October 19, 2025

ލަންކަސްޓަރ ހައުސްގެ ބިރުވެރި ޑައިރީ – ފޯޅަވަހި ރާއްޖެއާ ވަކިކުރުމަށް ހެދި ހިންތާގައި މޮރިޝަސްގެ ހިއްސާ

އައުޓް ރީޗް ކޯޑިނޭޝަން ޑެސްކް/ ފޯޅަވަހީގެ ޙައްޤުގައި ދިވެހިން:
މިފަހަކާއި ޖެހެންދެން އދ.ގައި ފޯޅަވަހީގެ މައްސަލަ ބައްޓަން ކޮށްފައި އޮތީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެ ޤައުމުގެ ދެމެދު މައްސަލައެއްގެ ގޮތުގަ އެވެ. މޮރިޝަސްއިން ދަޢުވާ ކުރަނީ، 1965މ ގައި އިނގިރޭސިން، އެ ޤައުމުން ބައެއް ވަކި ކުރުމުގެ ސަބަބުން އެ ޤައުމު އަނިޔާގެ ޝިކާރަޔަކަށް ވެފައި ވާކަމުގައެވެ. އިނގިރޭސިންގެ ރައްދު ޖަވާބަކީ، ސަރަޙައްދު ވަކި ކޮށްފައި ވަނީ، މޮރިޝަސްއާއެކު ވެވިފައިވާ އެއްބަސްވުމެއްގެ ތެރެއިން ކަމަށެވެ. މި މައްސަލާގައި، އައިސީޖޭގެ އިސްތިޝާރީ ލަފައެއް (2019) ވަނީ ނެރެފައެވެ. ލަފާގައި ބުނެފައި ވަނީ، އިނގިރޭސިން އެބުނާ އެއްބަސްވުމަކީ އޭގައި ބައިވެރިވާ އެއްބަޔަކަށް، އަމިއްލަ އިޚްތިޔާރު ލިބިނެތި ވެފައިވާ އެއްބަސްވުމެއް ކަމުގައެވެ. އދ.ގެ ޢާއްމު މަޖުލިހުގެ 73/295 ނަމްބަރު ޤަރާރުން ވަނީ، އައިސީޖޭގެ މި ލަފާ ބަލައިގަނެފައެވެ. މައްސަލައިގެ ބައްޓަން އޭގެ މައްޗަށް ބިނާކޮށްފައިވާ ބިންގަލުގައި އަސާސީ ދެ އުނިކަމެއް ވެއެވެ. އެއީ އެ ދެ ކަންތަކުގެ ސަބަބުން މޮރިޝަސްގެ ދަޢުވާ ބިންގަލުން ރޫޅި ފުނޑުފުނޑުވެ ބިމާ ހަމަވާނޭ ދެކަންތަކެވެ. އެއްކަމަކީ، ތާރީޚީ، ސަޤާފީ، ސިޔާސީ، އަދި ޖިއޮގްރަފީގެ ތެރެއިން ފޯޅަވައްސާއި ލާ މެހިފައިވާ ދިވެހިރާއްޖެ، އދ. ގެ އިޖުރާޢީ އިޙުމާލަކުން، މައްސަލައިން އެކަހަރި ކޮށްފައި ވުމުގެ އުނިކަމެވެ. ދެވަނަ ކަމަކީ، ފޯޅަވަހީގެ ބިމުން ބޭރު ކޮށްލެވުނު ޗާގޯސިއަނުން ވެސް މައްސަލައިން އެއްފަރާތް ކުރެވިފައި ވުމުގެ އުނިކަމެވެ. މި ދެ ފަރާތަކީ، މި މައްސަލަ ބިނާ ކުރަން ޖެހޭ އަސާސް ކަމުގައިވާ، ޠަބަޢީ އަދި އިންސާނީ ޙައްޤުތައް ގެއްލިފައިވާ ކަމުގެ ދެރަ ލިބޭ ހަމަ އެކަނި ފަރާތްތަކެވެ. މިދެފަރާތުގެ ޝާމިލުވުން ނެތި ފޯޅަވަހި ޑިކޮލޮނައިޒް ކުރަން ދެކެވޭ ވާހަކަތަކަކީ ބައިނަލް އަޤްވާމީ ޤާނޫނުގެ އަލީގައި ބާޠިލު ވާހަކަ ތަކެވެ.

އާދެ! އިނގިރޭސިން ވަނީ އިންޑިއާ ކަނޑުގެ ޠަބައީ ޖިއޮގްރަފީ އިން ފޯޅަވަހި ވަކިކޮށް، އިސްތިޢުމާރީ ޖިއޮގްރަފީގައި ހިމެނޭ މޮރިޝަސްގެ ބައެއް ކަމުގައި ހަދަން ލިޔެ ކިޔުމާއި ޗާޓުތައް އުފައްދާފައެވެ. އޭގެ ފަހުގައި މޮރިޝަސް އިން ފޯޅަވަހި އިނގިރޭސިންނަށް ދިނީ ކަމުގައި ދައްކަން، މަޝްވަރާތަކެއް ކުރިއަށް ގެންގޮސް އެއްބަސްވެވުނު ކަންކަމުގެ "ޑައިރީއެއް" އުފައްދާފައެވެ. މި ޑައިރީއަށް ކިޔާ އުޅެނީ ލަންކަސްޓަރ ހައުސް އެއްބަސްވުން ނުވަތަ ޔައުމިއްޔާއެވެ. އެއީ އިނގިރޭސިވިލާތާއި އެވެރިންގެ އިސްތިޢުމާރުގެ ދަށުގައި އޮތް މޮރިޝަސްއާ ދެމެދު، 1965މ ގައި ލަންކަސްޓަރ ހައުސްގައި ކުރިޔަށް ދިޔަ މަޝްވަރާ ތަކުގައި ދެކެވުނު ވާހަކަތައް ލިޔެފައިވާ ޑައިރީއެވެ. ފާޑުކިޔުމުގެ ނަޒަރުން ދެކޭ މީހުން މި މަޝްވަރާތަކާއި މެދު ދެކެނީ، މިއީ އިސްތިޢުމާރު ނިމުމަކަށް ގެނައުމަށް ދެކެވުނު ވާހަކަތަކެއް ނޫން ކަމުގައެވެ. އޭގެ ބަދަލުގައި، އިސްތިޢުމާރު ދެމެހެއްޓުމަށް އިނގިރޭސިންނާއި، އެމީހުންގެ މުސާރަވެރިންނާއި ދެމެދު ބަދަލު ކުރެވުނު އިސްތިޢުމާރީ އިދާރައިގެ މެމޮރަންޑަމެއް ކަމުގައެވެ.

ވީމާ އައިސީޖޭގެ އިސްތިޝާރީ ލަފާ (2019) އާއި، ފޯޅަވަހީގެ ކަނޑު ހިމާޔަތް ކުރުމުގެ އާބިޓްރޭޝަން (2015) އާއި، އދ. ގެ ޢާއްމު މަޖުލިހުން ނެރެފައިވާ ގުޅުން ހުރި ޤަރާރުތަކަށް ރިޢާޔަތް ކުރަމުން، މިލިޔުން ކުރިޔަށް ގެންދާނަމެވެ. މިދެއްނެވި ވަސީލަތްތަކުގެ އަލީގައި މިލިޔުމުގައި ވަކާލާތު ކުރާނީ، މޮރިޝަސްގެ ދަޢުވާ ބިނާކޮށްފައި ވަނީ އިސްތިޢުމާރީ އޮޅުވާލުމެއްގެ މަތީގައި ކަމަށެވެ. އަދި އެ އޮޅުވާލުން އޮޅުވާލުމަށް މޮރިޝަސް އަށް މަގު ފަހިވީ، އިނގިރޭސިން ފޯޅަވަހި އަމިއްލަ ކުރުމުގެ ނިޔަތުގައި ދުރާލާ ރާވައިގެން، ދިވެހިރާއްޖެ އދ. ގެ ޗާޓަރުގެ 73 ވަނަ މާއްދާގެ (އީ) ގެ ދަށުން NSGT ނުވަތަ "އިސްތިޢުމާރު ނައްތާލުމުގެ ދަފްތަރު" ގައި ހިމަނާފައި ނުވާތީ ކަމުގައެވެ. އެއީ އިނގިރޭސިން ހިންގާފައިވާ ޣައިރު ޤާނޫނީ ޢަމަލެކެވެ. އިންޑިއާ ކަނޑުގެ އިސްތިޢުމާރު ދެމެހެއްޓުމަށް ހަދާފައިވާ "އިސްތިޢުމާރީ ހިންތާ" އެކެވެ. އދ. އިން އެކަމުގެ ޤަނޫނީ އަދި ސިޔާސީ ފަރުވާ ދިވެހިރާއްޖެއާއި، ޗާގޯސިޔަނުންނަށް ލިބިދޭން ޖެހޭނޭ އިޖްރާއީ އަދި ނިޒާމީ، ބޮޑު މައްސަލައެކެވެ.

މައްސަލައިގެ އިޖުރާޢީ އައިބު - އިސްތިޢުމާރީ ޙަޤީގަތް ވަންހަނާ ކުރުން
އަދ. ގެ ޗާޓަރުގެ 73 ވަނަ މާއްދާގެ (އީ) ގައި އިސްތިޢުމާރީ ބާރުތަކަށް ލާޒިމު ކޮށްފައިވަނީ، އިސްތިޢުމާރުގެ ދަށުގައިވާ އަމިއްލަ ވެރިކަން ކުރުމުގެ ފުރިހަމަ އިޚްތިޔާރު ލިބިފައި ނުވާ ސަރަޙައްދުތައް އދ. ގައި ދަފްތަރުކޮށް (NSGT – އިސްތިޢުމާރު ނައްތާލުމުގެ ދަފްތަރު) އަހަރުން އަހަރަށް ޙާލަތު ރިޕޯޓް ކުރަމުން ދިޔުމަށެވެ. މިމާއްދާއަށް ބާރު ދިނުމުގެ ގޮތުން އދ. ގެ ޖެނެރަލް އެސެމްބްލީ އިން ޤަރާރު ނަމްބަރު 1514 އާއި 1541 ފާސްކޮށްފައިވެއެވެ. 1514 ގައި ގޮވާލާފައި ވަނީ، އިސްތިޢުމާރުގެ ދަށުގައިވާ ތަންތަން މިނިވަން ކުރުމަށެވެ. 1541 ގައި ބަޔާން ކުރަނީ، ވެރިކަން ކުރުމުގެ ފުރިހަމަ އިޚުތިޔާރު ލިބިފަ ނުވާކަން ކަނޑައަޅާނެ މިންގަނޑު ތަކާއި އަސާސްތަކެވެ. ނަތީޖާއެއްގެ ގޮތުން އިނގިރޭސި އިސްތިޢުމާރުގެ ދަށުގައިވާ ސަރަޙައްދުތަކާއި، ޙިމާޔަތުގެ ދަށުގައިވާ ޤައުމުތައްވެސް އިސްތިޢުމާރު ނައްތާލުމުގެ ދަފްތަރުގައި ހިމެނުމަށް އިނގިރޭސިން ރިޕޯޓް ކޮށްފައިވެއެވެ. ދިވެހިރާއްޖެއަކީ ޚާރިޖީ ކަންކަމާއި، ދިފާއީ ކަންކަން، އަދި ދައުލަތުގެ ވެރިޔާ މަޤާމާއި ހަވާލުވުމުގެ އިޒްނަ އިނގިރޭސިން ކިބައިން ހޯދަން ޖެހޭ، އަމިއްލައަށް ވެރިކަން ކުރުމުގެ ފުރިހަމަ އިޚްތިޔާރު ލިބިފައިވާ ޤައުމެއް ނޫނެވެ. މިކަމުގެ ހެއްކަކީ، ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީއާއި ދެވަނަ ޤާނޫނު އަސާސީއެވެ. އޭގައި ވަނީ އަންނަނިވި ޢިބާރާތުންނެވެ.

"ދިވެހިރައްޖޭގެ ދައުލަތަކީ އެތެރެފުށުގެ އެންމެހައި ކަންކަން ހިންގުމުގައި އަމިއްލަކަމާއި މިނިވަންކަން ފުރިހަމައަށް ލިބިގެން ވެރިކަން ހިންގާ ދައުލަތެކެވެ. މި ދައުލަތަކީ އިންތިޚަބީ ރަސްކަމެކެވެ. ބޭރުފުށުގެ އެންމެހައި ކަންކަމުގައި މާތްވެގެންވާ އިނގިރޭސި ދައުލަތް ނޫން އެހެން ދައުލަތަކާއި މުއާހިދާއެއް ކޮށް ސިޔާސަތުގެ ގުޅުމެއް ނުބެހެއްޓޭނޭ ދައުލަތެކެވެ. އަދި 1889މ. މިވަނަ އަހަރުގެ ޖަނަވަރީއިން ދެވަނަ ދުވަހު އިނގިރޭސިންގެ މާތްވެގެންވާ ކްއީން ވިކްޓޯރިއާގެ ފަރާތުން، ސަރ އާތަރ ހެމިލްޓަން، ގޯޑްން ޖީ.ސީ.އެމް.ޖީ- ސިލޯނުގެ ގަވަރުނަރ ލިޔުއްވައި، ރާއްޖޭގެ ދައުލަތަށް ފޮނުއްވި، މާތް ވަޢުދުގެ މަތިން ބޭރުގެ އެންމެހައި ދައުލަތްތަކުގެ ދުޝްމިންކަމުގެ ނުބައިކަމުން މިދައުލަތަށް އިނގިރޭސި ދައުލަތުން ރައްކައުތެރިކަން ލިބިގެންވާ އިނގިރޭސި ދައުލަތަށް އަހަރުއަހަރަށް ޖިޒީ ދީގެން އޮންނަ ދައުލަތެއް މެއެވެ."

މިހެން މިކަން އޮތް ނަމަވެސް ދިވެހިރާއްޖެ، އިސްތިޢުމާރު ނައްތާލުމުގެ ދަފްތަރުގައި ހިމެނުމަށް އިނގިރޭސިން އދ. އަށް ރިޕޯޓް ކޮށްފައި ނުވެއެވެ. އެދަފުތަރުގައި ދިވެހިރާއްޖެ ނުހިމަނާ ފޮރުވުމުގައި އޮތް، އެންމެ ބޮޑު ބޭނުމަކީ، ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އިންޑިއާ ކަނޑުގައި އިނގިރޭސިން އަލަށް ތަރުތީބު ކުރި އިސްތިޢުމާރީ އިންތިޒާމްތައް އދ. ގެ މޫނުމައްޗަށް ފޮރުވުމެވެ. ލަންކަސްޓަރ ހައުސް ބައްދަލުވުމޭ ކިޔާ މަޝްވަރާތަކެއް ފަށާ، އދ. އާއި ދުނިޔޭގެ ލޯތަކަށް ފޯޅަވައްސާއި ގުޅުމެއް އޮތް ހަމަ އެކަނި ސަރަޙައްދަކީ މޮރިޝަސް ކަމުގައި ދެއްކުމުގެ "އިސްތިޢުމާރީ ހިންތާ" ހެދުމެވެ. ވީމާ އދ. ގެ ޤަރާރުތަކަށް ތިމަންނާމެން ފުރިހަމައަށް ބޯލަނބާކަމުގެ ހީލަތްތެރި ޑްރާމާ ކުޅުމެވެ. ނަމަވެސް އދ. އަށާއި ދުނިޔޭގެ ލޯތަކަށް އިނގިރޭސިން އޮޅުވާލާފައިވާ ގޮތް، ކަންކަން ހިންގާފަވާ ތާރީޚުތަކުގެ އިސްފަސް ބެލުމުން އެނގޭނެއެވެ. އެތަރުތީބު ތިރީގައި މިވަނީއެވެ.
  1. 1946މ ގައި މޮރިޝަސް އާއި ސީޝެލްސް އަދި ހިމާޔަތުގެ ދަށުގައިވާ ގިނަ ސަރަޙައްދުތައް، އދ. ގެ އިސްތިޢުމާރު ނައްތާލުމުގެ ދަފްތރުގައި ހިމަނަން އިނގިރޭސިން ރިޕޯޓް ކުރި އިރު، ދިވެހިރާއްޖޭ ހިމަނަން ރިޕޯޓް ކޮށްފައި ނުވުން.
  2. 1965މ. ޖުލައި 26 ގައި ދިވެހިރާއްޖެ މިނިވަން ކުރުން
  3. 1965މ. ސެޕްޓެމްބަރު 23 ގައި ލަންކަސްޓަރ ހައުސް އެއްބަސްވުމުގެ ޔައުމިއްޔާގައި މޮރިޝަސްއާއި އެކު ސޮއިކުރުން.
  4. 1965މ. ނޮވެމެބަރު 8 ގައި ފޯޅަވައްސަކީ ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓްރީ (BIOT) ކަމުގައި އިނގިރޭސިންގެ އޯޑަރ އިން ކައުންސިލް އަކުން ނިންމުން.
ލަންކަސްޓަރ ހައުސްގައި އުފެއްދި ބިރުވެރި ޑައިރީ
ސެޕްޓެމްބަރު 1965 ގައި ކޮލޮނިއަލް ސެކްރެޓަރީ އެންތޮނީ ގްރީންވުޑް، މޮރިޝަސްގެ ލީޑަރުން ލަންޑަންގެ ލަންކަސްޓަރ ހައުސްއަށް ހާޒިރުކުރިއެވެ. އިނގިރޭސިވިލާތުން ހުށަހެޅީ ފެހެންދީބު (ޗާގޯސް) ވަކިކޮށް ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ (BIOT) އުފެއްދުމުގެ ބަދަލެއްގެ ގޮތުގައި ތިން މިލިއަން ޕައުންޑުގެ އިތުރުން، ފެހެންދީބުގެ ކަނޑުތަކުގެ މަސްވެރިކަމާއި މައުދަނީ ހައްގުތަކުގެ ޔަގީންކަން ދިނުމަށެވެ. މިޝަރުތުތައް ރެކޯޑް ކޮށްފައިވަނީ ލަންކަސްޓަރ ހައުސް ބައްދަލުވުމުގެ ޔައުމިއްޔާގައެވެ. އެހެންކަމުން މިއީ އިނގިރޭސި އިސްތިޢުމާރުގެ ދަށުން އެކުލަވާލާފައިވާ، މުއާހަދާއަކަށް ނުވާ، އިސްތިޢުމާރީ މެމޮރެންޑަމެކެވެ. އިސްތިޢުމާރީ ޑައިރީއެކެވެ. ސަބަބަކީ މިވާހަކަތަކެއް ދެކެވުނު އިރުވެސް މޮރިޝަސް އޮތީ އިނގިރޭސި އިސްތިޢުމާރުގެ ދަށުގައެވެ. އެހެންވެ މޮރިޝަސްގެ ކިބައިގާ ވަކި ދައުލަތެއްގެ ޝަޚުޞް ނެތުމުން ސަރަޙައްދު ދޫކޮށްލުމަށް ޤާނޫނީ ގޮތުން، މޮރިޝަސްގެ ނަމުގައި ތިބި އިސްތިޢުމާރީ މުސާރަވެރިން ތަކަކަށް ރުހުން ނުދެވޭނެ ތީއެވެ.

ފަހުން އައިސީޖޭއިން (2019) ގައި މި ޔައުމިއްޔާތައް މުރާޖަޢާކޮށް ނިންމާފައިވަނީ "ފޯޅަވަހި ވަކި ކުރުމުގެ އެއްބަސް ވުމަކީ، އެތަނާއި ގުޅުންހުރި އާބާދީގެ ފުރިހަމަ އިޚުތިޔާރާއި މިނިވަންކަމުގެ މަތީގައި އެމީހުން ބޭނުންވާ ގޮތުގެ މައްޗަށް ބިނާވެގެން ވެވިފައިވާ އެއްބަސްވުމެއް ނޫން" ކަމަށެވެ. މޮރިޝަސްއިން ރުހުން ދިންކަމުގެ ހެއްކެއްގެ ގޮތުން އިނގިރޭސިން ދައްކާ ޑައިރީއިން ސާބިތުވަނީ މޮރިޝަސްއަށް މަޖުބޫރު ކުރުވީ ކަމަށެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ އެއީ ބައިންޑިން އެއްބަސް ވުމެއް ނޫންކަމުގައެވެ. ނަމަވެސް، ކޯޓުން މޮރިޝަސްއަކީ އަނިޔާ ލިބުނު ފަރާތެއްގެ ގޮތުގައި ބަލައިގަތީ، މޮރިޝަސް އަކީ ވަކި އާބާދީއެއް ރަމްޒުވާ ޤައުމެއްގެ ޝަޚުޞުގައި، ފޯޅަވަހީގެ މައްޗަށް އެއްވެސް އިރެއްގައި ޠަބަޢީ ނުވަތަ ޤާނޫނީ ގޮތުން ސިޔާދަތީ ޙައްގެއް އޮތް ބައެއްތޯ ކަށަވަރު ކުރުމަކާއި ނުލައެވެ.

ލަންކާސްޓަރ ހައުސް ޑައިރީގެ ޝަރުޢީ އަޖައިބުތައް
އިނގިރޭސިވިލާތުން 2010މ ގައި، ފެހެންދީބުގެ ކަނޑުތަކުގެ ސަރަޙައްދަކީ ހިމާޔަތް ކުރެވިފައިވާ ސަރަހައްދެއް ކަމުގައި ނިންމިއެވެ. މިކަމާއި ގުޅިގެން 2015މ. ގައި މޮރިޝަސްއިން އިނގިރޭސިންނާއި ދެކޮޅަށް، ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަން (PCA) ގައި މައްސަލަ ޖެއްސިއެވެ. PCA އަކީ "1899 ގައި ހޭގް ކޮންވެންޝަން ފޯ ދަ ޕެސިފިކް ސެޓްލްމެންޓް އޮފް އިންޓަނޭޝަނަލް ޑިސްޕިއުޓްސް" މުއާހިދާގެ ގެ ދަށުން އުފައްދާފައިވާ 120 މެމްބަރު ޤައުމު އެކުލެވޭ ޓްރީޓީ ބޭސްޑް އޮގަނައިޒޭޝަން އެކެވެ. މިކޯޓުގައި މޮރިޝަސް އިން ދަޢުވާ ކުރީ ބައިނަލް އަޤްވާމީ ކަނޑުގެ ޤާނޫނުގެ، އެނެކްސް 7 ގެ ދަށުންނެވެ. މިމައްސަލާގައި ކޯޓުން ނިންމީ 1965މ. ގެ ލަންކަސްޓަރ ހައުސް ޑައިރީގައިވާ އެއްބަސް ވުމާއި އެއްގޮތަށް، މަސްވެރިކަމާއި، މައުދަނީ ވަސީލަތްތަކުގެ ޙައްޤު މޮރިޝަސް އަށް އޮންނާނެ ކަމަށެވެ. މިއީ ލަންކަސްޓަރ ހައުސް ޑައިރީގައިވާ އެއްބަސްވުމަކީ، ބައިންޑިންގ އެއްޗެއްކަމަށް ކޯޓަކުން މިހާތަނަށް ނިންމާފައިވާ ހަމައެކަނި ނިންމުމެވެ. ނަމަވެސް ޕީސީއޭގެ ނިންމުމުގައި ބުނެފައިވަނީ ފޯޅަވަހީގެ ސިޔާދަތީ ޙައްޤު މޮރިޝަސް އަށް އޮންނާނެ ކަމާއިމެދު ގޮތެއް ނިންމުމަކީ، އެ ކޯޓުގެ އިޙްތިސާސް އިން ބޭރު ކަމެއްކަމުގައެވެ.

އޭގެ ހަތަރު އަހަރު ފަހުން، އައިސީޖޭއިން ނިންމީ މިޔާ ދިމާ އިދިކޮޅު ނިންމުމެކެވެ. ބުނެފައިވަނީ އެޑައިރީގައިވާ އެއްބަސްވުމުން ސާބިތުވަނީ މޮރިޝަސްއަށް މަޖުބޫރު ކޮށްފައި ވާކަމަށެވެ. އެއީ ޞަސްޙަ މުޢާމަލާތެއް ނޫން ކަމުގައެވެ. އެހެންވީމާ ލަންކަސްޓަރ ހައުސް ޑައިރީގެ ބިރުވެރި އަޖައިބަކީ، އެޑައިރީގައިވާ އެއްބަސްވުން ޝަރުޢީ ގޮތުން އެއްފަހަރާ ދެގޮތަކަށް މަސައްކަތް ކޮށްދިނުމެވެ. އެއްގޮތަކީ ވާޖިބު އަދާކުރަންޖެހޭ ކަމުގެ ހެއްކެއްގެ ގޮތުގައެވެ. އަނެއްގޮތަކީ، ޤާނޫނާއި ޚިލާފުވި ކަމުގެ ހެއްކެއްގެ ގޮތުގައެވެ. މޮރިޝަސްގެ ދަޢުވާގެ ފޫބެދޭ މިންވަރު ވަޒަން ކުރެވޭ ގޮތަކީ، މޮރިޝަސް އިން ފޯޅަވަހީގެ ކަނޑުތަކުގެ މަސްވެރިކަމާއި، މަޢުދަނީ ޙައްޤު ހޯދަން އެއްކޯޓުގައި ބުނަނީ ޑައިރީގައިވާ އެއްބަސްވުން ޞައްހަކަމުގައެވެ. ފޯޅަވަހީގެ ސިޔާދަތީ ބާރު ހޯދަން، އަނެއްކޯޓުގައި ބުނަނީ، ޑައިރީގައިވާ އެއްބަސްވުމަކީ މަޖުބޫރު ކޮށްގެން އެބަސްކުރުވާފަވާ އިސްތިޢުމާރީ ލިޔުމެއް ކަމުގައެވެ.

އާދޭހެވެ! 2019މ. ގައި އައިސީޖޭގެ ނިންމުން އދ. ގެ ޖެނެރަލް އެސްމްބްލީ އިން ފާސްކުރިއެވެ. ނަމަވެސް ޖެނެރަލް އެސްމްބްލީ އިން، ފޯޅަވަހީގެ މައްޗަށް ސިޔާދަތީ ބާރު ހޯދަން މޮރިޝަސްއިން ދަޢުވާ ކުރުމުގެ ޙައިސިއްޔަތު އެ ޤައުމަށް އޮތީ ކިހާ ވަރަކަށްތޯ ބަލާ ފާސްކޮށްފައެއް ނުވެއެވެ.

ލަންކަސްޓަރ ހައުސް ޑައިރީގެ ގާނޫނީ އަދި ސިޔާސީ ނަތީޖާ
އައިސީޖޭގެ އިސްތިޝާރީ ލަފަޔަކީ ސުލޫކީގޮތުން ބުރަދަން ލިބިގެންވާ އެއްޗެކެވެ. ނަމަވެސް އެއީ، ޤާނޫނީ ގޮތުން ވަކި ބަޔަކަށް ސިޔާދަތީ ބާރު ނަގުލު ކުރުމުގެ ނިހާއީ ނިންމުމެއް ނޫނެވެ. މިހާ ތަނަށް އިސްތިޝާރީ ލަފައިން ވެފައި އޮތްކަމަކީ އިނގިރޭސިން ޣައިރުގާނޫނީ ގޮތުން ފޯޅަވަހީގައި ތިބިތިބުން ދެމެހެއްޓުން ނޫން ބާއެވެ. އެހެނީ، ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއާއި ޙަވާލުކުރުމަށްވެސް ނިންމާފައި ނުވެއެވެ. އަނެއްކޮޅުން ލަންކަސްޓަރ ހައުސްގެ ޑައިރީއާއި ނުލާ، މޮރިޝަސް އިން ކުރާ ދަޢުވާ އަކީ ޤާނޫނީ އެއްވެސް ބިންގަލެއް އޮތް ދަޢުވާއެއް ނޫނެވެ. އިސްތިޢުމާރު ކުރުމުގެ ކުރިން މޮރިޝަސްއަކީ ފޯޅަވަހީގެ މައްޗަށް އެއްވެސް ޙައްޤެއް އޮތް ބަޔެއް ނޫނެވެ. ޠަބައީގޮތުން ފޯޅަވަހީގައި ދިރިއުޅުނު ބައެއްވެސް ނޫނެވެ. ފޯޅަވައްސާއި ގުޅުންހުރި، ދެމިގެން އަންނަ ޠަބައީ އާބާދީއެއް ދިރިއުޅޭ ޤައުމެއްވެސް ނޫނެވެ.

އެހެންވީމާ އިޖުރާއީ ގޮތުން، އދ. ގެ އިސްތިޢުމާރު ނައްތާލުމުގެ ދަފްތަރު (NSGT) ގައި، އިނގިރޭސިން ދިވެހިރާއްޖެ ހިމަނާފައި ނުވުމަކީ އދ. ގެ ޙަޔާތުގައިވެސް ވަރަށް މުހިއްމު މައްސަލައެކެވެ. ވަރަށް އާދަޔާ ޚިލާފް ނިޒާމީ މައްސަލައެކެވެ. އެދަފްތަރުގައި އިނގިރޭސިން ދިވެހިރާއްޖެ ހިމެނި ނަމަ، އދ. އަށް ލާޒިމުވާނީ ސަރަހައްދު ބައިކޮށް ވަކިކުރުމުގެ މައްޗަށް، އދ. ގެ ޤަރާރު ނަމްބަރު 1514 އާއި 1541 ގައި ވާގޮތުގެ މަތިން ފާރަވެރިވާށެވެ. އިނގިރޭސިން އެކަން ކޮށްފަ ނެތުމުގެ ނަތީޖާއަކީ، ސަރަޙައްދު ވަކި ކުރުމުގެ ރުހުން ލިބުނު ގޮތުގެ ތަރުތީބު މަގުގެ ޤާނޫނީ ސައްޙަކަން އެކީއެކަށް ގެއްލިގެން ދިޔުމެވެ. އާދޭހެވެ! "އާޓިކަލްސް އޮން ރެސްޕޮންސިބިލިޓީ އޮފް ސްޓޭޓްސް ފޯ ރޯންގްފުލް އެކްޓްސް" (އދ، 2001) ގެ 40 އާއި 41 ވަނަ މާއްދާ ގައި ބުނެފައިވެއެވެ. ބައެއްގެ އަމިއްލަ އިޚުތިޔާރުގައި އެބައެއް އަމިއްލައަށް ކަންކަން ނިންމުމުގެ ޙައްޤަށް އަރައިގަނެފައިވާ ތަންތާގައި، އެކަން ބަލައިގަތުމާއި، އެޙާލަތު ދެމެހެއްޓުމަށް އެހީތެރިވެ ދިނުމަކީ އެއްވެސް ދައުލަތަކުން ކޮށްގެންވާނޭ ކަމެއް ނޫނެވެ. ދިވެހިރާއްޖެ އެކަހަރި ކުރުމަށްފަހު، އިނގިރޭސިންނާއި މޮރިޝަސް އާއި ދެމެދުގެ މައްސަލައެއްގެ ގޮތުގައި ފޯޅަވަހި މައްސަލަ ޙައްލުކުރާ ތަނެއްގައި، އދ އިން ވިޔަސް، އައިސީޖޭއިން ވިޔަސް، އިޓްލޮސްއިން ވިޔަސް އަދި ޕީސީއޭއިން ވިޔަސް، އެދެމެހެއްޓެނީ މިދެންނެވި ފަދަ ޙާލަތެކެވެ.

ޝާމިލު ގޮތެއްގައި އިޞްލާޙު ކުރުން - އިސްތިޢުމާރު ނައްތާލުމުގެ މިސްރާބު ހިފުން
ހަގީގީ ޑިކޮލޮނައިޒޭޝަން އަށް ބޭނުންވަނީ ވަންހަނާ ކުރުމާއި، އެކަހަރި ކުރުން ދޫކޮށްލާ، އެންމެންގެ ޝާމިލުވުން އޮވެގެން، ކަންކަން ކުރުމުގައި ދެފުށް ފެންނަ ސިޔާސަތެއް އޮތުމެވެ. އޮޕަރޭޝަން ލެގަސީގެ ދަށުން ވަންހަނާ ކުރެވުނު އިސްތިޢުމާރީ އަރުޝީފްތައް ހާމަކޮށް، އޭގެތެރޭގައި ދިވެހިރާއްޖެއާއި ފޯޅަވަހީގެ އިޙްތިސާސްއާ ބެހޭ ލިޔުމެއް ވާނަމަ، އެލިޔުމެއް ދިވެހިރާއްޖެއަށް އަނބުރާ ހަވާލުކުރަން ވާނެއެވެ.

1965މ. ގައި މަޖުބޫރު ކޮށްގެން، އިނގިރޭސިންނާއި އެކު ހެކި އުފެއްދުމުގެ ގޮތުން ލަންކަސްޓަރ ހައުސް މަޝްވަރާތަކުގައި ބައިވެރިވެފައި ވުމަކީ ކުށެއް ކަމަށް މޮރިޝަސްއިން އިޢުތިރާފް ވާންޖެހޭނެއެވެ. އިސްތިޢުމާރީ އަޅުވެތިކަމުގެ ތެރެއިން އުފަންވި "ސިޔާދަތެއް" ހޯދުމަށް މުޅި ދުނިޔެއަށް އޮޅުވާލައިގެން ކުރާ ދަޢުވާކުރުން މޮރިޝަސްއިން ހުޢްޓާލަން ޖެހޭނެއެވެ. ދިވެހިރާއްޖެއަކީ އދ. ގެ ޑިކޮލޮނައިޒޭޝަން މަރުޙަލާތަކުގެ ތެރެއިން ގަސްތުގައި އިޖްރާއީ ގޮތުން ބޭރުކޮށްފައިވާ ޤައުމެއްގެ ގޮތުގައި، އދ. ގެ ޖެނެރަލް އެސެމްބްލީ އިން ބަލައިގަންނަން ޖެހޭނެއެވެ. އެފަދައިން ޗާގޯސިއަނުންނަށް ލިބެން ޖެހެނީ ދުނިޔޭގެ ހަމްދަރުދީއާއި ސަހަރޯވެރިކަމެއް ނޫންކަމަށާއި، އެމީނުހްނަށް ލިބެންޖެހެނީ، އެމީހުން އުފަންވި ބިމަށް އަނބުރާ ދިޔުމުގެ ޙައްޤުކަމަށް ޤަބޫލުކުރަން ޖެހޭނެއެވެ. މިފަދަ ޝާމިލު ގޮތެއްގައި ހެދިފައި އޮތް ގޯސް އިޞްލާޙު ކުރުމުގެ ތެރެއިން ނޫނީ އދ. ގެ 1514 ނަމްބަރު ޤަރާރުން، "އިސްތިޢުމާރު ދެމިއޮތުމާއި، އާލާވުން، އޭގެ ހުރިހާ މާނައަކާއި ސިފައެއްގައި، ޝަރުޠަކާއި ނުލާ، އަވަސް ގޮތެއްގައި ނިންމުމަށް" ވެފައިވާ ވަޢުދު ނުފުއްދޭނެއެވެ. އަދި މިމަގުން ނޫނީ އިންޑިއާ ކަނޑުގައި ދެމިއޮތް އިސްތިޢުމާރީ ޙާލަތު ނިމުމަކަށް ގެނައުމުގައި، އދ. އަށް ކާމިޔާބީ ޙާޞިލް ނުކުރެވޭނެއެވެ.

ނިންމުން
ފެންނަން އޮތް ޙަޤީޤަތާއި މެދު އޮޅުމެއް ނެތެވެ. ލަންކަސްޓަރ ހައުސް ޑައިރީގެ ސަބަބުން މޮރިޝަސްއަށް ފޯޅަވަހީގެ ސިޔާދަތު ކަށަވަރު ވެފައެއް ނުވެއެވެ. އދ. ގެ ކޯޓުތަކުގައި ރިކޯޑު ކުރެވިގެން ދިޔައީ ޝަރުޢީ ގޮތުން އެ ޑައިރީ ބަލައިގަތުމަށް ދެކޮޅު ހެދި ކަމެވެ. PCA އިން އެ އެ ޑައިރީއާއި މެދު ބަލައިގަތީ ކޮންޓްރެކްޓް އުޞޫލުން ހިންގާފައިވާ މުޢާމަލާތެއްގެ ގޮތުގައެވެ. އައިސީޖޭ އިން ދުށީ، އެއީ އިސްތިޢުމާރީ ބާރުން މަޖުބޫރު ކުރުވި ކަމުގެ ހެއްކެއްގެ ގޮތުގައެވެ. ޖެނެރަލް އެސެމްބްލީ އިން ދެކިފައި ވަނީ، އެޑައިރީ އަކީ އޭގެން ފޯޅަވަހީގެ މައްޗަށް ޤާނޫނީ ޙައިޞިއްޔަތެއް ލިބުމުގެ ބަދަލުގައި، އިސްތިޢުމާރީ ވެރިކަމުގެ އަޚުލާގާއި ސުލޫކުގެ މައްޗަށް ހުރި ހެއްކެއްގެ ގޮތުގައެވެ. އެއްވެސް ފަރާތަކުން ލަންކަސްޓަރ ހައުސް ޑައިރީއަކީ ފޯޅަވަހީގެ މައްޗަށް މޮރިޝަސްގެ ސިޔާދަތު ކަށަވަރުވާ ޤާނޫނީ ޙައިޞިއްޔަތެއް ލިބިދޭ އެއްޗެއް ކަމުގައި ބަލައި ގަނެފައި ނުވެއެވެ.

އދ. ޗާޓަރުގެ 73 ވަނަ މާއްދާގެ (އީ) އާއި ޚިލާފުވެ، ދިވެހިރާއްޖެ އިސްތިޢުމާރު ނައްތާލުމުގެ ދަފްތަރު (NSGT) ގައި ޤަސްތުގައި ނުހިމެނި ހިސާބަކީ، އެއީ އިނގިރޭސިންނާއި މޮރިޝަސް ހިއްސާވެގެން ހަދަމުން އައި "ބައިނަލް އަޤްވާމީ ހިންތާ" ފުރިހަމަ ކުރެވުނު ހިސާބެވެ. މި ހިންތާއިން އިނގިރޭސިންނާއި މޮރިޝަސް އަށް ލިބިދިން ފުރުޞަތަކީ ފޯޅަވަހީގެ ޠަބަޢީ އަދި ޤާނޫނީ ޙައްގުވެރިން އެއްފަރާތްކޮށް، އދ. ގެ ތެރެއިން ދުނިޔޭގެ ލޯތައް ކުރިމަތީގައި އިސްތިޢުމާރު ނައްތާލުމުގެ ނަމުގައި ދެބޯގެރި ދުއްވުމެވެ. އަދި އެގޮތުގައި ފޯޅަވަހީގެ، ގުދުރަތީ، ސިޔާސީ، އަދި އިސްތިރާޖީ ވަޞީލަތް ތަކުގެ މައްޗަށް މަދު ދުވަސްކޮޅަކަށް ނަމަވެސް ވެރިވެގަތުމެވެ.

ޝައްކެއް ނެތެވެ! އދ. އިން އަވަސް އިޞްލާޙީ ފިޔަވަޅުތަކެއް އަޅާ، އިސްތިޢުމާރު ނައްތާލުމުގެ ދަފްތަރުގައި ދިވެހިރާއްޖެއާއި ފޯޅަވަހި ރަސްމީ ގޮތުން ހިމަނަން ޖެހެއެވެ. ޗާގޯސިއަނުން އެމީހުންގެ ވަޒަނަށް އަނބުރާ ދިޔުމުގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބަލައިގަންނަން ޖެހެއެވެ. މި ދެކަންތައް ހިމެނޭގޮތުން އދ. ގެ ޑިކޮލޮނައިޒޭޝަން މަރުޙަލާ ތަކުގައި ދިވެހިރާއްޖެއާއި، ޗާގޯސިއަނުން ޝާމިލު ނުކުރެވޭހާ ހިނދަކު، އދ އިން އެ ކުރެވޭ ކަމަކީ، އާ ބެލެނިވެރިކަމެއްގެ ދަށުން އިންޑިއާ ކަނޑުގެ އިސްތިޢުމާރު ދެމެހެއްޓުމުގައި އެހީތެރިވުމެވެ. އދ. ގެ ޗާޓަރުގައި ބަޔާން ކުރާ ޑީކޮލޮނައިޒޭޝަން ނުވަތަ އިސްތިޢުމާރު ނައްތާލުމުގެ ރޫޙަކީ، "އިސްތިޢުމާރީ ހިންތާ"ގެ ފައިދާ އެހެން ފަރާތަކަށް ވާރުތަ ކުރުމެއް ނޫނެވެ. ޑިކޮލޮނައިޒް ކުރުމަކީ، އިސްތިޢުމާރު ކުރުމުގެ ކުރީގައި ސަގާފީ، ތާރީޚީ، ސިޔާސީ، މަދަނީ، އަދި ޖިއޮގްރަފީ ގޮތުން އޮތް ޠަބަޢީ އަދި ޤާނޫނީ ޙަޤީޤަތް ތަކުގެ މައްޗަށް ކަންކަން އިޢާދަ ކުރުމެވެ. އެކަން ކުރެވޭނީ ލަންކަސްޓަރ ހައުސްގެ ބިރުވެރި ޑައިރީގެ ކިބައިން އދ. ގެ ޑީކޮލޮނައިޒޭޝަން މަރުޙަލާތައް ސަލާމަތް ކުރެވިގެންނެވެ. އިންޑިއާ ކަނޑު ގެ އިސްތިޢުމާރު ފިލުވުމަށް އެ ބިރުވެރި ޑައިރީއާއި ދުރަށް ދެވިގެންނެވެ.


References
  1. International Court of Justice. (2019). Legal consequences of the separation of the Chagos Archipelago from Mauritius in 1965 (Advisory Opinion). ICJ Reports 2019, 95–135.
  2. Permanent Court of Arbitration. (2015). Chagos Marine Protected Area Arbitration (Mauritius v. United Kingdom) (Award, 18 March 2015).
  3. United Nations. (1945). Charter of the United Nations, Art. 73(e).
  4. United Nations General Assembly. (1960a). Declaration on the granting of independence to colonial countries and peoples (Resolution 1514 [XV]).
  5. United Nations General Assembly. (1960b). Principles which should guide Members in determining whether an obligation exists to transmit information under Article 73(e) of the Charter (Resolution 1541 [XV]).
  6. United Nations General Assembly. (1970). Declaration on principles of international law concerning friendly relations and cooperation among States (Resolution 2625 [XXV]).
  7. United Nations General Assembly. (2019). Advisory opinion of the International Court of Justice on the legal consequences of the separation of the Chagos Archipelago from Mauritius in 1965 (Resolution 73/295).
  8. United Nations. (2001). Articles on Responsibility of States for Internationally Wrongful Acts (A/RES/56/83).