އައުޓް ރީޗް ކޯޑިނޭޝަން ޑެސްކް/ ފޯޅަވަހީގެ ޙައްޤުގައި ދިވެހިން:
ކަމަކު ދާކަށް ނެތެވެ! ހީވަނީ ފަންޑިތަ ހުސްވެފައި ތިބި އެދުރު ބޭކަލުންތަކެއް ހެންނެވެ. އެންމެ ހޭޖެހޭ ބޮޑެތި މީހުންވެސް ވީމޮޅީގައި ރަޖާލައިގެން ތިބީ އެނދަށް އަރައެވެ. އަނެއްބަޔަކު ލަގޮނޑީގައި ރިއްސާ ނޭވާލާން ދަތިވެ، ބޮލަށް އެނބުރުން އަރާވަރުން، ބޮލުގައި ދެއަތް އަޅައި، ކިޔެވުނުހާ ހެޔޮއެއްޗެއް ކިޔަވަނީއެވެ. ވާނީވެސް އެހެންނެވެ! ފޯޅަވަހީގައި ސެޓަލައިޓް އިސްޓޭޝަނެއް ހަދަން މޮރިޝަސްއިން އިންޑިއާއި އެކު އެއްބަސްވެ ނިމުނީޔޯލައެވެ. އދ. ގެ ޗާޓަރާއި، ބައިނަލް އަޤްވާމީ ޤާނޫނުތަކާއި، ޑިކޮލޮނައިޒް ކުރުމުގެ އަސާސްތަކާ އެއްގޮތަށް މަސައްކަތް ކޮށްގެން ފޯޅަވަހި ހޯދަން ކުރަމުން އައިހާ މަސައްކަތެއް ފަނުފުލުން ދިޔައީޔޯލައެވެ. ކިހާ ދެރަތޯއެވެ! އަނެއްކާވެސް ޕްރޮޕެންގަންޑާގެ ޝިކާރަޔަކަށް އަޅުގަނޑުމެންވެ ނިމުނީއެވެ.
ވެގެން މިއުޅޭ ގޮތަކީ، ބައިނަލް އަޤްވާމީ މެރިޓައިމް ވިޔަފާރީގެ އޮންލައިން މަޖައްލާ އެއް ކަމުގައިވާ "ދަ މެރިޓައިމް އެގްޒެކަޓިވް" ގައި، ޝައީޢުކޮށްފައިވާ "އަސްކަރީގޮތުން ޗާގޯސް ގައި ޤާއިމުވެ ތިބުމުގެ މަގު އިންޑިއާ އިން ކަށަވަރުކޮށްފި" (ގާތްކުރާ ތަރުޖަމާ) މި ސުރުޚީގެ ދަށުން ލިޔެފައިވާ "ނެރެޓިވް ރިޕޯޓެއް" ކިޔާފައި ދިވެހިން މާޔޫސްވީއެވެ. އެޔަކީ ކަންހިނގި މައިދާނުން ގެނެސްދީފައިވާ "ފީލްޑް ރިޕޯޓެއް" ނުވަތަ ޚަބަރެއްވެސް ނޫނެވެ. ލިޔުމަކީ ޙަވާލާދީ ލިޔެފައިވާ ލިޔުމެކެވެ. ބަވަނަ ދުނިޔޭގެ ސިޔާސަތާއި އިންޑިއާ ކަނޑުގެ ސަލާމަތީ، އިގްތިޞާދީ، ސިޔާސީ ހަޤީގަތް "ޝަރަޙަ ކޮށްދޭ ލިޔުމެއް" ނުވަތަ ނެރެޓިވް ފީޗާ އާޓިކަލް އެކެވެ. އެލިޔުން ބިނާ ކޮށްފައި ވަނީ، މޮރިޝަސްގެ ބޮޑުވަޒީރު ރަންގޫލަމްގެ އިންޑިއާ ދަތުރު ފުޅު ނިންމަވާ ލެއްވުމަށްފަހު، 11 ސެޕްޓެމްބަރު 2025 ގައި، އިންޑިއާގެ އެކްސްޓަނަލް އެފެއާޒް މިނިސްޓްރީގެ ވެބްސައިޓުގައި، ޝާއިޢު ކޮށްފައިވާ "އިންޑިއާ – މޮރިޝަސް ޖޮއިންޓް ސްޓޭޓްމަންޓް" އާއި ގުޅުވައިގެން ލިޔެވުނު ޚަބަރުތަކުގެ ޙަވާލާގެ މަތީގައެވެ.
ވީމާ މިލިޔުމުގައި ބަލައިލާނީ، މި ޖޮއިންޓް ސްޓޭޓްމަންޓްގައި ބުނެފައިވަނީ ކީކޭތޯއާއި، މޮރިޝަސްއާއި ފޯޅަވަހީގެ ސިޔާދަތީ ބާރު އެބަ ހަވާލުކުރެވޭތޯއާއި، އެއެއްބަސްވުމަށް މިހާރު ވަމުންދަނީ ކިހިނެއްތޯއާއި، އަދި ޙަވާލު ކުރިއަސް އިންޑިއާއަށް ފޯޅަވައްސާއި ކައިރިވެވޭނީ ކިހާ ހިސާބަކަށް ތޯއާއި، މިކަންކަމުގެ މައްޗަށެވެ. އަދި އަމުދުން، ދިވެހި ރާއްޖެއަށް ފޯޅަވަހި ލިބުމުގައި އޮތް އެއްވެސް ފުރުޞަތެއް ހަނިވެއްޖެތޯއާއި، ރާއްޖޭގެ ކުރިމަތީގައި މިވަގުތު އޮތް ގޮންޖެހުމަކީ ކޮބައިތޯއެވެ.
އިންޑިއާ – މޮރިޝަސް ޖޮއިންޓް ސްޓޭޓްމަންޓް
މިދޭތެރެއިން، އެމެރިކާއިން އިންޑިއާއަށް އެކި ފިއްތުން ފިއްތާ، އިންޑިއާއިން އެތެރެ ކުރާ ތަކެތީގެ ޓެރިފް 50% އަށް މަތިކޮށްލިއެވެ. އަދި އިންޑިއާ މީހުންނަށް ބައެއް ކެޓަގަރީ ތަކުގެ ވިސާގެ އަގު އަތް ނުފޯރާ ފަށަށް އުފުލާލިއެވެ. ބައެއް ކުންފުނިތަކާއި، ކެޓަގަރީ ތަކުން އިންޑިއާ މީހުނަށް ދީފަވާ ވިސާވެސް ކެންސަލް ކުރަން ނިންމިއެވެ. މިކަމުގެ ކޮންމެވެސް ރައްދެއް ދެވޭތޯ ބޮޑުވަޒީރު މޮޑީ މޮރިޝަސްގެ ބޮޑުވަޒީރު ރަންގޫލަމް އަށް ރަސްމީ ދަތުރު ފުޅެއްގައި އިންޑިއާއަށް ވަޑައިގަތުމަށް ދަޢުވަތު ދެއްވިއެވެ. އެއީ ރަންގޫލަމްގެ ބާރު އެމެރިކާގެ މައްޗަށް އޮތްލެއް ބޮޑު ކަމަކުންނޫނެވެ. ވަރަށް ސާދާ ސީދާ ވިސްނުންފުޅެއްގެ ދަށުންނެވެ. ބޮޑުވަޒީރު މޮޑީއާއި އިންޑިއާގެ ބައެއް ދިރާސާވެރިން ޤަބޫލުފުޅު ކުރައްވާ ގޮތުން، މޮރިޝަސްއަށް ފޯޅަވަހީގެ ސިޔާދަތީ ބާރު ހަވާލުކުރުން ނޫންގޮތެއް ދެން އިނގިރޭސިންނާއި އެމެރިކާ މީހުނަކަށް ނެތެވެ. އެހެންވީމާ، މޮރިޝަސް ހަދާނީ އިންޑިއާ ބޭނުންވާ ގޮތެކެވެ. މޮރިޝަސްގެ ކިބައިން، ޑިއޭގޯގާސިޔާގައި ތިބުމުގެ އާނބަސް ހޯދުމަށް، ދެން އެމެރިކާއަށް ޖެހޭނީ އިންޑިއާ ރުއްސާށެވެ. މިކަން އިތުރަށް ކަށަވަރު ވަނީ ރަންގޫލަމްގެ ދަތުރުފުޅަށް ފަހު، އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީ އިން ނެރުނު ޖޮއިންޓް ސްޓޭޓްމަންޓްގައި، ނުސީދާ ގޮތަކުން ނަމަވެސް ޗާގޯސްގެ ނަން ލިޔެލެވޭތޯ ބަލާފައި އޮތުމުންނެވެ.
އާދޭހެވެ! އިންޑިއާ – މޮރިޝަސް ޖޮއިންޓް ސްޓޭޓްމަންޓް ގައި ބުނެފައި ވަނީ، ރަންގޫލަމްގެ މިދަތުރުފުޅަކީ، މޮޑީގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެއް ކަމުގައެވެ. މިދަތުރުފުޅުގައި ދެބޭފުޅުންގެ ދެމެދުގައި ދެކެވުނު ވާހަކަތައް ވަރަށް ކާމިޔާބު ކަމުގައެވެ. މިދަތުފުޅުގައި ބޮޑުވަޒީރު ރަންގޫލަމް މޮރިޝަސްގެ ފަރާތުން އެދިވަޑައިގެންނެވި ކަންކަމުގެ މައްޗަށް އަންނަނިވި މަޝްރޫޢުތައް މޮރިޝަސްގައި ހިންގަން އެއްބަސް ވެވުނު ކަމަށެވެ. އުސޫލެއްގެ ގޮތުން މިމަޝްރޫޢުތައް ވެގެން ދާނީ ދެޤައުމު ގުޅިގެން ހިންގާނޭ މަޝްރޫޢުތަކަށް ކަމުގައެވެ. މީގެ ތެރޭގައި ހިމެނެނީ ހިލޭއެހީގެ ގޮތުގައި ހިންގާނޭ ހަތަރު މަޝްރޫޢު (215 މިލިއަން ޑޮލަރު) އާއި، ހިލޭއެހީއާއި ލައިން އޮފް ކްރެޑިޓާ ދެބައިން ހިންގާނޭ ހަތަރު މަޝްރޫޢު (440 މިލިއަން ޑޮލަރު) ގެ އިތުރުން ސްޓްރެޓެޖިކް މަޝްރޫޢުތަކާއި ބަޖެޓަރީ ސަޕޯޓް (25 މިލިއަން ޑޮލަރު) ގޮތުގައި ހިންގާނޭ ތިން މަޝްރޫޢު ކަމުގައެވެ. މި މަޝްރޫޢުތަކުގެ (ޖުމްލް 680 މިލިއަން ޑޮލަރު) ތަފްޞީލު ކިޔުންތެރިންނަށް ފަސޭހަ ކޮށްލުމުގެ ގޮތުން މިތާ ހިމަނާ ލާނަމެވެ.
ހިލޭއެހީގެ ގޮތުގައި ހިންގާނޭ ހަތަރު މަޝްރޫޢު (215 މިލިއަން ޑޮލަރު)
މޮރިޝަސްއާއި ފޯޅަވަހި ޙަވާލުކުރުމުގެ އެއްބަސްވުން - ސޮޔާމެދު މައްސަލަ ޖެހުން
އިނގިރޭސިންނާއި މޮރިޝަސްއާއި ދެމެދު ސޮއިކުރެވުނު، ފޯޅަވަހީގެ ސިޔާދަތު މޮރިޝަސްއާއި ޙަވާލުކުރުމުގެ އެއްބަސްވުމަކީ، މޮރިޝަސްގެ ކުރީގެ ބޮޑުވަޒީރު ޖުގްނައުތުގެ ސަރުކާރު ވެއްޓެން ދިމާވި މައިގަނޑު މައްސަލައެވެ. އެގްރީމެންޓާއި މެދު އިދިކޮޅު ލީޑަރު ރަންގޫލަމް ދުށީ، އެގްރީމެންޓަކީ، ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއާއި ހަވާލުކުރާ އެގްރީމެންޓެއް ނޫންކަމުގައެވެ. އޭގެބަދަލުގައި، އެއީ ޖުގްނައުތުގެ ސަރުކާރުން ފޯޅަވަހީގެ ސިޔާދަތީ ބާރު އިނގިރޭސިންނަށް އަނބުރާ ވިއްކާ ލުމަށް ހެދޭ އެގްރިމަންޓެއް ކަމުގައެވެ. ނަތީޖާއަކަށްވީ، މައްސަލަ ހޫނުވަމުން ގޮސް އަލުން އިންތިޚާބެއް ބޭއްވުމާއި ހަމަޔަށް ދިޔުމެވެ.
އާ އިންތިޚަބު ބޭއްވީ 24 ނޮވެމްބަރު 2024 މ. ގައެވެ. ބޮޑު ތަފާތަކުން، ގާތްގަނޑަކަށް ޕާލަމެންޓްގެ ހުރިހާ ގޮނޑިއެއްގޮތަށް ކާމިޔާބު ކުރެއްވީ އިދި ކޮޅު ލީޑަރު، މިހާރު ހުންނެވި ރަންގޫލަމް އެވެ. ބުނެވޭ ގޮތުން ރަންގޫލަމްގެ ސަރުކާރު ވެރިކަމަށް އައީ އެގްރީމެންޓުގެ ޑްރާފްޓް ދައްކައިގެން އެއީ ޖުގްނައުތު އިސްތިގުލާލު ވިއްކާލަނީއޭ ކިޔައިގެންނެވެ. އެހެންވީމާ މޮރިޝަސްގެ ގިނަ ރައްޔިތުން އެގްރީމެންޓާއި ދެކޮޅެވެ. އެހާ ދިގު މުއްދަތަކަށް އެތަން ކުއްޔަށް ދޭކަށް ބޭނުމެއް ނުވެއެވެ. އެހެން ނަމަވެސް ފާހަގަ ކޮށްލެވޭ ކަމަކީ، އެގްރީމެންޓުގައި ސޮއި ކުރީވެސް އެއަށް ފާޑު ކިޔަމުން އައި ރަންގޫލަމްއެވެ. އެއީ 22 މޭ 2025މ ގައި ކަމަށް ރަސްމީ ބައެއް މަސްދަރުތަކުން ހާމަ ކޮށްފައިވެއެވެ. އެކަން ވީގޮތުގެ މައްޗަށް ބަލައިލާނީ އެހެން ލިޔުމެއްގައެވެ.
އެގްރިމެންޓާއި މެދު މޮރިޝަސްގެ ފަރާތުގައި މިހާރު އޮތް ޙާލަތަކީ، އެ އޮތްގޮތަށް ބާއްވައިގެން އޭތި ރެޓިފައި ކުރަން ބޭނުމެއް ނުވެއެވެ. ހުއްޖަތަކީ، ޗާގޯސިޔަނުންނަށް އަނބުރާ ރަށަށް ދެވޭނެކަން ކަށަވަރު ނުވާތީ، އެއީ އެއްކަމެވެ. އަނެއް ކަމަކީ، އެހާ ދިގުމުއްދަތަށް އެމެރިކާއަށް އެތަން ކުއްޔަށް ދިނުމަށް ޖެހިލުން ވަނީއެވެ. ތިންވަނަ ކަމަކީ ޗާގޯސް ކަނޑުތަކުގައި ހައިޑްރޯގްރަފިކް ސާވޭތައް ހެދުން ފަދަ ކަންކަން ކުރެވޭނެ މަގު ނެތުމެވެ. އެހެންފަރާތްތަކުގެ މައްސަލަ ތަކުގެ ތެރޭގައި، އދ. ގެ ހިއުމަން ރައިޓްސް އިން ބުނަނީ، އެއެގްރީމެންޓްގައި، ޗާގޯސިއަނުންގެ އިންސާނީ ޙައްޤުތައް ކަށަވަރު ކޮށްދެވިފައި ނުވާ ކަމުގައެވެ. އެހެންވީމާ އެއީ މުޅި އެއްބަސްވުމުގެ ޞައްޙަކަން ބައިނަލް އަޤްވާމީ މައިދާންތަކުގައި ގެއްލިގެން ދާނޭ ކަމެކެވެ.
އިނގިރޭސި ވިލާތަށް ބަލާއިރު، މިމައްސަލައިގައި ސިޔާސީ މައިދާން އޮތީ ވަރަށް ބޮޑަށް ބައިބައިވެފައެވެ. ލޭބާ ޕާޓީއާއި ކޮންޒަވޭޓިވް ޕާޓީގެ ވިސްނުން ވަރަށް ބޮޑަށް ފުށުއަރައެވެ. ކޮންޒަވޭޓިވުންގެ ޒުވާބަކީ ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލައިފި ނަމަ، އެކަމުގައި ސަލާމަތީ ކަންބޮޑުވުންތަކެއް ހުރިކަމަށެވެ. އެންމެ ނުބައި ކަމެއްގެ ގޮތުގައި، ޗައިނާގެ ނުފޫޒު އިންޑިއާ ކަނޑަށް ގަދަކޮށް ވަކި ހިއްޕާލާނެކަމަށެވެ. އަނެއްކަމަކީ، ޑިއެގޯ ގާސިޔާގައި އޮތް އެމެރިކާއާއި އިނގިރޭސިންގެ މިލިޓަރީ ބޭސް އެތާގައި ދެމެހެއްޓޭނެ ކަމުގެ ޔަގީން ކަމެއް ނެތުމެވެ. ބައެއް ގްރޫޕުތަކުން، ޗާގޯސިޔަނުންގެ ޙައްޤު ގެއްލިފައި ވާކަމަށް ބުނެ، އެމީހުންގެ ބައިވެރިވުން ނުވަތަ، އެމީހުންގެ ޙައްގުތައް އެގްރިމެންޓުން ކަށަވަރު ކޮށްދެވިފައި ނުވާ ކަމުގެ މައްސަލަ ޖައްސަމުންދެއެވެ. ވީމާ ކުރުކޮށްލާފައި ދަންނަވާނަމަ، އެގްރީމެންޓުގައި ދެފަރާތުން ސޮޔެއް އަޅާލުމަކީ، ވަކިކަމެވެ. ރެޓިފައި ކުރުމަކީ އެއީ ޕާލަމެންޓުން ކުރަން ޖެހޭ ކަމެކެވެ. އެއީ އެހާ ފަސޭހަކަމަކަށް ގިނަފަހަރަށް އޮންނަނީ ނުވެފައެވެ. އަމުދުން މިބާވަތުގެ ބަވަނަ ދުނިޔޭގެ ސިޔާސަތަށް އަސަރު ފޯރާ ކަންކަމުގައި އެއީ ނުހަނު އުނދަގުލުން ކުރެވޭ ކަންކަމެވެ. މިދެންނެވި ސަބަބުތަކާއި ހެދި މޮރިޝަސްއިންވެސް އަންނަނީ އެގްރީމެންޓް ރެޓިފައި ކުރުމާއި މެދު ފޫކަހަމުންނެވެ. އަދި އިނގިރޭސި ވިލާތުގައިވެސް އެކަން އޮތީ އެގޮތަށެވެ.
އެގްރިމެންޓް ރެޓިފައިވީމާ، އިންޑިއާއަށް ފޯޅަވައްސާ ކުޑަތަންވެވޭނެތޯ
މިހާރު އޮތްގޮތުން އެ އެގްރިމެންޓް ރެޓިފައިވެގެން އައުމަކީ އަދި ބެލެވޭ ގޮތުން ތަންކޮޅެއް ދުރުގައި އޮތް ކަމެކެވެ. ނަމަވެސް ރެޓިފައި ވިޔަސް ޑިއެގޯ ގާސިޔާގައި އެމެރިކާ މީހުން ހިންގާ ބޭސްއަށް ވަރުގަދަ ސެކިއުރިޓީ ރިވިއުއެއްގެ ދަށުން ނޫނީ އެއްވެސް ބަޔަކަށް ގާތް ނުވެވޭނެއެވެ. އެތަނަށް ގާތްވެވޭނެ މީހުނާއި ގާތް ނުވެވޭނެ މީހުން ނިންމުމުގެ އިޚްތިޔާރު އެ އެގްރީމެންޓްގެ ދަށުން މޮރިޝަސް އަކަށް ނުލިބޭނެއެވެ. ސަބަބަކީ މިހާރު އޮތް އެގްރީމެންޓުގެ 3 ނަވަ މާއްދާގައި ވާގޮތުން ޑިއޭގޯ ގާސިޔާގައި އޮތް ބޭސްގެ ދިގުމުއްދަތުގެ ސެކިއުރިޓީ އޮޕަރޭޝަންސްއަށް އުދަގުލެއް ނުވަތަ ދަތިކަމެއް ހުރަހެޅޭނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެއެވެ.
ހަމައެގޮތަށް މިހާރު އޮތް އެގްރީމެންޓްގެ އެނެކްސް 1 ގައި ބުނާ ސެކިއުރިޓީ ރިވިއުތައް ހަދަން ޖެހެއެވެ. އޭގައި ބުނާގޮތުން ޗާގޯސް ސަރަޙައްދުގެ އިލެކްޓްރޯމެގްނެޓިކް ސްޕެކްޓްރަމް ބަލަހައްޓާ ބޭނުންކުރަން ޖެހޭނީ އިނގިރޭސި ވިލާތާއި މޮރިޝަސް އާއި ގުޅިގެން ދެފަރާތް އެއްބަސްވެ ނިންމާ ގޮތްތަކުގެ މަތިންނެވެ. ކޮންމެހެން ދިގުކުރާނެ ކަމެއް ނެތެވެ، އެނެކްސްގައި ވާގޮތުން، ސެޓަލައިޓް އިސްޓޭޝަން ކީއްކުރަންތޯއެވެ. އެއިން ރަށެއްގައި، ފާޚާނާއެއް ހަދަން ގާބުރިއެއްވެސް ބާއްވާލެވޭނީ އިނގިރޭސިންނާއި އެމެރިކާއާއި، މޮރިޝަސްއާއި ތިންބައިމީހުން އެއްބަސްވާ ގޮތަކަށެވެ. އިތުރު ބައެއްގެ ނަމެއްނެތެވެ. 3 ބައި މީހުންގެ ތެރެއިން މެޖޯރިޓީއަކީ، އެމެރިކާ އާއި އިނގިރޭސިވިލާތެވެ. އެކަން ބާއްވާފައި، އެނެކްސް 1 ގެ 3 ވަނަ ނުކުތާގެ (ޑީ އާއި އީ) ގައި ވާގޮތުން، ގުދުރަތީ މުސީބާތަކާއި ގުޅިގެން އިމަޖަންސީ ޙާލަތުގައި އަންނަ، އިނގިރޭސިންނާއި، އެމެރިކާ ފިޔަވައި އެހެން ސަލާމަތީ ބާރަކަށް 30 ދުވަހަށް ވުރެ ދިގުމުއްދަތަށް އެތާ ތިބެވޭނީ، ގުޅިގެން ނިންމާ، ޖޮއިންޓް ޑިސިޝަނެއްގެ ދަށުންނެވެ. އެހެންވީމާ ކުރުކޮށް ދަންނަވާނަމަ އިނގިރޭސިންނާއި، މޮރިޝަސްއިން އެގްރިމެންޓް ރެޓިފައި ކޮށްފި ނަމަ އޭގެ މާނަޔަކީ، އިންޑިއާއަށް ޗާގޯސްގައި ފައި ޖައްސާލުމުގެ ފުރުޞަތުވެސް ގެއްލުނީއެވެ. ސެޓެލައިޓް އިސްޓޭޝަން ހެދުމަކީ އަދި މާދުރުގަ އޮތް ކަމެކެވެ.
ދިވެހިރާއްޖެއަށް ފޯޅަވަހި ހޯދުމުގެ ފުރުޞަތު ދަނީ ހަނިވަމުންތޯ
ފޯޅަވަހި މޮރިޝަސްއާއި ޙަވާލުކުރުމުގެ އެއްބަސްވުން ދެ ޤައުމުން ކުރެ ޤައުމަކުން ރެޓިފައި ނުކޮށް ލަސްވަމުން ދިޔުމަކީ އަޖައިބުވާން ޖެހޭ ކަމެކެވެ. އިނގިރޭސިންގެ ޙަގީގީ މަގުޞަދަކީ އދ. ގެ ޖެނެރަލް އެސެމްބްލީގެ "ސިޔާސީ" ނިންމުމާ (އެއީ ޤާނޫނީ ނިންމުމެއް ނޫން) އެއްގޮތަށް ޢަމަލުކުރުން، އެގައުމުން ދައްމަމުން ގެންދާ ކަމުގެ ބަދުނާމުން އެއްކިބާވުމެވެ. އެހެންވެ، މިހާރު ދެން މިފެންނަނީ، އދ. ގެ ޖެނެރަލް އެސެމްބްލީގެ އެ ނިންމުމާއި އެއްގޮތަށް ވީހާ އަވަހަކަށް އަމަލުކޮށް ނިންމޭތޯ އިނގިރޭސިން ހެސްކިޔާފަ މަސައްކަތް ކުރާތަނެވެ. އުޅެއުޅެ، ފޯޅަވަހި މޮރިޝަސްއާއި ޙަވާލު ނުކުރެވިގެން އިނގިރޭސިން ތެޅިފޮޅޭ މަންޒަރެވެ. އެއްކޮޅުން މޮރިޝަސްގެ ޕާލަމެންޓުން އެގްރިމެންޓް ރެޓިފައި ނުކޮށްދީގެންނެވެ. އަނެއް ކޮޅުން އިނގިރޭސި ޕާލަމެންޓުން ރެޓިފައި ނުކޮށްދީގެންނެވެ. މިހެން މިކަން ވަކި ގޮތަކަށް ނުނިމި ދިގުދެމެމުން ދާތީ، އެކަމުން ދިވެހިންނަށް ފުރުޞަތުވާނީ ހަނިތޯއެވެ، ނުވަތަ ފުޅާތޯއެވެ؟ ހިތަށް އަރަނީ މިކަމުގައި ދިވެހިންނާއި އެއްކޮޅަށް ނިމިފައި އޮތް ތަޤްދީރުގެ ނިޔާއެއް އޮތީ ނޫންބާވައެވެ!
ޝައްކެއް ނެތެވެ! ރާއްޖެއަށް އޮތް ފުރުޞަތު އަންނަނީ ފުޅާވަމުންނެވެ. ދުވަހެއް ދުވަހަކަށް މި ކަމުގެ ޙަޤީޤަތް ދުނިޔެއަށް އަންނަނީ ފަޅާ އަރަމުންނެވެ. ދިވެހިރާއްޖޭގެ ރަސްމީ އިދާރާ ތަކާއި އަމިއްލަ ފަރާތްތަކުގެ މަސައްކަތުން، ފޯޅަވައްސަކީ ދިވެހިންގެ ތަނެއް ކަން ދުނިޔެއަށް އެނގި ހާމަވާނެއެވެ. 'އިސްތިޢުމާރީ ހިންތާއަކުން' ދިވެހިރާއްޖެ އދ. ގެ ޑިކޮލޮނައިޒޭޝަން ޕްރޯސަސްއިން އެކަހަރި ކުރެވިފައިވާ ކަން ދުނިޔެ ބަލައިގަންނާނެއެވެ. މާގިނަ ދުވަސްތަކެއް ނުވެ އިސްތިޢުމާރު ނައްތާލާ ދަފްތަރުގައި (NSGT) ދިވެހިރާއްޖެ ނުހިމަނާ ދޫކޮށްލި ސަބަބު ހޯދަން ދުނިޔޭގެ ލޯތައް ހުޅުވަން ފަށާނެއެވެ.
ރާއްޖޭގެ ކުރިމަތީގައި މިވަގުތު އޮތް ގޮންޖެހުމަކީ ކޮބައިތޯ
ފޯޅަވަހި ހޯދަން ރާއްޖޭގެ ކުރިމާތީގައި މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހަމަ ދިވެހިންނެވެ. ދިވެހިންގެ ތެރޭގައި އޮތް ސިޔާސީ ބައިބައިވުމެވެ. ދިވެހި ޤާނޫނީ ވަކީލުންނަށް، ދުނިޔޭގެ ތާރީޚުގައި، ޤާނޫނީ ވަކީލުން އިސްތިޢުމާރާއި ދެކޮޅަށް، މިނިވަންކަން ހޯދުމަށް ކުރި ހަނގުރާމަތަކާއި، ވީ ޤުރުބާނީ ތަކުން ލިބުނު ފިލާވަޅުތަކުގެ ބޭނުން ނުހިފުމެވެ. ފޯޅަވަހި ހޯދުމުގެ މަސައްކަތުގައި ދިވެހި ނޫސްވެރިން ވަގުތު ހޭދަކުރަން ބޭނުން ނުވުމެވެ. ނޫސްތަކާއި، ޓީވީ ޗެނަލްތައް ހިންގާ ފަރާތްތަކުގެ ކިބައިގައި، ފޯޅަވަހި ހޯދުމުގެ ޝައުޤުވެރިކަން ކުޑަވުމެވެ. އަހަރެއްހާ ދުވަހަށް އެނބުރި ބަލާލާ އިރުވެސް ރާއްޖޭގެ ޓީވީ ޗެނަލް އަކުން އިސްނަގައިގެން ފޯޅަވަހި ހޯދުމުގެ ވާހަކަޔާއި، ތާރީޚުގައި ކަންހިނގާފަ އޮތް ގޮތާއި، ދިވެހިންނަށް އޮތް ފުރުޞަތުގެ މައްޗަށް މަޢުލޫމާތު ފަތުރަން މަސައްކަތް ކޮށްފައެއް ނުވެއެވެ. ދުވަސްތަކަކަށް ފަހު ރާއްޖޭގެ ނޫހެއްގައި ފޯޅަވައްސޭ ލިޔެފަ އޮއްވާ ފެނުނީ އިއްޔެ، "ކާފު" ނޫހުގައި އޮތް ސުރުޚީއަކުންނެވެ. ލިޔެފައި އޮތީ "އައްޑޫ މީހުން ކައުންސިލާ ހެދި އުޅެނިކޮށް އިނގިރޭސިން ފޯޅަވަހި މޮރިޝަސްއާ ހަވާލުކޮށްފި" މިހެންނެވެ.
މިލިޔުން ނިންމާލަމުން ދަންވަމެވެ. ފޯޅަވަހީގައި، އިންޑިއާއިން ސެޓަލައިޓް އިސްޓޭޝަނެއް އަޅަން ބޭނުންވިޔަސް އެކަމެއް ނުވާނެއެވެ. އަދި ފޯޅަވަހި މޮރިޝަސްއާއި ޙަވާލެއްވެސް ނުކުރެއެވެ. ނުވެސް ކުރާނެއެވެ. ފޯޅަވައްސަކީ ދިވެހިންގެ ތަނެކެވެ. ދިވެހރާއްޖޭގެ ބައެކެވެ. މާތް ﷲގެ ވާގިފުޅުން އެބިމުގައި ފެއްސާ ރަތާ ހުދުގެ ދިދަ ވިހުރާލެވޭނެއެވެ. އެއްކައުވަންތަކަމަށް ހެކިވާ ކަމުގެ އަޑު އެބިމުގައި އުފުލާ ލެވޭ ދުވަސް އަންނާނެއެވެ!

- ސަރ ސީވޫސަގަރު ރަންގޫލަމް ހޮސްޕިޓަލް އާކުރުން
- އަޔޫޝް (އަޔުރުވެދީ ބޭސްވެރިކަން) ސެންޓަރ އޮފް އެކްސަލަންސް އެޅުން
- ވެޓެރިނަރީ ސްކޫލަކާއި، ޖަނަވާރުންގެ ހޮސްޕިޓަލެއް އެޅުން
- ހެލިކޮޕްޓަރު ދިނުން
- ސަރ ސީވޫސަގަރު ރަންގޫލަމް އިންޓަނޭޝަނަލް އެއާއޕޯޓުގެ، އާ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ މަސައްކަތް ނިންމުން.
- M4 މޯޓަވޭ ތަރައްޤީ ކުރުން
- ރިންގް ރޯޑް ފޭސް 2 ތަރައްޤީ ކުރުން
- މޮރިޝަސްގެ ކާގޯ ހެންޑްލިން ލިމިޓެޑް (ސީއެޗްސީއެލް) އަށް ބޭނުންވާ ޕޯޓް އިކްއިޕްމަންޓް ގަތުން
- މޮރިޝަސްގެ ބަނދަރު އަލުން ތަރައްޤީ ކުރުން (ޚަރަދު ކުރާނެ ބަޖެޓް ބުނެފަ ނެތް)
- ޗާގޮސްގެ "މެރިން ޕްރޮޓެކްޓެޑް އޭރިއާ" ތަރައްގީ ކުރުމާއި ބެލެހެއްޓުމުގައި (ސާވެއިލަންސް) އެހީވުން (ޚަރަދުވާނެ ވަރު ބުނެފަ ނެތް)
- ބަޖެޓަރީ ސަޕޯޓުގެ ގޮތުގައި މިހިނގާ އަހަރުތެރޭ 25 މިލިއަން ޑޮލަރު ދިނުން