭ ބަނދިތައް ހިމެނެއެވެ. ފޯޅަވަހީގަ ޙައްޔަރުވެފައި ތިބި ފުވައްމުލަކުގެ 16 މީހުން ފަންވަތުގައި ލިޔެ، މާހޯރަ ދޫނީގެ ފައިގާ އައްސާ ފޮނުވަމުން ދިޔަ ވާހަކައިގެ ކަތާވެސް ހިމެނެއެވެ. ބެލެވޭ ގޮތުގައި މިއެންމެންނަކީ ވެސް، ފަރަންސޭސި ޕްރައިވެޓިއަރުން ކަނޑުމަތިން ޖަހައިގަނެގެން ގޮސް ފޯޅަވަހީގައި ހައްޔަރުކޮށްގެން އަޅު މަސައްކަތް ކުރުވި މީހުންނެވެ.

ތުންތުން މަތިން ކިޔައި އުޅޭ މިހަނދާންތަކާއި، އިސްތިޢުމާރުގެ އަރުޝީފުތަކުގައި ލިޔެވެފި ހުރި ވާހަކަތައް ގުޅުވާލުމުން، އެނގި ކަށަވަރު ވަނީ، އިންޑިއާ ކަނޑުގެ މުސްތަޢުމަރާ ތަކުގައި މަސައްކަތް ކުރުވުމަށް ވިއްސިވިހާލި ކޮށްލެވުނު އެންމެ ފުރަތަމަ ރަށްވެހި އާބާދީ ތަކުގެ ތެރޭގައި ދެކުނުގެ ތިން އަތޮޅާއި ދިވެހިރާއްޖޭގެ ފޯޅަވަހި ހިމެނޭ ކަމެވެ. 1971 ގައި ފޯޅަވަހީގެ ހުރިހާ ރަށްވެހީން ރަށުން ބޭރުކުރި ހާދިސާ އަކީ، ތަކުރާރުކޮށް މުސްތަޢުމިރުން ހިންގަމުން ދިޔަ، ރަށްވެހި އާބާދީތައް ވިއްސިވިހާލި ކުރުމުގެ އަމަލު ތަކުގެ ތެރޭގައި ހިމެނޭ އެންމެ ފަހުގެ ޙާދިސާ ކަމެވެ.

އދ. އިން ޙަޤީޤަތް އެއް ފަރާތްކޮށް، ހިތުލަފަޔަށް ކަންކަން ނިންމި ގޮތް
މިތަނުގައި ދެކަމެއް ފާހަގަ ކުރަން ޖެހެއެވެ. އެންމެ ފުރަތަމަ ކަމަކީ އދ. ގެ ޤަރާރު ނަމްބަރު 2066 މުޅިން ބިނާ ކޮށްފައިވަނީ އިސްތިޢުމާރީ އިދާރީ ޖިއޮގްރާފީގެ މައްޗަށެވެ. އިންސާނީ ޙަޤީޤަތްތަކާއި ގުޅިފައިވާ ޠަބަޢީ ޖިއޮގްރަފީގެ މައްޗަކަށް ނޫނެވެ. ޙަޤީޤަތް ދެނެގަތުމުގެ ގޮތުން އދ. އިން މިސަރަޙައްދަށް ނުވަތަ ފޯޅަވައްސަށް ޒިޔާރަތް ކޮށްފައެއްވެސް ނުވެއެވެ. ފޯޅަވަހީގެ ރަށްވެހިކަމުގެ މަދަނީ، ނަސްލީ، އަދި ބަހަވީ، ފާހަގަތަކާއި ވަނަވަރު ގުޅެނީ ކޮން ބަޔަކާތޯ އަޅާކިޔާފައެއްވެސް ނުވެއެވެ. ފޯޅަވައްސާއި އެއް އަށްޓެއްގެ މަތީގައި ދިވެހިރާއްޖެ އޮތް އިރު ދިވެހިން ކުރެން ހޭ ވެސް އަހާ ނުލައެވެ. އދ. ގެ ޖެނެރަލް އެސެމްބްލީގެ މުޅި ނިންމުން ބިނާ ކޮށްފައިވަނީ، އިނގިރޭސި އިސްތިޢުމާރުން، ޓެކްސް ނެގުމާއި ދަތުރުފަތުރު ކުރުމުގެ ބޭނުމުގައި އުފައްދާފައިވާ އިސްތިޢުމާރީ އިދާރީ ޗާޓުތަކުގެ މައްޗަށެވެ.

ދެވަނަ ކަމަކީ، 1968 އިން 1971 އާއި ދެމެދު، ފޯޅަވަހީގެ ރަށްވެހީން ރަށުން ބާލާ، އެތަނުގައި އެމެރިކާގެ ބޭސްއެއް ޤާއިމު ކުރިއިރު، އދ. އިން އެކަމާ ދެކޮޅު ހަދާފައެއް ނުވެއެވެ. ޤަރާރު ނަމްބަރު 2066 އަށް ވޯޓު ދިން ޤައުމުތަކުން ތިބީ ހަނުއެވެ. ދިވެހި ނަސްލު އެކުލެވޭ ފޯޅަވަހީގެ ރަށްވެހީން މޮރިޝަސްއާއި ސީޝެލްސް ގެ ގޮނޑުދޮށަށް އުކާލެވުނު ރެފިއުޖީން ތަކަކަށް ވެގެން ދިޔަ އިރު އދ. ގެ ޖެނެރަލް އެސެމްބްލީ އޮތީ ކިހިނެއް ވެފައިތޯއެވެ. ފޯޅަވައްސަކީ މޮރިޝަސްގެ ފުރަތަމަ ޤާނޫނު އަސާސީގައިވެސް އެޤައުމުގެ އިދާރީ ސަރަޙައްދެއް ނޫނެވެ. އިންތިޚާބީ ދާއިރާއެއްގެ ތެރޭގައިވެސް ނުހިމެނެއެވެ. މޮރިޝަސްގެ ވޯޓުލުން ޙައްޤުވާ މީހުންގެ ލިސްޓެއްގައިވެސް ފޯޅަވަހީގެ އެންމެ ފުރާނައެއްވެސް ހިމެނިފައި ނުވެއެވެ. މިކަންކަމަށް އދ. އިން ލޯމަރާލައިގެން އޮންނަން ޖެހުނީ ކީއްވެތޯއެވެ. އިސްތިޢުމާރާއި ދެކޮޅު ރޫޙެއްގައި އޮތް ބަދަހިކަމެއްގެ މަތީގައި އެފްރިކަން ޔުނިއަނާއި، ނަންއެލައިންޑް މޫވްމަންޓް ދިޔައީ ޙަޤީޤަތް ބަލާނުލާ ތިބެ މޮރިޝަސްއަށް ތާޢީދު ކުރަމުންނެވެ. ސޮވިއެޓް ބްލޮކުން ދިޔައީ، ހުޅަނގުގެ އަސްކަރީ ފުޅާކުރުންތަކަށް ފާޑު ކިޔަމުންނެވެ. އެއްވެސް ފަރާތަކުން ފޯޅަވަހީގެ ރަށްވެހީންނަށް ދީގެން އުޅޭ، މޮރިޝަސްގެ ރައްޔިތުން ކަމުގެ ދޮގު ޙައިސިއްޔަތު ތަޙުޤީޤީ ނަޒަރަކުން ބަލާ ކަށަވަރު ކޮށްފައެއް ނުވެއެވެ.

މޮރިޝަސް މައްސަލާގައި އދ. ގެ ޤަރާރު ނަމްބަރު 1514 ނުބައިކޮށް ތަޠްބީޤުކުރުން
އދ. ގެ ޢާއްމު މަޖުލިހުގައި މޮރިޝަސްއަށް ތާޢީދު ކުރި ޤައުމުތަކުގެ މަންދޫބުން ރިޢާޔަތް ކޮށްފައިވަނީ ޤަރާރު ނަމްބަރު 1514 އަށެވެ. އިސްތިޢުމާރުގެ ދަށުގައިވާ ޤައުމުތަކާއި އާބާދީތަކަށް މިނިވަންކަން ދިނުމުގެ ޤަރާރެވެ. މިޤަރާރުގެ 6 ވަނަ ޕެރެގްރާފް ގައި ބުނާ "ޤައުމެއްގެ އެއްބައިވަންތަކަމާއި، ސަރަޙައްދީ ވަޙުދަތު" (މިތާގައި 'ސަރަޙައްދީ ވަޙުދަތު' ބޭނުންކޮށްފަ އެވަނީ، Territorial Integrity ގެ މާނައިގާ) ނަގާލުމަކީ އދ. ގެ ޗާޓަރާއި ޚިލާފު ކަމެއް ކަމަށް ބުނެފަ އޮތް ޢިބާރާތުގައި ހިފައިގެންނެވެ. ނަމަވެސް ޕެރެގްރާފް 6 ގެ މިޢިބާރާތުން ބަޔާންކުރާ އަސާސް ތަޠްބީޤު ކޮށްފައިވަނީ ނުބައިކޮށް ކަމަށް ޤާނޫނީ މާހިރުން ވިދާޅުވެއެވެ. އެގޮތުން އެފަދަ ޤާނޫނީ މާހިރުން ތިރީގައިވާ ނުކުތާތައް ފާހަގަ ކުރައްވައެވެ.
  1. ޙަޤީޤީ ޠަބަޢީ ޤައުމަކާއި ގުޅުވައިގެން މި ޢިބާރާތުގައި ބުނާ އަސާސް ތަޠްބީޤު ކޮށްފި ނަމަ ޙިމާޔަތްވެގެން ދާނީ، "އަމިއްލަ އިޚްތިޔާރުގައި ކަންކަން ނިންމުމުގެ ޙައްޤެވެ."
  2. ނަމަވެސް އިސްތިޢުމާރީ މުސްތަޢުމަރާ (މޮރިޝަސް ފަދަ) އަކާއި ގުޅުވައިގެން މި ޢިބާރާތުގައި ބުނާ އަސާސް ތަޠްބީޤު ކުރުމުން، "އަމިއްލަ އިޚްތިޔާރުގައި ކަންކަން ނިންމުމުގެ ޙައްޤަށް" ލިބިގެން ދާނީ އުނިކަމެވެ.
ޔޫރަޕުގެ މުސްތަޢުމިރުން އައުމުގެ ކުރިން މޮރިޝަސްއަކީ، ފަޅު ރަށެކެވެ. އެރަށަށް އެކި ތަންތަނުން އަޅުމަސައްކަތަށް މީހުން ގެނައީ އިސްތިޢުމާރީ ބާރުތަކުންނެވެ. "މޮރިޝަސްގެ ސަރަޙައްދީ ވަޙުދަތަކީ" 1814 ގެ ޕެރިސް މުޢާހިދާގެ ދަށުން، އިނގިރޭސިން ދަމާލާފައިވާ އިސްތިޢުމާރީ އިދާރީ ރޮނގެކެވެ. އެއީކީ ޠަބަޢީ މަދަނިއްޔަތަކުން ވާރުތަވެގެން އައި ސަރަޙައްދީ އިމެއް ނޫނެވެ. އަނެއްކޮޅުން، މޮރިޝަސް އަށް މީހުން ގެނެސް ވަޒަންވެރި ކުރުވުމުގެ ކުރިންވެސް ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ސަރަޙައްދުގައި ހިމެނޭ އަތޮޅުތަކެއް ކަމަށް، ޕޯޗުގީޒުންނާއި، ޑަޗް މީހުން އަދި އިނގިރޭސިންގެ ޗާޓުތަކުގައިވެސް ކުރަހާފަ ހުރެއެވެ. ދުވަހަކުވެސް އެއީ މޮރިޝަސްގެ ރަށްތަކެއް ކަމުގައި ޗާޓުތަކުގައި ކުރަހާފައެއް ނުހުރެއެވެ.

ވީމާ އދ. ގެ ޢާއްމު މަޖުލިހުން އިސްތިޢުމާރު ނައްތާލުމުގެ ބަދަލުގައި، ހިމާޔަތް ކޮށްދެވިފައި އެވަނީ، "އިސްތިޢުމާރީ މޮރިޝަސްގެ ސަރަޙައްދީ ވަޙުދަތު" އެވެ. މިތަނުގައި އދ. އިން އެވަނީ، ޤަރާރު ނަމްބަރު 1541 ވެސް، އެޤަރާރުގެ ރޫޙާއި ޚިލާފަށް ތަޠްބީޤު ކޮށްފައެވެ. ޤަރާރު ނަމްބަރު 1541 ގައި، "އަމިއްލައަށް ވެރިކަން ހިންގުމުގެ އިޚްތިޔާރު ލިބިފައި ނުވާ" އާބާދީތައް ފާހަގަ ކޮށްފައި ވަނީ، އެއީ އެ އާބާދީއެއްގެ މައްޗަށް އިދާރީ ގޮތުން ވެރިކަން ހިންގާ މީހުންނަކީ، ނަސްލުގެ ގޮތުންނާއި، ސަޤާފީ ގޮތުންނާއި، ޖިއޮގްރަފީ ގޮތުން އެ އާބާދީ އަކާއި ތަފާތު މީހުން ކަމުގައި ވުމެވެ. މިކަމަށް ޓެސްޓު ކުރިނަމަ އެޓެސްޓުން ފާސްވާނީ، ދިވެހިރައްޖެއާއި ފޯޅަވައްސެވެ. މޮރިޝަސްއެއް ނޫނެވެ. ވީމާ އދ. ގެ ޤަރާރު ނަމްބަރު 2066 އިން އެވަނީ، އިސްތިޢުމާރީ އިދާރީ ޗާޓެއް ބައިނަލްއަޤްވާމީ ޤާނޫނަކަށް ބަދަލު ކޮށްފައެވެ. ސަރަޙައްދުގެ ޠަބަޢީ ޖިއޮގްރަފީ، އިސްތިޢުމާރީ ޖިއޮގްރަފީއާއި ވަކި ނުވާނޭހެން އޮޅުވާލާފައެވެ.

ޤަރާރު ނަމްބަރު 2066 މުރާޖަޢާކޮށް ތަޞްޙީޙީ ޤަރާރެއް ނެރުމުގެ ޤާނޫނީ ހުއްޖަތު
އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިސްތިޝާރީ ލަފައެއް ނެރެފައިވަނީ 25 ފެބްރުއަރީ 2019 ގައެވެ. ކޯޓުން ނެރުނު ލަފާގައި ވަނީ، މޮރިޝަސްއާއި ފޯޅަވަހި ވަކިކުރުމަކީ ޤާނޫނާއި ޚިލާފު ކަމެއްކަމުގައެވެ. އަދި މޮރިޝަސް ޑިކޮލޮނައިޒް ކުރުން ފުރިހަމަ ނުވާ ކަމަށެވެ. ނަމަވެސް ހަމަ އދ. އިން ވަނީ 1968 ގައި މޮރިޝަސްއަށް މިނިވަންކަން ދިނުމާއި ގުޅިގެން މޮރިޝަސްގެ ޑީކޮލޮނައިޒް ކުރުން ފުރިހަމަވީ ކަމަށް ނިންމާފައެވ. އދ. ގެ އިސްތިޢުމާރު ނައްތާލާ ދަފްތަރުން (އެންއެސްޖީޓީ) މޮރިޝަސް އުނިކޮށްފައެވެ. އޭގެ މާނަޔަކީ، މިހާރު އދ. ގެ ފޯތްކޮމިޓީ ނުވަތަ ޖުމްލަކޮށް އދ. ގެ އެއްވެސް ގުނަވަނެއްގައި މޮރިޝަސް ޑިކޮލޮނައިޒް ކުރުމުގެ މެންޑޭޓެއް އޮވެގެން ނުވާނެ ކަމެވެ.

އަނެއްކޮޅުން ދިވެހިރާއްޖެ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އދ. ގެ އިސްތިޢުމާރު ނައްތާލާ ދަފްތަރުގައި ހިމަނާފައި ނުވެއެވެ. އެކަމަކު އދ. ގެ ޤަރާރު ނަމްބަރު 1541 ބަޔާން ކުރާ ގޮތުން އެލިސްޓުގައި ދިވެހިރާއްޖެ ހިމަނަން ޖެހެއެވެ. ސަބަބަކީ ދިވެހިރާއްޖެއަކީ، 1887 އިން 1965 އަށް އިނގިރޭސި އިސްތިޢުމާރުގެ، ހިމާޔަތުގެ ދަށުގައި އޮތް ޤައުމެކެވެ. މި ދަފްތަރުގައި ދިވެހިރާއްޖެ ހިމަނާފައި ނުވުމުގެ ސަބަބުން، އދ. ގެ އެއްވެސް މަންސައެއްގައި ދިވެހިރާއްޖޭގެ ކޭސް ހުށަހެޅުމުގެ ފުރުޞަތެއް ދިވެހިންނަކަށް ނުލިބުނެވެ. ސަބަބަކީ ދަފްތަރުގައި ނުހިމެނުމުގެ ސަބަބުން، އދ. ގެ އިސްތިޢުމާރު ނައްތާލުމުގެ ޤާނޫނީ މެންޑޭޓްގެ ތެރޭގައި ދިވެހިރާއްޖެވެސް އަދި، ވަކި ރަށްވެހިކަމެއް އޮތް ފޯޅަވަހި ނުވަތަ ބަޔޯޓު (BIOT) ވެސް ހިމެނިފައި ނުވުމެވެ.

ވުމާއިއެކު، ދިވެހިރައްޖެއާއި ފޯޅަވަހި (ބަޔޯޓް) އިސްތިޢުމާރު ނައްތާލާ ދަފްތަރުގައި ނުހިމެނި އޮތް އޮތުން އިޞްލާޙުކޮށް، ފޯތް ކޮމިޓީއާއި، ސީ - 24 ގެ ޑިކޮލޮނައިޒް ކުރުމުގެ މަސައްކަތް އދ. ގެ ޗާޓަރާއި އެއްއުއި ކުރަން ޖެހެއެވެ. އެއީކީ އަލަކަށް ކުރަންޖެހޭ ކަމެއް ނޫނެވެ. މީގެ ކުރިން އެތައް ފަހަރަކު މިފަދަ އުނިކަމުގެ ސަބަބުން ބޭއިންސާފަށް މަގުފަހިވި ނިންމުންތައް އދ. އިން މުރާޖަޢާކޮށް ތަޞްޙީޙު ކޮށްފައިވެއެވ. އެގޮތަށް ޢަމަލު ކޮށްފައި ހުރި ނަމޫނާ ކޭސްތައް ނުވަތަ ޕްރެސީޑެންޓްތައް އެބަހުއްޓެވެ. އޭގެ ތެރޭގައި ފޯޅަވަހި މައްސަލައާއި އަޅާކިޔާލެވޭނެ، އަންނަނިވި ނަމޫނާ ކޭސްތައް ހިމެނެއެވެ.

1.  ޤަރާރު ނަމްބަރު 46/86 އިން ޤަރާރު ނަމްބަރު 3379 ބާޠިލުކުރުން
1975 ގައި، "ޒަޔަނިޒަމް" ނަސްލީ އިމްތިޔާޒާ އެއްވަރުކޮށް ފާސްކުރެވުނު 3379 ނަމްބަރު ޤަރާރަކީ، ވަކި މައްސަލައަކާއި މެދު އދ. ގެ މެމްބަރުން އެންމެ ބޮޑަށް ބައިބައިވި އެއް މައްސަލައެވެ. 1991 ގައި މިޤާރާރުގައި، ކަމުގެ އަޞްލާއި ޚިލާފް، އަދި ސުލޫކީ ގޮތުން އުނި ކަންތައްތައް އެކުލެވޭކަން ފާހަގަ ކުރެވިގެން ދިޔައެވެ. އެހެން ކަމުން ތަޞްޙީޙީ ޤަރާރެއްގެ ގޮތުގައި އދ. ގެ ޤަރާރު ނަމްބަރު 46/86 ފާސްކޮށް، ކުރިން ދެންނެވި 3379 ނަމްބަރު ޤަރާރު ބާޠިލު ކުރެވުނެވެ.

މިކަމުން ސާބިތު ކޮށްދެނީ، އދ. އިން ނިންމާފަވާ ޤަރާރުތަކުން، އެ އަސާސްތަކެއްގެ މަތީގައި އެޖަމްޢިއްޔާ އުފަންވި އަސާސްތަކާއި ޚިލާފުވާ މިންވަރު ރަޖްޢީގޮތުން އިޞްލާޙު ކުރެވިދާނެ ކަމެވެ. އެހެންވީމާ މިޤަރާރެކޭ އެއްފަދައިން، ޤަރާރު ނަމްބަރު 2066 ވެސް ތަޞްޙީޙީ ޤަރާރަރަކުން ބާޠިލުކުރަން ޖެހެއެވެ. ސަބަބަކީ، އެ ޤަރާރު ބިނާވެފައިވަނީ، އދ. ގެ އަސާސްތައް އެއްފަރާތްކޮށް، ފިނި ހަނގުރާމާއިގެ ސިޔާސީ ޖަޒުބާތާއި، ފޮރުވާފައިވާ ޙަޤީޤަތުގެ އަނދިރީގައި ތިބެ ނުބައި މަޢުލޫމާތުގެ މައްޗަށް ބުރަވެ ކަމަށް ވާތީއެވެ.

 2.  ޤަރާރު ނަމްބަރު 2145 އިން، ނެމީބިޔާގެ މައްޗަށް އޮތް ސައުތް އެފްރިކާގެ މެންޑޭޓް އުވާލުން

ފުރަތަމަ ބޮޑު ހަނގުރާމަ ނިމުމުން އުސްމާނީ ދައުލަތާއި، ޖަރުމަނުގެ އަތް ދަށުން އަތުލައިގަނެވުނު ސަރަޙައްދުތައް ބެލެހެއްޓީ ލީގް އޮފް ނޭޝަންސްގެ މެންޑޭޓް ސިސްޓަމުގެ ދަށުންނެވެ. މެންޑޭޓު ސިސްޓަމް ހަމަޖައްސާފަ އޮތް ގޮތަކީ ނަޞްރު ލިބުނު ޤައުމުތަކާއި އެސަރަޙައްދުތައް އިދާރީގޮތުން ބަލަހައްޓާ ހިންގުން ވަގުތީގޮތުން ޙަވާލުކުރުމެވެ. އެއީ އެސަރަޙައްދުތަކުގެ މީހުންނަށް އަމިއްލައަށް ވެރިކަން ކުރެވޭ ހިސާބަށް ކަންކަން އިންތިޒާމު ވަންދެނެވެ. މިގޮތުން ނެމީބިޔާ ޙަވާލުކުރެވުނީ ދޮން ނަޞްލުގެ ސައުތު އެފްރިކާއާއިއެވެ. ފަހުން 1946 ގައި ލީގް އޮފް ނޭޝަންސް އުވާލާ، އދ. އުފެދުމަށް ފަހު މި މެންޑޭޓް ސިސްޓަމްގެ ދަށުން، ޤައުމުތަކާއި ޙަވާލުކޮށްފަ ހުރި ސަރަޙައްދުތައް އަނބުރާ އދ. ގެ ޓްރަސްޓީ ޝިޕްއާއި ހަވާލު ކުރުމަށް ނިންމިއެވެ. ނަމަވެސް ސައުތު އެފްރިކާއިން މިކަމާއި ދެކޮޅުހެދިއެވެ. އަދި ނޭމީބިއާއަކީ ސައުތް އެފްރިކާގެ 5 ވަނަ ޕްރޮވިންސް ކަމުގައި ނިންމިއެވެ.

ނަތީޖާއެއްގެ ގޮތުން އދ. ގެ ޤަރާރު ނަމްބަރު 2145 (1966) ފާސް ކުރެވުނެވެ. ޤަރާރުގައި ނިންމާފައި ވަނީ، ލީގު އޮފް ނޭޝަންސް އިން ނެމީބިއާގެ މައްޗަށް ސައުތު އެފްރިކާއަށް ދީފައިވާ މެންޑޭޓް ދެމެހެއްޓުމަކީ، ނޭމީބިއާގެ ރައްޔިތުންގެ "އަމިއްލަ އިޚްތިޔާރުގައި ކަންކަން ނިންމުމުގެ ޙައްޤަށް" އަރައިގަތުން ކަމުގައެވެ. މިފަހަރު ޖެނެރަލް އެސެމްބްލީގެ މިޤަރާރުން މިނިންމުނީ، މާޒީގައި އޮތް ޤާނޫނީ އިންތިޒާމެއް ވާރުތަ ނުވެވޭނެ ކަމަށެވެ. އަދި އެއީ ޤާނޫނީ ގޮތުން ބާޠިލު ކަމެއް ކަމުގައެވެ. މިކަމުން ސާބިތު ކޮށްދެނީ އިންސާފުން އެއްކިބާވާ ގޮތަށް ދީފައިވާ، ނުވަތަ ހޯދާފައިވާ ސަރަޙައްދީ އިޙްތިސާސް ތަކަކީ އދ. ގެ ނިޒާމުގެ ތެރެއިން ބާޠިލު ކުރެވޭނެ އަދި އަނބުރާ އަތުލެވިދާނެ އެއްޗެއް ކަމެވެ.

ޢާއްމު މަޖުލިހުގެ 2145 ނަމްބަރު ޤަރާރަށް ބާރުދީ، އައިސީޖޭގެ ނެމީބިއާ އޮޕީނިއަން (1971) ގައި ވަނީ، މި ޤަރާރުގައި ވާގޮތަށް މާނަކޮށް އިސްތިޝާރީ ލަފާ ނެރެފައެވެ. އެހެންވީމާ ސަބަބުވެރި ނަޒަރުން ނެމީބިއާގެ މައްސަލައާއި، ފޯޅަވަހީގެ މައްސަލަ އަޅާކިޔަން ޖެހެއެވެ. ދިވެހިރާއްޖެއާއި ފޯޅަވަހީގެ ރަށްވެހީންގެ ކިބައިން ނުޙައްޤުން ވަކިކުރެވުނު ސަރަޙައްދެއް މޮރިޝަސް އަށް ދިނުމަށް އދ. ގެ ޤަރާރު ނަމްބަރު 2066 އިން ބާރު ލިބިދީފައިވެއެވެ. އެހެންކަމުން، ޤަރާރު ނަމްބަރު 2145 އިން ބަޔާން ކުރާ، ނެމީބިއާގެ ރައްޔިތުންގެ "އަމިއްލަ އިޚުތިޔާރުގައި ކަންކަން ނިންމުމުގެ ޙައްޤަށް" އަރައިގަނެވުނު ފަދައިން، ދިވެހިންނާއި ފޯޅަވަހީގެ ރަށްވެހީންގެ "އަމިއްލަ އިޚްތިޔާރުގައި ކަންކަން ނިންމުމުގެ ޙައްޤަށް" މިވަނީ މާބޮޑަށް އަރައިގަނެވިފައެވެ. މި ސަބަބުތަކާ ހެދި، އދ. ގެ 2066 ނަމްބަރު ޤަރާރު ބާޠިލު ކުރަން ޖެހެއެވެ. ނުވަތަ އެޤަރާރު މުރާޖަޢާ ކޮށް ތަޞްޙީޙީ ޤަރާރެއް ނެރެން ޖެހެއެވެ.

3.  ނަމޫނާ ކޭސްތަކުގައި ނިންމި ގޮތާ އެއްގޮތަށް ތަޠްބީޤު ކުރުން
ކުރިން ބަޔާން ކުރެވި ދިޔަ ނަމޫނާ މައްސަލަތަކުގައި ނިންމާފައިވާ ނިންމުންތަކަށް ޖުމްލަކޮށް ބަލާލުމުން އެނގިގެން ދަނީ އދ. ގެ ޢާއްމު މަޖުލީހުން އަންނަނިވި ގޮތަށް ޢަމަލު ކުރެވިދާނެ ކަމެވެ.
    1. ސުލޫކީ މިންގަނޑަށް ނުފެތޭ، ޙަޤީޤަތާ ޚިލާފުވާކަން ފާހަގަވާ ޤަރާރުތައް ޢާއްމު މަޖުލީހުން ބާޠިލު ކުރެވިދާނެކަން
    2. އާބާދީއެއްގެ "އަމިއްލަ އިޚްތިޔާރުގައި ކަންކަން ނިންމުމުގެ ޙައްޤަށް" އަރައިގަނެވޭ ޙާލަތުތަކުގައި، ޤާނޫނީ އިންތިޒާމަކުން ޙަވާލުކުރެވިފައިވާ ސަރަޙައްދީ އިޙްތިޞާސް އަނބުރާ އަތުލެވިދާނެކަން
ވީމާ އދ. ގެ އާއްމު މަޖުލިހަށް ލިބިގެންވާ މިދެންނެވި ބާރުގެ ދަށުން، 2066 ނަމްބަރު ޤަރާރު ބާޠިލުކުރަން ޖެހެއެވެ. ނުވަތަ އެ ޤަރާރު މުރާޖަޢާ ކޮށް ތަޞްޙީޙީ ޤަރާރެއް ނެރެން ޖެހެއެވެ. ސަބަބަކީ އެ ޤަރާރުން ވަނީ އިސްތިޢުމާރުގެ ދަށުން ސަރަޙައްދު ބައިކުރުން ޤާނޫނީ ގޮތުން ޞައްޙަ ކޮށްދީފައެވެ. އަދި އެ ޤަރާރުގެ ސަބަބުން ދިވެހިރާއްޖެ ވަނީ އިސްތިޢުމާރު ފިލުވުމުގެ މަރުޙަލާތަކުން އެއް ފަރާތް ކުރެވިފައެވެ. ޞައްޙަ ނޫން ނިންމުމެއް ބާޠިލު ކުރުމަކީ ތާރީޚު ބަދަލުކޮށް މާޒީ އަލުން ލިޔުމެއް ނޫނެވެ. އެއީ މާޒީގައި އޮތް ޙާލަތަށް އަލުން އިޢާދަ ކުރުމެވެ.

ތަޞްޙީޙު ކުރުމުގެ ވާޖިބު
އދ. ގެ ޤަރާރު ނަމްބަރު 2066 ބާޠިލު ކުރުން ވެގެންދާނީ ރިކޯޑްތައް އިޞްލާޙު ކުރުމުގެ ފިޔަވަޅެއް ކަމުގައެވެ. އެއީ ރިކޯޑްތައް ނައްތާލުމެއް ނޫނެވެ. އެ ފިޔަވަޅު އެޅުމުން އެ އިޢުތިރާފް ވެވެނީ، އިސްތިޢުމާރު ނައްތާލުމުގެ ނަމުގައި ހިންގާފައިވާ އިސްތިޢުމާރު ދެމެހެއްޓުމުގެ ޢަމަލެއް އދ. އިން ބަލައިގަނެވުނު ކަމަށެވެ. އަދި ވަކިން ޚާއްޞަކޮށް އިންޑިއާ ކަނޑުގެ އިސްތިޢުމާރުގައި ދިވެހިރާއްޖެ ޝިކާރައަކަށްވެ، ސިޔާދަތަށް ގެއްލުން ލިބިފައިވާ މިންވަރު ބަލައިގަތުމުގައި އދ. ފޭލިވެފައިވާ ކަމެވެ. ވީމާ މިކަން އިޞްލާޙު ކުރުމުގެ ވާޖިބު އޮތީ އދ. ގެ ޢާއްމު މަޖުލިހުގެ ކޮނޑުގައި އެޅިފައެވެ. އެފަދަ އިޞްލާހެއް ކުރުމުގެ ގޮތުން ފާސްކުރާ ތަޞްޙީޙީ ޤަރާރެއްގައި އަންނަނިވި ނުކުތާތައް ހިމެނެންވާނެއެވެ.
  1. ޤަރާރު ނަމްބަރު 2066 ބާޠިލު ކުރުން
  2. ފޯޅަވަހި ވަކި ކުރުމަކީ، އދ. ގެ އަސާސެއް ކަމުގައިވާ، އަމިއްލަ އިޚުތިޔާރުގައި ކަންކަން ނިންމުމުގެ ޙައްޤަށް އަރައިގަތުން ކަމުގައި ނިންމުން
  3. ކުރިއަށް އޮތްތާގައި ފޯޅަވައްސާއި ބެހޭ ހުރިހާ ވާހަކަތަކެއްގައި ދިވެހިރާއްޖޭގެ ބައިވެރިވުން އޮންނަން ޖެހޭނެ ކަމަށް ކަނޑަ އެޅުން
  4.  ދިވެހިރާއްޖެއާއި ފޯޅަވަހި ތާރީޚީ، ސަޤާފީ، އަދި ނަޞްލުގެ ގޮތުން ގުޅެނީ ކިހާ ވަރަކަށްތޯ ބެލުމަށް ފުރިހަމަ ތަޙްޤީޤީ ދިރާސާއެއް ކުރުމަށް އެންގުން
  5. ފޯޅަވަހީގެ ރަށްވެހިން ވަޒަނުން ބޭރު ކުރުން ކުށްވެރި ކޮށް، އެމީހުންގެ އިންސާނީ ކަރާމަތް ޙިމާޔަތް ކޮށް، ވަޒަނަށް އެނބުރި ދިޔުމުގެ ޙައްޤު އޮންނަން ޖެހޭނެކަން ބަލައިގަތުން.

ނިންމުން

އދ.ގ ގެ ޤަރާރު ނަމްބަރު 2066 އަކީ ސީޔާސީ ވާދަވެރި ޖަޒުބާތުގައި ދެވިފައިވާ ރައްދެކެވެ. އެއީ އެއްވެސް ޙާލެއްގައި އދ. ގެ ޗާޓަރުގައި ބިންވަޅު ނެގިފައިވާ އަސާސްތަކުގެ މަތީގައި އެއްވެސް ކަމަކަށް އޮތް ހެއްކެއް ނުވަތަ ހުއްޖަތެއްވެސް ނޫނެވެ. އެ ޤަރާރު ވަނީ އިސްތިޢުމާރު ނައްތާލުމަކީ ވިޔަފާރިއަކަށް ހަދާފައެވެ. އިސްތީއުމާރު ނައްތާލުމުގެ މަރުޙަލާތަކުން ދިވެހިރާއްޖެ އެއް ފަރާތް ކޮށްފައެވެ. އެހެން މަގުތަކަކުން އިސްތިޢުމާރު ކުރިއެރުވޭނެ ގޮތް ފަހި ކޮށްދީފައެވެ. އެފްރިކަން ޔުނިއަންއާއި، ނަންއެލައިންޑް މޫވްމަންޓް، އަދި ސޮވިއެޓް ބްލޮކްތަކުން ވަނީ، މިނިވަން ކަމުގެ އަޑު އުފުލާފައެވެ. އެކަމު އިސްތިޢުމާރު ކުރުމުގެ ކުރީގެ ތާރީޚީ ޙަޤީޤަތްތަކަކީ ކޮބައިތޯ ބަލާފައެއް ނުވެއެވެ.

މި ޤަރާރު ބާޠިލު ކުރުމަކީ ބައިނަލް އަޤްވާމީ ޤާނޫނު ގަޔަށް ހެޔޮވަރު ކުރުމެއް ނޫނެވެ. އެއީ އިންސާފު ނެގެހެއްޓުމެވެ. ހުވަދު އަތޮޅު ރަށްރަށަށް ކަނޑުން ބުޅާތަކެއް އަރާ ރަށްރަށް ފަޅުވުމާއި، އައްޑު އަތޮޅު ހިތަދޫ، ކޯއްޓޭގެ ހާދިސާއާއި، 1810 ގައި ފޯޅަވަހިން އަތުލައިގަނެވުނު ދިވެހިންގެ ވާހަކައާއި، އިސްތިމާރީ އަރުޝީފްތައް ސިއްރުކުރުން ފަދަ ކަންކަން އިޝާރާތް ކުރަނީ ހަމަ އެންމެ ޙަޤީޤަތަކާއި ދިމާއަށެވެ. އިނގިރޭސިން އައުމާއި މޮރިޝަސް އުފެއްދުމުގެ މާކުރިން، ދިވެހިރާއްޖެއާއި ފޯޅަވަހި ހިއްސާ ކުރީ އެއް ތާރީޚެއް ކަމުގެ މައްޗަށެވެ. ޑިކޮލޮނައިޒް ކުރުމުގެ އަސާސްތަކާއި، "އަމިއްލަ އިޚުތިޔާރުގައި ކަންކަން ނިންމުމުގެ ޙައްޤު" ޙިމާޔަތް ކޮށް، އދ. ގެ ޗާޓަރު ނަގަހައްޓަން ބޭނުންވާ ނަމަ ޤަރާރު ނަމްބަރު 2066 ބާޠިލު ކުރުން ނޫން އެހެން ޚިޔާރެއް އދ. ގެ ކުރިމަތީގައި ނޯންނާނެއެވެ.