October 14, 2025

ފޯޅަވަހީގެ ދިވެހިން ނައްތާލި އަނިޔާވެރި ހާދިސާ – ފަހުން، ދިވެހި ސަރުކާރަށް މަޖުބޫރު ކޮށްގެން ހެކި އަންދާލުން!

އައުޓް ރީޗް ކޯޑިނޭޝަން ޑެސްކް/ ފޯޅަވަހީގެ ޙައްޤުގައި ދިވެހިން:
އެއީ 1810މ ވަނަ އަހަރުގެ އޭޕްރިލް މަހުން ދުވަހެކެވެ. އެހެންދުވަސްތަކެކޭ އެއްފަދައިން ފޯޅަވައްސަށް ނިކަން އުފާވެރި ހެނދުނެކެވެ. ގޮނޑުދޮށުން ފެންނަނީ، ރާޅު ފަށުގައި، ކުޅޭން ތިބި ކުޑަ ކުދިންތަކެވެ. ރަށު ތެރެއިން ފެންނަނީ އިރުވައި މޫސުމުގައި ބަނދަރުކުރާނެ އޮޑިފަހަރަށް ވިއްކާނެ ތަކެތި ތައްޔާރު ކުރުމުގާ އެންމެން އަވަދި ނެތި އުޅޭ މަންޒަރެވެ. ފިރިހެނުންތައް ރުކުރާ ބޭލުމާއި، ކުފުރާ ތެޅުމުގައެވެ. އަންހެނުން އުޅެނީ މަސް ދިލަ ޖެއްސުމާއި، ހަކުރު ހިލުމާއި، ރޯނުވެށުމުގައެވެ. އެއްލި ކަޅިއަކުން، އިރުމަތީ ފަރާތު ގޮނޑުދޮށާ ދިމާ މޫދުގައި ވިދާ ބަބުޅަމުން ދިޔަ އިރުތެވެލީގެ ތެރެއިން، ފާއްދާލި ތަން ފެނުނީ ދަތުރު ކޮށްފައި އަންނަ ތިން ބޯޓެވެ. މަޑު ދުވެއްޔެއްގައި ބޯޓުތައް އައިސް ފޯޅަވަހީގެ އެތެރެވަރީގައި ބަނދަރު ކޮށްފިއެވެ. ޖެހެމުން ދިޔަ ވައިރޯޅިއާ އެކު ތިން ބޯޓުގައިވެސް ހަނާ އަޅަމުން ދިޔައީ އިނގިރޭސި ދިދަތަކެވެ. އިރު އޮއްސި ރަތް ވިލާ އޮބިއްޖެއެވެ. ލަސްތަކެއް ނުވެ ބޯޓުތަކުގައި ދިއްލާފަ ހުރި ބިގަރުތައް ކަނި ކޮށްލީ ފަޅުވެރީން ނިދަންވީމަތާއެވެ.

އަސްތާ! ކަމަކުދާކަށް ނެތެވެ! ފަތިހަށް ވިލުނު އައްޔާއެކު ބޯޓުތަކުގައި ތިބި އިނގިރޭސި ސިފައިން ދިގު ބޮއްކުރާ ތަކުގައި ގޮނޑުދޮށަށް ފައިބައިފިއެވެ. ކޮންމެ މީހެއްގެ އަތުގައި ބްރިޓިޝް އިންފެންޓްރީ ރައިފަލެއް އޮތެވެ. ކޮމާންޑަރުގެ އަމުރަށް އެންމެން އެ ހިގައިގަތީ ރަށުތެރެއަށް އެރުމަށެވެ. ގިނަ އިރުތަކެއް ނުވެ އިވެން ފެއްޓީ މީހުންގެ ރޮއި ހޭރުމުގެ އަޑެވެ. ގައިބާރު ދެރަހެން ހީވާ މީހެއް ވިއްޔާ ހުރިތަނަށް ބަޑިޖަހާ މަރާލަނީއެވެ. ތުއްތު ކުދިން މައިންގެ އުރުން ޖަހައިގަނެ، މީދާ ކޭ އުނބެއް ހޫރާލާހެން ވަލުތެރެއަށް ހޫރާލަނީއެވެ. ގުދަން ކޮށްފާ ހުރި ހުރިހާ މަހަކާއި، ކުފުރާތަކާއެކު، ވަށާފަ ހުރި ހުރިހާ ރޯނެއްވެސް އަތުލައިފިއެވެ. ގޯތި ގެދޮރުގައި ހުޅުޖަހައި އަންދާ ލަނީއެވެ. ހަވީރު އަތަށް އެޅި އިރު އަތުލައިގަނެފައި ތިބި މީހުންގެ އަދަދު 134 އެވެ. އޭގެ ތެރޭގައި ފުރާވަރަށް ނާރާ 8 ކުޑަ ކުދީންވެސް ހިމެނެއެވެ. އެ އެންމެންގެ ހަތަރެސްފައި ވަނީ ބަނދެފައެވެ. އިރުކޮޅަކުން އެ މީހުން ކަނދުފަތިތަކަށް އަރުވައިގެން ބޯޓަށް ގެންގޮސް، ބޯޓުތައް ފުރަން ތައްޔާރު ވެއްޖެއެވެ. އޭގެ ހަފްތާތަކެއް ފަހުން އެމީހުން ފެނުނީ ސިލޯނު ރަޖިސްޓަރުގައި، މޮޒަންބީކާއި، މަޑަގަސްކަރައިން ގެނައި ނީގްރޯއިންގެ ނަމުގައި، ލޭބަލް ކޮށްފައި ތިއްބައެވެ.

މިލިޔުމުގައި ބަލައިލާނީ 1810މ ގައި، އެޗްއެމްއެސް ސަރ ފްރާންސިސް ޑްރޭކް (HMS Sir Francis Drake) ގައި ގޮސް އިނގިރޭސި ކަނޑުގެ ސިފައިން ފޯޅަވައްސަށް އަރާ، ދިވެހިން މަރާ، ގޯތި ގެދޮރު އަންދާލުމަށް ފަހު، މީހުން ހިފާ ހައްޔަރު ކޮށްގެން ސިލޯނަށް ގެންގޮސް އަޅުންގެ ގޮތުގައި ވިއްކާލި އަނިޔާވެރި ހާދިސާއަށެވެ. އަދި ހިމާޔަތުގެ އެއްބަސް ވުމަށް ފަހު ދިވެހި ސަރުކާރަށް މަޖުބޫރު ކުރުވައިގެން ފޯޅަވައްސާ ބެހޭ، ހުރިހާ ޗާޓުތަކާއި ލިޔެ ކިޔުންތައް އަންދާލާފައި ވާކަމަށް ބެލެވޭތީ، މިއަދުގެ ބައިނަލް އަޤްވާމީ ޤާނޫނު ތަކުން މިދެކަންތަކުގައި ހޯދޭނެ ޤާނޫނީ ފަރުވާއަކީ ކޮބައިތޯއެވެ.

ހަނދާނުން ފޮހެލެވުނު ދިވެހި ދަރީން

އައްޑޫ ހުވަދޫ ފުވައްމުލަކުގެ ރަށްވެހީންނަށް އެމީހުންގެ ދެކުނުން އޮތް ފޯޅަވަހި ހިމެނޭ ފެހެންދީބުގެ ރަށްތަކާއި ކަނޑުތަކަކީ ބީރަށްޓެހި ތަންތަނެއް ނޫނެވެ. އެތަކެއް ގަރުނެއް ވަންދެން ދެކުނުގެ 3 އަތޮޅުގެ ދިވެހިން، ދެ މޫސުމަށް ފެހެންދީބަށް ދަތުރު ކޮށް ބަނޑަހަ ޖަހައެވެ. ހުޅަނގު މޫސުމުގައި ދަނޑު ގޮވާން ކުރުމަށެވެ. އިރުވައި މޫސުމުގައި މަސްވެރިކަމާ ދިއުމަށެވެ. މީގެ އިތުރުން، އެހެން ބޭނުމެއްވެސް އޮވެއެވެ. އެއީ މިތިބޭ ތިބުމުގައި އުފައްދާ ތަކެތި، ފޯޅަވަހިމަގުން އިރުން ހުޅަނގަށް، ހުޅަނގުން އިރަށް، އަދި އެ މަގުން އުތުރު ކަރަޔާ އަރަބި ބައްރަށް ދަތުރު ކުރާ ވިޔަފާރި އޮޑިފަހަރަށް ވިއްކުމުގެ ބޭނުމުގައެވެ.

ނަމަވެސް 18 ވަނަ ގަރުނުގެ ފަހު ކޮޅުގައި، އައިލް ޑި ފްރާންސާއި (މޮރިޝަސް) ބޯބަން (ރީޔުނިއަން) އިން ފުރައިގެން އަންނަ ފަރެންސޭސި އުޅަނދުތަކުން، ފެހެންދީބުގެ (ފޯޅަވަހީގެ) ރަށްތަކާއި، އައްޑޫ ހުވަދޫގެ ބައެއް ރަށްތަކާ ދޭތެރެ ދޭތެރެއިން ތޮޅެ ހަދައެވެ. ފަސޭހައިން އަރާފޭބޭ ރަށްތަކާ ދިމާކޮށް، އެ ރަށްތަކުގައި ދާ ޖަހައިގެން، އަޅުންގެ ގޮތުގައި ބޭނުން ކުރުމަށް، މިނިފޭރެމުން ދިޔަ ކަމަށް ވެއެވެ. މިވާހަކަތައް ދިވެހިންގެ ކަތާތަކުގައި ކިޔާ އުޅެނީ "ކަނޑުން އަރާ ބޮޑު ބުޅާތަކެއް" ގެ ގޮތުގައެވެ. ހުވަދު އަތޮޅު ގަމަކީ މިގޮތަށް ކަނޑުން ބުޅާތަކެއް އަރައިގެން ފަޅުވި ރަށެއް ކަމުގައި އެހިސާބު ރަށްތަކުގެ މީހުން ޒަމާނުއްސުރެ ކިޔާ އުޅެއެވެ. އެހެންވީމާ ފަރަންސޭސިން ފޯޅަވައްސަށް އަރާ އެތާގައި، ރުށް ދަނޑު ހައްދާ، ކުފުރާތަޅަން ގެންގުޅުނު އަޅު މަސައްކަތު މީހުންނަކީ ދިވެހިންގެ ތެރެއިން މިނިފޭރިގެން އަތުލައިގަތް ބައެއް ކަމުގައި ބެލެވެއެވެ. އެއީ ފޯޅަވަހީގައި ބަނޑަހަ ޖަހައިގެން ތިއްބާ ހައްޔަރު ކުރި ދިވެހިންނާއި، ދެކުނުގެ ބައެއް ރަށްރަށަށް އަރާ ދާޖަހައިގެން އަތުލައިގަން ދިވެހިންގެ މައްޗަށް އެކުލެވޭ އަޅު މަސައްކަތުގެ އާބާދީއެކެވެ. ފަހުން އެމީހުން އިންޑިއާ ކަނޑާއި، އެފްރިކާގެ އެކި ސަރަޙައްދު ތަކަށް ބަހައި ވިއްސި ވިހާލިކޮށް ގެއްލުވާލީއެވެ. 1810މ ގައި އިނގިރޭސިން ފޯޅަވައްސަށް އެރި އިރު އެތާގައި ތިބީ ދިވެހިންނެވެ. އެއީ ފަރަންސޭސިން މިނިފޭރިގެން އެތާގައި އަޅުންގެ ގޮތުގައި ގެންގުޅުނު ދިވެހިންގެ ދަރިފަސްކޮޅެވެ. ދިވެހި ބަހުން ވާހަކަ ދައްކާ އިސްލާމް ދީނުގެ ހިދާޔަތުގައި ތިބި ސާފު ދިވެހީންނެވެ.

އިދާރީ ގޮތުން އާބާދީތައް ފޮހެލާ ހެކި ނައްތާލުން
ދުނިޔޭގެ ބޮޑެތި ބާރުތަކުން ނަސްލުތައް ނައްތާލާ އާބާދީތައް ފޮހެލަނީ، ހަމަ ކޮންމެ ފަހަރަކު ކަނޑި ބަޑީގެ ބޭނުން ކޮށްގެނެއް ނޫނެވެ. ގިނަފަހަރަށް އެވެރިން އެކަން ކުރަނީ، ކަރުދާހާއި ޤަލަން ބޭނުން ކޮށްގެންނެވެ. އިނގިރޭސި ކަނޑުގެ ސިފައިންގެ ފަރާތުން، 1810މ ވަނަ އަހަރު ފޯޅަވަހިން މިނިފޭރިގަނެގެން ގެންދިޔަ، ދިވެހިންނާއި ބެހޭގޮތުން، ސިލޯން ރަޖިސްޓަރުގައި ރިކޯޑް ކޮށްފަވާ ލިޔުމަކީ، އެ ހާދިސާ އާއި ބެހޭގޮތުން ދުނިޔޭގައި މިވަގުތު ދެމިއޮތް ހަމައެކަނި ހެއްކެވެ. އޭގައިވާ ގޮތުން ފޯޅަވަހިން އަތުލައިގަނެވުނީ ނީގްރޯ އިންނެވެ. އެކަމަކު އެއެންމެނަށް ދީފައިވަނީ ނަޞާރާ ނަންތަކެވެ. ކުޑަކުދިންނަށް އެއްވެސް ނަމެއް ދީފައެއް ނުވެއެވެ. އެއީ ފައިދާ ނެރެވޭ ވަރަށް މަސައްކަތް ކުރެވޭ އުމުރުފުރާގެ ކުދިންނަށް ނުވާތީއެވެ. މިއީ މިނިފޭރުމާއި، ރަހީނުކުރުމާއި، އަޅުވިޔަފާރިއަކީ އޭރު އިނގިރޭސި ސަރުކާރުގެ އިދާރީ ހިންގުމުގެ ބޮޑު ބައެއް ކަން އަންގައިދޭ ކަމެކެވެ.

އާދޭހެވެ! އެ ދުވަސްވަރު ދިވެހިރާއްޖެ ހިމެނެނީ މިނިވަން އިސްލާމީ ރަސްކަމެއްގެ ގޮތުގައެވެ. ސިލޯނާއި، ބޮމްބޭގައި ތިބި އިނގިރޭސި އޮފިސަރުން ރަނގަޅަށް ދިވެހިރާއްޖެ ދަނެއެވެ. ފޭރިގަނެގެން ގެންދެވުނު މީހުންނަކީ ދިވެހިން ކަމުގައި ފަޅާއަރައިފި ނަމަ އެކަން ވެގެން ދާނީ އޭރުގެ ހަމަތަކުގައިވެސް މިނިވަން މުސްތަޤިއްލު ޤައުމެއްގެ ރައްޔިތުން، ރަހީނު ކޮށް އަޅުންގެ ގޮތުގައި އިނގިރޭސިން ވިއްކާލީ ކަމުގައެވެ. އެކުން އެހާ ބޮޑުކަމަކަށް އޭރު މި މައްސަލަ ވާ އަނެއް ސަބަބަކީ މި ހާދިސާ ހިނގާފައި ވަނީ، 1807މ ގައި އިނގިރޭސިން އަޅު ވިޔަފާރި މަނާކުރި ފަހުން ކަމުގައި ވާތީއެވެ. އެދަރަޖައިގައި ހުރި މުނާފިގުކަމެއް ފޮރުވާ މަތި ޖެހުމަށްޓަކައި، ދިވެހިރާއްޖޭގެ ރަށަކުން ރަހީނު ކުރެވުނު ދިވެހިންތަކެއް އެއީ އެފްރިކާ މީހުންތަކެއް ކަމުގައި އިދާރީ ދަފްތަރުގައި ލިޔެލީއެވެ. މިއީ ލިޔެ ކިޔުމުން ނަސްލެއް ފޮހެލުމެވެ. އިދާރީ ގޮތުން އާބާދީއެއް ގެއްލުވާލުމެވެ. މިއީ ފޯޅަވަހީގެ ދިވެހިން ނުއުޅޭ ކަމަށް ހަދަން އިނގިރޭސިން ހިންގި ފުރަތަމަ ޖުރުމެވެ.

އިނގިރޭސިންގެ އަމުރަށް ލިޔެކިޔުން އަންދާލުން – ހެކި ނައްތާލުމުގެ ދެވަނަ ޖުރުމު
1887މ ގައި ހިމާޔަތުގެ އެގްރިމެންޓްގައި ސޮއިކުރުމަށް ފަހު، ސިލޯނުގައި ތިއްބަވާ އިނގިރޭސި މުޝީރުން ބާރު އަޅުއްވަމުން ގެންދެވީ މުޅިން އާ އިންތިޒާމުތަކެއް ޤާއިމު ކުރާށެވެ. އިދާރީ ހިންގުން ހަރުދަނާ ކުރުމުގެ ނަމުގައެވެ. ހަޤީގަތުގައި އިނގިރޭސިން ބޭނުންވީ، ދިވެހިންނާއި ދިވެހިރާއްޖޭގެ ހަނދާނުގެ ފަތްފުށްތައް އަލުން އިންތިޒާމު ކުރާށެވެ. އޭގެތެރެއިން އެމީހުން ބޭނުންވާ ބައި ބަހައްޓާފައި، ބޭނުން ނުވާ ބައި ނައްތާލުމަށެވެ. އެހެންކަމުން 1886މ ކުރީކޮޅުގައި، އިނގިރޭސިން ވެރިކަމަށް ގެންނަން ބޭނުންވާ ސަރުކާރު (ރަސްކަން) ލައްވާ، މާލޭގައި ބޮޑު ހުޅު ޖަހުވާފައިވެއެވ. މި ކަމުގައި އިސްކޮށް ހުރި ލީޑަރު، އައްޑު އަތޮޅު ގަމަށް އަރުވާލާފަ ހުއްޓާ ގެނެސް، އޭނާޔާ ރާއްޖޭގެ ޕްރައިމިނިސްޓަރުކަން ޙަވާލުކުރަން އިނގިރޭސިން އަމުރުކޮށް، އެކަން ކުރުވިއެވެ.

ރަސްރަސްކަލުންގެ ސިއްކަ ޖަހާފަ ހުރި ހުރިހާ ލިޔެ ކިޔުމަކާއި، ލިޔެ ދީފައި ހުރި ފަތްތައް ބޮޑު ގަނޑުވަރުގައި ހުއްޓެވެ. އޭގެ ތެރޭގައި އެކި ރަށްރަށުން ރަސްގެފާނަށް ފޮނުވާ ސިޓީތަކާއި، ބޭރުގެ އެކި ޤައުމުތަކާއި އެކު ކުރީގެ ރަސްރަސްކަލުން ވެފައިހުރި އެއްބަސްވުންތައްވެސް ހިމެނެއެވެ. އެ ލިޔެކިޔުންތަކުގެ ތެރޭގައި، 1810މ ގައި ފޯޅަވައްސަށް އަރައިގަނެ އެތާގައި ތިބި ދިވެހިން ރަހީނު ކޮށްގެން ގެންދިޔަ ކަމުގެ ވާހަކަތަކާއި، ރަސްގެފާނު އެކި ފަރާތްތަކަށް ފޯޅަވަހިން ބިމާއި، ފެހެންދީބުން ބައެއް ރަށްރަށް ލިޔެ ދީފައިވާ ފަތްތައްވެސް ހިމެނޭނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެހެންވެ، ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމުގެ މިހާ އެތެރެއަށް ވަދެފަ، މިދެންނެވި ފަދަ ލިޔެކިޔުންތަކާއި، އަޅާ ނުލާ އިނގިރޭސިން ދޫކޮށްލާނެ ބާވައެވެ؟

ބޮޑު ގަނޑުވަރުގައި މިދެންނެވި ރިކޯޑްތައް ހުރިކަން އެގެނީ، އެންމެ ފުރަތަމަ 1879-1882މ އަށް ރާއްޖެ ވަޑައިގެންނެވި، އެޗްސީޕީ ބެލްގެ (1922) ލިޔުއްވުންތަކުންނެވެ. އޭނާ، ލިޔުއްވާފައި ވެއެވެ. "މާލޭގައި ހުންނަ ސުލްޠާނުގެ ގަނޑުވަރުގައި ރައްކާކުރެވިފައިވާ ކަމަށް ބުނާ ދައުލަތުގެ ހުރިހާ ލިޔެކިޔުމެއް ހުންނަނީ، "ތާރީޚު" ނުވަތަ "މުސްކުޅި ފޮތް" ކިޔާ ފޮތެއް (ފޮތްތަކެއް) ގައެވެ. އޭގައި ދައުލަތުން ކުރާ ހުރިހާ މުހިންމު ކަންތައްތައް، ޤަރުނުތަކެއް ވަންދެން އަމާނާތްތެރިކަމާއެކު ލިޔެ ރައްކާ ކުރެވިފައި ހުރެއެވެ. މި ލިޔުންތައް ލިޔެވިފަ ހުންނަނީ މުސްކުޅި ދިވެހި އަކުރުންނާއި (ދިވެސް އަކުރު)، ޢަރަބި ބަހުންނާއި، އަދި މިޒަމާނުގެ ދިވެހި އަކުރު (ގަބުޅި ތާނަ) އިންނެވެ."

އަނެއްކަމަކީ، ހިމާޔަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، އިނގިރޭސިން ބާރު އަޅަމުން ގެންދިޔައީ މުޅިން އާ އިންތިޒާމުތަކެއް ޤާއިމުކޮށް، ދައުލަތް ހިންގުން ހަރުދަނާ ކުރަން ކަމުގައި ބައެއް ބޭފުޅުން ވިދާޅުވި ނަމަވެސް ރާއްޖޭގެ މަޝްހޫރު ޤާނޫނީ ވަކީލް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ކަމުގެ އިތުރުން، ރާއްޖޭގެ އެޓާނީ ޖެނެރަލްކަން ވެސް ކުރައްވާފައިވާ ހުސްނުއްސުޢޫދު (2014) ގައި އޭނާ ލިޔުއްވި "ދަ މޯލްޑިވިއަން ލީގަލް ސިސްޓަމް" ގައި ލިޔުއްވާފައި ވަނީ " ...ދިވެހިރާއްޖެ އަނެއްކާވެސް އެއްބަސްވީ އިނގިރޭސިންގެ ރުހުމެއް ނެތި ބޭރުގެ އެހެން ބާރަކާ އެއްބާރުލުން ނުދިނުމަށެވެ. ... 1887 ވަނަ އަހަރުގެ އެއްބަސްވުމުގެ ޝަރުތުތަކުގެ ދަށުން ދިވެހިރާއްޖެ އަކީ ކޮލޮނީއެއްގެ ގޮތުގައި ނުބެލެވުނު ނަމަވެސް، ދައުލަތަށް އަސަރު ކުރާ ހުރިހާ މުހިންމު ކަންކަމުގައި ސިލޯނުގައި ހުންނަ އިނގިރޭސި ގަވަރުނަރު ޖެނެރަލްގެ ލަފާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. ... 1887 ވަނަ އަހަރުގެ މުއާހަދާގެ ސަބަބުން ދިވެހިރާއްޖޭގެ ވެރިކަން ކުރަމުން ދިޔަ ގޮތަށް ބަދަލެއް އައިސްފައި ނުވާ" ކަމުގައެވެ.

ވީމާ 1885-1886މ ގައި ގަނޑުވަރު ތެރޭގައި ދެ ފެކްޝަން އުފެދި، އޭގެ ތެރެއިން ރަސްގެފާނާއި ދެކޮޅަށް މާލޭގެ ތަންތާގައި ހުޅުޖެހި ފެކްޝަން ކުރިއަށް ދިޔައީ އިނގިރޭސިންގެ ތާޢީދާއި އެކުގައެވެ. އެފަހުން އިބްރާހިމް ނާޞިރާއި ޖެހެންދެން ރާއްޖޭގެ ވެރިކަން ކުރަމުން އައީ ޕްރޯ-އިނގިރޭސި (ޚާންދާނީ) ފެކްޝަނުންނެވެ. ވީމާ މާލޭގައި ބޮޑު ހުޅު ޖެހުމަކީ އިނގިރޭސިން ފަހަތުގައި ތިބެ ހިއްވަރު ދީގެން، ދެވުނު ޙަމަލާއެއް ކަމުގައި ބެލެވިދާނެއެވެ. އެހެން މިދަންނަވަން ޖެހުނީ އޭގެ މާފަހުން ދެކުނުގެ އަތޮޅުތަކުގެ ގަޑުބަޑުގައިވެސް، އިނގިރޭސިން ފަހަތުގައި ތިބެގެން އެބާވަތުގެ ކަމެއް ހިންގާފަ އޮތީމައެވެ.

އާދެ! ބޮޑު ހުޅުގައިވެސް އިގިރޭސިން ކަންތައް ކޮށްފައި އެވަނީ، ދެކުނުގެ އަތޮޅުތަކުގެ ގަޑުބަޑުގައިވެސް އިނގިރޭސިން ކަންތައް ކުރިގޮތަށް ފަހަތުން ހިއްވަރު ދީގެން ކަމަށް ބެލެވެއެވެ. ދެކުނުގެ ހާދިސާ އާއި ބެހޭ ގޮތުން ނަސީމާ މުޙައްމަދު ކަލޭފާނު (2004) ގައި ލިޔުއްވި، "ރެބެލިއަން އޮފް ދަ ސަދަން އެޓޯލްސް" ކަރުދާހުގައި އޭނާ ލިޔުއްވާފައި ވެއެވެ. "އޮފީސް ގޯތިތެރޭގައި ހުޅުޖަހާ އަންދަމުން ދިޔައިރު އިނގިރޭސި އޮފިސަރުން ތިބިކަން މީހުން ފާހަގަކުރިއެވެ. ހަމަނުޖެހުން ހިންގާ އެއްވެސް މީހަކު ހުއްޓުވަން އިނގިރޭސިން މަސައްކަތް ނުކުރެއެވެ. އެތަނުގައި ތިބި މީހުން ބުނި ގޮތުގައި މުޅި އެޕިސޯޑް މާކުރިން ވަނީ ހަމަޖައްސާފައެވެ. އިސްކޮށް ތިބި މީހުން ސީދާ ބައިވެރި ނުވިޔަސް، ލައިޒަން އޮފިސަރ މޭޖަރ ފިލިޕްސް އާއި، ބައެއް އިނގިރޭސިން (ކޮސްޓައިން ކުންފުނީގެ މުވައްޒަފުން ހިމެނޭ ގޮތަށް) ހުޅުޖެހުމުގައި ބައިވެރިވެ ހިއްވަރު ދިންކަމަށް މީހުން ޤަބޫލު ކުރެއެވެ."

ދެވަނަ ބޮޑު ހަނގުރާމަ ފެއްޓުމުގެ ކުރިން ނުވަތަ، ބޮޑު ހަނގުރާމައިގެ ތެރޭގައި ރާއްޖޭ އައީ ޖިޒީ ކަނޑާލާ، ރަސްމީ ސިފަޔަކަށް ހިމާޔަތުގެ އެއްބަސްވުން އާކުރުމަށް އިނގިރޭސިންގެ ކިބައިގައި އެދެމުންނެވެ. ނަތީޖާއެއްގެ ގޮތުން 1948-1953މ ގައި ހިމާޔަތުގެ އެއްބަސްވުން އާކުރެވުނެވެ. މި ދުވަސްވަރު އިނގިރޭސިން ގެންދިޔައީ ސަރަޙައްދުތަކުގެ އިސްތިޢުމާރީ އަރުޝީފްތައް ސާފުކޮށް ނައްތާލަމުންނެވެ. މި އޮޕަރޭޝަނަށް ދީފައިވާ ނަމަކީ އޮޕަރޭޝަން ލެގަސީ އެވެ. "ހިސްޓްރީ ވޯކްޝޮޕް ޖާނަލް" ގައި، ބަންޓަން (2012) އާއި، ސައިޓޯ (2022) ލިޔެފައިވާ ގޮތުގައި "މި ސިއްރު ސިޔާސަތުގެ އަސްލު ފަޅާއަރާފައި ވަނީ 1947 - 1949މ ގައި ސިލޯން ޑިކޮލޮނައިޒްކުރަން ވާއިރަށް، އިސްތިޢުމާރީ އަރުޝީފު ތަކަށް ހަދަންވީ ގޮތުގެ އިރުޝާދު ހޯއްދެވުމަށް، ގަވަރުނަރު ސަރ ހެންރީ މޮންކްމޭސަން މޯއަރ، ލަންޑަނުގައި އެއްސެވުމުންނެވެ. ލިބިވަޑައިގެންނެވި އިރުޝާދަކީ އަރުޝީފުގައި ހިމެނޭ ސިއްރު ލިޔުންތައް ނައްތާލުމަށެވެ. ނުވަތ އިނގިރޭސި ވިލާތަށް ފޮނުވުމަށެވެ." މީގައި ކަން ބޮޑުވާން ޖެހޭ ތަންކޮޅަކީ، ރާއްޖެއާއި ބެހޭ ހުރިހާ ސިޔާދަތީ އަދި ޚާރިޖީ ލިޔެކިޔުންތަކެއް ހުންނާނީ ސިލޯނުގައެވެ. އޭގެ އެއްވެސް ބައެއް ދިވެހިރާއްޖެއާއި އަނބުރާ ޙަވާލު ކުރިކަމެއް އެނގޭކަށް ނެތެވެ.

އެއަށް ވުރެވެސް ކަންބޮޑުވާ އަނެއްކަމަކީ، އޮޕަރޭޝަން ލެގަސީ ފަދަ އެޕިސޯޑެއް ރާއްޖޭގައިވެސް، އިނގިރޭސިންގެ ތާޢީދާއި އެކު އޮތް ސަރުކާރުން ހިންގާފައިވާކަމެވެ. އެއީ ހޯމް މިނިސްޓަރު ހަސަން ފަރީދު ދީދީ އަމުރު ކުރައްވައިގެން އަމިއްލަ މީހުންގެ އަތުގައި ހުރި ލިޔުންތަކާއި، ފޮތްތަކާއި، މީހުން ގެނެސް ޕޯސްޓް އޮފީހުގައި ހުރި ހުރިހާ ފޮތްތަކާއި ލިޔެކިޔުންތައް އެއްކޮށް، ގޯނިގޯންޏަށް އަޅައިގެން ކަނޑު ފައްތާފައި ވާތީއެވެ. މިވާހަކަ ޢަބްދުލް ޙަކީމް ޙުސައިން މަނިކު ލިޔުއްވާފައިވެއެވެ. ބުނެވޭ ގޮތުގައި ރާއްޖޭގެ ތާރީޚާއި ހަނދާނީ ފަތްފުށްތަކުގެ ބޮޑު ބައެއް މިކަމުގެ ސަބަބުން ފޮހެވިގެން ދިޔައެވެ. މި ޢަމަލުތައް އެއްކޮށްލާފަ ބަލާއިރު، އިނގިރޭސި އިސްތިޢުމާރުގެ ފަހުކޮޅުގައި އިދާރީ ލިޔެ ކިޔުމާއި، އަރުޝީފް ތައް ކޮންޓްރޯލްކޮށް ހިފެހެއްޓުމުގެ ސަގާފަތް ޚުދު މާލެއާ ހަމައަށްވެސް ފުޅާވެފަ އޮތް މިންވަރު ހާމަވެގެންދެއެވެ.

އާދޭހެވެ! އޭރު ދިވެހިން ވިސްނި ވިސްނުމުގައި، އިނގިރޭސިންގެ ބޭނުމަކީ، ދަރިފަސްކޮޅަށް ލިޔެދީފައިވާ ބިންތަކާއި ރަށްތައް، ބަޔާން ކުރާ ލިޔެކިޔުމާއި، ޚާރިޖީގޮތުން ބޭރުގެ އެކި ވެރިންނާ އެކު ބަދަލު ކުރެވިފަ ހުރި ލިޔުންތައް ނައްތާލުމެވެ. އެހެންނަމަވެސް، ފެށުނީއްސުރެ އިންޑިއާ ކަނޑުގައި އޮތް އިނގިރޭސިންގެ އެންމެ ބޮޑު މަސްލަޙަތަކީ ފޯޅަވައްސެވެ. ވުމާއިއެކު، އިނގިރޭސިން ނައްތާލަން ބޭނުންވާނީ، ފޯޅަވަހީގެ މައްޗަށް ދިވެހި ރަސްކަމުގެ ސިޔާދަތު ރަމްޒުކޮށްދޭ އެންމެހާ ލިޔެ ކިޔުންތައް ކަމީ އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. އޭގެތެރޭގައި ރަސްކަމުގެ ފަރާތުން އެކި ފަރާތްތަކަށް، ފެހެންދީބާއި، ފޯޅަވަހިން ލިޔެ ދީފައިވާ ރަށްތަކާއި ބިންތަކުގެ ފަތްތައް ހިމެނޭނެއެވެ. 1810މ ގައި އިނގިރޭސިން ފޯޅަވަހީގެ ދިވެހިންނާ ދެކޮޅަށް ހިންގާފައިވާ ނަސްލު ނައްތާލުމުގެ ޢަމަލާ ގުޅުން ހުރި އެއްވެސް ލިޔުމެއް އޮތިއްޔާ އެލިޔުމެއްވެސް ވާނީ ނައްތާ ލެވިފައެވެ. އެހެންކަމުން، ހިމާޔަތުގެ ނަމުގައި އައިސް، އިނގިރޭސިން ކޮށްފައި އެވާ ކަމަކީ، (އުމުރު ފުޅުން ނިކަން ހަގު) ރަސްގެފާނަށް މަޖުބޫރު ކުރުވައިގެން، ފޯޅަވައްސާއި ގުޅުން ހުރި އަދި ރަހީނުކުރެވުނު 134 ދިވެހިންނާ ގުޅުންހުރި ލިޔެކިޔުންތައް ތާރީޚުގެ ފަތްފުށްތަކުން ނައްތާލުން ކަމުގައި ބެލެވެއެވެ. އެހެންވިއްޔާ އެވާނީ އިނގިރޭސިން ހިންގާފައިވާ ހެކި ނައްތާލާ އާބާދީއެއް ފޮހެލުމުގެ ދެވަނަ ޖުރުމަށެވެ.

އިދާރީ ދޮގުތަކާ ދެކޮޅަށް ހެކިވަނީ ޖިއޯގްރަފީގެ ޙަޤީގަތް
ޝައްކެއްނެތެވެ. ޖިއޮގްރަފީ އަށް ބަލާ އިރު ޕޯޓް ލުއީ އަށްވުރެ ފޯޅަވަހި ގާތް ވާނީ އައްޑު އަތޮޅާއެވެ. ކަނޑު އަޑީގެ ޤުދުރަތީ ބިނާވެއްޓަށް ބަލާ އިރު ފޯޅަވަހި އޮންނަނީ ޤުދުރަތީ ގޮތުން، ދިވެހިރާއްޖެއާއި އެއް އަށްޓެއްގެ މަތީގައެވެ. ބުއްދި ހަމަޖެހޭ އެއްވެސް ވިޔަފާރި ވެރިޔަކު، މޮޒަންބީކު ނުވަތަ މޮރިޝަސްއިން، އަޅުންތަކެއް ގޮވައިގެން ވިޔަފާރިއެއް ކުރުމުގެ ބޭނުމުގައި، އިރުމަތިން 2000 ނުވަތަ 3000 ކިލޯ މީޓަރު ދުރުގައި، ކަނޑުދަތުރު ފަތުރު ކުރުމަށް ފަރިތަ، މީހުން ޢާބާދުވެފަވާ ޖަޒީރާތަކަކަށް ދަތުރު ކޮށްފާނެ ކަމަށް ޤަބޫލެއް ނުކުރާނެއެވެ. މުސްތަޢުމިރުން އަމިއްލަޔަށް ކުރަހާފަވާ ޗާޓުތައް އެބަ ހުއްޓުވެ. ފެހެންދީބު ނުވަތަ ފޯޅަވައްސަކީ ދިވެހިރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކެވެ. އެއީ މޮރިޝަސްއާއި އެއްވެސް ގޮތަކުން ގުޅުވޭނެ އަތޮޅުތަކެއް ނޫނެވެ. އެއީ ޖިއޯގްރަފީ ބުނެދޭ ޙަޤީޤަތެވެ. މިކަމުގެ މައްޗަށް ހެކިދެނީ މުސްތަޢުމިރުން އަމިއްލަ އަތުން ކުރެހި ޗާޓުތަކެވެ. އިދާރީ ލިޔެކިޔުމަކީ ދޮގު ހަދާ އެއްޗެކެވެ. ނަމަވެސް ޖިއޮގްރަފީގެ ޙަޤީޤަތަކީ ދޮގުހަދައިގެން އޮޅުވަލެވޭނޭ އެއްޗެއް ނޫނެވެ.

ނަމެއްނެތް ދިވެހި ކުޑަ ކުދިން – ކަރުދާހުގައި ޖަހާލެވުނު މަހާނަ ގާތަކެއް
1810މ ގައި ފޯޅަވަހީގެ ދިވެހިންގެ މައްޗަށް އިނގިރޭސިން ހިންގި ލާ އިންސާނީ ޢަމަލުގައި، ރަހީނު ކޮށްގެން ގެންދިޔަ 134 ދިވެހީންގެ ތެރޭގައި ފުރާވަރަށް ނާރާ 8 ކުޑަ ކުދީން ތިއްބެވެ. ނަމަވެސް އެއިން އެއްވެސް ކުއްޖަކަށް ނަމެއް ދީފައެއް ނުވެއެވެ. ދިވެހިންނަކީ އިސްލާމީ އަޤީދާގެ މަތީގައި ތިބި ބަޔެކެވެ. ދަރިންނަށް ނަން ކިޔުމަކީ އިސްލާމީ އާދަކާދައިގެ ތެރޭގައި ހިމެނޭ ލާޒިމު ކަމެކެވެ. އެހެންވީމާ އެކުދިންނަށް އިނގިރޭސިން ނަމެއް ނުދީ އޮތުމަކީ ނޭގުމެއްގެ ތެރޭގައި ވެފައި އޮތް ކަމެއް ނޫނެވެ. އެއީ އިދާރީ ގޮތުން ގަސްތެއް އޮވެގެން ކޮށްފައިވާ ކަމެކެވެ. އިގުތިޞާދީ ގޮތުން މަސައްކަތެއް ކުރެވޭނެ ގައިބާރު ހުރި މީހަކަށް ނޫނީ، ޖަހާލާ މަރުކާއެއްގެ ގޮތުގައިވެސް އިންސާނީ ކަރާމާތުގައި ފާހަގަ ވިޔަ ނުދިނުމަށެވެ. އެ މަޢުޞޫމު 8 ކުދިންގެ ނަމެއް ނެތެވެ. ސިލޯނު ރަޖިސްޓަރުގައި އެކުދިންނަށް ނަމެއް ދީފަ ނެތުމަކީ، ކަރުދާހުގައި އެކުދިންގެ މަހާނަ ގާތައް ޖެހުން ކަމުގައި ނޫނީ ނުވާނެއެވެ.

ނަމަވެސް މިވާހަކަތައް މިއަދު ހުރީ ވަރަށް ރީތިކޮށް ލިޔެފައެވެ. އިނގިރޭސިންގެ ޕްރައިޒް ކޯޓް ޑޮކިއުމެންޓް ތަކުގައެވެ. އޭގެ މައްޗަށް ބިނާކޮން ލިޔުއްވާ ބޭފުޅުންގެ (ޝިހާން ޑިސިލްވާ ޖަޔަސޫރިޔާގެ ލިޔުން ބައްލަވާ:  ޞ 10-18އަށް) ލިޔުއްވުންތަކުގައި ނިކަން ބޮޑަށް އޮފުދާރު ކޮށްފައެވެ. އިނގިރޭސިން ފޯޅަވަހީގައި ތިބި ދިވެހިން ރަހީނުކުރި ވާހަކަ ލިޔެފައިވަނީ 1807 ވަނަ އަހަރު އިނގިރޭސި ރަސްކަމުން އަޅު ވިޔަފާރި މަނާ ކުރުމުން، އެކަމާ ދެކޮޅަށް އަޅުން ސަލާމަތް ކުރުމަށް ހިންގި ރެސްކިއު އޮޕެރާޝަނެއް ކަމަށް ދޭހަވާ ގޮތަށެވެ. ބުނެފައިވެއެވެ. "އަހަރެމެންގެ ބޯޓުތައް ފޯޅަވހީގެ ގޮނޑު ދޮށާ ކައިރި ކުރުމުން ސަލާމަތް ވާން ބޭނުންވެފައި ތިބި އަޅުން ވަލުތެރެއިންނާއި ތަންތަނުން ނުކުމެ، އަހަރެމެންނާ ދިމާލަށް އަންނާން ފެއްޓިއެވެ." އެހެންނަމަވެސް މިހުރިހާ އޮފްދާރު ކުރުމެއްގައި ނުފިލާނޭ ބޮޑު ކޫރުމެއް އެޅިގެން ދަނީ ހަމަ އިނގިރޭސިންގެ އަމިއްލަ ލިޔެކިޔުމުންނެވެ. ގަވަރުނަރު ތޯމަސް މެއިޓްލޭންޑް ލިޔެ އެންގެވިކަމަށް ބުނެފައިވާ ޢިބާރާތުންނެވެ.

އާދެ! ގަވަރުނަރު ތޯމަސް މެއިޓްލޭންޑް ފޯޅަވަހިން މިނިފޭރިގެން ގެންދިޔަ 134 ދިވެހިންނާއި މެދު ލިޔުއްވި ކަމަށްވަނީ ތިރީގައި މިވާ ގޮތަށެވެ.

“The Negroes [sic] must be brought into the Court of Admiralty and regularly condemned... £40 for every serviceable man, £30 for every woman, £10 for every child.”

މިތާގައި ބުނެފައި އެވާ 'ކޮންޑެމް' ކުރުމުގެ މާނަޔަކީ، އިނގިރޭސި ޕްރައިޒް ކޯޓުން އެއީ އަޅުން ކަމުގައި ނިންމި ވާހަކައެވެ. އަދި މަސައްކަތް ކުރެވޭ ވަރުގެ ފިރިހެން އަޅަކު ވިއްކާނެ އަގެއް ކަމުގައި 40 ޕައުންޑް، އަންހެނަކަށް 30 ޕައުންޑް އަދި ކުޑަކުއްޖަކަށް 10 ޕައުންޑްގެ ރޭޓުން ވިއްކާލާނެ އަގުތައް ކަނޑައެޅި ވާހަކައެވެ. މިއީ އިނގިރޭސި ނޭވަލް ލޯގެ ދަށުން އޭރު ޢަމަލު ކުރާ ގޮތެވެ. އެހެން ވީމާ މި ޢިބާރާތުން އެގެނީ، ފޯޅަވަހީގައި އިނގިރޭސިން 1810މ ގައި ހިންގި ޢަމަލަކީ، އަޅުން މިނިވަން ކުރުމުގެ ރެސްކިއު އޮޕަރޭޝަނެއް ނޫން ކަމެވެ. އެއީ ފޯޅަވަހީގެ ދިވެހިން އެތަނުން ބާލާ، އެމީހުން އަޅުވެތިކޮށް އިދާރީ ލިޔެކިމުގެ ތެރެއިން ވުޖޫދުން ފޮހެލުމުގެ ބޭނުމުގައި ހިންގުނު އަނިޔާވެރި ޢަމަލެއް ކަމެވެ. ސަބަބަކީ އިނގިރޭސިންގެ އެންމެ ބޮޑު ބޭނުމަކީ، އިންޑިއާ ކަނޑުގެ އިސްތިރާޖީ މަޤާމެއްގައި އޮތް ފޯޅަވައްސަކީ އިނގިރޭސި ދައުލަތުގެ ސިޔާދަތީ ސަރަޙައްދެއް ކަމުގައި ކަނޑައެޅުމެވެ. އެކަމަށް މަގު ކޮށާ ފަރިކުރަމުން އައިސް އެންމެ ފަހުން އެކަން ކުރީ 1965މ ގައެވެ. އެއީ ފޯޅަވަހި ނުވަތަ ފެހެންދީބަކީ ބްރިޓިސް އިންޑިއަން އޯޝަން ޓެރިޓްރީ ކަމުގައި، އިނގިރޭސި ރަސްކަމުގެ އޯޑަރ އިން ކައުންސިލް އަކުން ނިންމުމާއި އެކުގައެވެ.

އާބާދީއެއް ފޮހެލުމާ ދެކޮޅު ޤާނޫނު – ހެކި ސާބިތު ކޮށްދިނުމުގެ އިލްތިޒާމް
ޤާނޫނީ މާހިރުން ވިދާޅުވާ ގޮތުން، އަމްބަރުޠޫރުން ބާރުގެ ބޭނުން ކޮށްގެން، ވަކި އާބާދީއެއް ވުޖޫދުގައި ވާކަމުގެ ހެކިތައް (އައިޑެންޓިޓީ) ފޮހެލުމުން، ކަން ހިނގާ ދިޔަ ގޮތުގެ ޙަޤީގަތް ކިޔާދިނުން އޮންނާނީ، ހެކި ފޮހެވިގެން ދިޔަ އާބާދީގެ އަހުލުވެރިންނަށެވެ. އެ އާބާދީ ވުޖޫދުގައި އޮތްކަމުގެ ހެކިތައް ފޮހެލި ފަރާތަކަށް ނޫނެވެ. އެފަދަ ޙާލަތުގައި މަޢުޞޫމުކަން ސާބިތު ކޮށް ދިނުމުގެ ބުރަ (Burden of Proof) އޮންނާނީ ހެކި ފޮހެލި ކަމުގެ ތުހުމަތު ކުރެވޭ ފަރާތުގެ ކޮނޑުގައެވެ. މިކަމުގެ އަސާސްތައް ބިންވަޅު ނެގިފައި ވަނީ ބައިނަލް އަޤުވާމީ މުޢާހިދާތަކާއި، ޤާނޫނުތަކާއި، އެތަކެއް ކޯޓުތަކެއްގެ ޝަރުޢީ ނިންމުން ތަކުގައެވެ. މީގެ ތެރޭގައި، ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް (1948) ގެ 15 ވަނަ މާއްދާ ގައި ބުނާ ޤައުމަކަށް ނިސްބަތް ވުމުގެ ޙައްޤާއި، އިންޓަނޭޝަނަލް ކޮވިނެންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (1966) ގެ 27 ވަނަ މާއްދާގައި ބަޔާންކުރާ އަޤަލިއްޔަތުގެ ގޮތުގައި ހިމެނޭ އާބާދީތައް (ފާހަގަވާ ސިފަތައް) ޙިމާޔަތްކޮށް ރައްކާ ކުރުމުގެ ޙައްޤު ހިމެނެއެވެ. މިމަފްޙޫމް ނަގަހައްޓާފައިވާ ޝަރުޢީ ނިންމުން ތަކުގެ ތެރޭގައި، ސްވިޑްންގެ ދަޅުފީނި ފުއްލާ ޝިކާރަ ކޮށްގެން ދިރިއުޅޭ ޠަބަޢީ އާބާދީއެއް ކަމުގަވާ، ސާމީ ޤަބީލާއަށް ނިސްބަތްވާ އިވާން ކިޓޮކް، ސްވިޑްން ސަރުކާރާ ދެކޮޅަށް (1988) ގައި އދ. ގެ ހިއުމަން ރައިޓްސް ކޮމިޓީގައި އުފުލި ދަޢުވާގެ ނިންމުން ހިމެނެއެވެ. މީގެ އިތުރުން ނިކަރާގުއާގެ ޠަބައީ އާބާދީއެއް ކަމުގައިވާ، މަޔަގްނާ އަވާސް ޓިންގްނީ ދަރިކޮޅަށް ނިސްބަތްވާ މަޔަގްނާ ސުމޯ ޤަބީލާގެ މީހުން، ނިކަރާގުއާގެ ސަރުކާރާ ދެކޮޅަށް (2001)، އިންޓަރ އެމެރިކަން ކޯޓް އޮފް ހިއުމަން ރައިޓްސްގައި އުފުލި ދައުވާގެ ނިންމުން ހިމެނެއެވެ. އަދި، ކެންޔާގެ ލޭކް ބޮގޯރިއާ ސަރަޙައްދުގައި، ކަންބަޅި ބަކަރި ހުއިހައްޕައިގެން ދިރިއުޅޭ ޠަބައީ އާބާދީއެއް ކަމުގައިވާ އެންޑޯރޮއިސް ޤަބީލާއިން، ކެންޔާ އާއި ދެކޮޅަށް (2010)، އެފްރިކަން ކޮމިޝަންގައި ކުރި ދަޢުވާވެސް ނިންމާފައިވަނީ މި އަސާސްތަކުގެ މައްޗަށެވެ. މީގެ އިތުރުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ވެސްޓަން ސަހާރާ އެޑްވައިޒަރީ އޮޕީނިއަން (1975) ދީފައިވަނީވެސް މި އަސާސްތަކާ އެއްގޮތަށެވެ.

ޖުމްލައެކު، މިހުރިހާ ކަމަކުން ކަށަވަރު ކޮށްދެނީ ދައުލަތަކުން ޠަބަޢީ އާބާދީއެއް ދެމިއޮތުމުގެ ހެކި ހިފަހައްޓާ ނައްތާލާ ތަނެއްގައި، ތުހުމަތުން ބަރިއްޔަ ވުމަށް، ހެކި ސާބިތު ކޮށްދިނުމުގެ ބުރަ އޮންނާނީ ތުހުމަތު ކުރެވޭ ދައުލަތެއްގެ މައްޗަށްކަމެވެ. ދިވެހިން ބަސް ނުބުނެ ހިމޭނުން ތިބި ތިބުމަކީ އިނގިރޭސި ދައުލަތުގެ މައުޞޫމް ކަމުގެ ހެއްކެއްގެ ގޮތުގައި ނުބެލެވޭނެއެވެ. އަދި އިނގިރޭސި ދައުލަތަކަށް އެހެންނޭ ކިޔައިގެން ދައުވާއެއްވެސަ ނުކުރެވޭނެއެވެ. އިސްތިޢުމާރީ އަރުޝީފް ތަކުގައި ދިވެހިންގެ ނަންތައް ހިމަނާފަ ނެތުމަކީ، ރަހީނު ކުރެވުނު މީހުންނަކީ ދިވެހިންނަށް ނުވާކަމުގެ ހެއްކެއް ނޫނެވެ. އެއީ އެ އަރުޝީފްތައް ކޮށާ މަށާ، ޙަޤީޤަތް އޮޅުވާލާފައި ވާކަމުގެ ހެއްކެވެ. ވަގުން ވައްކަން ކޮށް އެކަން ފޮރުވުމަކީ، ޤާނޫނުން އެކަމުގެ އިނާމު ވަގުންނަށް ދޭން ޖެހޭ ސަބަބެއް ނޫނެވެ.

ޤާނޫނާއި، ޑިޕްލޮމަސީ އަދި ރޭވުންތެރި ސިޔާސަތު
1810މ ވަނަ އަހަރުގެ ހާދިސާތަކުން ކަށަވަރުކޮށްދެނީ ފޯޅަވަހީގައި ދިރި އުޅުނު ދިވެހިންނަކީ އެންމެ ފުރަތަމަ އެރަށުގައި ދިރިއުޅުނު އާބާދީތަކުގެ ތެރެއިން ގެދޮރުން ނެރެ ބޭރު ކޮށްލާ ވިއްސިވިހާލި ކޮށްލެވުނު އާބާދީ ކަމެވެ. އެއީ މޮރިޝަސް އަށް ވަކި އިސްތިއުމާރީ ދަރަޖައެއް ލިބުމުގެ ގަރުނެއް ކުރިންނެވެ. ވީމާ މޮރިޝަސްއަށް ފޯޅަވހީގެ ސިޔާދަތީ ބާރު "އަނބުރާ" ދިނުމަކީ އެއީ ޑިކޮލޮނައިޒް ކުރުމެއް ނޫނެވެ. އެއީ އިސްތިޢުމާރީ އެއް ވައްކަމުން އަނެއް ވައްކަން ދޮވެ ސާފުކޮށް ފޮރުވުމެވެ.

ދިވެހިރާއްޖެއަށް ފޯޅަވަހީގެ މައްސަލައަކީ ހަމައެކަނި ދައްކާލާ ވާހަކައެއް ނޫނެވެ. މިއީ އިސްތިޢުމާރާ ދެކޮޅަށް ދިވެހިން ތެދުވާ ތެދުވުމެކެވެ. ވެއްޓި އޮވެވެސް ފުރާނަ ހުރިހާ ހިނދަކު އިއްވާނެ މިނިވަންކަމުގެ ޝިޢާރެވެ. އަލުން އެނބުރި މިނިވަން ކަމުގެ ދަޢުވާ ކުރާނެ ކަމުގެ އިޤްރާރެވެ. އދ. ޗާޓަރުގެ 73 ވަނަ މާއްދާގެ (އީ) ގެ ދަށުން ފޯޅަވަހީގެ ސުވާލު އަލުން ހުޅުވާލުމަށް ދިވެހިންނަށް ލިބިދޭ ޙައްޤު ހޯދުމަށް، ވެފައިވާ ދިވެހިންގެ އިއްތިފާޤެވެ. އިސްތިޢުމާރީ އަރުޝީފްތައް ހުރަހަކާ ނުލާ ބެލުމުގެ ދޮރު އދ. މެދުވެރިވެގެން ދިވެހިރާއްޖެއަށް ހުޅުވާ ދިނުމަށް އެދި ގޮވާލާ ގޮވާލުމެވެ. ފޯޅަވަހީގެ މައްސަލައަކީ ފޮހެލެވިފައިވާ ސިޔާދަތީ މައްސަލައެއްގެ ގޮތުގައި ބަލައިގަތުމަށް އދ. ގައި އެދޭ އެދުމެވެ. އާއެކެވެ! މޮރިޝަސް އިން ވިހުރަމުން ދާ ކޮންމެ ޗާޓެއް ކުރަހާ ފައިވަނީ، ދިވެހިރައްޖޭގެ ސިޔާދަތީ ސަރަޙައްދުގެ ހުރިހާ ޗާޓެއް، ހިމާޔަތުގެ އެއްބަސްވުމުގެ ދަށުން، އިނގިރޭސިން މަޖުބޫރު ކުރުވައިގެން ދިވެހިންލައްވާ އަންދާ އަޅިއަށް ހަދާލުމުގެ ފަހުންނެވެ.

ލިޔުންތެރިޔާގެ ޑިސްކްލެއިމަރ ނޯޓް:
މިލިޔުމުގެ ފުރަތަމަ ޕެރެގްރާފާއި ދެވަނަ ޕެރެގްރާފަކީ ޙަޤީޤީ ތާރީޚީ ހާދިސާއެއް އަލުން ދިރުވުމުގެ ގޮތުން، ނެރެޓިވް ރިކޮންސްޓްރަކްޝަން ފޯމްގައި ލިޔެފައިވާ އަދަބީ ރިކޮނސްޓްރަކްޝަން އެކެވެ. އެއީ ހިނގާފައި އޮތް ކަމެއް ހެކިތަކުގެ އަލީގައި ތަފާތު ނަޒަރަކުން ކިޔައި ދިނުމެވެ. ހައްޔަރު ކުރެވުނު 134 މީހުންނަކީ ދިވެހިން ކަމުގައި ބުނަމުން ދަނީ، އެއީ އަޅުގަނޑުމެންގެ މުޅި ކެމްޕޭނުގެ ފެށުނީއްސުރެ ކުރާ މައިގަނޑު ދަޢުވާ ކަމަށް ވާތީއެވެ. ތުހުމަތުން ބަރިއްޔަ ވުމަށް ހެކި ސާބިތު ކޮށް ދިނުމުގެ ބުރަ (Burden of Proof) އޮންނާނީ އިގިރޭސިންގެ ކޮނޑުގައެވެ.

މިލިޔުމަށް މަޢުލޫމާތު ނަގާފައިވަނީ 'އެޗްއެމްއެސް ސަރ ފްރާންސިސް ޑްރޭކް އޮޕަރޭޝަންގެ' ޞައްޙަކަން ކަށަވަރު ކޮށްފަވާ އިސްތިޢުމާރީ އަރުޝީފްގެ ރެކޯޑްތަކުންނެވެ. ހުރިހާ ރިފަރަންސް ތަކަކީ ވެރިފައި ކުރެވޭނެ ޙަޤީޤީ ތެދު ރިފަރެންސްތަކެކެ. އޭގެ ތެރޭގައި އަތުލައިގަތް މީހުންގެ އަދަދާއި، ނަޞާރާ ނަންތައް ބޭނުންކުރުމާއި، ޕްރައިޒް ކޯޓުން އެމީހުންނަކީ އަޅުން ކަމުގައި ނިންމުމާއި، އަދި އެމީހުން ވިއްކާލާނެ އަގެއް ކަނޑަ އެޅުމާއި، މޮޒެމްބީކް އަދި މަޑަގަސްކަރައިގެ ނީގްރޯއިންގެ ގޮތުގައި ހައްޔަރު ކޮށްގެން ގެންދިޔަ ދިވެހީން ގިންތިކުރުން ހިމެނެއެވެ.



މަސްދަރުތައް

Primary and Colonial Sources
  1. Admiralty Records. (1810). HMS Sir Francis Drake, Seizure Report, Ceylon, 1810 (ADM 1/2198 & CO 54/47). The National Archives (United Kingdom).
  2. Bell, H. C. P. (1922). The Maldive Islands: Monograph on the history, archaeology and epigraphy. Ceylon Government Press.
  3. Ceylon Colonial Office. (1810–1813). Dispatches on Maldivian prisoners and slave registers (CO 54/49–53). The National Archives (United Kingdom).
  4. Ceylon Government Gazette. (1810, August–September). Entries on “Capture of Negro Slaves from the Maldives” (Nos. 1009–1013). Government Printing Office.
Secondary and Comparative Works
  1. Abdul-Sattar, S. (2019). Maldives: Trade, economy and international integration. Maldives Economic Review, 1(1).
  2. Mohamed, N. (2007, February 8). Rebellion of the Southern Atolls. National Centre for Linguistic and Historical Research (NCLHR). Retrieved from https://twothousandisles.com/wp-content/uploads/2017/09/southern-rebellion.pdf
  3. Al Suood, H. (2014). The Maldivian legal system. Maldives Law Institute.
International Law and Human Rights Sources
  1. African Commission on Human and Peoples’ Rights. (2010). Endorois v. Kenya, Communication No. 276/2003, 27th Activity Report.
  2. Inter-American Court of Human Rights. (2001). Awas Tingni v. Nicaragua, Judgment of 31 August 2001, IACHR Series C No. 79.
  3. International Court of Justice. (1975). Western Sahara Advisory Opinion, I.C.J. Reports 1975 (12).
  4. United Nations. (1948). Universal Declaration of Human Rights, G.A. Res. 217 A (III), U.N. Doc. A/810.
  5. United Nations. (1966). International Covenant on Civil and Political Rights, 999 U.N.T.S. 171.
  6. United Nations. (1960). Resolution 1514 (XV): Declaration on the granting of independence to colonial countries and peoples. U.N. Doc. A/4684 (Dec 14 1960).
  7. United Nations. (1970). Resolution 2625 (XXV): Declaration on principles of international law concerning friendly relations and co-operation among states. U.N. Doc. A/8082 (Oct 24 1970).
  8. United Nations Charter. (1945). Art. 73(e). San Francisco: United Nations.
  9. United Nations Human Rights Committee. (1988). Kitok v. Sweden, Communication No. 197/1985, U.N. Doc. CCPR/C/33/D/197/1985 (27 July 1988).

Archival and Analytical Works on the 1810 Seizures
  1. Allen, R. B. (2014). European slave trading in the Indian Ocean, 1500–1850 (pp. 179–182). Ohio University Press.
  2. Clarence-Smith, W. G. (1989). The economics of the Indian Ocean slave trade in the nineteenth century (pp. 61–63). Routledge.
  3. Ceylon Colonial Office. (1810). Return of Negro Slaves Seized by HMS Sir Francis Drake (CO 54/47). The National Archives (United Kingdom).
  4. Banton, M. (2012). Destroy? “Migrate”? Conceal? British strategies for the disposal of sensitive records of colonial administrations at independence. Journal of Imperial and Commonwealth History, 40(2), 321–335. https://doi.org/10.1080/03086534.2012.697622
  5. Saitō, Y. (2022). Operation Legacy and the destruction of colonial records: The origins in Ceylon and codification in the Gold Coast. History Workshop Journal, 93(1), 95–120. https://doi.org/10.1093/hwj/dbac010
  6. Shihan de Silva Jayasuriya (08 Aug 2025): From Plantations to Military: Heritage of Galle Fort in Sri Lanka, Journal of African Diaspora Archaeology and Heritage, DOI: 10.1080/21619441.2025.2524956