June 10, 2026

ފޮއްޅަވަޔާއި (ޗާގޯސް)، އިސްތިޢުމާރު ނައްތާލުމާއި، ބައިނަލްއަގުވާމީ ނިޒާމުގެ ނަޒާހަތްތެރިކަމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ. ޓްރަމްޕަށް ލިޔުނު ހުޅުވާލެވިފައިވާ ސިޓީގެ ތަރުޖަމާ

އިދާރީ ނޯޓު:
މިލިޔުމާއެކު ގެނެސްދޭނީ "ޕެން ފޯ ރައިޓްސް – މޯލްޑިވިއަންސް ފޯ ޗާގޯސް" ގެ ރިސާޗް އެންޑް ޑޮކިއުމެންޓޭޝަން ޑިވިޜަނުން އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ. ޓްރަމްޕަށް ލިޔެ ޝާއިޢުކޮށްފައިވާ ހުޅުވާލެވިފައިވާ ސިޓީގެ ދިވެހި ތަރުޖަމާއެވެ. މި ސިޓީ ލިޔުނީ، ފޮއްޅަވައިގެ (އިސްތިއުމާރީ ނަމުން ނަމަ ޗާގޯސްގެ) މުސްތަގުބަލާ ގުޅޭގޮތުން ފަހަކަށް އައިސް ބައިނަލްއަގުވާމީ މައިދާނުގައި ދެކެވެމުންދާ ވާހަކަތަކަށާއި، ދިގުމުއްދަތުގައި، އެ ރަށްތަކުގެ ގާނޫނީ އަދި އިސްތިރާޖީ މަޤާމު އޮންނާނެ ގޮތާ މެދު ވޮޝިންގްޓަނުން އަލުން ވިސްނަމުންދާ ކަމަށް ބުނާ ރިޕޯޓުތަކާ ގުޅިގެންނެވެ.

މި ސިޓީ ވަނީ ފުޅާ ދާއިރާއެއްގައި ބައިނަލްއަގުވާމީ އެކިއެކި ފަރާތްތަކާއި ހިއްސާކުރެވިފައެވެ. އޭގެ ތެރޭގައި ނިއުޔޯކް އަދި ޖެނީވާގައި ހުންނަ އދ. ގެ މެމްބަރު ގައުމުތަކުގެ މިޝަންތަކާއި، އިނގިރޭސިވިލާތުގެ ހައުސް އޮފް ކޮމަންސް އަދި ހައުސް އޮފް ލޯޑްސްގެ މެންބަރުންނާއި، އދ. ގެ ސެކްރެޓޭރިއަޓްގެ ކަމާބެހޭ އިދާރާތަކާއި، އދ. ގެ ގުޅުންހުރި މުއާހަދާތަކާ ބެހޭ އިދާރާ ތަކާއި، ރާއްޖޭން ބޭރުގައި ތިއްބަވާ ދިވެހި ޚާރިޖިއްޔާގެ މިޝަންތަކާއި، ބޭރުގެ ތިންކް ޓޭންކް ތަކާއި، ދިރާސާކުރާ ފަރާތްތަކުގެ އިތުރުން، އިންސާނީ ޙައްޤުތަކާއި، އިސްތިއުމާރު ނައްތާލުމުގެ މައްސަލަތަކާއި (decolonisation)، ބައިނަލްއަގުވާމީ ގާނޫނު އަދި އިންޑިއާ ކަނޑުގެ ކަންކަމާ ގުޅޭ ދާއިރާތަކުގައި ހަރަކާތްތެރިވާ މުއައްސަސާތައް ހިމެނެއެވެ.

މި ސިޓީ ލިޔެ ޝާއިއުކުރުމުގެ ބޭނުމަކީ ވަގުތުން ވަގުތަށް ސިޔާސީ ނަތީޖާއެއް ހާސިލުކުރުމެއް ނޫނެވެ. އަދި މި މައްސަލައިގައި ވަކި ގޮތަކަށް ނިންމުމަކަށް ބާރުއެޅުމެއްވެސް ނޫނެވެ. އޭގެ ބަދަލުގައި، މީގެ މަގްސަދަކީ، މި ސިޓީ ލިޔުނު ފަރާތްތަކަށް ފެންނަގޮތުގައި، ފޮއްޅަވައިގެ މައްސަލައާއި ގުޅޭ ބައިނަލްއަގުވާމީ މަޝްވަރާތަކުގައި އެކަށީގެންވާ ވަރަށް ސަމާލުކަން ދެވިފައިނުވާ ތާރީހީ، ގާނޫނީ އަދި އިޖުރާއީ ސުވާލުތަކަކަށް ސަމާލުކަން އިތުރުކުރުމެވެ.

ގިނަ އަހަރުތަކެއް ވަންދެން، މި މައްސަލައާ ގުޅޭގޮތުން ބައިނަލްއަގުވާމީ މައިދާނުގައި ބަހުސްތައް ކުރިއަށް ގޮސްފައިވަނީ އަސާސީ މުހިންމު ކަންތައްތަކަކަށް ފުންކޮށް ބެލުމެއް ނެތިއެވެ. އޭގެ ތެރޭގައި، އދ. ގެ، އިސްތިއުމާރީ ވެރިކަމުގެ ދަށުން ގައުމުތައް މިނިވަންކުރުމުގެ އޮނިގަނޑު (decolonisation framework) އެކުލަވާލެވުނު ދުވަސްވަރު، ދިވެހިރާއްޖޭގެ ގާނޫނީ މަގާމު އޮތްގޮތާއި، އދ.ގެ ޗާޓަރުގެ 73 ވަނަ މާއްދާގެ (e) ގެ ދަށުން ގާއިމުކޮށްފައިވާ ރިޕޯޓިންގް ނިޒާމުން ދިވެހިރާއްޖެ އުނިވެފައި އޮތުމުން ނުކުންނަ ނަތީޖާތަކާއި، ނުވަތަ އިސްތިއުމާރު ކުރުމުގެ ކުރިން، އެ ޖަޒީރާތަކާ ބެހޭގޮތުން ދިވެހިންނަށް އެނގެން ހުރި ތާރީޚީ ހެކިތައް ހިމެނެއެވެ.

އެހެންކަމުން، ހުޅުވާލެވިފައިވާ މި ސިޓީ ޝާއިޢުކުރެވިފައި މިވަނީ، އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށާއި މައުލޫމާތުގެ މައްޗަށް ބިނާވެފައިވާ ބައިނަލްއަގުވާމީ ބަހުސަކަށް އެހީތެރިވެދިނުމުގެ ގޮތުންނެވެ. މީގެ އަމާޒަކީ ސަރުކާރުތަކާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކާއި، އިލްމީ ބޭފުޅުންނާއި، ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، އަދި އާންމު ރައްޔިތުންގެ މެދުގައި މި މައްސަލަތަކަށް އޮތް ހޭލުންތެރިކަން އިތުރުކުރުމެވެ. އަދި ފޮއްޅަވައިގެ މުސްތަގުބަލާ ގުޅޭގޮތުން ކުރިއަށް އޮތްތަނުގައި ކުރެވޭ މަޝްވަރާތައް ބިނާވެގެންވަނީ އެންމެ ފުރިހަމަ ތާރީހީ އަދި ގާނޫނީ ހެކިތަކުގެ މައްޗަށްކަން ކަށަވަރުކުރުމެވެ. 
-----------------------------------------
ހުޅުވާލެވިފަވާ ސިޓީގެ ތަރުޖަމާ


އިއްޒަތްތެރި ރައީސް،

ބައިގަރުނަށްވުރެ ގިނަ ދުވަހު، ބައިނަލްއަގުވާމީ މުޖުތަމައުން ވަނީ، ތާރީޚީގޮތުން ދިވެހިންގެ މެދުގައި "ފޮއްޅަވައި" ގެ ނަމުން އެނގިފައިވާ އަދި ފަހުން އިސްތިއުމާރީ އިދާރާގެ ދަށުން "ޗާގޯސް" ގެ ނަން ދެވުނު ޖަޒީރާތަކުގެ މުސްތަގުބަލާ މެދު ބަހުސްކޮށްފައެވެ. މި ބަހުސް ބޮޑަށް ބިނާވެފައި އޮތީ، ހަމައެކަނި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދުގެ މައްސަލައެއްކަމުގެ މައްޗަށް ބިނާކޮށްފައިވާ އޮނިގަނޑެއްގެ ތެރޭގައެވެ. ޚާރިޖީ ހަރަކާތްތަކާއި، ޝަރުއީ މަރުހަލާތަކާއި، އިލްމީ މާހިރުންގެ ޚިޔާލުތަކާއި، އަދި ބައިނަލްއަގުވާމީ ގަރާރުތައް ކުރިއަށް ގޮސްފައިވަނީ ބޮޑަށް އެ ގަބޫލުކުރުމުގެ މައްޗަށެވެ.

އިނގިރޭސިވިލާތުން އެ ސަރަހައްދު ހިންގަމުންދާ ދިއުން ދިފާއުކުރަމުންދާއިރު، މޮރިޝަސްއިން ވަކާލާތު ކުރަނީ އެ ޖަޒީރާތަކަކީ މޮރިޝަސްގެ އިސްތިއުމާރީ ސަރަހައްދުގެ ބައެއް ކަމަށާއި، އެހެންކަމުން އެތަނުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އަލުން އަނބުރާ ލިބެންޖެހޭނެ ކަމަށެވެ. އެ ދައުވާއަކީ މޮރިޝަސްއާއި ފޮއްޅަވަޔާއި ދެމެދު، އިސްތިއުމާރުގެ ކުރީގެ ޖިއޮގްރަފީ، ސިޔާސީ، ސަގާފީ، ނުވަތަ ތާރީޚީ އެއްވެސް ގުޅުމެއް އޮތްކަން ސާބިތުކޮށްދިނުމުގެ ބަދަލުގައި، މައިގަނޑު ގޮތެއްގައި އިސްތިއުމާރީ އިދާރީ އިންތިޒާމުތަކާއި، އޭގެ ފަހުން uti possidetis juris (އިސްތިއުމާރުގެ ދަށުން މިނިވަންވަންދެން، އިސްތިޢުމާރުގެ ދުވަސްވަރު އޮތް ބޯޑަރު ދެމެހެއްޓުން) މާނަކޮށްފައިވާ ގޮތުގެ މައްޗަށް ބިނާވެފައިވާ ދައުވާއެކެވެ. މި ވާދަވެރި ދެ ޙާލަތުގެ މެދުގައި، މިއަށްވުރެ ފުޅާ ތާރީޚީ ސުވާލެއް ބައިނަލްއަގުވާމީ ބަހުސްތަކުން ގެއްލި ދިޔައީ، އެ ސުވާލަށް ޖަވާބު ލިބިފައިވާތީއެއް ނޫނެވެ. ނަމަވެސް އެ ސުވާލު އެކަށީގެންވާ ގޮތެއްގައި ދުވަހަކުވެސް ކުރެވިފައި ނުވާތީއެވެ.

މަނިކުފާނުގެ ސަރުކާރުން، ފޮއްޅަވައިގެ މުސްތަގުބަލާ ގުޅޭގޮތުން، އިތުރު ގޮތްތަކެއް ބައްލަވަމުންދާކަމަށް ދާދިފަހުން ފެންމަތިވި ރިޕޯޓްތަކާއެކު، މިދެންނެވި ސުވާލަށް އަލުން ރުޖޫއަވުމުގެ ފުރުސަތެއް ލިބިގެންދެއެވެ. މިފަދަ ރިޕޯޓްތަކުގެ ސަބަބުން، ސިޔާސަތަށް ބަދަލެއް އަންނާނެތޯ ނުވަތަ ނޫންތޯ، މުހިއްމެއް ނޫނެވެ. މިވަގުތަށް ބަލާއިރު، އެއަށްވުރެ މުހިންމީ ވޮޝިންޓަނުގެ ސިޔާސަތު ކަނޑައަޅުއްވާ ބޭފުޅުން، އިންޑިއާ ކަނޑުގެ އެންމެ މުހިއްމު އެއް ސަރަހައްދުގެ ގާނޫނީ އަދި އިސްތިރާޖީ މުސްތަގުބަލާ މެދު އަލުން ބައްލަވަމުންދާ ކަމެވެ. މިފަދަ ދަނޑިވަޅުތަކުގައި، ސަރުކާރުތަކަށް ކުރިން ގަބޫލުކުރެވިފައިވާ ގޮތަށްވުރެ ފުޅާކޮށް ބަލައިލުމަށާއި، ބައިނަލްއަގުވާމީ ސިޔާސަތު ބިނާވެފައިވާ އަސާސްތަކަކީ އެ ބުނާހާ ފުރިހަމަ އަދި ރައްކާތެރި އަސާސްތަކެއްތޯ އަލުން ވިސްނައިލުމަށް، މަދުން ނޫނީ ނުލިބޭނެ ފުރުސަތެއް ލިބިގެންދެއެވެ.

މި ސިޓީގެ ބޭނުމަކީ އެމެރިކާގެ، ގާނޫނީ ޙައްޤު ލިބިގެންވާ ސަލާމަތީ މަސްލަހަތުތަކަށް ގޮންޖެހުމެއް ނޫނެވެ. އަދި އެ ސަރަހައްދާ ގުޅުންހުރި އެއްވެސް ދައުލަތަކަށް، ރައްޔިތަކަށް ނުވަތަ މުޖުތަމައަކަށް ދެކޮޅުވެރިކަން ދެއްކުމެއްވެސް ނޫނެވެ. ބަދަލުގައި، ގިނަ ދިވެހިންނަކީ "ފޯޅަވަހި" ނުވަތަ ފަހުން އިސްތިއުމާރީ އިދާރާގެ ދަށުން "ޑިއޭގޯ ގާސިއާ" ގެ ނަން ދެވުނު ރަށުގައި އެމެރިކާގެ ފައުޖުތައް ތިބުމަކީ، ކަނޑުގެ ސަލާމަތާއި، ދަތުރުފަތުރުކުރުމުގެ މިނިވަންކަމާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލުކަމާއި، އަދި ސަރަހައްދީ ހަމަޖެހުމަށް ލިބޭ މުހިންމު ބާރެއް ކަމުގައި ދެކޭ ބައެކެވެ. މި ސިޓީގައި ފާހަގަކުރާ ކަންބޮޑުވުމަކީ މިއާ މުޅިން ތަފާތު ކަމެކެވެ. މިއީ އަސްކަރީ އެއްބާރުލުމަކާ ނުވަތަ އިސްތިރާޖީ ބައިވެރިވުމަކާ ގުޅުންހުރި ކަމެއް ނޫނެވެ. ނަމަވެސް ފޮއްޅަވައިގެ މުސްތަގުބަލާ މެދު ނިންމާ ނިންމުންތައް ބިނާވެގެންދާނެ ގާނޫނީ އަދި ތާރީޚީ ގަބޫލުކުރުންތަކާ ގުޅޭ ކަމެކެވެ.

މިކަމުގެ މައިގަނޑު މައްސަލައަކީ ވަރަށް ސާފު ކަމެކެވެ. ފޮއްޅަވައިގެ ސިޔާދަތީ ބާރު ބަދަލުކުރުމާއި، ބަލައިގަތުމާއި، ކުއްޔަށްދިނުމާއި، އެ ޖަޒީރާތައް ބައްލަވައިގަތުމުގެ ނުވަތަ އެހެން ގޮތަކަށް އެތަނާ މެދު ގޮތެއް ނިންމުމުގެ ކުރިން، އެ ރަށްތަކުގެ އަސްލު މިލްކުވެރިކަމުގެ ސުވާލާއި މެދު، ބަލާފައިވަނީ ފުރިހަމަ އަދި އިންސާފުވެރި މަރުހަލާއެއްގެ ތެރެއިންކަމުގެ އިތުބާރު އޮންނަންޖެހޭނެއެވެ. މުހިންމު ހެކިތަކަކަށް ދުވަހަކުވެސް ރިއާޔަތްކޮށްފައި ނުވާތަނެއްގައި، އޭގެ އަސަރު ފޯރާފާނެ ފަރާތްތަކުގެ އަޑު ދުވަހަކުވެސް އަހާފައި ނުވާތަނެއްގައި، އަދި މުހިންމު ތާރީޚީ ސުވާލުތައް އެ މަރުހަލާތަކުގެ އިމުން ބޭރުކުރެވިފައިވާ ތަނެއްގައި، އޭގެން ނުކުންނާނެ ނަތީޖާގެ ފުރިހަމަކަމާ މެދު އިތުބާރު ދެމެހެއްޓުމަކީ މުސްތަހީލު ކަމަކަށް ވާނެއެވެ.

ފޮއްޅަވަޔާއި (ޗާގޯސް) ގުޅޭގޮތުން މިޒަމާނުގެ ބައިނަލްއަގުވާމީ ބަހުސްތައް އާންމުކޮށް ފެށެނީ އިސްތިއުމާރީ ދުވަސްވަރުންނެވެ. ނަމަވެސް އެ ޖަޒީރާތަކުގެ ތާރީޚަކީ އިސްތިއުމާރީ އިދާރާއިން ފެށުނު އެއްޗެއް ނޫނެވެ. މިޒަމާނުގެ މޮރިޝަސް އުފެދުމުގެ މާ ކުރިން، "ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ" އުފެއްދުމުގެ މާ ކުރިން، އަދި ފޯޅަވައްސަށް (ޑިއެގޯ ގާސިއާ) މިޒަމާނުގެ އިސްތިރާޖީ މުހިންމުކަން ލިބުމުގެ މާ ކުރިންވެސް، އެ ރަށްތަކަކީ ދިވެހިރާއްޖޭގެ ކަނޑުގެ ޖިއޮގްރަފީގަޔާއި، ދަތުރުފަތުރުގެ ސަގާފަތުގަޔާއި، އަދި ދިވެހި ސިޔާސީ ހޭވެރިކަމުގެ ތެރޭގައި ހިމެނިފައިވާ ރަށްތަކެކެވެ.

މީލާދީން 1561 ގައި، ދިވެހިރާއްޖޭގެ ސުލްޠާން ޙަސަން ނުވަވަނަ (ފަހުން މަޝްހޫރުވި ނަމުން ނަމަ ޑޮމް މެނުއަލް)، ގޯއާގައި ޤާއިމުވެތިބި ޕޯޗުގީޒު އިދާރާތަކަށް ފޮނުއްވި ސިޓީއެއްގައި، އެމަނިކުފާނަކީ "ޕުއްލޮބޭ" (ފޮއްޅަވައި) ގެ ހަތް ރަށުގެ ވެރިޔާ ކަމުގައި ސިފަކުރައްވާފައިވެއެވެ. އެ ސިޓީ ޕޯޗުގީޒު އިދާރާއިން ބަލައިގަނެ، ރަޖިސްޓްރީކޮށް، ސިއްކަޖަހައި، ރެކޯޑުކޮށްފައިވެއެވެ. މިއީ ދިވެހި ތަޚުތުގެ ދަށުގައި އެ ސަރަހައްދު އޮތްކަމުގެ މުހިންމު ތާރީޚީ ހެކި ރައްކާތެރިކޮށްދޭ ރެކޯޑެކެވެ. އޭގެ އެތައް އަހަރެއް ފަހުން، ފްރާންސުވާ ޕިރާޑް ދި ލަވާލް (ފޮންސްވާ ޕިޣާޣް ދި ލަވާލް) ވެސް އެ ސަރަހައްދަށް "ޕޮލޫވޮއިސް" (Pollouoys) ގެ ނަމުން މުޚާތަބުކޮށް، ދިވެހި ރަސްރަސްކަލުން އެ ރަށްތަކަށް ފޮނުއްވި ދަތުރުތައް ރެކޯޑުކުރައްވާފައިވެއެވެ. މި ރިފަރެންސްތަކަކީ ސިޔާދަތީ ބާރު ސާބިތުކޮށްދޭ އެންމެ ފަހުގެ ހެކިތަކެއްގެ ގޮތުގައި ދަންނަވަނީއެއް ނޫނެވެ. ތާރީޚީ ހެކިތައް މަދުން ނޫނީ އެފަދަ އާދައިގެ ލުއިލުއި ގޮތަކަށް މަސައްކަތެއް ނުކުރެއެވެ. ނަމަވެސް، މިއީ މިޒަމާނުގެ ގިނަ ގަބޫލުކުރުންތައް ބިނާވެފައިވާ އިސްތިއުމާރީ އިދާރީ އިންތިޒާމުތަކަށްވުރެ މާ ކުރީގެ ހެކިތަކެކެވެ. މިއީ ފަހުން އެ ސަރަހައްދުގެ މުސްތަގުބަލާ މެދު ގޮތް ނިންމުމަށް މަސައްކަތްކުރަމުން އައި، ބައިނަލްއަގުވާމީ މަރުހަލާތަކުގައި، ދުވަހަކުވެސް މާނަވީ ގޮތެއްގައި ރިއާޔަތްކޮށްފައި ނުވާ ތާރީޚީ ޞަފްޙާތަކެކެވެ.

އެކަން އެގޮތަށް ދޫކޮށްލެވިފައިވާ ސަބަބަކީ ހަމައެކަނި ފޮއްޅަވައިގެ ތާރީޚީ ޙަޤީޤަތަށްވުރެ ފުޅާ ދާއިރާއެއްގައި، މުޅި ނިޒާމުގައި ހުރި އުނިކަމެއްގެ ސަބަބުން ކަމަށް ވެދާނެއެވެ. އދ. އިން، އިސްތިއުމާރު ނައްތާލުމުގެ މިޒަމާނުގެ އޮނިގަނޑު އެކުލަވާލި ދުވަސްވަރު، ދިވެހިރާއްޖެ އޮތީ ޚާއްސަ ގާނޫނީ ހާލަތެއްގައެވެ. ރާއްޖެ އޮތީ ދިވެހިންގެ ޚާރިޖީ ކަންކަމުގެ މައްޗަށް ފުރިހަމަ ބާރު ހިންގޭނެ ސިޔާދަތީ މިނިވަން ދައުލަތެއްގެ ގޮތުގައެއް ނޫނެވެ. ނަމަވެސް އިނގިރޭސިވިލާތުގެ ހިމާޔަތް ލިބިފައިވާ ތަނެއް (ޕްރޮޓެކްޓަރޭޓް) ގެ ގޮތުގައެވެ. އދ. ގެ ޗާޓަރުގެ، މާއްދާ 73(e) ގެ ދަށުން، އަމިއްލަ ވެރިކަމެއް ފުރިހަމައަށް ލިބިފައިނުވާ ސަރަހައްދުތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުން، އިސްތިޢުމާރީ ވެރިކަން ހިންގާ ދައުލަތްތަކުގެ މައްޗަށް ލާޒިމުކުރެއެވެ. އެ އިލްތިޒާމު ތަންފީޒުކުރެވުނީ 14 ޑިސެމްބަރު 1946 ގެ ޖެނެރަލް އެސެމްބްލީގެ ގަރާރު 66 ގެ ދަށުންނެވެ. މިއީ އދ. ގެ "އަމިއްލަ ވެރިކަން ހިންގުމުގެ ބާރު ނެތް ސަރަހައްދުތަކުގެ" (Non-Self-Governing Territories) އޮނިގަނޑުގެ ބިންގަލަށް ވެގެންދިޔަ ރިޕޯޓިންގ ނިޒާމެވެ. 1947 އިން ފެށިގެން، އެތައް އިސްތިއުމާރީ ސަރަހައްދެއްގެ ރިޕޯޓް މި ނިޒާމުގެ ދަށުން އދ. އަށް ހުށަހެޅި، އިސްތިއުމާރުން މިނިވަންވުމުގެ މަރުހަލާގެ ތެރެއަށް ވަދެގެންދިޔައެވެ. ނަމަވެސް، ދިވެހިރާއްޖެ އިނގިރޭސިވިލާތުގެ ހިމާޔަތުގެ ދަށުގައި އޮތް ނަމަވެސް، އެ އޮނިގަނޑުގެ ތެރޭގައި ހިމަނާފައެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން، ރާއްޖެ އޮތީ، އިސްތިއުމާރީ ގުޅުންތަކާއި، ސަރަހައްދީ ސުވާލުތަކާއި، އަދި އިސްތިއުމާރު ނައްތާލުމާއި ގުޅޭ ދައުވާތައް އދ. އިން ބަލަމުންދިޔަ ބައިނަލްއަގުވާމީ ނިޒާމުން ބޭރުގައެވެ.

އެ ނިޒާމީ އުނިކަމުގެ ނަތީޖާތަކަށް ފުންކޮށް ބަލަންޖެހެއެވެ. އިސްތިއުމާރު ނައްތާލުމުގެ އޮނިގަނޑުގައި ނެތް ސަރަހައްދަކަށް ނުވަތަ ޤައުމަކަށް ބައިނަލްއަގުވާމީ މުޖުތަމައަށް ހެކި ހުށައެއް ނޭޅޭނެއެވެ. އެ މަރުހަލާއިން މަހުރޫމް ކުރެވިފައިވާ ރައްޔިތަކަށް، އެމީހުންގެ ތާރީޚީ މަސްލަހަތުތަކަށް އަސަރުކުރާ ނިންމުންތަކުގައި ބައިވެރިއެއް ނުވެވޭނެއެވެ. އަދި އެ ނިޒާމުތަކުން އުނިކުރެވިފައިވާ ދައުލަތަކަށް، ފަހުން ގާނޫނީ އަދި ސިޔާސީ ބުރަދަނެއް ލިބިގެންދާނެ ފަދަ ގަބޫލުކުރުންތަކެއް ކަނޑައެޅޭއިރު އިއުތިރާޒެއް ނުކުރެވޭނެއެވެ. މިއީ ހަމައެކަނި ދިވެހިރާއްޖޭގެ ދައުވާއެއް އޮތްތޯ ނުވަތަ ނެތްތޯ ބެލުމަށް ކުރެވޭ ސުވާލެއް ނޫނެވެ. މިއީ ބައިނަލްއަގުވާމީ ނިޒާމުން އެ ދައުވާއާއި، އެއަށް ބާރުދޭ ހެކިތައް ބެލުމުގެ ފުރުސަތެއް ދުވަހަކުވެސް ފަހިކޮށްދީފައިވޭތޯ ބެލުމަށް ކުރެވޭ ސުވާލެކެވެ.

މި އުނިކަމުން، މޮރީޝަސް ކޮޅަށް ޚާއްސަ ބުރަދަނެއް ލިބިގެންދިޔައީ 1965 ގައި އދ. ގެ ޖެނެރަލް އެސެމްބްލީން ގަރާރު 2066 ފާސްކުރި ހިސާބުންނެވެ. އެ ގަރާރުގައި މޮރިޝަސްގެ "ފުރިހަމަ ސަރަހައްދަށް" އަލިއަޅުވާލާފައިވާއިރު، އެއީ މިޒަމާނުގެ މޮރިޝަސްގެ ދަޢުވާއަށް ބާރުދޭ މައިގަނޑު އެއް ތަނބެވެ. ނަމަވެސް އެ ގަރާރަށް ވާސިލުވި މަރުހަލާ ކުރިއަށްދިޔައީ ދިވެހިރާއްޖެއާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތިއެވެ. ފޮއްޅަވަޔާއި (ޗާގޯސް) ގުޅޭ ދިވެހިރާއްޖޭގެ ތާރީޚީ ރެކޯޑްތަކާ މެދު އެއްވެސް ތަހުގީގެއް ހިންގުމަކާއި ނުލައެވެ. އިސްތިއުމާރީ އިދާރީ ހިންގުމުގެ ތެރެއިން ދައްކުވައިދޭ މިންވަރަށްވުރެ ފުން، ތާރީޚީ ގުޅުމެއް އެ ޖަޒީރާތަކާއި ދިވެހިރާއްޖެއާ ދެމެދު އޮވެދާނެތޯ ބެލުމުގެ އެއްވެސް މަސައްކަތެއް ކުރުމަކާއި ނުލައެވެ. އެފަދަ ސުވާލުތައް ބެލޭނެ އޮނިގަނޑުން ދިވެހިރާއްޖެ އުނިކޮށްފައި އޮތުމުގެ ސަބަބުން، ބައިނަލްއަގުވާމީ މުޖުތަމައަށް ހެކި ހުށަހެޅޭނެ އެއްވެސް ނިޒާމެއް ރާއްޖެއަކަށް ނެތެވެ.

ދިވެހިރާއްޖެ ޤަބޫލުކުރާ ގޮތާއި މީހަކު އެއްބަސްވޭތޯ ނުވަތަ ނޫންތޯ، އެއީ މިއަދުގެ މައިގަނޑު މައްސަލައެއް ނޫނެވެ. މިއަށްވުރެ ބޮޑީ މިކަމުގައި ހިމެނޭ އަސާސެވެ. ބައިނަލްއަގުވާމީ ޤާނޫނީ ސައްހަކަން (Legitimacy) ލިބިގެންދަނީ ހަމައެކަނި ފެންނަން އޮންނަ ނަތީޖާއަކުން ނޫނެވެ. ނަމަވެސް އެ ނަތީޖާއަށް ވާސިލުވުމަށް ހިންގޭ މަރުހަލާތަކުގެ ޞައްޙަކަމާއި، އިންސާފުވެރިކަމާއި، ފުރިހަމަކަމުގެ މައްޗަށެވެ. އަސަރު ފޯރާފާނެ އެއް ފަރާތުގެ އަޑު އެހުމެއް ނެތި ކުރިއަށްދާ އިސްތިއުމާރު ނައްތާލުމުގެ މަރުހަލާއަކީ ފުރިހަމަ މަރުހަލާއެއްގެ ގޮތުގައި ސިފައެއް ނުކުރެވޭނެއެވެ. ފެންނަން ހުރި ހުރިހާ ތާރީޚީ ހެކިތަކަށް ބެލުމަކާއި ނުލާ ބިނާކުރެވޭ ސިޔާދަތީ ވާހަކައަކީ ފުރިހަމަ އެއްޗެއްގެ ގޮތުގައި ބަލައެއް ނުގަނެވޭނެއެވެ.

މި ސުވާލުތަކަށް އަލުން އައު އަހުމިއްޔަތުކަމެއް ލިބިގެން ދަނީ، ފޮއްޅަވައިގެ މުސްތަގުބަލާ މެދު މިހާރު ބަހުސްކުރެވެމުން ދަނީ ހަމައެކަނި ލަންޑަނުގައި، ނުވަތަ ޕޯޓް ލުއީގައި، ނުވަތަ ބައިނަލްއަގުވާމީ ޝަރުޢީ ދަރުބާރުތަކުގެ ތެރޭގައި ކަމަށް ނުވާތީއެވެ. އެ ސަރަހައްދުގެ މުސްތަގުބަލާ މެދު އެމެރިކާގެ އިސްތިރާޖީ ޝައުގުވެރިކަން ހުރިކަމަށް ފެންމަތިވާ ރިޕޯޓްތަކުގެ ސަބަބުން، ވޮޝިންޓަނުގެ ސިޔާސަތު ކަނޑައަޅުއްވާ ބޭފުޅުންނަށް، ކުރީގެ ޖީލުތަކުން ނިމިފައިވާ ކަމަށް، ކުރިން ގަބޫލުކުރެވުނު ސުވާލުތަކާ ކުރިމަތިލާން ޖެހިދާނެއެވެ. އެއްވެސް އާ އިންތިޒާމެއްގެ ވިސްނުންފުޅު ގެންގުޅުއްވުމުގެ ކުރިން، ބައިނަލްއަގުވާމީ މުޖުތަމައުން އެ އިންތިޒާމުތައް ބިނާވެގެންދާނެ ތާރީޚީ އަދި ގާނޫނީ އަސާސްތައް ފުރިހަމައަށް ބަލާފައިވޭތޯ ސުވާލުކޮށްލެއްވުން ބުއްދިވެރިއެވެ.

ފޮއްޅަވަޔާއި ގުޅޭގޮތުން މިޒަމާނުގައި ކުރެވޭ ބަހުސްތަކުން ނުކުތް ހިތާމަވެރި އެއް ނަތީޖާއަކީ، ތާރީޚީ ކަންކަމަކީ، ސަލާމަތީ ކަންކަމާއި، ދިމާ ދެކޮޅު ކަންކަމުގެ ގޮތުގައި ދެއްކުމުގެ އާދައެވެ. މި ގޮތަށް ގަބޫލުކުރުމުގެ ސަބަބުން ބަހުސްތަކުގެ ސާދާކަން ވަނީ އެތައް އަހަރެއްވަންދެން ހީނަރުވެފައެވެ. އޭގެ ސަބަބުން ސިޔާސަތު އެކުލަވާ ބޭފުޅުންނަށް ހީވެފައި އޮންނަނީ، ހައްލުނުވެ ހުރި ތާރީޚީ ސުވާލުތައް ބަލައިގަތުމަކީ އިންޑިއާ ކަނޑުގެ އިސްތިރާޖީ ހަމަޖެހުން ބަލިކަށިވެގެންދާނެ ކަމެއް ކަމަށެވެ. ނަމަވެސް ހަގީގަތަކީ މިއާ މުޅިން އިދިކޮޅެވެ.

ދިވެހިރާއްޖެއިން ދުވަހަކުވެސް އިންޑިއާ ކަނޑަކީ، ދަތުރުފަތުރު ކުރުމުގެ މިނިވަންކަމާއި، ކަނޑުގެ ސަލާމަތާއި، އިންސާނީ އެހީތެރިކަން ފޯރުވައި ދިނުމާއި، ކަނޑު ފޭރުމާ ދެކޮޅު ހަރަކާތްތަކާއި، ނުވަތަ ސަރަހައްދީ ހަމަޖެހުމަށް ބާރުދޭ ނިޒާމުތަކުން މަހުރޫމް ކުރެވިފައިވާ ތަނަކަށް ހެދުމަށް ވަކާލާތެއް ނުކުރެއެވެ. ރަހުމަތްތެރި ގައުމުތަކުގެ މެދުގައި އޮންނަ އިސްތިރާޖީ އެއްބާރުލުމާއި ތާރީޚީ ހޯދުންތަކަކީ އެކުއެކީގައި ކުރިއަށް ނުގެންދެވޭނެ ދެ ކަމެއް ނޫނެވެ. ދުނިޔޭގެ އެންމެ މުހިންމު އެއް ކަނޑުގެ ސަރަހައްދީ ހަމަޖެހުން ދެމެހެއްޓުމުގައި އެމެރިކާއިން އަދާކުރާ ދައުރު ގިނަ ދިވެހިން ބަލައިގަނެއެވެ. އެހެންކަމުން މި ސިޓީގައި ފާހަގަކޮށްފައިވާ މައްސަލައަކީ އެމެރިކާގެ މަސްލަހަތުތަކާ ދެކޮޅު ކަމެއް ނޫނެވެ. ބަދަލުގައި، މިސިޓީގެ ބޭނުމަކީ ދިގު މުއްދަތުގެ އިސްތިރާޖީ އިންތިޒާމުތައް އެންމެ ވަރުގަދަވަނީ، އެ އިންތިޒާމުތައް ގާނޫނީގޮތުން ސައްހަ، ތާރީޚީ ގޮތުން ތެދު، އަދި ބަލައިގަނެވޭ ފަދަ ސައްހަ އަސާސްތަކެއްގެ މައްޗަށް ބިނާވުމުންކަން ހަނދުމަފުޅުކޮށް އެރުވުމެވެ.

އެހެންކަމުން، ފޮއްޅަވައިގެ މައްސަލަ ދިވެހިރާއްޖޭގެ ކަންބޮޑުވުންތައް ހިމެނޭ ގޮތަށް މުރާޖައާ ކުރުމަކީ ސަރަހައްދީ ހަމަޖެހުމަށް ބުރޫއަރާނެ ކަމެއް ނޫނެވެ. އެއީ ކުރިއަށް އޮތް ތަނުގައި އަންނާނެ ކޮންމެ އިންތިޒާމެއްގެ ސައްހަކަން އިތުރަށް ވަރުގަދަކޮށްދޭނެ ކަމެކެވެ. އެއިން ދޭހަކޮށްދޭނީ ތާރީޚީ ހެކިތަކަށް ފުރަގަސްދީފައި ނުވާކަމާއި، އަސަރު ފޯރާނެ ފަރާތްތައް ބާކީކޮށްފައި ނުވާކަމާއި، އަދި ހައްލުނުވެ ހުރި ސުވާލުތަކަކީ ދާއިމީކޮށް ނިމިފައިވާ ކަންކަން ކަމަށް ކަނޑައެޅުމުގެ ކުރިން ބެލެންޖެހޭނެ އެއްޗެއް ކަމަށް ބައިނަލްއަގުވާމީ މުޖުތަމައުން ގަބޫލުކުރާ ކަމެވެ.

އިއްޒަތްތެރި ރައީސް އެވެ. ކުރީގެ ޖީލުތަކުން، ފުންކޮށް ބަލާލުމަކާ ނުލާ ޤަބޫލުކޮށްފައިވާ ކަންކަމާ މެދު އަލުން ވިސްނާލުމުގެ ފުރުސަތުތައް، ސަރުކާރުތަކަށް، ހުޅުވިގެން ދަނީ ތާރީޚުގައި މަދު ފަހަރަކުއެވެ. މިފަދަ ދަނޑިވަޅުތަކަކީ މަދުން ނޫނީ ނާންނާނެ ދަނޑިވަޅުތަކެކެވެ. އެފަދަ ފުރުސަތެއް ލިބުމުން، އެ ފުރުސަތު ބޭކާރުކޮށްލައިގެން ނުވާނެއެވެ. މިހާރު ދެކެވެމުންދާ ވާހަކަތަކުން އެނގެނީ ފޮއްޅަވައިގެ މުސްތަގުބަލާ މެދު އަލުން ފުންކޮށް ވިސްނަމުންދާ ކަމެވެ. ކުރިން ނިމިފައިވާ ކަމަށް ބެލެވުނު ސުވާލުތަކަށް އަލުން ބަލަމުންދާ ކަމެވެ. އިސްތިއުމާރީ ދުވަސްވަރުން ވާރުތަވި ގަބޫލުކުރުންތައް އަލުން މުރާޖައާ ކުރެވެމުންދާ ކަމެވެ. މިއީ ހަމައެކަނި އިސްތިރާޖީގޮތުން މުހިންމު ސަރަހައްދެއް ހިންގާނެ ގޮތުގެ ކުރިމަގާ މެދު ގޮތެއް ނިންމުމުގެ ފުރުސަތެއް ނޫނެވެ. ނަމަވެސް ބައިނަލްއަގުވާމީ ނިޒާމުގެ ނަޒާހަތްތެރިކަމަށް އޮތް އިތުބާރު ވަރުގަދަކުރުމަށް ލިބިގެންދާ ފުރުސަތެކެވެ.

ޒިންމާދާރު އެއްވެސް ސަރުކާރަކުން ތާރީޚީ ރެކޯޑްތައް ބެލުމަކަށް ބިރެއް ނުގަންނާނެއެވެ. ޙަގީގަތުގައި ބަލިކަށި ދައުވާއެއް މުރާޖަޢާ ކުރުމަކުން، އެ ދަޢުވާ އިތުރަށް ވަރުގަދައެއް ނުވާނެއެވެ. އަދި ޙަގީގަތުގައި ވަރުގަދަ ދައުވާއެއް ދެފުށް ފެންނަ ގޮތަށް ބެލުމަކުން، އެ ދަޢުވާ ބަލިކަށިވެގެންނެއް ނުދާނެއެވެ. ހަގީގަތް ހޯދުމުގެ މަސައްކަތަކީ ދުވަހަކުވެސް ހަމަޖެހުމުގެ ދުޝްމަނަކަށް ވެފައެއް ނެތެވެ. ގިނަ ފަހަރަށް، އެއީ ދެމެހެއްޓެނިވި ހަމަޖެހުމެއް ބިނާވާ އަސާސެވެ.

އެމެރިކާއިން އަބަދުވެސް ވަކާލާތު ކުރަނީ ގާނޫނާއި، ދެފުށް ފެންނަ ގޮތާއި، ޖަވާބުދާރީވުމާއި، އަދި މައްސަލަތައް ސުލްހަވެރިކަމާއެކު ހައްލުކުރުމުގެ މައްޗަށް ބިނާވެފައިވާ ގަވާއިދުތަކަށް ބޯލަނބާ ބައިނަލްއަގުވާމީ ނިޒާމެއްގެ ދިފާއުގައެވެ. އެފަދަ ނިޒާމެއްގެ އިތުބާރު ލިބެނީ ހަމައެކަނި ބާރުންނެއް ނޫނެވެ. ނަމަވެސް އަސާސްތަކަށް ވަފާތެރިވުމުންނެވެ. އެއީ ހެކިތައް ބަލާ ހޯދުމަށް ގަޔާވުމާއި، އަސަރު ފޯރާ ފަރާތްތަކުގެ އަޑުއެހުމާއި، އަދި ނަތީޖާގެ އަސަރު ދިގު މުއްދަތަށް ދެމިގެންދާނެ ނިންމުންތައް ބިނާކުރަނީ ފުރިހަމަ އަދި ދެފުށް ފެންނަ ރެކޯޑެއްގެ މަތީގައިތޯ، ކަށަވަރުކުރުމުގެ މައްޗަށެވެ. އެ އަސާސްތަކަކީ ދުނިޔޭގެ ގިނަ ސަރަހައްދުތަކެއްގައި އެމެރިކާގެ ޚާރިޖީ ސިޔާސަތު ކުރިއަށްނެރެފައިވާ އަސާސްތަކެކެވެ. ފޮއްޅަވަޔާއި ގުޅޭގޮތުން ކުރެވޭ މަޝްވަރާތަކުގައި އެ އަސާސްތައް ބޭނުން ނުކުރަންވީ އެއްވެސް ސަބަބެއް ނެތެވެ.

އެ ސަބަބަށްޓަކައި، މަނިކުފާނުގެ ސަރުކާރަށާއި، ބައިނަލްއަގުވާމީ މުޖުތަމައަށް އަޅުގަނޑުމެން އިޙްތިރާމާއެކު އިލްތިމާސްކުރަނީ، ފޮއްޅަވައި ސަރަހައްދާ މެދު ކުރިއަށް އޮތް ތަނުގައި ނިންމާ އެއްވެސް ނިންމުމެއް އަލުން ބަދަލުނުކުރެވޭ ފަދަ ހާލަތަކަށް ދިއުމުގެ ކުރިން، އެ ސަރަޙައްދާއި ގުޅޭ ތާރީޚީ، ގާނޫނީ، އަދި އިސްތިއުމާރު ނައްތާލުމުގެ ރެކޯޑްތައް ފުރިހަމަ އަދި ވަކި ފަރާތަކަށް ނުޖެހޭ ގޮތަކަށް މުރާޖައާ ކުރެއްވުމަށެވެ. އެފަދަ މުރާޖައާއަކުން ސިޔާދަތީ ބާރު ވަކި ގޮތަކަށް ނުނިންމާނެއެވެ. އަދި ވަކި ދައުވާއެއް ގަބޫލުކުރުން ލާޒިމެއްވެސް ނުކުރާނެއެވެ. އެއިން ހަމައެކަނި ކަށަވަރުކޮށްދޭނީ އިންޑިއާ ކަނޑުގެ މުސްތަގުބަލަށް އަސަރުކުރާ ނިންމުންތައް ނިންމިގެންދާނީ، އިޖުރާއީ ގޮތުން އުނި މަރުހަލާއަކުން ވާރުތަވި ގަބޫލުކުރުންތަކެއްގެ ބަދަލުގައި، ލިބެންހުރި އެންމެ ފުރިހަމަ ހެކިތަކުގެ މައްޗަށް ބިނާވެގެން ކަމެވެ.

މިއަދު ބައިނަލްއަގުވާމީ މުޖުތަމައަށް ކުރިމަތިވެފައިވާ ސުވާލަކީ، ހަމައެކަނި ފޮއްޅަވައިގެ ސިޔާދަތީ ބާރު އެއް ދައުލަތުން އަނެއް ދައުލަތަށް ބަދަލުވާނެތޯ ނުވަތަ ނޫންތޯ ކުރެވޭ ސުވާލެއް ނޫނެވެ. މިއަށްވުރެ ފުން ސުވާލަކީ، ހުރިހާ ތާރީޚީ ހެކިތަކެއް ދުވަހަކުވެސް ބަލާފައިނުވާ، އިސްތިއުމާރު ނައްތާލުމުގެ މަރުހަލާއެއް އެއީ ފުރިހަމަ މަރުޙަލާއެއްގެ ގޮތުގައި ގާނޫނީ ގޮތުން ބަލައިގަނެވޭނެތޯއެވެ. ނަތީޖާގެ އަސަރު ދިގު މުއްދަތަށް ދެމިގެންދާނެ ނިންމުންތައް ނިންމުމުގެ ކުރިން، ސިޔާދަތީ ބާރު ބަދަލުކުރުމާއި، ބަލައިގަތުމާއި، ކުއްޔަށްދިނުމާއި، ބައްލަވައިގަތުމާއި، ނުވަތަ އެހެން ގޮތަކަށް ނިންމުމުގެ ކުރިން، ބައިނަލްއަގުވާމީ މުޖުތަމައުން ހުރިހާ ހެކިތަކެއް އަޑުއަހާފައިވާކަމާއި އަދި އަސަރު ފޯރާނެ ހުރިހާ ފަރާތްތަކަށް ޝާމިލުވުމުގެ ފުރުސަތު ދެވިފައިވާކަން ކަށަވަރު ކުރަންޖެހެއެވެ.

އެފަދަ މަސައްކަތަކުން ވަކި ފަރާތަކަށް ނުޖެހޭ އެއްވެސް ނަތީޖާއަކަށް ހުރަހެއް ނޭޅޭނެއެވެ. އެއިން ހަމައެކަނި ކަށަވަރުވެގެންދާނީ، ބައިނަލްއަގުވާމީ ނިޒާމުގެ ނަޒާހަތްތެރިކަން ދިފާއުކުރުމުގައި ތަކުރާރުކޮށް ބޭނުންކުރާ އަސާސީ އުސޫލުތައް އަމަލީގޮތުންވެސް ހަމަހަމަކަމާއެކު ތަންފީޒުކުރެވޭ ކަމެވެ. އެ ނިޒާމުގެ އިތުބާރު އެންމެ ފަހުން ބިނާވަނީ އެ ނިޒާމު ބޭނުންކުރާ ފަރާތްތަކުގެ ބާރުގެ މައްޗަކަށް ނޫނެވެ. ނަމަވެސް އެ ނިޒާމު ހިނގަމުންދާ މަރުހަލާތަކުގެ އިންސާފުވެރިކަމުގެ މައްޗަށެވެ.

އިޙްތިރާމާއެކު،

ރިސާޗް އެންޑް ޑޮކިއުމެންޓޭޝަން ޑިވިޜަން
ޕެން ފޯ ރައިޓްސް – މޯލްޑިވިއަންސް ފޯ ޗާގޯސް