November 05, 2025

މުހިއްމު ޚަބަރު: މޮރިޝަސްގެ ޤާނޫނުލް އުޤޫބާތުގެ ސެކްޝަން 76-ބީ އުވާލައިފި

ނިއުސް އެންޑް މީޑިއާ ޑެސްކު / ފޯޅަވހީގެ ޙައްޤުގައި ދިވެހީން:
ފޯޅަވައްސަކީ މޮރިޝަސްގެ ބައެއް ނޫން ކަމުގައި ރަމްޒު ކޮށްދޭ ފައިސާ ފޮއްޗާއި، ސްޓޭމްޕާއި، ޗާޓް ފަދަ ތަކެތި އުފައްދާ ގެންގުޅެ، އަދި ޢާއްމު ކުރުމަކީ ޤަނޫނީ ކުށެއް ކަމަށް ކަނޑައަޅާފަ އޮންނަ އޮތުން އުވާލައިފިއެވެ. މިކަން ކަށަވަރު ކޮށްދީފައި ވަނީ އިނގިރޭސި ވިލާތުގެ ފޮރިން ކޮމަންވެލްތް އެންޑް ޑިވެލޮޕމަންޓް އޮފީސް އިން، 30 އޮކްޓޫބަރުގައި ނެރުއްވި ބަޔާނުގައެވެ. މޮރިޝަސްގެ ޤާނޫނުލް ޢުޤޫބާތުގެ ސެކްޝަސް 76– ބީ ގައި މިގޮތަށް ކަނޑައެޅީ 2021 ވަނަ އަހަރުއެވެ. އޭގައި ވާގޮތުން ފޯޅަވައްސަކީ މޮރިޝަސްގެ ބައެއް ނޫންކަމަށް ރަމްޒުކޮށްދޭ، ޗާޓް، ސްޓޭމްޕް، ލާރި ފޮތި، ލިޔުން ފަދަ އެއްވެސް އެއްޗެއް އުފައްދާ، ޢާއްމުކޮށް، ބާހާ ހެދުމަކީ ޤާނޫނީ ކުށެކެވެ. އެފަދަ ކަމެއް ޤައުމުގައިވިޔަސް ޤައުމުން ބޭރުގައި ވިޔަސް ހިންގައިފި މީހަކު 10 އަހަރުގެ މުއްދަތަށް ޖަލަށް ލެވޭނެއެވެ. މިއީ ފޯޅަވަހި ހޯދުމަށް ދިވެހިން ކުރަމުން އަންނަ މަސައްކަތަށް ހުޅުވިގެން ދިޔަ އިތުރު ދޮރެކެވެ.

މިކަމުގެ ސަބަބުން، ދިވެހިރާއްޖެއާއި، މޮރިޝަސް އަދި ބައިނަލް އަޤްވަމީ އެއްންމެހައި ފަރާތްތަކަށް ފޯޅަވަހީގެ މައްސަލައިގާ، މިނިވަން ކަމާއި އެކު ޚިޔާލު ފާޅުކޮށް ޢިލްމީ ބަހުސްތައް ކުރިއަށް ގެންދަން މަގުފަހިވެގެން ދާނެއެވެ. ފޯޅަވައްސާއި ބެހޭ ތާރީޚީ، ސަގާފީ އަދި ސިޔާސީ ކަންކަމުގެ މައްޗަށް މީހުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ފުޅާކުރުމަށް ޖާގަ ލިބިގެން ދާނެއެވެ. އަދި މޮރިޝަސްއާއި ދިވެހިރާއްޖޭގެ، ޑިޕްލޮމެޓިކް ގުޅުމަށް އިޙުތިރާމް ކުރުމުގެ ގޮތުން، މޮރިޝަސްގެ ޤާނޫނުގައި މަނާ ކުރާ ކަމެއްގެ ވާހަކަ ރާއްޖޭގެ ރަސްމީ މަންސަތަކުގައި ނުދެއްކުމުގެ ބަނިޔާދަން ކަމުގައި، ދިވެހިރާއްޖޭގެ ޔުނިވާސިޓީތަކާއި، ނޫސްތަކާއި، ޓީވީ ޗެނަލްތަކާއި، ސިޔާސީ ޕާޓިތަކުންވެސް ދެން ތިބޭކަށް ނުޖެހޭނެއެވެ.

އަޅުގަނޑު މެންނަށް މިކަން މުހިއްމުވާ އަނެއް ސަބަބަކީ، މި ޙަރަކާތުގެ ފަރާތުން އދ. އަށް ހުށަހެޅުމަށް ތައްޔާރު ކުރަމުންދާ ޑޮކިއުމަންޓްގައި، ލިޔެލަން ބޭނުން ވާ ހަމަ އެންމެ ޖުމްލައެއް ލިޔެލުމުގެ ފުރުޞަތު ލިބިގެން ދިޔުމުންނެވެ. އެހެންކަމުން، މޮރިޝަސްގެ ޤަނޫނުލް ޢޫޤޫބާތުގެ ސެކްޝަން 76-ބީ ބާޠިލު ކުރުމުން އެކަމާއި ގުޅޭ ގޮތުން މިޙަރަކާތުގެ ފަރާތުން އިނގިރޭސި ބަހުން ނެރޭ ރަސްމީ ބަޔާން، މިޙަރަކާތުގެ އިނގިރޭސި ވެބްސައިޓްގައި މިހާރުވަނީ ޝާއިޢު ކުރެވިފައެވެ.